.
އަންހެނުންގެ ވާހަކަ އެންމެގިނައިން ދައްކާނީ ފިޠުރަތު ސަލާމަތް ފިރިހެނުންނެވެ. އަންހެނުންގެ ރީތިކަމުގެ ވާހަކައިން ފެށިގެން، އެމީހުންގެ ހެޔޮވާހަކައާއި، ނުބައިވާހަކަ އަދި އުޅެންޖެހޭނެ ގޮތުގެ ވާހަކަވެސް ދައްކާނީ ފިރިހެނުންނެވެ.
ބައެއް ފިރިހެނުންނަށް އަންހެނުންނަކީ ހުރިހައި ނުބައިކަމެއްގެ އަސްލެވެ. ދަރިން ތަރުބިއްޔަތު ނުކުރެވި ‘ފަތްބޯކުދިން’ ގެ ޖީލެއް މިއޮތީވެސް އަންހެނުންގެ ސަބަބުންނެވެ. ނާސިގެތައް ހުންނަނީވެސް އަންހެނުންގެ ސަބަބުންނެވެ. ފިރިހެނުން، އަންހެނުންނާއި މަގުމަތިން ފޮށެނީވެސް ހަމަ އަންހެނުންގެ ސަބަބުންނެވެ. ގޯސްކަންކަމުގައި ފިރިހެނުންގެ ރޯލެއްނެތެވެ. ފިރިހެނުންނަކީ މަލާއިކަތުންތަކެކެވެ. ޢަޖައިބެކެވެ.
ދިވެހި ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި ފިރިހެނެއްްގެ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ތަހައްމަލުކޮށްފައިވާ މީހެކެވެ. މި ތަފާސްހިސާބު ލިބުނު ސާވޭހެދުމަށް ފިރިހެނުންގެ ފަރާތުން ވަރަށް ބޮޑެތި ހުރަސްތައް އައިކަމަށްވެއެވެ.
ބައެއް ފަރާތްތަކުން ބުނަނީ އަންހެންކުދިންނަށް ވުރެ ބޮޑަށް ކިޔަވަންޖެހެނީ ފިރިހެންކުދީން ކަމަށެވެ. ރާއްޖޭގެ އެންމެންވެސް އަންހެންކުދިން ކިޔަވަންޖެހޭކަމަށް އުސޫލެއްގެ ގޮތުން އެއްބަސްވާކަމަށް ފެނެއެވެ. ނަމަވެސް ޚިޔާލުތަފާތުވަނީ ކިޔަވަންޖެހޭ މިންވަރާއި ކިޔަވަންވީ އެއްޗަކާއި މެދުގައެވެ. އެއްބަޔަކު ދެކޭގޮތުގައި، އަންހެންކުދިން ކިޔަވަންވީ، ދީނެވެ. ޓީޗަރުކަމެވެ. ނަރުސްކަމެވެ. އަންހެނުންގެ ޑޮކްޓަރުކަމެވެ!
ފިރިހެނުންދެކޭގޮތުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައެއް ނޫނެވެ! ހުރިހާ ގޯހެއް ވެގެން މިއުޅެނީ، ހަމަހަމަވުމުގެ ނަމުގައި އަންހެނުން ކޮށްގެން އުޅޭ ކަންތައްތަކެއްގެ ސަބަބުންކަމަށް އެމީހުންބުނެއެވެ. ފިރިހެނުން އަބަދުވެސް ދައްކަނީ އަންހެނުންގެ ޢިއްފަތްތެރިކަމުގެ މުހިންމުކަމުގެ ވާހަކައެއެވެ. ފިރިހެނުންގެ ޢިއްފަތްތެރިކަމުގެ ވާހަކައެއް އެމީހުން ނުދައްކައެވެ.
އަންހެނުންނާއި ފިރިހެނުން ހަމަހަމައެއް ނޫން!
