ވައިކަރަދޫއަކީ، ހދ. އަތޮޅުގައި އޮތް އެންމެ ތަޢުލީމީ ރަށެވެ. އެ ރަށުގައި،
ހދ. އަތޮޅު މަދަރުސާ އެޅުމަށް ސަރުކާރުން ނިންމި ސަބަބަކީ ވެސް އެއެވެ. ނަމަވެސް މި ދެންނެވި ސަބަބު އެއީ، މިހާރު މާޒީއެވެ.
ވައިކަރަދުއަށް ދިމާވެފައިވާ މައިގަނޑު މައްސަލަޔަކީ، އެރަށުގެ މީހުން ހައްދާ ތަކެއްޗަށް މާރުކޭޓެއް ނުލިބުމެއް ނޫނެވެ. އެކަމަކު އެއީ ތައުލީމު ލިބެން ނެތުމާއި ހިޖުރަކުރުމުގެ މައްސަލައެވެ. މި ބުނި ދެ މައްސަލަވަނީ ވަރަށް ބޮޑަށް ބުރެއްގެ ސިފައިގައި ގުޅި ލާމެހިފައެވެ. ވައިކަރަދުއަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކުން މިންޖުވެވޭނީ، މި ބުނި ބުރު ހަލާކުކޮށްލެވުނު ދުވަހަކުންނެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެރަށުގެ ތަޢުލީމަށް ބަދަލުތަކެއް އަތުވެއްޖެނަމަ ހިޖުރަކުރުން މަޑުޖެހިގެން ދާނެއެވެ. ހިޖުރަކުރުން މަޑުޖެހެން ފަށާއިރަށް، ސްކޫލްގެ ކިޔެވުމަށް އަނެއްކާވެސް ރަނގަޅު އަސަރުކުރަންފަށާނެއެވެ.
ވައިކަރަދޫގެ ތައުލީމަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ބަލާލަމާހެއްޔެވެ؟ އެންމެ ފުރަތަމަވެސް ބުނަން އޮތީ އަތޮޅު މަދަރުސާއަކީ ކުރީގައި އަތޮޅުގެ ދެވަނަ ސްކޫލް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ނަތީޖާއަށް ބަލާފައި މިހާރު މި މަގާމު ދޭންޖެހެނީ، ހދ. ނޮޅިވަރަން ސްކޫލަށެވެ. ކުރިއަށް އޮތްތަނުގައި، ވަރަށް ރަނގަޅަށް ޕްލޭނުކޮށްގެން ނޫނީ ނޮޅިވަރަމު ސްކޫލާއި ވާދަކުރުން، އަތޮޅު މަދަރުސާއަށް ދަތިވާނެއެވެ. ސަބަބަކީ، ނޮޅިވަރަމާއި ޚިލާފަށް ވައިކަރަދޫގައި އާބާދީ ހިޖުރަކުރުމުގެ ނިސްބަތް މަތިވުމާއި، ވައިކަރަދޫގެ ސްކޫލް އާބާދީ ނޮޅިވަރަމު ސްކޫލަށްވުރެ ދަށްވުމެވެ.
ވީމާ، ވައިކަރަދޫގެ ތައުލީމަށް ދިމާވެފައިވާ އެންމެ ހައްލުކުރަން އުދަގޫ މައްސަލައަކީ، ސްކޫލްގެ އާބާދީ ވަރަށް ބާރު އިސްޕީޓެއްގައި ދަށްވަމުން ދިޔުމެވެ. އާބާދީ އިތުރުވަމުން ދާ ރޭޓް ދަށްވުމާއި ހިޖުރަކުރުން އިތުރުވުން އެއީ މިކަމުގެ މައިގަނޑު ސަބަބެވެ.
ދެވަނަ އަށް ވައިކަރަދޫގެ ސްކޫލަށް ދިމާވެފައިވާ މައްސަލަޔަކީ ޓީޗަރުންގެ މައްސަލައެވެ. ޚާއްސަކޮށް ޕްރައިމަރީ ކުލާސްތަކުގައި ތަމްރީން ލިބިފައިތިބި ޓީޗަރުން ތިބި ކަމަށްވިޔަސް ތިބީ ވަރަށް ކުރިން ތަމްރީން ހޯދާފައިވާ ޓީޗަރުންނެވެ. އެ ޓީޗަރުންގެ ފެންވަރު މަތިކުރެވޭނެ ގޮތެއް ނެތެވެ. އަނެއްކޮޅުން، މި ޒަމާނުގެ ޓީޗިންގ ކޯސް ހަދައިގެން އަންނަ ޓީޗަރަށް ރަށުން ވަޒިފާ ލިބޭކަށް ނެތެވެ. ސަބަބަކީ، އެޑިޔުކޭޝަން މިނިސްޓްރީން އަތޮޅު މަދަރުސާއަށް ކަނޑައަޅުއްވާފައިވާ ޓީޗަރުންގެ އަދަދަށް އެ ސްކޫލްގައި މިހާރުވެސް ޓީޗަރުން ތިބުމެވެ. ވީމާ އަލަށް އަންނަ ގާބިލު ޓީޗަރަށް ވަޒީފާ ދެވެން ނެތީއެވެ.
ސްކޫލަށް ދިމާވެފައިވާ ތިންވަނަ މައްސަލަޔަކީ، ވަސީލަތްތަކުގެ މައްސަލައެވެ. ސްކޫލްގައި ‘ލައިބްރަރީ’ އެއް އެބަ ހުއްޓެވެ. ނަމަވެސް ވަރުގަދައެއް ނޫނެވެ. ލައިބްރަރީގެ ވަސީލަތް އެންމެ އެދެވޭ ގޮތަށް ބޭނުންކުރާނެ ދުރު ރާސްތާގެ ޕްލޭނެއް ނެތެވެ. ސައެންސް ސްޓްރީމް އުފެއްދިއިރު، އަދި މިހާރުވެސް ސައެންސް ލެބްތައް ގާއިމު ކޮށްފައެއް ނުވެއެވެ.
ތެދަށް ބުނާނަމަ، ސައެންސް ސްޓްރީމް ފެށީ ވަގުތަށްވުރެ ތަންކޮޅެއް އަވަހަށެވެ. ބިޒްނަސް ސްޓްރީމުން ރަނގަޅު ނަތީޖާ ހޯދެން ނުފަށަނީސް ސައެންސް ސްޓްރީމް ފެށުމުގެ ނަތީޖާއަކަށްވީ، ހުރިހާ މޮޅެތި ދަރިވަރުން ސައެންސް ސްޓްރީމަށް ވަނުމެވެ. ބިޒްނަސް ސްޓްރީމަށް ފެންވަރުގެ ގޮތުން ތަންކޮޅެއް ދަށް ދަރިވަރުން ވަނުމެވެ. އާޚިރު ނަތީޖާއަކީ ، ބޭނުންވާ ވަސީލަތް ގައިމުކުރެވިފައި ނެތުމުގެ ސަބަބުން ސައެންސް ސްޓްރީމަށް ވަންނަ މޮޅު ދަރިވަރުންނަށް ވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމެވެ. ހަމަ އެގޮތަށް ބިޒްނަސް ސްޓްރީމުންވެސް އެކަށީގެންވާ ނަތީޖާ ނުނެރެވުމުގެ ސަބަބުން މުޅި ސްކޫލްގެ އެވްރެޖް ނަތީޖާ މައްޗަށް ނުދިއުމެވެ. މިކަމުގެ ސަބަބުން، ބެލެނިވެރިންގެ އިތުބާރު ސްކޫލާއި މެދު ނެތެން ފެށުމުން ހިޖުރަކުރުމަށް ޝައުވެރިވުން އުފެދުމެވެ.
ހަތަރުވަނަ ސަބަބަކީ ސްކޫލުގެ މެނޭޖްމެންޓެވެ. ސްކޫލުގެ މެނޭޖްމެންޓް އަހަންނަށް ހުރިހާ އިރެއްގައިވެސް ފާހަގަކުރެވުނީ ލަނޑުދަނޑި ސާފުނުވާ މެނޭޖްމެންޓެއްގެ ގޮތުގައެވެ. މިހާރު ސްކޫލްގައި އޮތީ ސަތޭކަ ޕަސެންޓް ރަށު މެނޭޖްމެންޓެއްކަމުން ކުރިއަށް އޮތީ ރޯޝަން ދުވަސްތަކެއް ކަމަށް ބެލެވެއެވެ. ސްކޫލްގެ ފައިސާގެ ވަސީލަތް ބޮޑަށް ބޭނުންކުރާކަމަށް ބެލެވެނީ ބޭރުފުށުގެ ރީތިކަމަށެވެ.
