ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އެމްޑީޕީއާ އިދިކޮޅު ފަރާތްތައް ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމުގައި ނުވާނެހެއްޔެވެ؟ އިންތިހާބަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ޤާނޫނީ ކުށެކެވެ. ފ އަތޮޅު ކައުންސިލަރު އެއަތޮޅު ފީއަލީގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި މިފަދައިން އިންޒާރު ދިންކަން ބައެއް ކިޔުންތެރިންނަށް ނޭގި އޮވެދާނެއެވެ. އެހެނަސް މިއީ ހިނގި ހާދިސާއެކެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ފ ފީއަލީގައި އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ހަމްޒާގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފ އަތޮޅު ކައުންސިލަރު ދެއްކެވި ވާހަކައިން ބައެއް މިތަނުގައި ނަކަލު ކޮށްލަމެވެ. “އަޅުގަނޑުމެން ހިތް ކެތްތެރިއޭ. އަޅުގަނޑުމެންގެ ރައީސް އެވިދާޅުވަނީ ކެތްތެރި މަޑުމައިތިރި ސުލްހަވެރިކަމާއި އެކު މަސައްކަތް ކުރާށޭ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އެގޮތަށޭ. އެކަމަކު ކޮން ދުވަހަކަށްތޯ؟ މޭމަހުގެ 15 އާއި ހަމައަށް. އަޅުގަނޑު މަގާމާއި ހަވާލުވުމުގެ ހަތް ދުވަސް ކުރިން އަޅުގަނޑާ ދިމާލަށޭ ބުނީ އެމްޑީޕީގެ ސަރުކާރެއް މިތަނަށް ހިންގަން އައިސްފިއްޔާ ހުވަފެން ދައްކާލަނަމޭ. ބަލަ އެހުވަފެން ދެއްކި މީހާ މިއަދު އެހުރީ އަޅުގަނޑު ކައިރީގައި. އާދެ އާދެ ކިޔާލަން، މިބުނީއޭ ނުބައިތިއްބާނަމޭ. އަޅުގަނޑު މިދަންނަވަނީ ނުބައި ތިއްބާނަމޭ މޭ 15 ގެ ފަހުން. އަޅުގަނޑަށް އެދެއްކި އަނިޔާއާ އަޅުގަނޑަށް އެދެއްކި ވޭނާ ތުރާތައް އެމީހުންނަށް ދައްކާނަމޭ އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑު އިހްލާސްތެރިކަމާއެކު މިދަންނަވަނީ ތިޔަބޭފުޅުންނާ ރޭގަ އަޅުގަނޑު ހަވާލުކުރި މަސައްކަތް ނިންމަދޭށޭ. މާދަމާ އިރާދަ ކުރެއްވިއްޔާ ލަފުގައި ހިފާފައި އެއްލާލަދޭނަމޭ.”
މިފަދަ ހަރުކަށި އަދި އާދައިގެ ބަހުރުވައަކުން ފ އަތޮޅު ކައުންސިލަރު ވާހަކަ އެ ދެއްކެވީ ކޮން މަޤުސަދެއްގައި ބާވައެވެ. މިއީ ހަމައެކަނި ފ އަތޮޅު ކައުންސިލަރުގެ ނިންމުން ބާވައެވެ؟ ނޫނީ މިއީ ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު އެތިއްބެވި ކައުންސިލަރުންގެ ވެސް ނިންމުންބާއެވެ؟ މިއީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލު ތަކެވެ. ދެން އޮތީ ކައުންސިލަރަށް ސިވިލް ސާރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު އެ މުވައްޒަފަކު އިންތިހާބުގައި ވޯޓު ދިނުމުގެ ސަބަބުން ނުވަތަ އެދާއިރާއަށް އެމްޑީޕީގެ ކެނޑިޑޭޓް ފިޔަވައި އެހެން ކެނޑިޑޭޓަކު ހޮވިއްޖެނަމަ ވަޒީފާއިން ވަކި ނުކުރެވޭނެއެވެ. އެކަމަކު އޮތް ހަމައެކަނި ފުރުޞަތަކީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބި އަދި ކޮނޑި ކޮއްކޮ ސިވިލް ސާރވިސް ކޮމިޝަނެއް އެކުލަވާލުމެވެ. އޭރުން ރައީސް ނަޝީދު ބޭނުންވާ މީހަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން އަދި ސިވިލް ސާރވިސްގެ ޤާނޫނުގެ ދަށުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ އެ ޤާނޫނު ތަކުގައި ބުނެފައިވާ ކުށެއް އެމުވައްޒަފަކު ކުރުމުންނެވެ.
މައުމޫނުގެ ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ވާހަކަ އެންމެ ގިނައިން ދެއްކި އެއްބަޔަކީ މިއަދުގެ ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނެވެ. މައުމޫނުގެ ސަރުކާރުން އިންތިހާބު ތަކުގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރާ ވާހަކަ ވެސް އެންމެ ގިނައިން ދެއްކި ބަޔަކީ ހަމަ އެއީއެވެ. ވެރިކަން ބަދަލުވެ ސަރުކާރު ހިންގުން އެމްޑީޕީ އަށް ލިބުމުން މަންޒަރުވެސް މިއޮތީ ބަދަލުވެފައެވެ. މައުމޫނުގެ ސަރުކާރު ބޭނުން ނުވެގެން، އެސަރުކާރުން ހިންގާ ޖަރީމާތަކުގެ ސަބަބުން އެކަންތައްތަކުން ސަލާމަތް ވުމަށްޓަކައި ހޮވި އެމްޑީޕީގެ ސަރުކާރުވެސް މިއަދު މިސްރާބު ޖަހާފައިވަނީ 30 އަހަރުވީ ސަރުކާރުގެ އަމާޒުފަތްގަނޑަށެވެ.
