Share

ކުޅުދުއްފުށީ ބިން ބޭނުންކުރުމުގެ ޕްލޭނާއިމެދު

ކުޅުދުއްފުށީ ބިން ބޭނުންކުރުމުގެ ޕްލޭނާއިމެދު
މުޙައްމަދު ޢަލީ

(މިއީ 07-12-24 ވީދުވަހު މިސައިޓުގައި ޝާއިރު ކުރެވުނު ލިޔުމެކެވެ.)

ކުޅުދުއްފުށި ތަރައްޤީވެ ދިރިއުޅުން ފަސޭހަ ރަށަކަށް ވެގެންދާތަން ދުށުން އެއީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންގެ އުއްމީދެއް ނޫނެވެ. އުތުރުގެ ހަތަރު އަތޮޅުގެ މީހުންވެސް އެމީހުންގެ ބޭނުންތައް ފުދޭނޭ ރަށެއް، ކައިރީގައި އޮތުމަށް އެދޭނެއެވެ. އެހެނީ މިހާރު ކިތަންމެ ކުޑަކަމެއް ކުރުމަށްވެސް ޖެހެނީ ދަތުރު ހަދައިގެން މާލެ ދާށެވެ.

އެމީހުން އެފަދައިން އުއްމީދު ކުރާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ މާލެއަކީ މީހުން ދިރިއުޅޭން އެންމެ ރަނގަޅު މާހައުލެއް ކަމުގައި ނުވުމެވެ. ތޮއްޖެހިފައިވުމާއި، އިޖްތިމާއީ މައްސަލަތަކުގެ ހާއްޔަކަށް މާލެ ވެފައި ވުމެވެ. ހިޖުރަކުރާ މީހުންނަށްޓަކައި ޖަހަންނަމައަކަށް ވެފައި، ރަށުގެ އަސްލު ރަށްވެހީންނަށްޓަކައި ރަންގަނޑަކަށް ވެފައިވުމެވެ. އެހެންކަމުން ކުޅުދުއްދުށީގެ ބިން ހިއްކައި ޕްލޭން ކުރާއިރު މާލޭގެ ތަޖުރިބާއަށް ވިސްނައި ޢިބްރަތްލިބިގަތުން މުޙިއްމު ކަމުގައި އަޅުގަނޑު ދެކެމެވެ.

މާލޭގައި ޢިޖްތިމާއީ މައްސަލަތައް ނުކުތުމުގެ އެއް އަޞްލަކީ ޒުވާނުންނަށް ކުޅިވަރުކުޅެ، ހިތްފަސޭހަކޮށްލާން ނުކުމެލާނޭ ހުސްތަނެއް ނެތި، މަގުމަގާއި ގޯޅި ގޯޅީގެ ކަންމަތީގައި ތިބެން ޖެހުމެވެ. މިހާރު ކުރައްސަވައި ޢާއްމު ކުރައްވައިފައިވާ ކުޅުދުއްފުށީގެ ބިން ބޭނުން ކުރުމުގެ ޕްލޭންގައި ވާގޮތުން ވަރަށްގިން ‘ފެހި’ އޭރިޔާތަކެއް ތަރައްޤީ ކުރެވޭނެއެވެ. ނަމަވެސް ކުރެހުމުން ދޭހަވާ ގޮތުގައި މިފަދަ އޭރިޔާތަކަކީ ހުޅުވިފައިވާ، ބިންތަކެކެވެ. ފުޓުބޯޅަ ދަނޑުތަކެކެވެ. ބެޑްމިންޓަން، ޓީޓީ ނުވަތަ އެނޫންވެސް އިންޑޯ ކުޅިވަރެއް ކުޅެލުމަށް ބޭނުންވާ މީހުންނަށް ބޭނުންވާފަދަ ޢިމާރާތެއް ނުފެނެއެވެ.

