Share

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރިއަށްގެންދާ ހަރަކާތްތައް ހދ އަތޮޅު ކައުންސިލުން ކުށްވެރި ކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރިއަށްގެންދާ ހަރަކާތްތައް ހދ އަތޮޅު ކައުންސިލުން ކުށްވެރި ކޮށްފި

.

-  ކައުންސިލުން ނޫސްބަޔާން ނެރެފައިވަނީ ކައުންސިލަރުންނާ މަޝްވަރާ ނުކޮށް: ނޮޅިވަރަމް ދާއިރާގެ ކައުންސިލަރ

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި އެފަދަ ހަބަރުތައް ގެނެސްދޭ މީޑިއާތަށް ކުށްވެރިކޮށް ހދ އަތޮޅު ކައުންސިލުން ނޫސް ބަޔާނެއް ނެރެފި އެވެ.

ހދ އަތޮޅު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެކައުންސިލުގެ މެމްބަރުންނަކީ މުސްލިމުންކަމަށާއި ލާދީނީ ބައެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވާ އަދި އެއްމުސްލިމަކަށް ނިސްބަތްކޮށް ކާފަރެއްކަމަށް ބުނެ ގައުމުގައި ފަސާދަ އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

“އަޅުގަނޑުމެންނަކީވެސް މިޤައުމަށް އުފަންވެ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި ތިބި ބަޔަކަށް ވީހިނދު އަޅުގަނޑުމެންނަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވަ އަދި އެއް މުސްލިމަކަށް ނިސްބަތްކޮށް ކާފަރެއް ކަމަށް ބުނެ ޤައުމުގައި ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް މިކައުންސިލުން އެންމެ ހަރުކަށި ޢިބަރާތުން ކުއްވެރި ކުރަމެވެ.”

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި ރައީސް ނަޝީދު ގައުމަށް ގެންނަވަމުން ގެންދަވާ ތަރައްޤީގެ ވާހަކަ ފާހަގަކޮށްފައި ވެއެވެ. އަދި އިދިކޮޅު ފަރާތްތަކަށް، ގައުމަށް އަންނަމުންދާ ތަރައްޤީ ހަޖަމު ކުރަން އުނދަގޫ ކަމަށް އެނޫސްބަޔާނުގައި ވެއެވެ.

“ދިވެހި ރައްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ކުރު މުއްދަތެއްގައި ޤައުމަށް މިގެނެސްދެއްވާ ބޮޑު ކުރި އެރުމާއި ތަރައްޤީ އަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ކުރަން އުނދަގޫ ކަންކަމަށް ވީނަމަވެސް މިހަޤީޤަތް ތިލަދުންމަތީ ދަރިން ޤަބޫލު ކުރަނީ އުފަލާއެކުގައެވެ.” އެ ނޫސްބަޔާނުގައި ވެއެވެ. “އަދި މިކަން ނެތިކޮށް ޤައުމުގެ ހަމަޖެހުން ނެތިކޮށްލުމަށްޓަކައި ރެޔަދުވާލު ބައެއް މީޑިޔާތަކުންނާއި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ޢުދުވަނީ މަސައްކަތްތައް މިކައުންސިލުން ހަރުކަށި އިބާރަތުން ކުށްވެރި ކުރަމެވެ.”

ވެރިކަންކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހދ އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި، ލާދީނީ ސަރުކާރެއް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރާ ކުރުމަށް ހުރަސް އެޅުމަށް އެދެމެދަށް ކޯޓުތައް ނުވަދެ ފުރިހަމަ ގޮތުގައި ތަހުޤީޤު ކުރުމުގެ ފުރުޞަތު ދެއްވުމަށް ކޯޓުތަކަށް ގޮވަލާފައިވެ އެވެ.

