Share

އާއެކެވެ. ރަނގަޅު ވާނީ ފުލެޓެވެ.

އާއެކެވެ. ރަނގަޅު ވާނީ ފުލެޓެވެ.
އަހަރެން ދެކޭގޮތް

(މިއީ 07-12-30 ވީދުވަހު މިސައިޓުގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.)

ބިމަކީ ބޭނުންވަރަކަށް ދަމާ ދިގުކޮށް ބޮޑު ކުރެވޭނެ އެއްޗެއްނޫނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެވެސް ބިން ބޮޑު ކުރެވޭނީ ވަކި ވަރަކަށެވެ. އެއީވެސް ތިމާވެށި ގުރުބާން ކުރުމަށްފަހުއެވެ. ކުޅުދުއްފުށީގެ ބިން ބޮޑުކުރެވެން އޮތީ، މިރަށުގެ ހުޅަނގު ފަރާތު ފަޅު ހިއްކައިގެންނެވެ. ކުޅުދުއްފުށީގެ ބިން ބޮޑުކުރަން ހަމަޖެހިފައިވަނީ ވެސް މިގޮތަށެވެ.

ބުނަން މިއުޅޭ ވާހަކައަކީ، އާބަން މިނިސްޓަރީއިން ތައްޔާރު ކޮށްފައިވާ ކުޅުދުއްފުށީގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގައި އެވާ ވަރަށް، ބިން ހިއްކުމުން އިތުރަށް ހިއްކާނެ ބިމެއް، މިރަށުގައި ކުޅި ފިޔަވާ، ނޯންނާނެ ވާހަކަ އެވެ.

ވީމާ، ބިން ބޭނުން ކުރާނޭގޮތް، ނުހަނު ރަގަޅަށް ރޭވެން އެބަޖެހެއެވެ. ބިމަކީ އަންނަން އޮތް ޖީލުތަކަށް އޮތް އަމާނާތެކެވެ. ރަށްވެހިކަމުގެ ގޮތުން ކުރިއަރާފައިވާ، ދުޅަހެޔޮ އާބާދީއެއް އޮތް ރަށަކަށް މިރަށް ހަދަން ބޭނުންނަމަ، ރަށުގައި ފެހިކޮށް ބާއްވާނެ ތަންތަން ފާހަގަކުރަން މާބޮޑަށްވެސް މިހާރު ލަސްވެއްޖެ ކަމުގައި ދެކެމެވެ.

ހަމަ މިގޮތަށް ސަރުކާރުގެ ބޭނުމަށް ބިން ދިނުމުގައި އެދޭ ބިމުގެ ސައިޒާއި މެދު މިރަށުގެ ވެރިންނާއި، ރަށްކުރިއަރުވާ ކޮމިޓީއިން އިތުރަށް ވިސްނަން ވެސް އެބަ ޖެހެއެވެ. އަހަރެން ދެކޭގޮތުގައި ސަރުކާރުގެ ބޭނުންތަކަށް މިރަށުން ދޫކޮށްފައިވާ ބައެއް ބިންތަކަކީ، ބަލަން ވާވަރަށް ނުބަލައި، ބިމުގެ ސައިޒާއި މެދު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ވިދާޅުވީތީ “ވެދުމަށް އަރުވާފައިވާ” ބިން ތަކެކެވެ.

އަލަށް ތައްޔާރުކޮށްފައިވާ ކުޅުދުއްފުށީގެ ފިޒިކަލް ޑިވެލޮޕްމެންޓް ޕްލޭނުގައި ވާގޮތުން، ފުލެޓް އެޅުމަށް ހަމައެކަނި އެންމެ ދެކޮށި ޚާއްސަ ކުރުމަށްފަހު، ދެންހުރީ ރެޒިޑެންޝަލް ޕްލޮޓްސް އެވެ. ނުވަތަ ވަކިވަކި ފަރުދުންނަށް ގޯތި ދޫކުރުމަށް ޚާއްސަ ކޮށްފައިވާ ބިންކޮޅުތަކެކެވެ. ބިން ކޮޅުކޮޅޭ މިބުނީ ހަމަ ގަސްތުގައެވެ. ހަނި ދިގަށް ހުރި ކުދިކުދި ގޯތިތަކަކަށް ވީމައެވެ.