ރައީސް ނަޝީދު އައްޔަން ކޮށްފައިވާ ކައުންސިލަރުން ދައުލަތުގެ މުދާ ބޭނުން ކޮށްގެން ކެމްޕޭން ކުރަން ގޮވާލަނީ ފާޅުގައެވެ. ރައީސް ނަޝީދު އެންމެފަހުން ރ އަތޮޅަށް ކުރެއްވި ސަރުކާރުގެ ރަސްމީ ދަތުރުގައި ކޮންމެ ރަށަކަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ކަމަކީ އެރަށެއްގައި ހުންނަ އެމްޑީޕީގެ ކެމްޕޭން ޖަގަހަ ތައް ހުޅުވައި ދެއްވުމެވެ. އެދަތުރު ތަކުގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާނަމަ އެދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުވި ވަރުގެ އެއްބައި ނުވަތަ ވަކި އިންސައްތައެއް އެ ޕާޓީއަކުން ދޭންޖެހޭނެކަމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ. އޮޑިޓަރ ޖެނެރަލް އެހެން އެންގެވީ ކުރީގެ ސަރުކާރުން އެފަދަ ދަތުރުތަކެއް ކޮށްފާވާ ކަމަށް ބުނެއެވެ. އޭރު އެހެން އެންގެވިޔަސް މިހާރުގެ ސަރުކާރުން މިފަދަ ކަމެއް ކޮށްފިނަމަ އޮޑިޓަރ ޖެނެރަލަށް ނިދިން ހޭފުޅުލެއްވޭނެ ކަމާއި މެދު ސުވާލު އުފެދެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވޭގޮތަށް ކުރަމުން ގެންދާ މަސައްކަތްތައް ހުށްޓާލުމަށް ދައުލަތުގެ ބަންޑާރަ ނައިބުވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އެހެނަސް މިއަދު ރައީސް ވިދާޅުވަނީ އެއީ އެބޭފުޅުން ލާނެތް ވަނީ ކަމުގައެވެ. ދައުލަތުގެ ބަންޑާރަ ނައިބު ޤާނޫނީ ލަފައެއް އަރުވައި އިރަށް އެކަމަނާ ލާނެތް ވަނީކަމަށް ވިދާޅުވުމަކީ ރައީސް ނަޝީދުގެ ޤާބިލް ކަމާއި މެދު ސުވާލުއުފައްދާ ކަމެކެވެ. މިނިވަން ކޮމިޝަނަކުން ނުވަތަ އެހެންވެސް ފަރާތަކުން ސަރުކާރުން ނުރަނގަޅަށް ކަމެއް ކުރަމުންދާ ކަމުގެ ވާހަކަ ބުނެފިނަމަ ޒަޢީމް މައުމޫނު ވިދާޅުވަނީ “ސިމްޕްލީ ނޮޓް ޓްރޫ”، އަދި މިއަދުގެ ރައީސް ވިދާޅުވަނީ “ލާނެތް ވަނީ” ކަމަށެވެ. މިއީ ރައްޔިތުން އެދޭފަދަ ބަދަލެއް ބާވައެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:23/04/2009
އިސްމާޢީލުގެ ވާހަކަ ޤަބޫލުކުރެވޭކަށް ނެތް. ކައުންސެލަރަކު އެހެން ބުނެފިކަމަށް ވާނަމަ އެއީ ކުށެއް. ދެން ވިސްނާލަންވީ، އެއީ ދާއިމަށް ތިބޭނެ ބައެއް ނޫންކަން. އެމީހުން މިވަގުތަށް އައްޔަންކޮށްފައި އެތިބީ ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅުތައް ހިންގަން ޕްރެކްޓިސްއަކަށް. ދެން ދަންނަވާލާނީ، އިންސާނުންނަށް ކެތްކުރެވޭނީ ވެސް ވަކި ވަރަކަށް. އެހެންވީމާ، ކައުންސެލަރގެ ދުލުން އެފަދަ އެއްޗެއް ނުކުތުމަކީ ވެދާނެކަމެއް. އެކަމާ ކަންބޮޑުވަންޏާ މައްސަލަ ޖެއްސޭނެ ތަންތަން ހުންނާނެ. އަޅުގަނޑު ދަންނަވާލާނީ، މައުމޫނުގެ ސަރުކާރުން އެމްޑީޕީއާއި މެދު އަދި އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ހާދަ އިހާނެތިކޮށޭ ކަންތައް ކުރީ. އެހެންވީމާ، ޖަޒުބާތުތައް ބޭރުވެދާނެކަމަށް އަޅުގަނޑުމެން ބަލަންވާނެ. އިސްމާޢީލަކަށް ހަމަ އެއްގޮތަކަށް ވެސް އެނގިވަޑައެއް ނުގަންނަވާނެ ނިމިދިޔަ ސަރުކާރުން، އެކައުންސެލަރުންނަށާއި، އެހެނިހެން ދިވެހި ރައްޔިތުންނަށް ދިން އަނިޔާއެއް. އަޅުގަނޑު ދަންނަވާނީ، އެމްޑީޕީގެ މެމްބަރުންގެ ހިތްތިރިކަމާއި ކެތްތެރިކަން ކިތަންމެހާ ވެސް ބޮޑޭ. ދެން ހަމަ ރައީސް ވިދާޅުވިހެން މިހާރު ޑީއާރުޕީގެ މީހުން މަގުމައްޗަށް ނުކުމެ އެއުޅެނީ، ލަދެއް، ޙަޔާތެއް، ދުރޫސުލް ޢަޚުލާގެއް ނެތީމަ.
ދެން ތިޔަ ވިދާޅުވީ، ގޮނޑިކޮއްކޮ ސިވިލް ސަރވިސް އެއް ހައްދަވާނެއޭ ރައީސް. ކިހިނެއްތޯ އެކަން އިސްމާޢީލަށް އެނގިލައްވަނީ. ޣައިބުގައިވާ ކަންކަން އެނގިލައްވާތޯ؟ ދެން އަޅުގަނޑު ދަންނަވާނީ، ޕާޓީ ސިސްޓަމްގައި ޖެހޭނެއޭ ޕާޓީ ޕްރޮމޯޓްކުރަން. އެޕާޓީގެ ސިޔާސަތުތައް ކާމިޔާބުވަންޏާ އެކަން ހަނދާންކޮށްދޭން. އެއިން ރައްޔިތުންގެ ލޯބި އިތުރަށް ހޯދުމަށް މަސައްކަތް ކުރުމަށް. ރައީސަށް ވެސް ޖެހޭނެއޭ. އެއީ މައްސަލައެއް ނޫނޭ. ރައީސް ނަޝީދު ވާހަކަ ދައްކަވާ ކޮންމެ ފޯރަމެއްގައި ވިދާޅުވާން ޖެހޭނެއޭ މިވެނި ކަމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވާކަމެކޭ. އެހެންވެ، އެ ވަޢުދު ފުއްދުމަށޭ އެކަން މިކުރަނީ. އަދި އެކަން ޙާޞިލްވުމުން އެވަޢުދު ފުރިހަމަވީ ކަމަށް ބުނެ އޭގެ ކްރެޑިޓް ނަންގަވަންޖެހޭނެއޭ ޕާޓީއަށްޓަކާ. އެއީ އޭ ޕާޓީ ޕޮލިޓިކްސް އަކީ.