އަންހެނުންނާއި ފިރިހެނުން ހަމަހަމަވާންޖެހޭނެކަމަށް ބުނާބުނުމުގެ މާނަ ވަނީ ފިރިހެނުން އޮޅުވާލާފައެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަވާންޖެހޭނެކަމަށް ބުނާބުނުމުގެ މާނައަކީ، ފިރިހެނުންނަށް ލިބެންޖެހޭ ހުރިހާ އަސާސީ ޙައްގުތަކެއް އަންހެނުންނަށްވެސް ލިބެންޖެހޭ ވާހަކައެވެ. ފިރިހެނުންނަށް ކިޔެވޭ ކަމަށްވާނަމަ، އަންހެނުންނަށްވެސް ކިޔެވެންޖެހޭނެއެވެ. ފިރިހެނުންނަށް މަސައްކަތުގެ މާހައުލު ރައްކާތެރިނަމަ، އަންހެނުންނަށްވެސް އެރައްކާތެރިކަން ލިބެންޖެހޭނެއެވެ. ފިރިހެނުންނަށް އަނިޔާ ނުލިބޭނަމަ، އަންހެނުންނަށްވެސް އަނިޔާލިބިގެން ނުވާނެއެވެ. ކުރާ އަނިޔާއާއިދެކޮޅަށް ތެދުވަން އަންހެނުންނަށް ފިރިހެނުންނެކޭ އެއްފަދައިން މަގުފަހިވެފައި އޮންނަންވާނެއެވެ. ބައެއް ފިރިހެނުން އަންހެނުންގެ ޙައްޤުތަކޭ ބުންޏަސް އޭގެ މާނަ އޮޅުވާލައެވެ.
މިތާނގައި މުހިންމު ޕޮއިންޓަކީ، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ނުލިބެނީ ފިރިހެނުންގެ ސަބަބުންކަމެވެ. ވީމާ، ބަދަލުވާންޖެހޭ ބަޔަކީ ހަގީގަތުގައި ފިރިހެނުންނެވެ. އެމީހުންގެ ވިސްނުމެވެ.
އަންހެނުން ވަޒީފާއަށް ދާނެކަމެއްނެތް!
ބައެއް އިސް ބޭފުޅުންވެސް، ގަބޫލުކުރައްވަނީ އަންހެންކުދިން ވަޒީފާއަށް ދާނެކަމެއްނެތްކަމަށާއި ބޮޑަށް ކިޔަވަންޖެހޭނީ ފިރިހެންކުދިންކަމަށެވެ. މިއީ މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ފިކުރެކެވެ. ސްކޫލެއްގެ ޕްރިންސިޕަލަކު މި މޭރުމުން ވާހަކަދެއްކެވިކަމަށް ބުނެފިނަމަ ގަބޫލުކުރާނަންހެއްޔެވެ؟
ވިސްނާލާށެވެ. ރާއްޖެއަށް ލިބިފައިވާ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތެވެ. ރާއްޖޭގެ އާބާދީގެ 18 އަހަރުން ދަށުގެ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނަކީ އިގްތިސޯދީ މަސައްކަތެއްގައި ބައިވެރިނުވާ، ޑިޕެންޑެންޓް އޭޖްގުރޫޕްގެ ރައްޔިތުންނެވެ. މަސައްކަތްކުރާ އާބާދީއަކީ، 18 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީއެވެ. އަންހެނުންނަކީ، މުޅި އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އަންހެނުން އިގްތިސޯދީ މަސައްކަތެއްނުކޮށް ވަޒީފާއަކަށް ނުނިކުމެ ތިބެއްޖެނަމަ، އިގްތިސޯދީ މަސައްކަތެއްގައި ބައިވެރިނުވާ، ޑިޕެންޑެންޓް އޭޖްގުރޫޕް ވަރަށް ބޮޑުވާނެއެވެ. ނަތީޖާއަކަށްވާނީ، މުޅި ގައުމު ފަގީރުވުމެވެ.
