ޖަޕާނަކީ ފާޑުފާޑުގެ ރޮބަޓު ވަރަށް ގިނައިން ހަދާތަނެއް ދޮއްތޮއެވެ؟ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ވެސް އޮވޭ ނޫންތޯއެވެ؟ މި މީހުން ރޮބަޓު މައުރަޒު ވެސް ބާއްވައެވެ.
ރާއްޖޭ މީހުންނަކީ ވެސް ދެން ޚިޔާލު ތަނަވަސް އުފެއްދުންތެރި ބައެއްތާއެވެ. މި ކުޅުދުއްފުށީގެ ބޮޑު ޢީދުގައި ބާއްވާ ޕެރޭޑުތަކުން ވެސް މުއްސަނދި ޚިޔާލުގެ އުފެއްދުންތެރިން ފެންނަނީ މަދެއްކޮށް ނޫނިއްޔާއެވެ.
ޖަޕާނު މީހުން ރޮބަޓު ހަދަނީ އެމީހުންގެ އެކި އެކި މުހުތާދުތައް ފަސޭހައިން ފުއްދާލެވޭނެ ގޮތް ވިސްނުމުގައި ބަހައްޓައިގެންނެވެ. އެމީހުންނަކީ ވެސް ދިވެހިންނެކޭ ދާދި އެއްގޮތަށް ކުދިކޮން ތިބޭ ބައެއް ކަމަކު، އެމީހުންގެ ދިރިއުޅުމުގެ ބޭނުމާ އަޅުގަނޑުމެންގެ ބޭނުންތަކާ އުޑާ ބިމާހާ ތަފާތުވާނެއެވެ. އެމީހުންގެ ލޮލާއި ހަމުގެ ކުލަ އަޅުގަނޑުމެންނާ ތަފާތުވާ ހެންނެވެ.
ދިވެހިންނަށް މިހާރު އެންމެ ކަންބޮޑުވާ މައްސަލައަކީ ސިޔާސީ މައްސަލަތަކެވެ. މިސާލަކަށް މަޖިލީހަށް މެންބަރަކު ހޮވާ އިރު މޮޅަށް ވާހަކަދައްކާލެވޭ، ރައްޔިތުންގެ ޝުޢޫރު ދަންނަ މެންބަރަކު ހޮވުމުގެ ފިކުރަކީ ކުޑަ ފިކުރެއްތޯއެވެ؟ ވީމާ އަވަސްކުރައްވާށެވެ. ވަކި ފަރާތަކަށް ނުވިކޭނެ، މޫސުމަށް ބަދަލުނުވާނެ ގިނަދުވަހަށް ދެމިހުންނާނެ މެންބަރެއް، ނުވަތަ ސީޔާސީ ރޮބަޓެއް ތައްޔާރުކުރާނެ ގޮތް ބުނެދީފާނަމެވެ.
ހޯއްދަވާނެ ތަކެތި:
- އޮމާން ޓިނު ( އާދަމުގެ ދަރިޔެއްގެ ބޮޑުމިނަށް ހުންނަ ރޮބަޓެއްގެ ތޮށިގަނޑު ހަދާލެވޭވަރުގެ)
- ޓިނު ކަފާ ކަތުރު
- ރިވެޓް ޖަހާ ދައްޗާއި ފުދޭވަރަކަށް ރިވެޓް
- އަޑު ރިކޯޑުކޮށް، އޮޓޯއިން ކުޅެލެވޭ ކަހަލަ ޑިޖިޓަލް ސިސްޓަމެއް.
ހައްދަވާނެ ގޮތް:
ކަނބުރުގެޔަކަށް ވަންނަވައި އަޅި ނުބުރުއްވިޔަސް، ގޭތެރޭގައި ނުވަތަ ގޯތި ތެރޭގައި ވެސް މިކަންތައް ކޮށްލެއްވިދާނެއެވެ. ކުޑަކުދިން ވަދެނިކުމެވޭ ތަނެއްގައި މިކަމާ ނޫޅުއްވާށެވެ. ބުއްދިވެރިކަމެއް ނޫނެވެ.