ދެން ހުރީ އެޓަރނީ ޖެނެރަލް. އޭނާ ދެއްވާ ލަފާ މިދިޔަ ދުވަސްތަކުގައި ރައީސް ޤަބޫލުފުޅު ކުރެއްވިއޭ. އިސްމާޢިލަށް އެނގިވަޑައި ނުގަންނަވަންޏާ އަދި މިސައިޓްގެ ކިޔުންތެރިންގެ މަޢޫލޫމާތަށްޓަކައި ދަންނަވަން. ދިޔާނާ އެއުޅުއްވަނީ ރައީސް ނަޝީދާ ކުޑަކޮށް ކަރާޓީވެގެން. ކީއްވެގެންކަން އެނގިލައްވާތޯ. އެމްޓީޑީސީ އާއި އެކަމަނާގެ ފިރިކަލުން ކުއްޔަށް ނަންގަވައިގެން އުޅުއްވާ ހެރަތެރަ މައްސަލައިގައި ގޯސް ކަންތައްތަކެއް ހުރެގެން، މޫނަށް ކަނދުރާއަށް ނުބައްލަވައި އެމައްސަލައިގައި ދަޢުވާ ކުރައްވަން ރައީސް ނިންމަވައި އެގޮތަށް ކޯޓުގައި އެމައްސަލަ ކުރިއަށް ދާތީ އެކަމަނާއަށް އެއުޅުއްވަނީ ހަމަ ކެތް ނުވެގެން. ތިޔަ ބޭފުޅުން ހަނދުމަފުޅު ހުންނަވާނެ، އޮޑިޓް ރިޕޯޓްތަކުގައި ވެސް އެބަހުރި ޖާބިރުގެ ޔޮޓް ޓްވަރޒްގެ މައްސަލަތައް. އެވެސް ބެލޭނެ. މިބޭބޭފުޅުން އެމްޑީޕީއާއި އިއްތިޙާދުވީ، އޭރުން އެބޭބޭފުޅުންގެ މައްސަލަތައް އޮއްބާލެވިދާނެކަމަށް ދެކިވަޑައިގަންނަވައިގެން. އެކަމަކު އެއީ ކުށްހީއެއް. ނަޝީދެއް ނުބައްލަވާ މޫނަކަށް ކަނދުރާއަކަށް. އެއަށްވުރެ މާ އިންސާފުވެރި. އެހެންވީމާ ދިޔާނާ އެއުޅުއްވަނީ.
މިސަރުކާރަކީ، މިރާއްޖޭގެ ދިގު ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ހިނގާކަމަށް މިހާތަނަށް ފެނިފައިވާ ސަރުކާރު. މިސަރުކާރުގެ އެމްޑީޕީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ހަމަ ކޮންމެ ބޭފުޅަކީ ވެސް ރައްޔިތުން މިއަދު މިދެކޭ މިނިވަންކަމާއި އަމާންކަން ހޯއްދަވައި ދެއްވުމަށް ބޮޑެތި ޤުރުބާނީތައް ވެފައި ތިއްބެވި ބޭފުޅުން. އެބޭފުޅުން އެކަމާ ނޫޅުއްވިނަމަ، އަދި ވެސް އަޅުގަނޑުމެން ތިބޭނީ މައުމޫނުގެ އަނިޔާވެރިކަމުގެ ދަށުގައި. އެއްޗެއް ބުނަން އަނގަ ހުޅުވާލާ ކޮންމެ މީހެއްގެ ދޫ ބުރިކޮށްލާ ޙާލަތުގައި. އަޞްލު އިސްމާޢިލްމެން ތާރީޚު ބެއްލެވީމަ ފެނިވަޑައިގަންނަވާނެ ދިވެހި ރައްޔިތުން އުޅެފައިވާ ޙާލު. އެހެންވީމާ، އެޙާލުގައި ޖައްސާ ބޭއިންސާފުން އެމީހުންގެ މުޅި ޙަޔާތް ނަގާލާ، އަނިޔާ ލިބިގެންވީ ބަޔަކުގެ ޖަޒުބާތުތައް ކެކޭނެ. އެކަމަކު ވެސް އެމްޑީޕީގެ މެމްބަރުންގެ ހިތް ކިހާ ތިރިތޯ މިހާތަނަށް ވެސް. ރައީސް ނަޝީދު ކާކުތޯ ހިފާ ހައްޔަރު ކުރީ ސިޔާސީ ކުށްވެރިއެއްގެ ގޮތުން. އިސްމާޢިލް މެން 1982 ގެ ޚަބަރުތައް ބައްލަވާ ލެއްވީމަ އެނގިވަޑައިގަންނަވާނެ މައުމޫނާއި ނަޝީދުގެ ތަފާތު.
ގުލް ކަނދު ވިދާޅުވީ
ތާރީޚް:23/04/2009
އިސްމާޢީލް ސިޔާސީ ވާހަކަ ލިޔުއްވާ އިރު ވަރަށް އިންސާފުވެރިވެފައި ތިލަފަތް ހަމަކަމަށް ގަބޫލުކުރެވޭ، މީގެ ކުރިން “ތިރީސް އަހަރުވެފައިވާ ވަޢުދުތަކާއި ހަތަރުމަސްވެފައިވާ ވަޢުދުތަކޭ” ކިޔާފައި ސަރުކާރަށް ފުރުޞަތު ދޭން ޖެހޭނެކަމަށް އިސްމާޢީލް ވަކާލާތުކުރެއްވި، އަދި މިސަރުކާރުން ނުކިއްސަރުކޮށް ކަންތައްތަކެއް ކުރާ އިރު، އެކަމާ އިދިކޮޅަށް ލިޔުމުގެ މިނިވަންކަން ސަރުކާރުން ދީފައި އޮތް އިރު، އިސްމާޢީލްމެންގެ ވާޖިބެއް އެވާހަކަތައް ލިޔުމަކީ ވެސް، މި ލިޔުމުގައި މިހިރީ ރަނގަޅުވާހަކަ، ދިޔާނާ ސަޢީދު ބަންޑާރަ ނައިބުގެ ޙައިސިއްޔަތުން ލަފާ އަރުވާ ނަމަ، އޭނާ ގެ ނިޔަތް ކޮނެމެ ގޮތަކަށް އޮތަސް، އުސޫލަކީ ރައީސް އެޔަށް ދެއްވާ ޖަވާބެއް އިޙްތިރާމާ އެކު ދެއްވުން. މިއީ މަގޭ ޚިޔާލެއް ނޫން.. މިއީ މިކަން އޮންނަވީ ގޮތް. ޝުކުރިއްޔާ
ހަމްޒާ ވިދާޅުވީ
ތާރީޚް:23/04/2009
އިސުމާލާ ތހިވިސްނެނީ އަދިނުބައިކޮށް މިފަދަ ނާތަހުޒީބު ލިއުންތަށް ނުލިއެ،ފުރަތަމަ ރަނގަޅަށް ވިސްނާލާ.ހަމްޒާ ވާހަކައިގެ މަތުލަބަކީ ކުރީސަރުކާރުގެ ބޮޑެތި ހިޔާނާތުގެ ކުއްވެރިން މިސަރުކާރުން ހޯދާ އަދަބު ދޭނެވާހަކަ .މިސަރުކާރުން މިކަންތަށް ކުރާނެ މައުމޫނު ވަގު ވެސް ކޯޓަށް ދަމާނެ،ދެން ލަލަލާ.
