Share

ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކޮށް، ސަރުކާރު ވައްޓާލުން

ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކޮށް، ސަރުކާރު ވައްޓާލުން
ހާޝިމް

ރައްޔިތުންގެ މަޖިލީހަކީ، ޑިމޮކްރެޓިކް ގައުމުތަކުގައި އޮންނަ ރައްޔިތުން ތަމްސީލުކުރާ ޖަމާޢަތެވެ. އެރައްޔިތުންގެ ފަރާތުން ވާހަކަދައްކައި، އެރައްޔިތުންގެ އަޑު އިއްވުމަށް އޮންނަ އެންމެ ބޮޑު ސިޔާސީ މުއައްސަސާއެވެ. އަދި އެއީ، ގައުމުގެ ހިންގުމުގެ ދާއިރާގައާއި، އަދުލު އިންސާފުގެ ދާއިރާގައި ކަންކަން ހިނގަމުންދާ ގޮތް ބަލައި،  އެދާއިރާތަކަށް ބޭނުންވާނެ ޤާނޫނުތައް ހަދާ، ހަދާފައިވާ ޤާނޫނުތައް އިސްލާޙުކޮށް، ގައުމެއްގެ ކަންކަން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ގޮތުގައި ގައުމުގެ ހިންގާކަން ކަށަވަރުކުރަން އޮންނަ ފޯރަމް ވެސް މެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިދެންނެވި ކަންކަން ކުރުމުގައި ވަރަށް ބޮޑެތި ބާރުތަކެއް ވެސް ޑިމޮކްރެޓިކް ގައުމުތަކުގެ ޤާނޫނުއަސާސީތަކުގައި ދީފައި އޮވެއެވެ. އެގޮތުން، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމާއި، ޤާނޫނުތައް ހެދުމާއި، އިސްލާޙުކުރުމާއި، އުވާލުމާއި، ސަރުކާރުގެ ބަޖެޓް ފާސްކުރުމާއި، ގައުމުގެ ނަމުގައި ކުރެވޭ މުޢާހަދާ ނުވަތަ އެއްބަސްވުންތައް ބަލައިގަތުމާއި، ބަރުލަމާނީ ނިޒާމަށް ހިނގާ ގައުމުތަކުގެ ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ޢައްޔަން ކުރުން ވެސް ހިމެނެއެވެ. މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ހިނގަ ހިނގާ ހުރި ސަރުކާރެއް ވައްޓާލައި، ސަރުކާރާއި ދައުލަތުގެ އެންމެ އިސްވެރިޔާ މަގާމުން ދުރުކުރުމުގެ ބާރު އެމަޖިލީހަށް ލިބިގެން ވުމެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިދިޔަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގައި، ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނާއިބު  މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިދީފައެވެ.އެހެންނަމަވެސް، އެކަން ކުރެވޭނީ މަގުބޫލު ސަބަބަކާލައިގެންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނައިބު އިސްލާމްދީނުގެ އަސްލަކާ ނުވަތަ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާއި ޚިލާފު ކަމެއް ކުރެއްވުމާއި، އެ 2 މަގާމު ފުރުއްވާ 2 ބޭފުޅުން މަގާމުގައި ހުންނަވައި، ކުރުން އެކަށީގެން ނުވާ ކަމެއް ކުރެއްވުމާއި، އެ 2 ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުން، މިއީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 3 ސަބަބެވެ. މިއިން ކަމެއް ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނާއިބުގެ އިސްތަށިފުޅުގައި އަޅުވައި، މަޖިލީހަށް މައްސަލަ ވެއްދުމަށްޓަކައި، ޤަރާރެއް ތައްޔާރުކޮށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މެމްބަރުންގެ ސޮއި ބޭނުންވެއެވެ. މިގޮތަށް މިޤަރާރު މަޖިލީހަށް ވެއްދުމަށްފަހު، މިމައްސަލައަށް ޖަވާބުދެއްވުމަށް ނުވަތަ ދިފާޢުވުމަށް ތައްޔާރުވެވަޑައިގަތުމަށް 14 ދުވަހުގެ މުއްދަތެއް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނައިބަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ޤާނޫނީ ވަކީލުން ބޭނުންކުރައްވައިގެން ނުވަތަ ޚުދު އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުންނާ ދެކޮޅަށް ހުށަހެޅުނު ޤަރާރަށް ޖަވާބުދެއްވުމުގެ ފުރުސަތު ޤާނޫނުއަސާސީން ލިބިދެއެވެ. މިއަށްފަހު، އެޤަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތުންނެވެ. އެހެން އެކަން ވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނާއިބު މަގާމުން ވަކިވީއެވެ. މިގޮތުގެ މަތީން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވަނީނަމަ، އެމަގާމަށް އޮޓޮމެޓިކުން ހަމަޖެހިގެންދާނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގައި ޤާނޫނުއަސާސީގެ 112 ވަނަ މާއްދާ ބުނެއެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް މިމަހުގެ 9 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވުނު އިންތިޚާބާއި ކައިރިވިއިރު، އަދި މިހާރު ވެސް އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، މަޖިލީހުގެ 77  ގޮނޑީގެ ތެރެއިން 35 ގޮނޑި ލިބުނު ދިވެހި ރައްޔިތުންގެ ޕާޓީއާއި ޕީޕަލްސް އެލަޔަންސްގެ “ޑީއާރުޕީއޭ” އިއްތިޙާދުން، މިރާއްޖޭގައި މިހާރު އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރު މަތީގައި ދެންނެވުނު އުސޫލުން ވައްޓާލަން މަސައްކަތްކުރާ ވާހަކައެވެ. މިކަމަކީ ކުރެވިދާނެ ކަމެއްތޯ ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ބަލާލިއިރު، އަޅުގަނޑަށް ފެނުނީ އެއީ ކުރަން ވަރަށް ވެސް އުނދަގޫ އަދި ގާތްގަނޑަކަށް މުސްތަޙީލުކަމެއް ކަމުގައެވެ. ސަބަބަކީ، މިދެޕާޓީއަށް އެކުގައި ލިބުނު 35 ގޮނޑީގެ ސަބަބުން ޤާނޫނު ބުނާ 3 ބައިކުޅަ 1 ބައި (26 މެމްބަރުން) ގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ވެއްދެން އޮތް ނަމަވެސް، އެޤަރާރު ފާސްކުރުމަށް މުޅި މަޖިލީހުގެ 3 ބައިކުޅަ 2 ބައި (51 މެމްބަރުން) ގެ ތާއީދު ބޭނުންވާތީއެވެ. ޑީއާރުޕީއޭ އިއްތިޙާދަށް އެ ވަރަށް މެމްބަރުން ލިބޭނީ، އެދެޕާޓީގެ މެމްބަރުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން މަޖިލީހަށް ހޮވިވަޑައިގަތް 13 މެމްބަރުންނާއި، ދިވެހި ޤައުމީ ޕާޓީގެ 2 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރާއި، ވެސް އެއިއްތިޙާދާއި ގުޅިވަޑައިގެންފިނަމައެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، މަޖިލީހުގައި ތިއްބެވި އެމްޑީޕީ 26 މެމްބަރުންނާ ދެކޮޅަށް، މަޖިލީހުގައި ދެން ތިއްބެވި ހުރިހާ މެމްބަރުން އެއްކޮޅަށް ޖެހިވަޑައިގެންފާނެތޯ ނުވަތަ ނޫންތޯއެވެ؟ މިދެންނެވި މުސްތަޙީލުކަމަކީ އެއީއެވެ. ޚާއްޞަކޮށް ހުރިހާ އަމިއްލަ މެމްބަރުން ޑީއާރުޕީއާއި ގުޅިވަޑައިގަންނަވާނެކަން ޝައްކެވެ. އަދި ހަމައެހެންމެ ޑީއާރުޕީއާއި ފެއަށް ޖެހިވަޑައިގެންނެވި ޒާހިރު އާދަމާއި އަހުމަދު ސިޔާމް މުޙައްމަދާއި ޚުދު މުޙައްމަދު ނަޝީދު (ކުއްޓި) މިބޭބޭފުޅުން މިކަމުގައި ޑީއާރުޕީއަށް އެއްބާރުލުން ދިނުމާމެދު ޔަޤީންކަމެއް ނެތެވެ. ދެން ހަމަ އެގޮތަށް، އިއްޔެ ނޫން އިހަށް ދުވަހު ދިވެހި ޤައުމީ ޕާޓީގެ ރައީސް ޑރ. ޙަސަން ސަޢީދު، އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ނުކުރުމަށާއި، ރިޔާސީ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށް ގޮވާލެއްވުމާއި ގުޅިގެން އެޕާޓީގެ 2 މެމްބަރުން ވެސް މިކަމުގައި ޑީއާރުޕީއާއި އެއްގަލަކަށް އަރާވަޑައިނުގަންނަވާނެކަން ވަރަށް ބޮޑަށް ޔަޤީން ވެއެވެ. އަދި ދިވެހި ޤައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ އެމްޑީޕީގެ ވަޠަންއެދޭ އިއްތިހާދުގެ މެމްބަރުންނަށްވާތީ، އަދި އެ 2 ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުން ސަރުކާރުގައި ތިއްބަވަނިކޮށް، ސަރުކާރު ވައްޓާލުމަށް ވޯޓު ދެއްވުން އެއީ ހަމަގައިމު ވެސް ދުރުކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. މިގޮތުގެ މަތިން ބަލާއިރު، 51 ވޯޓް ހަމަކުރުމުގައި، ޑީއާރުޕީއޭ އަށް އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް ފެންނަނީ 44 ވޯޓެވެ. މިވަރުންނެއް ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަތްކެއް ނުކުރެވޭނެއެވެ.

