Share

ދީނާ މެދު ވިސްނަން ބޭނުންނުވަނީ ކީއްވެބާއެވެ؟

ދީނާ މެދު ވިސްނަން ބޭނުންނުވަނީ ކީއްވެބާއެވެ؟
ނަބީލް

ބަލިމީހާ ޑޮކްޓަރަށް ދިއުމުން ބައެއް ފަހަރަށް ވަރަށް ހިތާމަވެރި ކަންކަން ދިމާވެއެވެ.

އެންމެ މީރުކޮށް ކައިބޮއި އުޅޭ ތަކެތި މަނާކޮށްފާނެއެވެ. އެއަށްވުރެ މައްޗަށް ދާ ފަހަރުވެސް އާދެއެވެ. ބައެއް ފަހަރަށް ހަށިގަނޑުގައި ފެން ޖެއްސުން ވެސް މަނާކުރެއެވެ.

ބަލާލަނީއޭ ކިޔާފައިވެސް ކުރާނީ މުޅިން ތަދުވާ ޒާތުގެ ކަންތަކެވެ. ނިކުމެގެން ދާން ފެށީމާ ދޭ ސިޓީގައި ވެސް ކަރުބުޑުގައި ހިތި ރަހަލައްވާ ބާވަތަކުގެ އެއްޗެއްގެ ވާހަކަ ނޫނީ ލިޔެފައެއް ނޯންނާނެއެވެ.

ކަން މިހެން ހުރި ކަމުގައި ވިޔަސް އެންމެ ދާހިތުން އެންމެ ބޭނުންވެގެން ދެވޭ އެއްތަނަކީ ހަސްފަތާލެވެ. އެންމެ ސަމާލުވެގެން ކުރެވޭ ކަންތައްތަކެއް ކަމުގައި ވެސް އެތަނުގެ އިރުޝާދުތައް ހިމެނިފައި އޮވެއެވެ. އެންމެ ރައްކާތެރިކަމާއެކުގައި ފޮރުވައިގެން ވެސް ގެންގުޅެވެނީ އެތަނުން ދޭ ސިޓީތަކާއި ލިޔުންތަކެވެ.

އެހެން އެކަން ވަނީ އެމީހުން އަހަރެމެންނަށް ކަންތައްތަކެއް އެ މަނާކުރަނީ އަހަރެމެންގެ ފައިދާއަށް ކަން ގަބޫލުކުރެވިފައި އޮންނާތީއެވެ. ކަރުބުޑުގައި ހިތި ރަހަ ދޭ ބޭހުގައި ޖިސްމުގެ ޝިފާ އެކުލެވިފައިވާ ކަމަށް އުންމީދުކުރެވޭތީއެވެ. އާއެކެވެ. ގަބޫލުކުރެވިފައި އޮންނަ ގޮތަކުންނެވެ.

ނަމަވެސް ދީނުގައި އެވެނި ކަމެއް އޮތީ މިހެންނޭ ބުނާއިރަށް ދީން ދެކެ ނަފުރަތު ވުމުގެ ޝުޢޫރު ބައެއް މީހުންގައި ހިނގަންފަށައެވެ. ދީން އެއްކިބާކޮށްލާ ރޫޙެއް އަށަގަންނަންފަށައެވެ. އެހެން ވާންޖެހުނީ ވެސް ގަބޫލުކުރެވިފައި ހުރި ގޮތެއްގެ ސަބަބުންނެވެ. ފުރާނައިގެ ދާއިމީ ސަލާމަތާއި އާޚިރަތުގެ ރައްކާތެރިކަމާ ދުރަށް ދެވިފައި ތިބިލެއް ބޮޑުކަމުންނެވެ. އެހެންނެވެ.

އާޚިރަތާ ހަމައަށް ވިސްނުން ނުފޯރާ މީހުން ނުވަތަ މާއްދިއްޔަތުގެ ދުނިޔެއަށް އަޅުވެތިވެފައި ތިބޭ މީހުންނަށް ދީނުގެ ތަރަހަތައް ފެންނާނީ، ބޯމައްޗަށް ވެއްޓެން އަންނަ ގިނި ހިލައެއްގެ މިސާލުގައި އެހެންޏާ ތިމާގެ ވަށައިގެން ރޯވެ ހުޅުފަޅައިން ގޮސްފައި ހުރި އަލިފާންގަނޑެއްގެ މިސާލުގައެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވެފައި މިތިބޭ ގޮތަކީ ދީނޭ ކިޔައިފިއްޔާ ފެންނަނީ ވިދުޖެހި ތާކިހަލަކާ، ކަރުދިގު ކޯލާވައްޓަރު ފުޅިއަކާއެވެ. އެއަށްވުރެ ފުންކޮށް ވިސްނޭ މީހުންނަށް ވެސް ފެންނަނީ ހުދުކުލައިގެ މުންޑަކާއި އަތްދިގު ގަމީހަކާ ލައިގެން މިސްކިތުގައި އިން އަށްޑިހަ އަހަރުގެ މުސްކުޅިއެކެވެ.

މިހެން މިކަން ވާން ދިމާވި ގޮތަކީ އަހަރެމެންނަކީ ޒަމާނުއްސުރެ ދީނަކަށް ތަބާވެގެން ތިބި ބަޔަކު ކަމުގައި ވިޔަސް ޢުމުރުން މިވީހާ ތަނެއް މިވީ ދީނަކީ ކޮބައި ކަމެއް، ގިނަ ބަޔަކު ވަކި ދީނަކަށް އުޅެނީ ކީއްވެ ކަމެއް، ދީނުގައި ވަކި ގޮތަކަށް ކަންތައްތަކެއް ހަމަޖެހިފައި އޮންނަނީ ކީއްވެކަމެއް، މިއިން ކަމަކާ ވިސްނާލުމެއް ނެތި ތިއްބައެވެ. މިއިން ކަމަކާ ވިސްނާލަން ބޭނުން ނުވާ މީހުންވެސް ގޮވާލަނީ ފިކުރީ މިނިވަން ކަމަށެވެ. ނަމަވެސް އެމީހުން މި ޙަޤީޤަތްތަކާ މެދު ވިސްނާލަން ބޭނުން ނުވާ ކަމުން ދޭހަވަނީ އެމީހުންގެ ފިކުރު ހަވާނަފުސުގައި ބަނދެވިފައިވާލެއް ވަރުގަދަކަމެވެ.

މިޙާލަތުގައި މި ދިވެހި ރާއްޖެގަނޑު އޮއްވާ ދެން ފެންނަން ފެށީ ހުސް ދީނީ ޢިލްމުވެރިންނެވެ.

އެހެން ވާންޖެހުނީ ކަންކަމާއި އެއްޗެއްސާއި މީހުންގެ ހުންނަ ތަފާތު ވަކިކޮށްގަންނާކަށް އަހަރެމެންނަކަށް ނޭނގެއެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރީންނާއި ބޭސްފިހާރައިގައި ބޭސްވިއްކަން އިންނަ މީހާއާއި އަހަރެމެން ލީ އެއް ގިންތިއަކަށެވެ. ސިއްޙަތާ ބެހޭ ވުޒާރާއާއި ހަސްފަތާލުތަކާއި ކުލިނިކްތަކާ ވެސް ލެވުނީ އެއް ގުރޫޕަކަށެވެ.

ހަމަ މި އުސޫލުން، ފަރުޟު ފަސްވަގުތު ހަމައެކަނި ނަމާދަށް އަރާލާ މީހުންނާއި ބޮޑެތި އަޅުވެރިންނާއި ނަސޭހަތްދޭ މީހުންނާއި ދީނީ ޢިލްމުވެރިންނާއިވެސް ލެވުނީ އެއް ގިންތިއަކަށެވެ. ޤުރުއާނާއި ސުންނަތާއި ފަތުވާއާ ނަސޭހަތާއި ވެސް ލެވުނީ އެއް ގުރޫޕަކަށެވެ.

މިހެންވީމާ ދެން ވީ ގޮތަކީ އަހަރެމެން އެންމެންނަކީ މުސްލިމުން ކަމުގައި ތިބެމެ، އެއްބަޔަކަށް އެތައް ކަމެއް އޮޅި އަނެއް ބަޔަކު ދީނަށް ލޯބިޖެހި އަނެއް ބަޔަކު ދީނަށް ނަފުރަތު ކުރާ ގޮތްވެސް ވީއެވެ.

އެކަމަކު ދަންނަން ޖެހޭ ޙަޤީޤަތަކީ ބޭސްފިހާރައިގައި ބޭސްވިއްކަން އިން މީހާއިން ފެށިގެން ގޮސް ޑޮކްޓަރު މީހާ ވެސް ފަރުވާކުރުމުގައި ގޯސްހެދިޔަސް ކުރިއަރާފައިވާ ޒަމާނީ ބޭސްވެރިކަމުގެ ނަން އެކަމުން ހުތުރެއް ނުވާނެއެވެ.

ދީނާ މެދުގައި ވިސްނާއިރު އަދި މިއަށް ވުރެ ފުންކޮށް ވިސްނުން މުހިންމެވެ.

ދީނަކަށް ހަމަ އުޅެންޖެހޭތޯ، ދީނަކަށް މަ އުފަންވީއްސުރެ މިއުޅެނީ ކީއްވެތޯ ވިސްނާލުން ކޮންމެހެން ބޭނުންތެރިއެވެ. ތިމާ މުސްލިމަކަށް ވެ ހުރެ ދީނަށް އަހަންމިއްޔަތުކަމެއް ނުދީ ތިމާގެ އަމިއްލަ ދީން ބާކީ ކުރަން އަމިއްލަ ދުލުން ވާހަކަދެއްކުމަށް ވުރެ މި ގޮތް މާ ރީއްޗެވެ.

ދުނިޔޭގެ ފެންވަރު، މެދުމިނުގެ ރޯޝަނީ ޢިލްމުވެރިންގެ ވާހަކަތަކުން ދީނުގެ ޙަޤީޤީ މަންހަޖު އޮތީ ކިހިނެއްތޯ ބަލާ އެމީހުން ބުނާ ގޮތާއި މަ މިއުޅޭ ގޮތާއި ދީންކަމުގައި މަށަށް ހީވެފައި އޮތް ގޮތާއި ދިރާސާކޮށްލުން ދިރާސާގެ ޒަމާނުގައި ހާދަހާ މުހިންމެވެ. އެނޫނީ ވިއްޔާ ޢިލްމީވެގެންނޭ ހިތާ އުޅުނަސް ޢިލްމީ މީހަކަށް އެބަވޭބާވައެވެ. އެނގުނު އެއްޗެއް ހިތުދަސްކޮށްގެން އޭގެ އިތުރަށް ހަމަ ޚިޔާލެއް ފިކުރެއް ނުކޮށް ތިބޭ މީހުންނަށް މަލާމާތް ކޮށްކޮށްފައި އެއީ ހާދަހާ ވާ ބޯދާ ގޮތެކޭ އެއީ ދަނގަޑޭ ހިލަޔޭ ކިޔާފައިމެ، އަހަރެމެންވެސް މިވީ ހަމަ އޭގެ އެއްޗެހިތަކަކަށް ނޫންބާވައެވެ؟

‮ ‬35‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ރަށު މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    އާނ ދޮގެއް ވާނޫން..މަންމަ ނޫނީ ބައްޕަ އާ ބެހުނީ ނޫނީ ކުޅުދުއްފުއްޓަށް ބަދުބަހެއް ރަށަކު މީހަކު ބުނީ، ނޫނީ މޯލްޑިވްސް އަށް ބަދުބަހެއް ބޭރު މީހަކު ބުނެފިއްޔާ ހީވާނީ ކާލަފާނެހެން..އެކަމަކު އަހަރެމެންގެ މި ދީނޭ ކިޔާން އަޑެއް އަރާ އިރަށް ނިކަން ފަސޭހައިން ގަބޫލް ކޮއްލާނެ، ހަމަ ނިކަން ކޫލް ކޮން ތިބޭނީ..އެވެނި ގެޔެއްގައި އުޅޭ ދީނީ މީހަކު މިވެނި ކަމެއް ކުރެޔޭ ކިޔާފައިވެސް ދީނާ ނުރުހޭ ސޭކުންވެސް އުޅޭ..ހީވަނީ އެބުނާ މީހަކީ އިސްލާމް ދީނުގެ މަސްދަރެއް ހެން..ނޫނީ މި އުންމަތައް ނަމޫނާއެއްގެ ގޮތުގައި ފޮނުވާފައި މީހަކީ ހެން.ކަން އޮތް ގޮތެއް ބަލާކަށްވެސް ނޫޅޭނެ..ރަސޫލާގެ އުޅުއްވުންތަކާ ހަދީޡްތަކާއި ބާވާލެއްވި ފޮތްތަކުގައި އޮތީ ކީކޭ ތޯ ބަލައެއް ނުލާނެ..