ކުޅުދުއްފުށީގެ ބިމުން ވީހާ ގިނަބަޔަކަށް ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެއެވެ، ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ މައްޗަށް ރައްޔިތުން ލާޒިމުކުރާ ކަމެކެވެ. އަހަރެން ހިތުން، މި ވެބްސައިޓްގައި އެހެން ލިޔުންތެރިޔަކު ލިޔެފައިވާ ފަދައިން، ކުޅުދުއްފުށީގެ ކުރިމަގަށް އެންމެ ފައިދާ ބޮޑުވާނީ، ގޯތިދިނުމުގެ ބަދަލުގައި ފްލެޓް އެޅުމުންނެވެ. އެހެނީ، އޭރުން ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ގޯތިގެދޮރުގެ މުހުތާދުތައް ރަށުގެ ބިމުން ފުއްދައި ދެވޭނެއެވެ.

ފްލެޓް ޢިމާރާތް ކުރާއިރު ފެންވަރުގެ ގޮތުންވެސް ތަފާތު ގިންތި ތަކަށް ޢިމާރާތް ކުރެވިދާނެއެވެ. މިގޮތުން ފައްކާނުކޮށް ހުންނަ ފުލެޓާއި ކޮންމެވެސް ވަރަކަށް ފައްކާ ކޮށްފައި ހުންނަ ފްލެޓްގެ އިތުރަށް މުޅީން ފައްކާކޮށްފައި ހުންނަ ފްލެޓް ވެސް ޢިމާރާތްކުރެވިދާނެ އެވެ. ނޫނީ، ކޮޓަރީގެ ޢަދަދަށް ބަލާފައިވެސް ފުލެޓް ގިންތިކުރެވިދާނެއެވެ. މިގޮތަށް ހެދުމުން، ގެދޮރު ބޭނުންވާ މީހުންނަށް އިޚްތިޔާރުތަކެއް ދެވުނީއެވެ.

ފްލެޓްގެ ކުލިދައްކައި ޚަލާޞްކުރުން އެކަށީގެންވާ ދިގު މުއްދަތަކަށް ހަމަޖެއްސުމުން ދައްކަން ޖެހޭ މަހުކުލި ކުޑަކުރެވިދާނެއެވެ. އަދި ވަކި މުއްދަތެއްގެ ކުރިން ފުލެޓް މިލްކުކުރެވޭ ގޮތް ހަމަޖެއްސުން މުހިންމެވެ. ސަރުކާރުން ފުލެޓް އަޅައިދިނުން އޮންނަން ވާނީ ބޮޑު ވިޔަފާރިއަކަށް ވާގޮތަކަށް ނޫނެވެ. ނަމަވެސް ހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބަކަށް ވާތީ، އެވާޖިބު އަދާކުރުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައެވެ.

ކުޅުދުއްފުށި، ރަށްވެހިކަމުގެ ގޮތުން ކުރިއަރަމުން ދިޔަވަރަކަށް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވަމުން ދާނެއެވެ. ވީމާ، ބިން ބޭނުންކުރާނޭ ގޮތެއް ރާވަން ޖެހޭނީ، ކުރިމަގަށް ވިސްނަމުންނެވެ. އަލަށް ހިއްކާ ބިމުން ގޯތިދިނުމަށް ނިންމުމުގެ ކުރިން އަދި އެއްފަހަރު ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. އަހަރެމެންގެ ބޯދާ ފިކުރު، ޒަމާނީ ފިކުރަށް ތަން ނުދޭކަމަށްވާނަމަ، ތިބެންޖެހޭނީ، ހަމަ ތިބި ތާނގައެވެ.

,

‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބެރި‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަވެސް ބޭނުމީ ފުލެޓު.

  2. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ވަރަށްފައްކާ، ތިޔާކަހަލަ ކުރީގެ ލިޔުންތައް ގެނެސްދޭން ފެށިކަމައްޓަކައި ސުކުރުދަންނަވަން.

  3. 21 ސެޓްފިކެޓްގެ ވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ފުލެޓް އެޅުމާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ އަމިއްލަ އެދުން ބޮޑު ބައެއް. އެމީހުން އެވިސްނަނީ ބޯހިޔާވަހިކަން ލިބެންޖެހޭނީ އެމީހުންނަށް އެކަނި ކަމަށް. ފުލެޓް އަޅައިފިނަމަ މާ ގިނަ ބަޔަކަސް ބޯހިޔާވަހިކަން ލިބޭނެ.