ކަން މިހެން ހުރުމާއެކު، ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް، ޑީއާރުޕީއޭ އިން އެމްޑީޕީގެ ސަރުކާރު ޤާނޫނީ ހަމަތަކުން ވައްޓާލަން މަސައްކަތްކޮށްފިނަމަ، އެއީ ވުމަށް ވުރެ ނުވުން ކައިރިކަމެއް ކަމުގައި ނޫނީ ނުވެއެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގައި ބުނާ ކަންތައްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ފުދޭ، އެވަރުގެ ބޮޑު ސަބަބެއް ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ޑީއާރުޕީއޭ އަށް ދެއްކިދާނެކަމާ މެދު ވެސް ޝައްކު އުފެދެއެވެ. އަދި ކޮންމެ ވެސް ޖާދުލެއް ހަދައިގެން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވުނަސް، ހަމަ ވަގުތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ދެން ކުރައްވާނީ، އިންތިޚާބަކާ ނުލައި، ޤާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ނާއިބު ރައީސެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުރުގައި ބާކީ އޮތްތަން ފުރުއްވާނީ ވެސް ނާއިބު ރައީސެވެ. އެހެންކަމުން، މިސަރުކާރު ވައްޓާލައި އަލުން އިންތިޚާބަކަށް ގޮވާލުމުގައި ޑީއާރުޕީއޭގެ ދެއަތް އެވަނީ ވަރަށް ބޮޑަށް ބަނދެވިފައެވެ.

