Share

ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ތިބާގެ އަބުރު ތިބާއަށް މުހިންމެވެ.

ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ތިބާގެ އަބުރު ތިބާއަށް މުހިންމެވެ.
ހާޝިމް

މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހެވެ. ރާއްޖެއަށް 2 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މ. ރަތްކޮކާގޭ ހަސަން ސުމޭހު ހުސައިން ކިޔާ މީހަކު ޢުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރިއެވެ. އޭގެ ބަރާބަރު 5 މަސް ދުވަސް ފަހެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރަކަށް ހުރި އަދުނާނު ހުސައިން، އޭނާގެ އަމިއްލަ އަންހެން ދަރިފުޅާއެކު އެތައް ފަހަރަކު ޖިންސީ ގުޅުން ހިންގާފައިވާ މައްސަލައެއް އެކުއްޖާގެ މަންމަ ކޯޓަށް ހުށަހަޅައި އެމައްސަލައިގެ ޝަރީޢަތް ކޯޓުގައި ފެށިއެވެ.

މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހެވެ. ކުޑަ ފިރިހެން ކުދިންތަކަކަށް ރަލާއި މަސްތުވާތަކެތިދީ، އޭގެ ތެރެއިން މަދުވެގެން 35 ކުދިންނާއެކު އެންމެ ވިޔާނުދާގޮތަށް އެއްޖިންސުން ޖިންސީ ގުޅުން ހިންގައި، އެތަން ފޮޓޯނަގައި، ވީޑިޔޯކޮށް، އެތަކެތި އިންޓަނެޓް ސައިޓްތަކަށް ވިއްކާތާ އެތައް ދުވަހެއް ވެފައިވާކަމަށް ތުހުމަތު ކުރެވޭ ގ. ވޭވަރު ޙުސައިން ފަޒީލު ކިޔާ މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އޭގެ 1 ދުވަސް ފަހެވެ. ތ އަތޮޅު އޮމަދޫ  ކަސްތޫރިމާގޭ އައިމިނަތު ޙުސައިން އޭނާގެ ފިރިމީހާ ހަސަން ޝިމާމު ނޫން އެހެން މީހަކަށް ވިހޭ ކުއްޖަކު މަރާލައި، އެރަށު އަތިރިމަތީގައި ވަޅުލާފައިވަނިކޮށް ފެނިގެން އެދެމީހުންނާއި، އެކުއްޖާގެ މާމަ ސަކީނާ ޢަލީ ފުލުހުން ހައްޔަރުކުރިއެވެ.

މިހުސްވި އޭޕްރީލް މަހުގެ 16 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންގެ ފައިސާގެ ތެރެއިން ތީމުގެ ބަޖެޓުން ކުރައްވާފައިވާ ޚިޔާނާތުގެ އެތައް ޢަމަލެއްގެ ތަފްޞީލް ހިމެނޭ ރިޕޯޓެއް ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވިއެވެ. އެމަހުގެ 29 ވަނަ ދުވަހެވެ. ވޭސްޓް މެނޭޖްމެންޓް ސެކްޝަންގައި މަސައްކަތްކުރި އިސްމާޢިލް ޢަބްދުލް ޙަމީދު، ސަރުކާރަށް ކޮޅުވެއްޓިއެއް ގަތުމުގެ ތެރޭގައި 8.3 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާތީ، އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއެވެ. އޭގެ 7 ދުވަސް ފަހުން އައި މި މެއި މަހުގެ 6 ވަނަ ދުވަހެވެ. މައުމޫންގެ ކޮއްކޮއެއް ކަމުގައިވާ ޢަބްދު ﷲ އަލްޤީން، ޖަޕާންގެ އަމިއްލަ ޖަމިއްޔާއަކުން ދިވެހިރާއްޖެއަށް ދިން 2.2 މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެއަށް ޚިޔާނާތްތެރިވި މައްސަލަ ކޯޓަށް ހުށަހެޅުނެވެ.

އާދޭހެވެ! އިސްވެ ދެންނެވުނު ކޮންމެ ކަމެއްގައި ވެސް ބެދޭ ފަރާތަކީ ތިބާކަމުގައި ކުޑަކުޑަ އިރުކޮޅަކަށް ހީފުޅުކޮށްލައްވާށެވެ. އޭރުން ތިބާއަށް ކުރެއްވޭނީ ކޮންކަހަލަ އިޙުސާސްތަކެއްތޯ ވިސްނާވަޑައިގެން ބައްލަވާށެވެ؟ ލަދުފުޅު ގަންނާނެތޯއެވެ؟ ތިބާގެ މައިންބަފައިންނާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާނެތޯއެވެ؟ ތިބާގެ ޢާއިލާގެ ބޭފުޅުން ތިބާގެ މިޢަމަލަށް ތަރުޙީބު ދެއްވާނެތޯއެވެ؟ މިކަމަށް ފަހު ވެސް ތިބާގެ އެކުވެރިން ތިބާއާއި އެކުގައި އުޅުއްވުމަށް ބޭނުންފުޅުވާނެތޯއެވެ؟ ތިބާގެ ފޮޓޯ ޓީވީއިންނާއި ނޫސްތަކުން މީހުންނަށް ފެނުމުން މަގުމައްޗަށް ނުކުމެވަޑައިގަތުމަށް ކެރިވަޑައިގަންނަވާނެތޯއެވެ؟ އަދި އަމުދުން މިއިން މައްސަލައެއްގައި ޝަރީޢަތުގައި ތިބާ ކުށްވެރިވެވަޑައިގެންފިނަމަ، އެކަން އެނގިވަޑައިގަންނަވާނެ ކިތައް ބޭފުޅުން ތިއްބަވާނެތޯއެވެ؟ އެއިން ބޭފުޅަކު ތިބާއާ ދެން އަލުން ވާހަކަފުޅު ދައްކަވާނެތޯއެވެ؟ ތިބާއަށް އިތުބާރުކުރައްވާ ބޭފުޅުން އަދިވެސް ހަމަ އެގޮތަށް އިތުބާރުކުރައްވާނެތޯއެވެ؟ މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ވެސް ވިސްނާ ވަޑައިގަތުން  ވަރަށް ވެސް ރަނގަޅު ނުކުތާތަކެކެވެ. އެއީ ކީއްވެގެންކަން މިތާނގައި ހާމަކޮށްލެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ.

އިސްވެ ދެންނެވުނު ކޮންމެ ހާދިސާއަކީ ވެސް، އަޅުގަނޑުމެންގެ މުޖުތަމަޢު ކީއްކުރަންތޯ މުޅި ދުނިޔޭގެ އެއްވެސް ތަނެއްގައި އާންމުކޮށް ވެސް ޤަބޫލުކުރާނެ ކަންތައްތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެފަދަ ކަމެއް ކުރާ ކޮންމެ މީހަކާ ދޭތެރޭ މުޅި މުޖުތަމަޢާއި ގައުމުގެ އެންމެންގެ ރުޅިއާއި ނަފްރަތު އަމާޒުވާނެ ކަންކަމެވެ. އަދި އެއިން ކަމެއް އެމީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް  އިންތިހާއީ ބޮޑެތި އަދަބު ވެސް ލިބޭނެ ކަންކަމެވެ. ހަމައެހެންމެ، އެއަދަބުން ސަލާމަތްވެގެން އަޔަސް އޭނާއާއި ގުޅޭނެ އަދި އިތުބާރު ކުރާނެ އެކުވެރިން މަދުވެ، އޭނާއަށް މީހުންގެ ލައުނަތް އަބަދު ލިބޭނެ ކަންކަމެވެ. އެއީ ކީއްވެގެންތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ، އޭނާގެ އަބުރު ގެއްލިފައިވާތީއެވެ. އޭނާގެ ޖިސްމުގައި ޤުދުރަތުން ލައްވަވާދެއްވާފައިވާ އަބުރުގެ ރީތި ފޭރާން ބޭލި، އޭނާއަކީ ނުރައްކާތެރި ޖަނަވާރެއްގެ ގޮތުގައި މީހުންނަށް ފެނިގެންދާ ކަމަށް ވެސް ވާތީއެވެ.