ފުރަތަމަ ފިޔަވަހި:
ހެޔޮވަރު މީހެއްގެ ސިފައަށް ދެފޮތި ޓިނު ކައްޕަވާށެވެ. އެޔަށްފަހު މަރުތޭލައިން ތަޅުއްވައި އޭތި ގޮނިކުރައްވައި، އިންސާނެއްގެ، އައްދެ.. (މާފުކުރައްވާތި) ރޮބަޓެއްގެ ވަނާތައް ހުންނާނެ ބައްޓަމަށް ގޮނިކުރައްވާށެވެ. އެއަށްފަހު ރިވެޓް ޖައްސަވައިގެން ދެފަޅި ތަތްކުރައްވާށެވެ. މިހާރު ތިހަރީ ރޮބަޓުގެ އޮނިގަނޑު ތައްޔާރުކުރެއްވިފައެވެ.
ދެވަނަ ފިޔަވަހި:
މި ފިޔަވަހީގައި ހައްދަވާނެ ގޮތަކީ ހުރިހާ މުނާސަބަތަކާ ވެސް ގުޅޭނެ ހައެއްކަ ވާހަކަކޮޅު ތައްޔާރުކޮށްލެއްވުމަށްފަހު އެއްކަލަ ޑިޖިޓަލް ސިސްޓަމަށް ރިކޯޑުކުރައްވާށެވެ.
މިސާލަކަށް:
” ވޭތުވެދިޔަ ތިރީސް އަހަރު ސަރުކާރުން ވެފައިވާ ޚިޔާނާތްތަކާއި ވެފައިވާ އަނިޔާގެ ސަބަބުން މި ހުރިހާކަމެއް މިވަނީ. ”
މި އިބާރާތްކޮޅަކީ ކޮންމެ މުނާސަބަތަކަށް ވެސް ފުދޭނެ އިބާރާތްކޮޅެކެވެ. ސިޔާސީ ގޮތުން ނޫސްވެރިޔަކު ކޮންމެ ސުވާލެއް ކުރިޔަސް، މަޖިލީހުގައި ކިތައްމެ ދިގުކޮށް ވާހަކަދައްކަވަން ޖެހުނަސް، މި އިބާރާތްކޮޅުން ފުދޭނެއެވެ. މަޖިލީހުގައި ވާހަކަދައްކުވާ ނަމަ، ތަންކޮޅެއް ދިގުކޮށް މި ވާހަކަކޮޅު ތަކުރާރުވާގޮތަށް ހައްދަވައިލައްވާށެވެ. ނޫސްވެރިޔެއް ކުރިމައްޗަށް ނެރުއްވަން ޖެހިއްޖެ ނަމަ، އޭނާ ކޮންމެ ސުވާލެއް ކުރިޔަސް ރޮބަޓު މިހެން ބުނާގޮތަށް ޕްރޮގްރާމްކުރައްވާށެވެ. ޖަވާބު ވަރަށް ސިޔާސީ ވެފައި ފުރިހަމަވާނެއެވެ. އެއަށްފަހު މީތި، ރޮބަޓުގެ އަނގަތެރޭގައި ހަރުކުރައްވާށެވެ.
ތިންވަނަ ފިޔަވަހި:
މި ފިޔަވަހީގައި ކުރައްވަންޖެހޭ ކަމަކީ ރޮބަޓުގައި ކުލަޖައްސަވައިލައްވައި މޫނުމަތި ހަދައިލެއްވުމެވެ. ދެން ހެދުން އެޅުއްވުމެވެ. ދޮންކުލަ ޖެއްސެވީމާ މީހުން ތަންކޮޅެއް ގަޔާވާނެކަމަށް ފެނެއެވެ. ދެން އޮތީ ރީތި މޫނެއް ކުރެއްސެވުމެވެ.
މިއީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެންމެ މޮޅުގޮތަކީ ރީތި މޫނެއް ޕްރިންޓުކުރެއްވުމެވެ. ރީއްޗަށް ބަލަންޏާ އެންމެ ބުއްދިވެރި ގޮތަކީ ފިލްމުސްޓާރެއްގެ މޫނު އިޚްތިޔާރުކުރެއްވުމެވެ. ރާއްޖޭގައި ވަރަށް ރީތި ތަރިން އެބަ އުޅެއެވެ. މެންބަރަކަށް އެންމެ އެކަށީގެންވާ ޢުމުރުގެ ތަންކޮޅެއް ހޭންޑުސަމް ކަމަށް މަޝްހޫރު ތަރިޔެއް ބަލާފައި ޕްރިންޓުކޮށްލައްވާށެވެ.