‮ ‬19‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދޮނާ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އަޅުގަނޑަކަށް އެއްވެސް ޙާލެއްގަ ގަބޫލެއް ނުކުރެވޭ ޑީއާރުޕީ އަށް އަޣްލަބިއްޔަތު ލިބުނަސް، ރައީސް ވެރިކަމުން ވައްޓާލަން އުޅެފާނެކަމަކަށް. އެހެންނަމަވެސް، ރައީސް ޤާނޫނާ ޚިލާފުވާކަމަށް ވާނަމަ، ނުވަތަ އެ މަޤާމުގައި ހުރުމުން ޤައުމަށް ގެއްލުމެއް އޮތް ޙާލަތެއް އަތުވެއްޖެ ނަމަ އޭނާ މަޤާމުން ދުރުކުރުމުގެ ބާރު ރައްޔިތުން މަޖިލީހަށް ޤާނޫނުން ލިބިދޭނަމަ އެކަން ކުރުމަކީ އެ މަޖިލީހުން ކުރަން ވެސް ޖެހޭނެކަމެއް. ޤާނޫނުގައި އެކަހަލަ ކަމެއް އޮންނާނީ ވެސް ސަބަބެއް އޮވެގެން ދެއްތޯ؟ އަނެއްހެން ބުނަންޏާ ޑީއާރުޕީން ހަމަ ޒާތީ ސަބަބަކާ ހުރެ ރައީސް ވެރިކަމުން ވައްޓާލަން އުޅޭ ވަރަށްވުރެ އެޕާޓީ ވެސް ތަޞައްރަފު ފުދޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިޔާ އިދިކޮޅަށް އެއްޗެއް ބުނާ މީހަކަށް ދިވެހި ރާއްޖޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރައްޔިތުން ބޮލުގައި އެ އެޅުވެނީ ސޭކުން ކަމުގެ ތުހުމަތު. އެއީ އެހާ ގިނަ ބަޔަކު ތާއީދުކުރާ ބޮޑު އިދިކޮޅު ޕާޓީއަކަށް ޑީއާރުޕީ ވާތި. ދެން މި ލިޔުންތެރިޔާ އަރިހުން އަޅުގަނޑު އެދެން، ރަސްމީ ސިފައެއްގައި މިހެން ލިޔެފައި އޮންނަ މަޒުމޫނެއްގައި މީސްމީހުންނަށް އެމީހުން ނުރުހޭ ކަހަލަ ވަނަން ބޭނުން ނުކުރެއްވުމަށް. މިދެންނެވީ (ކުއްޓި) އޭ ލިޔުއްވާފައި އޮތީމާ. އެ ނަމަކީ ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލުކުރައްވަން މަޖިލީހަށް ހޮވިވަޑައިގެންނެވި ޢިއްޒަތްތެރި މެންބަރަށް އޭނާގެ ސިޔާސީ ވާދަވެރިން ހަޖޫއެއްގެ ގޮތުން ހަރުކޮށްގެން އުޅޭ ނަމަކަށް ވާތީ. ރައީސް މައުމޫނަށް ގޮޅާބޯ ކިޔާ ގޮތަށް، އަދި ރައީސް ނަޝީދަށް ގަންޖާބޯ ވެސް މިހާރަކަށް އައިސް ކިޔާއަޑު އިވޭ އެބަ. އެޔާ ޚިލާފަށް އަންނި އަކީ ހަޖޫއެއްގެ ގޮތުން ކިޔޭ ވަނަމެއް ނޫން. ވީމާ އެނަން ބޭނުންކުރުން ތަފާތު. ކޮމެންޓުކުރާ ބަހުރުވަޔަކުން ނޫން މިކަހަލަ ލިޔުންތައް ހުންނަންވާނީ.