ނަސީބު ދެރަކަމުން، ރަށުގެ މަގުތައް ހެދެމުން އައިސްފައިހުރީ ދުއްވާ އެއްޗެހި ދުއްވުމަށް އެކަށީގެންވާފަދަ ގޮތަކަށް ނޫނެވެ. ތެދު އޮތީ އެންމެ ތިން މަގެވެ. މިކަމުގައި ދެންއިތުރަށް ކުރެވޭނޭ ކަމެއް ނެތް ނަމަވެސް ހިއްކާ ސަރަހައްދުގެ މަގުތައް ހަދާއިރު، ވީހާވެސް ތެދުކޮށް، ވީހާވެސް ފުޅާކޮށް ހެދޭތޯ ބެލުން މުހިއްމެވެ. އެހެންނޫނީ ކުޅުދުއްފުށީގެ ބާޒާރުމަތިވެސް ވެގެންދާނީ، ބާޒާރުކުރަން ކޮންމެހެން ޖެހިގެންނޫނީ މީހުން ނުދާ، ތޮއްޖެހިފައިވާ ތަނަކަށެވެ.

އެޓޯލް މިނިސްޓްރީގެ ވެބް ސައިޓުގައި ވާގޮތުން ކުޅުދުއްފުށީގެ ހަޤީޤީ ބޮޑުމިނަކީ 172 ހެކްޓަރެވެ. މިބިމުން ދެވޭނީ މުޅި އެކު 2712 ގޯއްޗެވެ. މިހާރު މީހުން ދިރިއުޅެނީ ގާތްގަނޑަކަށް 1562 ގޯތީގައެވެ. ރަށުގެ އާބާދީގެ ނިސްބަތުން ކޮންމެ ގޯއްޗަކަށް ޖެހެނީ އެވަރެޖް ގޮތެއްގައި 5 މީހުންނެވެ. ފަސްމީހުންނަކީ އެއް ގެއެއްގައި އުޅެން މަދު ބަޔެއްނޫނެވެ. މާނައަކީ، މިހާރު ދެމުންދާގޮތަށް، ކައިވެނި ކުރާ ކޮންމެ ދެމަފިރިޔަކަށް ގޯއްޗެއް ދޭން ވެއްޖެނަމަ، ރަށް ފުރޭއިރު ރަށުގައި ދިރިއުޅޭނީ ގާތްގަނޑަކަށް 14000 މީހުންނެވެ. ހިއްކާ އޭރިޔާއާއި އެއްކޮށް މުޅި ރަށުގައި އޭރުން ދިރިއުޅޭނީ 15000 މީހުންނެވެ. އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް ކުރިއެރުމަށް ބަލާއިރު 15000 މީހުން އެއީ ވަރަށް މަދު ބަޔެކެވެ.

ރަށުން މިހާރު ދެވިފައިވާ ގޯތިތައް އަތުލުމަކީ ވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އުތުރުގެ މަރުކަޒީ ރަށެއްގެ ގޮތުން، ކުޅުދުއްފުއްޓަކީ ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންގެ ތަނެއްކަމުގައި ދަޢުވާ ކުރެވޭ ކަށެއްވެސް ނެތެވެ. އެހެންކަމުން ރަށުން ހިއްކަން ހަމަޖެހިފައިވާ އެގާރަ ވަރަކަށް ހެކްޓަރުގައި މީހުން ދިރިއުޅުމަށް ހެދޭ ގެތަކަކީ، ރަށުގެ ރައްޔިތުންނަށާއި، ރަށަށް ހިޖުރަކުރަން އެދޭމީހުންނަށް ހަމަހަމައަށް ހުޅުވާލެވިފައިވާ، ފްލެޓްތަކެއް ކަމުގައި ހެއްދެވުން ކިހިނެތް ވާނެތޯއެވެ؟ މިހާރުގެ ޕްލޭންގައިވެސް ފްލެޓްގެ ގޮތުގައި ޢިމާރާތްކުރެވޭ ދެތަނެއް ވެއެވެ. ތަރައްޤީގެ މަރުކަޒަކަށް ބޭނުންވާނީ އެންމެ ދެ ފްލެޓްބަރި ތޯއެވެ؟

