Share

ދިވެހިރާއްޖެއަށް ޑެޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަނެއްގެ މުހިއްމުކަން

ދިވެހިރާއްޖެއަށް ޑެޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަނެއްގެ މުހިއްމުކަން
ބަދުރުއްދީން ޙަސަން

ޑެޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަނެކޭ ބުނީމާ އެއީ ކޯޗެއްކަން ގިނަ މީހުންނަށް ނޭނގިދާނެއެވެ. ދިވެހިރާއްޖޭގައި އެފަދަ ތަނެއް ހުންނަކަމެއް އަޅުގަނޑެއްވެސް ނުދެނަހުރީމެވެ. އަލިފާނުގެ ހާދިސާތަކާއި އެކްސިޑެންޓްތަކުން ލިބިދޭ ގެއްލުންތަކާއި ސިއްހީ ޚަރަދުތައް ކަވަރުކޮށްދޭން މިހުންނަ އާދައިގެ އިންޝުއަރެންސް ކޮމްޕެނީ ތަކަކީވެސް އެތަންތަނުން ޑެޕޮސިޓް އިންޝުއަރެންސް ގެ ހިދުމަތެއް ދޭ ތަންތަނެއް ނޫނެވެ.

ޑެޕޮސިޓް އިންޝުރެންސަކީ ދުނިޔޭގަ ހިނގާ ހާދިސާއެއް ނުވަތަ މާލީ ތަދުމަޑުކަމެއް (ފައިނޭންސިއަލް ކްރައިސިސްއެއް) ގެ ސަބަބުން ބޭންކު ތަކަށް ދިމާވެދާނެ ހީނަރު ކަމަކުން، ބޭންކް ބަނގުރޫޓު ވެގެން ހިނގައިދާނެ ހާލަތެއްގައި، ބެންކުގެ ކަސްޓަމަރުން ބަހައްޓައިފާ ހުންނަ ޑެޕޮސިޓް ރައްކާތެރިކުރުމަށް ދެވޭ އިންޝުރެންސް އެކެވެ.

މާލީ ތަދުމަޑުކަމެއް ކުރިމަތިވެ ބޭންކަށް އޮންނަ އިތުބާރު ކަސްޓަމަރުންނަށް ގެއްލިއްޖެނަމަ “ބޭންކް ރަން” އަކާދިމާލަށް ދިއުމަކީ އެކަށީގެން ވާކަމެކެވެ. ބޭންކް ރަން އެކޭ ބުނެވޭ ބަހުގެ މާނަކީ ބޭންކަކަށް އޮންނަ އިތުބާރު ގެއްލުމުން ކަސްޓަމަރުން އެމީހުންގެ ޑެޕޮސިޓްތަށް ބެންކުގައި ބަހައްޓަން ރައްކާތެރިކަމަށް ނުފެންނާތީ ބޭންކުން އެމީހުންގެ ޑެޕޮސިޓްތައް ނެގުމަށް އަވަސް ވެގަތުމެވެ. މިފަދަ ހާލަތެއްގައި ކަސްޓަމަރުން އެމީހުންގެ ފައިސާކޮޅު ނަގާ އެކައުންޓުތައް ހުސްކޮށްލައިފިނަމަ ބޭންކުން ފައިސާ ހުސްވެ ކުއްލިގޮތަކަށް ބަނގުރޫޓުވެދެއެވެ.

މާލީ ތަދުމަޑުކަމެއްގައި ބޭންކް ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށާއި ބޭންކް ރަން އަކުން ރައްކާތެރިވުމަށް ކަސްޓަމަރުންނަށް ބެންކާއި މެދު އޮންނަ އިތުބާރު އުފެއްދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއިތުބާރު އުފެއްދޭނީ ޑެޕޮސިޓް އިންޝުރެންސް ކޯޕަރޭޝަނެއް ގައުމުގައި ހުރެގެންނެވެ.

އެފަދަ ކޯޕަރޭޝަނެއްގެ ވާޖިބަކީ ބެންކުތަކުގައި މީހުން ބަހައްޓާ ޑެޕޮސިޓް އިންޝުރެންސް ކުރުމެވެ. އޭރުން ބޭންކަށް މާލީ ގޮތުން ދަތިދުވަސްތަކަކާއި ކުރިމަތިވެގެން އުޅުނު ކަމުގައި ވިޔަސް، ކަސްޓަމަރުންގެ ފައިސާކޮޅު އަނބުރާ ލިބޭނެ ކަމުގެ ގެރެންޓީ ކަސްޓަމަރުންނަށް އޮންނާނެއެވެ. އެހެންކަމުން ބޭންކް ރަން އާއި ބަނގުރޫޓުވުމުން ދުރުކޮށްދޭނެއެވެ.