  2. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ރައީސުލް ޖުމްހޫރިއްޔާ އަޒުލް ކުރުމަކީ މިވަގު އެއްވެސް ދަތި ކަމެއް ނޫނެވެ. އަިންޑިޔާ ދަތުރު ފުޅުގައި އަދި އިޓަލީ އާއި އިނގިރޭސި ދަތުރު ފުޅުގައި ބަނގުރާ ނުހިއްފަވާކަން ރައީސްއަށް ސާބިރު ކޮށެއް ނުދެވޭނެއެވެ. އެމަނިކުފާނުގެ ދަތުރު ފުޅުގެ ހަރަދު ތަކުގެ ތެރޭގައި ބަނގު ބިލަށް ހަރަދު ކުރެއްވި ކަމުގެ ފައިސާގެ ބިލް އެހުރީ ޔާމީން އަތުގައެވެ. އެމަނިކުފާނާއި މެދު ޝައްކު އުފެއްދުމަށް ވާހަކަ ދައްކާ މީހުންނަށް ޔަގީން ކަން ދިނުމަށް ބުރަކަށި ކަޝްފު ކޮށް ސޮލީބުގެ ކުރެހުން ނެތްކަން ދެއްކުމަކީ އެމަނިކުފާނަށް ކުރެވޭނެ ކަމެއްނޫނެވެ.

  3. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ސިކުނޑިއާއި ކޮމިއުނިކޭޓް ކުރާގޮތަށް އޮތް މޮޅު ލިޔުމެއް..ނަމަވެސް ތިރިން ދެވަނަ ޕެރެގްރާފްގައި ހާޝިމް ބަޔާން ކުރައްވާފައިވާ “މުސްތަޙީލް” ކަމަށް އެއީ މުސްތަޙީލް ކަމެއް ކަން ސާބިތުކޮށްދެއްވަން ގެންނަވާފައި ވަނީ، މުޅިން ޔަގީން ނުވާ، ޝައްކުވާ ދަރަޖައިގަ ހުރި، ނުވުމަށް ވުރެ، ވުން ކައިރި ކަންތައްތައް..އަޅުގަނޑުވެސް ހަމަ ބިރުގަނޭ ވެރިކަން ބަދަލުވެދާނެތީ، ދެން ހާޝިމްގެ ފިކުރު ޞައްހަ ވެއްޖެ ނަމަ، ދެން ކިތަންމެ ހާވެސް ރަނގަޅު.

  4. ދިރާސާ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ގާތްގަޑަކަށް މުސްތަހީލްގެ ދަރަޖައިގައި އޮތްކަމެއް، އެކަމަކު ގެނެސްފައިވާ ޕޮއިންޓް ތިޔަ ބުނާހެން، ނާދިރަށްވުރެވެސް އެނެއް ކޮޅުގައި އޮތީ. މިރާއްޖޭގެ ކުރީގެ “ބީއެފް” ރުޅި ކޮއްލަން އެމީހަކާއި އެމީހެއް އުޅިގެން އެކަން ނުވި، ދެން ޤައުމު އެންމެ ލޯބިވާ މީހައާއި އެންމެން އެއްބައިވެފަ، ބީއެފް ރުޅި ކޮށްލުވާފަ، އާ މީހަކާ “ޑޭޓް” ކުރުވާފައި އަލުން އެމީހަކާއި އެމީހެއް އުޅެން ނިންމީ..މިއީ އެދުވަސް..

  5. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އަޅުގަނޑުގެ ޕާޓީ ނޫން މެންބަރަކު އަޅުގަނޑަށް އުނދަގޫ ކޮށްގެން އަޅުގަނޑު ނުލަފާކަން ދައްކާލާފިއްޔާ، ޑީއާރުޕީއޭ އަކާއި ކުއްޓި އަކާ ކުޅުދުއްފުށީ ދެކުނަކާ، ދެން މިހެން ގޮސް މުޅި ރާއްޖެހެން ތެދުވަން ފަށާފާނެ..ދެން އަޅުގަނޑުވެސް ތަންކޮޅެއް ނުފުއްޕަ އުޅުނީމަ ރަނގަޅުވާނީ..މައްޗައް އެރިއްޖެނަމަ ތިރި ބަލާށޭ ބުނަނީ، މައްޗަށް އަރަން އެހީވި މީހުން ފެންނާނީ އޭރުން ކަމަށް ވާތި..ދެން ބަސް އަހައިގެން އުޅެންޏާ މަގާމުގައި ހުރެވޭނެ ފުރާނަ ހުރިއްޔާ އަދި 5 އަހަރު ވަންދެން..

  6. މަ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ” އިސްލާމްދީނުގެ އަސްލަކާ ނުވަތަ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާއި ޚިލާފު ކަމެއް ކުރެއްވުމާއި، އެ 2 މަގާމު ފުރުއްވާ 2 ބޭފުޅުން މަގާމުގައި ހުންނަވައި، ކުރުން އެކަށީގެން ނުވާ ކަމެއް ކުރެއްވުމާއި، އެ 2 ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުން،” މިހުރިހާ ކަމެއް މިހާރު އެ ދެ ބޭފުޅުން ވަނީ ކުރައްވާފަ.. އަދި އެކަން ދިވެހި އެންމެހާ ރައްޔިތުން ނަށް ވަނީ އެނގި ހާމަވެފަ..