ފްލެޓް ހެދުމުން ކުޑަ ތަންކޮޅެއްގައި ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. ފުލެޓްތަކުގެ ވަށައިގެން ފެހި އޭރިޔާތަކެއް ހެދުމުން ހިތްފަސޭހަވާނެއެވެ. ސަރުކާރުން ވިއްކަވާ ފްލެޓް ގަތުމަށް ޚަރުދުކުރެވޭ މިންވަރުގެ އެތައް ގުނައެއް އިތުރަށް، އެފެންވަރުގައި ގެވަޅެއް ހަދަން ވެއްޖެނަމަ ޢާއްމުންގެ މީހުން ޚަރަދު ކުރަން ޖެހޭނެއެވެ. އެހެންކަމުން ފްލެޓް ގަތުމަކީ ޙަގީގަތުގައި ގެވަޅެއް ލިބުމަށްވުރެ ފައިދާ ހުރި ގޮތެކެވެ. ލާރި ދެއްކުމަށް ދިގު މުއްދަތެއް ދިނުމުން ބުރައެއް ނުވާނެއެވެ. އެއިރުން މީހުންގެ ދިރިއުޅުމުގެ ފެންވަރުވެސް މަތިވެގެން ދާނެއެވެ. ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ބަޔަކަށް ފަސޭހަވެ، ޚަރަދު ކުޑަވެގެން ދާނެއެވެ.

ގިނަ މީހުން އުޅުމަކީ ރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ލިބިގެންދާ ކުރިއެރުމެއް ކަމުގައި ވާނެއެވެ. އަދި ހިޖުރަ ކުރާމީހުންނަށްވެސް ހެޔޮ އަގެއްގައި ދިރިއުޅެވޭގޮތަށް ހަމަޖެހިފައި ހުރުމުން، އެމީހުންގެ އާމްދަނީގެ ތެރެއިން ކުލިދެއްކުމަށްފަހު ޚަރަދުކުރުމަށް ލިބޭ ބައި ބޮޑުވެގެންދާނެއެވެ. މިހާރު މާލޭގައި އުޅޭ މީހުންނަށް ކުލިދައްކާފައި، އެހެން އިތުރު ޚަރަދެއް ކުރާނޭ ލާރިއެއް ބާކީއެއް ނުވެއެވެ.

ހިޖުރަ ކުރާމީހުންނަށްޓަކައި ފްލެޓްތަކެއް ނުހެދިއްޖެނަމަ އަނެއްކާވެސް މާލޭގެ ތަޖުރިބާ އިޢާދަވީއެވެ. ކުޅުދުއްފުށީގެ ރައްޔިތުންނަށް ބިން ރަނަށްވެފައި، ހިޖުރަކުރާމީހުންނަށް ގިނަވާނީ އަނގަޔާއި އަތާއި ދިމާނުވާ ފަހަރެވެ. ދިގު މުއްދަތަކަށް ބަލާއިރު، ތަރައްޤީގެ މަޝްރޫޢުގެ ފައިދާ ލިބޭނީ ރަށުގެ ރަށްވެހިންނަށެވެ. މުއްސަނދީންނާއި ފަޤީރުންގެ ފަރަޤު ކުޑަކުރުމުގެ އިޤްތިޞާދީ ލަނޑުދަނޑި ޙާޞިލެއް ނުވާނެއެވެ.

އަޅުގަނޑަކީވެސް ކުޅުދުއްފުށީގެ ރަށްވެއްސަކީމެވެ. ނަމަވެސް ހިޖުރަކުރާމީހުން މާލޭގައި އުޅޭ ހާލުގައި އަޅުގަނޑުމެންގެ ރަށުގައި އުޅޭތަން ދެކޭކަށް ބޭނުމެއް ނޫނެވެ. އެހެން މީހުން ހިޖުރަ ނުކުރާނަމަ ކުރިއެރުމުގެ ދުވެލި ވަރަށްވެސް ލަސްވާނެއެވެ. އަޅުގަނޑު ދެކެން ބޭނުންވަނީ މީހުން ހިޖުރަ ކުރާހިތްވާފަދަ، ރަށުގެ ރައްވެހިންނަށާއި، އެހެންމީހުންނަށް، އަގުހެޔޮކޮށް، އެއްފެންވަރެއްގައި އުޅެވޭފަދަ ތަރައްޤީގެ މަރުކަޒެކެވެ. އެއްބަޔަކު އެއްވެސް މަސައްކަތެއްނުކޮށް އަނެއްބައި މީހުން ކުރާ މަސައްކަތުން ދިރިއުޅޭ މުޖުތަމަޢެއް ނޫނެވެ.