  2. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މި ލިޔުން ކިޔާލީމައި ވަރަށް ބޮޑަށް ރޯ ފިލައިފި..ދެން އެބުނާހެން ވޯޓް ކަންތައް ކޮންމެ ގޮތަކަށް އޮތަސް މިލިޔުމާ މެދު ވިސްނާލަން ހަމަ މަޖުބޫރު..

  3. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ނަބީލްއަށް

    ދީނާ މެދު ތިޔަ ވިދާޅުވި މައްސަލަތައް ޙައްލުކުރެވޭނީ އެންމެ ފުރަތަމަ އެ މައްސަލަތައް ނުކުންނަން މެދުވެރިވި ސަބަބުތައް ނައްތާލައިގެން ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެސަބަބުތައް މުލުން ލުހެ ނުލެވުނީވިއްޔާ، ހަމަ ކުރިއަށް އޮތް ތާނގައި ވެސް އެކަން ތަކުރާރުވާނެ.

    އަޅުގަނޑުގެ ނަޒަރުގައި މިކަމުގެ އެންމެ ބޮޑު ސަބަބަކީ، މައުމޫން ސަރުކާރުން ދީނާ މެދު ގެންގުޅުއްވި ސިޔާސަތު. ދީނަކީ ސިޔާސީ އެއްޗަކަށް ހައްދަވައިގެން، ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ދީނާ ބެހިވަޑައިގަންނަވަމުން ގެންދިޔުއްވުމަކީ މިމައްސަލަތައް ނުކުތުމުގެ އަސްލު. އަޅުގަނޑުގެ ނަޒަރުގައި މިހާރުގެ ރައީސް ނަޝީދު، ދީނާ އެއްވެސް ވަރަކަށް ބެހިވަޑައިނުގެން، އެކަން ދީނީ ޢިލްމުވެރިންނާ ޙަވާލުކުރެއްވުމަކީ، މިކަން އިސްލާޙުވުމުގެ ކޮޅުމަގު އަޅުގަނޑުމެންގެ ލޮލަށް ފެންނާން ފެށި ކަމެއް. އެހެންނަމަވެސް، އުސޫލެއްގެ ގޮތުން ދީން ޖެހޭނީ މުޅިން ސިޔާސަތާއި، ވެރިކަމާ ވެސް ވަކިކުރަން. އެއީ ބޭރު ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތަކީ. އަދި އެކަން އޮންނާންވާނެ ގޮތަކީ ވެސް. ކުރިން ވާގޮތަކީ، އެއްވެސް ދީނީ ބޭފުޅަކު މައުމޫން ހިތްގައިމު ނުކުރައްވާ ޒާތުގެ އެއްޗެއް ވިދާޅުވެއްޖެއްޔާ ދެން ފައްޓަވަނީ އެބޭފުޅަކާ ދިމާކުރައްވައި އަނިޔާކުރައްވަން. ނަތީޖާއަކަށްވީ ދީނީ ޢިލްމުވެރިންނާ ދޭތެރޭ އަޅުގަނޑުމެން ގަދަރުކުޑަކުރުން. މިކަން މިހެން ނުވާނީ ވެރިކަމާ ދީނާ މުޅިން ވަކިން ބާއްވައިގެން.

    އަޅުގަނޑު ދެކޭ ދެވަނަ ސަބަބަކީ، ދީން ޢަރަބިކަރައިން ހޯލްސޭލްކޮށް ރާއްޖެއަށް އިމްޕޯޓްކުރައްވައިގެން ވިއްކަވަން ބައެއް ދީނީ ޢިލްމުވެރިން އުޅުއްވިކަން. އެއީ މައްސަލައެއް. ދިވެހިން ދީން ގެންގުޅެނީ އެމީހުންގެ ސަގާފަތާއި އަމިއްލަ ގޮތް އޭގައި ހިމަނައިގެން ރާއްޖޭގެ މުޖުތަމަޢަށް ފައްތައިގެން. އަޅުގަނޑުމެން އެކަކު ވެސް ބޭނުމެއް ނުވާނެ އިނގޭތޯ ސަޢޫދީ ޢަރަބިއްޔާގައި ހެން އަންހެނުންނަށް ކާރު/ސައިކަލް ދުއްވުން ދީނުގެ ނަމުގައި މަނާކޮށް، ވައްކަން ކުރާ މީހުން އަތްކަނޑާކަށް އަދި ގިސާސް ހިފުމުގެ ގޮތުން މީހުން މަރާކަށް ވެސް. ހަމަ އެފަދައިން ޒިނޭ ކުރާ މީހުން މެރުމަކީ ވެސް މިދިވެހި މުޖުތަމަޢުގައި ގަބޫލުކުރެވޭނެކަމެއް ނޫން. އެހެންވީމާ ދީނީ ޢިލްމުވެރިން ޖެހިވަޑައިގަންނަވާނެ އިނގޭތޯ ރާއްޖޭގެ މާޙައުލަށް ފައްތައިގެން ދީން ކުރިއަރުވަން.

    ދެން ހަމަ މިއާއެކު ދަންނަވަން ޖެހެނީ، ދީނީ ޢިލްމުވެރިން ނަންގަވަން ޖެހިވަޑައިގަންނަވާނެއޭ އެބޭފުޅުންނަށް ފުރިހަމަކޮށް ދީން މިތާނގައި ނުފެތުއްވުމުގެ ޒިންމާ ވެސް. ދީނާ ބުނީމަ ހަމަ ޙަޤީޤަތުގައި ވެސް އެއީ އެއްވެސް އެކްސައިޓްމަންޓެއް ނެތް، ވަންވޭ ކޮމިއުނިކޭޝަން ހިނގާ، ގޮނޑިއެއްގައި މީހަކު އިނދެގެން ނަޞޭހަތް ދިނުން. ދެން ތުނބުޅި ލައިގެން ނަމާދަށް ދިޔުން. މިގޮތަށް މިޕްރޮޑަކްޓެއް ނުވިއްކޭނެ ރާއްޖޭގައި، އެއަށް ވުރެ ތަންކޮޅެއް އެކްސައިޓްވާންޖެހޭނެ، ވަރަށް ސަޅިކޮށް އެކަން ކުރަން ޖެހޭނީ، ބައްލަވާ ކްރިސްޓިއަނުން ވެސް ޗާޗު ބޭނުންކުރަނީ އިޖްތިމާޢީ ފޭރާން ވެސް ދުޅަހެޔޮކޮށްލުމަށް. އޮވޭ އިނގޭތޯ ޗާޗް ސްވިމިންގ މުބާރާތާއި ފުޓުބޯޅަ މުބާރާތް. އަދި ޗާޗުގައި ތިބޭ އަންހެން ކުދިންނާ ފިރިހެން ކުދިންނަށް ދިމާވެވޭނެ ގޮތް ވެސް. އެތަނުގައި އޮވޭ ބޮޑެތި ކެއުންތަކާ މަޖާކުރުން ވެސް އަޅުކަމާއެކު. އަދި ނުލާހިކު އެކުވެރި މާހައުލެއްގައި ކަންކަން ކުރަނީ ވެސް. ކީއްވެތޯ އަޅުގަނޑުމެންގެ މިސްކިތްތަކަކީ، މާދެން އަބުއި ތަނަކަށް ހަދައިގެން އުޅެންވީ؟ އޭގެ ބަދަލުގައި މިސްކިތަކީ ވެސް އިޖުތިމާޢީ ގުޅުންތައް އާލާކުރާ ތަނަކަށް ހަދަން ޖެހޭނެ އިނގޭތޯ އަޅުކަމުގެ އިތުރުން. އެގޮތް ގޮތުން ދީން މިތާނގައި ވިއްކޭނީ. އަދި ކޮބާތޯ ސަޅި ދީނީ ޓީވީ ޕްރޮގްރާމްތަކާ، މުބާރާތްތަކާއި މިނޫން ތަކެތި ވެސް. މިހާރު ދެން ދީނީ ނަސޭހަތްދޭންވެސް ޓީވީއަށް މިއަރަނީ އުސްމާން ޢަބްދު ﷲ މެން ފަދަ އަޖޫޒު ބޭބޭފުޅުން. ދެން ކިހިނެއްތޯ މީހަކު އެބަލާލާނީ ވެސް؟

  4. ރަށު މީހަ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމް ދޮންކަލޯ،، މާތް ކަލާންގެ މިބިންމައްޗަށް ބާވާލެއްވި ގޮތް ނުވަތަ ދީނަކީ ދިރިއުޅެންވީގޮތް، ނުވަތަ “ވޭ އޮފް ލައިފް”. މިކަމާ ދެކޮޅު ހަދާ ވަރަށް ބައިވަރު މުސްލިމުންގެ ނަމުގައި ތިބޭ މީހުންވެސް އުޅޭ. އެއީ ދީން ނޭގޭތި ވާގޮތް…ދީނާ ނުބެހޭ އެކަށްޗެއްވެސް ނޯންނާނެ،،ސިޔާސަތުވެސް މިހެން ގޮސް ހުރިހާކަމެއް އެންމެ ކުޑަ މިނުން އަނބިމީހާ އާއެކީ ރޭކުރާ އިރު ކަންކަން ބަހައްޓާނެ ގޮތްވެސް މިދީނުގައި ވޭ..ހާޝިމް ތިޔަބުނިހެން ބޭރު ގައުމުތަކުގައި ދީން އޮންނަނީ ހަމަ އެކަނި ޗާޗް ތަކުގައި…އެކަމަކު އިސްލާމް ދީނުގެ ދިރިއުޅެންވީ ގޮތް…އެއްޗެއްގެ މެނުފެކްޗަރާ ނުވަތަ ހެއްދެވި ފަރާތަކަށް ވުރެން ފުރިހަމަ ޔޫޒާ މެނުއަލ