  7. ރިކޯޑު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އަދި ނުވެޔޭ ބިރުން އުޅޭކަށް އަންނިގެ ސަރުކާރު ވެއްޓީދާނެތީ. ވެރިކަންކުރަން ނޭނގިއްޖެނަމަ ސަރުކާރު ވެއްޓުމަކީވެސް ވެދާނެކަމެއް. އަންނިގެ ބަސްމަގު މަޑުމޮޅިކޮށް އޯގަތެރިކަމާއިއެކު ރައްޔިތުންނާއި މުއާމަލާތުކުރަން ކެރިއްޖެނަމަ ވެރިކަމުގައި ހުރެވިދާނެ. އިންތިޚާބުތެރޭގައި ކެމްޕޭނަށްޓްކައި އެބަހުރި ބައެއްރަށްރަށުގައި ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުން އިތުރުފުޅު ހައްދަވާފައިވެސް. އެކަމުގެ ސަބަބުންވެސް ބައެއް ގޮނޑި އެމްޑީޕީއަށް ގެއްލުނު. ނިކަންވިސްނަވާ ކުޅުދުއްފުށީގައި ހުރި ޕްރޮވިންސް އޮފީހުގެ ލޯންޗްތައް ބޭނުންކޮށްގެން ކައުންސެލަރުންނާއި ކުޅުދުއްފުށީގައި ތިބި ޕާޓީގެ އިސްއެކްޓިވިސްޓުން ކުރަމުން ގެންދާ ދަތުރުތައް. މިފަދަކަންތައްތައް ފެންނަންޏާ ކިހިނެތް ސަރުކާރުގެ ކެންޑިޑޭޓުންނަށް ކާމިޔާބުވާނީ. އަހަރެންގެ ދެލޮލުންދެކުނިން އެމީހުން ކުރިދަތުރުތައް (ގިނަދުވަސްދުވަހު ދަތުރުހިޔަލުގައި ނުވަތަ ނަލަމައިޒާން ކުރިމަތީ ބުރުތަކުގައި އިންދަ ފުރަނީ ނުވަތަ ލަފަނީ) . އެކްޓިވިސްޓުންނުލައި ހަމައެކަނި ސަރުކާރުގެ މީހުންދަތުރުތައްކުރިނަމަ މިވާހަކަތައް ދައްކާކަށް ނުޖެހުނީސް. މިވެސް ވާނީ ހަމަ ކޮރަޕްޝަނަށޭ. މިވާހަކަތައް ރިކޯޑަށްޓަކައި ދަންނަވާލީ.

  8. ވޮޗަރު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ރިކޯޑް ތިޔަބުނީ ހަމަތެދެއް. މަވެސް އެބަހިތަމޭ މިމީހުން މިކުރަނީ ކޮންހާ ދަތުރުތަކެއްބާއޭ. މިފަދަ އަމަލުތަކާއިހުރެ ދޯ މިމީހުންނަށް ނާކާމިޔާބާއި މިކުރިމަތިވީ. އަދި އަހަރެން އެންމެ އަޖައިބުވީ އަންނި އެންމެފަހުން މިރަށަށް ވަޑައިގެންނެވި ދަތުރުގައި ބޭއްވި ޖަލްސާއަށް އަފީފުއްދީން ތައްޔާރުކުރަންވެސް ޕާޓީގެ އިސްމީހުން ދުވާތީ ފެނުނީމައި. ހީވީ އެމް.ޑީ.ޕީގެ ޖަލްސާއެއް ބާއްވަން އުޅުނުހެންވިއްޖާ. މަވާ ހަމަ އަންތަރީސް ވެއްޖެ. ޚުދުމުޚުތާރުވެރިކަން ރައްޔިތުން ބަލައިނުގަތުމުންވެސް މިލިބުނީ ހަމަ ޚުދުމުޚުތާރުވެރިކަމެއް. ވޯޓުވެސް އޮޅުވާލަނީ. ނިކަން ބަލާބަލަ ތިމަރަފުށީގައި ކަންތައްކުރިގޮތް. 150 ވޯޓުކަރުދާސްކޮޅުގެންގޮސް އެތައް ގަނޑެއްގަތީ.

  9. dog‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އަޅުގަނޑަށް ހީވާގޮތުން މިސަރުކާރު ވެއްޓިދާނެތީ އަންނި އަށް ވުރެން ބިރުގަންނަނީ ހާޝިމް، އެކަމަކު ބުނަންތަ އުސްތާޒް ނަޝީދު މިރަށު ގޮނޑިއަށް ކެމްޕޭންކުރި ދުވަސްވަރު ހާޝިމް ބުނަމުންދިޔައީ އެއީ DRP ފާރާތުން އުޅޭ މީހެއްކަމަށް، އެކަމަކު މިހާރު ހާޝިމްގެ ރާގު ބަދަލުވެއްޖެ، ހާޝިމް އެކޭ އަންނި އެކޭ ތަފާތެއް ނެތް، އަނެއްކާ ތިއީ ދެބެންތަ؟ ހެހެހެ، މިފަހަރު ރައްޔިތުން މަޖިލިސް ހޮވިފައި އެވަނީ ގައުމަށް އެންމެ ރަގަޅު ގޮތަށް އެއީ އަބަދު ސަރުކާރު ބަދަލުވަންޏާ އެގައުމެއް ކުރިއަކަށް ނުދާނެ، ސަރުކާރު ވައްޓާލުމަކީ މިއަދުގެ މަޖިލިސް އަށް ފައްސޭހަ ކަމަކަށް ނުވާނެކަމަށް ޚުދު އަލުގަނޑަށްވެސް އެނގޭ ހާޝިމް އަށް ނޭނގުނަސް. އަދި DRP އިން އެގޮތަށް ވިސްނަމުންދާނަމަ އެމީހުން އިހަށްރޭ ބޭއްވި ބައްދަލުވުމުގައި އެކަމަށް ހިސާރާތްކުރުން އެކަށީގެންވޭ، DRP އަކީ MDP އަށް ވުރެ ކިޔަވައިގެން ތިބި މޮޅެތިމީހުން ގިނަ ޕާޓީއެއް، އެހެންމިބުނީ MDP އަށް އެމީހުންގެ ކެބިނެޓަށް ބަލާލުމަށްފަހު އެކަން އަޅުގަނޑަށް ވިސްނޭތީ. ޝުކުރިއްޔާ.