ވީމާ، ކުޅުދުއްފުށީގެ ބިމާވެއްޓަކީ ދުޅަހެޔޮ ރައްޔިތަކަށް ތައްޔާރު ކުރާ އެއްޗަކަށް ހަދަމާތޯއެވެ. ބޯދާ ގޮތަށް ކޮންމެ ދެމަފިރިޔަކަށް ކުޑަ ގޯއްޗެއް ދިނުމުގެ ބަދަލުގައި، އަލަށް އިތުރުކުރާ ބިމުގައި ފުލެޓް އެޅުމަށް އިސްކަންދެމާތޯއެވެ. ކުރިމަގަށް ބަލާއިރު، ފައިދާ ބޮޑީ މިގޮތުގައެވެ.

,

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މިއީ ޒަމާނީ ވިސްނުމާއި، ތަޢުލީމާއި، ދުނިޔޭގެ ތެރެއަށް ލޯހުޅުވިފައިވުމުގެ ނަތީޖާގެ ތެރެއިން ފުރޭނިގެން އައި ނުހަނު ހިތްގައިމު، އެހާމެ އޮއްޓަރުހުރި މަޒުމޫނެއް. މިއީ، ރަށު ގޮނޑުދޮށުން، އަތޮޅުގެ އަސްދަނޑިން، އަދި ރާއްޖޭގެ ސަރަޙައްދުން ބޭރަށް ތިމާގެ ޚިޔާލުގެ އަސް ގެންދިޔުމުގެ ލާމަސީލު މިސާލެއް. މުޙައްމަދު ޢަލީ ލިޔުއްވާފައިވާ ކޮންމެ ޖުމްލައަކާ އަޅުގަނޑު އެއްބަސް. އަޅުގަނޑަކީ، ކުޅުދުއްފުށީގެ ރަށްވެއްސަކަށް ނުވިޔަސް، އަޅުގަނޑުގެ ހިތްވަނީ އެރަށަށް ނުހަނު ބޮޑަށް ޖެހިފާ. އެހެންވީމާ، މިސައިޓަށް ވަދެލާ މިހެން މިއުޅެވެނީ ވެސް. އަޅުގަނޑު ދަންނަވާނީ ތިޔަ ފާޅުކުރެއްވި ޚިޔާލާއި އެއްގޮތަށް ކަންކަން ކުރެވިއްޖެނަމަ، އަޅުގަނޑުގެ ޙަޔާތުގެ ބައެއް ކުޅުދުއްފުށީގަ ޝާޢިރުންނަކީ ޅެންވެރިން. މުޙައްމަދު ޢަލީގެ ޚިޔާލަށް ވަރަށް ބޮޑަށް މަރުޙަބާކިޔަން. އި ހޭދަކުރާނެކަމީ، އަޅުގަނޑުގެ ނަފްސަށް އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނޭ. އަޅުގަނޑަށް ހަމަ ގައިމު މިޚިޔާލުގެ އެތައް ބަޔަކު ރާއްޖޭގެ އެތަންމިތާނގައި އުޅޭނެކަން. އެހެންނަމަވެސް، ދަންނަވާލާނަން ވާހަކައެއް. މަޒުމޫނުގެ އެންމެ މަތީގައި ބްރެކެޓްގައި ލިޔުއްވާފައި އެއޮތް “ޝާޢިރު” އަކީ ކުށް ބަހެއް. ލިޔުމެއް ޝާޢިރެއް ނުކުރާނެ. ކުރާނީ “ޝާއިޢު”.

