ކުޅުދުއްފުށީގައި ހުރި ޕްރީ ސްކޫލްތަކުގެ ފީ ބޮޑުކުރަން ކައުންސިލުން ނިންމައިފި


ޝަމްލާ އިބްރާހިމް

ކުޅުދުއްފުށީގައި ހުރި ޕްރީ ސްކޫލްތަކުގެ ފީ ބޮޑުކުރަން ކައުންސިލުން ނިންމައިފި

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލްގެ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލްގެ ފީ އަންނަ އަހަރުން ފެށިގެން ބޮޑުކޮށްފައިވަނީ 150 ރުފިޔާ އަށެވެ. ކުރިން އެ ދެސްކޫލުން ވެސް ނަގާފައިވަނީ 50 ރުފިޔާ އެވެ.

އަންނަ އަހަރުން ފެށިގެން ފީ ބޮޑުކުރާނެކަން އިއުލާންކުރީ ރޭ ކުޅުދުއްފުށީ ކައުންސިލުން މި ދެ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. ރޭ އަފީފުއްދީން ސްކޫލު ހޯލުގައި އޮތް މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައްގިނަ ދެ ޕްރީ ސްކޫލުކަމަށެވެ.

މި ދެ ސްކޫލުގައި ރަނގަޅު ފެންވަރަކަށް ކިޔަވައިދިނުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަމަށާއި ސްކޫލުގެ ފެންވަރު މިއަށްވުރެ ރަނގަޅު ކުރުމަށް ފީ ބޮޑުކުރަން ޖެހޭ ކަމަށް ރަމީޒް ވިދާޅުވި އެވެ. މި އަހަރު އަދިވެސް ބައެއް މުދައްރިސުންނަށް މުސާރަ ނުދެވި ވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ރަމީޒް ވިދާޅުވީ އެ ދެ ސްކޫލުގެ މައްޗަށް އަހަރަކު ގާތްގަނޑަކަށް 4 ނުވަތަ 5 މިލިޔަން ރުފިޔާ ހޭދަވާ ކަމަށެވެ.

މިގޮތުން 2012 ވަނަ އަހަރު އަމީރު އަމީން ސްކޫލަށް ވަނީ 1,357,030.23 ރުފިޔާ ހަރަދުވެފައެވެ. އަދި އައި.ޕީ.އެސް އަށް 602,233 ރުފިޔާ ވަނީ ޚަރަދުވެފައެވެ.

50 ރުފިޔާ އިން 150 ރުފިޔާއަށް ފީ ބޮޑުކުރަން ހަމަޖެއްސުމުން ބައެއް ބެލެނިވެރިން ދަނީ އެކަމާހިތްހަމަނުޖެހި ވާހަކަ ދައްކަމުންނެވެ. އެ ބެލެނިވެރިން ބުނަމުންދަނީ މިހާރުވެސް އެކަށީގެންވާ މިންވަރަށް މިސްކޫލްތަކުގައި ކިޔަވައި ނުދެވޭ ކަމަށާއި ދަސްކުރަންދޭ ގިނަ ފިލާވަޅުތައް ގޭގައި ދަސްކުރުމަށް ކުދިންނަށް ދޫކޮށްލާ ކަމަށެވެ.

މިއީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން މި ދެ ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ރޭގެ ބައްދަލުވުމުގައި ބައިވެރި ވެފައެވެ.


ގުޅޭ ލިޔުންތައް



‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ައަނގަ ބޮޑޭ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2012

    ފީބޮޑުކޮއްގެންވިއަސް ގައިމު ޓީޗަރުންގެ މުސާރަ ދޭންވާނެތާ. ވ. ހެއްވާ ދެން، މި ސްކޫލްތަކުގައި މިހާރުވެސް ހަރުދަނާ ވަސީލަތެއް ގާއިމްކޮއްދެވިފައި ހުރިއްޔާ ހުރީ ބެލެނިވެރިން ހަރަދުކޮއްގެން. ފީ ބޮޑުކުރީމަ ބެލެނިވެރިންނަށް އެބައި ލުއިވާންވާނެ. އަނެއްކޮޅުން މިއިސްކޫލްތައް އަމިއްލަ ތަންނަނޭ ކިޔާފަ ކިޔަވައިދެނީވަސް ދޭނެ ދުވަހަކު. މިހާރު އެއްތަން މިއޮއް ބަންދުވީ ދެމަހުގެ ފީ އެއޮތީ އިތުރަށް ދެވިފަ. އެހެންގޮތެއް ނެތްވިއޔާ ދެން ރުހިގެން ތިބެންތާ ޖެހޭނީދޯ!

  2. ކައިރިން ދެކުންމީހަ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2012

    ބަލަގަ ކައުންސިލަރުންނޭ ސަރުކާރުން އެއްޗެއްނުދޭތަ ބެލެނިވެރީން އަތުން ފީބޮޑުކުރަންތިތެޅިގަންނަނީ ތިއޮތީވާ ކައުންސިލެއް އަބަދުވެސް ޕާޓީ ޕްރޮމޯޓް ކުރަމުން ދުވޭ ރައްޔިތުންނަށް ބޭނުންވާ ކަންތައްކުރާނޭ ކަމެއްނެތް ކައުންސިލްއައިފަހުން ތިދެސްކޫލުގެ ކަންތައްދަނީ ގޯހުންގޯހަށް ތިސްކޫލުތައް ހިންގަން ތިބޭމީހުންނާއި ކައުންސިލަރުން ކޮފީބޯން ދުވުން ކަމަކީ އެކަމަށްޓަކާ ބެލެނިވެރީން ފެލައިގެން ހުރިހާ ކަމެއްކުރުވާ އަދި އެވަރުން ނުވެގެން ފީބޮޑުކުރަން ތިތެޅިގަންނަނީ ސަހަރޯ ތިއޮތީވާ ކައުންސިލެއް

  3. ބެލެނިވެރިޔެއް‮ ‬ވިދާޅުވީ


    ތާރީޚް:25/10/2012

    މިފަހަރު ކައުންސިލަރުން ތި އެޅީ ވ. ޅައެއްޗެއް. ތިކަމުގެ ހިތި ނަތީޖާ 2013ގެ އިންތިހާބުގައި އެމްޑީޕީ ދެކޭނެ. އަދި ކައުންސިލަރުގެ މަގާމުގައި ދެމި ތިބުމާމެދު ސައްކު.

