ކުޅުދުއްފުށީގެ ޖަމިއްޔާ ތަކުން އެއްވެސް މަސައްކަތެއް ނުކުރެއޭ ބުނެފިނަމަ ޤަބޫލު ކުރާނަންހެއްޔެވެ؟ ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ތަފާތު އެކި ކޮމިޓީ ތަކުން އެއްވެސް މަސައްކަތެއް ނުކުރެއޭ ބުނެފިނަމަ ޤަބޫލު ކުރާނަންހެއްޔެވެ؟ ބަޔަކު ކުރާ މަސައްކަތެއް ވަޒަން ކުރުމުގެ ކުރިން އެބަޔަކު އެކުރާ މަސައްކަތުން ނުކުންނަ ނަތީޖާއެއް ބެލުމަކީ މުހިއްމުކަމެކެވެ. ނަތީޖާ ހާޞިލު ނުކުރެވޭނަމަ އަދި މަސައްކަތެއް ކުރިކަމުގައިވިޔަސް އެއީ ނުކުރާ ކަމެއްގެ ގޮތުގައި ބުނުމުގެ ފުރުޞަތުލިބެއެވެ. ކެރިހުރެ ދަންނަވަން ޖެހެނީ ކުޅުދުއްފުށީގެ ޖަމިއްޔާ ތަކާއި ކޮމިޓީ ތަކުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭކަމަށެވެ.
އަޅުގަނޑަކީ ކުޅުދުއްފުށީގެ ޖަމިއްޔާތަކަށް އަބަދުވެސް ފާޑު ކިޔަމުން އަންނަ މީހެކެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެއެވެ. މަސްއޫލިއްޔަތު ބޮޑު ޒިންމާތައް ގިނަ ބަޔަކު އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަމީ ފާޑުކިޔުމަށް މެދުވެރިވި ސަބަބެވެ. ދިވެހި ގައުމު “ސިޔާސީ” ވަމުންދާ ދުވަސްވަރެއްގައި ގައުމުގެ މުހިއްމު އެހެނިހެން ދާއިރާތައް މިއަދު މިވަނީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ކުޅުދުއްފުށިން ފެންނަމުންދެއެވެ. ތަފާތު އެކި ދާއިރާ ތަކުން ރައްޔިތުން ހޭލުންތެރި ވެފައި ނެތްކަން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދެއެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ލިބެންޖެހޭ ހައްޤުތައް ނުލިބިވާކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. ސިއްހީ ތަފާތު މައްސަލަތައް އާންމު ވަމުންދާކަން ފާހަގަ ކުރެވެއެވެ. ރައްޔިތުންގެ އާންމު މަސްލަހަތު ގެއްލިގެންދާ ދަނޑިވަޅުތަކުގައި އެހައްޤުތައް ހިމާޔަތް ކުރެވިގެން ނުދެއެވެ. ތިމާވެށީގެ މައްސަލަތަކާއި ސާފު ބޯފެނުގެ މައްސަލަވެސް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އުމުރާނީ ތަރައްޤީތައް ހާސިލް ވަމުންދާއިރު ތަހްޒީބު ވަމުން ނުދާކަމީ ޖަމިއްޔާ ތަކުގެ މަސައްކަތް ނުކުރެވޭ ކަމުގެ ހެއްކަކަށް ފުދެއެވެ.
ކުޅުދުއްފުށީގެ ގިނަބަޔަކު ދަންނަ ދެޖަމިއްޔާ އަކީ މަގްލަސް ކުލަބާއި ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއެވެ. ކޮމިޓީ ތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއެވެ. މިތިން ޖަމިއްޔާއިން (ކުލަބް،ޖަމިއްޔާ،ކޮމެޓީ) ވޭތުވެދިޔަ އަހަރު ތަކުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފާވެއެވެ. ރަށުގެ ރަށްކުރިއަރުވާ ކޮމެޓީންވެސް ކޮންމެވެސް ވަރައްގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ‘އެކުރެވުނު’ މަސައްކަތްތަކާއި، އެފަރާތްތަކުން ‘ކުރަންޖެހޭ’ މަސައްކަތްތަކާއި އަޅާ ކިޔާއިރު 100 އަކުން ލިބޭނީ 10 އެކެވެ.
ޖަމިއްޔާތަކުން މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ނުކުރެވެނީ ސަބަބުތަކެއް ހުރެގެންނެވެ. އޭގެތެރޭގައި މާލީ ތަނަވަސްކަން ނެތުން، ކަންތައްތައް ވިލަރެސް ކޮށް ހިންގާނެ ބަޔަކު ނެތުން، ފަންނީ އެހީ ނުލިބުން، ސަރުކާރުގެ ތާއީދު ނުލިބުން، ކަންކުރަން އެނގޭ ބަޔަކު އިސްފަންތީގައި ނެތުން، ޖަމިއްޔާތަކުގެ މަޤްޞަދުތައް ހާޞިލު ކުރުމަށް ކުރާނެ މަސައްކަތްތައް ރާވާ އެކަމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނުކޮށް ހުރުން، އިޖްތިމާއީ ހިދުމަތަކީ ކޮބައިކަންވެސް ނޭގޭ ބަޔަކު އިސްފަންތީގައި މަސައްކަތް ކުރުން ފާހަގަ ކުރެވެއެވެ. މިނޫނަސް ތަފާތު ސަބަބުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
