Share

ކުޅުދުއްފުށީ ނަރުދަމާ ނިޒާމު، ފެނުގެ މައްސަލައަށް ޖާވާބު ދޭތަ؟

ކުޅުދުއްފުށީ ނަރުދަމާ ނިޒާމު، ފެނުގެ މައްސަލައަށް ޖާވާބު ދޭތަ؟
ޢައްބާސް

މިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަސް ކަމަށްވާ، މާރޗް މަހުގެ ބާވީސް ވަނަ ދުވަސް  އައިއިރު ކުޅުދުއްފުށި އޮތީ ފެނަށް ޖެހިފައެވެ. މުޅި ރަށުގެ ފެނުގެ ހަތްދިހަ ޕަސެންޓް ވަނީ ތަޣައްޔަރުވެފައެވެ. ނަޖިސް ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ކުޅުދުއްފުށީ މީހުންވަނީ މުޒާހަރާކުރުމުން ފެށިގެންގޮސް ގަޔަށް ބޮލަށް ވެސް އަރާފައެވެ. ކުޅުދުއްފުށީގެ ނަރުދަމާ ނިޒާމަކީ މުޅިރާއްޖޭގައިވެސް އެންމެ ސިޔާސީވި ނަޖިސް ނައްތާލެވޭ ނިޒާމަށް ވަނީ ވެފައެވެ.

އެންމެ ފަހުން، މިހާރު ވަނީ، ކުޅުދުއްފުށީގައި ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށާފައެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ، ކުޅުދުއްފުށީގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ސަބަބުން ރަށުގެ ފެނަށް ހެޔޮބަދަލެއް އަތުވެދާނެ ބާވައެވެ؟ އަހަރެންނަށް ލަފާކުރެވޭ ގޮތުގައި، ކުޅުދުއްފުށީގެ ފެނަށް ހެޔޮބަދަލެއް އަންނާނީ، އަދި އިތުރު މަޝްރޫޢުތަކެއް ކުޅުދުއްފުށިގައި ހިންގައިގެންނެވެ.

މިހާރު ކުޅުދުއްފުށީގައި ނަޖިސް ނައްތާލެވެނީ، ސެޕްޓިކް ޓޭންކްތަކެއް ބިމުގެ އަޑިޔަށް ފައްތައިގެންނެވެ. މިނިޒާމުގެ ސަބަބުން ނަޖިސްވަނީ ރަށުގެ މީރު ފެންފަށަލައަށް ލީކުވެފައެވެ. އައު ނަރުދަމާ ނިޒާމު، ގާއިމުކުރުމުން، ރަށުގެ ފެން ފަށަލަ ރަނގަޅު ނުވާނެ އެއް ސަބަބަކީ، ބިމުއަޑީގައި ނަޖިސް އަޅާ ފުރާފައިހުރި، މި ދެންވި، ސެޕްޓިކް ޓޭންކްތަކުން ނަޖިސް ލީކްވޭވެ ހުންނާނެތީއެވެ. ވީމާ މިކަމަށް އޮތް ޙައްލަކީ، އަލަށް ގާއިމުކުރާ ނަރުދަމާގެ ނިޒާމާއިއެކު މިދެންވި ސެޕްޓިކް ޓޭންކްތައް ބިމުން ނަގައި، ސާފުކުރުމަށް ފަހު ނައްތާލުމެވެ. ފެން ފަށަލަ ރަނގަޅުކުރަން ބޭނުންނަމަ، މިދެންނެވި، މިހާރު ބޭނުންކުރަމުން މިދާ ސެޕްޓިކް ޓޭންކުތައް ނެގުމުގައި ސަރުކާރުން އެހީތެރިވާން ޖެހޭނެ ކަމަށް ދެކެމެވެ.