ކައުންސިލުން ނެރުނު ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ މިސަރުކާރުގެ ވައުދުތައް ފުދޭތަން ޤައުމުގެ އެކި ކަންކޮޅުތަކުން ފެންނަން ފެށުމުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަަސައްކަތަކީ އަމިއްލަ ލޮލަށް ހަރާލުމަށް ފޭހޭ އިލޮށްޓަކަށް ވެދާނެ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ. އެހެން ކަމުން ޒަތީގޮތް ދޫކޮށް ސިޔަސީ ދަނޑަށް ނުކުތުމަށާއި ކުޅެމުންދާ މެޗްގެ ވަގުތު ހަމަވަންދެން ކެތްތެރިކަމާއެކު ތިބުމަށް އިދިކޮޅު ފަރާތްތަކަށް ހދ އަތޮޅު ކައުންސިލުން ގޮވާލާފައި ވެއެވެ.

މި ނޫސްބަޔާނުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަދި އެންމެ މަތީ ޝަރުޢީ ކޯޓުގެ ހުކުމްތަކާއި ހިލާފަށް ދިވެހި އަސްކަރިއްޔާ އިން ހައްޔަރުކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސްޤާޟީގެ މައްސަލަ ފާހަގަކޮށްފައި ނުވުމުން މިއީ ހދ އަތޮޅު ކައުންސިލުގެ ނަމުގައި އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްކަމަށް އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ ޑީއާރުޕީގެ ކައުންސިލަރ ޒަކަރިއްޔާ މިއަދު ވިދާޅުވީ، ކައުންސިލުގެ ލެޓަރ ހެޑުގައި ހދ އަތޮޅު ކައުންސިލުގައި ނޫސްބަޔާނެއް ނެރެފައިވަނީ އެކައުންސިލުގެ މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި، ކައުންސިލުގެ ބައްދަލުވުމެއްގައި މަޝްވަރާނުކުރެވި ކައުންސިލުގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫސްބަޔާނެއް ކައުންސިލުގެ ނަމުގައި ނުނެރެވޭނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، މިއަދުވެސް އޮފީހަށް ނުކުމެވަޑައިގަތް ކަމަށާއި ނަމަވެސް އެފަދަ ނޫސްބަޔާނެއް ނެރެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި ކައުންސިލުގައި ހިމެނޭ ބައެއް އެހެން މެމްބަރުންނަށްވެސް އެކަން އެނގިވަޑައިގެންފައި ނުވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. މިއަދު ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވަނީ ލާމަރުކަޒީ ގާނޫނުގެ މައިގަނޑު އުޞޫލުތަކާ ހިލާފަށް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ނޫސްބަޔާން ޑައުންލޯޑް ކުރައްވާ

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އާދަން‮ ‬ވިދާޅުވީ


    ތާރީޚް:23/01/2012

    އެއް ކާޅު ސީލީމަ އަނެއްކާޅު ސީލާ އުސޫލު މިއޮންނަނީ. ވެގެން މިއުޅޭ ގޮތަކީ ކޮންމެވެސް އަތޮޅެއްގެ ކައުންސިލުން ނޫސްބަޔާނެއް ނެރުނީ.

    ދެން އަންނި ގާތު ވައިއަޅުވަންވެގެން ތިމާމެންވެސް ވެއްޖެ ނޫސްބަޔާނެއް ނެރެން! ބަލާލަ! ލިޔެފައިހުރި ދެއުޅިއެއް ނުވާއެއްޗެތިއޭގައި. މުޒާހިރާ މިކުރަނީ، ތަރއްގީވާތި އެކަން ‘ހަޖަމު’ ނުވެގެންތަ؟

    މީޑިޔާއަށް މި އެތިވަރުގޮވީ، އެއީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަން ނޭނގޭތީހެން ހީވަނީ. ނޫނީ ތިމާމެންގެ ޕާޓީގެ ކަނޑުކޮސް އުސޫލުގައި ހިފަހައްޓަން ވެގެން ތޯއްޗެ.

    ގަމާރުވިޔަސް ފުކެއް ބޮޑުވަރު!