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ކޮމެންޓް ޕޯސްޓްކުރެވުނު އިރު ޓެކްނިކަލް މައްސަލައެއް ޖެހިފައިވާތީ، އެކޮމެންޓްގެ ފަހަތުބައި އަސްލު އޮންނާނީ މިހެން “އަޅުގަނޑު ދަންނަވާނީ ތިޔަ ފާޅުކުރެއްވި ޚިޔާލާއި އެއްގޮތަށް ކަންކަން ކުރެވިއްޖެނަމަ، އަޅުގަނޑުގެ ޙަޔާތުގެ ބައެއް ކުޅުދުއްފުށީގައި ހޭދަކުރާނެކަމީ، އަޅުގަނޑުގެ ނަފްސަށް އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނޭ. އަޅުގަނޑަށް ހަމަ ގައިމު މިޚިޔާލުގެ އެތައް ބަޔަކު ރާއްޖޭގެ އެތަންމިތާނގައި އުޅޭނެކަން. އެހެންނަމަވެސް، ދަންނަވާލާނަން ވާހަކައެއް. މަޒުމޫނުގެ އެންމެ މަތީގައި ބްރެކެޓްގައި ލިޔުއްވާފައި އެއޮތް “ޝާޢިރު” އަކީ ކުށް ބަހެއް. ލިޔުމެއް ޝާޢިރެއް ނުކުރާނެ. ކުރާނީ “ޝާއިޢު”. ޝާޢިރުންނަކީ ޅެންވެރިން. މުޙައްމަދު ޢަލީގެ ޚިޔާލަށް ވަރަށް ބޮޑަށް މަރުޙަބާކިޔަން.”

  3. މުޝްރިފް އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ކުޅުދުއްފުއްޓަށް ތިމާވެއްޓާއި އިގްތިސޯދީގޮތުން މިހާރު ދެން އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ގޯތި ދޫކުރުމުގެ ބަދަލުގައި، ފުލެޓްއެޅުން.

    ފުލެޓް އެޅުމާއި ދެކޮޅަށް ޕެޓިޝަން ހުށައަޅަން އުޅުނު މީހުންނަކީ އެމީހުންގެ ދަރިންގެ ކުރިމަގާއި މެދު މާ ބޮޑު ފަރުވާލެއް ނެތް ބައެއް.

    ޕެޓިޝަނަށް ދޭ ސަމާލުކަމަށްވުރެ، ދުރު މުސްތަގުބަލެއްގައި ކުޅުދުއްފުއްޓަށް ފައިދާވާނެ ގޮތަށް ކަންތައްތައް ކުރުމަށް ސަރުކާރުން ސަމާލުކަން ދިނުމަށް ދަންނަވަން.

  4. އަސްރަފު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މޯޑުގެ މިފަހަރުގެ ލިއުން ވަރަށް ބަރާބަރު މިކަހަލަ ގިނަލިއުން ތައް ފެންނާނެކަމަށް ހީކުރަން.

  5. ނަޢީމް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ކުރީފަހަރު މޯޑްގެ ނަމުގައި ލިޔުނީ މުހަންމަދު ޢަލީ އެއް ނޫން. އެއީ އެހެން މީހެއް.

    ކުޅުދުއްފުއްޓަށް ފުލެޓް ބޭނުންވާ އެންމެ މުހިންމު ސަބަބަކީ، އޭރުން ގިނަ ބަޔަކަށް ރަށުގެ ބިމުން ބޯހިޔާވަހިކަން ލިބޭނެތީ.