އަލަށް ގާއިމުކުރާ، ނަރުދަމާ ނިޒާމުގެ ސަބަބުން ރަށުގެ ފެން ހެޔޮނުވާނެ ދެވަނަ ސަބަބަކީ،  ދޮވުމަށާއި ފެންވެރުމަށް އަދި ފާޚާނާ ފްލަޝްކުރުމަށް ބިމުން ނަގާފެން ނަރުދަމާ ނިޒާމުގެ ތެރެއިން، މޫދަށް ޕަންޕްގެ އެހީގައި ބޭރުވެގެން ދާނެތިއެވެ. ކުޅުދުއްފުށި އާބަން ސެންޓަރަކަށް ބަދަލުވަމުން ދާ އިސްޕީޓް ހަލުވިވަމުން ދިޔަވަރަކަށް މިގޮތުން މޫދަށް ނޫނީ ކަނޑަށް ބޭރުކުރާ ފެނުގެ ނިސްބަތް ދާނީ ހައްތަހާ މަތިވަމުންނެވެ. އެއާއިއެކު ފެން ލޮނުވެ، ރަށުން ފެހިކަން ނެތެން ފަށާނެއެވެ.

މިހާރު ރަށުގެ ހާލަތު އޮތް ގޮތުގެ ސަބަބުން، ވިއްސާރަ މޫސުމުގައި މަގުމައްޗަށް އެޅޭ ފެނުގެ ބޮޑު ޕަސެންޓެއް ބިމަށް ހިނދިގެން ދިޔުމުގެ ބަދަލުގައި އާތްވަށްވެގެން އަރަނީއެވެ. ނޫނީ، މަގު ހަދާ ޔުނިޓުން، ޕަންޕުޖަހައިގެން، މަގުތަކުން ފެން ހިއްކުމަށްފަހު ފެންތައް އުކާލަނީއެވެ. އަލަށް ގާއިމުކުރާ ނަރުދަމާ ނިޒާމު ގާއިމުކުރުމަށްފަހުވެސް މިހާރު އޮތް ހާލަތުގައި، ކުޅުދުއްފުށީގެ މަގުތައް ބާއްވައިފިނަމަ، ރަށުގެ ފެނުގެ ހާލަތު އިތުރަށް، ގޯސްވެގެން ދާނެއެވެ. ސަބަބަކީ އޭރުން ބިމަށް ފެން ހިނދޭ މިންވަރަށްވުރެ، ބިމުން ނަގައި ބޭރުކުރާ ފެނުގެ  މިންވަރު މަތިވާނެތީއެވެ.

ނަރުދަމާ ނިޒާމު ގާއިމުކުރުމުން ހައްލުވާނީ ނަޖިސްނައްތާލުމުގައި މިހާރު ދިމާވެފައިވާ މައްސަލައެވެ. ފެނުގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ ސަރުކާރުން މިރަށުގެ މަގުތައް ހެދުމަށްފަހު، ބިމަށް އެޅޭ ފެން ބިމަށް ހިނދޭނެ ނިޒާމެއް، ކާނުތަކެއް ކޮނެގެން ނަމަވެސް ހަމަޖައްސަން ޖެހޭނެއެވެ. އެހެންނޫނީ، ނަރުދަމާ ނިޒާމުގެ ސަބަބުން އިތުރު މައްސަލައެއް ނުކުންނާނެއެވެ.

ފަށަމުންވެސް ދެންނެވި ފަދައިން، މިހާރު ކުޅުދުއްފުށީ ފެނުގެ ހަތްދިހަ ފަސެންޓް ވަނީ ތަޣައްޔަރުވެފައެވެ. ވީމާ، ނަރުދަމާ ނިޒާމު ގާއިމުކޮށް ހަމަ ނިމުމާއެކު ލަސްނުކޮށް ސާފު ބޯފެން ގޭގެއަށް ލިބޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭނެއެވެ. ސާފު ލޮނުފެން، ފާޚާނާ ފުލަޝްކުރުންފަދަ ކަންކަމަށް ބޭނުންކުރެވޭނެ ގޮތެއްވެސް ހެދުން ވަރަށް ރަނގަޅުވާނެ ކަމަށް އަހަރެންނަށް ވިސްނެއެވެ.

