Share

ބޯކޮށާ ތަންތަނުގެ ސާފުތާހިރުކަމާ ދޭތެރޭގައި ހިތްހަމަޖެހޭތަ؟

ބޯކޮށާ ތަންތަނުގެ ސާފުތާހިރުކަމާ ދޭތެރޭގައި ހިތްހަމަޖެހޭތަ؟

ބޯކޮށުމުގެ ޚިދުމަތްދޭ ތަންތަނަކީ ވަރަށްގިނަބަޔަކު އެތަންތަނުން ޚިދުމަތްހޯދަމުންދާ ތަންތަނެވެ. އެހެންކަމުން އެތަންތަން ވާންޖެހޭނީ ޢާންމުންނަށް ޚިދުމަތްދިނުމަށް ހުރިހާ ގޮތަކުންވެސް އެކަށީގެންވާ ތަންތަންކަމުގައެވެ. ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ސާފުތާހިރުކަން ހުރިނެތްގޮތްބަލައި، އެތަންތަނަށް ސާފުތާހިރު ކަމުގެ ސެޓްފިކެޓް ދީފައި އޮވެއެވެ. ކާބޯތަކެތި ތައްޔާރުކޮށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ސާފުތާހިރު ތަންތަނަށް ވާންޖެހެނީ އެތަންތަނަކީ ގިނަބަޔަކު ކައިބޮއި ހަދާ ތަންތަން ކަމަށްވުމުން ކާބޯތަކެތީގެ ޒަރީޢާއިން ބޭރަށްހިންގުންފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށްޓަކައެވެ.

ހަމައެހެންމެ ބޯކޮށާ ތަންތަނަކީވެސް ބަލިމަޑުކަމެއް ފެތުރުމުގެ ފުރުޞަތު އޮންނަ ތަންތަނެވެ. ގައިންގަޔަށް އަރާ ހަމުގެ ބަލިތައް ކަމަށްވާ ދޫމީގެ ވައްތަރުތަކާއި ޑޭންޑްރަފް ( ބޮލުން ހަންފޮޅުން ) އަދި ފަންގަލް އިންފެކްޝަން އާއި ލޭގެ ޒަރީޢާއިން ފެތުރޭ ހެޕަޓައިޓިސް ބީ ފަދަ ނުރައްކާތެރި ތަފާތު ބަލިތައްވެސް ބޯކޮށާތަންތަނުން އެކަކުގައިން އަނެކަކުގެ ގަޔަށް އެރުމުގެ ފުރުޞަތު ބޮޑެވެ. ޚާއްޞަކޮށް އެޗް އައި ވީ ( އެއިޑްސް ) ފަދަ، އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތުވެސް ބޯކޮށާތަންތަނުގެ ސާފުތާހިރުކަމާއި ގުޅިފައިވެއެވެ. އެޗް އައި ވީ ( އެއިޑްސް ) ފަދަ ލޭގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ބޯކޮށާތަންތަނުގައި ބޭނުންކުރާ ރޭޒަރުތިލަފަދަ ތޫނު ހަތިޔާރުގެ ޒަރީޢާއިންވެސް ފެތުރިދާނެ ބަލިތައްކަމަށް ވަނީ ބެލެވިފައެވެ. މިކަމަށްޓަކައި ބޯކޮށާ ތަންތަނުގައި ކޮންމެމީހަކަށް ވަކިރޭޒަރުތިލައެއް ތުބުޅިބޭލުންފަދަ ކަންކަމުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަރަށްކުރިންސުރެ ވަނީ އަންގަވާފައެވެ. އެހެންކަމުން ބޯކޮށާތަންތަނުގައި އެކަންކުރަމުން ދަނީވެސް އެގޮތަށެވެ.