މިހިސާބުން ދެން އުފެދޭ ސުވާލަކީ އަބުރަކީ ކޮންއެއްޗެއްތޯ؟ މިސުވާލުގެ ޖަވާބަކީ ވަރަށް ފަސޭހަ ޖަވާބެކެވެ. އަބުރުގެ މާނައަކީ ތިބާ ދެކެ މުޖުތަމަޢުގެ އެންމެންވާ ލޯތްބެވެ. ކުރާ އިޙްތިރާމާއި އިތުބާރެވެ. ބަހައްޓާ ރަޙުމާއި އޯގާތެރިކަމެވެ. ދޭ ޤަދަރާއި އިއްޒަތެވެ. މިހުރިހާ ކަމެއް އެކުލެވިގެން ތިބާއަށް ލިބިވަޑައިގެންފައިވާ ޝަރަފެވެ. ތިބާއާއި ގުޅުވައިގެން ހުތުރު އަޑުތައް ނޭރުމެވެ. އެހެންކަމުން، ތިބާއާމެދު މިމަގުން ކަންތައްތައް ހުންނަނަމަ، ތިބާއަކީ އަބުރުވެރިއެކެވެ. އަދި މިދެންނެވި ސިފަތައް ތިބާއާ ދޭތެރޭ އިތުރުވަމުންދާ ވަރަކަށް ތިބާގެ އަބުރުވެރިކަން ވެސް އިތުރުވާނެއެވެ. ދެން އުފެދޭ ސުވާލަކީ އެއަބުރު ރައްކާތެރިކުރާނީ ކިހިނެއްތޯއެވެ؟ އެސުވާލުގެ ޖަވާބު ވެސް ވަރަށް ސާފެވެ. އެއީ، ޤަވާއިދުތަކާއި ޤާނޫނުތަކާއި، ރިވެތި އަޚުލާޤުގެ މިންގަނޑުގެ ތެރޭގައި ތިބާގެ ހުރިހާ ޢަމަލުތަކެއް ބަހައްޓަވައިގެންނެވެ. ތިބާގެ އެއްވެސް ނުރަނގަޅު ސިފައެއް އަނެކުންނަށް ނުދައްކަވައި ހިފަހައްޓަވައިގެންނެވެ. އަނެކުންނާ މެދު ހެޔޮކޮށް ރަނގަޅަށް ހިއްތަވައިގެންނެވެ. ތިބާ ކުރައްވާ ކޮންމެ ކަމަކީ ވެސް އަމާނާތްތެރިކަމާއެކު، ތެދުވެރިކަން މަތީގައި ކުރައްވާ ކަމަކަށް ހައްދަވައިގެންނެވެ. ތިބާގެ ކިބައިގައިވާ އެދުންވެރިކަން އަނެކުންނަށް ފެންނަ ހިސާބުގައި ފާޅުނުކުރައްވާ، އެފަދަ ވާހަކައެއް ވެސް ތިބާއާއި ބެހޭ ގޮތުން ބަޔަކު އުފެއްދުމަށް ކުޑަކުޑަ ފުރުސަތެއް ވެސް ނުދެއްވައިގެންނެވެ. މިއީ އަޅުގަނޑު ހިތުން ކުރައްވަން އުނދަގޫ ކަންތައްތަކެއް ނޫނެވެ.

އާދޭހެވެ! ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ވެސް ތިބާގެ އަބުރު ތިބާއަށް މުހިންމެވެ. ސަބަބަކީ، ތިބާ ދުނިޔޭގައި ޙަޔާތް ވޭތުކުރައްވައި ދުނިޔެއިން ވަކިވެވަޑައިގަންނަވާއިރު ހަސަން ސުމޭހު ފަދަ ޑްރަގު ވިއްކާ މީހަކަށް، އަދުނާނު ހުސައިން ފަދަ އަމިއްލަ ދަރިންނާ ޖިންސީ ގުޅުން ހިންގާ މީހަކަށް، ހުސައިން ފަޒީލު ފަދަ ކުޑަކުދިންނާ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހަކަށް، އައިމިނަތު ޙުސައިނާއި، ހަސަން ޝިމާމާއި، ސަކީނާ ޢަލީ ފަދަ ތުއްތު މައުޞޫމް ކުދިން މަރާ ޤާތިލުންނަށް އަދި މައުމޫން ޢަބްދުލް ޤައްޔޫމާއި، އިސްމާޢިލް ޢަބްދުލް ޙަމީދާއި، ޢަބްދު ﷲ އަލްޤީން ފަދަ ޚާއިނުންނަށްވެ، މުޖުތަމަޢުގައި މަޝްހޫރުވެވަޑައިގަތުމަށް ތިބާ ބޭނުންފުޅުވެ ވަޑައިނުގަންނަވާނެތީއެވެ. އަދި އެއީ ދުނިޔޭގައި އުޅުއްވުމަށް އޮތް އެންމެ ރީތި އަދި އެންމެ މޮޅު މަގުކަމުގައި ވެސް ނުވާތީއެވެ.

‮ ‬28‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. dog‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ހާޝިމްގެ ތިވާހަކަ ކިތަމެހާވެސް ރަގަޅު އެކަމަކު ތިޔުންވެސް ބުރަވެފައިވަނީ ވަކިކޮޅަކަށް ހާޝިމްގެ ބޭނުމަކީ މައުމޫންގެ ނަން ހިމަނައިގެން ހަޑިމުޑުދާރުކަންތައްތަކެއް ހިމަނަން، އަޅުގަނޑު ނުބުނަން މައުމޫން ތިބުނާކަންތައް ނުކުރެއެކޭ، އަދި އަންނިވެސް މިގައުމުގެ ދަރިން މަރާ ޓޫރިޒަމް ވައްޓާލުމަށާއި ގައުމު ތެރޭގައި ފިތުނަ އުފައްދާ ހެދުމަށް މަސައްކަތް ނުކުރެއެކޭ އަދި މިހާރުވެސް ރައްޔިތުންގެ ފައިސާއިން އަންނި އިސްރާފްކޮށް ހިޔާނަތްތެރި ވަމުން ނުދެއެކޭ އެކަމަކު މިއިން އެއްޗެއް އެބޭފުޅާގެ ނަންމަށް ނިސްބަތްކޮށް އަޅުގަނޑަށް ބުނެވޭނީ ލޮލުން ދެކިގެން ނުވަތަ ސަރީއަތުން ހުކުމެއް ކުރެވިގެންދޯ. ތިބުނާ ކަންތަކުގައި މައުމޫނަށް ހުކުންކޮށްފިތަ؟ ނުކުރޭދޯ އެހެންވީމާ ހާޝިމްގެ މަގުސަދަކީ މައުމޫންގެ އަބުރު ވައްޓާލުން، މީހެއް ދެކެ ރުޅިއައިނަމަވެސް ހަދަވެރިވުން އެއީ ރަގަޅު އަދި އިސްލާމްދީން ރުހޭ ގޮތެއް ނޫން. މިގައުމުގެ ޅަދަރިން މަގުމައްޗަށް ނިކުމެ ހިތުހުރިގޮތަކަށް އުޅެން ދަސްކޮށްދިނީ ކާކު، މީހުންގެ އަބުރަށް އަރައިގަނެ އިސްވެރިންނާއި ދިމާލަށް މަލާމަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްދޭން ދަސްކޮށްދިނީ ކާކު. ފުލުހުންނާއި ސިފައިންގެ ގައިގާ ތަޅާމެރުމަށް ގޮވާލީ ކާކު. 24 ގަޑިއިރު ހަމާގައި ތިބެން ބޭނުންނުވާ މީހުންނަށް ގަންޖާ ދިނުމަށް ގޮވާލީކާކު. ސަރުކާރާއި ހަވާލުކޮށްފައިވާ ފައިސާ އާއި މުދާ ބޭނުންކޮށްގެން ވަކި ބަޔަކަށް ކެންޕޭން ކުރަމުން ގެންދިޔައީ ކާކު، މިއީ ކުށެއް ނޫންދޯ.