މިހާރުން މިހާރަށްވެސް ޖަމިއްޔާތަކުން ކުރަންޖެހޭ ބައެއް ކަންތައްތައް ފާހަގަ ކޮށްލުމަކީ ވެސް ނެތްކަމެއްނޫނެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަންދީގެން ކުރަންޖެހޭ އެއް ކަމަކީ. ތަފާތު ދާއިރާތަކުން ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިފަހަކަށް އައިސް ކުޅުދުއްފުށީގައި މާބަނޑު އަންހެނުން ބައިގެން ދިއުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް އަލަތު ދަރިފުޅަށް ބަލިވެ އިންނަދުވަސްވަރު ބައިގެން ދިއުން ގިނައެވެ. މިކަމަކީ މިހާރު ރަށުތެރޭގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ދެކެވެމުންދާ ވާހަކަ އަކަށް ވީހިނދު މިކަމުގައި ހޭލުންތެރި ކުރުވުމުގެ ޕުރޮގްރާމެއް ހިންގިދާނެއެވެ. ލޭމައްޗަށް ދިއުމާއި ހަކުރު ބަލީގެ މީހުންނަށް އެމީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގައި އެހީގެ އަތެއް ޖަމިއްޔާތަކަށް ފޯރުކޮށްދެވިދާނެއެވެ. މާލީ އެހީ ނޫނަސް ބައްޔަށް ހޭލުންތެރި ކުރެވިދާނެއެވެ. އެފަދަ މީހުންނަށް ދިރިއުޅުމުގެ އާދަތައް ދަސްކޮށްދީ އެފަދަ މީހުންނަށް އަޅާލާ ބަޔަކު އުފެއްދިދާނެއެވެ. ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް އިންތިހާ އަށް އިތުރުވެފައިވާ ދުވަސްވަރެއްގައި އެފަދަ ކަންތައްތަކުން ކުޑަކުދިން ސަލާމަތް ކުރުމުގައިވެސް ޖަމިއްޔާތަކަށް އެހީވެވިދާނެއެވެ. މަސްތުވާތަކެތީގެ މައްސަލަތަށް މަދުކުރުމުގައި ކުޅުދުއްފުށީގައި ހުރި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެއެވެ. ކުޅިވަރުތައް ކުރިއެރުވުމާއި އާ ކުޅިވަރުތައް ކުޅުދުއްފުއްޓަށް ތަޢާރަފް ކުރުމުގައި ޖަމިއްޔާތަކުގެ ދައުރު ބޮޑެވެ. އަންހެނުންގެ ތަރައްޤީ އަށް ކުރެވިދާނެ ކަންތައްތައް ދިރާސާކޮށް އެފަދަ ކަންތައްތައް ކުރުމަށްޓަކައި ހޯދަންޖެހޭ ފައިސާ ހޯދުމަތް މިހާރުން މިހާރަށްވެސް މަސައްކަތް ކުރަންޖެހެއެވެ. ސްވައިން ފުލޫ (އޫރު ރޯގާ)، މޫސުމަށް އަންނަބަދަލުގެ ސަބަބުން ފެތުރޭ ރޯގާ ފަދަ ބަލިތަށް ފެތުރެމުންދާ ދުވަސްވަރެއްގައި ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ސްކޫލް ކުދިންނާއި އާންމު ރައްޔިތުންނަށް ތަފާތު މައުލޫމާތުދީ ހޭލުންތެރި ކުރަންޖެހެއެވެ. މިފަދަ އެތައް ކަމެއް މިހާރުން މިހާރަށްވެސް ކުރެވިދާނެއެވެ. ބައެއް ހާލަތްތަކުގައި އެންމެ އަގުބޮޑު އެއްޗަކީ ބިނާކުރަނިވި ހިޔާލެވެ. ފުރިހަމަ ހިޔާލުތަކަކަށް ނުވިޔަސް މިހިޔާލުތަކުގެ ބޭނުން ޖަމިއްޔާ ތަކުން ކުރަމުންދާނެ ކަމަށް އުއްމީދުކުރަމެވެ.
ހަބަރުތައް ލިބެމުންދާ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ތައް އަލުން އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިފަދަ ކޮމެޓީ ތަކަށް ކަމަށް ޤާބިލު މީހުންތަކެއް އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް އެ ކޮމެޓީތަކުގެ ބޭނުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ލިބިދެވޭކަން ޔަޤީން ކުރަންޖެހެއެވެ. ޖަމިއްޔާތައްވެސް އަލުން އިންތިހާބުކޮށް ރަށުގެ ތަރައްޤީ އަށް މަސައްކަތް ކުރުމުގައި އަތުކުރި އޮޅާލަންޖެހޭ ވަގުތު މިވަނީ އައިސްފައެވެ. ތަހްޒީބު މުޖުތަމައު އެއް ބިނާކުރަންޖެހެއެވެ. ކުޅިވަރު ކުޅޭ ކުދިންނަށްވެސް އެހީތެރި ވުމުގައި މިހާރަށްވުރެ މުރާލި ވާން އެބަޖެހެއެވެ. ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ބަލަން ތިބޭކަށް ނުޖެހެއެވެ. އެބަޔަކު ތަރައްޤީ ވާން ބޭނުން ނުވާ ނަމަ އެތަނެއް ތަރައްޤީވެ ތަހްޒީބުވެގެންނެއް ނުދާނެއެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
މުޙައްމަދު އިސްމާޢީލްގެ ލިޔުއްވުންތަކަކީ، މިސައިޓް “ރީލޯޑެޑް” ނުކުރާ އިރު، ފުދޭ ވަރަކަށް ފެންނަ އަދި ވަރަށް އަގުހުރި ލިޔުންވުންތަކެއް ކަމުގައި އަޅުގަނޑު ދެކެން. މިއީ ވެސް އެފަދަ ލިޔުއްވުމެއް. އަޅުގަނޑު ދަންނަވާނީ، މިމައްސަލައަކީ ހަމައެކަނި ކުޅުދުއްފުށީގައި ޖެހިގެން އުޅޭ މައްސަލައެއް ނޫންކަމާ، ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ކްލަބް ޖަމިއްޔާތަކަށް ވެސް މިމައްސަލަ ވަނީ ކުރިމަތިވެފައި. މައްސަލައިގެ ސަބަބުތައް ކިތަންމެހާ ވެސް ގިނަ. އޭގެ ތެރެއިން ތިޔަ ފާހަގަކޮށްލެއްވި ޕޮއިންޓްތަކުގެ އިތުރުން، ޤާނޫނު ނަމްބަރު 1/2003 (ޖަމިއްޔާތަކާ ބެހޭ ޤާނޫނު) އޮތްގޮތުން ވެސް ބައެއް ދަތިކަންތައްތައް ކުރިމަތިވާ ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން. މިސަރުކާރަށް އެކަން ވިސްނިވަޑައިގެން މިހާރުވަނީ، އެކަންތައްތައް އިސްލާހުކުރެއްވުމަށް، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނުއްވާފަ.
