އަހަރެން ހަނދާން ހުންނަން ފެށިއްސުރެވެސް އަހަރެންގެ މަންމަ އަހަރެން ގެންގުޅެނީ އެކަނިމާ އެކަންޏެވެ. ގޭތެރޭގެ މަސައްކަތްތަކާއި އޮފީހުގެ މަސައްކަތްތައް ބަރާބަރަށް ކުރަމުން، އަހަރެންގެ ކަންތައްތައްވެސް އެއްވެސް ފަރުވާ ކުޑަކުރުމެއް ނެތި އަބަދުވެސް ކުރަމުން ގެންދިޔައެވެ. އަހަރެންގެ ކިޔެވުމުގެ ކަންތައްތަކާއި އަހަރެންނާއި އެކު ކުޅިވަރު ކުޅި މަޖާކުރުމަށް ދުވަހަކުވެސް ވަގުތު ނުވެގެނެއް ނޫޅެއެވެ. އަހަރެންނަށް މީރުހާ ވައްތަރެއްގެ ކާތަކެތި ތައްޔާރު ކޮށްދެއެވެ. ނިދާ ގަޑީގައި އަބަދުވެސް ވާހަކަ ކިޔައިދީ ލަވަ ކިޔައިދީ ހަދައެވެ. ބަންދު ދުވަސް ދުވަހު މަންމަ އަބަދުވެސް އަހަރެން ގޮވައިގެން ކޮންމެވެސް ތާކަށް ދެއެވެ. ޕާކަށް ކުޅެން، ނޫނީ ދާރުލްއާސާރުތަކަށާއި ސިނަމާތަކަށް އަބަދުވެސް ދާނެއެވެ.
އެހެންނަމަވެސް އަހަރެން އަބަދުވެސް ކުރާ ޝަކުވާއަކީ އަހަރެން ގޮވައިގެން މާމަމެން ކައިރިޔަށް ނުދާވާހަކައެވެ. ބައްޕަ ނުފެންނަ ވާހަކައެވެ. މަންމަ ވަރަށް ކެތްތެރިކަމާއިއެކު ހުރިޙާ ކަމެއް ހަމަޖައްސައެވެ. މާމަމެން އުޅެނީ އެހެން ސިޓީއެއްގައި ކަމަށް ބުނެ އަހަރެންގެ ހިތްހަމަ ޖައްސާދެއެވެ.
ދުވަސްތައް ވެއަތުވަމުން ދިޔައެވެ. އަހަރެންވެސް ޕްރައިމަރީ ކިޔެވުން ނިންމުމަށްފަހު ހައިސްކޫލަށް ވަނީމެވެ. މުޅިން އާދުނިޔެއެކެވެ. އާ ގޮންޖެހުން ތަކެކެވެ. ފުރާވަރުގެ ހަލަބޮލިކަމެވެ. ފިރިހެން ކުދިންގެ ކަޅިއެޅުންތަކެވެ. ހަމަ އެއާއެކު އެކަމާ ހަސަދަވެރިވާ އަންހެން ކުދިންގެ އުނދަގުލާއި ތުރާތަކެވެ.
ހައިސްކޫލް ފެށުނީއްސުރެ ވެސް ޖެކް އައީ އަހަރެންނާއި ދޭތެރޭ ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އަހަރެންވެސް ޖެކް އާއި ދޭތެރޭ ވަރަށް ހިތްހަމަޖެހުނެވެ. ހަމަ އެއާއި އެކު ޖޫލިއާގެ ހަސަދަވެރިކަން ވެސް އައީ ގަދަވަމުންނެވެ.
އެގޮތުން އެއްދުވަހެކެވެ. އެއީ އާރޓްޝޯވް އޮތްދުވަހެވެ. ޖޫލިއާ، އާރޓްޝޯ އިންތިޒާމުކުރި ކްލަބްގެ ރައީސާގެ ހައިސިއްޔަތުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި މިވާހަކައިގެ ތެރޭގައި ސްޓޭޖް މައްޗަށް އައުމަށް އަހަރެންނަށް އެދުނެވެ. ހައިރާންވެ ހުރެ އަހަރެން ސްޓޭޖް މައްޗަށް އެރުމުން، ޖޫލިއާ އޭނާގެ ހަސަދަވެރިކަން ފިލުވާލިއެވެ.
