އީދު ކުޅިވަރު ސިޔާސީ ނުކުރަމާތޯއެވެ.


އަބްދުލް ވާހިދު ޙަސަން

އީދު ކުޅިވަރު ސިޔާސީ ނުކުރަމާތޯއެވެ.
.

މަތިވެރި ދެއަޅުކަމަކާއި ގުޅުވައިގެން މުސްލިމުން އުފާ ކުރުމަށް އަހަރެމެންނަށް ދެއީދު ލިބެއެވެ. ދެ އީދަކީ ވެސް އުފާކޮށް އަހަރެމެންގެ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށްޓަކައި ރަނުގެ ފުރުސަތެކެވެ. މިގޮތުން އަހަރެމެން މިހާރު ފާހަގަ ކުރަމުން މިދާ އަޟްޙާ އީދަކީ އަހަރެމެންގެ ބޮޑު އީދުގެ ނަމުގައި ފާހަގަ ކުރާ އީދެކެވެ. ޒަމާނުއްސުރެ ބޮޑު އީދު ވެގެން ގޮސްފައިވަނީ ކުޅުދުއްފުށީގައި ވެސް ތަފާތު ކުޅިވަރުތައް ކުޅެ އިޖުތިމާއީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ އީދަކަށެވެ. އަވަށު ވާދައިގައި އެއްބަޔަކު އަނެއްބަކަށް ވުރެ މޮޅުކޮށް ސްޓޭޖް އަޅާ މަޝްހޫރު މީހުން ގެނެސް އީދުގެ އުފާ ހާސިލް ކުރިކަމުގައި ވިޔަސް، ބޮޑު އީދު ވެގެންދަނީ މުޖުތަމައުގެ ގުޅުންތައް ގުޅުވައިދޭ އީދަކަށެވެ.

މިފަހަރުގެ ބޮޑު އީދު ކުޅުދުއްފުށީގައި ފާހަގަ ކުރާއިރު، ތަންކޮޅެއް ކުރީގެ އަހަރުތަކުގައި ހުރި ފޯރި އަލުން އާލާވާން ފަށާފައިވެއޭ ބުނެވިދާނެ އެވެ. ނަމަވެސް އެފޯރީގެ ތެރެއިން ފާހަގަ ކުރެވުނު ހިތްހަމަ ނުޖެހޭފަދަ ދެތިން ކަމެއް މިތަނުގައި ފާހަގަ ކޮށްލާނަމެވެ. އެއީ އިޖްތިމާއީ މިފަދަ އީދެއްގެ ތެރެއަށް ކުޑަކޮށް ނަމަވެސް ސީޔާސީ ކުލަ ފެނުން ވާހަކައެވެ.

މިއަހަރުގެ އީދުގައި ހިއްކި ސަރަހައްދުގެ ދެ ހިސާބެއްގައި ވަނީ ސްޓޭޖް ހަދާފައެވެ. ދެކުނު ސަރަހައްދު ސްޓޭޖު ކައިރީގައި ސްޕޮންސަރ ދެއްކުމަށް ބަހައްޓާފައި ހުރި ސްކްރީނުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އިޝްތިހާރު ދައްކަމުން ދިޔަ މަންޒަރު ވަނީ ގިނަބައެއްގެ ލޮލުގައި އަޅައިގެންފައެވެ. އީދު ކުޅިވަރު ބެލުމަށް އެސަރަހައްދަށް ދިޔަ ބައެއް މީހުން ތިބީ މިކަމާ ހިތްހަމަ ނުޖެހިފައި އެވެ. އެ ސްކްރީނުން ދައްކަމުން ދިޔައީ ސްޕޮންސަރ ދީފައިވާ ފަރާތްތަކުގެ އިތުރުން ނޮވެމްބަރު މަހު އޮންނަ އަންހެނުންގެ ކޮމިޓީ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ބައެއްގެ ފޮޓޯ އެވެ.

ނަމަވެސް ސްޓޭޖް ތައްޔާރު ކުރުމުގައި އިސްކޮށްއުޅުނު އީދު ކުޅިވަރު އިއްތިހާދުން ބުނެފައިވަނީ މިއީ އެ ފަރާތުން އަޅާ ސްޓޭޖެއް ކަމަށާއި މިކަމުގައި އެއްވެސް ސިޔާސީ ކުލައެއް ނުޖެހޭނެ ކަމަށެވެ.