ދެން އަޅުގަނޑު ދަންނަވާނީ، ޖަމިއްޔާއެއް ހިންގުމާ، އެކަމުގައި އެހީތެރިވުމަށް ކުރީގެ ސަރުކާރުން، ވަނީ ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފައްދަވާ އެތަނުގެ ވެރިޔަކަށް ސަމަރުބްލޫ އިބްރާހިމް މަނިކު ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައޭ. އެހެންނަމަވެސް، އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ހއ މެމްބަރުކަމުގައި، މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަތުމުގެ ރެކޯޑް އޮތް މިބޭފުޅާގެ ފަރުވާކުޑަކަމަކީ ވެސް މީގެ އެއް ސަބަބޭ. އަޅުގަނޑު މިދާކަށް ދުވަހު ދުށިން މިސަރުކާރުން މިދެންނެވި އޮތޯރިޓީއިން ޖަމިއްޔާތަކަށް ފަންނީ އެހީތެރިކަމާ، ޖަމިއްޔާ ހިންގުމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ނިއުސްލެޓަރ އެއް ނެރުއްވަން ވެގެން އެޗާޕް ކުރާނެ ބަޔަކު ހޯދުމަށް ބިޑަށް ހުޅުވާލި އިޢުލާން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ކްލަބް ޖަމިއްޔާތަކަށް މިސަރުކާރުން ކަންތައްތަކެއް ފަހިކޮށްދެއްވާށޭ އެއުޅުއްވަނީ. އިރާދަކުރެއްވިއްޔާ އޭރުން ވަރަށް ގިނަ ކަންކަން ރަނގަޅުވެގެންދާނެ.
ދެން ތިޔަ ވިދާޅުވީ ތެދެއް އިނގޭތޯ ކްލަބް ޖަމިއްޔާތަކުގައި ތިއްބެވި ބޭފުޅުންނަކަށް ހަމަ ހަޤީޤަތުގައި ވެސް އެނގިވަޑައެއް ނުގަންނަވާ އެތަންތަން ހިންގަވާނެ ގޮތެއް. އެއީ މިދެންނެވި ސަމަރޭ މެން ފަދަ ބޭފުޅުންގެ އިހުމާލު.އެރައްޔިތުންނަކަށް އަޅުގަނޑު އެއްވެސް ބަދުބަހެއް ނުދަންނަވާނަން. ދެން މިކަމުގައި އެބައޮތް މުޙައްމަދު އިސްމާއިލްމެން ފަދަ ބޭފުޅުންގެ ޒިންމާއެއްވެސް. އެއީ، ވެވަޑައިގަތް ވަރަކުން، އެފަރާތްތަކަށް އެހީތެރިވުން. ލިޔުއްވުންތައް ލިޔުއްވައި، ޢަމަލީ މައިދާނުގައި ވެސް ޙަރަކާތްތެރިވެ ވަޑައިގަތުން. ވާހަކައަކުން އަދި ނުފުދޭ މުޅިއަކުން. އަޅުގަނޑަކީ ކުޅުދުއްފުށީ މީހެއް ނަމަ، ކަންތައްތައް ކުރާނީ މިދެންނެވި ބީދައިން އެއީ ކުޅުދުއްފުށީ ކްލަބްތަކަށް އަޅުގަނޑަށް އެނގޭ މިންވަރަކުން ފަންނީ އެހީ ވާނަން. އެހެންވީމާ، މިސައިޓާއި މުޙައްމަދު އިސްމާޢީލާއި އެނޫން ވެސް ބޭފުޅުން އެކުވެވަޑައިގެން އަތުކުރި އޮޅާލައްވައިގެން މިހާރުގެ ސަރުކާރާ އެއްބާރުލުން ދެއްވައިގެން އެކަން ކުރައްވަމާތޯ. މިދެންނެވި ނިއުސްލެޓަރ ގެ ޒަރީޢާއިން ވެސް ކޮންމެވެސް ވަރެއް ކުރެއްވޭނެ. އަޅުގަނޑު މަސައްކަތްކޮށްލާނަން އެކަމާ ބެހޭ އިތުރު މަޢުލޫމާތު އެއޮތޯރިޓީއިން ލިބޭތޯ އަދި އެމަޢުލޫމާތު މިތަނުގައި ހިއްސާކޮށްލެވޭތޯ ވެސް. މިފަދަ ރަނގަޅު ލިޔުއްވުމެއް ލިޔުއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ
ސިރްހާން ވިދާޅުވީ
ތާރީޚް:20/05/2009
ހުރިހާ ކަމެއް ނިމިދިޔަ ސަރުކާރު ބޮލަށް ޖަހާ..! އޭރުން ހުންނާނީ ހުރިހާ ކަމެއް ފުރިހަމަވެފަ! އެއްވެސް ކަމެއްގަ ފަރުދުންގެ ޒިންމާއެއް މަސްއޫލިއްޔަތެއް ވާޖިބެއް ވެސް ނޯންނާނެ..! ބަތްތެލި ދުންގަތީމަ ވެސް ނިމިދިޔަ ސަރުކާރުގެ ޒިންމާއެއް އޮންނާނެކަމަށް ބެލެވޭ..! ނޫންތަ؟
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