  2. ބަތްލޮޑޭ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ޝައްކެއް ވަސްވާހެއް ނެތް، ހާޝިމްގެ މި ލިޔުމުގެ މައިގަނޑު ބޭނުމަކީ މައުމޫންގެ ވާހަކަ ދެއްކުން. އެހެން ނޫނީ ހާޝިމް ހީވަނީ ފާޑެއްގެ ސައިކޯއެއްހެން މައުމޫނު މައުމޫނު ކިޔައިގެން ފެލޭއިރު. ދެން މި ދަނޑިވަޅުގައި މައުމޫނު އަބްދުލްގައްޔޫމް ވާހަކަ ދައްކަނީ ހަމަ އެންމެ ބޭނުމަކު، އެއީ މިހާރު މި ހިނގާ ސަރުކާރުން ކުރާ އަނިޔާވެރި އަމަލުތައް ފޮރުވުން ނޫން އެހެން އެއްވެސް ކަމެއް ނޫން. ތިމަރަ ފުށީގައި 115 ވޯޓުކަރުދާސް ގެއްލި، އަދި މި ނޫނަސް އެތައް ބައިވަރު ކަންތައްތަކެއް ހިނގައިގެން އެރަށުގަ ކުރިން ލީ ވޯޓު ބާތިލްވެދާނެކަމުގެ ބިރަށް ސަރުކާރުން ނެރެގެން އުޅޭ ގުންޑާއިން ތަންތަނަށް އެއްވެ ހަމަނުޖެހުން އުފައްދަން މަސަކަތްކުރަމުން އެދަނީ.. މިއީ ދިވެހިރާއްޖޭގަ ބޮޑު ފިތުނައެއް ރޯކުރަން އުޅޭ ބައިގަނޑެއް.

  3. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދުނބުރި ހުއްތު
    މީގައި ޢިބާރާތްތައް ވިޔެ ގަތާލާފައި މިހިރަ ފެންނަނީ ހަމަ ވަރަށް ފުރިހަމައަށް، ދެން ކޮޅު ކޮޅު، އެކޮޅަށް ޖެހިފައި ވަކިއަތަކަށް ބުރަވެފައި މިހެންނެއް ކިޔާނެ ކަމެއް ނެތް، މީގައި ނެތް އެއްވެސް ދޮގެއް ހަމަ، އަނެއްކާ ސާބިތު ނުވާ މައްސަލަތައް ސާބިތު ނުވާ ކަން ވެސް އެނގެން އެބަހުރި، ދެން ހާޝިމް މެން އަސްލު ބޭނުމެއް ނުވާނެ މިހެން ތަޢުރީފުގެ ބަސްތަކެއް، އެހެންވީމާ އަޅައިގަތް ދެ ތަންކޮޅެއްގެ ވާހަކަ ބުނެލާނަން،
    “މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ވެސް ވިސްނާ ވަޑައިގަތުން ވަރަށް ވެސް ރަނގަޅު ނުކުތާތަކެކެވެ.” އަޅުގަނޑުމެން ކޮންމެ ބޭފުޅެއް ވީމަ، އަޅުގަނޑު ވެސް ބޭފުޅަކަށް ވީ، އެހެންވީމާ ދުނބުރި ހުއްތުގެ ނަޒަރުގައި މިތާ އޮންނަންވާނީ “އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނާލުން” މި ކަހަލަ ގޮތަކަށް،
    އަނެއް ތަންކޮޅަކީ “އޭނާގެ ޖިސްމުގައި ޤުދުރަތުން ލައްވަވާދެއްވާފައިވާ އަބުރުގެ ރީތި ފޭރާން ބޭލި،” ޙަޤީޤަތުގައި މިއީ ވަރަށް ރީތި މަޖާޒީ ޖުމުލައެއް، އެހެނަސް ދުނބުރި ހުއްތު ހިތުން ޢަބުރުގެ ފޭރާން ލާނީ ނަފުސު، ރޫޙު،
    ދެން އެހެން ގޮތްގޮތުން ހަމަ ބުނެވޭނީ ހާޝިމް ނުލިޔުއްވައޭ އަދި މި ވަރު ލިޔުމެއް، މި ހަމަ އެއްވަނަ، ޢިބާރާތްތައް ހާދަހާއޭ ބުގިސްވެފައި ފުރިހަމައީ.

  4. ތެޔޮބިޑި ރައީސް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    މި ކުޅުދުއްފުށި ޑޮޓްކޮމް ގަ މި ލިޔަނީ ނު ހާޝިމް ކިޔާ ކުއްޖެއް؟ ކޮން ކުއްޖެއްތަ އެއީ؟ ޒިޔައްޓެ ބައިލަ ކޮން ކުއްޖެއްތޯއެއީ.. ކައުންސެލަރުކަން ބޭނުންވެގެން ކަންނޭނގެ އެއުޅެނީ. ބައިކޮޅު މިހާ މަދުވަމުން ދާ އިރު އެކަހަލަ ރީކޯއިން ނިކަން ބޭނުންވާނެ އަހަރުންނަށް.

  5. މާވަހަރު‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދެން ވަރަށް ފުރިހަމަވީސް އިނގޭ އިބްރާހިމް ހުސެންޒަކީމެން ވާހަކަ މިޔަށް އިތުރުކޮށްލިނަމަ

  6. އިބުރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    މި ހާޝިމަކީ ކޮންފެންވަރެއްގެ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ! ތިޔަ ބޭފުޅާއަށް އަބުރު އެހާ މުހިންމު އެއްޗަކަށްވީއިރު އެހެންބޭފުޅުންގެ އަބުރުގެއްލޭފަދަ، އެބޭބޭފުޅުންގެ އަބުރަށް ހުތުރުވާފަދަ ވާހަކަތައް ތިޔަދައްކަވަނީ ކީއްވެތޯ؟ ތިޔަބޭފުޅާގެ ވާހަކަ މިފަދަގޮތަކަށް ދެއްކެވުމަށް ތިޔަބޭފުޅާ ރުހެމުތޯ؟ ބުނާތީ އިވޭ މިއީ ވައިކަރަދޫ ކައުންސެލަރ ހާޝިމްކަމަށް! އެހެންކަމަށްވާނަމަ މިނިމުނު އިންތިހާބުގައި އެބޭފުޅާގެ އަބުރުގެއްލޭފަދަ ނުވަތަ އަބުރަށް ހުތުރު އަރާފަދަ ކަންތައްތައްކެއް ހިނގާ ނުދޭތޯ ސުވާލުކޮށްލަ ބައްލަވާ! ހދ. އަތޮޅު މަދަރުސާއަށް ކެންޕޭނުގައި ހަދިޔާކުރި ތަކެތި، އެބޭފުޅުން ކެންޕޭނުކުރެއްވި އެމް. ޑީ. ޕީ ގެ ކެނޑިޑޭޓް ނުހޮވުމުން އަތުލާފައިވާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައި! މީ ކިހާ ދަށްފެންވަރުގެ ޢަމަލެއްތޯ!!!!!!

