ރިޔާސީ އިންތިޚާބު ދުވަސްވަރު ރައީސް ނަޝީދުގެ އިމޭޖިނަރީ ތިން ފުރެންޑުން ތިއްބެވެ. އެއީ ކޮންބައެއްތޯއެވެ؟
އެކަކީ ކަނބުލޮއެވެ. އަނެކަކީ އާދަނެވެ. ދެން ހުރީ ކަންމަތީ ފިހާރައިގެ ސޭޓެވެ. ހިތްޕުޅުތިރި ނަޝީދު އެދުވަސްވަރު ރަށަށް ވަޑައިގެން، ކަނބުލޮކުރެން ކޮށްލައްވަނީ އެންމެ ސުވާލެކެވެ. ކަނބުލޯ ވެގެން މި އުޅެނީ ކީއްހެއްޔެވެ؟ ޖަވާބުގައި ކަންބުލޮ ވެގެން އުޅޭގޮތް ދަންނަވައެވެ.
މި ދެންނެވި ތިން ފުރެންޑުން މިހާރު ކޮބައިބާއެވެ؟ އެމީހުންގެ އަޑެއް ނީވެނީ މިހާރު ކިޔެއްވެބާއެވެ؟ ސައިކޮލޮޖިސްޓުން ބުނާގޮތުގައި، އިމޭޖިނަރީ ފުރެންޑުންނަކީ ކުޑަކުދިން ވަކި ޢުމުރެއްގައި ކްރިއޭޓްކުރާ ވަހުމީ ޝަޚްޞިއްޔަތުތަކެކެވެ. ޢުމުރުގެ ވަކި ހިސާބަކުން އެކަން ހުއްޓިދެއެވެ. ނުވަތަ ބައެއް ފަހަރު ނުހުއްޓި ވެސް ހަމަ ހުރެދާނެއެވެ. ހޮލީވުޑްގެ މަޝްހޫރު ފިލްމު، ‘ބިޔުޓިފުލް މައިންޑު’ ބެއްލެވިންތޯއެވެ؟ ބޮޑު ސައިންސުވެރިއަކު ވެސް މިކަހަލަ ފުރެންޑެއް ގެންގުޅެދާނެކަން މި ފިލްމުން ހާމަވެއެވެ.
ތިންވަނަ ޕެރެގިރާފު ފެށުމުގެ ގޮތުން ކޮށްފައި އެ އޮތް ސުވާލުގެ ޖަވާބުގައި ދެންނެވެން އޮތީ، ކަނބުލޮއާއި އާދަނާއި ކަންމަތީ ފިހާރައިގެ ސޭޓަކީ އިމޭޖިނަރީ ފުރެންޑުން ގެ ގޮތުގައި، އެމަނިކުފާނުގެ ސިޔާސީ ޅަފަތުގައި ކްރިއޭޓުކުރެއްވި ތިންމީހުންކަމުގައެވެ. މިހާރު ބޮޑުފުޅުވީތާއެވެ.
ހަގީގަތަކީ، އެމަނިކުފާނަށް، އެ ތިން މީހުން ޚިޔާލީ ބައެއްކަމުގައި ވިޔަސް، އެއީ ހަމަ މި ދޭހަށް ނޭވާލަމުން އަންނަ ހަގީގީ ތިން ދިވެހިންކަމެވެ. އަދި ވެސް މާތް ކަލާނގެ ފަޟްލުވަންތަކަމުން، ދިރިދުނިޔޭގައި ގަދަވެ ހެޔޮހާލުގައި އެ މީހުން އެބަ ތިއްބެވެ.
އެއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބައެކެވެ. އޭގެ ތެރެއިން ސޭޓު ފިޔަވާ ދެން އެތިބީ މިރަށު ދެމީހުންނެވެ.