ސިރްޙާނަށް ތިޔަ ދައްކަވަނީ ދެން އެއްވެސް ދެއުޅިއެއްވާ ވާހަކައެއް ނޫން އިނގޭތޯ. އެންމެ ރަށެއްގެ ރައްޔިތުންނެއް ނޫނޭ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކްލަބް/ޖަމިއްޔާއެއް ހިންގަން ނޭނގުމުން އެއިން އެނގެނީ ކާކުގެ ނާކާމިޔާބީއެއްތޯ؟ ކާކުގެ ޒިންމާ ނުއުފުއްލުނުކަންތޯ؟ ކާކުގެ ޒިންމާ އަދާ ނުކުރެވުންތޯ؟ މިގައުމުގައި އެބައޮތްތޯ އުނިނޫންކަމެއް؟ ތިރީސް އަހަރު ސަރުކާރު ހިންގަވާފަ ވަޑައިގަތް ބޭފުޅުން އެވަޑައިގަތް އިރު، ރަށްރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ ނިމިދިޔަ ސަރުކާރުގެ ޕޮލިސީ، އެސަރުކާރުގެ ވަޒީރެއްކަމަށްވާ ޢަބްދު ﷲ ކަމާލުއްދީން ވިދާޅުވި ވިދާޅުވުމަކުން ވަރަށް ސާފުކޮށް އެނގޭ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނާ ސުވާލުކުރެވުނީ، ކީއްވެގެންތޯ މާރާމާރީއާއި ކަޓަރު އެޅުން ނުހުއްޓިގެން އުޅެނީ މާލޭގަ. އެމަނިކުފާނު ވިދާޅުވީ އެކަން ހުއްޓޭނީ އެކަން ކުރާ ބަޔަކު އެކަން ހުއްޓީމައޭ. ނިއުޓަންގެ ލޯއޭ އެއީ. އެހެންވީމަ ކުޅުދުއްފުށީގައި އިބްރާޙިމް އިސްމާޢިލް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވިއިރު ވިދާޅުވިހެން ކުރީގެ ސަރުކާރަކީ ހިންގި ސަރުކާރެއް ނޫން. އެހެން އޮވެގެން ދެން ހިނގި ސަރުކާރެއް. އެސަރުކާރުގެ ކިބައިގައި ދުރޫސުލް އަޚްލާޤް ހުރިއްޔާ ލަދުގަންނަން ޖެހޭނެ މިފަދަ ގޮތަކަށް ނާތަހުޒީބު، ތަންދޮރު ނޭނގޭ މީހުން މިރާއްޖޭގައި ތިބީތީ. އެއީ އެސަރުކާރުގެ ނާކާމިޔާބީ. ކްލަބް ޖަމިއްޔާތަކުގެ މައްސަލައިގައި ވެސް އެސަރުކާރުން ކަންތައްކުރީ އެހެން. އެކަމާ ޙަވާލުވެހުންނެވި ސަމަރޭ އަކީ ކޮންބޭފުޅެއްކަން އަޅުގަނޑު ނުޖެހޭނެ މިތަނުގައި ދަންނަވާކަށް. އޭނާ އުޅުއްވި ކޮންމެ ތަނަކު ކަންތައްތައް ހިނގިގޮތް އެނގިވަޑައިގަންނަވާނެ އެންމެންނަށް ވެސް. އެހެންވެ އަޅުގަނޑު ކުރިން ދެންނެވީ އެވާހަކަ. ދެން އަޅުގަނޑު ދެންނެވީ މިސަރުކާރުން ކުރައްވަން އުޅުއްވާ ދެކަމެއްގެ ވާހަކަ. މިއަކާ ދެކޮޅެއް ނުހެއްދެވޭނެ އެއްވެސް ބޭފުޅަކަށް. އެއްކަމަކީ ޖަމިއްޔާއާއި ބެހޭ ޤާނޫނު އިސްލާޙުކުރުން. އަނެއް ކަމަކީ ފަންނީ އެހީ ފޯރުވައިދިނުން. މައުމޫން ސަރުކާރަކުންނެއް ނެތޭ އެންމެ ކުޑަމިނުން މިރާއްޖޭގައި ވެރިކަން ކުރާނެ ރަނގަޅު ބޭފުޅަކު ވެސް ތައްޔާރުކުރެވިފައެއް. މިއީ ދެން ކިހާ ލަދު ހުތުރު ކަމެއްތޯ.
އިބުރާހީމް ވިދާޅުވީ
ތާރީޚް:20/05/2009
ހާޝިމަކީ ލިޔުންތެރިކަމުގައި އަރާހުންނެވި ބޭކަލެއްތާ ދޯ! މައުމޫނު ފެނިއްޖެމަނަ ތިޔަބޭފުޅާ އޭނާ ނޮޅައިލައިގެން ކާލާނެކަމަށް ފެންނަނީ!
. މުޙައްމަދު އިސްމާޢީލްގެ ލިޔުން ވަރަށް ފުރިހަމަ. މިފަދަ ކަންތައްތައް ރަނގަޅުވާނީ ތަންދޮރު ފިލާފަތިބި ތިޔަފަދަ ތަޢުލީމީ ދަރިން މިފަދަ ކަންކަމާއި ހަވާލުވުމުން. މިހެން އަދި ވާޙަކަތައް ލިޔަމުން ދިޔަކަސްނުވާނެ! ޢަމަލީ މައިދާނަށް ނުކުމެ ހުރިވަރެއް ދައްކާލަމާ ބަހީ!!
ޖޫސް ބޮމުން ވިދާޅުވީ
ތާރީޚް:20/05/2009
ހާޟިމް އަށް ތިހިސާބަށް އާދެވުނީ ކޮންސަރުކާރެއްގަ ކަންތޯ އަޙާލަން ބޭނުންވޭ އަޅުގަނޑު…
ހާތިފް ވިދާޅުވީ
ތާރީޚް:20/05/2009
މަގްލަސް ކްލަބާއި ޖަމިއްޔާ ހިންގަނީ ޖަމިއްޔާ ތަކާބެހޭ ޤާނޫނާ ހިލާފަށް. މުޙައްމަދު އިސްމާޢިލް ކުރިން ލިޔުނީމެއްނު ޖަމިއްޔާތަކާ ބެހޭ ޤާނޫނު ގެ ލިޔުމެއް. އެލިޔުން ކިޔާލާފަ އެގޭނެ އެގާނޫނަށް ޖަމިއްޔާތަކުން އަމަލު ނުކުރާކަން.
މުހަންމަދުގެ އެކްސް ފޭނު ވިދާޅުވީ
ތާރީޚް:20/05/2009
ޙާޝިމް ތިޔަ ބުނުއްވީ ރަނގަޅަށް. ސައިޓް ރީލޯޑް ކުރިފަހުން، ނޫނީ ރީލޯންޗް ކުރިފަހުން، މުހަންމަދު އިސްމާއީލްގެ ލިޔުމެއް މި ފެންނަނީ ވަރަށް މަދުން. އެމީހަކަށް ވާވަރަކުންތާ ވާނީ!! ސައިޓެއް ހެދުމަކީ ޖަމިއްޔާއެއް ހެދުމަށްވުރެ، ފަސޭހަކަމެއް. އުނދަގުލީ ސައިޓް ހިންގުން.