  7. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ހާޝިމް އެއީ ވައިކަރަދޫ ހާޝިމް ނޫން ކަމަށް އޭނާ ބުނެފައިވޭ ވަރަށް ގިނައިން..ދެން އަނެއް ކަމަކީ މީހުންގެ އަބުރާ ބެހުން…ކުއްޓިއަކަސް އެހެން މީހަކަސް ރައްޔިތުންގެ ނޯކަރަކަށް ވާން އަންނަންޏާ ބަލަން ޖެހޭނެ، އެއީ އިތުބާރު ހިފޭ މީހެއްތޯ އާއި، އަދި އޭނަ އާއި މެދު އެނގޭ ކަންތައްތައް ފާޅުކުރަންވެސް ޖެހޭނެ، ރަސޫލާގެ ޒަމާނުގައި އަވައްޓެރިއަކު އަވައްޓެރިއަކަށް ޖެއްސުންކުރާތީ، އެވާހަކަ ރަސޫލާ އަށް ދެންނެވުނީ..ދެން ސަހަބީ މިދަންނަވަނީ، ނެތި މޮށުމަކަށް ވެދާނެތީ، އެކަން ސިއްރު ކޮށްގެން ހުންނަ ކަމަށް، އެހިނދު އަވައްޓެރިޔާ ކުރާ ޖެއްސުންތައް، މަގު މަތިން ދާހާ މީހަކަށް އެންގުމަށް ރަސޫލާ ހަދީޘް ކުރެއްވި…މިފަދަ ހާދިޘާތައް ދިރާސާ ކުރުމަކީ އަޅުގަޑުމެންގެ އުޅުން ސީދާ ކުރަން އޮތް އެންމެ ފަހި ގޮތް..

  8. ގޮޅާ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ވަރަށް ފުރިހަމަ ލިޔުމެއް

  9. ޓީވީ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދިވެހިރާއްޖޭގައި މިހާރު ފެތުރިފައިމިވާ މައުމޫން ފުލޫ ނުވަތަ މައުމޫން ރޯގާއަށް ވެކްސިނެއް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. މިރޯގާއަކީ ބައެއްފަރާތްތަކުގެ ބުއްދިގޯސްވެ ދުލުންނާއި ގަލަމުން މީނޫން އެއްޗެއް ނުލިޔެވޭ ދަރަޖައަށް ގޮސްފައިވާ ބައްޔެކެވެ. މިބަލީގެ ޝިކާރައަށް ވެފައިވާ މީހުންނަށް ހުވަފެނުގައިވެސް ފެންނަނީ މައުމޫނެވެ. މިބަލި މިއަށްވުރެ ބޮޑަށް ފެތުރިގެންގޮސްފިނަމަ ހުރިހާމީހުންގެ ނަން މައުމޫނަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރުހީވެއެވެ. ވީމާ، ވެކްސިން ތައްޔާރުކޮށް ދެއްވުމަށް އެދިލައްވާ ފަރާތްތަކުން އެފަރާތްތަކުގެ ޕްރޮޕޯޝަލް ތައް 18 މެއި 2009 ގެ 16:00 ގެ ކުރިން މިސައިޓްގެ ޝުޢޫރު ލިޔުއްވާ ގޮޅިއަށް ފޮނުއްވުން އެދެމެވެ.

  10. މައުސް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ހާޝިމޫ ދެން މިއަށްވުރެ ވަކި ބޮޑަކަށް މީހެއްގެ އަބުރަކަށް އަރައެއް ނުގަނެވޭނެ.. މައުމޫނާ ހިތާވިޔަސް ތީ ބޮޑުވަރު.. ތިހެން އަދި އުޅެގެނެއް އަންނި އެކުރާ ނުބައި ކަންތައްތަކުގް އައްޗެއް ނުޖެހޭނެ..

  11. މައުސް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    މާފު ކުރައްވާ.. އަންނި އެކުރާ ނުބައި ކަންތަކުގަ މައްޗެއް ނުޖެހޭނެ..

  12. ފުލުހެއް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ހާޝިމޫ، މައުމޫން 30 އަހަރު ވެރިކަންކޮށް އެތައްބައިވަރު ލާރިއެއް ކޭވާހަކަ ހާޝިމް ބުނާހެން ހީވޭ، ހާޝިމް އަށް 30 އަހަރު ދުވަހު ވެރިކަންކުރަން ލިބިއްޖެނަމަ އެއްވެސް އެއްޗެއް ނުކައި ހުރެވޭނެބާ، މިބުނީ މައުމޫން ކޭކަމަށް ހާޝިމް ބުނާ ބީދައިން، ދެން އަންނި 05 އަހަރު ދުވަހު ވެރިކަމުގައި ހުރުމަށް މިއޮތީ ރައްޔިތުން ނިންމާފައި އޭނާގެ މިވާ 100 ކޮންމެވެސް ދުވަހެއްގެ ތެރޭގައި ކިހާފައިސާއެއް ކައިފިތަ؟ ކިތައް ގައުމަށް ބޭކާރު ގޮތުގައި ބޭކާރު މީހުން އެކުގައި ގޮސްފިތަ؟ މިއީ މައުމޫނު ކޭކަމަށް ޚާޝިމް ތިބުނާ ގޮތެއް ނޫންތަ؟ އަންނިގެ ދައުރުގައި އައީ އެންމެ އިންތިހާބެއް އެ އިންތިހާބުގައި ވެގެން އުޅޭގޮތް ހާޝިމް އަށް ނުފެނޭތަ؟ ބަލަގާ އެއީ ރައްޔިތުންގެ ހައްގުތަކެކޭ އެއަށް އަރައިގަތުން އެއީ ކުށެއް ނޫންތަ؟ އަންނިގެ 05 އަހަރު ނިމޭއިރު މިގައުމުގެ ކިތައް ބިން ބޭރަށް ވިއްކާލާނެބާ؟ އެފަދަކަމެއް ވޭތުވި 30 އަހަރު ދުވަހު ހިނގާފައިވާބާ؟ މައުމޫން ވެސް ރަގަޅެކޭ ނޫން އެކަމަކު އަންނިއަށް ވުރެން ރަގަޅު ކަމަށް އަޅުގަނޑަށް ފެނޭ. މިރާއްޖޭގައި މަސްތުވާތަކެތި ފެތުރިގެން ގޮސްފައިވާ ގޮތުން އެކަމަކީ މައުމޫން ޒިންމާ އުފުލަންޖެހޭކަމެއް. މިގައުމަށް ލިބިފައިވާ ކުރިއެރުންތަކަކީ މައުމޫންގެ މޭސްތިރިކަމުގައި ލިބިފައިވާ ކުރިއެރުން، މިގައުމުގެ ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލާފައިވަނީ މައުމޫންގެ އިހުމާލުން. އެކަންކޮށްފައިވަނީ އަންނި. އެކަމުގެ ސަބަބުން ގައުމު މިވަނީ ނާންމާވެ ދިރިއުޅުމަށް ބިރުގަތްފަ.