  5. ރަށު މީހަ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމް ދޮންކަލޯ،، މާތް ކަލާންގެ މިބިންމައްޗަށް ބާވާލެއްވި ގޮތް ނުވަތަ ދީނަކީ ދިރިއުޅެންވީގޮތް، ނުވަތަ “ވޭ އޮފް ލައިފް”. މިކަމާ ދެކޮޅު ހަދާ ވަރަށް ބައިވަރު މުސްލިމުންގެ ނަމުގައި ތިބޭ މީހުންވެސް އުޅޭ. އެއީ ދީން ނޭގޭތި ވާގޮތް…ދީނާ ނުބެހޭ އެކަށްޗެއްވެސް ނޯންނާނެ،،ސިޔާސަތުވެސް މިހެން ގޮސް ހުރިހާކަމެއް އެންމެ ކުޑަ މިނުން އަނބިމީހާ އާއެކީ ރޭކުރާ އިރު ކަންކަން ބަހައްޓާނެ ގޮތްވެސް މިދީނުގައި ވޭ..ހާޝިމް ތިޔަބުނިހެން ބޭރު ގައުމުތަކުގައި ދީން އޮންނަނީ ހަމަ އެކަނި ޗާޗް ތަކުގައި…އެކަމަކު އިސްލާމް ދީނުގެ ދިރިއުޅެންވީ ގޮތް…އެއްޗެއްގެ މެނުފެކްޗަރާ ނުވަތަ ހެއްދެވި ފަރާތަކަށް ވުރެން ފުރިހަމަ ޔޫޒާ މެނުއަލް އެއް އެހެން މީހަކަށް ނުނެރެވޭނެ..ﷲއަށް ވުރެން ތަންތަނުގެ މަސްލަހަތާ ކަން ކަން ދެނެވޮޑިގަންނަވާ ފަރާތެއް ނުވޭ..އިސްލާމް ދީނެއް ނޫން ބަދަލު ކުރަންވީއެއް،،ދީނާއި އެއްކޮޅަށް މީހާ އާ، އަދި ތިޔަބުނާ ސިޔާސަތުވެސް ބައްޓަން ކުރަންވީ،،،ނިކަން ވިސްނާލާ،،މެލޭޝިޔާ ސިންގަޕޫރު އަދި ދުނިޔޭގެ ކުރިއަރާފައިވާ ހަމަ ޖެހުން ބޮޑު ގައުމުތަކުގައި ހަމަ ޖެހުން ގާއިމްވެފައި އޮންނަނީ އެތަންތާ ދޭ އަދަބުތައް އިސްލާމް ދީނާ ރައްޓެހިކަމުން…މިސާލަކަށް ރޭޕިސްޓުންނާ ޑްރަގް އެތެރެ ކުރާ މީހުނަށް މަރުގެ އަދަބު..ހާޝިމޫ މިދީނަކީ ވަރަށް ފުރިހަމަ އެއްޗެއް،،،އަޅެ އެއްފަހަރުވެސް މި ދީން ދިރާސާ ކޮއްލަބަލަ..

  6. ހާޝިމަށް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ކުއްޖާ ރަހިމްގައި އޮންނައިރު އެއީ ދާއިމީ ތަނެއް ގޮތުގައި ދެކޭ، ވިހެއުމުން މިއީ ދާއިމީ ތަން ކަމުގައި ދެކޭ،،ނަމަވެސް ފުރާނަ ހަށިގަޑާ ވަކިވެ ޣައިބުގެ ދުނިޔެ ފެނުނީމައި އެނގޭނީ އެއީކަން އަދި ތަނަކީ..ހަދީތުން އެނގެނީ،،ސުވަރުގެ ވަށާގެން ވަނީ ހިތްނޭދޭ ކަންތައްކަން، އަދި ނަރަކަ ވަށާގެން ވަނީ ތިޔަބުނާ އެކްސައިޓްމެންޓް.

  7. ކުޅުދުއްފުށިން‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމޫ،،،ޔޫރަޕްގައި އިސްލާމީ ދައުވަތު ދޭ ޝެއިޚް އަހްމަދު ދީދާތާ ދިމާލަށް ސްޓައިލިޝް މަންޖެއަކު ސުއާލު ކުރަނީ،،އިސްލާމް ދީނުގައި އަންހެނުންނަށް އުޅެން ޖެހޭ ގޮތް މާތުރަލޭ..ދެން ޝެއިހް ދީދާތުގެ “ކެޕް” ނަގާފައި ތަލަ ބޯ ދައްކާލާފައި ބުނަނީ،، “ކަލޭމެންގެ ބައިބަލް ގައި އަންހެނުން ތިބެން އަންގާފައި އޮންނަނީ މިހެންނޭ” އެހެންވީމާ ހާޝިމެއް ކިޔާ ގަޅިބެ ކައިރީގައި މިބުނަނީ،،،ތިޔަ ކޮސް ގޮވިއަކަސް އަހަރެމެން ހައިރާނެއް ނުވެޔޭ..ތިޔައީ އާކަމެއް ނޫނޭ،،،ނަމަވެސް ވޯލްޑް މޭޖާ ރިލީޖިއަސް ސްޓަޑީސްގެ މާސްޓަރުން ކްރިސްޓިއަން ދީނުގައި އަސްލު ކަންތައް ހުރި ގޮތް ކިޔާދޭ އަޑު އިވިއްޖެނަމަ ކަލޭ ހަމަ ހިތް ހަލާކު ވެދާނެ..ޔޫޓުއިބުން ޝެއިހް އަހްމަދު ދީދާތު އަދި ޑރ ޒާކިރު ނައިކް ކްރިސްޓިއަނުންގެ “ފާދާ” އިންނާ ކޮއްފައި ހުރި ބަހުސް ތައް ބަލާލާތި…ތިޔަބުނާ އެކްސައިޓްމެންޓަކާއި ޕލެސާރެއްވެސް އަސްލު އޮތީ ކޮންދީނެއްގައި ކަން ސާފް ވާނެ.

  8. ޢަބުދުﷲ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ޙާޝިމް ފާޅުކުރައްވާފައިވާ ޚިޔާލު ކިޔާލުމުން އިސްލާމީ ޙާލަތު ރާއްޖޭގައި އޮތް ގޮތް ކިތަންމެ ރަގަޅަކަށްވެސް އެނގެއެވެ. ޤުރުއާނުގައި ޤިސާސް ވާޖިބުކުރައްވާފައިވާއިރުވެސް މީނާ މިބުނަނީ އެކަން ޤަބޫލުނުކުރާނެ ކަމެކެވެ. އެފަދަ ކުފުރުގެ ކޮމެންޓް ތައް މިސައިޓުގައި ނުހިމެނުއްވުމަށް އާދޭސް ކުރަމެވެ. އިސްލާމް ދީން މޮޑިފައި ކުރަން މީ ޙާޝިމް ގެ ކާބަފައިން އަމިއްލައަށް ހެދި ދީނަކީ ބާވައެވެ؟

  9. އެންޓި ކުއްޓި‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމަށް އެނގޭތަ ރަސޫލާގެ ހަޔާތްޕުޅުގައި ވައްކަން ކޮށްގެން އަތް ކެނޑީ ކިތައް މީހުން ކަން؟؟؟ 100؟ 1000؟ ނޫން 1 . ހަމަ އެންމެ މީހެއްގެ އަތް ކެނޑީ..އެވީ އެހިސާބުން..އަދި އަދަށް ދާންދެންވެސް ސައުދީގައި ރަން ފިހާރަތައް ހުޅުވާލާފައި ބަންދު ކަން އަންގާލަން ފޮތިގަޑެއް ދަމާލާފައިވެސް ސޭޓުން ތަންތަނަށް ދޭ..އެތާވެސް ވައްކަން ނެތެކޭ ނޫން މިބުނީ..އެކަމަކު ވަރަށް މަދު ކަމަށް ވަނީ… އެހެންވީމައި ކަލޯމެން ކަހަލަ ޑީއާރުޕީ ގުންޑާއިން މިތާ ކޮސް ގޮވަން ނަހަދާ.

  10. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މަ ބަލާފިން ދެންމެ ޝެއިހް ދީދާތުގެ އެއްޗެއް..ވަރަށް ފަހި…މީހަކު ސުއާލު ކުރަނީ ކަލޭމެންގެ ދީނުގައި ފިރިހެނުންނަށް ގިނަ އަންހެނުންނާ ކާވެނި ކުރެވެޔޭ..ދެން ދީދާތު ޤުރުޢާނުގެ އާޔަތެއްގެ މާނަ ކިޔަނީ.. އެއާޔަތުން އެނގެނީ އަނބިންގެ މެދުގައި ހަމަ ހަމަ ނުކުރެވޭނަމަ “މެރީ އޮންލީ ވަން”..ދެން ދީދާތު ވިދާޅުވަނީ (އެއީ ދެން ދީންތަކުގެ މާހިރެއްތާ ދޯ) މި ބިންމައްޗެއްގައި ނޯންނާނޭ އެއްވެސް ދީނީ ފޮތެއް، އެފޮތުގައި އެންމެ މީހަކާ އިނުމަށް ރެކޮމެންޑު ކުރި ފޮތެއް..”ރަށު މީހަ” ބުނިހެން މިއީ ހަމަ ޔޫޒާ މެނުއަލް އެއް..އަދި ވޭ އޮފް ލައިފް އެއް….ﷲ، ޝެއިހް ދީދާތަށް ސުވަރުގޭ ނިމުމެއް ނުވާ އުފާވެރިކަމުގެ ގޯތި މިންވަރު ކުރައްވާށި! އާމީން! ލިޔުން ވަރަށް ފަހި..ލިޔުއްވި، ނަބީލް އަށް ހެޔޮ ރަހުމަތް ލައްވާށި..އާމީން

  11. ވޭ އޮފް ލައިފް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ކްރިސްޓިއަނުން ޗާޗްގައި ފަހި ކޮށް އުޅެނީ ކީއްވެ ކަމެއް ނޭގޭ ދޯ ގަޅިބެ އަކަށް؟؟ އެމީހުން ކުރާ ފާފަތަކަށް މަސީހް ޢީސާ ނުވަތަ ޖީސަސް ކްރައިސްޓް (ކްރިސްޓިއަނުން ކިޔާ ގޮތް) ސޮލީބަށް ނެންގެވުނު ކަމަށް އެމީހުން ގަބޫލު ކުރަނީ…މިޔޮށް ހާޝިމެއް މަ ހިތަނީ…ތަނެއް ދޮރެއް ދަންނަ މީހެއް ނޫން..

  12. އަވަހާރައެއް ނުވޭ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ކްރިސްޓިއަނުންގެ ވާހަކަ ނުދައްކާ،، އެމީހުންގެ މޭޖާ ފައުންޑޭޝަން، “ޓްރިނިޓީ” (3 ކައު ވަންތަ ކަލާންގެ އާ ބެހޭ އަޤީދާއެއް) މިބަސް ބައިބަލްގެ އެއްވެސް ޓެސްޓްމެންޓް އެއްގައި ނެތް..

  13. އަވަހާރައެއް ނުވޭ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ނަބީލް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…މިލިޔުމުން ފާސިގުން ވަކި ކުރަން އެނގިއްޖެ..