  6. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މުހައްމަދު އަލީ މި ލިޔުން ލިޔުނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ކުރިން. އޭރު ތިބުނާ ބިން ބޭނުން ކުރުމުގެ ޕްލޭން އެކުލަވާލިތާ ދުވަސް ކޮޅެއް ވެއްޖެ. އަދި އެ ޕްލޭން އެއް ހެދިފަހުން މިހާރު ގައިމުންވެސް ތިން އަހަރެއްހާ ދުވަސް ވެދާނެ ކަންނޭގެ. ދެން އަޅެ ބުނެބަލަ! މިހާރު އެޕްލޭންގައި ވާގޮތަށް ކިތައް ކަންތައް ކޮށްފިތަ؟ ނޫނީ އެޕްލޭން އަށް އަމަލީ ސިފަ އަންނަން ފަށައިފިތަ؟ އަދި އެއް ސުވާލު…އަންނިގެ ވެރިކަމުގައި މިހާރުގެ ކައުންސިލަރު އާދަން ވަހީދު ކިހާވަރަށް އެޕްލޭން އަށް އިސްކަން ދޭނެބާ؟ އެނގޭ ކުއްޖަކު މިސުވާލު ތަކުގެ ޖަވާބު އަޅެ ދީބަލަ. ނޫނީ ކޮންމެ ވެސް ކުއްޖަކު އާދަން ވަހީދު ކައިރިޔަށް ގޮސްލައިގެން މައުލޫމާތު ކޯޅެއް ހޯދާފަ މީގަ ނިކަން ލިޔެލަބަލަ؟

  7. ހޭޅި‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ޕްލޭން ކުރިޔަށް ދާކަމެއް ނޭނގެ. އެކަމަކު އެޕްލޭން ކުރެހުމެއްގެ ސިފައިގަ ރަށު އޮފީހު ފާރުގަ އަޅުވާލާފަ ހުއްޓަ ދުށިން.

  8. ޝިއުނާ‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މަ އަޑު އެހެން ބިން ހިއްކުމުގެ ޕްލޭން (30 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް) ކުރިޔަށް ގެންދިޔުމަށް އެމްޓީސީސީ އާ އެކު އެއްބަސްވުމެއްގަ ސޮއިކުރި ވާހަކަ. ދެން ވީގޮތެއް ނޭނގެ. ދެން ރަށުގަ ތިބި ކުދިން އަޅެ މިކަން ވީގޮތް ވެސް ބަލާލާފަ ބުނެލަ ދީބަލަ.

  9. ރޮބަޓް ގޭޓްސް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ފުލެޓް ނޫން އެހެން އެއްޗެއް ކުޅުދުއްފުށީގައި ދެނެއް އަޅައިގެނެއް ނުވާނެ.
    ސަބަބު
    1. ބިން ހުސްވެއްޖެ
    2. ގެދޮރު އަޅާނެ ތަނަވަސްކަމެއް ގިނަބައެއްގެ އަތަކުނެތް
    3. ގެދޮރުއެޅުމަށް ޚަރަދުކުރުމާއެކު ދަރިންނަށް ހިއްގައިމު ތައުލީމެއްމެއް ހޯދަންޖެހޭ އެވަރަކަށް ފައިސާއެއްނެތް.
    4. ސަރުކާރަށް އަދި ކުންފުނިތަކަށް ބިން ދޫކުރުމަށް ބޭނުންވޭ. ސަބަބަކީ ވަޒީފާގެ ފުރުސަތު ބޭނުންވޭ ރަށުގެ ތަރައްޤީ ބޭނުންވޭ. ރަށުގެ ފަރުދުންގެ އަތްމަތި ތަނަވަސްވިވަރަކުން ރަށުގެ އިގްތިސާދު ރޮކެޓެއްހެން އަރައިގެންދޭ.
    5. ރަށުގައި ކިޔަވައިގެންތިބި ޒުވާނުން ވިސްނަންވީ އަހަރެމެންގެ ދަރީންގެ ދަރިންވެސް ދިރިއުލެން އޮތް ފުށި ކަމަށް މިއީ. ވިސްނާ ފިކުރުކުރޭ. ތިމާގެ ސިކުޑިން ވިސްނަވާނެވެ.

  10. ކޫސް‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    އަސްލު ފްލެޓްއެޅުމަށް މަވެސް ވަރަށް ތާޢުދު. އެހެންންމަވެސް ރަށުގެ ގިނަމީހުން އަދިވެސް ބޭނުންވަނީ ގެވަޅު. ފުރަތަމަ އެފަދަ
    މީހުން ހޭލުންތެރި ކުރުވަންވީ. ކޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑު ބިމެއް. ވަރިހަމަ ގެއެއް
    އަޅާނެ ތަނަވަސް ކަމެއް ނެތަސް، އަނެއްކޮޅުން ގެވަޅު ލިބުނީމަ އެތަނުގަ ވަށާ ފާރުގަނޑެއް ރާނާނުލެވޭ ތާނގަ ، ގިނަ ގެވަޅުތައް އޮންނަނީ ގޮނޑެއްހެން. އެކަމަކުވެސް އެމީހުން ގެވަޅު ނުލިބިގެން ހީވަނީ އެއހެންފަދަ ކަމެއްހެން. މަރުވީމަ ސަންދޯއް ވަޅުލާނެ ތަންކޮޅެއް ނުލިބިދާނެތިން ބޭނުންވާ ގަވަޅެއް ތޯއްޗެ……