  13. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ހާޝިމްގެ ލިއުން ވަރަށް ފުރިހަމަ.އަދި އަޅުގަނޑު ދަންނަވަން ޖެހެނީ މީހުންގެ އަބުރަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި ކުރެވިގެން ވާނެ ކަމެއްނޫނޭ.އަދީ މިފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަން މިއަދަކީ ދުނިޔޭގެ ޓެލެކޮމިނިކޭޝަން ދުވަސް،މިއަދުގެ ސިއާރަކީ “އިންޓަރނެޓުގެ ގޯސް އާދަތަކުން ކުޑަކުދިން ސަލާމަތްކުރުން” ވީމާ މިސައިޓުގައި ލިޔެވޭ ލިއުންތައް އަދި އެލިޔުންތަކަށް ފާޅުކުރާ ހިޔާލުތަކަކީ ކުޑަކުދިން ނަން ވެސް ކިއޭފެންވަރެއްގެ އަދި މީހުންގެ އަބުރަށް އަރައިނުނަގަނެ ލިއެފއެފައިވާ ލިއުމަކަށް ނޫނީ ހިޔާލަކަށް ވުން ވަރަށް މުހިއްމު.

  14. ވަކިފަރާތަކަށް ނުޖެހޭ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ގަޅިބެއަށް:
    ވަރަށް ޒަމާންވެއްޖެ ގަޅިބެ ކުރާ ކޮމެންޓުތަކަށް ވިސްނާތާ. މުޅިން ވެސް ފެންނަނީ ހާޝިމްގެ ދިފާޢުގަ ކޮމެންޓުކޮށްފަ ހުންނަ މަންޒަރު. އެހެން ނޫނީ ގަޅިބެ އަދި ފެނިފައެއް ނެތް. އެއީ މައްސަލައެއް ނޫން. އެކަމަކު އެކަން މާ ބޮޑަށް ފާހަގަވާތި ފާހަގަކުރެވުނުކަމެއް ބުނެލީމި. މައުމޫނު ވާހަކަ އަބަދު ގޮވުމަކީ މިހާރު ދިވެހިންނަށް ލިބެން އޮންނަ އަދުލު އިންސާފަށް ހިޔަނި އެޅޭނެ ކަމެއް. މައުމޫނު ވާހަކަ ދައްކާ މީހުން އެވާހަކަ ދައްކަނީ މިހާރުގެ ސަރުކާރުން ކުރާ ކަންތައްތައް ފޮރުވުމަށް. މިހާރުގެ ސަރުކާރު ފެއިލްވާ ވަރަކަށް އަލިވާގެ ދޮށަށް ހައްގު ހޯދުމުގެ ނަމުގަ އެއްވާ މީހުން ފެންނާނެ. މިބާވަތުގެ ލިޔުންތައް ގިނަވާނެ.
    ދެން އަދި ފާހަގަވާ އެހެންކަމެއް ވަސް ބުނެލާނަން. އެމްޑީޕީއަށާ އަންނިއަށް ތާއީދުކުރާ މީހުން ހަމަ އެއްވެސް ޖެހިލުމެއް ނެތި އެ ބުނެލަނީ އަންނީގެ ރަނގަޅުވާހަކަ އަދި އޭނާގެ އެއްވެސް ކުށެއް އޮތްކަމަކަށް ގަބޫލެއް ވެސް ނުކުރޭ. އެކަމަކު މައުމޫނަށް ތާއީދުކުރާ މީހަކު އެއްޗެކޭ ބުނުމުގެ ކުރިން އެބަ ބުނޭ.. “އަޅުގަނޑު ވެސް ނުބުނަން މައުމޫނު ރަނގަޅެކޭ” މިހެންވެސް. މި ވާގޮތަކީ، މައުމޫނު ރަނގަޅޭ ބުނުމަކީ ޓެބޫއަކަށް ވާ ދަރަޖައަށް އޮތީ ޕްރޮޕަގެންޑާ ފަތުރާފަ. އެހެން ބުނާ މީހާއަކަށް ނުކެރޭ ސީދަލަށް މައުމޫނަށް އޮންނަ ތާއީދު ހާމަކުރާކަށް. އެއީ ވެސް އެމްޑީޕީ މީހުން ދިވެހިންގެ މެދުގައި ނަފްސާނީ ގޮތުން ފަތުރާފައިވާ ބިރުވެރިކަމެއްގެ ސަބަބުން ވާކަމެއް. ހާޝިމްގެ ސަމާލުކަމަށް އަޅުގަނޑު ގެންނަން ބޭނުންވާ އެންމެ މުހިއްމު ނުކުތާއަކީ، އަދުގެ ސަރުކާރުން ފާޅުގައި ވަރަށް ބޮޑެތި ޚިޔާނާތްތަކާ ކުށްތައް ކުރާ މަންޒަރު އެބަ ފެނެޔޭ. އެކަންކަމަށް ލޯމަރާލައި ފޮރުވަން މަސަކަތްކުރުމަކީ އޭގައި ބައިވެރިވުމޭ، ނުވަތަ އެމީހުންނަށް އެފުރުސަތު ދެވެނީއޭ. މި ކަހަލަ ތަންތާ ލިޔަންޏާ ލިޔަންވީ މިހާރުގެ ސަރުކާރު ޒިންމާދާރުވާ ކަހަލަ ވާހަކަތަކޭ. ނުވަތަ މިސަރުކާރުވެސް ދިވެހިންނަށް ހަދާނެ އެއްޗެއް ހަދާފަ ފޭބީމަތަ އެވާހަކަ ދައްކާނީ؟

  15. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ބއެއް ބޭފުޅުންނަށް މި ހީވަނީ މިއީ ސިޔާސީ ލިޔުމެކޭ، އެހެންނެއް ނޫން މިއީ ރީތި އަޚްލާޤަށް ގޮވާލާފައިވާ ލިޔުމެއް، ދެން ހާޝިމު ގެނެސްފައި މިހުރީ ކިޔުންތެރިންނަށް ލޯ މަތިން ފެންނަން ހުރި މިސާލުތައް، އަނެއްކޮޅުން މި މިސާލުތަކުގައި އޮތީކީ ހަމައެކަނި މައުމޫނުގެ ވާޙަކަ އެއްވެސް ނޫނިއްޔަ، ދެން ފުކއް ބޮޑޫވަރު ކަލޯމެން ހާޝިމާ ޖައްސާލައިގެން އުޅުނަސް، ކަލޭމެން ބޭނުންވަނީ ކުރީގެ ސަރުކާރު ގެ ޚިޔާނާތަށް ފަސް އަޅަން، ހިތު ހުރި ގޮތަކަށް ވެރިކަން ކޮށްފައި ފޭބީމަ، ސޮރީ ބޭލީމަ އެވާހަހަކަ ދައްކާނެ، ހައްޤު ނޫން ތަޢޫރީފު ލިބުން ފަދައިން ޙައްޤު ނޫން އަނިޔާވެސް ކުރީގެ ރައީސް އަށް ލިބިދާނެ، އެއީ ދުނިޔޭޣަ ހަމަ، ހާޝިމަކީ ކަލޯމެން ތިޔަ ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ، ބަލައްޗެ އޭނަ އަދި މި ސަރުކާރު ޒިންމާދާރު ކުރުވަން ވެސް ލިޔުން ލިޔާނެ