  2. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:24/01/2012

    ހަނިމާދޫ ކައުންސިލަރު ވައިކަރަދޫ ކައުންސިލަރު އަދި ނޮޅިވަރަމް ކައުންސިލަރުވެސް ވިދާޅުވީ، އެބޭފުޅުންނަށް ނޫސްބަޔާން ފެނިފައިވެސް ނުވާކަމަށް. މިއަދު އޮފީހަށްވެސް ނުކުތްކަމަށް. ޝުކޫރާއި ދެން ތިބި އެމްޑީޕީގެ ކައުންސިލަރުންގެ އަމިއްލަ އަށް ނެރެންޖެހޭ ނޫސްބަޔާނެއް ހދ އަތޮޅު ރައްޔިތުން ތަމްސީލުކުރާ ކައުންސިލަކުން ތިޔަގޮތަށް ނެރުނީމާ ޝުކޫރުމެންގެ ހުރި ނުކުޅެދުންތެރިކަން އެނގި ހާމަވެއްޖެ.

  3. މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:24/01/2012

    ތިބުނުއްވާ ނޫސްބަޔާން އަޅެ މިތަނުގައި އެޓޭޗް ކޮށްލަދީބަލަ؟ ތިވާނީ ހަމަ ރެވި އަލީ ޝުކޫރު ބޮލަށް ސަވާރުވެގެން ނެރުނު އެއްޗަކަށް.. އައްޔަށްވާ ހަމަ ސާބަސް

  4. ފީއިލޮށި‮ ‬ވިދާޅުވީ


    ތާރީޚް:24/01/2012

    “ލާއިންސާނީ” މިބަހަކީ ޢަރަބި ބަހުގެ ދެ ލަފުޒެއް އެކުވެގެން އުފެދިފައިވާ މުރައްކަބެކެވެ. ދެލަފުޒު އެކުވުމުން މާނައަކަށް ވަނީ “އިންސާނިއްޔަތާ ޚިލާފު” މިމާނައެވެ. ދިވެހިބަހުންވެސް މިބަސް ބޭނުންކުރަނީ މިމާނައިގައެވެ. އަރަބި ބަހުގައިވެސް ދިވެހި ބަހުގައިވެސް “އިންސާނެއް ނޫން” މިމާނައިގައި އެބަހެއް ބޭނުމެއް ނުކުރެއެވެ. މިވެނި މީހަކީ ލާއިންސާނީ މީހެކޭ، މިވެނި މުއައްސަސާއަކީ ލާއިންސާނީ މުއައްސަސާއެކޭ، މިވެނި ސަރުކާރަކީ ލާއިންސާނީ ސަރުކާރެކޭ ބުނުމުން އޭގެ މާނައަކީ؛ އެމީހާއަކީ ޖަނަވާރެކޭ، އެމުއައްސަސާގެ ވެރިންނަކީ ޖަނަވާރުންނޭ، އެސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަކީ ޖަނަވާރުންނޭ ބުނުމެއް ނޫނެވެ.

    އަރަބިބަހުން “ލާދީނީ” މިބަސް “ދީނަކަށް ނިސްބަތްނުވުން” މިމާނައިގައި ބޭނުންކުރެވިފައި ހުރެއެވެ. އިނގިރޭސި ބަހުންނަމަ މިބަހުގެ މާނައަކަށް ވެގެންދާނީ “Secular”އެވެ. ދިވެހިންގެ އިސްޠިލާޙުގައި މިބަސް ބޭނުންކުރެވެނީ؛ ދީނާ ބީރައްޓެހި، ދީނާ ދުރު، ދީނުގައި އަންގަވާފައިވާގޮތާ ޚިލާފު، މިމާނަތަކުގައެވެ. “މުރުތައްދު” ނުވަތަ “ކާފިރު” ގެ މާނައިގައި ދިވެއްސަކު އެބަސް ބުނަނިކޮށް، މީގެ ކުރިއަކުން ހަމަ ގައިމުވެސް އަހުރެން އަޑެއް ނާހަމެވެ. މިސާލަކަށް؛ އެމީހަކީ ކާފަރެއްކަން ކަނޑައެޅިގެން އެނގޭ މީހަކާ ދިމާއަށް އެއީ ލާދީނީ މީހެކޭ ބުނާ އަޑެއް ނާހަމެވެ. ރިސޯޓުތަކުގައި ލާދީނީ ފަތުރުވެރިން އުޅޭ ވާހަކައެއް، އެމެރިކާގެ ސަރުކާރުން ލާދީނީ ކަންތައްތައް ހިންގާ ވާހަކައެއް،އިސްރާއީލުގެ ބޮޑުވަޒީރަކަށް ލާދީނީ މީހަކު ހުރި ވާހަކައެއް ދިވެހިން ނުދައްކައެވެ. ލާދީނީ މީހެކޭ ނުވަތަ ލާދީނީ ބައެކޭ ބުނަނީ އިސްލާމްދީނުގައި އުޅޭ، އެހެން ނަމަވެސް ދީނާ ބީރައްޓެހި، ދީނާ ދުރު، ދީނުގައި އަންގަވާފައިވާ ގޮތް ނޫން ގޮތްގޮތަށް ޢަމަލުތައް ބަހައްޓާ މީހުންނަށެވެ.