ވިސްނާ މީހާ ވިދާޅުވީ
ތާރީޚް:23/04/2009
މިހާރުގެ ސްރުކާރަށް ކޮންމެ އިންތިހާބަކަށް ވެސް ބެހެވިދާނެ އަދި ބެހެންވެސް ވާނެ.މީ މަލްޓިޕާޓީ ސިސްޓަމް .މިހާރު ގާނޫނު އަސާސީމިކަމަށް ހުރަހެއް ނާޅާ. ކުރީގަ ވެރިކަން ކުރީ ޕާޓީ އަކުންނޫނޭ.އެކަމަކު މިހާރު ވެރކަން ކުރަނީ އެމްޑީޕީން އެހެން ވެ އެމީހުން އެބެހެނީ.
ނަޢީމް ވިދާޅުވީ
ތާރީޚް:23/04/2009
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ ހައްގެއް އެއްވެސް މީހަކަށް ގާނޫނުން ދީފައެއް ނުވޭ. ރައީސް ނަޝީދު ކުރިޔަސް، ކައުންސިލަރެއް ކުރިޔަސް އެކުރަނީ ގާނޫނީ ގޮތުން ކުށެއް. މިއީ، އިތުރު ބަހަނާދައްކަންޖެހޭ ކަމެއް ނޫން.
ޕްރެޒިޑެންޝަލް ސިސްޓަމުގައި ރައީސް، އިންތިޚާބުތަކަކާއި ނުބެހޭނެ. ބެހޭނަމަ، އެކުރަނީ އަހްލާގީގޮތުން ވަރަށް ދަށު ދަރަޖައިގެ ކަމެއް. ކެނެރީގެ ނަޝީދަކީ ދައުލަތް ހިންގަން ހުރި އެންމެ އިސްވެރިޔާ. ދެން އޭނާ އިންތިޚާބުތަކާއި ބެހޭނަމޭ ބުނާނަމަ، ގޮވައިގެން ކޯޓަށްވެސް ދެވިދާނެ.
އިންތިޚާބުތަކާއި ބެހެން އޮވޭ، އިލެކްޝަންސް ކޮމިޝަން ކިޔާ ތަނެއް.
އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ، ސިވިލްސާވީސް ކޮމިޝަނާއި ޖުޑިޝިއަރީ ވެސް ގޮނޑިކޮއްކޮ ވުމަކީ ނުވުމަށްވުރެ، ވުން އެކަށީގެން ވާކަމެއް. މިއީ، އަދި ޣައިބުގެ ވާހަކަ ދައްކަނިއްޔެއް ނޫން. ކަންތައްވަމުންދާ ގޮތަށް ބަލާފައި ފޯކާސްޓްކުރުންވެސް އެއީ އޮންނަކަމެއް…. ދޮންމަނިކާ ބުނާކަށް!
ކުޑަދޮންމަނިކު ވިދާޅުވީ
ތާރީޚް:23/04/2009
އޭ ހާސިމޫ ހާސިމުވަސް ތިޔާފަހެ ފާފު އަތޮޅުގައި އެހުރިކަހަލަ ކައުންސެލަރެއްތަ؟ ބަލަ އެހެންހެދީމަ އަންނިދޮންމަނިކު އެބުނާގޮތައް ވެރިން އަތްފޯރާފަށަކަށް ނާދެޔޭނޫންތަ. މިހާރުވެރިން ތިޔާއަތްފޯރުކުރަނީ ރައްޔިތުންނަށޭނުން.
ހާސިމަށް ހަމަފައްކާދޯ އަންނިދޮންމަނިކު އެކަންތައްކުރާގޮތް.
ބޯސޮރު ވިދާޅުވީ
ތާރީޚް:23/04/2009
އެ ހދ ވައިކަރަދޫ ހާސިމް އެކޭ! ވައިކަރަދޫ މީހުން ތިބޭނީ އެމްޑީޕީއަށް. އެމީހުނަކަށް ނޭގޭނެ ތިލަފަތުގެ ދެކޮޅު ހަމަކުރާކަށް. ތިލަފަތުގެ އެއްކޮޅަށް ބަލައިގެންހުރެ ހަމަ އެއްޗެތިއަޅާ ބަރުކުރާނީ. އަނެއްކޮޅު ލުއިވެގެން މައްޗަށް އަރަނީ ކިހާވަރަކަށްތޯ ބަލާކަށް ހަދާނެއް ނުވާނެ. އެލުވާފަހުންނަ ތަނަކުން ދަނޑައިގެން ވެއްޓުނީމަ އެގޭނީ އެހާވަރުވީއިރު ތިލަފަތުގެ އަނެއްކޮޅު ހުންނާނީ ލުއކަމުން މައްޗަށް އަރާނެވަރަކަށް އަރާފައިކަން.
ބޯސޮރު ވިދާޅުވީ
ތާރީޚް:23/04/2009
އެސޮރު އުޅޭނެ އަމީނިއްޔާގަ ދިވެހި ކިޔަވަދޭން! އެހެންވެ އެސޮރަށް މާބޮޑަށް ތާރީހު އެގެނީ
ހަހަހަހާ ވިދާޅުވީ
ތާރީޚް:23/04/2009
މިރަށުގަވެސް އާދިލްގެ ކެމްޕޭން ލޯންޗް ކުރިރޭވެސް ސަރުކާރުގެ ވެހިކަލްތަކުގައި ދަތުރުކުރި، މީމިރަށުން ފެނުނުމަންޒަރު އެމީހެއްގެ ދަރި އެމީހަކަށް ދޮންފުތުވާނެއެވެ. އެބަޔެއްގެ ސަރުކާރުން އެބަޔަކަށް ރަގަޅުވާނީދޯ؟
ބައްސާމް ވިދާޅުވީ
ތާރީޚް:23/04/2009
އަންނި އަށް އެމްޑީޕީ އަށް ކެމްޕޭން ކޮށްދެވިދާނެ. މައްސަލައަކީ އެއީ އެއް ނޫން. މައްސަލައަކީ ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރުން. ދެން ހާޝިމް ބުނޭ އެއީ ވެސް ހަމަ ރަނގަޅު ކަމެކޭ. އިސްމާލަށް ނޭގި އެއް ނޫނޭ އެލިޔަނީ ޕާޓީ ޕޮލިޓިކްސް އަކީ ކޮންއެއްޗެއްކަން. މަލްޓިޕާޓީ ޑިމޮކްރަސީ އަކީ ކޮންއެއްޗެއް ކަން އިސްމާލަށް އެނގޭ ކަން މިސައިޓުގެ ކުރީގެ ލިޔުންތަކުން އެނގޭ.
ދިޔާނާގެ ފިރިކަލެއް މިހާރު ހުންނަކަން އަޅެ ސާބިތު ކޮށްދީބަ. ޖާބިރަކީ އެއް އިރެއްގައި ދިޔާނާގެ ފިރިކަލުން. އެކަމަކު މިހާރު ވަރިކޮށްފިޔޯ.
ޕެރޯލް ގަވައިދުގެ ދަށުން ކުއްވެރިން ދޫކުރުމަށް ދިޔާނާ ގޮވާލީމަވެސް ބުނީ މަށަށް މާބޮޑަށް ޤާނޫނު ގައި އޮންނަ އެއްޗެއް އެނގެޔޭ.