ނަރުދަމާ ނިޒާމު ގާއިމުކުރުން، އެއީ އެކަމުގެ ޒާތުގައި ކުޅުދުއްފުށީގެ ފެނުގެ މައްސަލައަށް ޖަވާބެއް ދޭނެކަމަކަށް ނުވާނެތީ، ކުޅުދުއްފުށީ މީހުންގެ ވިސްނުން ތިމާވެއްޓާއި ރަށްވެހިކަމާއި މެދު ބަދަލުވާންޖެހެއެވެ. މިގޮތުން ރަށުގެ އެކި ހިސާބުތަކުގައި ހާމަ ހުސްބިންތައް ބާއްވަންޖެހެއެވެ. ރަށްވެހިކަމަކީ، ފުރިބާރުވަންދެން ކުލަކުލައިގެ ތަފާތު ބައްޓަމުގެ އުސް އިމާރާތް އެޅުން ނޫންކަން ހިތުގެ އަޑިން ގަބޫލުކުރަން ޖެހެއެވެ. ސާފު ފެންފަށަލައެއް ދެމި އޮތުމުގައި  ހާމަ ހުސް ބިންތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

މީގެ އިތުރަށް، މިރަށުގެ ކުޅި ބާއްވަން ބޭނުންނަމަ، އެސަރަހައްދު ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމެއް ރާވަންޖެހެއެވެ. ޚާއްސަކޮށް، ޓޮކްސިކް ކުނިބުނި (ވިހަ އެކުލެވޭ ބާވަތްތަކުގެ ކުނިބުނި، މިސާލަކަށް ބެޓެރި) ކުޅި ހިމެނޭ ސަރަހައްދަށް އުކުން މުޅިން މަނާކުރަން ޖެހޭނެއެވެ. މި ރަށުގެ ކުޅިއަކީ ރަށުގެ މީރު ފެން ފަށަލައިގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ކުޅީގައިވާ ފެނުން އަހަރެމެންނަށް އެފެންނަނީ، މިރަށުގެ ފެން ފަށަލައެވެ. އެތަނަށް އުކާލެވޭ، ކުނި ދައުރުވެގެން ދާނީ ރަށުގެ ފެން ފަށަލައިގެ ތެރޭގައެވެ.

ސާފުބޯފެނަކި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގެކެވެ. ކުޅުދުއްފުށީގެ ފެނުގެ މައްސަލަ، ނަރުދަމާ ނިޒާމާއިއެކު ހައްލުކުރަން ބޭނުންނަމަ، އަންނަނިވި ކަންކަމަށް ސަރުކާރުގެ ކިބައިން އެދޭށެވެ.

  • އައު ނަރުދަމާ ނިޒާމު ގާއިމުކޮށް ނިމުމާއެކު، މިހާރު ބިމުގައި ވަޅުލާފައިހުރި ސެޕްޓިކް ޓޭންކްތައް ނަގައި، ރައްކާތެރިކަމާއެކު ނައްތާލުމުގައި ސަރުކާރުގެ އެހީއަށް އެދޭށެވެ.
  • ބިމަށް ފެން ހިނދޭނެ ފަދަ ގޮތަކަށް ކުޅުދުއްފުށީގެ މަގުތައް ހެދުމަށް ސަރުކާރުގައި އެދޭށެވެ.
  • ގޭބިސީތަކަށް އަތްފޯރާފެންވަރެއްގައި ސާފުފެން ލިބޭނެ އިންތިޒާމެއް، ހަމަޖައްސައި ދިނުމަށް ސަރުކާރުގައި އެދޭށެވެ.
  • ކުޅި ހިމެނޭ ސަރަހައްދު އެއީ ހަގީގީ މާނައިގައި، ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުން އެދި ސަރުކާރުގައި އެދޭށެވެ.
  • ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ރާވާއިރު ހާމަ، ހުސްބިންތައް ހުންނާނޭގޮތަކަށް، ޕްލޭންކުރުމަށް ސަރުކާރުގައި އެދޭށެވެ.