  10. dog‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ދެންބުނަންތަ؟ އަޅުގަނޑުމެން ހޮވާފައިވާ އުސްތާޒް ނަޝީދުއަށް އެއްވެސް މީހަކު އެއްޗެއް ކިޔުމަކީ އަޅުގަނޑު އެދޭކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ދާއިރާއިން އަޅުގަނޑުމެންގެ އަޑު އިއްވުމަށް ލޮލުން ބޮލުން ހޮވާފައިވާ ބޭފުޅެއް. އަޅުގަނޑުމެން އެބޫފުޅާއަށް އިތުބާރުކުރަން ،އެއީ ހުނަރުވެރި ހީވާގި މީހުންނަށް ހިތްހެޔޮ މޮޅު ބޭފުޅެއް. ރިއާސީ އިންތިހާބުގައި ވާދަކުރެއްވިނަމަ މިއަދު ރާއްޖޭގެ ވެރިކަމުގައިވެސް ހުންނެވީހީ އެބޭފުޅާ ކަން ޔަގީން. އިތުރު ސުވާލެއް.

  11. dog‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އަންނިއަކީ ބިރުގަންނަ މީހެއްކަން މަތީގައިވާ ފޮޓޯއިންވެސް އެނގޭ، ވެރިކަން ބަދަލުކޮށްލަފާނެތީ އެހުންނެވީ MNDF ގައި، އަދި އެތަނުގައި ތިބި މީހުން ހެއްދުމަށް މަތީ ރޭންކުތައް ބަހާލާފައިވަނީ ބިރުން ނޫން ދެން ކޮންކަމެއްވެބާ. ކުރިން އެތަނުގައި މަގާމުގެ ކުރިއެރުން ދެމުން ގޮސްފައިވަނީ ސަރުތުތަކަކާއި ހަމަތަކެއްގެ މަތިން، އެކަމަކު މިވެރިކަމުގައި ހަމައެއް ލަމައެއް ނެތި މަގާމުގެ ކުރިއެރުން ދެމުންދާ ގޮތުން ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތްކުރާނެ މީހުންނެތް ނުތިބޭނެ މުޅިންހެން ތިބޭނީ އަމުރުކުރަންތިބޭ ވެރިން މަސައްކަތްކުރަން ބަންގާޅީން ގެންނާނީކަން ނޭނގެދޯ. ދޯނި ދުއްވޭނީ ނިޔަމިކަން އެނގިގެން، އެހެންނޫނީ ފަސެންޖަރުންނާއިއެކު ފަރަކަށް އަރާދާނެ. ހާޝިމޫ، އަންނި އެވަނީ ހުވަފެނެއްގެ ހާޝިމްވެސް ފަސިންޖަރުންނަށް ހެޔޮ އެދޭނަމަ ހުވަފެން ނުދައްކާ ހޭލާތިބެގެން ކުރި ބަލަންފަށުން އެއީ ބުއްދިވެރި ގޮތަކީ.

  12. އަޣުލަބިއްޔަތު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    މިހާރު މަޖިލީހަށް މެންބަރުން ހޮވިފައިއެވަނީ ވަރަށް ރަގަޅުގޮތަކަށް. އެއްވެސް ބަޔަކަށް އެބަޔަކު ބޭނުންހާ ކަމެއް ދެންތިބި މީހުންގެ އެހީއާއިނުލާ ނުކުރެވޭގޮތަށް. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެއްބަޔަކަށް ވެސް ނެތީތީ އުފާކުރަން.