އެއީ އަހަރެންނަށް ނޭނގިއޮތް އަހަރެންގެ ހަޔާތުގެ ފަތިފުށެވެ. އަހަރެންގެ ހިތުގައި ފުނިޖެހިފައި މިހުރިހާ ދުވަހު ހުރި ސުވާލުތަކުގެ ހިތި ޖަވާބެވެ. ހަގީގަތަކީ އަހަރެންނަކީ ރަށުމެދަށް ފޫޅު ކަނޑާފައިވާ ރަޑަބަންގުޅިއެއް ކަމެވެ. އެއްވެސް އަސްލެތްނެއް މަސްގަނޑެއް ކަމެވެ. ޒާނިއާއެއްގެ މުޑުދާރު އަމަލެއްގެ ސިއްކަކަމެވެ.
އެދުވަސްވީ އަހަރެންގެ ހަޔާތް ބަދަލުކުރުވި ދުވަހަށެވެ. ލިބުނު ކުއްލި ޝޮކާއި ހިތަށް ވީތަދާއި އުފެދުނު އުދާސް ބުނެދޭންވެސް ނޭނގުނެވެ. އޭގެ ފަހުން އަހަރެންގެ ހަޔާތް ބަނަވިއެވެ. އެކަނިވެރިވިއެވެ. ސްކޫލުގެ ހުރިހާ ކުދިންގެ މަލާމާތުގެ ޝިކާރައަކަށް ވިއެވެ. އެއްވެސް ޔާރެއް އިޔާރެއް ނެތް މުޅިން ބޭކާރު މީހަކަށް ވިއެވެ. އެންމެންވެސް ދެކެނީ އަހަރެންނަކީ ނަޖިހެއް ހެންނެވެ. އެންމެ ފަހުން ޖެކް ވެސް އަހަންނާއި ގުޅުން ކަނޑާލިއެވެ.
އަހަރެންގެ ހިތްދަތިކަން އިހުސާސް ކުރެވުނީ ހަމައެކަނި މަންމައަށެވެ. މަންމަ އަހަރެންނަށް އެހީތެރިވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަހަރެން މަންމައަށް އެއްވެސް ފުރުސަތެއް ނުދެމެވެ. އަހަރެންގެ ހިތް އޭނާއަށް ބަންދުވި ކަހަލައެވެ. އޭނާ ދެކެވީ ލޯބި ނަފުރަތަށް ބަދަލުވިއެވެ. އޭނާގެ ހަޔާތްކުޑަކަމާއި މެދު އޭނާދެކެ އިންތިހާއަށް ރުޅިއައެވެ. އަހަރެންނަށް އެހާލުޖެއްސީތީވެ ބަދު ދުޢާ ކުރެވެން ފެށުނެވެ. އޭނާ ކޮންމެ ރެއަކު ރޯއަޑު އަހަރެން އަހަރެން އެހީމެވެ. އަދި އެކަމާ އަހަރެން އިންތިހާއަށް އުފާކުރީމެވެ. ހައި ސްކޫލް ނިމުމާއި އެކު އެ ގޮތްކުޑަ އަންހެނާގެ ގެއިން އަހަރެން ނުކުތީމެވެ. އޭނާ އެތަކެއް ފަހަރު އޭނާގެ ވާހަކަތަށް އަޑުއެހުމަށް އެދުނެވެ. ނަމަވެސް އޭނާގެ އާދޭސްތަކަށާއި ރުއިމަށް އަހަރެން ދިނީ ބީރުކަންފަތެކެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ބޮލަށް ވެއްޓިފައިއޮތް ހިލަގަނޑެއް ނެގި ފަދައެވެ. އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ވިއެވެ. އަހަރެން ކިޔެވީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. ފޮނި ނަތީޖާ އަކާއި އެކު ކިޔެވުން ނިންމާލުމަށްފަހު މަތީ ވަޒީފާއެއް އަތްމަތި ކުރީމެވެ. އަދި ހިތްހެޔޮ ފިރިއެއްވެސް މެއެވެ.