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކުރޮޅި‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    އަހަން މިހާރު މި އަޕުވާލެއް އަވަސްކަމުން ކިޔާލާނެ އްވައްޖެއް ވަސް ނުވެގެން މިޔޮޅެނީ..

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ތިޔަ ވިދާޅުވިހެން، ބިމަށް ވާރޭ ފެން ހިނދޭނެ ގޮތެއް ރާވައިގެން ނޫނީ، ފެން ފަށަލައަށް ހެޔޮކަމެއް އަންނާނެހެން ހިއެއް ނުވޭ. އެކަމަކު ދަންނަވާލަން ބޭނުންވަނީ، އާރބަނައިޒޭޝަން ނުވަތަ ގިނަ މީހުން ރަށުގައި ވަޒަންވެރިވެ ކުރިއަރައިގެން ދިޔުމުގެ ސަބަބުން، އަލުން ފެންފަށަލަ އިހަށް ހުރި ގޮތަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނޭ. އެއީ ބިމުން ފެން ނެގޭ މިންވަރާ ބަލާފައި، އެއާ ގާތަށް ވެސް ފެން ބިމަށް ނުހިންދޭނެތީ. ނަރުދަމާ ނިޒާމާއެކު އަންނަންވާނެ ޑީސެލިނޭޝަން ޕްލާންޓް ބޯފެން ހަދަން. އޭރުން ބުއިމަށާއި ކެއްކުމަށް އަދި ފެންވެރުމަށާއި އެއްޗެހި ދޮވުމަށް އެފެން ބޭނުންކުރެވޭނޭ. ރަށުގެ ބިމުގެ ފެން ބޭނުންކުރެވޭނެ ފާޚާނާ ފްލަޝްކުރަން. ތަރައްޤީއާއި އެކު އަންނަ މިކަހަލަ ކަންތައްތައް ހުންނާނެ. އަޅުގަނޑުމެން ޖެހޭނެ ބައެއް ޤުރުބާނީތައް ވާން.

  3. މުޝްރިފް އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ހާޝިމަށް
    ރަނގަޅޭ. ތިޔަ ވާހަކަތާ ލިޔުމުގައި އެއޮތީ. ފެން ފަށަލަ ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ފެން ލޮނުވި ވަރަކަށް ގަސްގަހާގެ މަރުވާނެތީ. އޭރުން ރަށް ހީވާނީ ހޫނު ގަދަ ކޮންކުރީޓް ޖަންގައްޔެއްހެން. އާބަނައިޒް ވީމަ ގަސްގަހާގެހި ނެތިއްޔާ ވައި ނުސާފުވެ ނޭވާލުމާއި ގުޅޭ ތަފާތު ބަލިތައް އިތުރު ވާނެ. އަނެއް ކޮޅުން ހަކަތަ ބޭނުން ކުރަން ޖެހޭ މިންވަރު އިތުރުވެ، ޖީބަށް ބާރު ބޮޑުވާނެ. ވީމާ، ފެން ފަށަލަ ރަނގަޅުވާން ޖެހޭނެ.

  4. އަމީރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ވިސްނާލެއްވުމަށް:
    އައްޑޫ އަތޮޅުގައި ފުރަތަމަ ގާއިމުކުރަނީ ސާފު ފެން ލިބޭނެ ނިޒާމެއް. އެއަށްފަހު ނަރުދަމާ ނިޒާމް. އަސްލު ހަދަންޖެހޭނެ ގޮތަކީ އެއީ.

