ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: އެސްޓީއޯގެ އަތުން ގައުމީ އިދާރާއަށް ހަނި މޮޅެއް


ކުޅުދުއްފުށި އޮންލައިން

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: އެސްޓީއޯގެ އަތުން ގައުމީ އިދާރާއަށް ހަނި މޮޅެއް

-ދެވަނަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ޓީމް

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިރޭ ވާދަކުރި އެސްޓީއޯއާއި މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ޓީމް ބައްދަލުކުރި މެޗުން ހަނި ގޮތަކަށް ގައުމީ އިދާރާގެ ޓީމް މޮޅުވެއްޖެ އެވެ.

ގްރޫޕް 2 ގައި ހިމެނޭ އެސްޓީއޯގެ މައްޗަށް ގައުމީ އިދާރާ ކުރި ހޯދި މިމެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އެސްޓީއޯ އިންނެވެ. އެސްޓީއޯގެ މިލަނޑު އެޓީމަށް ޖަހާދީފައިވަނީ މެޗު ފެށުނުތާ 3 ވަނަ މިނިޓްގެ ތެރޭގައި އެޓީމުގެ އިބްރާހީމް އާސިފެވެ. އޭގެ 7 މިނިޓް ފަހުން ގައުމީ އިދާރާއަށް އެއްވަރު ކޮށްދިނީ ގައުމީ އިދާރާގެ ޓީމުގެ އަސްލަމް މުހައްމަދު އެވެ.

މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 އެސްޓީއޯ ކުރީގައި އޮވެގެންނެވެ. އެސްޓީއޯގެ ދެވަނަ ލަނޑު 17 ވަނަ މިނިޓްގައި ޖަހާފައިވަނީ ފުރަތަމަ ލަނޑު ޖެހި އިބްރާހީމް އާސިފް އެވެ.

ދެވަނަ ހާފު ފެށުމާއެކު ގައުމީ އިދާރާއިން ނަޖީތާ ބަދަލުކުރުމަށް މަސައްކަތް އިތުރުކުރި ތަން ފެނިގެން ދިޔައެވެ. އެގޮތުން ދެވަނަ ހާފުގެ 2 ވަނަ މިނިޓްގެ ތެރޭގައި އާދަމް މުހައްމަދު ގޯލެއް ކާމިޔާބުކޮށް އެޓީމަށް އުއްމީދު އާކޮށްދިނެވެ. އަދި ދެވަނަ ހާފުގެ 10 ވަނަ މިނިޓްގައި އަސްލަމް މުހައްމަދު ލަނޑެއްޖަހާ ގައުމީ އިދާރާއަށް ލީޑް ހޯދައި ދިނެވެ. ގައުމީ އިދާރާއަށް ލީޑު ފުޅާކޮށްދީފައިވަނީ ފަހު ހާފުގެ 16 މިނިޓްގައި އެޓީމުގެ އާދަމް މުހައްމަދު އެވެ.

4-2 ން ގައުމީ އިދާރާ މެޗު ނިންމާލަން ދަނިކޮށް އެސްޓީއޯއިންވަނީ 20 ވަނަ މިނިޓްގައި އިތުރު ލަނޑެއްޖަހާ ސްކޯ ބޯޑުގައި އޮތް ފަރަގު އެއްލަނޑަށް ކުޑަކޮށްފައި އެވެ. އެސްޓީއޯގެ ފަހު ލަނޑު ޖަހާފައިވަނީ އެޓީމުގެ އަހުމަދު އިބްރާހީމް އެވެ. މި މެޗު ނިމިގެންދިޔައީ 4-3 ން ގައުމީ އިދާރާގައި ކުރީގައި އޮވެގެންނެވެ.

މިމެޗުގައި ގައުމީ އިދާރާގެ އަސްލަމް މުހައްމަދަށް ރީނދޫކާޑެއް ދައްކާފައި ވެއެވެ. އެސްޓީއޯގެ އަތުން އުނދަގޫ މޮޅެއް ގައުމީ އިދާރާއިން ހޯދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމީ އިދާރާއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހި އެޓީމުގެ ޖޯޒީ ނަންބަރ 12 އާދަމް މުހައްމަދު އެވެ.

މިރޭ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ޓީމާއި ރަށު ކައުންސިލް އިދާރާގެ ޓީމެވެ. ގްރޫޕް 1 ގެ މިދެޓީމު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 8-0 ލަނޑުގެ ބޮޑު ތަފާތަކުން ރަށު ކައުންސިލް އިދާރާގެ މައްޗަށް ފުލުހުން ކުރި ހޯދައިގެންނެވެ.

މިމެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 2 ވަނަ މިނިޓްގެ ތެރޭގައި ޕޮލިސް ޓީމުގެ އަހުމަދު މުހައްމަދު ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު 3 ލަނޑު ޖަހާ ޕޮލިސް ޓީމު ވަނީ މޮޅެއް ކަށަވަރު ކޮށްފައެވެ. އެތިން ލަނޑު ޖަހާދީފައިވަނީ ޕޮލިސް ޓީމަށް 4 ލަނޑު ޖަހައިދިން  އަހުމަދު އިބްރާހީމްގެ އިތުރުން ހުސެއިން މޫސާ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ޕޮލިސް ޓީމުން ވަނީ 4 ލަނޑު ޖަހާފައި އެވެ. އޭގެތެރޭގައި ކުޅުދުއްފުށީ ކައުންސިލް ޓީމުގެ ޖަމްޝީދު މުހައްދު އަތުން ބައިކޮޅަށް ވަތް ގޯލެއް ވެސް ހިމެނެ އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމަށް 4 ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު އިބްރާހީމެވެ.
ޚިޔާލު ފާޅުކުރައްވާ