  4. ފީއިލޮށި‮ ‬ވިދާޅުވީ


    ތާރީޚް:26/10/2012

    މަށެއް ގައިމުވެސް ތިޔަކައުންސިލްގެ މެންބަރުންނަކަށް ދެނެއް ވޯޓެއް ނުދޭނަން. ގިނަ ވަޞީލަތްތަކޭ ބުނެ ބޮޑުކަނޑާއިރު އެއީ ބެލެނިވެރިންނާއި ޓީޗަރުންގެ މަސައްކަތުންނާއި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ އެހީއާއިއެކު ހޯދާފައިވާ ތަކެއްޗޭ. ކައުންސިލުން ތިތަނަށް އެއްވެސް މަސައްކަތެއް ކޮށްނުދެޔޭ ބުންޏަސް ހެޔޮވާނެ. ސްކޫލަށް މެންބަރު ޣަފޫރު ކެމްޕޭންތެރޭގައި ސްކޫލަށް ހަދިޔާކުރި ފޮޓޯކޮޕީ މެޝިން ގަނޑުވެސް ރަށުކައުންސިލުން ގެންގޮސް ހަލާކުކޮށްލީ، މިހެންވުމުގެ ސަބަބުން ފޮޓޯކޮޕީ ނަގަންވިޔަސް ދާންޖެހެނީ އޭއީސީއަށް.

  5. ދެކުނުދަރި‮ ‬ވިދާޅުވީ


    ތާރީޚް:27/10/2012

    ކައިރިން ދެކުނު މީހާއަށް: ސަރުކާރުން ކަނޑައަޅާފައި އިންނަ ބަޖެޓަކީ އެފަދަ ސްކޫލްތައް ހިންގުމަށް ފުދޭވަރަކަށް ވުރެ ކުޑަ ބަޖެޓެއްކަމަށްވަނީ. އެހެންކަމުން އެބަޖެހޭ ކޮންމެވެސް އެހެންގޮތަކުން އެފަދަ ސްކޫލްތައް ހިންގުމަށް ބަޖެޓްހޯދަށް. މަސައްކަތު ދުވަސްފާހަގަކުރުން، އެކިއެކި މައުރަޒުތައް ބޭއްވުން އަދި ސްކޫލަށް ނަގާ ފީތަކަކީ މިފަދަ ސްކޫލްތައް ހިންގުމުގެ ބަޖެޓަށް ދެންވަންނާނެ ފައިސާއަކީ. ކައުންސިލަރުންނަށް ކޮންމެ ބަޔަކު ތިބިކަމުގައި ވީނަމަވެސް އެމީހުންނަށް ހަސަދަލައިގެން ވާހަކަދައްކައިގެން ކަމެއް ހައްލެއްނުވާނެ. ތިޔަ ބޭފުޅާގެ ޝުއޫރު އަޅުގަނޑުވެސް ބަލައިގަންނަން. އަދި އަޅުގަނޑަކީ އެމް.ޑީ.ޕީ އަށް އެއްވެސް ވަރަކަށް ތާޢީދުކުރާ މީޙެއްވެސް ނޫން. ނަމަވެސް ކޮންމެބަޔަކު ކައުންސިލްގައި ތިބިކަމުގައިވިޔަސް ރަށުގެ މުސްތަޤުބަލަށް ވިސްނަންޖެހޭނެ. އަދުގެ ކުޑަކުދިންނަކީ މާދަމާގެ މިޤައުމުގެ މުސްތަގްބަލް. އެހެންކަމުން އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޒިންމާއެއް.
    ކައިރިން ދެކުނު މީހާއަށް އަދިވެސް ބުނެލަން ބޭނުން އަޅުގަނޑުމެން ހިނގާށޭ ކައުންސިލުން، ޕްރީ ސްކޫލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ބޭނުންކުރަނީ އެންމެ އެދެވޭގޮތުގައިތޯ ބަލަމާ. ކައުންސިލް އިދާރާއަށްގޮސް އެފައިސާ ބޭނުންކުރާގޮތުގެ ތަފްސީލް ބަލަމާ. މިހެން އަނގަ ނަގައިގެން ތިބެގެން ކަމެއް ހައްލެއް ނުވާނެއޭ. އެއީވެސް އަޅުގަނޑުމެންގެ ދައިންގެ މުސްތަގްބަލޭ. މިފަދަ ކަންކަން އަޅުގަނޑުމެން ބަލަން ޖެހޭނެއޭ. ކައުންސިލުން އެއްބާރުލުން ނުދީފިނަމަ ދެންވެސް ކުރެވޭނެކަންތައްތައް ހުންނާނެއޭ. ފުރަތަމަ ހަރުފަތަށް އަރަމާ ހިނގާށޭ………..

ޚިޔާލު ފާޅުކުރައްވާ