ދެތިން ދަރިވަރަކު ކޮންމެ އަހަރަކު، ސީ.އެޗް އެސް އީ އަށް ވަދެވޭ ވަރަށް ފާސްވިޔަސް އެއީ ތައުލީމީ ގޮތުން ކާމިޔާބެއް ލިބުނީ ނޫންކަން ވައިކަރަދޫގެ ބެލެނިވެރިން ދަނެއެވެ. ނަތީޖާއަކަށް ވަނީ މާލެއަށް ހިޖުރަކުރުމެވެ. ވީމާ ސްކޫލުން ހޯދާ ދަށް ނަތީޖާ މިހާރު ވެފައި މިއޮތީ ހިޖުރަކުރުމަށް ބާރު އަޅާ ކަމަކަށެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ، ވައިކަރަދޫ މުޅިން އެހެން ވައިކަރަދޫއަކަށް ބަދަލުކޮށްލާނީ ކިހިނެއް ހެއްޔެވެ؟
ނޯޓް: ކޮމެންޓެއްގެ ސިފައިގައި ނޫން ގޮތަކަށް ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ގުޅޭ ޚިޔާލެއް އަޅުގަނޑާއި ހިއްސާކުރައްވަން ބޭނުންފުޅު ނަމަ މެއިލްކުރައްވާށެވެ. ” އަތޮޅު ދުނި” މިއީ އަތޮޅުގެ ރަށްރަށާއި ގުޅޭ ލިޔުންތައް ލިޔާނެ ސިލްސިލާއެކެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
ތިކަމުގައި އޮތީ އެންމެ ގޮތެއް. އެއީ ތިއަޑު ވައިކަރަދޫ ރައްޔިތުން އުފުލުން. މުޙައްމަދު ނަޝީދުގެ ސަރުކާރަކީ އަޑުއަހާ ސަރުކާރެއް. އެހެންވީމާ، ތިއަޑު ސަރުކާރަށް އިވެންދެން، ތިއަޑު ސަރުކާރުން އަހަންދެން ވާނެ އިއްވަވަން. ދެން އޮންނާނީ ރަށުގެ ހޮޅުއަށިތަކުގައާއި މަގުމަތީގައި މިވާހަކަ ދައްކަވައި، ރައްޔިތުން މިކަމަށް މަސައްކަތްކުރުން. އެހެންނަމަވެސް އަޅުގަނޑުމެން އެންމެ އެދޭ ބާރުމިނުގައި ތިކަން ނުދިޔުމަކީ އެކަށީގެންވާ ކަމެއް. އެއީ މައުމޫނު ވަޑައިގަތީ، މިޤައުމުގެ ބައިތުލްމާލް ހުސްކޮށްލައްވައިގެން ކަމުގައިވާތީ، ދައުލަތުގައި ފައިސާ ނެތުމުގެ ސަބަބުން.
އަދި ދަންނަވާލާނަން އެއްވާހަކަ. އެއީ ދިވެހި ބަހުގައި “އިސްޕީޓް” ކިޔާ އެއްޗެއް ނޯވޭ. އެހެންވީމާ، މިލިޔުމުގައި ބޭނުންކުރައްވާފައިވާ “އިސްޕީޓް” އެއީ ކުށް ބަހެއް. ދެން އަޅުގަނޑަށް ދޭހަވަނީ ދައްކަވަން އެއުޅުއްވަނީ “ސްޕީޑް” ގެ ވާހަކަ ކަމުގައިވަންޏާ އެއަށް އޮންނަ ދިވެހި ބަހަކީ “ދުވެލި”. އޭގެ މާނައަކީ ކަމެއް ކުރިއަށް ދާ މިންވަރު. “އިސްޕީޓް” ގެ ބަދަލުގައި “އިސްޕީޑް” މިހެން އޮތްނަމަވެސް އަޅުގަނޑު މައްސަލައެއް ނުޖެއްސީމުސް. އެއީ “ސްކްރީން” އަށް “އިސްކިރީނު”، “ސްޕީކަރ” އަށް “އިސްޕީކަރު”، “ސްޓޭޖް” އަށް “އިސްޓޭޖް” މިހެން ކިޔާ އުޅޭތީ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:25/04/2009
ހާޝިމް ހާދަ އަވަހަކަށް ކުށްބަސް ދައްކައޭ ދޯ ތަނެއް ދޮރެއް ބަލައި ނުލައި، ހާޝިމް އުމުރުން ކިހާވަރެއްތަ؟ ބޭބެއަކަށް ހިޔެއް ނުވޭ އަދި މާކަ ގިނަ ދުވަހެއް ވީހެނެއް.. “އިސްޕީޓު” އެއީ ކުރިން، ދިވެހިން “އިސްޕީޑް” އަށް ކިޔަމުން އައި ގޮތެއް. ސްކޫލަށް އިސްކޫލު ވެސް ކިޔާ، ސުކޫލު ވެސް ކިޔާ އެހެންނު؟ ރަނގަޅު ދުވެލި އެއީ ހަގީގީ ދިވެހި ގޮތަކީ.. އެކަމަކު ތިހެން ތިމާޔަށް ނޭނގޭ ކަންކަމުގައި ކުށެކޭ، ނޫނީ ނުކިޔައޭ ބުނުމުގެ ބަދަލުގަ އެހެން ކިޔާ އަޑު މި އެހީ އަދި އަލަށޭ ނުވަތަ އެއީ ކިޔާ ގޮތެއްތޯ އަހާލާ ނަމަ ވެސް ރަނގަޅު، ހާޝިމު ދިވެހި ބަހޭ ކިޔައިގެން ވަރަށް ގޯސް ފިކުރުތައް ގެންގުޅޭކަން ފާހަގަވާތީ މިހެން މި ބުނަނީ.. އެކަމަކު ގިނަ މީހުންނަކީ ނޭނގޭ ކަން ނޭނގޭ މީހުން. އެބައިގައި ނުހިމެނޭތި ކޮންމެސް.
ގަޅިބެ ވިދާޅުވީ
ތާރީޚް:25/04/2009
ދޮންބޭބެ ނުކިއަވާ ހުރީމަ ނޭގެނީ ހާޝިމު ބުންޏަސް އެއީ ކުށްބަހެއް
ކުޅުދުއްފުށީ މީހަ ވިދާޅުވީ
ތާރީޚް:25/04/2009
އުފަން ރަށަށް ދިމާވެފައިވާ ސީރިޔަސް މައްސަލަ އެއްގެ ވާހަކަ ލިޔުމުން ތާކުން ތާކު ނުޖެހޭ ހާސަރުތަކެއް ދަމާފައި. މަ ނުދެކެން ވައިކަރަދޫ ލައިވް ހިންގި އިރުވެސް މިހާ ބަރާބަރަށް މިޒާތު މައްސަލައެއް ލިޔެފަ އޮއްވައެއް. ދެން އަސްލު އެއީ އެ ލަފުޒު މުސްކުޅިން ކިޔާ ގޮތެއް. ދިވެހި ބަސްފޮތުގައި ނެތަސް އެއީ ކިޔާއަޑު މަށަށް އިވޭ ގޮތެއް. އަނެއްކޮޅުން މި ސައިޓްގައި ހުންނާނެ ކުޅުދުއްފުށީ ބަސްމަގު ވަރަށް ގިނައިން.