މިހާރު ތިހަރީ އެއްވަނައިގެ ސިޔާސީ ރޮބަޓެއް ތައްޔާރުކުރެއްވިފައެވެ. ދެން މިޔަށް ރީތި ނަމެއް ދެއްވާށެވެ. ރޮބަޓަކާ ގުޅޭ ރީތި ނަމެކެވެ. މިސާލަކަށް، ފްރީކޯ2009 ވެސް ރަނގަޅުވާނެއެވެ.

ގަޅިބެ ވިދާޅުވީ
ތާރީޚް:12/04/2009
ތިއަށްވުރެ މޮޅަށް މިހާރު ތިކަންތައް ކުރޭ.އެއީ މިފަހަރު ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކުރިމަތިލާ ޔާމީނުގެ ރޮބަޓެއް. ފެންނަފެނުމަށް ބެރުއާދަނަކާ ތަފާތެއް ނެތް.އެރޮބަޓުގެ ރިމޯޓު އޮންނަނީ ޔާމީނު އަތުގަ.
ޗިން ކަންސުއި ވިދާޅުވީ
ތާރީޚް:12/04/2009
ނަމަނަމަ މޭޒުމަށްޗަށް ތެދުވާ ވައްތަރު ރޮބޮޓެއް ނަހަދާތި….
އާދަނު ވިދާޅުވީ
ތާރީޚް:12/04/2009
ތިއަށްވުރެ މޮޅަށް މިހާރު ތިކަންތައް ކުރޭ.އެއީ މިފަހަރު ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކުރިމަތިލާ މައުމޫނުގެ ރޮބަޓެއް. ފެންނަފެނުމަށް ފިނޭގަފޫރާ ތަފާތެއް ނެތް.އެރޮބަޓުގެ ރިމޯޓު އޮންނަނީ މައުމޫނު އަތުގަ.
ރޮބަޓު މުގާބޭ ވިދާޅުވީ
ތާރީޚް:12/04/2009
ހަމަ އެކަނި މައުމޫން އާއި ޔާމީންގެ ރޮބަޓުން އެކަނިތަ ކުރިމަތިލީ، ކޮބައިތަ އަންނިގެ ރޮބަޓުތައް، ކޮބައި ގޭމަ އާދިލް ކޮބައި އާދަމް ވަހީދު، މިމީހުންނަކީ ރޮބަޓުންނެތް ނޫން ދޯ!
ކިމް ޖޮލް އިލްގެ ބަފާ ފުށު ބޮޑުބޭބެ ވިދާޅުވީ
ތާރީޚް:12/04/2009
ރޮބަޓަށް ފީޑްކުރަން ތިޔޮއް ބަސްކޮޅު އެއީ، ހަމަ ސަތޭކައިގެ ބަސްކޮޅެއް. ކުރިއަށް އޮތަނުގައި (އަދި މިހާރުވެސް) ރާއްޖޭގައި ކަމެއް ނުވެފައި އޮތިއްޔާ އޮތީ، އޮންނާނީ، ” ވޭތުވެދިޔަ ތިރީސް އަހަރު ސަރުކާރުން ވެފައިވާ ޚިޔާނާތްތަކާއި ވެފައިވާ އަނިޔާގެ ސަބަބުން ”
މިއީ، ހުރިހާކަމަކަށް ދައްކަން އޮތް ވަރަށް ފައްކާ އުޒުރެއް. ތިމާގެ ނާގާބިލުކަން ފޮރުވަން ތިރީސް އަހަރުގެ ވާހަކަ މިދައްކަނީ. ވީމާ، ތިޔަ ރޮބަޓުގެ ބޭނުން ހިފޭނެ ދިރިއުޅުމުގެ ހުރިހާކަމެއްގައި.