ހަމައެކަނި ކޮންމެމީހަކަށް ވަކިރޭޒަރުތިލައެއް ބެނުންކުރުމަކުން މިފަދަ ތަންތަނުން ތަފާތުބަލިތައް ފެތުރުމަށް އޮތްމަގު ބަންދުވީއެއްނޫނެވެ. ގައިންގަޔަށް އަރާ ބައެއްކަހަލަ ތަފާތު ހަމުގެބަލި ތަކަކީވެސް ވަރަށްފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށްއަރާ ބަލިތަކެވެ. އެހެންކަމުން ތުބުޅިބާލާއިރު ތުނބުޅީގައި ފޯމްހާކަން އެގެންގުޅޭ ފިހިގަނޑު ވެސްވާންޖެހޭނީ ސާފުތާހިރު އެއްޗަކަށެވެ، އެކަކުގެ ތުބުޅީގައި އެތައްއިރަކު އުނގުޅާފައި ރަނގަޅަށް ސާފުކޮށްލުމެއްނެތި އަނެއްމީހާގެ ތުބުޅީގައި ހޭކުމުން ގައިން ގަޔަށްއަރާ އެފަދަބަލިތައް ފެތުރުމަށް މަގުފަހިވެއެވެ. ހަމަ އެއާއެކު ބޯކޮށާއިރު ބޭނުންކުރާ ފުނާ ކަތުރުފަދަ ތަފާތު ޢާލާތްތައްވެސް ވާންޖެހޭނީ ސާފުތާހިރު ތަކެއްޗަށެވެ.

ހަމައެހެންމެ ބޯކޮށާއިރު އަޅުވާ ފޮތި ގަނޑަކީވެސް ސާފުތާހިރު އެއްޗަކަށް ވާންޖެހެއެވެ. ގިނަމީހުން ބޯކޮށަން އަންނަނީ ވަރަށްހަޑިކޮށް ހުރެގެންނެވެ. ބައެއްފަހަރަށް މަސައްކަތް ކޮށްކޮށް ދާހިއްލާ ފޯވެގެން ފެންވަރާލުމުގެ ކުރިން ބޯކޮށާލުމުގެ ގޮތުންނެވެ. އަދި މިރަށުގައި ވަރަށް ގިނަ ޢަދަދެއްގެ ބޭރުމީހުންވެސް އެކިއެކި މަސައްކަތްތައް ކުރުމަށް އުޅެއެވެ. އެމީސްމީހުން ދުވާލުގެ ގިނަ ވަގުތުތަކުގައި ތިބެނީ މީހަކަށް ގާތްވާންވެސް ނުކެރޭފަދަ ހަޑިކޮށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެފަދަ މީސްމީހުންގެ ގައިގާ ފޮތިގަނޑު ލައްވައިގެން ބޯކޮށާނިމޭއިރު ފޮތިގަނޑުވެސް އޮންނަނީ ވަރަށްބޮޑަށް ދަލުން ތަތްތެޅިފައެވެ. ބޯކޮށާއިރު ލައްވާ ފޮތިގަނޑަކީ ބޯކޮށާ ހުރިހާމީހުންގެ ގައިގާވެސް ލައްވަ ފޮތިގަނޑެއްކަމުން ކޮންމެ ދުވަހަކު އެތައްބައެއްގެ ބޯކޮށާއިރު މިފޮތިގަނޑު ހަޑިވާނެވަރު ކޮންމެ ބޭފުޅަކަށްވެސް ވަޒަންކޮށް ލެވޭނެއެވެ. މިފަދަ ފޮތިގަނޑުތައް ބަދަލުކުރަނީ ކިތައްދުވަހުން ބާވައެވެ. ހަމަގައިމުވެސް އެނގޭ އެއްޗަކީ ދެތިން މީހުންގެ ބޯކޮށާ ނިމޭއިރު ފޮތިގަނޑު އޮންނަނީ ވަރަށް ބޮޑަށް ހަޑިވެފަ ކަމެވެ. ނަމަވެސް ފޮތިގަނޑު ބަދަލުކުރާ ތަނެއްވެސް ނުފެނެއެވެ.