ދެން، މުހަންމަދު އިސްމާއީލްމެންނަށް ނުލިޔެވޭނެ ކަމަށް ވަންޏާ، ލިޔުން ތައްޔާރުކުރުމުގެ ހިއްވަރު ނެތިއްޔާ، އެވީ މިކަން ހުއްޓާލަން ހެން މަށަށް ހީވަނީ. މިހެން މިދެންނެވީ، ވަރަށް އިތުބާރުހުރި ގޮތެއްގައި، މަށަށް އެނގިފައި އޮތީ މި ސައިޓް މިފެންވަރުގައި މި ހިފަހައްޓައިދެނީ، ކޮންޓްރިބިއުޓަރުންގެ މިންނެއް މަސައްކަތުންކަން. މުހަންމަދު އިސްމާޢީލް މެން ކަހަލަ، ސައިޓް ހެދި މީހުން މިކުރާކަމަކީ އެމީހުން ފޮނުވާ ލިޔުން އަޕްލޯޑް ކޮށްލުން.
މަށަށް ހީވަނީ، މުހަންމަދު އިސްމާއީލް ވެއްޖެހެން ތަންކޮޅެއް ގިނައިން ލިޔަން. އެބަ އެނގޭ އިޖްތިމާޢީ މައްސަލަތަކެއް ހުރިކަން ވެސް. މުހަންމަދަށް އެބަ އެނގޭ ކުޅުދުއްފުށީގެ މުޖުތަމަޢު ތަހުޒީބުކުރަންޖެހޭ ކަންވެސް. އެހެންވިއްޔާ، ލިޔަންވީ ނޫންހޭ މި ސައިޓަށް.
ޢބރ ވިދާޅުވީ
ތާރީޚް:20/05/2009
މުޙަންމަދު އިސްމާޢިލްގެ މިލިޔުމަކީ ވަރަށް ފުރިހަމަލިޔުމެއްކަމުގައި ޤަބޫލް ކުރެވެއެވެ. އަޅުގަޑުމެންގެ ރާއްޖޭގެ ކްލަބް ޖަމްއިއްޔާތަކުން މިފެންނަމުންދާ އުނިކަންތައްތައް އެޖަމްއިއްޔާތަކުގެ މީހުންނަށްވެސް އެނގޭނެކަމަށް ފެނެއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ކިބައިގާ އެކަންކަން ރަގަޅުކުރުމަށް ކުރެވޭނެ މަސައްކަތެއް ނެތީކަމަށްވެސް ވެދާނެއެވެ. ނޫނީ އެހެންބަޔެއްގެ މަންފާއަށް އެފަދަކަމެއް ކުރަންބޭނުން ނުވަނީކަމަށްވެސް ވެދާނެއެވެ. ޤައުމުގައި އުނިވެފައިވާ މިފަދަކަންކަން އިސްލާޙުކުރުމަށް ހާޝިމް މެންފަދަ ކަމަށްގާބިލް ބޭފުޅުން ކުރިމަތިލައްވަން ވެއްޖެކަމަށް ފެނެއެވެ. އެހެންނަމަވެސް ހާޝިމް މިހާރު ހުރިގޮތަށް އެއްފަރާތަށް ލެނބިހުސްވެފައިހުރެގެން އެފަދަ ޚިދުމަތެއް ޤައުމަށް ނުކޮށްދެވޭނެކަންވެސް ޔަގީންވެއެވެ. ހާޝިމް މިހާރުތިކުރައްވާގޮތަށް ކިތަންމެވަރަކަށް މަސައްކަތްކުރިއަސް އެކުރާމަސައްކަތަކުން ޤައުމަށް ކުރާނެފައިދާ ވަރަށް ކުޑަވާނެއެވެ. ތެދަށްހުންނަވާއިގެން ވަށައިން ބެއްލެވުމަށްފަހު ކުރިޔަށް ވަޑައިގެންނެވުން ފެނެއެވެ. ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވާށެވެ. އޭރުން ތިފެންވަރުގެ ތަޖުރިބާހުންނެވި (ހާޝިމް ފަދަ) ބޭފުޅުން އެންމެންވެސް ބަލައިގަންނާނެއެވެ. ފޮރުވިގެން ނުހުންނަވާ ހާމަކަމާއެކު ހާޝިމްގެ އެހީތެރިކަން ކްލަބް ޖަމްއިއްޔާތަކަށް ފޯރުކޮށްދެއްވާށެވެ. ކްލަބް ޖަމްއިއްޔާއެއްގެ ހުންގާނު ހަވާލުވާން އުޅެ އެކަން ކާމިޔާބުނުވި ޒުވާނެއް ކުޅުދުއްފުށީގައި އެބަހުރިތޯ ދިރާސާ ކުރެން އަހާލަން ބޭނުންވެއެވެ. ނަންކަޑައަޅާ ތިކިޔާލިމީހުން އެތިބީ އެހުންގާނުތަކާ ހަވާލުވާނެ ޒުވާނެއްކީއްކުރަން، މުސްކުޅިއެއްވެސް ނުވެގެންކަމަށް އަޅުގަޑަށް ހީވެއެވެ.
އިލުހާނާ ވިދާޅުވީ
ތާރީޚް:20/05/2009
ތިޔަބުނާ އަންހެނުންގެ ކޮމިޓީ އިންތިހާބު ކުރަނީ ކޮންއިރަކުންތަ؟ މަފަހަރު ވާނެ ރަނގަޅު ބަޔަކު އެތަނަށް ހޮވަން. މީގެ ކުރިން ތިބ ހުރިހާ މީހުންނަކީ ކަޑަ ބައެއްނޫން. އެކަމަކު ގިނައީ އިޖްތިމާއީ މަސައްކަތް ކުރަންނޭގޭ ބައެއް. ލިޔުންތެރިޔާ އަށް ހަމަ ސާބަސް.