ދަރިން ތަރުބިއްޔަތުކުރުމަށް އަންހެނުން ހަމައެކަނި ގެއިންބޭރަށް ނުނިކުމެ އިނުމަކުން ނުފުދެއެވެ. ދަރިންނަށް ރަނގަޅުކާނާއާއި ތައުލީމާއި ބޭސްފަރުވާވެސް މުހިންމެވެ. ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދައުލަތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހެއެވެ. އެކަމަށް ރަނގަޅު އިގްތިސޯދެއް ބޭނުންވެއެވެ. އާބާދީގެ 80 ޕަސެންޓް މީހުން މަސައްކަތެއްނުކޮށް، މަސައްކަތްކުރާ މަދު ބައެއްގެ އާމްދަނީއަށް ބަރޯސާވެގެން ތިބޭނަމަ މިފަދަ އިގްތިސޯދެއް ހޯދޭނެގޮތެއްނެތެވެ.
ނުރައްކަލުގެ ރަނގަބީލެއް ޖަހަނީ!
ދެކުނު އޭޝިޔާގެ އަންހެނުންގެ ވާހަކަތަކަށްވުރެ ދިވެހި އަންހެނުންގެ ވާހަކަތައް އެތައްގުނައެއް އުފާވެރިއެވެ. ނަމަވެސް، އަންހެނުންގެ ކުރިއެރުމަށް ހޯދިފައިވާ ކާމިޔާބީތައް އެއީ ތާރީޚްކަމުގައިވުމުގެ ފުރުސަތު، މިއިން ދުވަހަކު ތަނަވަސް ނުވާހައި ބޮޑަށް މިހާރުވަނީ ތަނަވަސްވެފައެވެ. އެއްބަޔަކު އޮޅުވައިލައިގެން އަންހެނުންނަށް ވިސްނައިދެވޭތޯ ބަލަނީ އެމީހުންގެ ވެރިންނަކީ ހަމައެކަނި ފިރިހެނުންކަމަށެވެ. އަންހެނުންގެ ބޮލަށް ވެއްދޭތޯ ބަލާ ފިކުރަކީ ދަރިން ހޯދުމާއި ސިއްހަތާއި، ތައުލީމާއި މިފަދަ ހުރިހާކަމެއްގައި އަންހެނުންގެ އެއްވެސް އިޚްތިޔާރެއް ނޯންނަކަމުގެ ފިކުރެވެ.

ނާފިޒް ވިދާޅުވީ
ތާރީޚް:30/10/2012
އަހަރެންނަކީ ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލާ، އެމަގުން އަޑުއުފުލާ މީހެއް. ދެޖިންސުގެ ހަމަހަމަކަން ވަނީ ހުދު މި ދައުލަތުންވެސް އޮޅުވާލާފައި. ސިވިލް ސާރވިސް މުވައްޒަފުންކުރެ އަންހެނުން ވިހެއުމުން 3 މަހެއްހާދުވަސް މުސާރަލިބޭ ތުއްޓީ ލިބޭ. ގޯހެއްނޫން. އެކަން އޮންނަން ޖެހޭނީ އެގޮތަށް. އެއީ އެމީހުންގެ އަސާސީ ހައްގެއް. ނަމަވެސް ފިރިހެން ސިވިލް ސާރވަންޓެއްގެ އަންހެނުން ވިހެއުމުން އެ ފިރިހެން މީހާއަށް އެފަދަ ދިގު ޗުއްޓީއެއް ނުލިބޭކަމީ ހަމަހަމަކަން އޮންނަކަން ގަބޫލުކުރަން ދަތިވާ ހިސާބަކީ. ތެދެއްމެ އޭނަގެ އަންހެނުން ވިހެއީ. އެކަމަކު އަންހެނުން އެކަނިމާ އެކަނި ހޮސްޕިޓަލުގައި އޮވެ، ފާހާނާކޮށް، ދަރިބަލަހައްޓާ، ބޭސްނަގާ، ދެމައިންނަށް ކާންދީ، ގެއަށް ގެންގޮސް އަންހެނުން ގަދަވަންދެން ގޭގައި މަސައްކަތްކޮށް އެމީހުންނަށް އެކަނިމާ އެކަނި ފިރިމީހާއާ ނުލައި އުޅެވޭނެބާއޭ ސުވާލަކީ. އާއިލާއާއި ވަކިން އެކަނި އުޅޭ ދެމަފިރިންވެސް މަދެއްނޫން. އެހެންވީމާ މިފަދަ ޗުއްޓީތަށް ފިރިހެނުންނަށްވެސް ލިބޭނެ އުސޫލެއް އޮތުންއެއީ ހަމަހަމަކަން ކަމުގައި އަހަރެން ދެކެން.