ކުޅުދުއްފުށީގައި ބޯކޮށާ ދެތިންތަންހުރިއިރު މިއިންކޮންމެ ތަނެއްގައިވެސް މަސައްކަތްކުރަނީ ބޭރުމީހުންނެވެ. ބަޔަކަށް ޚިދުމަތެއްދޭއިރު ޚިދުމަތްދޭމީހުންވެސް ތިބެންޖެހޭނީ ސާފުތާހިރުކޮށެވެ. ނަމަވެސް ސުވާލަކީ އެމީހުންތިބެނީ ސާފުތާހިރުކޮށްތޯ ކުރެވޭ ސުވާލެވެ. ބޯކޮށާއިރު ނުވަތަ ތުނބުޅި ބާލާއިރު ޚިދުމަތްދޭން ހުންނަމީހާ ހުންނަނީ ވަރަށް ގާތުގައެވެ. އެމީހުންގެ ގައިންދުވާ ވަހުގެ ސަބަބުން ބައެއްމީހުން ވަރަށް ހިތްހަމަނުޖެހެއެވެ. ބައެއްމީހުންނަކީ ސިނގިރޭޓް ދުމުގެ ވަސްޖެހުމުން ބޯއަނބުރާގޮތްވާ މީހުންނަށްވާއިރު ޚިދުމަތްދޭން ހުންނަ މީހާގެ ގައިން ސިނގިރޭޓް ކުނިވަސްދުވާތީ ވެސް ވަރަށްގިނަ މީހުންނަށް އުނދަގޫވެއެވެ.

ސާފުތާހިރުވާންޖެހެނީ ނުވަތަ ސާފުތާހިރުކޮށް ތިބެންޖެހެނީ ހަމައެކަނި ބައްޔެއްޖެހިދާނެތީ އެއްނޫނެވެ. ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ނުވަތަ ނެތުމުގެ ސަބަބުން އެތަނަކުން ޚިދުމަތްހޯދާ ބަޔަކަށް ލިބޭ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިލުވާލުމަށްވެސް ސާފުތާހިރު ވާންޖެހެއެވެ. ޚިދުމަތްދިނުމުގައި ގެންގުޅޭ ތަކެއްޗާއި ޚިދުމަތްދޭން ހުންނަމީހާވެސް ހުންނަންޖެހޭނީ ޚިދުމަތް ލިބިގަންނަ މީހުންނަށް ބަލައިގަނެވޭފަދަ ސާފުތާހިރުކަން މަތީގައެވެ. ގިނަބަޔަކަށް ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ އެއްޗެހި ހަޑިކޮށް ހުރުމުންނާއި އެކެއްޗެއް ގިނަބަޔަކަށް ޚިދުމަތްދޭއިރު ސާފުނުކޮށް ބޭނުންކުރުމުން ވަރަށް ބޮޑަށް ފަކުރުގަންނަ މީހުންވެސް އުޅޭނެއެވެ. އަދި މިތަންތަނުން ވަރަށްގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ކޮންމެދުވަހަކު ދަނީ ޚިދުމަތް ހޯދަމުންނެވެ. ގިނަ މައިންބަފައިންނަކީ އެމީހުންގެ ދަރިން ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ބޭނުންވާ ބަޔެކެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ހިތުގައި އުފެދޭ ސުވާލަކީ ބޯކޮށާ ތަންތަނުގެ ސާފުތާހިރުކަމާ ދޭތެރޭގައި ހިތްހަމަޖެހޭ ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އާއެކޭ ބުނާނީ ކިތައްމީހުންބާވައެވެ؟ ހަމަ ގައިމުންވެސް އަޅުގަނޑަކަށް އާއެކޭ ބުނާކަށް ފަސޭހައެއްނޫނެވެ. އަޅުގަނޑުގެ އިތުރުން ނޫނެކޭ ބުނާނެ އެތައްބަޔަކު ތިބެދާނެއެވެ. އެހެންކަމުން މިފަދަ ތަންތަން ހިންގާފަރާތްތަކުން މިތަންތަނުގެ ސާފުތާހިރުކަމާ ދޭތެރޭގައި މިހާރަށްވުރެ ބޮޑަށްވިސްނައި މިތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ހަމައެކަނި ލިބޭ ލާރިއަށް ވިސްނައިގެން ފުއްދާލެވޭކަށް ނެތެވެ. ލިބޭ ލާރިއަކީ ދެމެހެއްޓެނިވި ގޮތެއްގައި ލިބިލިބި ހުންނަ އެއްޗަކަށް ހެދުމަށްޓަކައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަކީވެސް މިތަންތަން ހިންގާ ފަރާތްތަކުން ވިސްނަންޖެހޭނެ ކަމެކެވެ.