ދެން ބުނެ ބަލަ. ވައިކަރަދޫގެ ތަރައްގީއަށް ކުރަންވީ ކޮން ކަމެއްތަ؟
އިބުރާހީމް ވިދާޅުވީ
ތާރީޚް:25/04/2009
ވައިކަރަދޫއަށް ދިމާވާ ހަޤިޤީ އެއްމައްސަލައަކީ ރަސުގެ ޤަދަރުވެރި ޢާއިލާތަކުގެ ނޫންބަޔަކަށް އިޙުތިރާމްނުކުރުމާއި އެމީހުންނޫން ބަޔަކު ބަލައިނުގަތުން. މިހެންވުމުން ރަށުގައި ރަނގަޅުތަމްރީނު ލިބިފައިތިބި ގިނަބަޔަކު ރަށުން ބޭރުގައި މަސައްކަތްކުރަމުންދާކަން މިއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް!ކޮންމެޔަކަސް ލިޔުމުގައި ފާހަގަކޮށްފައިވާ ކަންތައްތައްވެސް ވަރަށް ރަނގަޅުކަމުގައި އަޅުގަނޑު ދެކެން. ވައިކަރަދޫގެ ކުރިއެރުމާއިމެދު ވިސްނެވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ!!!
ޖ.އެސް ދަރިވަރެއް ވިދާޅުވީ
ތާރީޚް:25/04/2009
ނޫން ހާޝިމް ސޯ އެބުނުއްވީ ރަނގަޅަށް..އެބޭފުޅާއަކީ ލޮޖިކް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް..
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:25/04/2009
ހާޝިމްއަށް ނޭނގިއޮތީކަންނޭގެ ކުޅުދުއްށިމީހުންކިޔާގޮތެއްއެއީ “އިސްޕީޓް”
ކުޅުދުއްފުށީގެ ޓީޗަރެއް ވިދާޅުވީ
ތާރީޚް:25/04/2009
ވައިކަރަދޫ ސްކޫލްގެ ފެންވަރު ރަނގަޅުކުރަން ބޭނުންނަމަ، ބޮޑަށް އަމާޒުކުރަންވީ ގުރޭޑް 1ން5 ށް ޚާއްސަ ޕްރޮގޔރާމެއް ހިންގުމަށް. ދެން މި ގުރޭޑްތަކުގައި، ކުދިންގެ ފެންވަރު ރަނގަޅު ވާނޭހެން ކިޔަވައިދިނުމަށް. ޚާއްސަކޮށް ލިޓްރަސީ އާއި ނިއުމަރަސީ އަށް ސަމާލުކަން ދޭންޖެހޭނެ ގުރޭޑް 1ން 3 ށް.
ކުމުންދޫ މީހަކު ވިދާޅުވީ
ތާރީޚް:25/04/2009
އާބާދީ މަދު ވަންޏާ ގާކޮޅު ހަދަންވީނުން
ރަށަށްދޭ ވިދާޅުވީ
ތާރީޚް:25/04/2009
އަދިވެސް އެބައޮތް ވައިކަރަދޫގެ ކިޔެވުން ރަގަޅު ވާނެގޮތެއް އެއީ ވައިކަރަދޫ ހުރިހާ ޓީޗަރުން ވައިކަރަދުއަށް ބަދަލް ވާންވީ، މިސާލަކަށް ވައިކަރަދޫ އާދަނު، ފަހީމް
ވައިކަރަދޫ ކައުންސެލަރު (ހާސިމު) ވިދާޅުވީ
ތާރީޚް:25/04/2009
ދެނެއް ތިޔާ ފާޑުފާޑެއް ނުކުރެވޭނެ. މިފަހަރު ތިޔާ ހުރިހާ ކަމެއް ރަނގަޅު ކުރާނަން. މިހާރު މިއޮތީ ކުރިން އޮތްކަހަލަ “ދުރުސޫލް އަޚުލާޤުގެ ކަންފުޅެއް ވެސް ނެތް” ބައެއް ނޫނޭ. މިފަހަރު ހަމަ އެއްފަހަރުން ތިޔާ ހުރިހާ ކަމެއް ރަނގަޅު ކޮއްލާނަން ބަލަން ތިބޭ.
އަހުމަދު މުހަންމަދު ވިދާޅުވީ
ތާރީޚް:25/04/2009
ރަށުން ބޭރުގައި މަސައްކަތްކުރާ ޓީޗަރުން، ރަށަށް ބަދަލުވިޔަސް ވައިކަރަދޫގެ އަސްލު މައްސަލަ ހައްލު ނުވާނެ ކަން މި ލިޔުމުން އެބަ ސާބިތުވޭ. ވައިކަރަދޫގެ މައްސަލަ ހައްލުވާނީ ސިޔާސަތު ރާވާ މީހުން އެކަމާމެދު ވިސްނި ދުވަހަކުން.
ރަށުން ބޭރުގައި އުޅޭ ޓީޗަރުންރަށަށް ބަދަލުވެވެން ނެތީ އެރަށު ސްކޫލްގައި ނެތް ޓީޗަރުންގެ ޖާގައެއް. ފުރަތަމަ ޖެހޭނީ ވައިކަރަދުގެ އަޑު އަންނިގެ ކަންފަތް ބުޑަށް އިއްވަން.
މުހަންމަދު ވިދާޅުވީ
ތާރީޚް:25/04/2009
ކަލޭމެން، ކޮމެންޓްކުރާ ކުދިންގެ ތެރޭގައި އެބަ ހުރިތަ… މިރަށު ސްކޫލްގެ ކިޔެވުން ރަނގަޅުކުރަން ހިންގާނެ ޕްރޮގްރާމެއް ރާވާލަ ދޭން އެނގޭނެ ޓީޗަރު ކުއްޖެއް؟
ވައިކަރަދޫ ކައުންސެލަރު (ހާސިމު) ވިދާޅުވީ
ތާރީޚް:25/04/2009
މޮހޮންމަދާ ތިޔާ ހުރިހަކަމެއް އެނގެޔޭ މަށަށް.
އިބްރާހީމް ވިދާޅުވީ
ތާރީޚް:25/04/2009
ހާޝިމް ދިވެހި ބަހަށް މޮޅުކަމަށް އަހުރެންވެސް ފާހަގަ ކުރަން. އެހެންވީމަތާ “އަޑުއުފުލޭނީ”. އަޑު އެއީ އުފުލޭ އެއްޗެއް ކަމުގައިވާނަމަ އިސްޕީޓް ކިޔުން އެއީ މައްސަލައެއް ނޫން.
އަދި ނަޝީދުގެ ސަރުކާރަކީ އަޑުއަހާ ސަރުކާރެކޭ ބުނެވޭނެ ޖާގަ ވަރަށް ކުޑަ. އަދި މައުމޫނު ބައިތުލްމާލް ހުސްކޮށްލާފައި ވަޑައިގަތީއޭ ބުނުން އެހާ ރަނގަޅެއް ނޫން. އެކަން ސާބިތު ކޮށްދެވޭނެ ކަމަކަށް އަޅުގަނޑުގެ ޟަމީރު ޤަބޫލެއް ނުކުރޭ! އެއީ ބައިތުލްމާލްގައި އެންމެ ދިހަ ލާރީގެ މިންވަރު ހުރި ނަމަވެސް ހުސްކޮށްލީ ކަމަކަށް ދިވެހި ބަހަކުން ނުބުނެވޭނެ.
ނަހުދާ ވިދާޅުވީ
ތާރީޚް:25/04/2009
ބަލަ ހާސިމޫ، ބަޖެޓްގަ ލާރި ނެތޭ ގޮވާކަށް ތިޔަބޭފުޅާ ރީއްޗެއްނޫން، އިއްޔެވެސް ތިޔަ ބޭފުޅުންގެ މުސާރަ -/10000 ރުފިޔާ އިން -/12000 ރުފިޔާ އަށް ބޮޑު ކުރެއްވީ. މިސްކިތެއް މަރާމާތުކޮށްލާކަށް، ތައުލީމު ކުރިއަރުވާކަށް ބަޖެޓުގަ ލާރިއެއް ނުހުރޭ! އެކަމަކު ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަންވިމަ ކޮންތާކުންތަ ލާރިގަނޑު އެ ހޯދަނީ. އަޅެ ހާސިމޫ ނިކަން ބުނެދީބަލަ، އެލާރިޔަކީ އޭ އިގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން ދިންލާރިގަޑުން ބައެއްތަ.
ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
ނޫނޭ ކިތަންމެ ގިނަ މީހުން ބޭނުންކުރިއަސް ކުށްބަހެއް ވާނީ ހަމަ ކުށްބަހަކަށް. ކޮންމެހެން ގިނަ މީހުން އެބަސް އެގޮތަށް ބޭނުން ކުރުމަކީ، ކުށް ބަހަކަށް ނުވާނެކަމުގެ ޙުއްޖަތެއް ނޫން. އަޅުގަނޑު ދަންނަވާލާނަން މިސާލެއް. ވަރަށް ގިނަ މީހުން ކިޔާ “ފެން ކޮޅެއް” މިއީ ހުރިހާ ދިވެހިން މިގޮތަށް ކިޔަސް، ހަމަ ކުށް ބަހެއް. ދެން ތެދެއް އަޅުގަނޑެއް އަޑެއް ނާހަން އެއްވެސް މީހަކު އިސްޕީޓް ކިޔާ އަޑެއް. އަމުދުން، ލިޔުމުގައި އެހެން ބޭނުން ކުރާ ތަނެއް ނުދެކެން. އަޅުގަނޑު އެޕޮއިންޓް ފާޙަގަކޮށްލީ މިލިޔުން އިތުރަށް ފުރިހަމަކޮށްލަ ދޭންވެގެން. އަޅުގަނޑު ދެއްކިން މިސާލުތައް ވެސް މިގޮތަށް އިނގިރޭސި ބަސްތައް ދިވެހި ބަހަށް ފުރޮޅާލާއިރު، ހަމައެކަނި ކުރާ ކަމަށް “އި” މިއަކުރާ ފިލި އެބަހުގެ ކުރިއަށް އިތުރުކުރަނީ. ދެން އޮންނަ ބައި އޮންނާނީ ހަމަ އިނގިރޭސި ބަހުގައި އޮތް ގޮތަށް. އެއީ، އިސްޓޭޖް، އިސްކޫލް، އިސްޕީކަރު. މިފަދަ ބަސްބަސް ދިވެހި ކޮށްފައި ހުރިހެން. ދޮންބޭބެއަށް ދަންނަވާލަން ބޭނުންވަނީ، ކުށް ބަސް ދައްކަނީ، އޭގެ ހެއްކާ އެކުގައޭ. އަޅުގަނޑު ކޮންމެހެން މާ ދިވެއްސަށް މޮޅު މީހަކަށް ވެގެންނެއް ނޫނޭ.
އިބްރާޙީމަށް ދަންނަވާލަން އޮތީ “އަޑު އުފުލުން” އެއީ ކިޔާ ގޮތެކޭ. އަދި އެއްޗެއް އެއްކޮށް ހުސްނުކުރި ކަމުގައި ވިޔަސް، އެދިޔައީ އެއެއްޗެއް ހުސްކޮށްލައިގެން ކަމަށް ދިވެހި ބަހުގައި ބުނެވޭނެއޭ. އެކަހަލަ ބުނުންތައް އެއީ މަޒާޖީ ގޮތުން ބުނާ އެއްޗެކޭ.
މިލިޔުން ވަރަށް ފުރިހަމަ. މިދެންނެވި ކުށްބަސް ދެން ފަހަރަކުން ރަނގަޅުކޮށްލާނެ ކަމަށް އުންމީދުކުރަން.
ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
ނަހުދާ ތިޔަ އިޝާރާތްކުރައްވަނީ، ކޮން ހާޝިމަކަށް ކަމެއް އަޅުގަނޑަކަށް ނޭނގޭ. ދެން އަޅުގަނޑަކީ ކައުންސެލަރެއް ނޫން. މިތާ އެބައުޅުއްވާ ހާސިމް ކިޔާ ކައުންސެލަރެއް. އެކަމަކު، އަޅުގަނޑުމެން އެކަކަށް ވެސް ހިއެއް ނުވޭ ޔަގީނާއެކު، އެއީ އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއިން ދިން ފައިސާއިން ބައެކޭ ބުނެވޭނެ ހެންނެއް. އެއީ، މިތާ އުޅުއްވާ އެއްވެސް ބޭފުޅަކަށް އެ މަޢުލޫމާތު އެގޮތަށް ލިބިލައްވާފައިވާނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. އެހެންވީމާ ނަހުދާގެ ތިޔަ ސުވާލަށް ދޭނެ ޖަވާބެއް ނެތް ހަމަގައިމު ވެސް އަޅުގަނޑުގެ އަތަކު.
ޖިންނި ވިދާޅުވީ
ތާރީޚް:25/04/2009
މިހާރު ވައިކަރަދޫގަ އެހެރަ ކައުންސިލަރަކީ ވަރަށް ފައްކާ ސޮރެއް. އެސޮރު މިފަހަރު ތިޔަ ހުރިހާ ކަމެއް ރަގަޅު ކުރައްވާނެ، ތިޔަ ހުރިހާ އަޑެއްވެސް ރައީސް ނަސީދުގެ ކަންފަތްޕުޅަށް އަޑު އިއްވަދޭނެ. ދެން ހާސިމު ތިޔަބުނާ ވާހަކަތައް ހޮޅު އަށިތަކުގަ އިއްވަން ތިބޭނެ މުހަންމަދު އިބުރާހިމް(ބޮޑޭ) އާ ނާސިދު އަލީ މެންކަހަލަ މީހުން.މިފަހަރު ތިޔަ ވައްތަރެއް ނުކުރެވޭނެ އިގޭ. އިބުރާހިމް ވަހީދަކަށް އެކަމެއް ނުވި ވިއްޔަ. މިހާރުވެސް ވަރަށް ހެޔޮ ބަދަލުތަކެއް ވައިކަރަދޫ އަށް ގެންނަން ފަށައިފި ޚަބަރުތައް އެބަ އިވޭ.އެހެންކަމުން ޢާއްމު އިންތިޚާބުގެ ފަހުން އެސޮރުގެ ތިޔަ ހުރިވަރެއް ދައްކާލަނެ އިގޭ. އަހަރުމެން މިތިބީ ބަލަން.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:25/04/2009
ހާސިމާ ބޭރު ބަސްބަސް ދިވެހި ބަހަށް ވަންނަ އިރު ކިތެމެ ގޮތަކަށް ވަދޭ، ފެން ކޮޅު އައީ ހަގީގީ ދިވެހި ލަފްޒެއް ބޭނުންކުރާ ގަވައިދާ ޚިލާފަށް ބޭނުންކުރާ ތަނެއް. އެޔާ ޚިލާފަށް އިސްޕީޓަކީ ދިވެހި ބަހަށް ވަދެގެން އުޅޭ ބޭރު ބަހެއް، އެބަސް އެގޮތަށް ކުރިން މީހުން ކިޔާ ނަމަ، އެގޮތް އެއީ ވެސް ދިވެހި ގޮތެއް ކަމުގަ ނިންމަން ޖެހޭނީ ހާސިމަށް ފޮތް ފޮތުގަ އެހެން ލިޔެފަ ހުއްޓަ ނުފެންނަނީ ފޮތް ކިޔޭލެއް މަދު ކަމުން.. ހާސިމު ދެކެންތަ ފޮތް ފޮތުގަ ޓެލެ ފޯނަށް ތެލި ފޯނު، އަދި ތިޔަ ބުނާ “އިސްކޫލް” އަށް އިސްކޯލު ލިޔެފަ ހުއްޓަ؟ އެއީ ދިވެހި ބަހަށް ވަދެފަ ހުންނަ ބޭރު ބަސްބަސް ވީމަ އެބަސްބަސް އެއިރެއްގަ ކިޔާ ބަޔަކު ދުލަށް ފަސޭހަ ގޮތަކަށް ކިޔައިގެން ދިވެހި ވެފައި ވަނކޮށް އަނެއްކާ ފަހުން އަންނަ މީހުން މާ އިނގިރޭސި އަށް މޮޅުވެގެން އޭގެ އަސްލުގޮތަށް ބަދަލުކޮށްލަނީ.