  14. ޕޯޕް ބެނެޑިކްޓް ދެކެ ރުޅިއަންނަ މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ވަރަށް ރަނގަޅު ލިޔުމެއް..ތިޔަބުނާ ޒާކިރު ނައިކް އުޅުން އެކެއް ޕޮއިންޓް ކޮންމެވެސް ބިލިއަނެއްހާ މުސްލިމުންނަށް ނަސްރު ދޭން ޕޯޕް އާ ބަހުސް ކުރަން..އެކަމަކު އިންވިޓޭޝަން ޕޯޕް ރިޖެކްޓް ކުރީ..ދެން ވަރަށް ފަހި ޔޫކޭ ގައި ޑރ ވިލިއަމް ކޭންމްޕްބެލް ބަލި ކޮއްލި ޖަލްސާ…ދެން ނަބީލް އަށް ޝުކުރު އަދާ ކުރަން..މިހިރަ ތެޅޭ ހާޝިމެއް އެބުނާހެން..ދުނިޔޭގައި ވައި ޖެހޭ ކޮޅެއް މިއެއްޗަކު ދަނޭ ބާވަ؟

  15. ކަލޭނޭ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހިތާމަހުރި، ލޮލުން ކަރުނަ ހިލިއްޖެ. އަޅުގަނޑުމެންގެ އެކުވެރި ޙާޝިމަށް ހެޔޮވިސްނުންދެއްވާށި. އެފަކީރު އެހުރީ ކުރިން މިސައިޓުގެ އިގިރޭސި ފޯރަމުގައި ޚިޔާލުފާޅުކުރި އިރުހުރި ހާލުގައި. އެ އަޚާއަށް ހެޔޮގޮތް ވިސްނައިދިނުމަށް މިސައިޓުގެ އަހުލުވެރި ތަޢުލީމީކުދިންނަށް ގޮވާލަން (ޚާއްޞަކޮށް ބިލާލް، ނަބީލް، ފަޔާޒު، މުޙައްމަދު)، އެފޯރަމްގައިވެސް މިކުދިންވަނީ އޭނާއަށް ވަރަށް ގިނަ ދަލީލުތަކާއި ހުއްޖަތްތައް ދައްކާފައި. އޭނަގެ ވިސްނުން އެވަނީ ހުޅަނގުގެ މީހުން ދޮވެލާފައި. މިގޮތަށް ކަންތައްވަމުން ދާނަމަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ ދީންތައް ފެތުރިދާނެ.

  16. ޓޫޕަކް ޝަކޫރު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ކްރިސްޓިއަން ޗާޗް ތަކުގައި އެއްޖިންސުން ގުޅުންވެސް ހިންގާ..އެއްޖިންސަކީ ޖެނެޓީކް ކަމެއް ނޫން ކަމަށް ޒަމާނީ ކުރިއަރާފައިވާ މެޑިކަލް ޑރ އިންވެސް ބުނޭ… ދެން ހާޝިމް ކައިރީ ބުނެލަން ބޭނުންވަނީ ޔޫރަޕް މީހުން ތަންދޮރު ދަންނަލެއް ބޮޑު ވީމައި އެމީހުން އެމީހުންގެ ދީނާ ސާގާފަތައް އިސްކަން ދެނީއޭ…އެއީ ތިކަހަލަ ގަޅިންނެއް ނޫން ދީނަށް ފުރައްސާރަ ކުރާކަށް… މިޔޮށް އިރުމަތީގައި މިއޮތް ޗައިނާ އާއި ޖަޕާން އަށް ޔޫރަޕް މީހުން ޝައުގުވެރިވަނީ އެމީހުން އޮޔެ ދެމޭ ކޮޅަކަށް ނުދާތި..ނަބީލްގެ ލިޔުން ފަދަ މޮޅު ލިޔުމެއް އަދި ނުދެކެމޭ ބުންޏަސް ދޮގަކަށް ނުވާނެ..

  17. ސްނޫޕް ޑީއޯ ޑަބަލް ޖީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    އިސްލާމް ދީނުގައި ވިއްޔާ އެއްމަޒްހަބެއްގެ މީހަކު އަނެއް މަޒްހަބުގެ މީހަކާ ހިޔާލް ތަފާތުވަނީތާ ދޯ..އެކަމަކު ހާޝިމް ކަލެއަށް އެނގޭތަ؟ ކެތޮލިކް މަޒްހަބާ އެހެން މަޒްހަބުތައް ހިޔާލް ތަފާތުވަނީ ކުޑަކޮންނޭއް ނޫނޭ،، އެއްބަޔަކު ދާނީ ނަރަކަ އަށް ކަމަށްވެސް ބުނޭ..އެހެން ވީމައި ވިސްނާލާ،،،1400އަހަރު ވީ ފޮތެއް..ޒަމާނީ ސުޕަރ ކޮމްޕިއުޓަރު ތަކަށް ބޮޑެތި ސައިންޓިފިކް ކަލްކުލަސް އީކުއޭޝަންތައް ހައްލު ކޮއްލެވުނަކަސް މި ޤުރުޢާނާ އެއްފަދަ ފޮތެއް ނުހެދުނޭ..އަދި ކަރަޕްޓް ނުވާ ދީނީ ފޮތެއް މިނޫނިއްޔަކާ ނެތޭ..އެޅެންވީ ގޮތް ނުލާހިކު ސާފް..ޔޫކޭ ގެ އަބްދުއްރަހީމް ގްރީން ވިދާޅުވަނީ،، އޭނާ އިސްލާމް ދީނަށް ނުވަންނަ އިރު އަލިކަމެއް ނެތް ތަނެއްގައި ތަންތާ ލެޑެމުން ދިޔަ މީހެންހެނޭ އުޅުނީ….

  18. މުހައްމަދު ޢުމަރު(އެމް ޔޫ) ގެ ރައްޓެއްސެއް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މި ހާޝިމް އަކީ އަލި ހާޝިމް ނަމުގައި މިސައިޓްގައި ލިޔުނު މީހެއް..މިކަލޭގެ ލިޔެފައި އޮތޭ،،މުސްލިމުން ވަނީ ހުޅަނގަށް ދަރާފައޭ..މިކަލޭގެއަކަށް ނޭގެޔޭ އަލްޖިބްރާ އާ ކޮމްޕިއުޓަރު ޕްރޮގރާމިންގެ އަލްގޯރިތަމް އާއި ފީޒިޔާ (ފިޒިކްސް) އަދި ކީމިއާ (ކެމިސްޓްރީ)، އެސްޓްރޮނޮމީ ފަދަ ޢިލްމީ ރޮނގުތަކުން މުސްލިމް ސައިންސްދާނުންނަށް (ސައިންޓިސްޓުންނަށް) އަގު އަދާ ނުކުރެވޭ ވަރަށް ދަރާފައި އޮތް ކަމެއް…އެނީ ވޭޒް…. ތޭންކްސް ނަބީލް..

  19. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމަށް ކޮމެންޓު ނުކޮށް ލިޔުމަށް ކޮމެންޓު ކުރަން އިސްކަންދެމާތޯ. މާތްﷲ ހެޔޮ މަގު ދައްކަވައިފި މީހަކު އެހެން މަގަކުން ނުދާނެ. އަދި ވައިސްވާސާ.

  20. ދިރާސާ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމް އެއުޅެނީ ވަރަށް ބޮޑު އޮޅުމެއްގައި،،ސައުދީގައި އަދި ކީއްކުރަން އިސްލާމް ދީނުގައިވެސް އަންހެނުން ކާރު ދުއްވުން މަނަލެއް ނުކުރޭ..އަންނި އާއި އެކީ ބޮޑީ ގާޑުން ދަނީ އަންނި އަކީ މަތީ މީހަކަށް ވާތީ..ހަމަ މި އުސޫލުން އަންހެނުންނަށްވެސް ރައްކާތެރިކަން ދޭންވެގެނެ އެމީހުންވެސް އެކަނި ދަތުރު ކުރުމަށްވުރެން މީހަކާއި އެކީ ދަތުރު ކުރުމަށް އިސްލާމް ދީން ރެކޮމެންޑް ކުރަނީ،،، އެއީ އެމީހުން ޑީގްރޭޑް ކުރަނީ އެއްނޫން..އެކަމަކު ފިޒިކަލީ އަދި ސްޕިރިޗުއަލީ ކޮން އެވްރެޖްކޮން ވީކް ބަޔަކަށް ވާތީވެ ރައްކާތެރިކަން ދެނީ..އަދި ޓިޝޫ ޕޭޕަރެއްގައި އޮންނަ ބަޖިޔާގަޑެއްފަދަ ދަށު ދަރަޖަ އަށް ނުގެންދަންވެގެން ރަންފަށެއް ގޮތައް ނިވާކޮށްގެން ވަގުންގެ ލޯތަކަށް ފޮރުވައިން ގެންގުޅެނީ..

  21. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމް އާއި އެއްޗެހި ނުކިޔާ،،،އޭނާ އެފަދާން ކޮމެންޓް ނުކުރިނަމަ މިފަދަ މޮޅު ވާހަކަތަކެއް ނުދެކެވުނީސް،، ރަސޫލާގެ ހަޔާތްޕުޅުގައި ސަހާބީން ދަންނަވަނީ،،ތިމަންމެންގެ ހިތުގައި ހުރި ސުވާލުތަކުގެ ނުބައި ކަމުން ތިޔަ ރަސޫލާ އަށް ދަންނަވަންވެސް ނުކެރޭނޭ..ދެން ރަސޫލާ އެބޭކަލުންނަށް އެގޮތް މަނާ ކުރައްވާ،،ހިތުގެ އުފެދޭ ޝުއޫރުތައް ބޭރު ކޮއްލުމަށް އެންކަރޭޖްވާ ގޮތައް ހަދީޘް ކުރެއްވެވި..ދެން ހިތުގައި އުފެދޭ ޝުއޫރުފާޅު ކުރުމޭ ކިޔާގެން އަވައްޓެރިޔާގެ އަންހެނުން ދެކެ ލޯބިވާކަން ހާމަ ކޮށެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން މިހެން ބުންޏަސް..