މިފަދަ އިންޝުރެންސް އަކަށް ޕްރީމިއަމް ދައްކަން ޖެހެނީވެސް ޑެޕޮސިޓަރުންގެ ބަދަލުގައި ގައުމުގެ ބޭންކު ތަކުންނެވެ. އެއީ ގައުމުގެ ފަރުދުންގެ މާލީ ރައްކާތެރިކަމަށްޓަކައި ބޭންކުތަކުން ދޭންޖެހޭނެ ހިދުމަތެކެވެ. ދެން އުފެދޭ އަނެއް ސުވާލަކީ މިއިންޝުރަންސް އިން ކަވަރުކޮށްދޭނީ ޑެޕޮސިޓް ކޮށްފައި ހުންނަ ފައިސާގެ ކިހާ މިންވަރެއް ހެއްޔެވެ؟ ބައެއްގައުމުތަކުގައި ހުންނަ މިފަދަ ޑެޕޮސިޓް އިންޝުރަންސް ޚިދުމަތްދޭ ކުންފުނިތަކުން، ސައްތައިން ސައްތަ ކަވަރޭޖެއް ދެއެވެ. އަނެއްބައި ގައުމުތަކުގައި ހުންނަ މިފަދަ ކޯޕަރޭޝަންތަކުން ސައްތައިން ސައްތަ ކަވަރު ނުކުރި ކަމުގައި ވިޔަސް ބޮޑުބައެއް ކަވަރުކޮށްދެއެވެ. ބޭންކް ބަނގުރޫޓު ވެއްޖެ ހާލަތެއްގައި އިންޝުރެންސް ކުރިވިފައިވާ ފައިސާ މިކޯޕަރޭޝަނުން ސީދާ ކަސްޓަމަރުންނަށް ރައްދުކޮށްދޭނެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަށް މިހާރު މިވަނީ މާލީ ތަދުމަޑުކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ ބޮޑެތި ބައެއް ބޭންކްތައް ވަނީ ބަނގުރޫޓުވެފައެވެ. އިންޝުއަރެންސް ކޮމްޕެނީތައްވަނީ އިނދަޖެހިފައެވެ. މިމާލީ ތަދުމަޑުކަމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. އަދި ދާދިފަހުން އޯޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އާއި މެދު ކަސްޓަމަރުންގެ އިތުބާރު ފަނޑުވެގެން ދިޔަތަންވެސް ފެނުނެވެ. ބައެއް މީހުން އެކައުންޓުތައް ހުސްކޮށް ގޭ “ބާލީސް ދަށުގައި” ފައިސާކޮޅު ރައްކާވެސް ކުރިޔެވެ.

ބޭންކު އޮފް މޯލްޑިވްސްއަށް ކުރިމަތިވި އެކުޑަކުޑަ ލޮޅުން އެއީ އަދި ބޭންކް ރަން އެކޭ ނުވަތަ ބޭންކް ރަން އަކާއި ދިމާއަށް ދާން އުޅުނީއޭ ބުނާވަރަށްބުރެ ކުޑަކުޑަ ލޮޅުމެކެވެ. އެހެންނަމަވެސް އެފަދަ ހާލަތަކަށް ތައްޔާރު ވުމަށްޓަކައި ޑެޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަނެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ. ކިރިޔާ އަޑެއް އިވޭއިރަށް ބޭންކުގައި ހުންނަ ފައިސާކޮޅު ނަގަން އޭރުން މީހުން ދުއްވައެއް ނުގަންނާނެއެވެ. އެއީ ޑެޕޮސިޓް އިންޝުއަރެންސުން އެމީހުންގެ ލާރިކޮޅު ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެތީއެވެ.

އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ދިވެހި ބޭންކް ވެސް ވަނީ ވައްކަންކުރުމާއި އަލިފާނުގެ ހާދިސާ ފަދަ ކަމަކުން ދިމާވެދާނެ ކަމަކަށް އިންޝުރެންސް ކުރެވިފައެވެ. ނަމަވެސް ސީދާ ކަސްޓަމަރުންގެ ޑެޕޮސިޓް އިންޝުރެންސް ކުރެވިފައި ހުންނަކަމެއް އެނގިފައެއް ނެތެވެ. އެހެންކަމުން ޑެޕޮސިޓް އިންޝުރެންސް ކޯޕަރޭޝަނެއް ދިވެހި ސަރުކާރުން އިސްނަގައިގެން އުފެއްދުމަކީ ލާޒިމުކަމެކެވެ. އެއީވެސް ރައްޔިތުންނަށް ލިބެންޖެހޭނެ އަސާސީ ޚިދުމަތެކެވެ. އޭގެ މުހިއްމުކަން ރާއްޖެއަށް ވަރަށްބޮޑެވެ.