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބޯދިގު މީހަ‮ ‬ވިދާޅުވީ


    ތާރީޚް:17/03/2009

    އަޅުގަޑު މިކޮމެންޓް މިފޮނުވީ މިލިޔުން މާރަގަޅަށް ކިޔާފައެއް ނޫން އެކަމަކު ސުރުހީގައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން . އަޅުގަނޑު އެންމެ ފަހުން ބޯކޮށަން ދިއަދުވަހުވެސް ގޮނޑި އަށް އެރުނީ ތަޅުންމަތީގައިވާ އިސްތަށި ތަކުމަތިން ހިނގާފަގޮހެވެ . މިއީ އަދި ކުޑަކުޑަ ކަމެއް ދޯ. އެކަކު ބޯކޮށާ ނިމުމުން ފިހިގަނޑުން ފޮޅާލާނަމަ ކިހާ ރަނގަޅު. އިސްތައްޓެއް ތަނަކުން ފެނިގެން ރުޅިއަށް ނަ މީހާ އެއަށް ހުސް ފަޔާ އަރަން ޖެހުނީމަ ކިހާ ރުޅި އައްނާނެ ދޯ، މިހެން ކަންތައް ވަނީނަމަ ކިހެނެއް ހިތްހަމަ ޖެހޭނީ

  2. ކެޔޮޅުމީހަ‮ ‬ވިދާޅުވީ


    ތާރީޚް:17/03/2009

    ބޯދިގު މީހަ އަށް:
    ލިޔުން ކިޔާފައި ކޮމެންޓް ލިޔުނުނަމަ…! ތިޔާހެން ހަދާތިޔޭ މި ގޯސްވަނީ. ދެން ކަލޭ ބޯކޮށަން ގޮސްހުރިއިރު މަވެސް އިނިން އެތާ. ކަލޭ އައީވެސް މަށަށްވުރެ ފަހުން. ބޯކޮށާމީހަޔަށް ފިހިގަނޑުން ތަޅުންގަނޑު ސާފުކޮށް ނުލެވެނީސް ކުރިން ގޮސް ކަލޭ ގޮޑިޔަށް އެރީ އެދުވަހު… ދެން ދުވަހަކުން ވަސް ކިޔޫ ތަރުތީބުން ބޯކޮށަންހުރި މީހަ ބުނީމަ ގޮނޑިޔަށް އަރާނީ.

    ދެން އެހެން ކަމެއް: ބޯކޮށާ މީހާ ގާތު ބުނެލާ އާ ރޭޒަރު ތިލައެއް ބޭނުން ކުރާށޭ. ސޭވަރު ސާފުކޮށްލާށޭ. މަވަސް ހަދަނީ އެހެންނޭ

  3. އ.މ.ކ‮ ‬ވިދާޅުވީ


    ތާރީޚް:17/03/2009

    މިއީ މިހާރުން މިހާރަށް ތަނުގެވެރިން ވިސްނަން ވީކަމެއް. ހިދުމަތް ލިބިގަންނަ ފަރާތްތަކުން ވެސް ވިސްނަންވީކަމެއް. ތިމާ އަށް ބޭނުން ކުރާ އާލާތްތައް ހުންނަނީ ސިއްހީގޮތުން އެކަށިގެންވާގޮތެއްގައިތޯ ބެލުން އެއީކޮން މެމީހަކަށްވެސް ލިބިގެންވާ ހައްގެއް. ބަދަލުކުރުމަށް ބާރުއެޅޭނީ ހިދުމަތްދޭފަރާތުން މިކަންކަން ރަގަޅުކުރުމާއިއެކު ހިދުމަތްލިބިގަންނަ ފަރާތްތައްވެސް މިފަދަ ކަންކަމަށް ހޭލުންތެރި ވެގެން. އެގޮތުން މި ލިޔުން މިއީ އޭގެ ވަރަށް ރަގަޅު ފާލެއްކަމުގައި ދެކެން.