  22. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ނަބީލުގެ ލިޔުން ކިޔާލުމުން މަށަށް ދޭހަވި އެއްކަމަކީ، ދުނިޔޭގައި އިސްލާމް ދީން ދެކެ ނަފްރަތުކުރާ މީހުން، ބައެއް މުސްލިމުން އުޅޭ ގޮތް ދަލީލަކަށް ދައްކައިގެން ނަފްރަތުކުރުމުގެ ބަހަނާ ދައްކާކަން.. އެކަމަކު އަހަރެމެން ބަލަންވީ ބައެއް މީހުން އުޅޭ ގޮތަކަށް ނޫނޭ، ދީނާ މެދު ބޮޑެތި އިލްމުވެރިން ދައްކާފަހުރި ވާހަކަ އަޑު އަހައި، ކިޔައި، އަދި އަމިއްލައަށް ވަސް ވިސްނާށޭ.. އެކަމަކު..
    އެމައްސަލަ ވެސް އަނެއްކާ އެއީ މައުމޫނުގެ ސަބަބުން ވީކަމަކަށް، އެއަށްފަހު އަންނި ސަރުކާރުން ދީން ހަވާލުކުރި ސައުދީ ސޭހުންގެ ސަބަބުންވާ ކަމަކަށް…
    އާނ.. މައުމޫނު ވިޔަސް، ފާސިގު ކަމެއް ފަތުރަން އުޅެންޏާ އެކަމެއް ފެތުރޭ ގޮތް ވާނެ.. އަންނީ ގެ ސޭހުން ވެސް ވިސްނާ ނުލާ ކުރާ ކަންތަކުން ގޯސް ނަތީޖާއެއް ނިކުމެދާނެ.. މާތްކަލާނގެ މި ދުނިޔޭގަ ގިޔާމަތަށް ދާނދެން ލަހައްޓަވާފަ އެބަ ވޭ އަދި މާ ނުބައި އެއްޗެއް.. އެއީ ލައުނަތް ލެއްވި އިބިލީސް.. އެކަމަކު އިބިލީސް ބޮލަށް ހުރިހާ ކަމެއް ފަގުވާފަ އަހަރެމެންނަކަށް ބޯ ދަމައިގަނެވޭކަށް ނެތް..
    ނަބީލު އެ ބުނަނީ އިސްލާމް ދީނާ މެދު ވިސްނަން ވީ ކީއްވެކަން.. ނަބީލް އެ ބުނަނީ.. ހަސްފަތާލަށް ދާތަނުން، ޑޮކްޓަރު ނުބައި ބޭހެއް ދީގެން ބަލި މީހާ މަރުވިޔަސް، ޒަމާނީ މެޑިސިން އަކީ ގޯސް އެއްޗެއް ކަމަކަށް އެއް ވަސް މީހަކު ދައުވާއެއް ނުކުރެޔޭ.. އެކަމަކު، މުސްލިމަކު ހަމަ ފޮޑިއެއް ޖަހާ އިރަށް، އެއީ އިސްލާމް ދީނުން ދޮވާ ވަހެއްކަމަށް ބަޔަކުމީހުން ހަދަން މި އުޅެނީ..
    މިހެން ނަހަދާށޭ އެހެން މީހުން ކުރާ ކަންތަކޭ ނުކިޔާށޭ އަމިއްލައަށް ވިސްނާ ފިކުރުކުރަމާތޯއޭ… ހަމަ ރީތި ކޮން މިހެން ބުނާއިރަށް އަނެއްކާ ވެސް އެއްކަލަ ސޭމް އޯލްޑް ލަވަ… އަޖައިބެއް ފަހެ ނުވާނެ.. މީހުން ދައްކާ ވާހަކަ ދޭހަ ނުވިޔަސް މީ ދެން ތަންކޮޅެއް ބޮޑުވަރެކޭ ނުން؟

  23. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ދެން ހާޝިމް ގާތު ބުނެލަން ބޭނުން ވަނީ ކްރިސްޓިއަން ދީނަކީ އެއްނޫނޭ ހައްޤު ދީނަކީ،،މި އިސްލާމް ދީނަކީ ހައްޤު..ދެން މިދީނެއްގައި ނެތް ތިޔަބުނާ އެކްސައިޓްވާ ގޮތައް ދީން ޕްރޮޕެގޭޓް ކުރުމެއް..މިގޮތާއި ނުރުހެންޏާ ރުހޭ ދީނަކަށް އުޅިގެން ޖަހަންނަމަ އަށް ދޭ.. ދެން މިދީނަކީ އިމްތިހާނެއް،،މިދީނަށް އުޅުމަކީ ފަސޭހަކަމެއް އެހެން ދީންތަކަށް އުޅުމަށްވުރެން..މި ހަޤީޤަތް އެނގޭނީ އެމީހުން އުޅެ ގޮތައް ނުބަލަ އެމީހުންގެ ސޭކްރެޑެ ސްކިރިޕްޗާސް ތައް ބަލާލީމައި..ދެން އިމްތިހާނަކަށް ވާނީ އޭގައި ތަކުލީފް ތަކެއްވެސް ހުރެގެން..ތިޔަބުނާހާ މަޖާކޮން ކޫލް ކޮން އެސްސައިޓްމެންޓާއި ޕެލެސަރުގައި މިވަގުތީ ހަޔާތުގައި އުޅިގެން ދާއިމީ ހަޔާތެއްގައި ޕްލެސަރެއް ނުލިބޭނެ..