  16. ގޮބޮޅިމާނު‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދުނބުރި ޅަހުއްތު ކަހަލަ ބަލާޣަތްތެރި އަދީބަކު ބުނާ އެއްޗަކަށް އެއްޗެއް ބުނަން މަ ޖެހިލުންވަސް ވޭ ހަގީގަތުގަ.
    އެކަމަކު ވާނެ ގޮތަކީ ވިހައެއް ހުރެދާނެ މާމުއި އަޅައިގެން ފޮނި ކޮށްފަ ވެސް. އޭރުންވަސް އެހަމަ ވާނީ ވިހަޔަކަށް. މި ލިޔުމަކީ ވަސް ހަމަ ސީދާ މައުމޫނަށް އަމާޒުކުރަންވެގެން ލިޔެފަ އޮތް އެއްޗެއްކަން އެނގޭ ކޮންމެހެން ދިވެހިބަހުން ބޮޑު ޑިގުރީއެއް ނެހެދިޔަސް. ބޮޑަށް އެކަން އެނގޭނީ ހާޝިމްގެ ކޮމެންޓުތަކާ އެހެން ލިޔުންތައް ކިޔާ މީހަކަށް. މައުމޫނު ކޮށްފަ ހުރި ކުށްތައް ފޮރުވާށެކޭ ނޫން. އެކަމަކު މައުމޫނޭ ކިޔައިގެން ފުދޭވަރަކަށް ވާހަކަ ދެއްކިއްޖެ. އޭގެ ނާޖާއިޒު ފައިދާ ނަގާނީ އަދުގެ ސަރުކާރުން. މައުމޫނުގެ ބާރެއް ނެތް މިހާރަކު. އެހެންވީމަ އޭނަ ގޮވައިގެން ސަރިއަތަށް ދޭ އަވަހަށް. އެކަމަކު ބާރު އޮތް މީހުން ހަމަ މަގަށް އަޅުވާނެ ފުރުސަތު ބޭނުން ނުކޮށް އަދި ވަސް މައުމޫނުގެ ވާހަކަ ދައްކައިގެން ކޮން ފައިދާއެއް އޮތީ؟ ދެން ހާޝިމް ގޯހެކޭ ނޫން. އޭނާއަށް އަދުގެ ސަރުކާރު ކުރާ އެއްވަސް ކަމެއް ނުފެންނަކަން އެއީ އެހާ ރަނގަޅުގޮތެއް ނޫން އެކަމަކު.

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    މިތާ ކޮމެންޓް ކުރެއްވި ހުރިހާ ބޭފުޅުންނަށް

    އެންމެ ފުރަތަމަ އަޅުގަނޑުގެ ލިޔުމަށް ކޮމެންޓްކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ލިޔުމަކަށް ކުރާ ކޮމެންޓްތަކުގެ ތެރެއަށް އަޅުގަނޑު ވެސް ވަދެ ވާހަކަ ދެއްކުމަކީ، ކުރިން ވެސް އަޅުގަނޑު ދަންނަވާފައިވާނެ ފަދައިން، އަޅުގަނޑު ކުރާ ކަމެއް ނޫނޭ. އެހެންނަމަވެސް، ހިތާ ދެކޮޅަށް މިތާނގައި އެއްޗެއް ދަންނަވާލަން މިޖެހުނީ ސަބަބަކާ ލައިގެން.

    އެސަބަބަކީ، އަޅުގަނޑު މިލިޔުން ލިޔުނު މަގުސަދު މިތަނުގައި ބައެއް ބޭފުޅުން އޮޅުވާލައްވާ، މިލިޔުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކި މައުޟޫ މުޅިން ބަދަލުކޮށްލައްވާފައިވާތީ. މިއީ މައުމޫނާ ދެކޮޅަށް ލިޔުނު ލިޔުމެއް ނޫން. އަޅުގަނޑު ހޯދީ ރިސާޗް ހަދައިގެން އަބުރު ގެއްލުމުގެ މިސާލުތަކެއް. އޭގެ ތެރޭގައި މައުމޫން ވެސް ހިމެނިވަޑައިގަތީ. ދެން ލިޔުމުގައިވާ މިއިން އެއްވެސް މިސާލަކީ، ދޮގެއް ނޫން. ނޫސްތަކުގައި ހުރި ވާހަކަ ހުރި ތާރީޚާއެކީ އެހެރީ. އަޅުގަނޑު އުޅުނީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެހެން އެންގަލްއަކުން ނަޒަރެއް ހިންގާލަން. އެކަމަކު، މިތަނުގައި ކޮމެންޓްކުރެއްވި ގިނަ ބޭފުޅުން އެގޮތަކަށް ނޫން ކަންތައް ކުރެއްވީ. އެހެންނަމަވެސް، ގަޅިބެއާއި ދުނބުރި ހުއްތު އެކަން ފާހަގަކޮށްލެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

  18. ގޮބޮޅިމާނު‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    އާނ އަދި އެއްވާހަކަ: މައުމޫނަކީ މި ދަރަޖައިގެ އަބުރުގެއްލިފައި އޮތް މުޖުރިމެއްތޯ ނޫންތޯ މި ސުވާލު އެއްކިބާކޮށްފަ މި ވާހަކަ މި ބުނަނީ.
    ޕްރޮޕަގެންޑާ ފަތުރާ މީހުން ބޭނުންކުރާ ވަރަށް އިފެކްޓިވް އުކުޅެއް އޮވޭ. އެއީ މިސާލަކަށް، ހުޅަނގުގެ މީޑިޔާތަކުން ޓެރަރިޒަމްގެ ވާހަކަ ދައްކާ އިރު ޓީވީގެ ފަސްމަންޒަރުން “ޓެރަރިޒަމް” މި ލަފްޒާ ޓައިމިން ދިމާވާ ގޮތަށް ފެނިދާނެ މިސްކިތެއް. ނުވަތަ މޫނުބުރުގާ އަޅާފަ ހުރި އަންހެނެއް. އެއިރުން ޓެރަރިޒަމްގެ އަޑުއިވޭ ކޮންމެ ވަގުތަކު މީހުންގެ ސިކުނޑިއަށް ވަގުތުން އިމޭޖްކުރެވެންފަށާނެ މިސްކިތްތަކާ މޫނުބުރުގާ އެޅި އަންހެނުން. ހަމަ އެކަހަލަ ގޮތަކަށް، މި ލިޔުމަކީ ވެސް ވަރަށް މާތް ރަނގަޅު ވާހަކަތަކެއް ލިޔެފައި ހުރި ސިޔާސީ ދާއިރާއާ ވަރަށް ދުރުން، ރާއްޖޭގައި އުފެދުނު އެންމެ މުޑުދާރު އަބުރުގެއްލިފަ ތިބި މުޖުރިމުންގެ ޢަމަލުތަކުން މިސާލުދައްކައިގެން ލިޔެފައި އޮތް ލިޔުމެއް. އެ ލިސްޓަށް މައުމޫނު ގެ ނަން އިތުރުކޮށްލީމަ ކުރިން މި ބުނި މަޤްޞަދު ވެސް އޮންނާނީ ޙާޞިލްވެފައި. ލިޔުމަކީ ހަމަ ވަރަށް މާތް މައުޟޫއަކަށް ލިޔެފައި އޮތް، ބޭރުފުށުން މުޅިން ނުސިޔާސީ ލިޔުމެއް. އެކަމަކު ފޮރުވިފައި ވަނީ މައުމޫނުގެ ނަން ކޮންމެވެސް ގޮތަކުން ހަޑިކޮށްލުމުގެ މަޤްޞަދު. އެހެންކަމުން.. މި ސަބަބަށްޓަކައި، ހާޝިމްއަކީ މޮޅު ލިޔުންތެރިއެއްކަމަށް ބުނެވިދާނެ.

