އަހްމަދު އަބްދުލް މަތީން
މިއީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަން، މިބާބުގެ މައްޗަށް ލިޔަމުންދާ ސިލްސިލާ އެކެވެ. މި ލިޔުމުގައި ކޮންމެ ހައްޤަކަށް ވަކިވަކިން ބަލާލެވިފައިވާނެއެވެ.
މިނިވަންކަމަކީ އޭގެ ޒާތުގައި ވަރަށްގިނަ ތަސައްރަފާތުތަކެއް އެމައްޗަށް ހުއްޓިފައިވާ އަސާސެކެވެ. މިނިވަންކަން މާނަކޮށްދެނީ އާއްމު ބަހުރުވައިންނަމަ ތިމާގެ އަމަލުތަކުގައި ޤައިދެއް ނުވާކަމެވެ. އެއީ ތިމާގެ އަމިއްލަ މަޤާޞިދުތައް ހާސިލްކުރުމަށް ތިމާ އެދޭ މަންޒިލަކަށް ދިއުމެވެ.
ނަމަވެސް މިނިވަންކަން އޭގެ އަސްލުމާނައިގައި ބޭނުންކުރެވޭނީ ޤާނޫނުތަކަށް ބޯލެބުމާއި އެކުގައި އަނެކާގެ ހައްޤަށް އަރައިނުގަނެވޭގޮތަށް ތިމާ އެހައްޤެއް ބޭނުންކުރުމަށެވެ. ފްރެންޗް ފިލޯސަފަރެއްކަމަށްވާ JEAN JACQUES ROUSSEAU
ބުނެފައިވަނީ “Man is born free, but everywhere he is in chains” ، އިންސާނާ އުފަންވަނީ މިނިވަންކަމާއި އެކުގައެވެ. އެހެންނަމަވެސް ކޮންމެތަނެއްގައި އޭނަވަނީ ބަނދެވިފައެވެ. ބައެއް ފިލޯސަފަރުން ދެކޭ ގޮތުގައި އިންސާނުން އަބަދުވެސް ވަނީ މިނިވަންކަމުގެ މަތީގައެވެ. މީގެ އަސްލަކީ އިންސާނާއަށް އަބަދުވެސް ކޮންމެކަމެއްގައިވެސް ދެވަނަ ގޮތެއް ، އިޚްތިޔާރުތަކެއް ލިބިދޭތީއެވެ. އަޅުގަނޑު މިލިޔުން ފެށުމުގެކުރިން މިގެނެސްދިނީ މިނިވަންކަމާއި ބެހޭ ކުޑަމަޢްލޫމާތުކޮޅެކެވެ.
އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި އަސާސީ ހައްޤުތަކާއި އަދި އެހައްޤުތައް ހިފެހެއްޓޭނެ ގޮތާއި އެކަމުގައި މަސްޣޫލުކުރެވިފައިވާ ފަރާތްތަކުގެ ޒިންމާވެސް ބަޔާންކޮށްދީފައިވެއެވެ. އަދި އެހައްޤުތަށް ކަށަވަރު ވެފައިވާ ގޮތްވެސް ލިޔެވިފައިވެއެވެ.
މަނާކުރެވިފައިނުވާ ކަންތައްތައް ކުރުމުގެ ޙައްޤު (ޤާނޫނު އަސާސީގެ 19 ވަނަ މާއްދާ)
މިމާއްދާގައި ރައްޔިތުންނަށް ކަށަވަރުކޮށްދެނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިދޭކަމަށެވެ. އެހެންކަމުން ކަމެއް މަނާކުރެވޭނީ އެކަމެއް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކުރެވިފައިވާނަމައެވެ. އަދި ޤާނޫނަކުން ކަނޑައެޅިގެން މަނާކުރެވިފައިވާނަމައެވެ. އިސްލާމީ ޝަރީޢަތުގައި ”ހުރިހާ އެއްޗެއްގެވެސް އަސްލަކީ ހުއްދަވުމެވެ. ނަމަވެސް އެއްޗެއް ހަރާމް ކަމުގެ ދަލީލެއް އަތުވެއްޖެނަމަ އެގޮތަށް ޢަމަލުކުރެވޭނެއެވެ. އެހެނީ ހަރާމްކަމަކަށް ބެލެވޭނެއެވެ”. އެކަމަކު ކުރުން ހަރާމްކަންތައްތަކާއި އަދި ހުއްދަނޫން ކަންތައްތައްވެސް ބަޔާންކުރައްވާފައިވެއެވެ. މިއީ ޢިލްމްވެރިންގެ އެއް ރަޢްޔެވެ. ކަނޑައެޅިގެން އިސްލާމްދީނުގައިވެސް ހަރާމް ހަލާލް ބަޔާންކުރެވިފައިވެއެވެ. ކިރިތި ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. “وما سكت عنه فهو مما عفا عنه “ މާނައަކީ ‘އަދި ޝަރީޢަތުގައި އެއްޗަކާއި މެދު ހަލާލް ނުވަތަ ހަރާމް ބަޔާންނުކޮށް ދޫކޮށްލާފައިވާ ތަކެތި ބޭނުންކުރިޔަސް މައްސަލައެއްނެތެވެ.” މިއީ ހަސަން ދަރަޖައިގެ ހަދީޡެއް ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ. ( ދެންއަންނަ ޢަދަދެއްގައި މިހަދީޡްގެ ސަނަދު ބަޔާންކުރާނަމެވެ.)