  24. ސްޓްރޭންޖާ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމަށް
    ހާޝިމްގެ ވާހަކަ ފެއްޓުމުގައި ބުނެފައިވާ ވާހަކަތަކާއިމެދު އަހަރެންނަށް ވަރަށް ތާޢީދުކުރެވޭ. ދީނާ މެދު އުފެދިފައިވާ މައްސަލަތައް ޙައްލު ކުރެވޭނީ ކަމުގެ އަސްލު ހޯދައި އެކަން މުލުން ލުހެލައިގެން. ހަމައެހެންމެ ދިވެހިން ދީނާ މެދު ޣާފިލު ކުރުމުގައި އެންމެ އިސްރޯލެއް އަދާ ކުރި މީހަކީ މައުމޫނުކަމަށް ވެސް އަހަރެން އެއްބަސްވަން. އެހެނަސް އެއާ ވިދިގެން ދެން ހާޝިމް ފާޅުކޮށްލި ޚިޔާލުތަކުން ފެނިގެން ދިޔައީ ތަންދޮރު ނުދަތުމުގެ އިންތިހާކަންވެސް ބުނަން މިހާރު މަޖުބޫރުވެއްޖެ.
    ހާޝިމެވެ. އަހަރެމެން ބަލަން ޖެހެނީކީ އެހެން ޤައުމުތަކަކަށް ނޫނެވެ. ތަފާތު ދީންތަކުގެ ހާއްޔަކާ މިތަނާއި އަޅާ ކިޔޭނެހެއްޔެވެ؟ މިއީ އެއް ދީނެއް ޤަބޫލުކޮށްގެން ތިބި ބައެކެވެ. ދީނާއި ސިޔާސަތާއި ވެރިކަމާ ވަކިވާން ޖެހޭނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ތިޔަ ބުނާ މިސާލީ ޤައުމުތަކުގައި މިނެޓަކު އެއްފަހަރު އެތައް ބައެއް ރޭޕްވެގެންވެސް ދަނީއެވެ. ނުބައި ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުގައި އެމީހުން އުޅެނީ އެންމެ ކުރީގައެވެ. ތިޔަ ފަދަ ގިނަ ޤައުމުތަކުގައި އެއްޖިންސުގެ މީހުންނަށް ކައިވެނި ވެސް ކުރެވެއެވެ. އަނެއް ބައި ތަންތާގައި މިހާރު އެކަމަށް އެދި މުޒާހަރާތައް ކުރެވެމުން ދަނީއެވެ. އެހެންވީއިރު އަހަރެމެން މިސާލަކަށް ނަގައިގެން އުޅެންވީ މިފަދަ ވަހުޝީ ބަޔަކަށް ހެއްޔެވެ؟ އެމީހުން ދީނާއި ސިޔާސަތާއި ވަކި ކުރިޔޭ ކިޔާފައި އަހަރެމެން އެކަން ކުރަން ޖެހޭ ހެއްޔެވެ؟ އެމީހުންނަށް އެމީހުންގެ ދީންތަކުން ސިޔާސަތާއި ވެރިކަން ވަކި ކުރަން މަޖުބޫރުވަނީއެވެ. އެހެނީ އެދީންތަކަކީ އިސްލާމްދީންހާ ފުރިހަމަ ދީންތަކެއް ނޫނެވެ. ވެރިޔާ ރައްޔިތުންނާއި މެދު ކަންތައްތައް ބަހައްޓަންވީ ގޮތާއި ހުރިހާ ކަމެއް މި އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރަންވީ ހުރިހާ ކަމެއް މި ދީނުގައި ކަނޑައަޅައި އަންގަވާފައިވެއެވެ. ރަށުމީހަ ބުނިގޮތަށް މި ދީނުގައި އެންމެ ކުޑަމިނުން އަނބިމީހާ އާއި އެކު ރޭ ކުރާނެ ގޮތަށް ދާންދެން ބުނެދީފައިވެއެވެ. މިދީނަކީ ޙައްޤު ދީންކަން އަހަރެމެންނަށް ޔަގީންވާއިރު، މި ޙުކުމްތައް ބާވާ ލެއްވީ އަހަރެމެން އުފެއްދެވި ޚާލިޤްކަން ޤަބޫލުކުރާ ހާ ހިނދަކު، ކަންކަމުގެ މަސްލަހަތު އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ އެކަލާނގެކަން އަހަރެމެން ޤަބޫލުކުރަން ޖެހެއެވެ.
    ހާޝިމެވެ. ތިޔަ ބުނާގޮތަށް ދީން ޢަރަބިކަރައިން ހޯލްސޭލް ކުރުމުގައި މައްސަލައަކީ ކޮބާހެއްޔެވެ؟ ދިވެހީން ދީން ގެންގުޅެނީ އެމީހުންގެ ދީނާއި ސަގާފަތާއި އަމިއްލަ ގޮތް އޭގައި ހިމަނައިގެން ރާއްޖޭގެ މުޖުތަމަޢަށް ފައްތައިގެންނޭ ތިޔަ ބުނަނީ، މި ދީނަކީ ހުރިހާ ޒަމާނަކަށާއި ތަނަކަށް ނުފެތޭ ދީނެއް ކަމަށް ހީވާތީހެއްޔެވެ؟ އެހެނެއް ނޫނެވެ. އިސްލާމްދީން ބާވާލެއްވުނީއްސުރެ ޤިޔާމަތާއި ހަމައަށް ދުނިޔޭގެ ކޮންމެ ތާކަށްވެސް މިދީން ފެތެއެވެ. ﷲ ޙަޟްރަތުން ބާވާ ލެއްވިފައި މިވާ ފުރިހަމަ ދީން، އަހަރެމެން ކޮށިއަތްތަކުން ކޮށައި މަށައި ހަދައިފިނަމަ އަހަރެމެންނަށްވެސް ޖެހޭނީ ކުރީގެ އުއްމަތްތަކުގެ މީހުންނަށް ޖެހުނު ހާލެވެ. އެމީހުން އެމީހުންގެ އަމިއްލަ ފޮތްތައް ބަދަލުކުރިއެވެ. މިއަދު އެމީހުންގެ އަތުގައި އެ ފޮތްތަކުގެ ތަފާތު ވާޝަންތައް ހެދިފައިވެއެވެ. ޞައްޙައީ ކޮން ފޮތެއްކަމެއް އެ ގަހު ކޭލެއް މިގަހު ކޭލެއް އެނގެނީކީ ނޫނެވެ. އެއް “އާޔަތާއި އަނެއް އާޔަތް” ތަޢާރަޟުވަނީއެވެ. ބުއްދި ހޭޖެހޭ ވަހަކައެއް ފެންނަނީކީއެއް ނޫނެވެ. ޒަމާނާއި ޙާލަތާއި ނުގުޅޭ އަވަގުރާނު ނޫން އެއްޗެއް އެއަކު ނޯވެއެވެ. މިކިޔަނީ ބައިބަލްގެ ވާހަކައެވެ. މިފަދަ ބަޔަކު މިސާކަށް ބަލައިގެން އަހަރެމެންވެސް ވީ އަހަރެމެންގެ ދީނުގައި ކަންކަން އޮތްގޮތް އަމިއްލަ ބުއްދިއަށް ވިސްނޭހާ ގޮތަކަށް ބަދަލުކުރަން ހެއްޔެވެ؟
    އިސްލާމް ދީނުގައިވެސް ކަންކަމުގެ ޙާލަތާއި މަސްލަޙަތަށް ރިޢާޔައްކޮށް ބައެއް ފަހަރު ކަންކަމުގެ ޙުކުމްތައް ބަދަލުވެއެވެ. މިސާލަކަށް މަޖުބޫރު ޙާލަތްތަކުގައި ޙަރާމްކަންތައްވެސް ހުއްދަވެއެވެ. މިގޮތުން އަންހެނުން ސައިކަލު ދުއްވަން ވާނެތޯ އަހާލަން ޖެހެނީ މުސްލިމް ޢިލްމުވެރިއެއްގެ ގާތުންނެވެ. އޭރުން އެ ޢިލްމްވެރިޔާ ކަން އޮތް ގޮތް ސާފުކޮށްދޭނެއެވެ. ދަލީލު ނަގާނީ ހަމަ އިސްލާމް ދީނުގެ މަސްދަރުތަކުންނެވެ. އަމިއްލަ ބުއްދިއަކުން ނޫނެވެ.
    ޤުރުއާނުގައި ކަނޑައެޅި ބަޔާންވެފައިވާ ޙައްދުތަކަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. އެއާއި މެދު އިންކާރުކޮށްފި މީހަކު މުރުތައްދުވެދާނެއެވެ. ވައްކަންކުރާ މީހުން އަތް ކެނޑުމާއި ޤިސާސް ހިފުމަކީ ދީނުގައި ސާބިތުވެފައިވާ ކަންކަމެވެ. މިކަންކަމަކީ ތަފާތު ޙިކުމަތްތައް އޭގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމެވެ. މި ޙުކުމްތައް ޤާއިމްކުރުމުގައި ހުރި މޮޅާއި، އެ ޙުކުމްތަކުގެ ފުރިހަމަކަން ހަވާ ނަފްސުގެ އެދުންތައް އެއްކިބާކޮށް މިނިވަން ސިކުނޑިއަކުން ވިސްނައިފި ކޮންމެ މީހަކަށްމެ ސާފުވާނެއެވެ. ފަސޭހަކޮށްދިނުމުގެ ގޮތުން ދެ މިސާލު ބުނާނަމެވެ. ނިކަން އެމެރިކާ އާއި ސަޢޫދި ޢަރަބިއްޔާގައި ކުށްކުރާ ނިސްބަތް އަޅާކިޔާލަ ބަލާށެވެ. ބޮޑަށް ފައިދާ ހުރީ ކޮން ޤާނޫނެއްގައިކަން އޭރުން އޮޅުމެއް ނެތި އެނގޭނެއެވެ.
    އިސްލާމް ދީން ފެތުރުމަކީ އެހެން ފާސިދު ދީންތަކުގައިވާ ގޮތަށް، ހަމަ އެކަނި ޢިލްމުވެރީންގެ ކަމެއް ނޫނެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތްކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޤާބިލިއްޔަތު ތަން ދިންވަރަކުން އިސްލާމް ދީން ފެތުރުމަކީ އެމީހެއްގެ ޒިންމާއެކެވެ. ޤުރުއާނުގައިވާ ފަދައިން ޙިކުމަތާއި ޙުއްޖަތާއި ރިވެތި ބަސްތައް ބޭނުންކުރުމަކީ މިކަމުގެ ތަޅުދަނޑިއެވެ.
    ދީން ފަތުރާށޭ، އެކްސައިޓިން ކުރާށޭ ކިޔާފައި އަހަރެމެން ނުޖެހޭ ޑިސްކޯ ބާއްވާ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ސަކާރަތް ގަންނާކަށް. އޭރުން ފެތުރޭނީ ދީން ނޫންކަން ބުއްދި ހުރި ކޮންމެ އިންސާނަކަށް ސާބިތުވާނެ. ޗާޗްތަކުގައި އެފަދަ ކަންކަން ކުރަނީ ކޮން މަޤްސަދެއްގައިކަންވެސް ވިސްނާލީމަ އެނގިގެން ހިނގައިދާނެ. އިސްލާމްދީނުގައި ކުޅިވަރު ކުޅުމާއި މަޖާކުރުމަށްވެސް ފުރުސަތު ދެއެވެ. އެހެނަސް އެއީ ދީނުގައި އަންގަވާފައިވާ މިންގަނޑުގެ ތެރޭގައެވެ. މިސްކިތްތަކަކީ ހަމަ އިޖްތިމާޢީ ގުޅުންތައް އާލާކުރުމަށް އޮތް ފުރުސަތެކެވެ. މައްސަލައަކީ އަހަރެމެންނަށް ދީނުގައި ކަން އޮތްގޮތް ނޭނގުމެވެ. މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވާ ހިނދު ސަލާމްގޮވައި ހާލުއަހުވާލު އެހުމަކީ މި ދީނުގައި ހިމެނޭ ކަމެކެވެ. ހަމައެހެންމެ ކައިވެންޏާއި މި ނޫންވެސް އުފާވެރި ޙަފްލާތަކަށް ދިޔުމަކީ ދީނުގައި ނުހަނު ވަރުގަދަޔަށް އަންގަވާފައިވާ ކަންކަންވެސްމެއެވެ. ތިޔާ ބުނާ އެކްސައިޓޭޝަން އެއް ނުލިބިގެން އުޅޭ ޙަޤީޤީ ސަބަބަކީ ދީނަށް ޢަމަލު ނުކުރުމެވެ. ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ވަދެ ޢަމަލުކުރަން ފަށައިފި ކޮންމެ މީހަކަށް ތިޔަ ބުނާ އެކްސައިޓޭޝަން ލިބޭނެއެވެ. އޭރުން އެމީހަކު ހުންނާނީ ހިތްހަމަ ޖެހިގެންނެވެ.
    ތެދެކެވެ. އަހަރެމެން ދީން ފެތުރުމަށްޓަކައި ރީތި ޓީވީ ޗެނެލްތަކާއި ޙަރަކާތްތައް ހިންގަންޖެހެއެވެ. ޕީސްޓީވީ އަކީ މިފަދަ މިސާލީ ޗެނެލްއެކެވެ. ޒަމާނީ ތަޢުލީމް ޙާޞިލްކޮށް ދީނީ ތަޢުލީމް އުނގެނުމަކީ މިއަދު ވަރަށް މުހިއްމުކަމެކެވެ. ޑރ ޒާކިރް ނާއިކް އަކީ މިފަދަ މިސާލީ ބޭފުޅެކެވެ. އޭނާ ނުދަންނަ ދީނީ ފޮތެއް ނޯވެއެވެ. ތަފާތު ޑިބޭޓްތަކުގައި އެހެން ދީންތަކުގެ މީސްތަކުންގެ ކުރިމަތީގައި އެމީސް މީހުންގެ އަމިއްލަ ފޮތުން ހުއްޖަތް ދައްކަވަނީއެވެ. ޤުރުއާނުގައިވާ ސައިންޓިފިކް ހެކިތަކާއި ބައިބަލް ފަދަ ފާސިދް ފޮތްތަކުން ސައިންސާއި ފުށުއަރާ ކަންތައްތައް އެހެރަ ބަޔާންކޮށްދެނީއެވެ. ހާޝިމް އެ ޗެނަލް ބަލައި ދިރާސާކޮށްފިނަމަ ތަންދޮރު އޮޅުން ފިލާފާނެއެވެ. ހުސް އެކަނި އިޖްތިމާއީ ގުޅުން އާލާކުރުމަށް އަންހެނުން ފަހަތުން ދުވެގެން ކުރިއަރާނެ ދީނެއް ނޯންނާއެވެ. އިސްލާމްދީނަކީ އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ދީނަކަށް ވުމުގެ ސަބަބުތަކެއް ވާނެ ކަން ކަށަވަރެވެ. ކްރިސްޓިއަން ދީނަށް ވުރެ އިސްލާމްދީން އުޅެނީ އެތައް ގުނައެއް ކުރީގައެވެ.

  25. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމޫ އަހަރެމެންނަށްވެސް ގޯސްކޮން އުޅެވޭ..ދެން އެހެންވިޔަސް އިސްލާމް ދީނުގެ އަސްލުތަކަކާއި ނުބެހެވޭނެ ދޯ..މިއީ އެޑަމް އެންޑް އީވް އަށް ވުރެން މާ ކުރިން ބާވާލެއްވުނު ދީނެއް..

  26. އިކްސައިޓްމެންޓް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ވާ ގޮތަކީ މަ ބޭނުންވާ ހުރިހާ ލަނގިރިއެއް ދީނުގަ ޖެހެން ނޯންނާތި މަށަށް ކަމު ނުދަނީ.. ދެން މިކަންކަން ވަސް ހުއްދަކުރަން ވިއްޔޯ؟ މިހިރީ މީތިންގެ ސިކުނޑީގެ ފެންވަރު ހުންނަވަރަކީ.. ބަލަ ކަލޯ މަށަށް އެންމެ މީރީ ފްރައިޑް ޗިކަންއާ، ފްރެންޗް ފްރައިއާ، ބަނާނާ މިލްކް ޝޭކާ، ކެރަމަލް ޕުޑިން.. ކޮންމެ ދުވަހަކު ތިން އިރު ކާން ވަސް މިޔަށް ވުރެން މޮޅު ކޮއްތެއް މަށަކަށް ނެތް.. އެކަމަކު ކަލޯ ޑޮކްޓަރުން މަ އެކްސައިޓު ކުރާކަށް މިކަމެއް ހުއްދައެއް ނުކުރާނެ.. ދީން ނުޖެހޭނެ ތަންތާ ތިބޭ ފާސިގުންނާ ނެގޯސިއޭޓުކޮށްގެން، އެމީހުން ރުހޭގޮތަށް އަނބުރާކަށް. ނާ.. އެހެންނެއް ނެހެދޭނެ ހަމަ.

  27. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ޔޫކޭ ގެ އަބްދުއްރަހީމް ގްރީން ބުނީ “ވޮޝިންގްޓަން ޑީސީ އިޒް ދަ ގްރޭޓެސްޓް މާޑަރިންގް ކެޕިޓަލް އޮފް ދަ ވޯލްޑް، ނޮޓް އޮފް ދި އަމޭރިކާ،،އޮފް ދަ ވޯލްޑް”

  28. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ޔާރައްބަނާ، މިލިޔުމަށް އަޅުގަނޑު ކުރި ކޮމެންޓަށް ފަހު މިތާނގައި މިފެށުނީ ކޮން ހަނގުރާމައެއްތޯ؟ އަޅުގަނޑަކީ މުސްލިމެއް ނޫން ކަމަށާ، ދީނަށް ލޯބި ނުބަހައްޓާ މީހެއް ކަމަށާ ދެން ވެސް އޭތި މީތި އަޅުގަނޑާ ދިމާއަށް މިތަނުގައި ގޮވިއްޖެ. ދެން ހީވީ، އިސްލާމްދީނާ ދެކޮޅަށް އަޅުގަނޑު ހުރިހެން ހުރިހާ ބޭފުޅުން އިސްލާމްދީނުގެ ދިފާޢުގައި ޒާކިރު ނަޔެކް އާއި އަހުމަދު ދީދާތާއި ދެން ވެސް ތިއްބެވި ބޭފުޅުންނާ އެކިއެކި ރިސާޗްތައް ހިއްޕަވައިގެން ދީން ދިފާޢު ކުރައްވަން ތިޔަ ނުކުންނެވީ.