މަޖިލިސް ވިދާޅުވީ
ތާރީޚް:20/05/2009
ހުރިހާ ޖަމިއިއްޔާއެއް ޣައިރު ޤާނޫނީ އޭ ނުބުނެވޭނެ، ދެކުނުއަވަށު ޒުވާނުންގެ ދިރުން ހިންގަނީ ގަވާއިދާ އެއްގޮތަށް
ނީީީން ވިދާޅުވީ
ތާރީޚް:20/05/2009
އަހުރެއް ހާސިމްއަށް ތާޢީދު. އަޅެބުނެބަލަ ވޭތުވެދިޔަ ސަރުކާރުން ކަމެއްކުރެވިފައި ވާނަމަ މިކުޅުދުއްފުށީގެ ތަޢުލީމައްކޮއްދެވުނީކީއްބާ، އެއްމެކުޑަވެގެން ޑިގްރީގަޑެއްއޮތްމީހަކުނެތޭ! އަހަރެމެން ހިތުންމިތިބީ ވަރައްގާބިލްބަޔަކަށްވެގެ އެހެއްނޫންތޯ، ތަނެއްދޮރެއް އޮޅުންފިލާފައިނެއްތާ މިއުޅެނީ ރަގަޅުނުބައި ވަކިނުކުރެވިގެން، ކުރީގެސަރުކާރުގެ ޕޮލިސީއަކީ މަސައްކަތުގެ ހުނަރާއި ހިލްމުހުރި ރައްރަށައް ތައުލީމްނުދިނުމަށް، ބޭނުމަކީ ތައްދޮރުއޮޅުއްފިލައިފިނަމަ އެމީހުންގެމައްޗައް ބަސްކިޔާނެތީ. އެގޮތުން މިއީއޭގެމިސާލުރަށެއް، ރަގަޅައްކިޔަވާފައިވާނަމަ ވަނީ އަމިއްލަޔައް ރާއްޖެއިން ބޭރައްގޮސްގެން. މީގަވެސް ގިނައީ ދެކުނުމީހުން.
dog ވިދާޅުވީ
ތާރީޚް:20/05/2009
ހާޝިމް އަށް ކޮންމެ ލިޔުމެއްގައިވެސް ފެންނަނީ މައުމޫން، އެހެން ނުންވާނީވެސް ހާޝިމް އަކީ މައުމޫން އާއި އެކުގައި ކިޔެވި މީހެއް ހާޝިމްއަށް ލިބުނު ފާހަށްވުރެ މައުމޫންގެ ފާސްދަށް އެކަމަކު ގައުމުގެ ރައްޔިތުން 30 އަހަރުގެ ވެރިކަން ހަވާލުކުރީ މައުމޫން އާއި ހާޝިމް ވީ ބާކީ، ހަސަދަވެރިވާނީ ދެން މީހަކު އެހާކަށް ވަރަކަށް، މިހާރު ހާޝިމް އަކީ މިސަރުކާރު ވިލަރެސްކުރުމަށް ފަރުދާގެ ފުރަގަހުގައި ހުރި މީހެއް އަންނިގެ ހާއްޝައެހީގައި މަހަކު 45000 ރުފިޔާ ދީގެން. ގާނޫނުގައި މީނާގެ ހައިސިއްޔަތެއް ނެތްނަމަވެސް އަންނިގެ ގޭގައި މިއީ ބޮޑެއް. މިކަހަލަ ހުރިހާ ކަމަކާއި ބެހިގެން ގައުމު ހަލާކުރުމުގައި މިސަރުކާރާއިއެކު ހާޝިމް ކުރިއަށް ދިއުމަށް ގަސްތުކުރޭ ހާޝިމް އަށް އިނގިރޭސި ވިލާތުން ފުލެޓެވެސް ހޯދާފައިވަނީ ރާއްޖޭން ފިލައިގެން ގޮސް ހުންނަ ތަނެއްކަމުގައި އެތަންވާނެ. މިއީ ޝައްހަ ގޮތެއްގައި ލިބިފައިވާ ހަބަރެއް.
ދަލޭކަ ވިދާޅުވީ
ތާރީޚް:20/05/2009
މިހާރުވެގެން މިއުޅޭގޮތަކީ ކޮންމެމީހަކުވެސް އެމީހެއްގެ އަމިއްލަ ޖީބަށް ފައިދާވާގޮތަށް ކަންތައްތައްކުރަން އުޅެވެނީ. ކުލަބް ޖަމިއްޔާތަކުގައިވެސް ތިންހަތަރު ސަތޭކަ މެންބަރުން ތިބޭނެ. އެކަމަކު ކަމެއްކޮށްލަން ގޮވާލާއިރު އަންނާނީ ދެތިން މީހުން. ކުލްބު ޖަމިއްޔާ ހިންގަން ތިބޭނީ ކޮންމެވެސް ތަނެއްގައި ވެރިއެއް ނޫނީ އަމިއްޔަ ވިޔަފާރި ހިންގާބައެއް ނޫނީ ސިޔާސީ ކޮންމެވެސް ޕާޓީއެއްގެ އިސްއެކްޓިވިސްޓުންތަކެއް. ދެން ވިސްނަބަލަ ކަންތައްވާނެގޮތް. ކޮންވަގުތެއްތޯ މިމީހުންނަށް ކްލަބު ހިންގަން ހޭދަކުރެވޭނީ. މިހާރަކުނޫޅޭ އަނެކުންނަށް މޮޅެއް ވާނެގޮތަކަށް ކަމެއްކުރާނެމީހެއް. މިހާރު ގޭދޮރުމަތި ކުނިކަހާލާ މީހަކުވެސް މަދު. ކޮންމެކަމަކަށްވެސް ރުފިޔާދީ އޭރުން ހެޔޮވާނެ. ވިޔަފާރިވެރިންވެސް ގިނަ އެކަމަކު އެއްޗެއް ގަންނަން ދާއިރަކު ނުހުންނާނެ ލިބޭކަށް.