މިމާއްދާ މިގޮތަށް ގެނެސްދިނުމުގެ ބޭނުމަކި ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ކަންތައްތައް މަނާކުރެވެމުން ގޮސްފައިވުމާއި އެކަމުގެ ސަބަބުން އަމުރަށް ނުކިޔަމަންތެރިވީކަމަށް ބަލައި ދަޢްވާކުރެވި ޖަލަށްލެވި، އެތައް ޢުޤޫބާތެއް ދެވުމެވެ. އެހެންކަމުން ކޮންމެކަމެއްވެސް މަނާކުރެވެން ޖެހޭނީ ޤާނޫނަކުންކަމަށް ބުނެފައިވުމުން ވެރިކަންކުރާބާރުން ރައްޔިތުންނަށް ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި އިޤްތިޟާދީ ގޮތުންވެސް ކަމެއް މަނާކުރުމަކީ އުނދަގޫކަމަށް ވާނެއެވެ. (ނުނިމޭ)

އާދަނު ވިދާޅުވީ
ތާރީޚް:21/04/2009
ފަށާފައި ތިތަ އޮތީ ވަރަށް ބޭނުންތެރި ރަނގަޅު މައުޟޫއެކޭ ދެންނެވޭނީ.. އަދި މި މައުޟޫގެ ގޮތުން، ތިހަ ހެއްދެވީ ވަރަށް ޙިކްމަތްތެރި ގޮތެއްކަމުގައި ވެސް ދަންނަވަން، އެއީ އެކި ބައި ބަޔަށް ގެނެސްދޭ ގޮތަށް ހެއްދެވިކަން.. އެކަމަކު އެހާ ގިނަ ދުވަހު އިންތިޒާރުކުރަން ނުޖެއްސެވުން އެދެން.
އިއްބެ ވިދާޅުވީ
ތާރީޚް:21/04/2009
ރަނގަޅު ވާހަކައެއް. މާ ލަސްނުކޮށް މި ލިޔުމުގެ ނުނިމި އޮތްބައި ވާނެ ޝާއިއުކޮށްދޭން. ހަފުތާއެއް ފަހުން ގެނެސްދިނުން ރަނގަޅެއްނޫން. ދެ ދުވަސްތެރޭ އެންމެ ލަސްވެގެންވެސް ގެނެސްދިނުން މުހިންމު!
މުހައްމަދު ވިދާޅުވީ
ތާރީޚް:21/04/2009
މި ސައިޓަކީ އެކިއެކި ރަށްރަށުގެ ނަމުގައި ހިންގާ ސައިޓުތަކަށް ވުރެ މާ ކުރީގައި އުޅޭ ސައިޓެއް. ތަފާތު މައުލޫމާތު ލިބޭ. މަތީން ގެ ލިޔުން ވަރަށް ފުރިހަމަ. އެކަމަކު ހުދުފަށަށް ބޮޑު ނުކޮށް ދެވަނަ ބައި ގެނެސްދޭތި. މަތީނަކީ މިރަށު ކުއްޖެއްތަ؟ މިއީ، ހަމަ ވަރަށް ބޭނުންތެރި މައުލޫމާތު ތަކެއް ހިމެނޭ ސިލްސިލާ އެއް.
