ރިވިއު: “ހިއްޗަށްވަޑައިގަތުން”


ކުޅުދުއްފުށި އޮންލައިން

ރިވިއު: “ހިއްޗަށްވަޑައިގަތުން”
.
ނޯޓްފޮތް

ކުރުފަލިޖެހުމާއި، ދެޖިންސްގެ ދަފިނެގުމާއި ބޮޑުބެރާއި އެކީގައި މި އަހަރުގެ ޢީދުކުޅިވަރުތަކުގައި ކުރީއަހަރުތަކަށްވުރެ ސަގާފީކުލަޖެހިގެން ހިނގައްޖެއެވެ. ލަފާކުރެވޭ ގޮތުގައި ކުރީގައި އޮތް ހިންދުސްތާނު ލަވަތަކަށް ނެށުމުގެ ފޯރިކެނޑި، ފިލްމުސްޓާރުންގެ ވިދުން ފަނޑުވެ، ސަގާފީ ހޭލެވުމަކަށް ދިވެހިން ހޭލަނީއެވެ. އަހަރެންގެ މި ލަފާކުރުން ބަރާބަރުވެއްޖެނަމަ ކިތަންމެހައިވެސް ރަނގަޅެވެ.

މި ކޮލަމުގައި ކުރިންވާނީ ދަމުހިނގުމާއިބެހޭގޮތުން އަހަރެން ލިޔެފައެވެ. މިފަހަރު އަހަރެން އަޅައިގަތީ ހިއްޗަށްވަޑައިގަތުމުގައެވެ. ފުރަތަމަވެސް ބުނަން އޮތީ ކުރީ ފަހަރުތަކަށްވުރެ، ރަނގަޅުވާހަކައެވެ. ކޮމެޑީގޮތްގަނޑު ކުރީފަހަރުތަކަށްވުރެ ކުޑައެވެ. ރަދުން ބޮޑު “ބަނގުރާފުޅިއެއް” ހިއްޕެވި މަންޒަރު މިފަހަރަކު އަހަރެންނަކަށް ނުފެނެއެވެ. ހެދުންއެޅުންވެސް ކުރިއާއި އަޅާބަލާއިރު ރަނގަޅެވެ. ނަމަވެސް ރަނގަޅުކުރަންޖެހޭ އެތައްކަމެއް އަދިވެސް އެބަހުއްޓެވެ.

ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ، ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް، ހަތްކޮޅުނަގާބޭކަލުންނާއިއެކު ރަސްމީޢިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކައެވެ. ޖޯކެއް، މާލިކުޅިވަރެއްގެ ވާހަކައެއް ނޫނެވެ. ސީރިޔަސްވާށެވެ.

ކުޅުދުއްފުށީގައި އީދުކުޅިވަރެއްގެ ގޮތުގައި ހިއްޗަށްވަޑައިތުމުގެ ނަމުގައި ކުރާކަންކަމަކީ ފަހަރެއްގައި ހަޖުލަކަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން ހިތުން ހިއްޗަށްވަޑައިގަތުމުގެ ނަމުގައި އެކަންކުރާނަމަ އެކަންވާންޖެހޭނީ، ވީހާވެސް އަސްލާއިއެއްގޮތަށް ކުރާ، އެކަމުގެ ސަބަބުން އަހަރެމެންގެ ސަގާފަތާއި އާދަކާދައަށް ފަޚްރުވެރިވުމުގެ ޝުޢޫރެއް ހިތުގައި އުފެދޭފެންވަރުގައި ކުރާކަމަކަށެވެ.

ކުރިން ބުނިހެން މިއަހަރުގެ ހިއްޗަށް ވަޑައިގަތުން ކުރީއަހަރުތަކަށްވުރެ އަހަރެންނަށް ކަމުދިޔައެވެ. ނަގާފައިހުރި ހަތްކޮޅު އޭގެ އަސްލު ހަތްކޮޅަކާއި އަދިވެސް ވައްތަރު ކުރިނަމަ ރަނގަޅުވީހެވެ. އަދި އަޅާފައިހުރި ހެދުންތައް ރަނގަޅުކޮށްލުން ރަނގަޅުވާނެއެވެ.