ހާޝިމް ވިދާޅުވީ
ތާރީޚް:30/10/2012
މި އާޓިކަލް ވަރަށް ވެސް ފުރިހަމަ. އަކުރުން އަކުރަށް އަޅުގަނޑަށް ތާއީދުކުރެވޭ. ލިޔުއްވި ބޭފުޅާއަށް ވަރަށް މަރުޙަބާ އަދި މިއީ މި ސައިޓްގެ ހަޤީޤީ އޮއްޓަރު ދައްކުވައިދޭ އާޓިކަލެއް ކަމުގައި ވެސް ދަންނަވަން. ވަކިން ޚާއްޞަކޮށް، އަންހެނުންނާއި ފިރިހެނުން ހަމަހަމަވާ ގޮތް ބަޔާންކޮށްދީފައިވާލެއް ފުރިހަމަކަމާއި، އަންހެނުން ގޭގައި ތިބެއްޖެ ނަމަ ވާނެ ގޮތް ވެސް ބަޔާންކޮށްދީފައިވާލެއް ވަރަށް ވެސް ހަބޭސް.
ހުސެން ވިދާޅުވީ
ތާރީޚް:30/10/2012
ނާފިޒު ތިޔަ ވިދާޅުވިހެން، ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުމުން އަނބިމީހާ ވިހެއުމުން، އަނބިމީހާއާއި އެއް މިންވަރެއްގެ ޗުއްޓީއެއް ފިރިމީހާއަށް ލިބުން އެއީ ހަމަ ރަނގަޅުކަމެއް. އެއީ ޢާއިލާ ބަދަހިކުރުމަށްޓަކައި. އެހެނަސް ވިހެއުމުގެ ޗުއްޓީއަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ނޫންކަމަށް މިސާލުދެއްކުމަށް އެންމެ އެކަށޭނަ މިސާލުކަމުގައި ނުދެކެން. އެހެނީ ވިހެއުމުގެ ޗުއްޓީއަކީ އަންހެނާ، އޭނާ ތަބީޢީ ގޮތުން ވިހާ ވިހެއުމުން ރިކަވަރ ކުރަންދެވޭ ސިއްހީ ޗުއްޓީއެއް. މިފަދައިން އަންހެނުންނާއި ފިރިހެނުންނާމެދު ހުރި ތަބީޢީ ތަފާތެއްގެ ސަބަބުން ‘ހަމަހަމަ’ ނުވާކަމަށް ބުނާ ބުނުމަކީވެސް ހަމަހަމަކަމުގެ މާނަ އޮޅިފައި އޮތުންކަމުގައި ދެކެން. ސްކެންޑިނޭވިޔާގެ ބައެއް ގައުމުތަކުގައި އަންހެނަކު ވިހެއުމުން އޭނާއަށާއި އޭނާގެ ޕާޓްނަރަށް މުސާރަ ލިބޭގޮތަށް އަހަރު ދުވަހުގެ ޗުއްޓީދޭވާހަކަ އަޅުގަނޑު އަޑުއެހިން. އެއީވެސް ޢާއިލާ ބަދަހިކުރުމަށްޓަކައި. އެހެނަސް ރާއްޖޭގެ އިގްތިސާދު އެފަދައިން ކަންކުރުމަށް ތަން ނުދޭއިރު، އަދި ޢާންމު ދިރިއުޅުމަށް ބަލާއިރު ހަގީގަތަކީ އެފަދަ ޗުއްޓީއެއް ލިބުނު ނަމަވެސް ނާފިޒު ތިޔަ ވިދާޅުވާ ފަދައިން ފިރިހެންމީހާގެ ދައުރު އަދާކުރާ ފިރިހެނުން ނިސްބަތުން މަދުއިރު، ހުރިހާ އެންމެންނަށް ތިޔަ ވިދާޅުވާފަދަ ޗުއްޓީއެއް ދިނުމަކީ ހަމަހަމަކަމުގެ ނަމުގައި ކުރެވޭނެ ބޭއިންސާފެއް ކަމުގައި، އަދި އެކަމުގެ ނާޖާއިޒް ފައިދާނެގުމަށް މަގުހުޅުވިގެން ދާނެ ކަމެއްކަމުގައި ދެކެން.