  11. މުޙައްމަދު ޢަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    ލިޔުމަށް ޚިޔާލު ފާޅު ކުރެއްވި ހުރިހައި ފަރާތްތަކަށްވެސް ޝުކުރިއްޔާ. ކޮމެންޓްތައް ކިޔަމުން ދިޔަ އިރު ފާހުގަ ކުރެވުނު ކަމަކާއި ބެހޭގޮތުން އެއްޗެކޭ ދަންނަވާލަން ކަމަށް.
    އަސްރަފްގެ ކޮމެންޓުން ދޭހަވާ ގޮތުގައި، ބައެއް ކިޔުންތެރީން އެބަ ހީފުޅު ކުރައްވާ މޯޑުގެ ނަމުގައި އެހެންމީހެއްގެ ލިޔުމެއް މި ސައިޓްގައި ޖެހީ އަޅުގަނޑޭ. އެހެންވީމައި އަޅުގަނޑު ހިތުން ކަން އޮތްގޮތް ސާފުކޮށްލައި ދިނުން އަޅުގަނޑަށް ވާޖިބު ވެއްޖެ.
    އަޅުގަނޑުގެ ލިޔުމެއް މި ސައިޓައް ނުފޮނުވޭތާ ވަރަށް ޒަމާން ވެއްޖެ. އެންމެ ފަހުން ފޮނުވި ލިޔުމުގެ މައުޟޫއަކަށް އޮންނާނީ “ވެލަންޓައިންސްޑޭ”. އެކަމަކު ހަމަ ޤަވާއިދުން މި ސައިޓް ކިޔާ މީހެއް އަޅުގަނޑަކީ.
    އަޅުގަނޑު ފޮނުވާ ހުރިހައި ލިޔުމެއްގައި އޮންނާނީ އަޅުގަނޑުގެ ފުރިހަމަ ނަން ޖަހާފައި ނުވަތަ “ކަނޑިންމައި އުޅާގަނޑު” މި ޤަލަމީ ނަން ބޭނުންކޮށްފައި.
    ވީމާ ސައިޓުގެ ކިޔުންތެރީންނާއި އަޅުގަނޑުގެ ރަޙްމަތްތެރީންނަށް މިކަން އަންގާލަދިނުން ރަނގަޅުވާނޭ ހިތައް އެރީ. ޝުކުރިއްޔާ!

  12. އަސްރަފު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މިހާރު ސާފު ވެއްޖެ .ޝުކުރިއްޔާ

  13. އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:22/04/2009

    މި ލިޔުން ކިޔާލީމަ ވެސް ވިސްނިއްޖެ ރަށުގަ ފުލެޓު އަޅަންވީ ސަބަބު.. ކޮމެންޓުކުރާ މީހުން ވަސް ބޭނުންވަނީ ފުލެޓުއަޅަން.. ރަށު ގިނަ މީހުން ބޭނުންވަނީ އެގޮތްބާ؟ މަ ހަމަ ގައިމުވަސް ބޭނުމީ އެގޮތް..