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
ޑޯގޫ، “ޝައްޙަ” ގޮތެއްގައި ޚަބަރު ލިބޭތަ؟ ނުލިބޭނެ. ލިބޭނީ “ޞައްޙަ” ޚަބަރު ނުވަތަ އެންމެ ކުޑަމިނުން “ސައްހަ” ޚަބަރު. ދެން ތިޔަ ދެއްކެވި އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނޫން. އަޅުގަނޑަކީ އަންނިގެ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދި އަދާކުރާ މީހެއް ނޫން. ފްލެޓެއް ވެސް ނުހުންނާނެ އިނގިރޭސިވިލާތަކު. ދެން އެހެންވިއްޔާ ގޮންޖަހާލާފައި މިބުނަނީ، ތިޔަ މަޢުލޫމާތު ހާމަކޮށްލައްވަ ބައްލަވާށޭ ތިޔަހާ ޔަޤީންކަން އޮތީވިއްޔާ. ހަމަ ނޯންނާނެއޭ.
ދެން އަނެއްކާ ވެސް މައުޟޫއަށް. ވަރަށް ބޮޑު ތެދެއް، މިދިޔަ ސަރުކާރުން 30 އަހަރު ވަންދެން ނުދެއްވި ހިތްވަރެއް، ނުކުރި ސަޕޯޓެއް ހަމަ ޑަން ލާފައެއް ނާންނާނެ ރައްޔިތުންނަކަށް. އަޅުގަނޑަކީ ވެސް އަމިއްލަ ދެ ކްލަބުގެ މަސްއޫލުވެރިއެއް. އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަމަ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގަކެއި ހުރި ދަތިކަންތައްތައް. ދެން މަދު ފަހަރެއްގައި ފަންނީ އެހީ. ވަރަށް ބޮޑަށް ދަތިވޭ ފައިސާ ނުލިބޭތީ ޖަމިއްޔާ ހިންގަން. މިއާ ހަމަ އެއްކަހަލަ މައްސަލަތަކެއް އުޅެނީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ޖަމިއްޔާތަކެއްގައި ވެސް. ފައިސާއެއް ނުލިބޭ. ފަންނީ އެހީއެއް ނުލިބޭ. ދެން އަޅުގަނޑު ކުރިން ދެންނެވިން ސަރުކާރުން މިހާރުން މިހާރަށް ކުރައްވަން އުޅުއްވާ 2 ކަންތައް. އޭގެ ސަބަބުން ދެ މައްސަލައެއް ޙައްލުވާނެ. ހަމަ އެކަނި ދެން އޮންނާނީ ފައިސާގެ މައްސަލަ. އެކަމާ ދެން ސަރުކާރުން ވިސްނަވާނީ. މިއީ ދޮގެއް ނޫން. އިބްރާހިމް މެން ޑޯގް މެން ކިތަންމެ ކޯފާ ވިޔަސް، އޮޅުވައެއް ނުލެއްވޭނެ މިވަރުގެ އެހީއެއް ވެސް ކުރީގެ ސަރުކާރުން ނުވާކަން. ސަމަރޭ މިނިސްޓަރުކަމުން ވަކިކުރައްވާފައި، ހަމަ މިނިސްޓަރެއްގެ ލެވެލްގައި މިފަދަ ޖަމިއްޔާތައް ތަރައްޤީކުރާށޭ ކިޔާ އޮތޯރިޓީއެއް ހަދާފަ މުސާރަ ދެއްވާފައި ބެއިންދެވީ. އަޅުގަނޑު ދަންނަވާނީ އެހެންވިއްޔާ ޖެހޭނެއޭ މަސައްކަތެއް ކުރަން. ދެން އެއްވެސް ކަމެއް ނުކޮށް އެތަނުންނާ މަޖިލީހުން މުސާރަ ނަންގަވައިގެން މިބޭފުޅުން ވަޑައިގަތީމާ، އަދި ދެން މިތަނުގައި ޖަމިއްޔާތައް ނުހިންގޭ ވާހަކަ ލިޔަންޏާ، އެވާހަކަ ދައްކަން ޖެހޭނެ ޑޯގާ ދެން ތިބި ކިތަންމެ ބޭފުޅުންނެއް ކޯފާވިޔަސް. މިއުޅެނީކީ މައުމޫނާ އަޅައިގަނެގެން އެމަނިކުފާނުގެ ދަރިކަނބަލަކު އިންނަން ނުލިބިގެންނެއް ނޫނޭ. ކަމެއް ގޯސްކޮށް ކޮށްގެން (އޮތޯރިޓީ ނުހިންގައި) އޭގެ ސަބަބުން ގެއްލުމެއް (ކްލަބް ނުހިންގުން) ރައްޔިތުންނަށް ލިބުނީމަ އޭގައި ޒިންމާދާރުކުރުވަން. މިވާހަކަ ދައްކަން ޖެހެނީ ތާރީޚަށްޓަކައި ރެކޯޑްކުރުމަށް. އަޅުގަނޑު މިވާހަކަތައް މިއާޓިކަލާ ބެހޭ ގޮތުން ނުދެއްކެވި ނަމަ މިތާ މިއުޅުއްވާ އިލުހާނާއާއި، މަޖިލިސް އާ ދެންވެސް ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެތޯ މިކަންކަން. ދެން މިކަހަލަ މައުޟޫއަކަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންފިއްޔާ، މިހެން ތާރީޚު ދިރާސާނުކުރައްވައި ވާހަކަ ދައްކަވަން ފައްޓަވާނީ ރާއްޖެ ފެށުނު ހިސާބަކީ 11 ނޮވެމްބަރު 2008 ކަމުގައި ބައްލަވައިގެން. އޭރުން ދެން ފަހުން އަންނަ ޖީލުތަކަށް އޮންނާނީ ކަންއޮތްގޮތް އޮޅިފައި. އެހެންވެ އަޅުގަނޑު މިދަންނަވަނީ ޑޯގަށް ކުޑަކޮށް މައިތިރިވެލައްވާފައި، އަޅުގަނޑު