މީހަކު ވިދާޅުވީ
ތާރީޚް:23/04/2009
ހާސިމު ތޔަ ޖަލާލުއްދީނުން ބޭރުކުރި ހާސިމުތަ؟ ހާސިމޫ މިހާރު ވެސް މިޔޮތީ ގޮޑި ކޮއްކޮ ސިވިލު ސާވިސް އެކޭ. ހާސިމޫ ކަލެޔައް އެގޭތަ ޓީޗަރުން ގެ އޯޓީ ދިހަ ޕަސެންޓައް ކުޑަކުރިކަން ނޭގެންޔާ ދަސްކުރޭ.
ރޮބަޓް ގޭޓްސް ވިދާޅުވީ
ތާރީޚް:23/04/2009
އެކޮށް ވާދަނުކިއުއްވާ އޮށްޓަރުކުހުރި ކޮމެންޓެއް ކޮށްބަލަ. ބޯހަލާކު
ފޮޓޯ ހިއްޕާކުދިން ވިދާޅުވީ
ތާރީޚް:23/04/2009
ރަގަޅުވާހަކައެއް ގޭޓްސް އެބުނީ
ޢަމީރު ވިދާޅުވީ
ތާރީޚް:23/04/2009
މީހުންގެ އައިޑެންޓިޓީ ހޯދަން ހާދަވަރެއް ތިޔަ އަރުވާލަނީ؟ ބަލަ، ހާސިމުގެ ނަމުގައި އެޔޮތީ އޭނަގެ ޚިޔާލޭ! ދެން ވައިކަރަދޫގައި ވަރަށް ހާޝިމްތައް ގިނަވާނެ.
މަށަށް ހީވަނީ އެއީ، ވައިކަރަދޫ އެމް. ޑީ. ޕީ ގޮފީގެ ރައީސް ހެން.
ސަންތޯސް ވިދާޅުވީ
ތާރީޚް:23/04/2009
ނޫން އެއީ ޖަލޫލުއްދީނުން ބޭރުކުރި ހާސިމެއް ނޫން. އޭނަ މަށާ ވަރަށް ރައްޓެހިވާނެ. އެއީ އަދި އެހެން ހާސިމެއް
ހާޝިމް ވިދާޅުވީ
ތާރީޚް:23/04/2009
މިތާނގައި ދެން ޒާތީ ވެފައި މިވަނީ މާބޮޑަށް. އަޅުގަނޑަކީ، އަމީނިއްޔާ ދިވެހި ޓީޗަރެއް ވެސް ނޫން. ވައިކަރަދޫ މީހެއް ވެސް ނޫން. ޖަލާލުއްދީނުން ބޭރުކުރި މީހެއް ވެސް ނޫން. އަދި އެމްޑީޕީގެ ގޮތްޕެއްގެ ރައީސެއް ވެސް ނޫން. ދެން އަޅުގަނޑުގެ އައިޑެންޓިޓީއެއް ނޫން މީގަ މުހިންމީ ވެސް. މިތަނުގައި ފާޅުކުރެވޭ ޚިޔާލު. އަޅުގަނޑު ދެންނެވި އެއް ޕޮއިންޓް މިތާ ކޮމެންޓް ކުރެއްވި ބޭފުޅުން ވަނީ ހަނދުމަ ނައްތާލައްވާފަ. އެއީ މައުމޫނުގެ އަނިޔާ. މައުމޫނު ދިވެހި ރައްޔިތުންނަށް ދެއްކި ހަސްކާ. އަޅުގަނޑު ދެންނެވީ، މިކަންކަން ތަޙައްމަލު ކުރި މީހުން މިކަން ހަނދާނެއް ނުނެތޭނޭ. އަޅުގަނޑުމެންގެ ގިނަ މީހުންނަށް މިއިން އެއްވެސް ކަމެއް އިޙުސާސް ވެސް ނުވާނެއޭ. އެހެންވީމަ، މިއަދު އެމީސްމީހުން ކިތަންމެ އޮބިއަޅައިގެން ތިބިނަމަވެސް، އެ ޖަޒުބާތުތައް ކެކޭނެއޭ މައުމޫނު ފާޑުފާޑުގެ އެއްޗެހި ވިދާޅުވަންޏާ. އެންމެ ފުރަތަމަ ވިދާޅުވީ ގައުމު މިދަނީ ނުބައި މިސްރާބަށޭ. ދެން ވިދާޅުވީ އިސްލާމްދީން އުވިގެން މިއޮއް ދިޔައީއޭ. ދެން ވިދާޅުވީ، ތިމަންނަ ލޯލާރިއެއްގައި ވެސް ނުޖެހެމޭ. ދެން ވިދާޅުވީ ދާށޭ ހުރިހާ ކޯޓަކަށް ތިމަންނަ ގޮވައިގެން. ދެވަނަ ބޮޑު ހަނގުރާމައިގެ ޖަރީމާތައް ބަލާ އިންޓަނޭޝަނަލް ވޯ ޓްރައިބިއުނަލަށް ވެސް ދާށޭ. ދެން ވިދާޅުވީ ތިމަންނަ ބައްޔެއް ވެސް ނުވެއޭ އިންތިޚާބުން. ދޫކޮށްލީއޭ. ވޯޓުގައި މަކަރު ހަދާފައޭ ހުރީ ތިމަންނަ އަޅާ ނުލީއޭ. ދެން ވިދާޅުވީ އެއްވެސް މީހަކަށް ތިމަންނަ ނޯންނާނެއޭ އަދަބެއްދީ، އަނިޔާކޮށްފައެއް. މިހެން ކިޔާ ދެން މީހުން ރުޅިއެރުވާ ލޭކައްކުވަނީ. އަދި ނިމުނީކީއެއް ނޫނޭ. މީގެ ދެ ދުވަސްކުރިން ނައިފަރަށް ގޮސް ހަމަނުޖެހުން ގަނޑެއް ވެސް އުފައްދަވައި، އެމްޑީޕީ މީހުންނާއި ޑީއާރުޕީގެ މީހުންގެ ދެމެދުގައި މާރާމާރީ ވެސް ހިންގުވާލައިފި. އެހެންވީމާ، އެމްޑީޕީ ގެ އަނިޔާ ލިބުނު މީހުންގެ ޖަޒުބާތު ކެކޭނެ. އެކަން އަޅުގަނޑުމެން ޖެހޭނެއޭ ދަންނަން. މިހާތަނަށް ވެސް ކިހާ ކެތްތެރިތޯއޭ އެމްޑީޕީ މީހުން. މިއީ ސިލޯން ނުވަތަ އެނޫން ވެސް ބައެއް ނަމަ މިހާރު މައުމޫނުގެ މާފައްޗެއް އަޅުވާ ގޮއްވާލައިފިތާ ކިތަންމެ ދުވަހެއް. އޭނާ މަގުމައްޗަށް ނުކުމެވަޑައިގެން އެއުޅުއްވަނީ. އެމްޑީޕީ މީހުންނެއް ނުދެއޭ އޭނާއާއި މައްލަވަ ކުރާކަށް. އެހެންވީމާ، އަންނި ވިދާޅުވީ، ދުރޫސުލް އަހުލާގު ނެތީއޭ ޑީއާރުޕީ ކިބައިގައި. އަޅުގަނޑަށް ހަމަ ޔަގީނޭ މައުމޫނު ހޮވުނު ނަމަ، ހަމަ އިހު ހުރި އަނިޔާވެރިކަން ދައްކާލަން އެންމެ ތަންފުކެއް ވެސް ފަހެއް ނުޖެހޭނެއޭ. އަދި ރައީސް ވިދާޅުވީ ޑީއާރުޕީއަށް ވޯޓު ނުދޭށޭ. ދޭނެ ކަމެއް ނެތޭ އެއީ ޕާޓީއެއް ނޫނޭ. ކޮބައިތޯ އަބްދުއްޝުކޫރާއި އަޙުމަދު އަބްދު ﷲ ކުޅުދުއްފުށި އެއްކިބާގައި ބާއްވާފައި އަތޮޅަށް ކޮށްދެއްވި ކަމެއް. ދެން ރޭގައި އަމީން ކޮންސްޓްރަކްޝަން އަބްދު ﷲ މުޙައްމަދާ، ކުއްޓި ނަޝީދު ބަހުސްކުރެއްވި އަޑު އަހާފަ އަޅުގަނޑު ގާތަށް އައީ ނުބައި ޒާތެއްގެ ހިންޏެކޭ.