  14. dog‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ބުނެލަން އޮތް ވާހަކައަކީ މިރަށަށް ބީރައްޓެހިން އަރައިގެން އުޅޭ ވަރު މީހަރުވެސް މަދެއް ނޫނޭ، އެހުރިހާ މީހުންނަށް ގެވަޅު ނުވަތަ ފުލެޓް ދީފިނަމަ އަޅުގަނޑުމެން އުފަންވި މިވަޒަނުގައި އުޅެން ޖެހޭނީ އެމީހުންހޭ ނުވަތަ އަހުރެމެންހޭ، މިއީ ކިހާ ދެރަކަމެއް އަޙުރެމެން އުފަން ފަސްގަނޑުގައިވެސް މިހާރުގެ ކުދިންގެ ހިޔާލުހުރި ގޮތުން ތިބޭކަށް ބޭނުމެއް ނޫން، އެބަޔަކު ރަށުގައި އެބަޔަކު ތިބެންވީނުން، އެހެން މީހުންނަށް އުނދަގޫ ނުކޮށް. އެގޮތަށް މިރަށަށް ގަދަ ވާން އުޅެންޏާ ގޮތެއް ހަދައިނުލާ މަށަކަށް ނުރެވޭނެ.

  15. ސުނޭ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ކަންނެއްސޮރަށް:
    ތިޕްލޭންގަ އެއޮތް ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. ފުރަތަމަ ފިޔަވަހި ނިންމަން ޖެހެނީ މިއަންނަމަހުގެ 14 އަށް. އެކަމަކު އެދުވަހަށް ނުނިމިދާނެކަމަށް ހައުސިން މިނިސްޓްރީ އިން ކަންނޭގެ މިދިޔަ ހަފްތާގަ ބުނި. އިތުރު މައުލޫމާތެއް ނޭނގޭ.

  16. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ޑޯގަށް ހާދަ ނުވިސްނެޔޭދޯ. މިތާ މިދަށްކަނީ ބީރައްޓެހިން ގެންނަވާހަކަ އެއް ނޫން. ފުރަތަމަ މިކިޔަނީ މިރަށު މީހުންގެ މުސްތަގްބަލަށްޓަކައި ފުލެޓު އަޅަންވީއޭ. އަދި އެއަށްފަހު ބީރައްޓެހިންނަށްވެސް ފުރުސަތު ހޯދައިދޭށޭ.

    ބީރައްޓެހިން ގިނަވާތި ކަލޯ ކަންބޮޑު ވީމަ މަ އަދި އެއްވާހަކަ ބުނެލާނަން. ތަނެއް ތަރައްގީވެ ދިއުމަށް އެތަނެއްގެ އާބާދީ ބޮޑުވުމަކީ ލިބޭނެ އެންމެ ރަނގަޅު ކަންތައް. ދެމީހަކާ ގަމީހަކާ ފަޅިއެއް ތަނެއްގަ އުޅެންޏާ އެތަނެއް ތަރައްގީއެއް ނުވާނެ. މާލެ ތަރައްގީވެފަ އެހެން ރަށްތައް ތަރައްގީނުވީ ކީއްވެތަ ކަލޯ. އެއީ މާލޭގަ މީހުން އޮތީމަ. ނޫނީ މާލެއަށް މީހުން ގޮސް ވަޒަންވެރިވާން ފެށީމަ. ދެން ތަންކޮޅެއް ބޮޑު މިސާލެއްވެސް ބުނެފާނަން. މިހާރު އެންމެ ބާރަށް ކުރިއަރައިގެން އެދާ ދެ އެކޮނޮމީއަކީ ކޮބާ؟ އެއީ އިންޑިއާ އާއި ޗައިނާ…ކީއްވެގެންތޯ؟ އާދެ، އާބާދީ ބޮޑުވީމަ. ކަލޯ ދެންމާ ރަށު ފަސްގަނޑުވެގެން ތިއުޅެނީ ތިބުނާ ބީރައްޓެހިންތަކާ ހުރެޔޭ ރަށުގެ ވިޔަފާރިތައް އެހިންގެނީ. ގަންނާނެ ބަޔެއް ތިބެގެންނޭ ވިޔަފާރި ކުރެވޭނީ. ކަލޯ ރަނގަޅަށް ވިސްނަބަލަ. އެންމެ 8000 މީހުން އެއީ ކޯޗެއްތަ ކަލޯ.

  17. އާދަން ވަހީދު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    އަޅުގަނޑަކަށް ނޭނގޭ އަދި ޕުލޭން އޮތްގޮތެއް