އަހަރެންގެ ދެވަނަ ދަރިފުޅު ލިބުނު ދުވަހެވެ. ވަގުތަކީ ފިރިމީހާ ނެތްވަގުތެކެވެ. ކުއްލިއަކަށް ކޮޓަރީގެ ހުޅުވާލާފައިވަނީ މުސްކުޅި އަންހެނެކެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހަށިގަނޑު އަނަރޫފަވެފައެވެ. އޭނާ ފެނުމާއި އެކު އަހަރެންގެ އަތްފައި ހޫނުވެގެން ދިޔައެވެ. އަދި ހިތުގައިވާ ނަފުރަތުގެ އަލިފާންގަނޑު އަނދައިގަތެވެ. އަޑުގެ ނެތްތަނަށް އޭނާއާއި ދިމާލަށް ހަޅޭލަވައިގަތީމެވެ. އަދި ކައިރީގައި ހުރި ރަނގަބީލަށް ފިތާލީމެވެ. ހަމަ އެއާއެކު ނަރުސް ކުދިންތަށް ވަގުތުން އައެވެ. ކުރިމަތީގައި ހުރި މޮޔަ މީހާ ނެރުމަށް އަހަރެން އެންގީމެވެ. އޭނާ ރުޔެވެ. ދަރިފުޅާއޭ ކިޔާ އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އޭނާގެ ރުއިމަށް ކުޑަވެސް ސަމާލުކަމެއް ނުދެމެވެ. އެއީ އަހަރެންގެ މަންމަ ކަމަށް ގަބޫލުކުރާހިތް ނެތީމައެވެ. އޭނާ އަހަރެންނަށް ޖެއްސި ބިކަހާލުގެ ރަހަ އޭނާއަށްވެސް ދައްކާލަން ބޭނުންވާތީއެވެ.
އޭގެ ހަފްތާއެއް ފަހެވެ. ކޯޓުން އަހަރެންނަށް ލިޔުމެއް އައެވެ. ކޮންމެވެސް މީހެއްގެ ވަސިއްޔަތަކުން ލިބުނު މުދާތަކަކާއި ހަވާލުވުމަށް އެންގުނު އެންގުމެކެވެ. މަރުވީ އަހަރެންގެ މަންމަ ކަން އެނގުނެވެ. އަދި މަރުވީ ހާރޓް އެޓޭކެއްގެ ސަބަބުން ވަރަށް ކުއްލި ގޮތަކަށް ކަންވެސް އެނގުނެވެ. ތުންފަތް މައްޗަށް ވެރިވީ ރަކި ހިންޏެކެވެ. އެނާގެ ހަޔާތުގައި ރަނގަޅު އެއްކަމެއް ކޮށްފިތާއޭ ހިތަށް އެރިއެވެ. އެދުވަހު އެއްވެސް ކަމެއް ނެތިމާއިއެކު ވަކީލާއެކު އެގެޔަށް ދިޔައިމެވެ. ވަރަށް ހަމަޖެހިލާފަ ހުރިކަމަށް ހިތަށް އެރުވިނަމަވެސް އެގެ ފެނުމާއި އެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެން އުޅެ ބޮޑުވި ގެއެވެ. އަހަރެންގެ ކުޑައިރުގެ ހަނދާންތައް ވަޅުލެވިފައިވާތަނެވެ. ޒަމާންތަކެއް ކުރިން އެގެޔަކަށް އަލްވަދާއުކީ ގެއެވެ. އެއްވެސް ޚިޔާލެއް ނެތި ގޭތެރެއަށް ވަދެގެން ދިޔައިމެވެ. ހުރިހާ އެއްޗެއްވެސް ހުރީ ކުރިއާއި އެއްވެސް ތަފާތެއް ނެތިއެވެ. ހީވީ މާޒީގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ. ގޭތެރެ ބަލަމުން ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެވުނެވެ. ހުރިހާ އެއްޗެއްވެސް ހުރީ އަހަރެން ބަހައްޓާފައި ދިޔަ ގޮތަށެވެ. އަހަރެން އެނދުމަތީގައި ޕާރުސަލްތަކެއް ހުރިކަން އެކަންޏެވެ. މަޑުމަޑުންގޮސް ޕާރުސަލްތައް ބަލާލީމެވެ. ހުރިހާ އެއްޗެއްވެސް އެޑްރެސް ކުރެވިފައި ވަނީ އަހަރެންގެ އުފަންދުވަހަކާއި ގުޅުވައިގެން އަހަރެންނަށެވެ. ކޮންމެ ޕާރުސަލެއްގެވެސް އެއްކަނުގައި ‘ލޯބިވާ މަންމަގެ ފަރާތުން’ މިހެން ލިޔެލާފައި ވެއެވެ.
ކުއްލިއަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އެނދު ކައިރީގައި އަޅާފައި އޮންނަ ކުނަލުގެ މައްޗަށް ވެއްޓިފައި އޮތް ފޮތަކާއި ގަލަމެކެވެ. ކުނަލުގެ މަތީގައި އިށީނުމަށްފަހު އެފޮތް ނެގީމެވެ. އެއީ މަންމަގެ ޑައިރީކަން އެވަގުތު އެނގުނެވެ. ބޭއިޚްތިޔާރުގައި ފޮތުގެ އެންމެ ފަހުގެ ލިޔުމަށް ގަނޑުތަށް އުކާލެވުނެވެ. އަދި ކިޔަން ފެށީމެވެ.
“…އެތައް ދުވަހަކު ކެތްކުރުމަށް ފަހު ދަރިފުޅު ދެކިލުމަށް މިއަދު ދިޔައީމެވެ. އެންމެ ބޭނުމަކުއެވެ. ދަރިފުޅުގެ ހިތް ހަލާލު ބަސް ހޯދުމަށެވެ. އޭނާއަށް ހަގީގަތް ކިޔައިދިނުމަށެވެ. މާފަށް އެދުމަށެވެ. މިއަޅާ ވޭނަށް ޝިފާއެއް ހޯދުމަށެވެ. އެހެން ނަމަވެސް ކަންތައްވީ……. އޭނާ އަހަރެންގެ ވާހަކަ އަޑުނާހަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ދަރިން ދެކެ އަހަރެން ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންގެ ދޮށީ ދަރިފުޅު ވެންޑީ ‘އެމީހުންގެ’ ކިބައިން ސަލާމަތް ކުރުމަށް އަހަރެންގެ އިތްފަތްތެރިކަން ހޭދަވެގެން ދިޔުމަކީ އެއީ އަހަރެންގެ ކުށްހެއްޔެވެ؟ އެރޭ އަހަރެން ޖެހޭނީ ‘އެމީހުން’ ހަދާނެގޮތެއް ހެދުމަށް ވެންޑީ ދޫކޮށްލުމަށް ފަހު ފިލަން ހެއްޔެވެ؟ ސަހަރޯއެވެ. އަހަރެންގެ މައިންބަފައިން ވަކިވީއެވެ. ފިރިމީހާ ދިޔައީއެވެ. ދެދަރިންވެސް ވަކިވެ ދިޔައީއެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅުގެ ދައްތަ ސަލާމަތް ކުރެވޭތޯ ހާދަ މަސައްކަތެއް ކުރީމެވެ. އެކަމަކު ‘އެމީހުން’ ވެންޑީ މަރާލީ މަންމަގެ ކުރިމަތީގައެވެ. މަންމަ ދެކެ ތި ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ މަންމަ އަށް ތިހެން ނުހަދާށެވެ. ދަރިފުޅު ގާތުން މަންމަ މާފަށް އެދެން ބެނުންނަމަ، އެކަންވެސް އިޚްލާސްތެރިކަމާއެކު މަންމަ ކުރަމެވެ. މަންމަ ގާތަށް އަންނާށެވެ. މަންމަ ދަރިފުޅަށް ލޯބިދޭނަމެވެ. ދަރިފުޅުގެ ހުރިހާ މުހުތާދެއް ފިލުވައިދޭނަމެވެ….”
ޑައިރީގެ އެސަފުހާ ކިޔާ ނިމުނު އިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެރެނީއެވެ. ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. “މަންމާއެވެ! އަޅުގަނޑަށް މާފު ކުރާށޭ! އަދި އަންނާށެވެ! ތިޔަ އުނގުގައި އޮންނަން ބޭނުމޭ! ކިޔާ އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ދުވެފައިގޮސް މަންމަގެ އެނދުމަށްޗަށް ވެއްޓިގަނެވުނެވެ. މުޅި އެނދުގައި ބައްދައިގަނެވުނެވެ. އެނދުގެ ހުރިހާ ތަނެއްގައި ވަކިވަކިން ވަސްގަނެ ބޮސްދެވުނެވެ. މުޅި ހަށިގަނޑުގައި ތަޅާ ހަޅޭލަވަން ފެށުނެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. މަންމަ އަހަރެންނަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ބަދަލުގައި އަހަރެންނަށް ކޮށްދެވުނީ ކީއްހެއްޔެވެ؟ މަންމާއެވެ. އަދި އަންނާށެވެ. އަހަރެން މަންމަގެ ހިތް އުފާކޮށްދޭނަމެވެ. ފޫހި ފިލުވައިދޭނަމެވެ. ފޫހި ފިލުވައިދޭނަމެވެ. އެކުގައި މަޖާކުރާނަމެވެ. އަދި އަންނާށެވެ. އަޅުގަނޑަށް އޮޅުނީއެވެ. ނުވިސްނުނީއެވެ. ނަފުރަތު ކުރެވުނީއެވެ. އަޅުގަނޑާއި މެދު ހިތްހެޔޮ ކުރާށެވެ. އަޅުގަނޑަށް މާފުކުރާށެވެ.