އޭގެ މިސާލެއް، ދިވެހިން “ޑަކްޓަރު” ކިޔަ ކިޔާ އޮއްވާ މިހާރަކަށް އައިސް ބައެއް މީހުން ޑަކްޓާ މި ކިޔަނީ. ދުވަސްކޮޅަކުން އިއްޔެ ދުނިޔެއަށް އައި ކުދިން ބޮޑުވެގެން ހާސިމް ތިޔަ ދައްކާ ކަހަލަ ވާހަކަ ދައްކަނީ.. ދިވެހި ބަހާ އެއްޗެހި އެނގޭނީ ދިވެހި ފޮތް ކިޔައިގެން. ހާސިމް ގެ އިބާރާތް ކުރުން ރަނގަޅު. އެކަމަކު ހާސިމް އަކީ ދިވެހި ބަހާ ބެހޭ ގޮތުން ދަރުސް ދެވޭ ފެންވަރުގެ މީހެއް ނޫން. ކުށް ބަހެކޭ ކިޔައިގެން ފަތުވާ ނުދީ ހުރިއްޔާ ބުއްދިވެރި ވާނީ. ދެން އަނެއްކަ ބުނެލަން. އިސްޕީޓު އެއީ ހަމަ އެކަނި ކުޅުދުއްފުށީގަ ބޭނުން ކުރި ގޮތެއް ވެސް ނޫނޭ. އެއީ ހަމަ އަށްޑިހައިގެ އަހަރުތަކުގައި ވެސް ރާއްޖޭގަ ބޭނުންކުރުމުން އައި ގޮތެއް. މި ދޭތެރެއަކުން އުޅުނު، ދިވެހި ބަހުން ކިޔަނީ “ކޮމިޓީ” ތޯ “ކޮމެޓީ” ތޯ ވެސް ސުވާލު އުފެދިގެން. އެހެންވީ، ބޭރު ބަހެއް ދިވެހިން ބޭނުން ކުރާ އިރު، ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ އެއްވެސް ގޮތެއް ކުށްގޮތެކޭ ނުބުނެވޭ. އަމުދުން ހާސިމް މެން ފެންވަރުގެ މީހުންނަކަށް. ތިމާގެ ނެތް އިލްމަކުން ފަތުވާ ދީދީފަ އުޅުމަކީ މުޅި މުޖްތަމައަށް ގެއްލުން ހުރިކަމެއް ވީމަ ކުރިން ނަސޭހަތެއް ގޮތަށް އެވާހަކަ ބުނީ. އެކަމަކު އަދި ވެސް ގޮތް ދޫކުރާ ކަހަލަ ގޮތެއް ނެތް. އެއީ މި ބުނާ “ނޭނގޭކަން ނޭނގޭ މީހުން” ޚަސީލަތް ހުންނަ ގޮތަކީ
ދޮން މަރިޔަނބު ވިދާޅުވީ
ތާރީޚް:25/04/2009
މިއީ ދިވެހި ބަހާބެހޭ ލިޔުމެއްތަ؟ ތިޔަ ކުށްބަހުގެ ވާހަކަ ލިޔުންތެރިޔާގެ ޕާސަނަލް މެއިލް އަށް ފޮނުވާލާފައި، ކަލޭމެން ވެއްޖޭނޫން، އަތޮޅު މަދަރުސާގެ ކިޔެވުން ރަނގަޅުކުރާނެ ގޮތުގެ ވާހަކަ ދައްކަށް. !
ދޮންބޭބެ ވިދާޅުވީ
ތާރީޚް:25/04/2009
ދޮން މަރިޔަނބު ތިޔާ ވިދާޅުވީ ހަމަ ތެދެއް. އެކަމަކު ކިޔެއް ކުރާނީ؟ ކޮމެންޓު ކިޔައިގެން ވެސް މީހުންގެ މައުލޫމާތާ ހިޔާލު މުއްސަނދިވާނެ. އަނެއްބައި ކޮމެންޓުން މީހުން މަގު ފުރެދި ހަގީގަތް ވެސް އޮޅޭނެ. އެހެންވީމަ ކޮމެންޓުގަ ވެސް ބާތިލު ވާހަކަ ދައްކަންޏާ ދޮންބޭބެ މެންނަކަށް ހިމޭނަކުން ނުތިބެވޭނެ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:25/04/2009
ރާއްޖޭގެ ރަށްތައް ދެން މިގޮތަށް ތަރައްގީކުރަން އުނދަގުވާނެ. ހަދަންވީ ގޮތަކީ، ވައިކަރަދޫ ކަހަލަ ވަށްކޮން ރީތިކޮން އޮތް ރަށެއް ރީތި ޑިޒައިނަކަށް ޕްލޭނުކޮށްލާފަ ގާޑަން ސިޓީއަކަށް ހަދާނީ. ދެން އެތާ ބަހައްޓާނީ އެރަށުގަ ދިރިއުޅޭ މީހުންގެ ޅަދަރީންނަށް ޕްރީ ސްކޫލަކާ ޕްރައިމަރީ ސްކޫލެއް.
ކުޅުދުއްފުށީގައި އިތުރު ސެކަންޑަރީ ސްކޫލަކާ ބޯޑިން ގެޔެއް އަޅާފަ އަތޮޅު ހުރިހާ ކުދިންނަށް ކިޔެވޭ ފެންވަރުގެ ފެންވަރު ރަނގަޅު ތަނެއް ހަދާނީ. ދެން ވައިކަރަދޫގެ ސެކަންޑަރީ ކުދިން މިތަނުން ކިޔަވާނީ. އެކުދިންނަށް ކޮނެމް ހުކުރު ހޮނިހިރަކު ހިލޭ ރަށަށް ދެވޭނެ ނިޒާމެއް ހަމަޖައްސާފަ. އެއިރުން ވައިކަރަދޫގަ އޮންނާނީ ހުސް ގެޔާ ޕާކާ ބައެއް ފިހާރަޔާ ދަނޑުތަކާ މިކަހަލަ ތަންތަން. ވައިކަރަދޫގަ ދިރިއުޅޭނީ މުއްސަނދިން. މުސަތްގުބަލުގަ ނުތިބޭނެ ވައިކަރަދޫ މީހެއް ކުޅުދުއްފުށީ މީހެއް ނޮޅިވަރަމު މީހެއް. ކޮންމެ ބަޔަކު ވެސް އެބަޔަކު ކުރާ މަސަކަތަކާ ގުޅޭ ގޮތުން އެންމެ ކައިރިން ވަސީލަތް އޮތް ތަނެއްގަ ދިރިއުޅޭނީ
މޫސާ އިބްރާހީމް ވިދާޅުވީ
ތާރީޚް:25/04/2009
ދޮންބޭބެ ޚިޔާލުވެސް ގޯހެއް ނޫން.
އަހަރެންނަށް ހީވާގޮތުން ވައިކަރަދޫގެ މައްސަލަތައް ހައްލުކުރުންވާނީ ވަރަށް އުނދަގޫ ކަމަކަށް. އެންމެ މޮޅު ގޮތެއް ކަމަށް މަށަށް ވިސްނެނީ ހދ. ނޮޅިވަރަންފަރަށް އެރަށުގެ އެންމެ ބަދަލުކުރުން. ވައިކަރަދޫ ރައްޔިތުންނަކީ ޚިދްމަތްލިބެންހުންނަ ތަންތަނަށް ހިޖްރަކުރުމުގައި މި އަތޮޅުގެ އެހެން ރަށްތަކަށް ނަމުނާއެއް ފަދަ ރައްޔިތެއް.
ވީމާ ނޮޅިވަރަންފަރުގައި ރަނގަޅު ސްކޫލާއި ވަޒީފާގެ ފުރުސަތު ގާއިމުކޮށް ވައިކަރަދޫމީހުން އެރަށަށް ބަދަލުކުރަންވީ. އޭރުން ނޮޅިވަރަންފަރުގައި ހުންނާނެ، ޓްރޭނިން ރިސޯޓް، ސްކޫލް، ދީނީ ތައުލީމްދޭ ކޮލެޖެއް، ވޮކޭޝަނަލް ކޮލެޖެއް.
ކުޅުދުއްފުއްޓަށްވުރެ، ނޮޅިވަރަންފަރު ރަށްވެހިކަމުގެ ގޮތުން ކުރިގައި އުޅޭނީ. ކުޅުދުއްފުށި އެއީ ކޮމާޝަލް ކެޕިޓަލް.
އަދި ގަވާއިދުން ފެރީ އޮންނާނެ ކުޅުދުއްފުށި-ނޮޅިވަރަން-ނޮޅިވަރަންފަރު- ހަނިމާދޫ މި ރަށްތަކުގެ މެދުގައި.
ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
ދޮންބޭބެއަށް ވާގޮތަކީ، ފާޑުކިޔުން ހަޖަމު ނުކުރެއްވެނީ. އެހެންވާނެ އިނގޭތޯ ދަންނަ ކަމަށް ހައްދަވައިގެން އުޅުއްވަންޏާ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާ ގާތަށް ވެސް ދޮންބޭބެއަކަށް ނުހުންނާނޭ ދިވެހި ފޮތް ވިދާޅުވެވިފައި. ދިވެހި ބަހާ ބެހޭގޮތުން ދަރުސާއި ފަތުވާ ދެވޭ ވަރުގެ މީހަކަށް އަޅުގަނޑު ނުވަންޏާ، ދޮންބޭބެ ޖެހިވަޑައިގަންނަވާނެ، އެފެންވަރަކީ ކޮބައިތޯ ވިދާޅުވާން. އަދި ދޮންބޭބެއަށް އެފެންވަރު ލިބިވަޑައިގެން ވަންޏާ ދައްކަވަން. އެހެންނޫނީ، ދޮންބޭބެ ވެސް ތިގޮތަށް ފަތުވާ ދެއްވައިގެން ނުވާނެ. އަދި ވެސް އަޅުގަނޑު މިދަންނަވަނީ “އިސްޕީޓް” އެއީ ކުށްބަހެކޭ. އޭގެ މިސާލާ ހެކި ވެސް އަޅުގަނޑު ދެއްކިން. ދެން މިއަކާ ބެހޭ މައްސަލައެއް ނޫން “ކޮމެޓީ” އާއި “ކޮމިޓީ” އަކީ. ރަނގަޅު ވާހަކަފުޅެއް. ބޭރުބަހުން ބަސްބަސް ދިވެހި ބަހަށް ވަނުމުގައި މާހަރުދަނާ އުސޫލެއް ނޯވޭ. މިހާތަނަށް އެކަހަލަ އުސޫލެއް ޤާއިމުކުރެވިފައެއް ވެސް ނުވޭ. އެހެންވީމާ، އަޅުގަނޑު ދެކެނީ، މިހާރު އެއީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އެފަދަ އުސޫލެއް ހިފެހެއްޓުމަކީ. 1980 ގައި ވެސް ގޯސް ޢިބާރާތެއް ބޭނުންކުރަންޏާ އެއީ ހަމަ ގޯސް އިބާރާތެއް 2009 ގައި ވެސް. އެނޫން ގޮތެއް ނޯންނާނެ. އެހެންވީމާ، މިކަހަލަ ކުށް ގޮތްތަކާއި އެއްކޮޅަށް ވަކާލާތު ނުކުރައްވައި، މުޖުތަމަޢުގައި ރަނގަޅު ދިވެހި ބަސް ބޭނުން ކުރުމަށް ހިތްވަރުދެއްވުމަށް އަޅުގަނޑު ދޮންބޭބެއަށް ގޮވާލަން. މިމައްސަލަ ފުރަތަމަ ޖެހުނީ ވެސް ހަމަ އެމާނަ ދޭހަވާ ރީތި ދިވެހި ބަހެއް އޮއްވާ އިނގިރޭސި ބަހެއް ބޭނުންކުރެވުނީމާ. އެވާހަކަ އަޅުގަނޑު އޮންނާނީ ދަންނަވާފައި.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:25/04/2009
ހާސިމް މިސާލަކަށް ތިޔާ ދައްކަނީ ސޮލާހުއްދީނު ލިޔުއްވި ވާހަކައެއްގަ، ރަސްގެފާނު ހިމާރު މަސް ފަރީއްކުޅުއްވި ކަމަށް މޮޔަ ކުއްޖަކު ދައްކާ ކަހަލަ މިސާލު. ފޮނި ލުނބޯ ތޮށި ހުރީމާ ފޮނިލުނބޯ ފަރީއްކުޅުއްވިކަމަށް ދަލީލުކޮށްދިން ގޮތަށް ހިމާރު ގަންގަނޑެއް އޮތީމާ ހިމާރު މަސް ފަރީއްކުޅުއްވިކަމަށް ދަލީލު ދެއްކި ގޮތަށް. “ފެން ކޮޅު” މިސާލާ “އިސްޕީޓު” މިސާލު ދައްކާފަ އޮތް ގޮތުގެ މިސާލަކީ.. ހަގީގަތުގަ ދަލީލެއް ތިމަންނަ ދެއްކީމޭ ބުންޏަކަސް އެ ނުވާނެ ދަލީލަކަށް ތިހެން އަޑުގަދަކޮށްފަ އުޅެގެން ރުއް ގިނަ ކުރާ މީހުން ވެސް އުޅޭނެ. “އިސްޕީޓޫ” އެއީ އިނގިރޭސި ބަހުގަ ކުށް ގޮތެކޭ ބުނަންވީ ހަމަ ކޮންމެ މީހަކު ވެސް. އެކަމަކު ދިވެހި ބަހުގަ އެއީ ކުށް ގޮތެކޭ ބުނާނީ، ލިންގްއިސްޓް ނުވަތަ ބަހަވީ ޢިލްމުގެ ކަންފުޅެއް ވެސް ތިމާގެ ކިބައިގައި ނެތުމުން. ބަހަކީ ހަމަ ހުރެފަ، ތިމާޔަށް އަޑުނީވި އޮތް އެތި ކުއްލިއަކަށް ކުށް ބަހެކޭ ބުނެވޭނެ އެއްޗެއް ނޫން. މި ބަސް މީހުން ބޭޏުން ކުރާ ގޮތް އެއީ ސޮއްހަ ގޮތް. މިއީ ދިވެހި ބަހަށް އަލަށް ވަން ބޭރު ބަހަކަށް ވީމާ ބޭރު ބަސް ނުޖެހޭނެ އެ އޮތް ގޮތަށް ދިވެހިން ކިޔާކަށް.
އަށްޑިހައިގެ އަހަރު ތަކުގަ ދިވެހިންގެ ތެރޭގަ، ރަށްފުށޫގަ ވެސް ހައި ސްޕީޑް ލޯންޗް ފަހަރު ޢާއްމުވެގެން އައި އިރު، އެޔަށް ވެސް، ކިޔަމުން އައީ ހައިސްޕީޓު ލޯންޗު. ބަހެއް ކުށްބަހެކޭ ބުނެވޭނެ އެއްވެސް ހަމައެއް ދަލީލެއް، ލިންގްއިސްޓް ގެ އުސޫލާ ހަމަތަކުން ހާޝިމް އަކަށް ދެއްކިފައެއް ނެތް. ދެން އަނެކާ ވެސް މިޔާ އިދިކޮޅަށް ލިޔެވިދާނެ ބޭނުމިއްޔާ.. އެކަމަކު އަހަރެން މިހިސާބުން ދެން ސަލާން… އެއީ މީ ދެން ކޮން ބޭކާރު ޒުވާބެއް؟ އާނ އަދި އެއް ފަހަރު ބުނެލަން.. ހާޝިމް އަށް ދިވެހި ފޮތް ކިއިފަ ނެތް ކަމުގެ ދަލީލެއް ތިކަހަލަ ކޮސް ވާޙަކަ ދެއްކުމަކީ..
އަތޮޅުދުނި ވިދާޅުވީ
ތާރީޚް:25/04/2009
އަޅުގަނޑު ހިތުން އަޅުގަނޑު ލިޔުނީ ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގެ ތައުލީމާއި އެރަށުގެ ހިޖުރަކުރުމުގެ މައްސަލަޔަށް! އެކަމަކު އެންމެ ފަހުން ބައެއް މީހުންނަށް މި ލިޔުން މިވީ ދިވެހި ބަހާބެހޭ ލިޔުމަކަށް. އަޖައިބުވަނީ ވައިކަރަދު މީހުން މިލިޔުމަށް ކޮމެންޓް ނުކުރީމާ. ކުރި މީހާ އަށްވެސް ފެނުނީ މުޅިން އެހެން މައްސަލައެއް.