ދަރިންގެ ޚައްޤުތައް ވިދާޅުވީ
ތާރީޚް:30/10/2012
މިލިޔުމަކަށް ވާ ބައެއްކަންކަމަށް ތާއީދުކުރަން. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަކީ ސިވިލްސާވިސްގެ ޖީއެސް ރޭންކުގައި މަސައްކަތްކުރާ ދެމީހުން. ދެމީހުންނަށް މުސާރަޔާއި އެލަވަންސްގެ ގޮތުގައި ޖުމްލަކޮށް ލިބެނީ 11304.9 ރުފިޔާ. އެއީ އެއްވެސް އިތުރުގަޑިޔަކު މަސައްކަތު ނުނިކުމެ. ދެމީހުންގެ 2 ދަރިން ތިބޭއިރު ދަރިންނަށާއި މައިންބަފައިންނަށާއި ގޭގައި ކުދިންބަލަން ގެންގުޅޭ ކުއްޖާއަށާއި ޓިއުޝަން ކުލާސްތަކަށާއި އެހެނިހެން ޚަރަދުތައްކޮށްފައި ފަހަށް ރައްކާކުރެވޭއެއްޗެއް ނޯވޭ. ނުވިތާކަށް ކުދިންކޮޅުވެސް ރަނގަޅަށް ތަރުބިއްޔަތެއް ނުކުރެވޭ. ދަރިންގެ އަޚުލާޤަށް ދަނީ ނޭދެވޭ ތަފާތު އަސަރުތައްކުރަމުން. މިހެންދިމާވަނީ މައިންބަފައިން ގިނަވަގުތު ކުދިންނާއި ދުރުގައި އުޅެންޖެހުމުން. ދުވާލުގެ 7 ގަޑިއިރު ގެއިންބޭރުގައި އުޅެފައި ގެއަށްއައިސް ގޭގެ މަސައްކަތްތައްކޮށްފައި ލިބެނީ 2 ގަޑިއިރެއްހާއިރު އެކުދިން ނިދުމުގެކުރިން ހުސްކޮށް. މިވަގުތުކޮޅުގެ ތެރޭގައި އެކުދިންނަށް އެކަށީގެންވާވަރަކަށް ސަމާލުކަމެއްނުދެވޭ. އަދި ބައެއް ހާލަތްތަކުގައި އިތުރުގަޑީގައި އޮފީހަށް ނުކުންނަންޖެހިއްޖެ ނަމަ އެއްގޮތަކަށް ކުދިން ލޮލަށް ނުފެނިވެސް އުޅެންޖެހިފައި އެބަހުރި. މިހާރު އަޅުގަނޑު މިވިސްނަނީ އިތުރަށް ކިޔަވައިގެން ރަނގަޅު މުސާރައެއްގެ ވަޒީފާއެއް ލިބޭ އިރަށް، އަންހެނުން ގޭގައި ކުދިންތަރުބިއްޔަތުކުރަން ބަހައްޓަން. މުސާރަދީފައި ދަރިންބަލަން ކުއްޖަކު ބަހައްޓާފައި ޓިއުޝަނަށް ކުދިންފޮނުވުމުން ދަރިންނަށްކުރާ ނޭދެވޭ އަސަރު އަޅުގަނޑަށް މިހާރު ތަޖުރިބާކުރެވޭ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ފިރިހެނުން ވަޒީފާ އަދާކޮށްފައި އަންހެނުން ގޭގައި ދަރިންތަރުބިއްޔަތުކުރަން ތިބުން މާ ރަނގަޅު. އެމީހުން ވަޒީފާއަށް ދާންފަށަންވާނީ ދަރިންރަނގަޅަށް ތަރުބިއްޔަތުކޮށް ހެޔޮނުބައިވަކިވާވަރުގެ އުމުރަކަށް ދިއުމުން. ނޫނީ އަންހެނުންނަށް ގޭގައި ތިބެގެން ކުރެވޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރެވިދާނެ، މިޒަމާނަކީ އޮންލައިންކޮށްވެސް މަސައްކަތްކުރެވެންއޮތް ދުވަސްވަރެއް. އަންހެނުންވެސް ފިރިހެނުންވެސް ޖެހޭނެ ކިޔެވެން އޮތްއެންމެ މައްޗަކަށް ކިޔަވަން.