މޫނުގައި ބޯކޮށް ފުށްޖަހާފައި، މާލިހެދިފައި ތިބުމުން ހީވަނީ، ކާބަފައިންކުރި ހުރިހާކަމަކީވެސް މާލިހެދިގެން އުޅުންހެންނެވެ. ދެން ފަހަރަކުން ކާކުކަން ނޭނގޭވަރަށް މޫނުގައި ފުށްނުޖަހައި އަހަރެމެނަށް ހިއްޗަށް ވަޑައިގަންނަވާ މަންޒަރު ސިފަކޮށްދޭނެކަމަށް އުންމީދުކުރަމެވެ.

ދެން އޮތީ ބެރެވެ. އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ކުޑަ ރިސާޗެއް ހަދާލައިގެންނަމަވެސް ބެރުދުންމާރީގެ އަސްލު ލަވަތައް ހޯދާލުން ރަނގަޅުވާނެއެވެ. ދުންމާރި ނުފުމެވޭނަމަ، މިޒަމާނުގައި ހެދޭނެ ބައިވަރު ގޮތްގޮތްވެސް އެބަހުއްޓެވެ. ހިނގަމުންދާއިރު ލައިވް ބެރާއިއެކު ދުންމާރީގެ އަޑު އިވޭ ގޮތްވެސް ހެދިދާނެއެވެ.

ކޮންމެޔަކަސް، ހިއްޗަށްވަޑައިގަތުން ރަނގަޅު ފެންވަރަކަށް ގެނެސްދިނުމަށް، ކަރުދާހުގެ ކުޑަ މަސައްކަތެއް، ދިރާސާއެއްގެ ގޮތުގައި ކުރަންޖެހޭނެއެވެ. ހެދުން އަޅާގޮތްތައް ހޯދައި، ދަސްކުރަންޖެހޭނެއެވެ. އަންނަ އަހަރުގެ ޢީދަށް މިހާރު ތައްޔާރުވާން ފެށިދާނެއެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް




‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފީއިލޮށި‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    މިރަށުގައި މިހުރި ޖަމިއްޔާތަކުން ބަލަނީ އަބަދު ބޯޅަކުޅެވޭތޯ، ނޫނީ ކޮންމެވެސް ބޯޅަދަނޑެއް ހެދޭތޯ. ކޮންމެ ޖަމިއްޔާއަކުންވެސް ކޮންމެވެސް މިފަދަ ސަގާފީ ކުޅިވަރެއް އޭގެ އަސްލުގޮތުގައި އިއާދަކުރެވޭތޯ ބެލުން ކިހިނެތްވާނެތޯ. އޭރުން އެއިން ކުޅިވަރެއް ވައިގައި ހިފައިފިއްޔާ އެޖަމިއްޔާއަކުން އެކަންކުރީ ތިމަންނަމެންގެ އިސްނެގުމުގެ މަތިންނޭ ކިޔާ ބޮޑުކެނޑޭނޭނުންދޯ. ކުރިމަގުގައި މިސަރަހައްދުގައި ޓުއަރިޒަމް ފުޅާވަމުންދިއަވަރަކަށް މިކަމުގެ ފައިދާ ރިސޯޓްތަކަށް ގޮސްގެންނާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ހިތްހަމަޖައްސައިގެން ރަނގަޅު ނަފާއެއް ހޯދިދާނެ. މިސާލަކަށް ޒުވާނުންގެ ދިރުން – ހިތްޗަށް ވަޑައިގަތުން، ސްކައި – ދަމުހިނގުން، ޒިގްޒެގް – ލަނގިރިޖެހުން ނޫނީ ވަޖިދުވުން ނޫނީ ކޯޑިނެގުން، ރަނި ޖަމިއްޔާ – ބަނޑިޔާޖެހުން. (ފަހަރެއްގައި މިލިޔުނު ކުޅިވަރުތަކާއި ޖަމިއްޔާތަކުގެ ނަންތައް ނުބައިވުމަކީ ވެދާނެކަމެއް، އެއީ އަޅުގަނޑުގެ މަޢުލޫމާތުގެ ފަގީރުކަން)