  4. ކޫސް‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަވެސް ބޭނުމީ ފްލެޓް. އަސްލުވެސް ގޯތި ބޭނުންވެގެން އެ އުޅެނީ ހަމަ އަމިއްލަ އެދުން ބޮޑުމީހުން. އެމީހުން ބޭނުންވަނީ މިލްކިއްޔާތުގައި ބޮޑު ބިމެއް އޮންނަން. އެ ވަރިހަމަ ވަށާފާރުގަނޑު ރާނާލާނެ ފަދައެއް ނެތަސް.

  5. ޢަމީރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަ ވެސް ބޭނުންވޭ، ގޯތި. އެކަމަކު އެއީ ބޭނުން ކިތަންމެ ވިޔަސް ދެން ލިބެން ނެތް އެއްޗެއް. ތިމާވެއްޓަށް ބެއްޔަސް ރަނގަޅުވާނީ ފުލެޓް އެޅިއްޔާ. އިޖްތިމާޢީ ގޮތުން ބެއްޔަސް ރަނގަޅުވާނީ ފްލެޓް އެޅީމާ.

    ސަބަބަކީ: (ހ) ފްލެޓް އެޅީމައި، ހުސް ބިންތައް ބޭއްވޭނެ. އޭރުން ‘އައްބާސް’ އާއި ‘އިއްޑު’ އެ ލިޔުނު ހެން، ރަށުގެ ފެން ފަށަލަ ރަނގަޅުވުމަށް ބާރަކަށް ވާނެ. އެހެން ނޫނަސް ރަށަށް ފެހިކަންވެސް އިތުރުކުރެވޭނެ.
    (ށ) ފްލެޓް އެޅީމައި މީހުން އެއްވެލައި،އުޅޭނެ ބިންތައް ގާއިމުކުރަން ފަސޭހަވާނެ. ޒުވާނުން ކުޅިވަރުކުޅެން ބިންތައް ކަނޑައަޅަން ބިން އޮންނާނެ.

    އެކަމަކު ގޯތި ދީފިނަމަ، ބޯހިޔާވަހިކަން ލިބޭނީ މާ މަދު ބަޔަކަށް.

  6. އަހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަށަށް ވަރަށް ފާހަގަކުރެވޭ، މި ސައިޓުގައި މި ރަށުގެ ބިމާއި ބެހޭގޮތުން ވަރަށް ގިނައިން ލިޔާކަން. މިއީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ލިޔުމެއް ކަމަކު އަނެއްކާވެސް މިދުވަސްވަރަށް ހިރަފުސް ފޮޅާލަން ވަރަށް ރަނގަޅު ލިޔުމެއް.

    ދެން ބުނެލަން އޮތީ، ފިޒިކަލް ޑިވެލޮޕްމެންޓް ޕްލެނުގައި ކުރިން ފުލެޓް އެޅުމަށް ދެކޮށި ހަމަޖައްސާފައި އޮތްކަމަށް ވީނަމަވެސް، އެޕްލޭނު މިހާރުވަނީ ބަދަލުކޮށް، އަލަށް ހިއްކާ ސަރަހައްދުގައި، މުޅިންވެސް ފްލެޓް އަޅާ ގޮތައް ނިންމާފައޭ. ޔަގީން ނުވާ، އެކަމަކު ވަރަށް އިތުބާރުހުރި ފަރާތަކުން ލިބުނު މައުލޫމާތެއް މިއީ.

    ދެން ސައިޓްގެ ފަރާތުން މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން ބިމުގެ މައްސަލަތަކާއި ގުޅޭ ކެމްޕޭނު ޖެއްސީމާ މަ ވަރަށް ހިތްހަމަޖެހިއްޖެ. ކުރިއަށް ގެންދޭ

  7. އޭނާ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަވެސްބޭނުމީ ފްލެޓް، އެކަމަކު މީ ވާނެ ކަމެށްބާ!!!

  8. ކަދާމާލި‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މިހާރު އަނެއްކަ ގެވަޅުދޫކުރަނީ އޭނުން.

  9. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    އަހަންމަދު ތިދިން މައުލޫމާތު ކޮޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

1 Trackbacks For This Post

  1. ރޯހައުސް އަޅަނީ ހެއްވާލަން ކަމަށްބާ؟  | Kulhudhuffushi.com‮ ‬ވިދާޅުވީ


    ތާރީޚް: 14/07/ 2010

    [...] އާއެކެވެ. ރަނގަޅު ވާނީ ފުލެޓެވެ. [...]

    [...] އާއެކެވެ. ރަނގަޅު ވާނީ ފުލެޓެވެ. [...]