މަފާޒު ޙަސަން ވިދާޅުވީ
ތާރީޚް:19/04/2009
އެއްޗެއް ވިސްނޭ ބަޔަކަށް ޢިބްރަތެއް ލިބޭފަދަ ވާހަކައެއް. މައިންބަފައިން ބެލުމަކީ ދަރީންގެ މައްޗަށް ވާޖިބެއް. ހަނދާން ކުރަންވީ، މައިންބަފައިން އެކަހެރިކޮށް، ރުޅިއައިސް އެމީހުންނަށް އަނިޔާކޮށް ނިކަމެތި ކުރަންޖެހޭނެ އެއްވެސް ޙާލަތެއް ނުވާނެކަން.
މ އިސްމާއިލް ވިދާޅުވީ
ތާރީޚް:19/04/2009
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި މާތް ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އަންގަވައި ދެވަނަ އަށް އަންގަވަނީ މައިންބަފައިންނަށް އޯގާތެރިވުމަށް. ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުން ޤުރުއާނުގެ މިއާޔަތުގެ ތަރުތީބު ކުރެވިގެން އައިސްފައިވާ ގޮތުންވެސް މައިންބަފައިންނަށް އޯގާތެރިވުމުގެ މުހިއްމުކަން ހާމަކޮށްދޭ. އެއީ އެބައިމީހުން ކޮންމެ ގޮތަކަށް އަމަލު ކުރިކަމުގައިވިޔަސް މާތް ﷲ އަށް އުރެދުމަށް އެދެމީހުން އަންގައިފުމަށް ދާންދެން އެދެމީހުންނަށް (މައިންބަފައިން) އޯގާތެރިވެ އަޅާލަން ޖެހޭ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:20/04/2009
ވާހަކަ ތަރުޖަމާ ކުރި ނޫރު އަށް:
މިއީ ނޫރުގެ ފުރަތަމަ ތަރުޖަމާ ކަމަށް ފެނޭ. މަރުހަބާ. އެކަމަކު އިސްލާހުކޮށްލަން ވާހަކަ އެއް ބުނެލާނަން. ތަރުޖަމާ ކުރާއިރު ބޭރުގެ ވާހަކަ އެއްވިޔަސް، ބޮޑަށް ބަލާ ދިވެހި ނަން ތަކަށް ބަދަލު ކޮށްލަން. މިސާލަކަށް ޖެކް ގެ ބަދަލުގެ ޖައުފަރު، ވެންޑީ ގެ ބަދަލުގަ ވަދީފާ، ޖޫލިއާގެ ބަދަލުގަ ޖަމްސީދާ. މިބުނީ ދެން ސީދާ އެއްވައްތަރު ނަމެއް ނޫނަސް ހަމަ ކޮންމެ ދިވެހި ނަމެއް ވެސް ބޭނުން ކޮށްލެވިދާނެ ތާ. ދެން ހައިސްކޫލުގެ ބަދަލުގަ ގުރޭޑު އެގާރަ ބާރަ ނޫނީ ސީއެޗްއެސްއީ ބޭނުން ކުރިނަމަ ދިވެހި މުޖުތަމައަށް ފެތޭނެ. މީދެން މަގޭ ހިޔާލު. އެހެން މީހުންވެސް އެއްބަސް ވާނެހެން ހީވަނީ.
ވާހަކަ ވަރަށް ފުރިހަމަ އިބްރަތްތެރި ވާހަކައެއް. ރަށްމެދަށް ވިހާފަ ހުއްޓަކަސް ނުޖެހޭ މައިންބަފައިންނަށް އެހާލު ޖައްސާކަށް. އެހާވަރަށް ލޯބިވެސް ދީފިތާ. ރީތި ވާހަކައެކޭ ބުނެވޭނީ.