  2. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    ސަގާފީކުޅިވަރުތައް ވީހާވެސް އޯތެންޓިކްކޮށް ގެނެސްދީގެން އެއީ ބޮޑު ވިޔަފާރިއަކަށްވެސް ބަދަލުކޮށްލެވިދާނެ. ނޫނީ އެއީ ވިޔަފާއި ކުރިއެރުވުމަށް އޮތް ވަސީލަތަކަށްވެސް ހެދިދާނެކަމަށް ފެނޭ!

  3. އުމަރު‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    މިކަހަލަ ރިވިއު އެއްޗެހި ހަޖަމް ކުރެވޭވަރުގެ ބައެއްބާ އަނެއްކާ މިރަށުގެ މީހުންނަކީ؟ އަނެއްކަ ދޯ ވެދާނެ މި ކިޔާފަ މިއަންނަ އަހަރު ނުނުކުމެ ގޭގަ ތިބެންވެސް. އެހެން ނުހަދާތި ނަމަނަމަ

  4. އަކޭ‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    ހިނގާ ބަލަމާ ދަމުހިނގުން ކިހިނެތް ވާނެތޯ؟ މަށިމާލި ޕެރޭޑްގެ ރިވިއުއެއ

  5. އުމަރު‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    ދަމު ހިނގުން ކިހާވަރަކުން ދާނެބާ. މަށިމާލި ޕެރޭޑްގެ ވެސް ރިވިއު އެއް ސަޅިވާނެ ޖަހާލަން

  6. ރަފީގް‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    ލިޔުންތެރިޔާ ކިހާވަރަކަށް އެހީތެރިވެދޭނެތޯ، އައްނަ އަހަރު މި ހިއްޗައްވަޑައިގަތުން އޭގެ އަސްލާ އެއްގޮތައް ގެނެސް ދިނުމުގަ އާއި ކަރުދާހު ދިރާސާގައި؟ ފިލާ އިނދެގެން ކޮސް އަނގަ ނުގޮވަ މީގެއަސްލު އޮޅުން ފިލުވާލަދީފައި އޮތްނަމަ މާރަނގަޅުވާނެ

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    އާޓިކަލް ވަރަށް ކަމުދާ ކަމަށް ދަންނަވަން.

  8. އިބްރާހީމް ޢަލީ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ރަފީގަށް:
    އޭނަ މިވާހަކަ ލިޔުނީމައެއްނު، މިކަން ތިޔަ ފާހަގަކުރެވުނީވެސް. ދެން ރަނގަޅުކުރަން ޖެހޭގޮތުގެ ޚިޔާލެއް މީހަކު ހަމަދޭއިރަށް އެމީހަކަށް ޖެހޭތަ އެކަމެއް ކުރަން. މިވަރު ކޮށްލަދިންކަންވެސް ވަރަށް ރަނގަޅު. ހަޖަމުކުރަން ދަސްކޮށްބަލަ!

  9. އަކޭ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    p:

  10. ރަފީގް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ލިޔުން ތެރިޔާއަށް ނޭގޭނުން މިރަށުގައި ހިތީގެ ކުޅިވަރު އޮންނަނީ ކިހިނެއްކަމެއްވެސް، އަދި މިއީ ހަޖޫޖެހުމެއްކަންވެސް ނޭގޭ ނުން ތޯ؟

ޚިޔާލު ފާޅުކުރައްވާ