  13. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ބަލަގަ ހާސިމޫ. ބަޔަކު ނޫޅެޔޭ ވެރިކަން ވައްޓާލާކަށެއް. ހާސިމަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ އެހެން ހީވެގެން ލިޔެފައިވާ ލިޔުމެއް ކަމަށް އަޅުގަނޑަށް މި ލިޔުން ހީވަނީ. އެއްގޮތަކަށްވެސް އެހެން ހީފުޅުނުކުރައްވާ. އެއްވެސް ބަޔަކު ނޫޅޭ މިވެރިކަން ވައްޓާލާކަށެއް. އެބޭފުޅުން އެއުޅުއްވަނީ މިހާރުގެ ސަރުކާރު ހަމަ މަގުން ހިންގުމަށް ބާރުއަޅާ ސަރުކާރު ޖަވާބުދާރީ ކުރުވަން. މަޖިލީހުގެ ކޮންޓްރޯލް ޑީއާރުޕީގެ ފަރާތަށް އޮތުމުގެ މާނައަކީ، ދައުލަތް ހިންގުމުގެ 3 ބާރުގެ ތެރެއިން، ޤާނޫނު ހެދުމުގެ ބާރު ( ރައްޔިތުންގެ މަޖިލީސް ) ގެ އެޕާޓީގެ ބާރުގެ ދަށަށް ގެނެސް އެބޭފުޅުން ބޭނުންގޮތެއް ހެދުމެއްނޫން. އަދި ވަޒީރުންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނެގުން، ސަރުކާރު ޖަވާބުދާރީ ކުރުވުން ފަދަ ކަންކަމުގައި ޑީއާރުޕީގެ ފަޅީން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސަރުކާރު ޕްރެޝަރަށް ވައްޓާލުމެއްވެސް ނުމެ ނޫންމެ.އެހެނެއްކަމަކު އޭގެ މާނައަކީ، މަޖިލީހުގެ ރުހުން ލިބިގެން ސްޕްރީމްކޯޓް، ޖުޑީޝަލް ސާވިސް ކޮމިޝަން، ސިވިލްސާވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާ ތަކަށާ، އޮޑިޓަރ ޖެނެރަލް ފަދަ މުހިންމު މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެވޭއިރު ހަމައެކަނި ސަރުކާރުން ހުށައަޅުއްވާ ނަންފުޅުތަކެއް ފާސްކުރެއްވުމުގެ ބަދަލުގައި އެބޭފުޅުންގެ ޤާބިލްކަމާއި، ރައްޔިތުންގެ އިތުބާރު އެބަޔަކަށް ލިބިފައިވާ، ކަމަށް އެކަށޭނަ ބަޔަކު ހޮވުން. މިމަގުން ބަލާއިރު ވެރިކަން ސަރުކާރުގެ ފަޅީގައި އޮވެ، މަޖިލީހުގެ އަޣުލަބިއްޔަތު ޑީއާރުޕީގެ ފަޅީގައި ނުވަތަ އިދިކޮޅު ޕާޓީއެއްގެ ފަރާތުގައި އޮތުމުން، ހެޔޮ ރިޔާސީ ނިޒާމެއްގެ ފޮނިމޭވާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑަށް ޤަބޫލް ކުރެވޭ. އަޅުގަނޑުވެސް ގޮވާލަން ރައީސް ނަޝީދުއޭ އެކުން ގައްޑާމުނުވެ، ގަދަބަސް އެއްލާ ނުހައްދަވާށޭ.މަނިކުފާނު މިހާރު ޤަބޫލްފުޅު ނުކުރެއްވިޔަސް ކުރީގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށް،މަނިކުފާނު ވެރިކަމަށް އިސްކުރުވާ ތިޔަ ގޮނޑީގައި ބޭންދީ ވަރަށްގިނަ ބޭފުޅުންތަކެއްގެ މިންނަތް މަސައްކަތުންނޭ، އެންމެ ހިނދުކޮޅަކަށްވެސް މިކަން ހަނދާން ނައްތަވާ ނުލައްވައްޗޭ. މިފަހަރުގެ ނާކާމިޔާބީގެ އަސްލަކީ ގަސްތުގައި ނުވަތަ އޮޅިވަޑައިގެން ނަމަވެސް މަނިކުފާނު މިކަންކަން ހަނދުމަނައްތާލެއްވުމޭ.

  14. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އޭ، ޖ.ނ.ނ، ކަލޭމެން ކޮންތާކުން ދަސްކޮށްގެން އުޅޭ، ސްޕްރީމް ކޯޓެއްތަ؟ މަ ހަމަ އަޖައިބުވޭ ބުނަން، ހަބަރުގައި ވެސް ކިޔާ ސްޕްރީމް ކޯޓެއްގެ ވާހަކަ، ބަލަގަ އެއީ ސުޕްރިމް ކޯޓޭ..”supreme court”..

  15. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    މާފް ކުރައްވާ، އަޅުގަނޑަށް ހަބަރޭ މިދެންނެވުނީ ނުބައިކޮށް، ރަނގަޅު ގޮތަކީ ޚަބަރު..ހަބަރަކީ ހިތި އެއްޗެއް. އަމަލް އަކީ “Drunk” ވުން،ރަނގަޅު ގޮތަކީ ޢަމަލް..އެހެންވީމަ މައުލޫމާތަށް ޓަކައި މިވާހަކަ ދަންނަވާލަން..މައުލޫމާތު ކިޔާއިރު ކޮންމެހެން ޢައިނެއް ލާކަށް ނުޖެހޭނެ، އެއީ ދިވެހި ކޮށްލުން..އެކަމަކު އެކްސެޕްޝަންސްތަކެއް މިދންނަވާލީ..ޝުކުރިއްޔާ.