ބޫސް ވިދާޅުވީ
ތާރީޚް:12/04/2009
މިހާރު އަންނިގެ ރޮބަޓް މާގިނަވާނެ އެކަމްބުނަންތަ އެރޮބަޓު ތަކުގެ ފެނަވަރު މާދެރަވާނެ. މީގެ މިސާލަކަށް ކައުންސެލަރު ފުދޭނެ.
އަލީ ވިދާޅުވީ
ތާރީޚް:12/04/2009
ތިރޮބަޓް ތަށް ހަދަންވީ ލާރިނުކުނަގޮތަށް ބަޓަނެއްވެސްލާފަ..އޭރުންތާ ޓީމްތަށްގެން ގުޅޭމީހުންނަ ޖޫރިމަނާކޮއްލީމަ ލާރިކޮޅެއް ވެސްލިބޭނީ ހާދަފަސޭހަވާނޭއޭރުން…
ހުސޭނު ވިދާޅުވީ
ތާރީޚް:12/04/2009
މިދެން އެބަވޭތަ ލިޔުމަކަށް.. ތާކުންތާކުޖެހޭ އެއްޗެއްނޫން މިއީ.. މިއަށްވުރެ ރަގަޅުވާނެ ސިޔާސީވާހަކަ ނުދެއްކިޔަސް..
ރޮބަޓް ގޭޓްސް ވިދާޅުވީ
ތާރީޚް:12/04/2009
ރޮބަޓް ހެދިޔަސް އޯކޭ ނަމަނަމަ އެކަމަކު ރިމޯޓް ނަގާނުލާތި. ފާލުން ނެއްޓި ފައިންއެރިދާނެ.
އަލީ ވިދާޅުވީ
ތާރީޚް:12/04/2009
ތިޔާގެ އެއްޗެއް ހަދަންވެގެން އޮމާންޓިނު ގަންނަން ކޮޑިއަށް ދިޔައިރު އެތާކުނެތް އޮމާންޑިނެއް، އެކަމަކު ބޯކިބާ މަތިއަންދާ އެއްޗެއްހަދަން މަންމަ އެބައޮތް އާދައިގެ ބާ ޓިނުގަނޑެއްގެނެއްސަ އެގޮލާ ތެޑުކޮށްގެންވަސް ތިޔާގެ ގޮލައެއްހެދޭނެ ދޯ.
އަހުމަދު ވިދާޅުވީ
ތާރީޚް:12/04/2009
މިކަމާ ވރަށް ހިތާމަ ކުރަން… ރަށުގެ ދިޔުޅިޔެއް ނުހުންނަ ވާހަކަ މީގަ މިލިޔަނީ…. ޒިންމާދާރު ވުމަކީ މިއީބާ… ކޮމެންޓް ޖެހުމުގައި މިންގަޑެއް ކަޑައަޅުއްވާ….
ރޮބަޓް މާމޮ ވިދާޅުވީ
ތާރީޚް:12/04/2009
މިގޮތަށް މީހުންގެ ފޮޓޯ ޖަހައިގެން ފޮޓޯ އެޑިޓްކޮށް މީގަޖެހުމަކީ ދެން މާ ކަމުދާ ކަމެއް ނޫންހެން ހީވަނީ؟ ދެން ލިޔުމާމެދު އެއްޗެކޭ ބުނާނަމަ، ބުނަންޖެހެނީ ދެން ވަރަށް ފީކަޅާ ތަކުންތާކު ނުޖެހޭ ދޮޅިވަރުތަކެކޭ.ރޮބަޓްގެ ވާހަކަ ދައްކާ ހިތް ވަންޏާ، މިއަށްވުރެ ރީތިކޮށް، ސާދާކޮށްވަސް އެއްޗެއް ލިޔެވިދާނެ ކަންނޭނގެ. ތިޔާ މަޖިލީހަށް ހޮވޭނެ ކޮންމެ މީހަކުވަސް ވާނީ ހަމަ ރޮބަޓަކަށް، ހާއްޞަކޮށް ސަރުކާރު ފަރާތުން ލާމީހުން. އެމީހުން ތިބޭނީ އެޅިހާ ބަތަކަށް އާނހޫނ ކިޔަން.