ނުހާ ވިދާޅުވީ
ތާރީޚް:30/10/2012
އަންހެނުން ގޭގަ ދަރިންބަލަން ހުރުން އެންމެ ރަނގަޅުގޮތަކީ… ދީނުގައި އަންގަވާފައިވާ ގޮތަކީވެސް އެއީ.. އަ ންހެނުން ބޭރުގަ ވަޒީފާ އަދާކުރާ ހިސާބުންފެށިގެން ގޯސްވެފަ މި ހުންނަނީ، އޮފީހުގަ ކޮންމެސްފިރިހެނެއްގެ ކަންތައްވާނެ ގިނަ މީހުން އުޅޭނީ އައުރަނިވާނުކޮށް ،، ދެން އަނެއްކަމަކީ ދަރިންރަނގަޅަށް ތަރުބިއްޔަތު ނުކުރެވިފަ ހުންނާނީ
ހުސެން ވިދާޅުވީ
ތާރީޚް:30/10/2012
އަންހެނުން ގޭގައި ދަރިން ބެލުމަށާއި ގޭގައި ކުރަންޖެހޭ މަސައްކަތަށް ހުސްވެ އިންނަން އަމިއްލައަށް އެދެންޏާ އެގޮތް އެންމެ ރަނގަޅު. އެހެނަސް އެނިންމުން ނިންމާނީ އެއަންހެނާ. އެއީ ފިރިމީހާ އޭނާއަށް ނިންމާދޭ ނިންމުމަކަށްވާނަމަ، ނުވަތަ އެނިންމުމެއް އަންހެންމީހާ ނިންމަކީ މަޖުބޫރު ހީވެގެންނަމަ، އެގޯސްވީ. އެއީ އެކަމުގައި، އޭނާގެ ދިރިއުޅުމުގެ ނިންމުމެއްގައި އޭނާގެ ބާރު ނެތުނީ. ކުދިން ބެލުމަކީ ބުރަކަމެއް. ކުދިން ހޯދުމުގެ ކުރިން ލިބޭ މުސާރައާއި، ކުރަންޖެހޭ ޚަރަދާއި، ލިބޭ ވަގުތާއި ދެމަފިރިންގެ ޒިންމާއަކީ ކޮބާކަން ދެނެގަނެ، މިފަދަ ހުރިހާކަމަކަށް ދެމަފިރިން ވިސްނާ ވަކި ގޮތެއް ޚިޔާރުކުރަންޖެހެނީ މިސަބަބަށްޓަކައި!
ހަސަން ވިދާޅުވީ
ތާރީޚް:30/10/2012
ދަރިން މަގުގެއްލި ހަލާކުވަނީ ހަމައެކަނި އަނބިން ވަޒީފާ އަދާކުރާތީތަ؟ ނިކަން މިރަށުގައި އުޅޭ ވިޔާނުދާ ކުދިންނަކީ ތިޔަބުނާ ގެވެހި އަނބިން ތަރުބިއްޔަތުކުރާ ކުދިން. އަނެއްކޮޅުން ވަޒީފާގައި އުޅޭ މީުންގެ ދަރިންގެ ތެރޭގައި ގިނައީ ކިޔެވުމަށްވެސް މޮޅު ރަނގަޅުކުދިން. ސަބަބަކީ އެކުދިންގެ މައިންނަށް މާ ތަންދޮރު އެނގޭ. މައްސަލަ އަކަށްވަނީ ވަޒީފާއަދާކުރާތީއެއްނޫން. އެކަމަކު ދަރިންނާއިއެކު ކޮލިޓީކޮށް ވަގުތު ހޭދަނުކުރާތީ.