  5. ބާދުސާހު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ހުރިހާރަގަޅުކަމެ ފުރަތަމަކުރާނީދެކުނުގަ މިކޮޅުމަތީގަ ވާނީމާފަހުން އެކަންވާނީވެސްއެހެން

  6. ކުކުޅު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ކުޅުދޫފުށި މީހުންތެޅިގަތީ ނަރުދަމާ ނަރުދަމާ އޭކިޔަމުންނޭ ރޭގަބަހުސްގަ ވެސް އުސްތާޒު ނަސީދުވެސް ފުރަތަމަވެސް އެފާހަގަ ކޮށދިނީ ގަމާރުން ކަމައް ކިހާދެރަ ކަމެއް

  7. ނަޢީމް‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ކުކުޅަށް:
    ތިޔަހެން، ފީހާލީގައި އޮތަސް އަދި ވާނުވާއެއް ނޭނގޭނެ.

    ނަޝީދު މަސައްކަތްކުރީ، މިރަށުގައިހުރި މައްސަލަތަށް ބުނެދޭން. ޙަގީގަތުގައި، ނަޝީދު އެބުނި ހިރިހާ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި (ކުކުޅުގެ ހާލީގައިވެސް) ހުރި މައްސަލަތައް. ނަޝީދު ގޮނޑިބޭނުންވެގެން އުޅެނީ މިރަށުން ކަމަށްވާތީ މިރަށުގެ ވާހަކަ އެދެއްކީ.

    އެހެން ނޫނަސް ނަޝީދަކީ އަހަރެމެންނަށް ބީރެއްޓެއްސެއް.

  8. ކިޔުންތެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ތީދެން ކޮންވާހަކަ އެއް

  9. ކޮލިޓީ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ސެޕްޓިކް ޓޭންކަކީ ކޮން ރަށަކުން ލަފާ މީހެއް؟ ޖަންކްޝަން ވަޅުގަޑޭތަ ތިޔަ ކިޔަނީ؟ ދެން ހެވޭ. ކޮންމެއަކަސް ލިޔުން ވަރަށް ފުރިހަމަ. ވަރަށް މައުލޫމާތު ލިބިއްޖެ.

  10. އަމީރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ” ހޭ ” އަށް
    ” ހޭ ” ގެ ނަމުގައި ކޮމެންޓްކޮށްފައިވާ ފަރާތަކީ ވަރަށް ޖާހިލު، މީސްމީހުނަށް މަލާމާތްކުރާ ވަލުބުޑު ނުކެނޑޭ މީހެއް.
    ފުރަތަމަ، ކޮމެންޓް ޖަހާފައި އެވަނީ، އެ ކޮމެންޓާއި ނުވެސް ގުޅޭ އާޓިކަލެއްގެ ފަހަތުގައި.
    ކޯދު އާދަނު ބުނީ އިންޓަނޭޝަނަލް ހައި ސްކޫލްއޭ. ރަންކޮޅާ… އޭނާ އެބުނީ ހަމަ ރަނގަޅަށް. އެހެން ބުނަން ޕީއެޗްޑީއެއް ބޭނުމެއް ނުވާނެ.

    “ހޭ” ބުނަން ވާހަކައެއް… ނެތް ފެންވަރުން މީހުންނާއި ދިމާކުރަންޏާ ވާނީ ބޭޒާރު.