މާ ދެން ދަންނަ ބޭފުޅަކު ވިދާޅުވީ
ތާރީޚް:12/04/2009
މަ ހަމަ ކޮސްވެއްޖެ! މިއީ ރާއްޖޭގެ ސިޔާސީ މީހުންނަށް ޖަހާފައިވާ ހަޖުލެއްކަން ބައެއް ކިޔުންތެރިންނަށް ނުވިސް ނުނީތީ މަ ހަމަ ކޮސްވެއްޖެ. ލިޔުންތެރިން ލިޔުން ލިޔޭ ތަފާތު ސްޓައިލަށް. މިއީ، ވަށްބަހުން ކޮންފައިއޮތް މަލާމާތެއް. ކޮމިކް ލިޔުމެއް މިއީ.
މީގެ މައިގަނޑު ޕޮއިންޓަކީ، ” ވޭތުވެދިޔަ ތިރީސް އަހަރު ސަރުކާރުން ވެފައިވާ ޚިޔާނާތްތަކާއި ވެފައިވާ އަނިޔާގެ ސަބަބުން މި ހުރިހާކަމެއް މިވަނީ.– މި ޖުމްލަ! މަށަށް ހީވަނީ މިޖެހުނީ ލިޔުމުގެ ޝަރަހައެއް (މަށަށް ދޭހަވާގޮތަށް) ލިޔެލަންހެން. އެކަމަކު އޭރުން ޖެހޭނީ އާޓިކަލެއްވަރުގެ ދިގު ކޮމެންޓެއް ލިޔަން. ވީމާ، ޖުމްލަ މާނަ ލިޔެލާނަން:
މިލިޔުމުގައި އެބުނަނީ، ޕްރޮގުރާމްކޮށްފައިވާ ރޮބަޓެއްހެން، ކޮންމެ ސުވާލަކަށް އެއް ޖަވާބެއް (” ވޭތުވެދިޔަ ތިރީސް އަހަރު ސަރުކާރުން ވެފައިވާ ޚިޔާނާތްތަކާއި ވެފައިވާ އަނިޔާގެ ސަބަބުން މި ހުރިހާކަމެއް މިވަނީ.) ސިޔާސީ މީހުން ދޭ ކަމަށް ވާނަމަ، ދިވެހިންނަށް ބޭނުންވަނީ، ރޮބަޓު ތަކެއް ނޫންހޭ؟ އެހެނީ، އޭރުން އެއް ޖަވާބެއް ގައުމުގެ ހުރިހާކަމަކަށް ދޭން ވަރަށް ފަސޭހަ ވާނެ ނޫންހޭ؟
ލިޔެފައި ހުންނަ އެއްޗެތި ތަންކޮޅެއް ފުންކޮށް ވިސްނައިގެން ކިޔާބަލަ! ދެފޮޅުވަތްދޭތެރެއިން މާނަ ނަގަން ދަސްކޮށްބަލަ!
ޖަލާލުއްދީނު ލަވަޕާޓީ ވިދާޅުވީ
ތާރީޚް:12/04/2009
އާނ މިޔެއްވާ ސިކުޑިއެއް ބޭނުންވާ ކަމެއް ނޫނިއްޔާ..ގުރަޔަކަށް ތިހެން ކިޔަން ދަސްކޮށްދީގަ މަޖިލީހަށް ފޮނުވިޔަސް ސަތޭކަ ވާނެ. ފުރިކޯއެއް ނޫން ތިޔަށް ކިޔަންވީ .. ތިޔައް ކިޔަންވީ ރީކޯ..
ފްރީކޯ 2009 ވިދާޅުވީ
ތާރީޚް:12/04/2009
ރިމޯޓުން ކުޅޭ ރޮބަޓެއް ކަމަކު ނުދާނެ ކަލޭނޭ.. އޮޓޯއިން ކުޅެވޭ ކަހަލަ އެއްޗެކޭ ރަނގަޅުވާނީ.. ސިކުނޑިއެއް ނެތަސް ހެލޭ ދުލެއް އޮތީމަ އެކަން ވާނީ.. މި ފަހަރު ތިޔާ ތަނަށް މަ ލާތި.