ކަނބުލޮއަކީ މި ލިޔުންތެރިޔާގެ މާމައެވެ. މާމަގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ދުވަހަކީ، ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެންބަރު ތިނެއް ވީ ބުރާސްފަތި ދުވަހެވެ. މާމަ އެއިރު ވެސް އިނީ މި ކުޅުދުއްފުށީގައެވެ. މިތާކަށް ބަޔަކު އެރީއެއް ނޫނެވެ. ދެން ބިރުގަތީ ކިޔެއްވެތޯއެވެ؟
ސަބަބަކީ މާމަގެ ޒުވާން ދަރީންތައް އެވަގުތު ތިބީ މާލޭގަޔާއި މާލެ ކައިރި ރިސޯޓުތަކުގައި ވަޒީފާގައެވެ. އެކުދިންނަށް ވެދާނެ ގޮތަކާ މެދު މައިލަގޮނޑިއެއް އޮތް މީހަކަށް ކެތްވާނެތޯއެވެ؟ ދެން އެހެން ނޫނަސް އެރި ބަޔަކު އަރައި ހިފީ ދިވެހިރާއްޖެއެވެ. ވީމާ ބިރު ނުގަނެއެއް ނުހުންނާނެއެވެ.
ބަޑިބުރާސްފަތި ދުވަހުގެ ބިރުވެރި ވާހަކަތައް ރަށުތެރޭގައި ފެތުރިގަތް އިރު، ކަނބުލޮޔާއި، އަދި އެ ނޫނަސް ކިތައްމެ އަންހެނަކު އެވަގުތު ތިބީ ވަލުގައި ބޮނބިތަޅާށެވެ. މިވާހަކަ އަޑު އިވުމުން، “އަހަން ދަރިޔޭ.. އަހަން ދަރިޔޭ” ގޮވައި، މަންމައިންގެ ރުއިމުގެ އަޑު ވަލުތެރޭގެ އެކި ދިމަދިމާއިން ގުގުމައިގަތެވެ. މިއީ އިމޭޖިނަރީ ވާހަކައެއް ނޫނެވެ. ކުޅުދުއްފުށީ ވަލުގައި ކަންހިނގި ގޮތެވެ.
އާދަނަށް ވީ ކިހިނެއްތޯއެވެ؟ އާދަނުގެ ހުރި ޒުވާން ފިރިހެންދަރި، ޝަހީދުވީއެވެ. ދީނަށްޓަކައި ޤައުމަށްޓަކައެވެ. މިހާރު ދެން އާދަނަށް ލިބޭނެ އެންމެ ބޮޑު ތަސައްލީއަކީ ދަރިފުޅު އޮހޮރާލި ލޭ، ގައުމުގައި ދެންތިބި މީހުން ބޭކާރުކޮށް ނުލުމެވެ.
ކަންމަތީ ފިހާރަ ސޭޓުތޯއެވެ؟ އޭނާއަކީ މިރަށާ ވާ މީހެއް ވެސް ނޫނެވެ. އެއީ މާލޭ ގައި ފިހާރަގަނޑެއް ހުޅުވައިގެން އުޅޭ މެދުފަންތީ މީހެކެވެ. އޭނާގެ މިދެންނެވި ފިހާރަ ވެސް އެދުވަހުގެ ޝިކާރަޔަކަށް ވިއެވެ. ބާޣީން އެތަން ލޫޓޫވާލައި، އެތަނުގައި ހުރި ލުއިކާނާގެ ބާވަތްތަކާއި، ދަޅުކޭސްތަކެއް ގެންދިޔައެވެ. ފުރާނަ ހުރީތީ އަދިވެސް އޭނާ ޝުކުރުވެރިވެއެވެ.
ކޮންމެއަކަސް، މި ބުނާ ތިން މީހުންގެ މޫނުމަތީގައި ތަކުރާރުވޭވެ ހުންނަ ގޮތެއްގައި މިހިރަ ވެވޭ ބޮޑު އިހާނާތާއި، މި ކުރެވޭ މަލާމާތާ މެދު ވިސްނާލީ ކާކުތޯއެވެ؟

ކަނބުލޮ ވިދާޅުވީ
ތާރީޚް:30/03/2009
ވަރަށް ފައްކާ ލިޔުމެއް. ކިޔާ ހިތުން ކިޔާ ލެވިއްޖެ. ނަޝީދު ދެން އެ ބޮޑުފުޅުވީ. ކަނބުލޮމެން ދެން ތިބޭނަން އަނެއްކާވެސް ފަސް އަހަރު ވަންދެން. އަހަރެމެންނަކީ އަބަދުވެސް ކެތްކުރާ ބައެއް.