    އަޅުގަނޑެއް ނުދަންނަވަން އިސްލާމްދީނަކީ ރަނގަޅު ދީނެއް ނޫނޭ. ނުވަތަ ކްރިސްޓިއަން ދީނޭ ރަނގަޅަކީ. އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާކޮށްލީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއިން އިސްލާމްދީންގެ އަސަރު ކުޑަވި ސަބަބު. އަދި އެކަން ޙައްލުކުރުމަށް އަޅުގަނޑަށް ފެންނަ ގޮތް. އެއީ ކޮންމެހެން އެކަން ހައްލުކުރުމުގެ އެންމެ މޮޅު ގޮތް ކަމަކަށް ވެސް އަޅުގަނޑެއް ނުދަންނަވަން. މިތާ ތިއްބެވި ބޭފުޅުންނަށް ދިވެހި ބަހުން ލިޔެފައި އޮންނަ އެއްޗެއް މޭރުންވެވަޑައިގަންނަވާ މިންވަރަކީ، މިއީ ކަމަށްވާނަމަ، ދެން ނެތް އަޅުގަނޑު ދަންނަވާނެ އެއްޗެއް.

    އަޅުގަނޑު ހުށަހެޅީ އިސްލާމްދީނާ ދެކޮޅަށް ހުރި ސަބަބުތައް މުލުން ލުހެލުން. އެއީ ދީނަކީ ސަރުކާރުން ކޮންޓްރޯލްކުރާ އެއްޗަކަށް ނުހައްދަވައި، ދޫކޮށްލެއްވުމަށް. އޭރުންނެއް ނުޖެހޭނެ ސަރުކާރުން ބޭނުންވާ ގޮތަކަށް ދީނީ ޢިލްމުވެރިން ފަތުވާ ނެރުއްވާފައި، ސަރުކާރު ނުރުހޭ ގޮތަށް ފަތުވާދެއްވާ ކޮންމެ ބޭފުޅަކު އުލުބައިންދާކަށެއް. މިއީ މައުމޫންގެ ތަޖުރިބާގައި އަޅުގަނޑު ދެންނެވި އެއްޗެއް. އެއީ އަޅުގަނޑު ދެންނެވި އެއް ޕޮއިންޓް

    ދެވަނަ ޕޮއިންޓަކީ އަޅުގަނޑު ދެންނެވީ ދީނުގެ ޕްރޮޕަގޭޝަން ނުވަތަ ދީން ފެތުރުއްވުމާއި ހަރުލެއްވުން މިހާރަށް ވުރެ އެކްސައިޓްކޮށްދެއްވުމަކީ ދީނީ ޢިލްމުވެރިން ކުރައްވަންވާނެ ކަމެކޭ. އަދި ދެންނެވިން އަޅުގަނޑަކަށް ކަމަކު ނުދެއޭ، ބަލާހިތެއް ނުވެއޭ އުސްމާން ޢަބްދު ﷲ މެން ޓީވީއަށް އަރުއްވައިގެން އެދައްކަވާ ވާހަކައާއި ވާހަކައިގެ ސްޓައިލް. ނިކަން ބައްލަވާލައްވަ ބަލާ އޭގެ ބަދަލުގައި ހާރޫން ޔަހުޔާމެން، ދީދާތުމެން ބޭނުންކުރައްވާ މަންޖަހު. އެއުސޫލުން، މީގައި ވެސް ޝައުޤުވެރިކުރުވާނެ ގޮތެއް ހުންނަން ވާނޭ. މާތް ﷲ ގުރުއާން ބާވާލެއްވިއިރު ވެސް، އެވީ އިނގޭތޯ އަރަބިންގެ ޝައުޤު ދަމައިގަތް އެއްޗަކަށް. އެއީ އޭގައި ހުރި ޢިބާރާތްތަކުގައި ހުރި ޝާއިރީ ގޮތެއްގެ ސަބަބުން އެންމެ ފުރަތަމަ ވެސް. މިއުސްލޫބު އަޅުގަނޑުމެންގެ ދީނީ ޢިލްމުވެރިން ކީއްވެތޯއޭ ބޭނުން ނުކުރައްވަނީ. އޭގެ ބަދަލުގައި ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ދެބަސްވެ ވަޑައެއް ނުގަންނަވާނެ ރާއްޖޭގައި ގިނައިން މިފެންނަނީ ކޮންމެވެސް އިލްމުވެރިއަކު މިސްކިތެއްގައި އިންނަވައިގެން ދެން ނަސޭހަތް ދެއްވާނީ، ގިނަ ފަހަރަށް އެކަމަށް މާބޮޑަށް ތައްޔާރެއް ވެސް ވަޑައެއް ނުގަންނަވާނެ. ދެން ހަމަ އެކައްޗެއް އިނގޭތޯ ވިދާޅުވާނީ، އެހެޔޮ އަޑުއަހާނެ މީހަކު ނެތަސް.

    ދެން އަޅުގަނޑު ދެންނެވީ ޗާޗުތަކުގައި ވެސް އޮވޭ އެކްސައިޓްމެންޓް. ކުޅިވަރާއި، ކުދިންނާ ދިމާވުމާއި އިޖްތިމާއީ ކަންކަން، އަޅުގަނޑު ހީކުރީ އަޅުގަނޑު ދެންނެވި މިބަހުގެ މާނަ އެއަށް ވުރެ ފުންކޮށް ތިބޭފުޅުން ނަންގަވާނެކަމަށް. އެހެންނަމަވެސް އެއްވެސް ބޭފުޅަކު އެކަމެއް ނުކުރައްވާ. ދެއްކެވީ އަޅުގަނޑު އުޅުނީ ކްރިސްޓިއަން ދީން ފަތުރާކަމަށް ވާހަކަ. އެއެއްނޫން އޭގެ ބޭނުމަކީ، އޭގެ މާނައަކީ ކޮބައިތޯ. އެމީހުން ވެސް މީހުން ޝައުޤުވެރިކުރުވުމަށް ކުރާ ކަންތައްތަކޭ އެއީ، މީހުން ދީނާ މެދު ހިތްޖައްސުވައި، ޗާޗަށް ގެނައުމަށް ކުރާ ކަމެކޭ އެއީ.

    ދެން އޮތީ ގިސާސްގެ ވާހަކައާ އެއްޗެހި، އަޅުގަނޑު ދެންނެވީ އެކަމެއް ނުވާނެއޭ މިރާއްޖޭގައި ޤުރުއާނުގައި އޮތް ހުކުމްތައް އެގޮތަށް ތަންފީޒުކުރަނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ. އެއީ އޭގެ މުރާދަކީ، ހަމަ ލާހިކެއް ނޫނޭ އިނގޭތޯ ރާއްޖޭގައި ޒިނޭކުރާ މީހުން މަރާ، ވައްކަން ކުރާ މީހުން އަތްބުރިކުރާކަށެއް. އެއީ ދިވެހިން ބަލައިގަންނާނެ ކަންކަމެއް ނޫނޭ އިނގޭތޯ. އަނެއްކާ އެއީ އެހެން އޮންނަ ކަންކަމެއް ވެސް ނޫން. ޙުކުމުގެ އެތައް ގޮތެއް އޮވޭ ޤުރުއާނާ ސުންނަތުގައި.

    މިއީ އަޅުގަނޑު މައިގަނޑު ގޮތެއްގައި ދެއްކި ވާހަކައަކީ މިތާނގައި، އަޅުގަނޑު ނުކުތީކީ އިސްލާމްދީނާ ދެކޮޅަށް ހަގުރާމަ ކުރާކަށެއް ނޫން. ދެން މިތާ ކޮންމެވެސް ބޭފުޅަކު ދެންނެވި އަޅުގަނޑު މިސައިޓްގެ އިނގިރޭސި ފޯރަމްގައި ވެސް ދެއްކީ މިވާހަކައޭ. އެއީ ވަރަށް ވެސް ބޮޑު ތެދެއް. މިއީ އަޅުގަނޑު ދެއްކި ވާހަކައަކީ. ބައްލަވާ، މައުމޫން ދީން ގެންގުޅުއްވި މެތަޑް އެބޭފުޅާއާއެކު ވަޅުލެވިގޮސް، މުޙައްމަދު ނަޝީދު ގެންގުޅުއްވަން ފެއްޓެވި މެތަޑުން ކޮންމެވެސް ވަރަކަށް މިތާ ދީނާއި މެދުމީހުން ހިތްޖެހިއްޖެއެއް ނޫންތޯ. އެފެންނަނީ އެފީކަޅާ ސިސްޓަމް ބަދަލުކުރީމަ އިސްލާމްދީން އާލާވާވަރު. އަދިވެސް ރަނގަޅުވާނެ ކަމަށް ފެނޭ މިއަށް ވުރެވެސް އެކްސައިޓްކޮށްލެވެނިކޮށް.

    އަޅުގަނޑު ދެން ދަންނަވާލާނީ އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވެ ހިތާމަ ކުރަމޭ އަޅުގަނޑު ދެއްކި ވާހަކައެއް ޓްވިސްޓްކޮށްލައި، ތިހުރިހާ ބޭފުޅުން ވެސް ތަނެއް ދޮރެއް ބައްލަވާލުމެއް ނެތި އިސްލާމްދީނުގެ ބަޠަލުންނަށް ހެއްދެވެން ތިޔަ ކުރެއްވެވި މަސައްކަތްޕުޅާހެދި.

  29. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މާފް ކުރައްވާތި، އަޅުގަނޑު އެއްޗެއް ހަދާން ނެތިގެން ދޫކޮށްލެވުނީ، އެއީ މިހުރިހާ ބޭބޭފުޅުންގެ ތެރެއިން ދޮންބޭބެ އެކަންޏޭ އިނގޭތޯ ސީދާ މައްސަލައަށް ވާހަކަފުޅެއް ދެއްކެވީ މިތާނގައި، އެހެންވެ ހަމަ ރެކޯޑަށްޓަކައި އެތަން ކޮޅު ފާހަގަކޮށްލަން. ދެން އަޅުގަނޑު ދެއްކި ވާހަކައަށް، އެޚިޔާލު ސްކްރޫޓިނައިޒް ކުރައްވައިގެން، އެއްޗަށް ފާޑުވިދާޅުވެގެން އޭގެ ހުއްޖަތްދައްކަވަން މަސައްކަތް ކުރެއްވި ހަމަ އެކަނި ބޭފުޅާއަކީ ހަމައެކަނި ސްޓްރޭންޖާ. އެހެންވީމާ، އެދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވާނީ، ޚިޔާލުފާޅުކުރުމަށް ތަސައްރަފް ފުދިވަޑައިގެން މިތާ ތިއްބަވާތީ އަޅުގަނޑަށް މިފެނުނީ ތިޔަ ދެބޭފުޅުންނޭ. ދެން ތިއްބެވި ބޭފުޅުން އަދިވެސް ތަސައްރަފް ފުދިވަޑައެއް ނުގަންނަވައޭ ޚިޔާލުފާޅުކޮށް، ޚިޔާލަށް ޖަވާބުދިނުމަކަށް.

  30. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ކޮމެންޓް ކުރުމުގެ ކުރިން އެ ޖަހާ ލެޓިން އަކުރުތައް ނުޖަހާ ގޮތަށް ހެދީމަ ފާޑުފާޑުގެ ސުނާމީ އަރާނެ.. ކުރިން ހުރީ އެގޮތަށޭ ނުން ހަދާފަ؟

  31. ސްޓްރޭންޖާ‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    ހާޝިމްގެ ވާހަކައިން ފާހަގަވާ ބައެއް ޕޮއިންޓްތަކާއި އެއާ މެދު އަހަރެން ދެކޭގޮތް ހާމަކޮށްލާނަން.