ވަސީމު ވިދާޅުވީ
ތާރީޚް:25/04/2009
ކުމުންދޫ މީހަ އެބުނި އެއްޗެއް ނޭނގުން. “ގާކޮޅު” ހެދުމަކީ ކޮބައިބާ؟ އާނ ދެން ވައިކަރަދޫ މީހެއް ނޫން މަށަކީ މަށަކަށް ނޭނގެ އެރަށުގަ ކަންތައް ހުރި ގޮތެއް. އެކަމަކު އަތޮޅުގެ ހާލަތު މިކަހަލަ ލިޔުންތަކުން ފެނުމަކީ ވަރަށް މުހިއްމު ކަމެކޭ ބުނެވޭނީ.. އެހެން ރަށްރަށުގެ ވާހަކަ ވަސް ވީހާ ބޮޑަކަށް ގެނެސްދީ ހުރިހާ ރަށެއްގެ އަޑު އުފުލުމަކީ މުޅީ ތިލަދުންމައްޗަށް ކުރިއެރުން ލިބޭނެ ކަމެއް.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:25/04/2009
އާޓިކަލާ ގުޅޭގޮތުން އެއްޗެއް ބުނެވޭތޯ ބަލާނަން ހުރޭ.
މަށަށް ފެންނަ ގޮތުން ތިހުރިހާވެސް މައްސަލައެއް ދިމާ މިވީ ދިވެހިރާއްޖެ ގުދުރަތީގޮތުން މިއޮތްގޮތާ އެކި ތަންކޮޅުކޮޅުގަ އާބާދީ އުޅެން ޖެހުން. ކުދި ކުދި ރަށްރަށް އެބަހުރި 500 ހަމަނުވާ އާބާދީ އާއެކު. ދެންމިވީ މިއިން ކޮންމެ ރަށަކަށް އިންޓަނޭޝަނަލް އިސްކޫލަކާ ހަސްފަތާލަކާ، ބައިނަލްއަގްވާމީ ބަނދަރަކާ އެއާ ޕޯޓަކާ އެހެން އެއްޗަކާ އަޅައިދޭން. ހަމައެކަނި ވައިކަދުއެކޭނޫން އިނގޭ. ޖުމްލަ ގޮތެއްގަ މިކިޔަނީ.
މިކަމަށް އޮތް ހައްލަކީ ރާއްޖޭގަ މީހުން އުޅޭ ރަށް ތައް މަދުކޮށް ރައްޔިތުން ވީހާވެސް ބޮޑަކަށް އެއްފަސް ކުރުން. މިދިޔަ ތިރީސް އަހަރު ތެރޭގަ އެއްފަސް ކުރަނީ އޭ އެއްފަސް ކުރަނީ އޭ ކިޔާލަ ކިޔާލަ ތިބީ. ވީކަމެއް ހަރާން. ދެން ހޮނޑައިދޫ މީހުން ހަނިމާދުއަށް ނުގެންދެޔެކޭނޫން.
މިހާރުވެސް ހދ ގަ ހުރި ބޮޑެތި ރަށްރަށަށް ބަދަލުކޮށް ދޭންވީ ކުދި ރަށްރަށުގެ މީހުން. އޭރުން ތިމައްސަލަތައް ހައްލުވާނެ. އެއްފަސްކުރަންވީ. އެއްފަސް ކުރަންވީ. އެއްފަސް ކުރަންވީ. އެއްފަސް ކުރަންވީ. (ހުރިހާ ޚިދުމަތަކާ އެކު)
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
ދޮންބޭބެއަށް.
މިއީ ދެން ކޮންމެހެން އިތުރު ރައްދެއް ދޭކަށެއް ނޫން. އެކަމަކު، އަޅުގަނޑު ކުރި ސުވާލަށް ޖަވާބު ނުދެއްވައި ތިޔަ އަނެއްކާ ވެސް ލިޔުއްވީ ހާސަރުތަކެއް އިނގޭތޯ. އަޅުގަނޑު ކުރި ސުވާލު ތަކުރާރުކޮށްލާނަން. އެއީ، ދިވެހި ބަހާ ބެހޭގޮތުން ދަރުސާއި ފަތުވާ ދެވޭ ވަރުގެ މީހަކަށް ވަނީ ކޮންކަމެއް ފުރިހަމަވެގެންތޯއާއި ދޮންބޭބެގެ ކިބައިގައި އެވަރު އެބަހުރިތޯ؟ އަދި އަޅުގަނޑުގެ ކިބައިން ދިވެހިބަހާއި ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ޙައްޤު ނިގުޅައިގަންވާއިރު، ދޮންބޭބެއަށް އެފަތުވާ ދިނުމުގެ ހުއްދަ ލިބިވަޑައިގެން ތަނެއް ވާނީ ހަމަ ވިދާޅުވާން. އޭރުންތާ އެނގޭނީ އެތަނަކަށް ދާން އަޅުގަނޑަށް ވެސް.
އިބްރާހީމް ވިދާޅުވީ
ތާރީޚް:26/04/2009
ހާޝިމް އަށް،
އަޅުގަނޑަކީ ތިއަތޮޅަށް ނިޞްބަތްވާ މީހެއްވެސްނޫން އިނގޭތޯ! އެކަމަކުވެސް އަޅުގަނޑުމެންގެ ރަށުގައި މުސްކުޅިންނާއި ހަރުމީހުންނާއި ޒުވާނުންވެސް އިސްޕީޓް މިލަފްޡް ބޭނުންކުރޭ! އިނގިރޭސި ބަސް ދިވެހިން ކިޔުމުގައި ވަރަށް ތަފާތު ގޮތްގޮތަށް ބޭނުންކުރޭ. އިނގިރޭސި ބަސް ނޫނަސް އެހެން ބަސްބަސްވެސް އިނގޭތޯ! މިސާލަކަށް މާދުރަކަށް ދުރުވާކަށް ނުޖެހޭ. ހާޝިމް އަކާއި ހާސިމް އެއް އެބައުޅުއްވާ. މިއީ ޢަރަބި ނުވަތަ އޮރުދޫ ދެނަން އެހެން ނޫންތޯ. އެކަމަކުވެސް ކިޔުމުގައި އެކިމީހުން އެކިގޮތަށް ކިޔަނީ. އެހެންވީމާ، އެންމެ ތަންކޮޅެއްގައި ހިފައިގެން ނުދެމިއްޔާ ރަނގަޅުވާނީ. ކުއް ބަހެއް ވާނީ ކުއް ބަހަކަށް. އެކަމަކު އިނގިރޭސި ބަހެއް ދިވެއްސަކު ކިޔާ ގޮތަކުން އެއީ ކުއް ބަހެކޭ ވިދާޅުވެވޭނެ މުދައްރިސެއް ނުހުންނާނެ. އެހެޔޮ ދިވެހި ބަހުން ޑިގްރީއެއް ނޫން މާސްޓަރސް ނަގާފައި ހުއްޓަސް. އެކަން ޤަބޫލު ނުކުރެވެނީ ތިބޭފުޅާއަށްވެސް ހަޖަމު ނުކުރެވޭތީ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:26/04/2009
ހާޝިމް ކުރާހާ ސުވާލަކަށް ޖަވާބުދޭކަށް މަށެއް ހުހެއް ނޫން. އެހެންނަމަވެސް، ނުބައި މަޢުލޫމާތު މީހުންގެ ތެރޭ ފަތުރައި، ތިމާގެ ނެތް ފެންވަރު ދައްކަން އުޅެންޏަކާ ވެސް އަހަރެން ނުވޭ ހިމޭނުން އިންނަ ހިތެއް.. ފެންވަރު ނެތޭ މި ބުނަނީ ހަމަ ތިޔަ ދައްކާ އެއްވެސް ޢިލްމީ، އަދި މަންޠިޤީ ހަމަޔަކަށް ނުފެތޭ އޮއްޓަރެއް ނެތް ވާހަކަތަކުން.
ބައެއް މީހުންނަށް ކަންކަން ފެންނަނީ ކަޅާއި ހުދުން. ހާޝިމްގެ ޚިޔާލުގައި ހުރިހާ ކަމެއް ވެސް ހިމެނެނީ އެގޮތަށް. އެކަމަކު ހަގީގަތަކީ ހުދާއި ކަޅާ ދެމެދުގައި ވެސް އިތުރު ކުލަތަކެއް ވާކަން. މި ބުނީ ކީކޭކަން ވިސްނޭނެ ކަމަށް އުއްމީދުކުރަން.