“މިއީ ސިޔާސީ ކަމެއް ނޫން.. މިއަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކުރާ ކަމެއްނޫން.. ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ..” އީދު ކުޅިވަރުތައް ރޭވުމުގައި އިސްކޮށްއުޅުނު މުޙައްމަދު މޫސާ (ކުރަހާ މުހައްމަދު) ބުނެފާވެއެވެ.

މިކަމާ ގުޅިގެން އިއްޔެ މުހައްމަދު މުސާ އާސުވާލު ކޮށްލުމުން ބުނެފައިވަނީ ފައިސާ ދިނުމުން ކޮންމެ މީހަކަށްވެސް އީދު ކުޅިވަރުގައި ބައިވެރި ވެވޭނެ ކަމަށެވެ.

“ސްކްރީނުން އެދައްކަނީ ހަމައެކަނި އެއްޕާޓީއެއްގެ މީހުނެއް ނޫން.. އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި މީހުންގެ ފޮޓޯވެސް ފެންނާނެ.. އެކަމަކު އެއީ އެބޭފުޅުން އެކަމަށް އެދުނީމަ.” ކުރަހާ މުހައްމަދު ބުންޏެވެ.

ތެދެކެވެ. އީދު ކުޅިވަރަށް ޚަރަދު ކުރާ ކޮންމެ މީހެއްގެ ވެސް ނަމާއި އަދި ފޮޓޯ އެތަނުގައި ދެއްކިދާނެއެވެ. އެއީ އެހީތެރިކަން ވެދިން މީހުންގެ އެ ދީލަތި އެހީގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ އިޝްތިހާރެއް އެތަނުގައި ދެއްކީމާ އެހާ ކަމަކު ނުދެއެވެ.

ދެން އޮތީ ރާއްޖެ ޓީވީގެ ވާހަކަ އެވެ. ކުޅުދުއްފުށީގެ އީދު ކުޅިވަރުތައް ލައިވް ކުރުމަށް ފުރަތަމަ ފަހަރަށް “ރާއްޖެ ޓީވީ” ވަނީ އީދުގައި ކުޅުދުއްފުށީގައި ހަރަކާތްތެރި ވެފައިއެވެ. މިގޮތުން މަށިމާލި ޕެރޭޑާއި ސްޓޭޖް ޝޯ ތައް ވަނީ ލައިވްކޮށްފައެވެ.

އެހެން ނަމަވެސް ދެކުނު ސަރަހައްދުގައި ހަދާފައިވާ ސްޓޭޖް ސަރަހައްދަށް ރާއްޖެ ޓީވީގެ ކްރޫ ދިއުމުން ބަޔަކު ވަނީ އެކަމަށް ހުރަސްއަޅާފައެވެ. އެޓީވީ އަކީ ދޮގު ހަބަރު ފަތުރާ ބައެއް ކަމަށް ބައެއް މީހުން ބުނެ އެތަނުން ބޭރުކޮށްފައިވާކަން ރާއްޖެ ޓީވީން ވަނީ ކަށަވަރު ކޮށްދީފައެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުށީގައި ހިނގަމުން ދިޔަ އީދު ކުޅިވަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ބަލާލަން ބޭނުންވެފައި ތިބި ކުޅުދުއްފުށީގެ މީހުންނަށް އެފުރުސަތު ގެއްލިގެން ދިޔައެވެ.

ރާއްޖެ ޓީވީ އެޑިޓޯރިއަލް ސިޔާސަތު ވަކި ސިޔާސީ ފިކުރަކަށް ތަބާވާތީ އީދު ކުޅިވަރު އެމީހުން ލައިވް ކުރުން ހުއްޓުމަކީ ކުޅުދުއްފުއްޓަށް ލިބުނު ފުރުސަތެއް ނަގާލުން ކަމަށް އަޅުގަނޑަށް ފެނެއެވެ.

އީދަކީ ކުރިން ދެންނެވުނުހެން އުފާކޮށް ގުޅުންތައް ތާޒާ ކުރަންވީ ވަގުތެކެވެ. އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތެވެ. ތަފާތު ފިކުރުތައް އެއްކިބާކޮށް އެއްބައިވަންތަކަން ވަރުގަދަ ކުރަންވީ ވަގުތެވެ.




‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިބްރާހީމް ޢަލީ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ވަރަށް ރަނގަޅު ނުކުތާތަކެއް ފާހަގަކޮށްފައިވާ ލިޔުމެއް. ކަންކަން ރާވަންތިބޭ މީހުނަށް ނޭފަތުގެ ކުރިއަށްވުރެ ދުރު ނުފެންނާތީ މިކަހަލަ ދެރަގޮތްތައް ދިމާވާނެ. ދެން މި އުފެދުނު ފިތުނަ ނައްތާލާނެ ހިއްވަރެއް، ބުއްދިއެއް އެމީހުންގެ ނުހުންނާނެ.

  2. ރަފީގް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ރާއްޖެ ޓީވީ އިން ދެކުނު އަވަށު ސްޓޭޖް ދައްކަމުން ބުނެފާނެ އެއީ އުތުރު ސްޓޭޖޭވެސް. ހަމަ ހެޔޮކޮން ތި ހެދީ

  3. ފަރޭ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ދެކުނު އަވަށު ސްޓޭޖްގައިވަނީ ސިޔާސީ ކުލަޖެހިފައި، އިރުމަތި އަވަށު ބަޔަކު އެމީހުން އަވަށުގައި ޢީދުކުޅިވަރު ނުބާއްވާ ދެކުނު އަވަށަށް ގޮސް އެސަކަރާތްޖަހަންވީ ކީއްކުރަން، ހަމަ ރަށުގައި ހަމަނުޖެހުން ހިންގަން

  4. އަޅުގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ކުޅުދުއްފުށީގެ ދެއަވަށުގެ ވާދަވެރިކަމުގެ ތެރޭގައި ތަޅާފޮލުމަކީވެސް އޮންނަކަމެއް. ރާއްޖެޓީވީ އެއީ ވަކި މީހެއް ކުޅުދުއްފުށީގައި އުޅޭތީ އެކަންތައް ކަވަރު ކުރަން ގޮސް އުޅުނު ބައެއް. ރާއްޖެޓީވީ ވެސް އެއީ ސިޔާސީ ބައެއް. މިއީ ވަކި ބައެއްގެ ވާހަކަ ބަޔާންކޮށް ލިޔެފައިވާ ލިޔުމެއް.

  5. ރަފީގް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    އުތުރުކޮޅުގައި އަޅާފަ އޮތީ ސީދާ އައްނި އަށް އަޅާފައޮތް ސްޓޭޖެއް

  6. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ސަމާލުކަމަށްޓަކައި ދަންނަވާލަން. ރާއްޖެ ޓީވީއަކީ އަންނިގެ ފަހަތުން ދުވާ ޓީވީއެއް. އެއީކީ އަނެއްހެން މައްސަލައެއްވެސް ނޫން. އެމީހުން އަންނި ދާ ތަނަކަށް ދާނެ. އެއީ ކޮންމެހެން ކުޅުދުއްފުށީގެ އީދުކުޅިވަރުތައް ދައްކަން ދިޔަ ބައެއް ނޫން.
    މިހާރު އެންމެ ރަނގަޅީ ޓީވީއެމް. އެއީ ހުރިހާ ފިކުރެއްގެ މީހުން މަސައްކަތްކުރާ މިނިވަން ތަނެއް. ވަކި ސިޔާސީ ޕާޓީއެއް ޕުރޮމޯޓް ކުރާކަށްވެސް ނޫޅޭ. އީދުކުޅިވަރުތައްވެސް އެންމެ ރަނގަޅަށް ގެނެސްދިނީ އެމީހުން. މިހާރު ޓީވީއެމް މިނިވަންވީމަ އެމްޑީޕީންވެސް ޓީވީއެމްއަކާ ނުބެހޭ. އެމްޑީޕީއަށް ވެރިކަން ލިބުނީމަ ދައުލަތުގެ ޓީވީ ބަދަލުކޮށްލީ “ރާއްޖެޓީވީ”އަށް. މުޅިންވެސް ގެނެސްދިނީ އެމްޑީޕީގެ ހަބަރުތައް.

  7. މަރީ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2012

    ކުރަހާ މުޙައްމަދުމެން ޓީ.ވީ.އެމް އަށް ދަޢުވަތު ނުދިނީ އެމީހުން ގެކުޅިވަރުތަށް ކޮށްމެހެން ދައްކަން ބޭނުން ނުވާތީއެއްނު

ޚިޔާލު ފާޅުކުރައްވާ