ހާޝިމް ވިދާޅުވީ
ތާރީޚް:21/04/2009
މަތީން ތިޔަ ފެއްޓެވީ ވަރަށް ރަނގަޅު މައުޟޫއެއް. ކޮންމެ ކަމެއް ވެސް މަނާކުރެވެންވާނީ ޤާނޫނަކުން ކަން ކަނޑައެޅުން އެއީ، އޭރު ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ޑްރާފްޓިންގ ކޮމިޓީގެ މުގައްރިރު އިބްރާޙިމް އިސްމާޢީލް އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމެއް. އެދުވަސްވަރު، އެބޭފުޅުންގެ މަޝްވަރާގައި، ޚިޔާލު ތަފާތުވީ “އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައި ނުވާކޮންމެ ކަމެއް” މިބައި މިމާއްދާއަށް ލާނީތޯ ނުވަތަ ނުލާނީތޯ. އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ، އެބައި މިމާއްދާއަށް ނުލީ ނަމަ ރަނގަޅު ވީހޭ. ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ، އެއާއި މެދު އެކިއެކި ބޭފުޅުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވާ އެއްޗެއް. އެއްބައި މުޖުތަމަޢުތަކާއި، މަޒުހަބުތަކުގައި ހުއްދަ ކަންތައްތައް އަނެއްބައި މުޖުތަމަޢުތަކުގައާއި މަޒުހަބުތަކުގައި އޮންނަނީ ޙަރާމްކަމެއްގެ ގޮތުގައި. އެހެންކަމުން އިސްލާމީ ޝަރީޢަތަކީ “ކޮޑިފައި” ކުރެވިފައިވާ އެއްޗަކަށް ނުވާތީ، އަޅުގަނޑަށް ހީވަނީ އެހެން އެމާއްދާގައި އޮންނާކަށް ނުޖެހޭނެހެން. މިހާރު އަޅުގަނޑުމެންނަށް ލާޒިމުވެގެންވަނީ، ޤާނޫނު އަސާސީގެ އެމާއްދާގެ ތަފްޞީލުކުރުމަށް “ދިވެހިރާއްޖޭގައި ކުރުން މަނާ ކަންތައްތައް” މިނަމުގައި ޤާނޫނެއް ހެދުން. އެހެންނޫނީ، އިސްލާމީ ޝަރީޢަތުގެ ނަމުގައި ވަރަށް ނޭދެވޭ ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް. އަދި މިމާއްދާ ޤާނޫނު އަސާސީއަށް ވެއްދި މާތް މަގުސަދު ފުރިހަމައަށް ޙާޞިލްވުމަށް ހުރަސް އެޅޭނެ.
ޗަކަވަޅު ވިދާޅުވީ
ތާރީޚް:21/04/2009
ހޫން. ހަމަ ރަނގަޅު މިލިޔުން. މަށަށްވެސް ވަރަށް ކަމުދޭ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:21/04/2009
މަތީނު ވާނެ ލަސްނުކޮށް އެހެން މި ސީރީޒްގެ އެހެން އެޕިސޯޑެއް އަވަހަށް ގެނެސްދޭން. މިވަރަށް ފައްކަލޭ. މިއީ ދިވެހި ކޮންމެ ދަރިޔަކަށްވެސް އެނގެން ޖެހޭނެ ކަންކަން.
އެބައޮތް ހިޔާލެއް. ފަހަރެއްގަ މިވެދާނެ މޮޔަ ހިޔާލަކަށްވެސް. ސެކަންޑަރީ ސްކޫލާ ހިސާބުން ނޫނީ އެގާރަ ބާރަ ކިޔަވާ އިރު މިކަހަލަ މައުލޫމާތު ކުދިންނަށް ކިޔައި ދިނުން ވަރަށް މުހިއްމު ހެން ހީވަނީ. ދެން ސަބްޖެކްޓް އެއް ގޮތުގަ ނޫނަސް މައުލޫމާތު ދޭން ބޭއްވިދާނެތާ ކޮންފަރެންސް އެއްޗެހި. މިސާލަކަށް ފަޔާ އެންޑް ރެސްކިޔު ވެސް ކިޔާ ދެއެއްނު. އޭރުން އެކުދިން ސްކޫލު ނިމޭއިރު ތަންކޮޅެއް ހަރުދާނާ ވާނެހެން ހީވަނީ. ދެން ކަލޯމެންނަށް ކަމުދިޔަސް ނުދިޔަސް މިވެސް ހިޔާލެއް.