ސިކަންދަރުން މުދާބާލާ ކުދިން ވިދާޅުވީ
ތާރީޚް:23/04/2009
މީގަ މުހިއްމީ ހާޝިމަކީ ކާކުކަން ނޫނީ ލިޔުންތެރިޔަކީ ކާކުކަން ނުނީ ކޮން ހާންދާނެއްގެ ރަސްކަލެއްކަން ބެލުމެއް ނޫން. މިއުޅެނީ ލިޔުމަށް ފާޑު ކިޔަން. އަދި ޚިޔާލަށް ފާޑު ކިޔަން. ހުރިހާ ޚިޔާލެއް މަސްހުނިކޮށްގެންވެސް ފިކުރީ ތަރައްގީއެއް ގެންނަން. އަދި ދިވެހިންނަށް މިނިވަންކަމުގައި އުޅެވޭނެ ގޮތެއް ހޯދަން. ދެން ނާހާތި ސިކަންދަރުން މުދާބާލަނީ ކޮންބަޔެއްހޭ! ކޯޗެއްތަ ތި ކިޔަވަނީ އިސްކޫލަށް ގޮސްގެން.
ޣާޝިމް ވިދާޅުވީ
ތާރީޚް:23/04/2009
ހެޔޮވެރިކަމެއް ނުކުރެވޭނެ ޖަޒްބާތީވެގެންނެއް ދޫންޏާ.. އަނިޔާ ދީފަ ތިބި ރައްޔިތުން ޖަޒްބާތު ކެކިގެން ނިކުންނަނިއްޔެއް ނޫން. ކޮންމެ އިންތިހާބަކާ ދިމާކޮށް އެމްޑީޕީ މީހުން ޖަޒްބާތު ހިލުވަނީ. ދެން ހާސިމު ވިސްނާލަ ބަލަ، ރިޔާސީ އިންތިހާބުގަ ވޯޓު ދިން ދިވެހިންގެ 45% މީހުން ވޯޓު ލީ މައުމޫނަށް. ސީދާ މައުމޫނަށް ތާއީދުކުރި މީހުން އެއީ، ދެން އަންނިއަށް ވޯޓު ލީ މީހުންނަކީ އެކި މީހުންނަށް ތާއީދުކުރި މީހުން. ދެން ވިސްނާލަ ބަލަ 45 % އެއީ އަދަދުގެ ގޮތުން ބަލާ އިރު ކޫޑަ އެއްޗެއްތަ؟ މި ހުރިހާ މީހުންގެ ޖަޒްބާތަށް ނުވިސްނަނީ ކިޔެއްވެބާ؟ މި މީހުންގެ ވެސް ޖަޒްބާތެއް އޮންނާނެ ހާސިމޫ.. ގައުމަށް މަސްލަހަތު އޮތްކަމެއް ނޫން އެއް ބަޔަކު އަނެއް ބަޔަކު ޖަޒްބާތު ހިލުވައިގެން، ދެކުނު އޭސިޔާ ސްޓައިލަށް ޑިމޮކްރަސީ ގެނައުމަކީ. މައުމޫނު އަނިޔާއެއް ނުކުރެޔެކޭ ނޫން .. އެކަމަކު ފުކެއް ބޮޑުވަރު މައުމޫނޭ ކިޔައިގެން ވެސް ތިޔާ ކިޔަނީ.. ނާ އޭނަ ގެ ޖަލު ވެސް ގޮންޓަނާމޯ ޖަލަށް ވުރެން ނުބަޔޯ.. ޕޮލްޕޮޓާ ހިޓްލަރަށް ވުރެން އޭނަ ނުބަޔޯ.. މި ދެން ބޮޑުވަރެކޭ ނުން.. ދައްކާ ވާހަކަ ވެސް ވާނެ އިންސާފުވެރިވާން. މައުމޫނު ޖަލު ގަ ބޭ އިންސާފުން ތެޅުވި އަހަރެން ބޭބެ ވަސް.. އޭނަޔަށް ރައްޓެއްސަކު ގާތުގަ ބުރުގާ އަޅާށޭ ބުނެވިގެންނޯ.. އެކަމަކު ދެން މައުމޫނު ދެކެ ބައެއް މީހުން ރުޅިއަރާ “ޖަޒްބާތީ” ވެ ގޮތްގޮތް މި ވަނީ ސައިކޯ ވާ ދަރަޖައަށް، ހަމަ ތެދެއް މި ބުނީ ސައިކޯ ވެދާނެ ތިހާ ވަރަށް ޖަޒުބާތީ ވާންވެއްޖެއްޔާ.. ނަސޭހަތެއް މި ދިނީ..