  16. ބަތްލޮޑޭ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އިހަށްދޮހު އަހަރެމެން އަޑުއެހިން، ރީކޯ މޫސަ މައުމޫނު އަވަހާރަކޮށްލަން އުޅެނިއްޔޭ ކިޔާ އަޑު. އެކަމަކު އެއްވަސް ބަޔަކު ނޫޅޭ މައުމޫނު އަވަހާރަކޮށްލާކަށް. އެކަހަލަ ވާހަކަ ފެތުރިޔަސް، މައުމޫނަށް ތާއީދުކުރާ މީހުން ގަބޫލެއް ނުކުރޭ އެކަމެއް. ސަބަބަކީ މައުމޫނަށް ކިރިޔާ ކަމެއް ކޮށްލިޔަސް، ނުލަފާކަން ދައްކާލަން އެމިހުން އެ ތިބެނީ ތައްޔާރަށް. ދެން މި ކަމަކާ މި ލިޔުމަކާ އޮތީ ކޮން ގުޅުމެއްހޭ ދޯ؟
    އާނ.. ވަރަށް މުހިއްމު ސުވާލެއް ތީ. ވާ ގޮތަކީ، ބަޔަކު ނޫޅޭ ސަރުކާރު ވައްޓާލާކަށެއް. އެކަމަކު އެމްޑީޕީއަށް މަރުދަންޖެހިފަ ތިބޭ މީހުންނަށް އުޅެނީ އެހެން ހީވާވަރުން ބިރުން ލޮލުފިޔައެއް ވަސް ނުޖެހިގެން. ރާއްޖެ މިހާރު މި ދެކޭ ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ކޮށްފި ނަމަ އަންނި ވެރިކަމުން ވައްޓާލަފާނޭ ހީވާވަރުން، މިހާރަކަށް އައިސް ޚުދުމުޚްތާރު ޢަމަލުތައް ވެސް ގިނަވަނީ މާ ބޮޑަށް. ސަރުކާރު ވެރިކަމުން ވައްޓާލަފާނޭ ހީކޮށް އެވަރަށް ބިރު ނުގަތުމަށް ބޭބެ ގޮވާލަން. ސަރުކާރަށް ސަނާ ކިޔާ އަބަދު ބުރިކަށީގަ ނުފިރުމަންޏާ އޭގެ މާނައަކީ ވެރިކަމާ ތޮޅެން އުޅުމެއް ނޫން ކުދިންނޭ. ދެން މި ލިޔުން އެކަމަކު މީގެ ގޮތުގަ މޮޅު. ހާސިމް އެއް ފަހަރު ވެސް އެމްޑީޕީ ޑީއާރުޕީ އިހްސާސް ހިތުން ފުހެލާފަ. ދިވެއްސެއް ގެ އިހްސާސްގަ މިކަހަލަ ލިޔުމެއް ލިޔެލައިފިއްޔާ ވަރަށް ފުރިހަމަވާނެ ކަމަށް ގަބޫލުކުރެވޭ.

  17. އަހުސް‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ޑީރާޕީ މީހުން އެއުޅެނީ ހަމަ ސަރުކާރު ވައްޓާލަން އަދި ރާއްޖޭގައި ހަމަނުޖެހުން އުފައްދަން…

  18. ޖައުފަރު‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    އެހެނެއް ނޫން. ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނޭ. އެއީ މި ވެގެން އުޅޭ ގޮތަކީ.

  19. ވެރިކަން ވައްޓާލާތަން ދެކޭހިތްވާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:16/05/2009

    ޑީ އާރު ޕީން ވެރިކަން ވައްޓާލިއްޔާވާނީ ފަހެކީއްތަ އެއީ ކުރަންނުވާވަރުގެ ހަރާންކަމަކީތަ؟ ހަމަ އަންތަރީސްވެއްޖެ؟ ވެރިކަން ވައްޓާލެވެން އޮތިއްޔާ އެކަންވާން އޮތްގޮތަކުން އަވަހަށް އެކަންކުރަންވީ.. އެކަން ކޮށްފާނެތީ އެކަމަ MDP ކަންބޮޑުވެ ބިޮރުގަންނަންޏާ އެކަން ނުވާނެހާގޮތެއް ހަދަންވީ.. ކޮބައި އޭގަ މައްސަލައެއް؟ އެޔެއްނޫންތަ ތިޔަކިޔާ ޑިމޮކްރަސީއަކީ؟ އެޔެއްނޫންތަ ޕާރޓީތަކެއް އުފައްދައިގެން ކުރަންމިއުޅޭ ކަމަކީ؟ ވަރަށްދެކެން ބޭނުންވޭ MDP ރައްޔިތުންނަށް އޯގާތެރި ހެޔޮވެރިކަމެއް ނުކުރާނަމަ ވެރިކަން ވެއްޓިގެންދާތަން ދެކެން.. ކޮންމެހެން DRP އަށް ވެރިކަން ލިބެން އެދެނިއްޔެއްނޫން .DRP އާއި MDP ގެ ވެރިކަމެއްވެސް ކަމަކުނުދޭ ދެން ބޭނުންވަނީ އެހެން ޕާރޓީއެއްގެ ވެރިކަމެއްދެކެން ނުވަތަ އެހެންމީހެއްގެ ވެރިކަމެއް ދެކެން … މައުމޫނެއްވެސް އަންނިއެއްވެސް ކަމަކުނުދިޔައޭނޫން….