    ވާހަކައެއް އަހާލަންތަ؟ ކަލެޔަށް ފަހެ، ތާނަކިޔަން އެނގޭތަ؟

  11. ރޮބަޓް ގޭޓްސް‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ހޯހޯ ވާދަނުކިޔާ . އޮށްޓަރުހުރި ކޮމެންޓެއް ލިޔެވޭތޯ ބައްލަވާށެވެ. ޒާތީވެ ޖާހިލުވެނުގަންނާށެވެ. މިރަށުގެ ކަންތައްވެސް ﷲ ގެ އިރާދަފުޅުން ރަގަޅުވާނެކަމަށް އުއްމީދުކޮށް ދުއާކުރައްވާށެވެ. އަހަރެމެންގެ 2 ގޮޑީގައި ތިބެންވާނީ ރަށަށް އެންމެ ފައިދާކުރާނެ 2 މީހަކު ހޮވައިގެންކަން ކަށަވަރުކުރާށެވެ. ހަދިޔާއެއް ދީގެން ވޯޓް ވިއްކަވާ ނުލައްވާށެވެ.

  12. ޢަމީރު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ކުކުޅަށް:
    “ހޭ” ގެ ނަމުގައި ކޮމެންޓުކުރި މީހާ ކިޔާފައި އެޔޮތީ ފާޑެއް ނޫން. އެޔޮތީ ޒާތީވެފައި. އެހެންވެ، އޭނާ ކުރެން މި އަހަނީ ތާނަކިޔަން އެނގޭހޭ؟ ލިޔަން އެނގޭހޭ؟

    ދެން މިއީ ކުޅުދުއްފުށީގެ ނަރުދަމާއާއި ބޯފެނާ ބެހޭގޮތުން ލިޔެފައި އޮތް ލިޔުމެއް. މިތާކު ނުޖެހޭ ވޯޓުގެ ވާހަކަ ދައްކާކަށް.

  13. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ނަރުދަމާ ގާއިމްކުރަނީ ވޯޓާސަޕްލައި ނުހިމަނާތަ! އެކަން އެގޮތައް ކުރިޔަނުދޭތި، ނަރުދަމާ ހަރުކުރުމަށްފަހު ސާފުފެން ސަޕްލައިނުކުރެވިއްޖެއާމުން ތިބޭނީ!!!

  14. އަހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ހާޝިމާ ބުނާކަށް މަގާތަށް ވަސް އައީ، ވަރަށް ނުލަފާ ހިންޏެއް. އެ ޢަބްދުﷲ މުހަންމަދު އެއީ އަނގައިންވެސް ބުނެވޭ ބެޔެއް ނޫން. ކޮން ބަޔަކު އެބެޔަށް ދިން ލަނޑެއް ބާވަ އެއީ؟

  15. ގޮބޮޅި‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    އައްބާސްގެ ލިޔުންތައް ވަރަށް ކްރިއޭޓިވް. ވަރަށް ހިޔާލު ތަނަވަސް ބޭފުޅެއްކަން އެނގޭ. ކުޅުދުއްފުށީގެ ގޮނޑިއަކަށް އައްބާސް ކުރިމަތި ލައްވައިފިނަމަ، އައްބާސް އަށް ވޯޓެއް ދޭނަން D:

  16. ނަރުދަމާ ހޮޅިއަޅާބަންގާޅިން‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    މަށަށްހީވަނީ ފެންހޮޅިޔެއްނޫންކަންނޭނގެ އަޅަންވީކީ ފްލެސްޓޭންކަށް ކޮންމެގެއަކަށް މޫދުން ލޮނުހޮޅިޔެއް އެޅުނިއްޔާ ކިހިނެއްބާވާނީ އޭރުންރަށުގަހުރިފެންފޮދު ރަށުންބޭރުވާލެއްމަދުވާނެއްނުން!!!!!!!!!!!

  17. ފަހަރި ދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:23/04/2009

    ހާސިމު ނަމުގަ ކޮންމެ މީހަކު ކޮމެންޓު ކުރިޔަސް ހެވޭ.. ކޮށްފާނޭނުން.. ބަހައްޓާ އެކަމާ އަޅާލާނެކަމެއް ނެތް. ދެން ބަންގާޅީ ކުދިން އެ ވިދާޅުވިހެން ލޮނުހޮޅިއެއް ގުޅީމަ ހެދެ ފައްކަލެއް ނުވާނެބާ؟