ކޮލިޓީ ވިދާޅުވީ
ތާރީޚް:23/04/2009
ހެޔޮކޮން. މާބޮޑުވަރު އެއީ ދެން..އަންނި ފޮޑި ޖެހީމަ މީހުން ނޭފަތުގައި އަތް އެޅީމަ ލިޔުންތެރިއަކު އެކަން ނުކުރަން އެންގީމަ އޭނަވެސް ގޮޅަލަކަށް ހަދާފަ. އަނެއްކައި ފަށަފަށައިގެން 30 އަހަރޭ އެބަ ކިޔާ..މިއުޅެނީ ފަހެ ދެސަރުކާރު އަޅާ ކިޔަންތަ؟
ކޮލިޓީ ވިދާޅުވީ
ތާރީޚް:23/04/2009
ހާޝިމް އަށް ބުނެލަން ބޭނުމީ..ތަސްބީހައެއްހެން ނޫނީ ފްރީކޯ2009 އެއްހެން މައުމޫނޭ ނުކިޔަ..އަންނިއޭ ކިޔާން މިދެކެވޭ ވަހަކައަށް ރައްދު ދޭށޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:23/04/2009
ޣާޝިމަށް ތިޔަ ދެންނެވި ވާހަކައެއް ޤަބޫލެއް ނުކުރެވެއޭ. ރާއްޖޭގެ %45 މީހުން ވޯޓުލީ ސީދާ މައުމޫނަކަށް ނޫނޭ. ހަނދުމަފުޅު ހުންނާނެ ޑީއާރުޕީ އިއްތިޙާދު. އޭގައި އޮތް ޑީއާރުޕީގެ އިތުރުން ޕީޕަލްސް އެލަޔަންސް (ޢަބްދު ﷲ ޔާމީން)، މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ރީކޯ އިބްރާޙިމް މަނިކު)، ޕީޕަލްސް ޕާޓީ (އަޙުމަދު ރިޔާޒް) އަދި ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލަން މަސައްކަތްކުރާ ޕާޓީ (ރެޑްވޭވް ސަލީމް)، މިހުރިހާ ޕާޓީތަކާއި ބޭފުޅުންގެ އިއްތިޙާދަށް ވޯޓުދިނީ. މައުމޫނަކަށް ނޫން ހަމައެކަނި. ވީމާ، މިކަން އޮޅުވާލެވިގެން ނުވާނެއޭ. ދެން ދަންނަވާނީ، 30 އަހަރުގެ އަނިޔާގެ ވާހަކަ ދައްކަން ޖެހޭނެއޭ. ގައުމުގެ ޚަޒާނާ ހުސްކޮށްލި ވާޙަކަ ދައްކަން ޖެހޭނެއޭ. މިވާހަކަ އޮންނާނެ ތަފްސީލުކޮށް އަޅުގަނޑު ލިޔުނު މަޒުމޫނެއްގަ މިސައިޓްގައި. މިހެންވެއޭ ޑީއާރުޕީއާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތަކަށް ވޯޓް ނުލާންވީ. އެ ހޭލުންތެރިކަން އަޅުގަނޑުމެން އުފައްދަން ޖެހޭނެއޭ. އެމްޑީޕީއަށް ނޫނިއްޔާ ވޯޓްލާނެކަމެއް ނެތް. މިދެންނެވީ ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު މިވާހަކަ އިނގޭތޯ. “ކޮލިޓީ” އަށް ދަންނަވާލަން ބޭނުންވަނީ އާދޭހޭ ޖެހޭނެއޭ މައުމޫނުގެ ވާހަކައާއި އަންނިގެ ވާހަކަ ދައްކަން. އެހެންނޫނީ އެހަނދާން ނެތޭނެއޭ. އަދި ދެ ސަރުކާރު އަޅާ ކިޔާން ޖެހޭނެއޭ. ދެސަރުކާރެއް ނޫން. އަމީންގެ ސަރުކާރާއި ނާސިރުގެ ސަރުކާރާ މައުމޫނުގެ ސަރުކާރާ ނަޝީދުގެ ސަރުކާރު ޖެހޭނެއޭ އަޅާކިޔަން. އަބަދާ އަބަދު ޖެހޭނެއޭ އެކަން ކުރަން. އެއީ ވަރަށް މުހިންމު ކަމެކޭ. އަޅުގަނޑުމެން ނުވާނެއޭ ހަމަ ހިލާ ކުރީގެ އެއްވެސް މިސްޓޭކެއް އަނެއްކާ ތަކުރާރުވިޔަ ދީގެން. އެހެންވެއޭ އަޅާ ކިޔަންޖެހެނީ. ދެން ހަމަ އަނެއްކާ ވެސް ދަންނަވަން ބޭނުންވަނީ، ޑީއާރުޕީއާއި މައުމޫނުގެ ވާހަކަ ދެކެވެން ފެށީމަ އަޅުގަނޑުގެ ގާތަށް އަންނަނީ ހަމަ ނުބައި ޒާތެއްގެ ހިންޏެކޭ އިނގޭތޯ.
ހާތިފް ވިދާޅުވީ
ތާރީޚް:23/04/2009
މީގަ މުހިއްމީ މައުމޫނުގެ ވާހަކަ ދެއްކުމެއްނޫން. މައުމޫނު ސަކަރާތް ވެގެން އަންނި ވެރިކަމަށް އެރުވީ. އެއީ އަންނި ވީމައެއް ނޫން. އެއީ، ޑިމޮކްރަސީ ދަންނަ އަދުލުވެރި މީހަކަށް ވާނެކަމަށް އުއްމީދު ކޮށް. އަޅުގަނޑު ބޭނުން ވަނީ މައުމޫނުގެ ތިރީސް އަހަރު މަތިން ހަނދާން ނައްތާލަން. މިހާރު މިއީ އަންނި ރައީސްކަން ކުރާ އެމްޑީޕީގެ ސަރުކާރެއް. އެހެންވީމަ އަހަރެމެން އެމްޑީޕީގެ ސަރުކާރުގެ ފަރާތުން މިފަދަ ކަންތައްތައް ފެންނަ ކަމުގައި ވަނީނަމަ އެވާހަކަ ދައްކާނަން. ކޮން މައުމޫނެއްތަ؟ ވެރިކަމުން ބޭލީމަވެސް އަދިވެސް މައުމޫނުގެ ވާހަކަ.
ޣާޝިމް ވިދާޅުވީ
ތާރީޚް:23/04/2009
ހާޝިމް ތިޔަ ވިދާޅުވަނީ، އަދުގެ ސަރުކާރަށް ފާޑުކިޔާ ކޮންމެ އާޓިކަލެއްގަ ޖެހޭނޭ މައުމޫންގެ ތިރީސް އަހަރު ގެ ވާހަކަ ގެންނަން؟ އެހެން ނޫނީ މިއަދުގެ ސަރުކާރަށް މީހަކު ފާޑު ވެސް ކިޔައިގެން ނުވަނީ؟ ދެން ތިރީސް އަހަރުގެ ތަޖުރިބާ އަހަރެމެން ތަކުރާރުކުރަން ބޭނުން ނޫނިއްޔާ ޖެހޭނީ މައުމޫން ސަރުކާރަށް ފާޑުކިޔާކަށް ނޫން.. ޖެހޭނީ މިހާރު އޮތް ސަރުކާރު ކުރާ ނޭދެވޭ ކަންތަކަށް ފާޑުކިޔަން.