ހާޝިމް ވިދާޅުވީ
ތާރީޚް:21/04/2009
“ކަންނެއްސޮރު” ތިޔަ ވިދާޅުވި އުސޫލަކީ، ތަރުޖަމާކުރުމުގެ އުސޫލެއް ކަމަކަށް އަޅުގަނޑަށް އަދި މިހާތަނަކަށް އެނގިފައެއް ނެތް. އެއީ ތަރުޖަމާކުރުމުގައި ޕްރޮޕާ ނައުން ނުވަތަ “ޚާއްޞަ ނަން” ތަރުޖަމާކުރުމަކީ، އަޅުގަނޑަށް މިހާތަނަށް ފެނުނު ލިޔުންތަކުގައި ކުރައްވާފައިވާ ކަމެއް ވެސް ނޫން. އެހެންނަމަވެސް އަޅުގަނޑު ދުށިން ރާއްޖޭގެ ކޮންމެވެސް ނޫހަކުން ވެސްޓްމިންސްޓަރ ހައުސް އަށް “ހުދު މިނިސްޓަރު ގެ” މިހެން ލިޔެފައިވަނިކޮށް. އެއީ ރަނގަޅު ގޮތެއް ނޫން. އެހެންވީމާ ވެންޑީ އަކީ ކޮންމެ ބަހަކަށް ބަދަލު ކުރިއަސް ހަމަ ވެންޑީ. ޖެކް އަކީ ކޮންމެ ބަހަކަށް ތަރުޖަމާ ކުރިއަސް ހަމަ ޖެކް. އެއީ ރަނގަޅު ގޮތަކީ. އަޅުގަނޑު ދަންނަން ގ. ކުދިފޭރުވާދީ ކިޔާ ގެއެއް މާލެއިން. ދެން އެގޭގެ ވާހަކަ އިނގިރޭސިބަހުން ލިޔަންޏާ “ސްމޯލް ގޯވާ ވެލީ ހައުސް” މިހެން ލިޔުނީމަ ކަމުދާނެތޯ؟ މިއީ ޕްރޮޕަ ނައުން ނުވަތަ ޚާއްޞަނަން. އިނގިރޭސިބަހަށް މިގޭގެ ވާހަކައެއް ތަރުޖަމާކުރަންޏާ ހަމަ ލިޔަންވާނީ ކުދިފޭރުވާދީ. މިހެން ދެންނެވިއަސް، އިނގިރޭސި ބަހުން ބައެއް ނަންނަން ހުރޭ އޭގެ ޢަރަބި ނަން ވެސް އޮންނަ. މިސާލަކަށް އެބްރަހަމް. ޖޯސެޕް، ލޮޓް، ޖޯނާ، މިއީ އިބްރާހިމް، ޔޫސުފް. ލޫތު، އަދި ޔޫނުސް. އެކަމަކު މިނަންތައް ވެސް މިގޮތަށް ޢަރަބި ބަހަށް އަނބުރާލަނީ އެރަސޫލު ބޭކަލުންގެ ވާހަކަ ތަރުޖަމާކުރާއިރު. އަޅުގަނޑުމެން ލިޔެގެން ނުވާނެ “ޖޯސެފް ވައިޓް” އަށް “ޔޫސުފް ހުދު” މިހެން. ނުވަތަ “ލޭޑީ ލިޓްލް އެޕްލްވައިޓް” އަށް “އަންހެން ކުޑަ އާފަލު ހުދު” ނުވަތަ “ހުދުއާފަލު ކުޑަ ކަނބުލޮ” މިއީ ދެން އަޅުގަނޑުގެ ޚިޔާލު އިނގޭތޯ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:21/04/2009
ހާޝިމޫ ދެން އަހަންނަކަށް ނޭނގޭ ގަވައިދު އޮންނަ ގޮތެއް. ތަރުޖަމާ ކުރާ އިރު ދިވެހި ވެއްޓަށް އޭތި ފެއްތެން އޮތް ގޮތަކަށް ފައްތާ ލާށޭ މިބުނީ. ނަން ތަރުޖަމާ ކުރާ ވާހަކަ އެއް ނޫނޭ. ބޭރު ނަމެއްގެ ބަދަލުގަ ދިވެހި ނަމެއް ކިޔާލަން މިބުނީ. ދެން ގަވައިދު އެގޮތް މަނާ ކުރަންޏާ ޗުކި. ކަލޯމެން ލިޔާނެ ގޮތަކަށް ލިޔޭ.