  19. ބިލް އޯ ރެއިލީ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ޒަމާނީ ތަޢުލީމުން ބެއްޔަސް، އެ އޯޑިޓް ރިޕޯޓަކީ ގައުމެއްގެ “ވައިޓް ހައުސް” އޭކިޔާގެން ނެރެން ވާވަރުގެ ރިޕޯޓެއް ނޫން، އޭގައި ދެން އެހުރީ ކޮސް ވާހަކަތައް،، ބަލަ ގައުމެއްގެ ރައީސެއް ވިއްޔާ ގައުމުގެ ހައިބަތުވެސް ދައްކައި ދޭން ޖެހޭނެތާ..ކްރިސްޓިއަންގެ ޕޯޕްމެންވެސް ތިބެނީ ހާދަ “ރީތި” ކޮށް ހަދާފައި ހުންނަ ތަންތަނުގައޭ. ..އަނެއްކާ މައުމޫން ކިހާ އެކްސައިޓިން ގޮތަކަށް އުޅުނީ، އިސްލާމް ދީނުގައި ބީރައްޓެހި ގޮތަކަށް ބުރުގާ ނާޅަ ހިންދީ ރާގަށް ކިޔާފައި ހުންނަ ދިވެހި ލަވަ ޖަހައިގެން ނަށާފައި ފޭބީމައި، މީނާ ގޮސް ހަމްދު ޞަލަވާތުން ތަޤުރީރު ފަށަނީ..އެކްސައިޓިން ގޮތެކޭނުން ދޯ..މިއީ ހައްޤު ދީނޭ، އެހެނޭ ކިޔާފަ، ބާތިލް މަގުގައި ތިބި ދީން ތަކުގައި މީހުން ކޮޕީ ކުރަން ވެއްޖެތަ؟ ނާ..މިހެންވެސް ކީމޭނުން އެއްފަހަރަކު.އާނ އަދި އެއްވާހަކަ، ދީނުގެ ސޯސް އަރަބިން އޮތީމާ މި ހާޝިމް އަކަށް ކަމަކު ނުދޭ..އެހެން ވީމާ ކުޅަދާނަވެގެން ނުވާ ހާލުގައި ވެއްޖެ އަލްހަމްދުގެވެސް ދިވެހި ތަރުޖަމާ ނަމާދުގައި ކިޔަން،، އޭރަށް އެކަކު ބުނާނެ،، އަހަރެމެން ކިޔާނީ އަންނިގެ ތަރުޖަމާ އޭ، މައުމޫން ޒަމާނުގައި ކޮއްފައި އޮތް ތަރުޖަމާ އެއް ނުކިޔާނަމޭ..ދެން ހާޝިމް ވިއްޔޭނުން ކްރިސްޓިއަން ދީނުގެ އޮރިޖިން ހިބްރޫ އިން އޮންނާތި މިކަމާ ޖަދަލު ކުރަން..

  20. ޢީސާ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދެން ލިޔުން ވަރަށް ފަހި، ރެއިލީ އަށް ބުނެލަން ބޭނުންވަނީ ބަހަކީ ހަމަ އެއްވެސް މައްސަލައެއް ނޫނޭ ހާޝިމް އެހެން ހީކުރިއަސް، އެއީ އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީގައި އޮންނަ އެޓޯލް ގެ އޮރިޖިން އޮތީ ދިވެހި ބަހުގައި، އަދި ކްރިސްޓިއަނުންގެ މައިގަޑު އެއްބައި ކަމަށްވާ ޓްރިނިޓީގެ “Tri” އަކީ އިނގިރޭސި ބަހެއް ނޫނޭ، އެއީ 3 އަކަށް ގްރީކް ބަހުން ކިޔާ އުޅޭ ގޮތޭ..ދެން އަލް ޖިބްރާ އަކީ އަލް ޖަބަރު މި އަރަބް ބަހުން އައިސްފައިވާ ގޮތް..ދެން އަދިވެސް އެއްފަހަރު ލިޔުން ވަރަށް ފަހި ކަން ހާމަ ކޮށްލަން..

  21. އަހުރަ‮ ‬ވިދާޅުވީ


    ތާރީޚް:17/05/2009

    ދުނބުރިހުއްތު‮އަށް.
    ތީވަރަށް ބޮޑުތެދެއް . ތިޔައީ މަށައްވެސް އޭނަ ތަޞައްވުރުވާގޮތޭ………… ދެން ދުނބުރި ހުއްތު ކޮމެންޓު ކިޔާލިއިރު ހީވަނީ މަށަށް ދުނބުރިހުއްތު ފެންނަހެން…………

  22. ފުލުހެއް‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    އަޅުގަނޑަކީ ފުލުހެއް އަޅުގަނޑު އަބުރަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ނުކުރަން އެކަމަކު އަންނި ވެރިކަން ބޭނުންވެގެން އުޅުނުއިރު ގޮޅާބޯ އޭ ކީގޮތަށް މިވަނީ އެނަން އަޅުގަނޑަށް ވެސް ނިސްބަތްވެފަ، އަންނިއަށް މިލިޔުން ފެންނާނެނަމަ ދޯ، ހާޝިމޫ އޭނައަށް މިލިޔުން ދައްކާލަދީބަލަ. އަންނިއަށް އޮވޭތަ އެހެން މީހުންގެ އަބުރަށް އަރައިގަތުމުގެ މިނިވަންކަން. ގޮބޮޅިހުއްތު އަށް ވަރަށް ތާއީދު.

  23. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    “ވަކިފަރާތަކަށް ނުޖެހޭ “ނަމުގައި ކޮމެންޓުކުރިފަރާތަށް؛ އަޅުގަނޑު ހާޝިމް ދިފާއު ކުރަނީއެއް ނޫން.އެއީ އަޅުގަނޑުގެ ހިޔާލު.މިލިއުން އަޅުގަނޑަށް ކަމުދަނީ ނުވަތަ ކަމުނުދަނީ މިހެންވެއޭ ބުނުމުން ،އެއްވެސް ބޭފުޅަކު ބަލައިގެން ނުވާނެ އެއީ ލިއުން ލިއުއްވި ފަރާތަކަށް ބުނާއެއްޗެއްކަމަށް، އެއީ އެލިއުމަކަށް އަޅުގަނޑު ފާޅުކުރާ ހިޔާލު. ދެން އަދިވެސް އެއްފަހަރު މިލިއުމާގުލޭގޮތުން އެއްޗެއްބުނެލާނަން.މިލިއުމަކީ މައުމޫނަށް ލިއެފައިވާ ލިއުމެކޭ ބައެއްބޭފުޅުން ވިދާޅުވާތީވެ އަޅުގަނޑު އަނެއްކާވެސް މިލިއުން ކިޔާލައިފިން،އެހެންނަމަވެސް އަޅުގަނޑަކަށް އެވިދާޅުވާ ކަމެއްފާހަގައެއް ނުކުރެވޭ.މިއީމުޅި މުޖުތަމައަށް ލިއެފައެފައިވައި ލިއުމެކޭ ބުނެވޭނީ.މިއީއަޅުގަނޑު ދެކޭގޮތުގައި ފައިދާކުރަނިވި ލިއުމެއް، އަޅުގަނޑަށްވެސް އަދި ތިބާއަށްވެސް.

  24. އިބްރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    މިދެން ލިޔުމެއްތަ؟ އަމިއްލަ ކޮޅަށް ގޯލު ޖަހާފައި ގުދޫ ގުދޯ ގޮވުނުއިރުވެސް ލިޔުންތެރިޔާއަކަށް ނޭނގުނު. މަހަމަ ހީހީ ހަލާކުވެއްޖެ. މިކަހަލަ ގަޅިން ފޮނުވާ ތާކުންތާކު ނުޖެހޭ ލިޔުންތައް މިސައިޓްގައި ޝާއިއު ކުރާތީވެސް.