ހުސެންބެ ވިދާޅުވީ
ތާރީޚް:31/10/2012
ދީނުގައި އޮންނަނީ އަންހެނުން ގޭގައި ދަރިން ބެލުމޭ ބުނެ އަންހެނުންނަށް ލިބެންޖެހޭ އައުލީމް ނުލިބިއްޖެ ނަމަ އެއީ ލިބޭ ވަރަށް ބޮޑުގެއްލުމެއް. މިސާލަކަށް އޭރުން މާބަނޑު މީހުން ވިއްސުމަށްވެސް، އަދި މިނޫނަސް އަންހެނުންގެ ހާއްސަ ބަލިތަކުގެ ޑަކްޓަރުންގެ ގޮތުގައި ތިބޭނީ ފިރިހެނުން.
އަންހެނުން ނަށް އެމީހުން މަސައްކަތް ކުރާ މާހައުލުން ފިރިހެނުން ގޯނާ ކުރުމަކީ އަދި އެހެން މައްސަލައެއް. އެކަން ޖެހޭނީ މި ނިޒާމް ހާރުދަނާ ކޮށްގެނ ރަނގަޅުކުރަން. މިސާލަކަށް އަން ހެނުންގެ ހާއްސަ ހޮސްޕިޓަލެއް ހުރުން. މިހޮސްޕިޓަލުގައި އުޅެންޖެހޭނީ ހުސް އަންހެނުން ހިދުމަތް ދިނުމަށާއި. ލިބިގަތުމަށް.
ހަސަން ވިދާޅުވީ
ތާރީޚް:31/10/2012
ރާއްޖޭގައި ހާހަކަށްވުރެ ގިނަ ރަށް އެބަ އޮތް. ވީމާ އަންހެނުންނަށް ވަކިރަށެއް، ފިރިހެނުންނަށް ވަކިރަށެއް ހަދަންފެނޭ. އަންހެނުން އިންނާނީވެސް އަންހެނުންނާ، ފިރިހެނުން އިންނާނީވެސް ފިރިހެނުންނާ. އޯކޭދޯ!
ބޮޑޭ ވިދާޅުވީ
ތާރީޚް:03/11/2012
ހަގީގަތުގައި ގައުމުބިނާ ކުރުމުގައި އަންހެނުންގެ ރޯލްވަރަށްބޮޑު. އެއީ ބޭރަށްގޮސްގެން ވަޒިފާ އަދާކުރިޔަސް ގޭގައި އިނައިސް އަންހެނުންގެ ހިއްސާނެތި އެއްވެސްކަމެއް ފުރިހަމައެއްނުވާނެ. އަޅުގަނޑުދެކޭ ގޮތުގައި މޮޅަށްކިޔަވަންވީ އަންހެނުން، ސަބަބަކީ އޭނާގެ އާއިލާ އަށާއި މުޖުތަމައަށް އެންމެ ބޮޑުފައިދާއެއް ކޮއްދެވޭނީ ކިޔަވައިގެންތިބި ހޭލުންތެރި ދީނަށްލޯބިކުރާ އަންހެނުން ގިނަވެގެން. މިހާރު ރާއްޖެއަށް އެންމެ ބޭނުންވަނީ މަސައްކަތްކުރާނެ ފިރިހެނުން އަދި ރަނގަޅުގޮތުގައި ދަރިންތަރުބިއްޔަތުކުރާނެ އަންހެނުން.
އިބްރާހީމް ޢަލީ ވިދާޅުވީ
ތާރީޚް:04/11/2012
http://www.haveeru.com.mv/dhivehi/world/129481
މަތީގައިވާ ލިންކަށް ކުލިކް ކޮށްލައްވާށެވެ. ބައެއް މީހުން ބޭނުންވަނީ މިގޮތްކަންނޭނގެއެވެ.