    ފުރަތަމަ ޕޮއިންޓް: އެންމެ ފުރަތަމަ ބުނެލަންޖެހެނީ ހާޝިމް ފުރަތަމަ ދެއްކި ވާހަކަ އާއި މިހާރު ތިދައްކާ ވާހަކަ ތަފާތުކަން. ފުރަތަމަ ބުނީ ދީން ޖެހޭނީ ވެރިކަމާއި ސިޔާތުން މުޅިން ވަކި ކުރާށޭ. މިހާރު ތިޔަ ބުނަނީ ދީނަކީ ސަރުކާރުން ކޮންޓްރޯލް ކުރާ އެއްޗަކަށް ނަހަދާށޭ. ދީން ވެރިކަމުން ވަކި ކުރާށޭ ބުނީމަ އަހަރެންނަށް ދޭހަވަނީ ދީނުގައި ކަންކަން ކުރަން އަންގަވާފައިވާ ގޮތަށް ވެރިޔާ ކަންތައް ނުކުރާށޭ. ކަންތައް ކުރުމުގައި ދީން އަންގަވާ ގޮތަށް ކޮންމެހެން ބަލާނެކަމެއް ނެތޭ. ހާޝިމް މާނަކުރީ މިފަދައިން ކަމަށް ވާ ނަމަ ތިޔަ ޚިޔާލަށް ތާޢީދެއް ނުކުރެވޭ. ސަބަބުތައް މަތީގައިވާ ކޮމެންޓްތަކުންވެސް ސާފުވާނެ. އެކަމަކު ފަހުން ތިބުނި ގޮތް ރަނގަޅު. ދީނަކީ އެއްވެސް ބައެއްގެ ނުފޫޒެއްގެ ހިނގާ ފެންވަރުގައި އޮންނަންވާނެ އެއްޗެއް ނޫން. މިކަމަށްޓަކައި ސަރުކާރުން ފިޤުހު އެކަޑަމީ އެއް އުފައްދާފައިވާ ކަމަކީ ވަރަށް ރަނގަޅުކަމެއް.

    ދެވަނަ ޕޮއިންޓް: ޗާޗްތައް މިސާލަކަށް ނަގައިގެން މުސްލިމުން މިސްކިތްތަކަށް ގެންނަން ޝަޢުގުވެރިކުރާށޭ ކިޔައިގެން ތިދައްކާ ވާހަކަ އެއްގޮތަކަށްވެސް ދެކޮޅެއް ނުޖެހޭ. އަހަރެމެން މިސްކިތުން އިންތިޒާމް ކުރާ ފެތުމުގެ ރޭހަކަށް ބަޔަކު ހިނގައިދާނެ. އެކަމަކު ނަމާދަށް ދިޔުމަކީ އެމީހުންނަށް ވާނެ ކަމެއް ނޫން. މިސްކިތުގައި އަންހެން ފިރިހެން މަސްހުނިކޮށް ތިޔަ ބުނާ ގޮތަށް އިޖުތިމާއީ ގުޅުންތައް އާލާ ކުރެވިދާނެ. އެކަމަކު އޭރުން ފެންނާނީ އަޅުކަމަށް ޒުވާނުން ދާތަނެއް ނޫން. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނޫނީ ނުފެންނާނެ. އެހެންކަމުން އެނގެނީ ތިއީ މި ދީނަށާއި މި މުޖުތަމަޢާއިވެސް މުޅީން ބީރައްޓެހި ކަންކަން. މި ދީން ކުރިއަރުވަންވީ ގޮތް ނިކަން ސަރީހަ އިބާރާތްތަކުން ބަޔާންގެންވޭ. އެއީ ސާބިތު ހެއްކާއި ދަލީލުން މީސްތަކުންގެ ހިތްތައް ދަމައިގަތުން. ޒާކިރް ނައިކްގެ މިސާލަށް ބަލާބަލަ. އޭނާގެ ނަސޭހަތުން އިސްލާމްދީނަށް އެނބުރުނީ ކިތައް މީހުން ހެއްޔެވެ؟

    ތިންވަނަ ޕޮއިންޓް: ހާޝިމް ފުރަތަމަ ބުނީ ގިސާސް ހިފުމުގެ ވާހަކަތަކަކީ ދިވެހި ޢިލްމުވެރީން “ދިވެހިންނަށް ފެތޭ ގޮތަށް” ބަދަލު ކުރެވެން ޖެހޭނެ ވާހަކަތަކަކޭ. އެކަމަކު މިހާރު ތިޔަ ބުނަނީ މި ރާއްޖޭގައި ގިސާސް ހިފުމަކީ ވާނެ ކަމެއް ނޫނޭ. މިއީ މުޅިން ދެވާހަކަ. ބަޔަކު ޖާހިލުކަމުން އެކަމަށް ހުރަސް އަޅައި އެކަން ހުއްޓުވުމަކީ އެހެންކަމެކެވެ. އެހެނަސް ހާޝިމްގެ ތިޔަ ޤަބޫލުކުރުން ގޯހެވެ. މި ދީނަކީ އެމީހަކު ބޭނުންގޮތަކަށް އަނބުރައި ބަދަލުކުރަން އޮތް ޕަޕެޓެއް ނޫނެވެ. މި ދީނަކީ ހައްގު ދީންކަމަށް އަހަރެމެންނަށް ސާބިތުވެފައިވާއިރު އަހަރެމެން ނުޖެހޭ މި ދީނަށް ބަދަލު ގެންނާކަށް. އަދި އެއީ މިދީން ނުހަނު ގަދައަށް މަނާކުރާކަމެއް. އިސްލާމް ދީނުގެ ހައްދުތަކުގެ ފޮރުވިފައިވާ ހިކްމަތް ހޯދައިފި ކޮންމެ މީހަކަށް އެނގޭނެ މިތަނަށް އެންމެ އެކަށީގެންވަނީ އެހައްދުތައްކަން.

    ހަތަރުވަނަ ޕޮއިންޓް: އެންމެ ގޯސް އެއްޗަކަށް ހާޝިމް ބުނި އެކައްޗަކީ ގިސާސް ހިފުމަކީ އޮންނަ ކަމެއް ނޫނޭ. މާނައަކީ އަތްކެނޑުން ފަދަ ކަންކަމަކީ ސާބިތުކަމެއް ނޫނޭ. މިއީ މައުމޫނުވެސް ބުނި ވާހަކަ. މިއަށް އަހަރެން ރައްދު ދޭކަށް ޖެހޭކަމަކަށް ޤަބޫލެއް ނުކުރަން. މައުމޫނަށް ދީނީ ޢިލްމުވެރިން ދެއްވި ރައްދު ކިޔާލުން އެދެން. މިފަދަ ކަންކަމަށް އިންކާރުކުރުމެކޭ މެންދުރުގެ އިރަށް އިންކާރު ކުރުމެކޭ އަހަރެންނަށް އެއް ގޮތް.

  32. ރިކޯޑު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މިސައިޓަށް ކޮމެންޓްކުރަން އެންމެ އައުލާކަންބޮޑީ ސްޓްރޭންޖާ ފަދަ ކުދިން. އުންމީދުކުރަނީ މިފަދަކުދިންގެ މައުލޫމާތާއި އިބުރަތުން ފުރިގެންވާ ލިޔުންތައް މިސައިޓަށް އިތުރުވަމުން ދިއުން. މިރަށަށާއި މިޤައުމަށް ބޭނުންވަނީ ތިފަދަ ދަރިން. ހާޝިމުމެންފަދަ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ކުދިންނަށް މާތްﷲ ހެޔޮމަގު ދައްކަވާށި. އާމީން! .ރިކޯޑަށް ޓަކައި ފާހަގަކޮށްލީ.

  33. ބިލް ގެ ކޮމެންޓް އިސްލާހު ކުރެވިފައި‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މިލިޔުމަށް ކޮމެންޓް ކޮއްފައިތިބި ހުރިހާ ބޭފުޅުންގެ ކޮމެންޓް ތަކަށްވެސް ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލައިފިނަމަ އޭގައި ހިކްމަތްތަކެއް، އަދި ހަރު ހިތްތަކަށް އަސަރު ކޮއްލުވާފަދަ ގޮތެއް ހުރޭ…ހާޝިމްފަދަ ބޯ ގަމާރުންނަށް ހީވަނީ އެއީ ގުޅުމެއް ނެތް ކޮމެންޓޭ..އާނ އެހެން އެހީވަނީ، މިސާލަކަށް ބަނޑުގައި ރިއްސާތި ހޮސްޕިޓަލަށް ދިޔަ މީހެއްގެ ފޫކޮޅު މަސްގަޑަށް އިންޖެކްޝަން ޖެހީމައި ހާޝިމު ބުނާނެ ނަރުސް މަންޖެ ކައިރީ ބަލަ ބަނޑަކާ ފޫކޮޅަކާއި ކޮން ކަމެއް ހޭ….ހާޝިމް!!! އައި ޕިޓީ ޔޫ ވެރީ މަޗް…

  34. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މި ދީނަކީ ﷲގެ ދީން،،މި ދީނަށް މީހުން ރުހޭ ގޮތައް ގޮވާލުން އެއީ އޮތް ކަމެއް..އެކަމަކު އިސްލާމް ދީނުގެ ތަރާދުގެ ތެރޭގައި…ސަޖިދަ ޖަހާގެން ކައްވަޅަށް ދާންދެން އޮތަސް ސުވަރުގެ އަހަރެމެނަށް ހައޤެއް ނުވާނެ،،،އެހެންނަމަވެސް ކަލާންގެ ދީލަތި ވަންތަކަމުން ދެއްވަނީ،،އެއީ ވަރަށް ފުރިހަމަ ތަނެއް..ދެން އެހެން ވީމައި މީހުން ރު ހުރިހާ ގޮތެއް ހައްދަވާގެން އެއްވެސް އަޅުވެތިކަމެއް ނެތި ސުވަރުގެ އެހާ ކުޑަ އަގެއްގައި ލިބޭކަށް ނެތް..ދެން އެހެން ވީމައި ކްރިސްޓިއަނުން ބައިތިއްބާ..އެއީ ﷲ އެދީނަކާއި މެދު ރުހިވޮޑިގެންނަވާ ދީނެއް ކަމުގައި ހަމަ ޖެއްސެވި ދީނެއް ނޫން..އެންމެން ނަރަކަ އަށް އަޅާލަންވެސް ﷲ ކަށަ ކުޅަދުންވަންތަ..އެއިލާހަށް އިންސީންނާ ޖިންނިން ނުކިޔަމަންތެރިވީނަމަވެސް އެއިލާހުގެ ޒާތު ފުޅާ އިއްޒަތައް އެއްވެސް އުނިކަމެއް ނާންނާނެ…މިލިޔުމަކީ ބޯދާ ހިޔާލުގެ މީހުންގެ ހިތައް ހަރާލި މޮޅު ލިޔުމެއް…

  35. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:10/05/2009

    މިލިޔުމަކީ ބޯދާ ހިޔާލުގެ މީހުންގެ ހިތައް ހަރާލި ތޫނު ހަންޖަރެއް ފަދަ މޮޅު ލިޔުމެއް *