  25. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    ހާޝިމްގެ މި ލިޔުން ވަރަށް ރަނގަޅަށް ކިޔާލައިފިން. ވަރަށް ރަނގަޅު ލިޔުމެކޭ ބުނެވޭނީ. މުހިއްމު މެސެޖެއް ދީފައި ވެސް މި އޮތީ. އެހެންނަމަވެސް ފާހަގަކޮށްލާނަން ވަރަށް މުހިއްމު ކަމަށް މަގޭ ޚިޔާލުގައި ފެންނަ ނުކުތާއެއް.
    އެއީ މި ލިޔުމަށް އައިސްފައި މިވާ ކޮމެންޓްތަކުން އެބަ ދޭހަވޭ، ހާޝިމް ދޭން އުޅުން އަގުހުރި މެސެޖް ގިނަ ބަޔަކު ބަލައިނުގަތްކަން. ސަބަބަކީ، މައުމޫނު ގެ ނަން މީގައި އެގޮތަށް ފާހަގަކޮށްފައި އޮތް އޮތުން. މާނައަކީ މައުމޫނަކާ ހުރެ، މި އަގުހުރި ލިޔުމުގެ އަސްލު ފައިދާ ގިނަ ބަޔަކަށް ލިބެންވީ ގޮތަށް ނުލިބުނިއްޔޭމި. އެހެން ވުމަކީ ހާޝިމް ބޭނުންވާނެ ގޮތަށް ނުވާނެކަން ކަށަވަރު. ވީމާ ޙިކްމަތު ޢަމަލީގެ ދަށުން މިފަދަ ލިޔުންތަކުގައި އެކަހަލަ އަރައިރުމެއް އުފެދިދާނެ ކަހަލަ ކަމަކުން ދުރުހެލިވުން ބުއްދިވެރިކަމަށް ފެނޭ.
    ހާޝިމް ވެސް ގަބޫލުކުރާނެ ފަދައިން، މައުމޫނަށް ތާއީދުކުރާ ވަރަށް ބޮޑު ޕަސެންޓެއްގެ މީހުން މި ދިވެހިރާއްޖޭގަ އަދިވެސް އެބަ އުޅޭ. އެހެންކަމުން، މި ފަދަ ލިޔުންތައް ލިޔާ އިރު އެބައިމީހުން ރުޅިއަރުވައިލުމަކީ އެ ލިޔުން ލިޔުމުގެ މަޤްޞަދު ޙާޞިލްވުމަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ފެނޭ. މައުމޫނު ކޮށްފަ ހުރި ގޯސްކަންތައް ނުލިޔާށެކޭ ވެސް ނޫން މި ބުނިއްޔެއް އަސްލު. ސިޔާސީ ލިޔުންތަކަށް އެމީހުންގެ ބާބު ބާއްވަން މަށަށް ފެންނަނީ. ޕޮއިންޓަކީ މި ފަދަ އަގުހުރި ލިޔުންތަކުގެ ފައިދާ ގިނަބަޔަކު ބަލައިގަންނާނެ ފަދަ ޙިކްމަތްތެރި ގޮތެއް ބޭނުންކުރުން މޮޅޭ ބުނެލުން. ހާޝިމްއަށް ވުރެން އަހަރެން މާ ޙިކްމަތްތެރިވެގެންނެއް ވެސް ނޫން މިހެން މި ކިޔަނީ، އެކަމަކު ވެސް ހަމަ މިހާ ހިސާބަށް މިކަންތައް ގޮސްފައި އޮތުމުން މިކަމުގައި ފެންނަ އެންމެ ރަނގަޅުގޮތް ޙިއްސާކޮށްލީ. ޝުކުރިއްޔާ.

  26. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    މަ ހަމަ ޙައިރާންވޭ މީހަކު މައުމޫނޭ ކިޔާލާއިރަށް މި މީހުންނަށް މިވާ ގޮތަކުން. ހަމަ މީހަކު އޭނާ ދިވެހިރައްޔިތުންގެ އިސްވެރިއަކަށް ހުރެ ދިވެހިންނަށް ދިން ނުޙައްޤު އަނިޔާގެ ވާހަކަ ދައްކާލާއިރަށް ބުނާނެ، ކަލޭމެންނަށް ތިނޫން އެއްޗެއް ނުކިޔޭހޭ، މިހާރު ކިޔަންވީ އަންނި ގޯސްވާހަކައޭ މައުމޫނު ވާހަކަ މުހިއްމެއް ނޫނޭ. ބަލަ މައުމޫނު އަހަރެމެންނަށް ދިން އަނިޔާތަކުގެ ބަދަލު ނުލިބިހޭހާ ހިނދަކު އޭނާގެ ނުބައިކަމުގެ ވާހަކަ ނުދައްކަ ތިބެވޭނެހޭ؟ ދެން މަ ބުނަން އޮތް އަނެއް ވާހަކައަކީ މައުމޫނުގެ ނުބައި ވާހަކަ ދައްކާ މީސްމީހުން ހޭލުންތެރިކުރުމަކީ ބޭކާރުކަމެއް ނޫނޭ. އޭނައަކީ އަދިވެސް ބޮޑު ޕާޓީއެއްގެ ޒަޢީމޭ، އަދިވެސް އެހެރީ ދިވެހިރާއްޖޭގެ ތަޚުތަށް ދަހިލަވަލަވައޭ. އެހެންވީމާ އޭނާގެ ނުބައިވާހަކަ ދައްކާ މީސްމީހުންނަށް ހަނދާންކޮށް ނުދީފި ނަމަ 2008ވަނަ އަހަރު އޭނާގެ ފީކަރުގައި ހިފާފަ ބޭރުކޮށްލި ގޮތް ހަނދާންނެތި މީހުން އޭނާއަށް އަނެއްކާވެސް ވޯޓު ލުމަކީ އެކަށީގެންވާ ކަމެކޭ. މަ މިބުނަނީ އަންނިގެ ނުބައި ކަންކަން ފާހަގަ ނުކުރާށެކޭ ނޫން. އޭނަ ކުރާހާ ނުބައިކަމަކަށް ފާޑުކިޔަން ޖެހޭނެ. އެހެނަސް މައުމޫނަށް ފާޑުކިޔުމަކީ ނެތްކަމަކަށް ހެދިގެން ނުވާނޭ.

  27. ޢީސާ‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    ކެޔޮވަލޭގެ ބަހަށް ހަމަ ސާބަސް، ދެން މިލިޔުމުގައި ނެތް، މައުމޫންވާހަކަ ނުގެންނަންވީ ސަބަބެއްވެސް، އެތިބި އެމްޑީޕީ މީހުނަށް ނެތް “ފަހުގެ ތާރީޚް” ގައި ތުހުމަތެއް ކުރެވިފައެއް..ދެން އެންޓި ސައިޓްތަކުގައި ހުރޭ ސީފުޑު މުސްތަފާ އަކާ އޭއްޗެކޭ މީއްޗެކޭ، އެހެނޭ ކިޔާފައި އެވާހަކަތައް ނުގެނެވޭނެ..އަޅެ ދޮގެއް؟ ދެން ދޮންބޭބެ އަށް ބުނެލަން ބޭނުންވަނީ “ހާޝިމްއަށް” މިއީ ދިވެހި ގަވައިދަށް ފެތޭ ގޮތެއް ނޫނޭ، ރަނގަޅު ގޮތަކީ “ހާޝިމަށް” ފަހަތުން 3 ވަނަ ރޮނގަށް ލިއާޔަތް ކޮއްފައި މިބުނީ..

  28. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:18/05/2009

    ޢީސައަށް:
    ތިޔަ އިސްލާހުކޮށްލަދިން ތަންކޮޅަށްޓަކައި ވަރަށް ޝުކުރު އަދާކުރަން..