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    އެބަ ރަނގަޅުވޭ އިނގޭ.. ތަފާތު ސްޓައިލުގެ ތަފާތު ލިޔުން ފެނުނީމަ ވަރަށް ސިކުނޑިއަށް ތާޒާކަން ގެނެސްދޭ

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    އަޅުގަނޑު ދަންނަވާނީ ވަރަށް ވެސް ފުރިހަމަ އަދި ލޯހުޅުވާލަދެނިވި މަޒުމޫނެކޭ. އާދަނު ވިދާޅުވިހެން މިފަދަ ތަފާތު މަޢުޟޫތަކަށް މިސައިޓްގައި އިންސާފުކުރައްވާފައިވާ ތަކެތި ކިޔާލުމުން ސިކުނޑި ތާޒާވެލައި، ދަބަރުތައް ކެހިގެންދޭ. ހަމަ ޝައްކެއް ވެސް ނެތް. ޑިޕޮޒިޓް އިންޝުއަރެންސް ކޯޕަރޭޝަނަކީ، ބުންޒީލަ ތިޔަ ވިދާޅުވިހެން ނުހަނު މުހިންމުކަމެއް. ވަކިން ޚާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަށް. ތިޔަ ފަދަ ހަރުދަނާ މަޒުމޫނެއް ލިޔުއްވިއިރު، އަމިއްލަ ނަން ނުޖެއްސެވީތީ ސުވާލުކޮށްލަން ބޭނުން. އެކަމަކު އަނެއްހެން އެއީ މައްސަލައެއް ނޫން. ވަނަމަށް ކްރެޑިޓެއް ލިބުނަސް، އެއީ މަޒުމޫނު ލިޔުއްވި ފަރާތަށް ދާނެ އެއްޗެއްތާ. ދަންނަވާލަން އޮތްހާ ވެސް އެއްޗަކީ، ވަރަށް ރަނގަޅު ލިޔުއްވުމެކޭ މިއީ.

  3. ޔޫނުސް ޙާދީ‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ދިވެހިރާއްޖޭގެ އިގްތިސޯދީ، މާލީ ދާއިރާ އަދިވެސް އޮތީ ވަރަށް ޅަފަތުގައި. ކޮންމެހެން ގާއިމުކޮށްފައި ހުންނަންޖެހޭނެ، އިންސްޓިޓިއުޝަން ތަކާއި، ގާނޫނުތައް ތައްޔާރުކުރުމަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނެތް. ބެންކާއި ކުންފުނިތަކުގެ ބޯޑަށް މީހުން އިސްކުރުމުގައި، ބަލަމުން ގެންގޮސްފައިވަނީ ބިޒްނަސް ޚިޔާލަކަށްވުރެ ބޮޑަށް ސިޔާސީ ޚިޔާލަކަށް.

    މި މަޒްމޫނު ކިޔާފައި އަހަރެން ހަނދާންވީ، ބޭންކް އޮފް ކުރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) ބަނގުރޫޓްވި ހާދިސާއަށް. އެ ބެންކުގެ މާލޭ ގޮފީގައި ދިވެހިންގެ ފައިސާކޮޅު ނުލިބިގެން ތެޅުނު ތެޅުން މަތިން ހަނދާންވީ.

  4. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މިއީ ވަރަށް މުހިއްމު އިޝޫ އެއް ކަމުގަ ފެނޭ. އެއީ ބޭންކް އެއް ބަނގުރޫޓު ވުމަވީ ގައުމު ވަރަށް އެހެން ކަހަލަ ހާލަތަކަށް ވެއްޓޭނެ ކަމެއް. ހާއްސަކޮށް ދިވެހިރާއްޖޭގައި ހުންނަނީ ދިވެހި މެއިން އެއް ބޭންކް. އެފަދަތަނެއްގެ ކަސްޓަމަރުން ގެ އިތުބާރު ހިފެހެއްޓުން މުހިއްމު. އެހެންނޫނީ ކިރިޔާ އަނެއް އިވޭ އިރަށް ބޭންކް މުޅިން ބަނގުރޫޓު ވެދާނެ. އަދި ބަނގުރޫޓު ވެދާ ތަނުގައި ކަސްޓަމަރުންގެ ލާރި ކޮޅު ސަލާމަތް ކުރެވޭނެ. މިފަދަ ކޯޕަރޭޝަނެއް މިހާރުން މިހާރަށް އެބަޖެހޭ ހަދަން.

  5. ފިނދަނަ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ކަލޯ މިރަށު މީހުންނަކަށް ނޭނގޭ ކަންނޭގެ އިންޝުރެންސަކީ ކޯޗެއް ކަމެއްވެސް. ދެން މިކަހަލަ އެއްޗެއް އަދި އެނގޭނީ ކިހިނެތް. އެހެންވެ މިރަށުމީހުންނަށް ކޮމެންޓެއްވެސް ކޮށްލަން ނޭނގިފަ މިއޮތީ.