  4. ބީރު‮ ‬ވިދާޅުވީ


    ތާރީޚް:17/03/2009

    މިވޭތުވެގެންދިޔަ 2 ނުވަތަ 3 އަހަރު ތިޔާބޯކޮށާ ތަންތަން ހުރިގޮތެއް މަށަކަށްނޭނގެއެވެ. އޭގެކުރިން އެކަހަލަތަންތަނަށް މަވަސް ދިޔައިމެވެ. އޭރުހުރީ ތިޔާބުނާކަހަލަ ފާޑަކަށެވެ. ގައިގަފަޅާ އެއްވެސް އިސްތައްޓެއް ކޮށާލަން ނުވަތަ ކަނޑާލަންވެސް މިމަހާރު އެއްވަސްތާކަށް ނުދަމެވެ. ނިންމާލަނީ ހަމައަމިއްލައަށެވެ. ކޮންމެމީހަކީވެސް މިފަދަ މީހަކަށްވުން ކިހެނެއްބާވައެވެ. ނޫނީ ކޮންމެ އާއިލާއެއްގެ ތެރެއިން އެކަކުވެސް މިކަމަށް ޚާއްޞަ ވެވިދާނެކަމަށް ފެނެއެވެ.

  5. ކުޑަދޮންމަނިކު‮ ‬ވިދާޅުވީ


    ތާރީޚް:17/03/2009

    ބީރުމެން ދެން ބޮލުގައެއްޗެއް ނުހުންނާތި ތިހެން ތިޔާ އުޅެވެނީ. އަހަރެމެން ކުރާނީ ކިޔެއް.

  6. ކުރީގެ ނޫސްވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:18/03/2009

    އަސްލުވެސް ސާފުތާހިރުކަން ކުޑަ. އެތަންތަންވެސް ބަލާ އޮބްޒާވް ކުރާނަމަ ރަންގަޅުވާނެ. ސަރުކާރުން ކަމާބޭހޭފަރާތުން ނުވުރާވާހަކަ ހުރިހަމީހުންވެސް ބުނާނީ . އެތަން ތން ހިންގާ ވެރިމީހާވެސް ބަލާނުލާ ބޯކޮށާމީހާގާތު ސާހިބުމީހާ ބުނާނީ ހަމައެކަނި ފައިސާކޮޅުގެވާހަކަ ދެން ހީވަނީ މިތަންތަން ބަލާ ސާފުކުރަން ވީ ކަސްޓަމަރުންހެނަ މިހެނެތް ނުވާނެ.

  7. އިބުރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:19/03/2009

    މި ލިޔުން އޭގެ ޒާތުގައި ވަރަށް ރަނގަޅުކަމަށްފެނޭ! މިކަންކަމުގެ ޒިންމާ އެންމެންވެސް ނަގަން އެބަޖެހޭ! މުޖުތަމަޢުގަހުރި މިފަދަ ކަންކަމުގެ ޒިންމާ ވަކިބައެއްގެ ބޮލުގަ އަޅުވާފަ މުހެން ތިބެގެންވާކަށް ނެތް!

  8. ކޫސް‮ ‬ވިދާޅުވީ


    ތާރީޚް:25/03/2009

    ހަމައެކަނި ސާފުތާހިރުކަމުގެ މައްސަލައެއްނޫން ، މިއޮއްބޮޑު ރަށުގަ ބޯކޮށުމެ ހިދުމަތް ދޭ ތަންތަން މަދުކަމުންވެސް މަށަށް ވަރަށް އުދަނގޫވޭ! ކަލޭމެންނަކަށް އުއުނދަގުލެއް ނުވޭތަ؟