  5. އާދަން‮ ‬ވިދާޅުވީ


    ތާރީޚް:24/01/2012

    ކާކުތަ އުޅެނީ ހދ. އަތޮޅުކައުންސިލްގެ މެންބަރުންނަކީ ލާދީނީ ބައެކޭ ކިޔައިގެން އެމީހުންނާއި ދެކޮޅަށް މުޒާހަރާކުރަން؟ މި މީހުން ހިތުން މިއީ ދެން ވަރަށް ބައެއް! މި ދެން ކޮންބައެއް؟

  6. boduthila‮ ‬ވިދާޅުވީ


    ތާރީޚް:24/01/2012

    ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަކީ މައްސަލައެއް ނޫނެވެ. އެމީހުން ހޮވާފައިތިބީ އެކަން ކުރުމަށެވެ. އެކަމަކު ޤާނޫނާއި ޤަވާއިދުގެ ތެރެއިންނެވެ. މިއަދު މައްސަލައަކަށް މިވަނީ މިބުނާ ގޮތަށް އެކަން ކުރުމުގެ ބަދަލުގައި ހިތުހުރިގޮތަކަށް ކަންކުރުމެވެ. މިސާލަކަށް މިރަށު ވެލިގަނޑުން ވެލިނަގަމުން ދަނީ ކޮން ޤާނޫނެއްގެ ދަށުންތޯ؟ ޤާޞީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ކޮން ޤާނޫނެއްގެ ދަށުންތޯ؟ އަދިވެސް ….މިއީ އިދިކޮޅު މީހުންނަށް ހަޖަމް ނުކުރެވޭ ކަންކަމަކީ….ސުކޫރުއަށް އެނގޭނެކަމަށް ހީކުރަން

  7. ކުޑޫ‮ ‬ވިދާޅުވީ


    ތާރީޚް:26/01/2012

    ދެން ކުޅުދުއްފުށީ މީހުން ދައްކާނެ ތިކަހަލަ ވާހަކަ.. ކުޅުދުއްފުއްޓަށާއި އައްޑުއަށް ވިއްޔަ ހުރިހާ ކަމެއް އޮތީ.. އެހެންވީމަ އެހެންވަނީ. ހަކުރު ދެންޏާ ބޮޑުބޭބެ

  8. ފު‮ ‬ވިދާޅުވީ


    ތާރީޚް:28/01/2012

    އަނގައިން ނުބުނެ ތިބޭނަމަ އެމީހުންގެ ހުރި ތަންދޮރު ނުދަންނަކަމާ ޖާހިލުކަމެއް އެކަކަށް ވެސް ނޭނގުނީސް.. ޖާހިލުން އަނގަހުޅުވީމާ ނުކުންނާނީ ޖާހިލު ބަޔާންތައް.. މުސްތަގުބަލުގައި ދިވެހި ތާރީޚު ކިޔަން ތިބޭ ބަޔަކު ހީހީ އަވަދިވާ ވަރުގެ މޮޅެތި ކައުންސިލަރުން ތިތިބީ

ޚިޔާލު ފާޅުކުރައްވާ