އެހެން ނޫނީ އެ ތަކުރާރު ކުރެވުނީ ހަމަ ކުރީގެ ތަޖުރިބާ.. ކުރިން ހެދި ގޮތަކީ ނާސިރު ސަރުކާރަށް ފާޑުކިޔާފަ މައުމޫނު ސަރުކާރަށް ސަނާކީ
ހާޝިމް މެން ބޭނުން ވަނީ އެގޮތަށް ހަދަން. އެކަމަކު އަންނި ސަރުކާރަށް ފާޑު ކިޔާ ކޮންމެ ފަހަރަކު ވޭތުވެ ދިޔަ ތިރީސް އަހަރޭ ގޮވާކަށް ނުޖެހޭނެ. އަދި ފާޑު ކިޔާ ކޮންމެ މީހަކަށް އެކަން ހަނދާންކޮށްދޭކަށް ވެސް ނުޖެހޭނެ. އެކަން ނޭނގިގެން ހަނދާންނެތިގެނެއް ނޫން މީހުން މި އުޅެނީ.. މިހާ އަވަހަށް މިހާ ޅަފަތުގަ ސަރުކާރުން ކުރާ ނޭދެވޭ ކަންތައްތަކަށް މީހުން ލޯމަރާލައިފި ނަމަ އަންނި ވެސް މަގު ގެއްލޭނީ..
ގައްބަރޭ ވިދާޅުވީ
ތާރީޚް:23/04/2009
ހެހެހެހެ ފަގީރުކަން ނައްތާލާ ޕާޓީއަށާ ރީކޯ އިބްރާހިމް މަނިކު ޕާޓީއަށާ ވޯޓުލައިގެންނޯލަ މައުމޫނަށް 45 ލިބުނީ؟ ހާސިމް އަމިއްލަޔަށް ގަބޫލުކުރަންބާ ތިޔަވާހަކަ؟ އެއިރު ހާސިމު މެން ކަހަލަ އަންނިއަށް ސަޕޯޓުކުރާ މީހުން ބުނަމުން އައީ މައުމޫނު ފީއޭ އާ އިއްތިހާދުވުމަކީ މައުމޫނުގެ ތާއީދު ގެއްލުނު ކަމެކޭދޯ؟ އަދި އެހެން ކިޔައިގެން މައުމޫނަށް އެންޓި ކެންޕޭނު ޖައްސަންވެގެން ވެސް އެއިރު ޔާމީނުގެ ނަން ބޭނުންކުރަމުން އައީ، އެކަމަކު މިހާރު ތިޔާ ކިޔަނީ ޔާމީނަށް ލިބުނު ވޯޓޭ.. ޔާނީމަށް ވެސް ވޯޓު ނުލިބޭނެޔެކޭ ނޫން.. ހަމަ ފިސާރި ތެދެއް މި ބުނީ، ހާސިމް ވެސް އަމިއްލަ ނަފްސަށް ބޮޑު ދޮގެއް ހަދަން ނޫނިއްޔާމުން ގަބޫލުކުރެވޭނެ މައުމޫނަށް 45 ލިބުނީ ރީކޯ އިބުރާހިމް މަނިކާ ފަގީރުކަން ނައްތާލާ ޕާޓީގެ ސަބަބުން ނޫންކަން. ތިކަހަލަ ކޮސް ގޮވަންޏާ ދެން ވާނެ ތޮތަކީ މިހެން ކިޔޭނީ، ކީމަ ދެން އަނެއްކަ މައުމޫނަށް ތާއީދުކުރަނީ ކަމަށް ވާނީ، މައުމޫނަށް ތާއީދު ކުރިއްޔާ ފަހެ ކިޔެއް؟ ކުރާ މީހަކު ކޯށްފާނޭ ނުން. އެޔޭ ނުން ޑިމޮކޮރަސީއަކީ؟ އަވަދި ވާނެ.
މަންމަ ވިދާޅުވީ
ތާރީޚް:23/04/2009
ހަމަ ތެދެއްމިބުނީ ކަލޯމެން ތިޔަޒުވާބު ހުއްޓާލާ.އަންނި ރަނގަޅު ކަންދެން އެންމެނަށް ވެސް އެގޭ.ބޭކާރު ޒުވާބު ނުކޮށް ތިބެވޭތޯ ބަލާ .
ޕޮލިޓިކަލް ކިޔަވާކުއްޖަ ވިދާޅުވީ
ތާރީޚް:23/04/2009
އަހަންނަށް އެގިފައިވާގޮތުން މިހާރުގެ ރައީސަށް އިންތިހާބު ތަކުގެ ކެންޕޭނުގައި ބައިވެރވެވޭނެ.ސަރުކާރުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން.. މިކަން ވާނެ އެންމެން ގަބޫލުކުރަން. ދެންމިހާރުދެން ކުރީގެ ވާހަކަ ދައްކާނެ ކަމެއްނެތް. އެއީ އނިޔާވެރިން.ގާރޫނާ،ހާމާނާ ފިރުއައުނާ،މައުމޫނާ،މިމީސް މީހުންގެ ވާހަކައިން އިބުރަތެއް ހޯދިދާނެ އެކަމަކު.
ކިސް ޖަޒްބާތު ވިދާޅުވީ
ތާރީޚް:23/04/2009
“އަޅުގަނޑު މަޤާމާ ހަވާލުވުމުގެ ހަތް ދުވަސް ކުރިން އަޅުގަނޑާ ދިމާލަށޭ ބުނީ އެމްޑީޕީގެ ސަރުކާރެއް ހިންގަން މިތަނަށް އައިސްފިއްޔާ ހުވަފެން ދައްކާލާނަމޭ ބަލަ އެ ހުވަފެން ދެއްކި މީހާ މިއަދު އެހެރީ އަޅުގަނޑު ކައިރީ އާދެ އާދެ ކިޔާލަންށޭ. މި ބުނީއޭ ނުބައިތިއްބާނަމޭ އަޅުގަނޑު މި ދަންނަވަނީ ނުބައިތިއްބާނަމޭ މޭ 15 ގެ ފަހުން. އަޅުގަނޑަށް އެ ދެއްކީ އަނިޔާއާ އަޅުގަނޑަށް އެ ދެއްކި ވޭނާ ތުރާތައް އެމީހުންނަށް އަޅުގަނޑު ދައްކާނަމޭ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އިޚްލާސްތެރިކަމާ އެކު މިތިބަ ތިން ކައުންސެލަރުންނަށް މި ދަންނަވަނީ ތިޔަ ބޭފުޅުން ރޭގައި އަޅުގަނޑު ހަވާލުކުރި މަސައްކަތް ނިންމާލަދޭށޭ، މާދަމާ އިރާދަކުރެއްވިއްޔާ ލަފުގައި ހިފާފައި އެއްލާލަދޭނަމޭ”
މިއީ އެމްޑީޕީ ބޭފުޅުން ޖަޒުބާތީ ވެގެން ގޮވޭ އެއްޗެހި މި ބޭފުޅުންނަށް މި ހީވަނީ ރާއްޖެ މިއޮތީ ހިބައިން ލިބިފައޭ، ދެން ޖަޒުބާތީ ވިޔަސް މިވަރު ފުކެއް ބޮޑާކަމާ ކިބުރުވެރިކަން ބޮޑޭނުން؟