ދިވެހި ބަހަށް ވަދެފައި އޮތް ބޭރު ބަހެއް، ދިވެހިން ވަކި ގޮތަކަށް ކިޔަމުން އަންނަނިކޮށް، ކުއްލިއަކަށް އިނގިރޭސި ބަހަށް ފަރިތަވުމުގެ ސަބަބުން އަނެއްކާ އެ ބަސް ބޭނުންކުރާ ގޮތް ބަދަލުވެފަ އެބަ ހުރޭ ހަގީގަތުގައި، އެކަހަލަ ބަހެއް ތިޔަ “އިސްޕީޓު” ވެސް އެއީ.
ދެން އަނެއްކާ “އިސްޕީޑު” އާއި “ސްޕީޑް” ކިޔުން ސައްހަ ކަމަށް ހާޝިމް ދައުވާ ކުރަނީ ކޮން އުސޫލަކުން ކޮން ހަމައަކުންބާއޭ އަހަރެން ހިތަށް އަރާ؟ ހަމަ އެފަދައިން، ކޮން ހަމައަކުން ކޮން އުސޫލަކުންބާ އޭ “އިސްޕީޓު” ކުށް ބަހަކަށްވީ؟ ހަމަ އެކަނި ސަބަބަކީ ހާޝިމްއަށް އަޑު އިވިފައި ނެތުންތަ؟ ނޫނީ ހާޝިމް އަށް ފޮތަކުން ފެނިފައި ނެތުންތަ؟ ނުވަތަ ފަހަރެއްގައި ހާޝިމް ވެދާނެ ތިޔައީ އިސްކޯލެއް، މާފުކުރައްވާ، ސުކޫލެއްގައި، ނުވަތަ އިސްކޫލެއްގައި ނުވަތަ ސްކޫލެއްގައި ދިވެހި ކިޔަވައިދޭ ޓީޗަރަކަށް ވެސް. އޭގެ މާނައެއް ނޫން ހާޝިމް އަކީ ތިހެން އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި ޞައްޙަ ދިވެހި ބަހެއް ކުށަކަށް ހެދޭ ފެންވަރު މީހެކޭ.
ދެން އިބްރާހީމް ކޮށްފައި އޮތް ކޮމެންޓަށް ރައްދު ދިން އިރު ހާޝިމް ވަރަށް ފޯރީގައި އޭނާގެ އިމްލާކުށެއް ވެސް ރަނގަޅުކޮށްދީފި. އޭނާ އެކަމަށް ޝުކުރުވެރިވާނެ އަހަރެން ހިތުން. އެކަމަކު މަގޭ ނަޒަރުގައި އެއީ ވެސް ހާޝިމް ގެ ބޮޑާކަމާއި ކިބުރުވެރިކަން. ހާޝިމް ބުނާ ކަހަލަ، ތިމަންނާ ދައްކާ ވާހަކައިން ކުށްދައްކަން އުޅުނު މީހާއަށް ސުކުން ޖަހާ ގަވައިދު ވެސް ނޭނގެޔޭ.. ހަގީގަތުގައި، މުސްލިމުން އެކަކު އަނެކަކަށް ގޯސްކޮށް ކަމެއް ކުރެވުމުން އެކަން ރަނގަޅުކޮށް ރަނގަޅު ގޮތް ބުނެދޭން ޖެހޭ. އެކަމަކު ބޮޑާ ކަމާ ކިބުރުވެރިކަމާ އެއްކަކު ނޫން. ހާޝިމް ގަބޫލުކުރިޔަސް ނުކުރިޔަސް، އެއީ ކުށް ބަހަކަށް ހެދޭނެ އެއް ވެސް ޢިލްމީ ހަމައެއް ނެތް ދެއްކިފައެއް.
ހާޝިމް ހީކުރަނީ ހާޝިމް ފާޅުކުރި ޚިޔާލެއް ހަޖަމު ނުކުރެވިގެން އުޅެނީކަމަށް ދޯ؟ އެކަމަކު ހާޝިމް ފާޅުކުރީ ޚިޔާލެއް ނޫން. ޚިޔާލެއް ނަމަ ހާޝިމް ބުނީހީ، “މަގޭ ނަޒަރުގައ، ނުވަތަ މަށަށް ފެންނަ ގޮތުގައި” މިކަހަލަ ޢިބާރާތެއް. އެހެންތަ ހާޝިމް ބުނީ؟ ނޫން. ހާޝިމް ބުނީ އެއީ ކުށް ބަހެކޭ.. ހަމަ ބޮޑު ކުށެކޭ.. އެހެންނުން..؟ ހަމަ އެ އުސޫލުން އަހަރެން ވެސް މި ބުނަނީ ކޮއެފުޅާ ކަލެޔޭ ކުށް ކިޔަނީ މިތަނުގައި، ނޭނގެންޏާ ދަސްކުރާށޭ.. ނޭނގުމަކީ އައިބެއް ނޫނޭ.. ނޭނގޭކަން ނޭނގުން އެއީ ޢައިބަކީ..
އަތޮޅު ދުނި ވިދާޅުވީ
ތާރީޚް:26/04/2009
މި ޒުވާބުގަނޑުގެ ތެރެއަށް ލިޔުނު މީހާއަށް ވަންނަން ޖެހުނީތީ ހިތާމަކުރަން.
ވަރަށް ގިނަ މީހުން ހީކުރަނީ ބަހަކުން ލިޔެ، ވާހަކަ ދައްކަން އެނގޭނަމަ، ބަހުގެ ހަމަ ކޮންމެ ކަމަކަށް ތިމާޔަށް އިލްމީ ފެންވަރެއްގައި، ބަހުސްކުރެވިދާނެޔޭ. އެކަމަކު ބަހާ ގުޅޭ ގިނަ ކަންތައްތަކަކީ ބަހަވީ އިލްމުގައި ހިމެނޭ އިލްމީ (ސައެންޓިފިކް) ކަންތައްތައް. އެކަންކަމާމެދު ހަމަޔާއި ހެކި ދައްކަން ޖެހޭނީ އިލްމީ ފެންވަރެއްގައި. ވާހަކަތިޔަ ދެކެވެނީ ލެސިކަލް ޗޭންޖް އާއި މެދު. އޭގެ ތެރެއިންވެސް، ލޯން ވޯރޑްސް އަށް އަންނަ ބަދަލާމެދު.
“އިސްޕީޓް” އެއީ އަހަރެން ގަސްތުގައި، އެނގިހުރެ އެލަފުޒު ލިޔުނުގޮތް. އެ ލަފުޒު އެގޮތަށް ދިވެހިން ބޭނުންކުރީ “އިސްޕީޑް” އަށްވުރެ ކުރިން ނޫނީ ހަމަ އެކު އެކީގައި. ދެން އެއް ލަފުޒެއް، (ހާއްސަކޮށް ލޯން ވޯރޑެއް) ދެ ގޮތަކަށް ލިޔެ އެދެގޮތްވެސް ސައްހަ ވެދާނެ.
” އިސްޕީޓް” މިލަފުޒު ބޭނުންކޮށްފައި ހުންނާނެ “ވިޔަފާރި މިއަދު” ގައި އަޅެ، ގޮސް ޗެކްކޮށްލަބަލަ!
އާނ ދެން ބުނެ ބަލަ…ވައިކަރަދޫގެ މައްސަލައިގެ ހައްލަކީ ކޮބައިތަ؟
ވައިކަރަދޫލައިވް ވިދާޅުވީ
ތާރީޚް:26/04/2009
ސުރުހީއަކީ ‘ވައިކަރަދޫގެ ހަގީގީ މައްސަލައަކީ ކޮބާ؟’ އެއްވެސް ހާލެއްގައި ‘މިލިޔުމުގައިވާ ކުށްތަކަކީ ކޮބާ؟’ އެއް ނޫނެވެ. މައުލޫއަށް ހިޔާލު ފާޅުކުރައްވަވާ…
ބޯސޮރު ވިދާޅުވީ
ތާރީޚް:26/04/2009
ދިވެހިބަހަށް އެސޮރު މޮޅުވާނޭނޫން! ކުށްބަސް އެގޭނޭނޫން! އެ ހާޝިމަކީ އަމީނިއްޔާ ދިވެހިޓީޗަރެކޭ. ކަލޭމެން ހޭވެރިވެބަލަ! ވައިކަރަދޫ ހާޝިމް. ކުރިން ހދ އަތޮޅުތަޢުލީމީ މަރުކަޒުގަވެސް އުޅުނު.