ޓޮމާޓޯ ފުޅި ވިދާޅުވީ
ތާރީޚް:30/03/2009
އަމާނޯ ނޮމާނޯ ޓޮމާޓޯ މިއީ އަހަރެންގެ އިމޭނިނަރީ 3 ނަން. ވަރަށް ފުރިހަމަ ތިން ކަރެކްޓަރ ދެއްތޯ. މީތި އަދި ބަދަލުވާނެފަހުން. އަންނި ސޮރު އަދި ބޮޑުފުޅު ނުވަނީ ދެއްތޯ؟
އެންޓި-އަންނި ވިދާޅުވީ
ތާރީޚް:30/03/2009
ނަޝީދު ކަންތައް ކުރަނީކީ ރައްޔިތުންގެ ޝުޢޫރަށް ކުޑަކޮށްވެސް ބެލުމެއް ނެތި. ދެން ބުނޭ މައުމޫނު ވަކި ކިހެނެއްހޭ ކަންތައް ކުރީ. އެމީހަ ވަސް ކަންތައްކުރީ ނަޝީދު ވަސް ކަންތައް މިކުރާ ގޮތަށް.
ކަޅޭ ވިދާޅުވީ
ތާރީޚް:30/03/2009
އަންނި ވަރަށް ރަނގަޅު ހަގީގަތުގަ.. އެކަމަކު އެބުނާހެން ތިނެއް ނޮވެންބަރު ބާޣީންނަށް މިނިސްޓަރުކަން ދިނީމަ ކަމުނުދަނީ
ރީތިގަހުގައިން ކުޑަކުޑަ މުނިޔާގެ ދަރި ވިދާޅުވީ
ތާރީޚް:30/03/2009
ދެން ކޮންމެހެން މީހުންގެ ވާހަކަ ދައްކާ ހަދާ މަލާމާތްކޮށް ފުރައްސާރަކުރާނެކަމެއް ނެތް. މަޢުމޫން ހުރި އިރުވެސް ކަލޭމެން ހަމަ އޭނަ ވަރެއް ނެތިގެން އުޅުނީ. ދެން މިހާރު ނަޝީދަށް އެއްޗެހިކިޔާނެކަމެއް ނެތް. އެއަށް ރުރެ ރަނގަޅުވާނެ އެކައްޗެކޭވެސް ނުކިޔަ މަޑުމަޑުން ތިބިއްޔާ. ބުނެޔޭނުން. ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮއް ނުގޮވާށޭ.
ކުލްސޫމަ ވިދާޅުވީ
ތާރީޚް:30/03/2009
ގައުމު މި ދާ މިސްރާބެއް އަދި އެހާ ސާފެއް ނޫން. ސަރުކާރު ބަދަލުވާ އިރު ކޮންމެ ކަމެއް އެފުށުފުށުން ޖެހެންޏަކާ ރަނގަޅެއް ނުވާނެ.. ކުރީ ސަރުކާރުގައި މުޖުރިމުން މިސަރުކާރުގައި މުސުލިހުންނަށް ވެފަ، ދެން އަންނަ ސަރުކާރެއްގަ ވާނީ މުގު ރިހައިންނަށް ތޯޗެ.. މި ފަހެ ކަމުދާގޮތެއް؟ ކުރީ ސަރުކާރުގަ ނަރުދާ ޖަހާފަ ހުންނަ ތަންތަން މިސަރުކާރުގަ ޔާ މަރުހަބާއަށް ހުޅުވާލާފަ ދެން އަންނަ ސަރުކާރެއްގަ އެތަންތަން ބިނަފަޅާ އަޑިޔަށްތޯޗެ ވަންނާނީ.. މިސަރުކާރުގަ ޕްރޮވިންސުތައް ދެން އަންނަ ސަރުކާރަކު ކޯޗަކަށްބާ ހަދާނީ؟ އަހަން މީނީ ތިޔާ ކަމަކާ ކޮސް ބޮލަށް އަރާފަ..