މިދެންނެވި އެއްވެސް ވާހަކައަކީ ދޮގެއްތޯ ނޫންތޯ ބެއްލެވުން. އެންމެ ކުޑަމިނުން އޭރުން އެކަން ތާރީޚަށްޓަކައި ރެކޯޑްވެގެން ދާނެ. މިބޭފުޅުންނަށް ހީފުޅުވަނީ އަޅުގަނޑަށް މިއުޅެނީ މައުމޫނާ ނުލައި ނުނިދިގެންނޭ. ދެން ވެދާނެ މައުމޫން ވެރިކަމުގައި ޑޯގު މެންނަށް ސްކޮލަޝިޕެއް ލިބި ކިޔަވައިވިދާޅުވެގެން، މައުމޫން ދެއްވި ގަމީހާ ފަޓުލޫނާ ތުރުކުރައްވައިގެން، މައުމޫން ހަދިޔާއަށް ދެއްވާ އަތުކުރި ގަޑި އަޅުއްވައިގެން، މައުމޫން ދެއްވި ލޯނަށް ނުވާ ރައްޔިތުންގެ ލާރީގެ ލޯނުން ގެއަޅުއްވައިގެން، ޑޯގްގެ ބޭފުޅުންނަށް މައުމޫނުގެ އިނާޔަތް އޮންނާތީ، މިހާރުގެ ސަރުކާރުން އެބައިވަރު ނުދެއްވާތީ ކޯފާވަނީކަމަށް. އާ އެހެންޏަ، މިތަނުގައި އަޅުގަނޑަށް ހަމަ އެކައްޗެއް ވެސް ހަޤީޤަތް ހާމަކުރުމުގެ ގޮތުން ނޯވޭ ދެންނެވޭކަށް ޑޯގު އެއަށް ހުރަސް ނާޅުއްވާ. ޑޯގު މާބޮޑަކަށް ބިރުފުޅު ގަންނަނީ ހަޤީޤަތް ދެކެ. ދެން މިއަށް ކުރައްވާ ކޮމެންޓްގައި އަޅުގަނޑު ސަމަރޭއާއި ބެހޭ ގޮތުން ދެންނެވި ވާހަކަ ނިކަން ހެއްކާ އެކު ދޮގުކުރައްވަ ބައްލަވާ. އަދި އަޅުގަނޑަކީ އަންނި ސަރުކާރުން 45000ދީ، އިނގިރޭސި ވިލާތުގައި ފްލެޓް ހުންނަ މީހެއް ކަމަށް ސާބިތުކޮށްދެއްވަ ބައްލަވާ. އަޅުގަނޑު ގޮން ޖަހާލާފައި މިދަންނަވަނީ ޑޯގު ތިހެއްދެވީ ހަމަ ރަތްލާޖެހި މަރުކާފަރު އިތުރުފުޅޭ. އެންމެ ބޭފުޅުންގެ ކުރިފުޅު މަތީގައި މިހާރު ޑޯގުގެ އިތުބާރު ގެއްލިއްޖެއޭ. ދެން އެބޭފުޅުންނެއް ވިދާޅެއް ނުވާނޭ ޑޯގު ލިޔުއްވާ އެއްވެސް ކޮމެންޓެއް ވެސް ތިހާ އިތުރުފުޅު ހައްދަވަންޏާ
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
މަތީ ކޮމެންޓްގައި އެއްވާހަކަ ތަފްސީލުކޮށް ދެވިފައި ނުވާތީ މިތާނގައި ދަންނަވަން. ޖަމިއްޔާތަކަށް ދިމާވެފައިވާ މައިގަނޑު3 މައްސަލައަކީ، ފައިސާނުލިބުން، ފަންނީ އެހީ ނުލިބުން އަދި ޖަމިއްޔާގެ ޤާނޫނު އޮތުން ލިބޭ ދަތިތައް. ސަރުކާރުން މިހާރުވަނީ މީގެތެރެއިން 2 ކަންތައް ޙައްލުކުރުމަށް މަސައްކަތް ފައްޓަވާފައި، އެއީ 1 ޖަމިއްޔާގޭ ޤާނޫނު އިސްލާޙުކުރައްވައި އާމަޖިލީހަށް ފޮނުވުމަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވާފަ. 2 ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިއުސްލެޓަރ އެއް މަހަކު އެއްފަހަރު ނެރުއްވައި އެޗާޕްކޮށްދިނުމަށް ފަރާތެއް އައްޔަން ކުރުމަށް ބިޑް ހުޅުވާލި އިޢުލާން އަޅުގަނޑު ދުށިން އާފަތިހުން މިމަހުގެ ކުރީކޮޅު. މިއީ ހަމަ ސަމަރޭ ހިންގެވި އިދާރާ މިހާރުގެ ސަރުކާރާ ހަވާރުލުވިފަހުން މިހާތަނަށް ކުރައްވަން ފައްޓަވާފައިވާ ކަންކަން. ކޮންބޭފުޅަކަށްތޯ، ކޮން ކްލަބަކަށްތޯ އެނގިވަޑައިގަންނަވަނީ މިފަދަ އިދާރާއެއް ހުންނަކަން މިދިޔަ ޒަމާނުގައި؟ އެހެންވީމަ މައިގަނޑު 3 މައްސަލައިގެ ތެރެއިން 2 މައްސަލަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލުވާނެ. ދެން އޮތީ ފައިސާގެ މައްސަލަ، އެކަން ހައްލުކުރަން ދުވަސްތަކެއް ނަގާނެ. އެތައް ބޭފުޅުންނަކަށް މައުމޫނު ބިލިއަނަކާ ގާތްކުރާ ވަރަށް ޖަޕާނު ހިލޭ ފުށް ވިއްކައިގެން ލިބުނު ފައިސާ ވަނީ ދެއްވާފަ، ތަސްމީނަށް ވެސް 1 ބިލިޔަން ދެއްވާފަ. ޔާމީންގެ އެކައުންޓްތައް ފުރާލާފައި، އެވަރަށް މައުމޫނު އިސްރާފް ވެސް ކުރައްވާފަ. މިހުރިހާ އެއްޗެއް ނޫނީ ބައެއް ނަމަވެސް ހޯދޭނެ. ހޯދައިގެން ސަރުކާރުގެ ބަޖެޓަށް ފައިސާ ވަދެގެން އަޅުގަނޑުމެންގެ ޖަމިއްޔާތަކަށް ފައިސާ ލިބޭނެ. މިނޫން ދުވަހެއް ނޯންނާނެކަމަށް ބޮޑެތި ވައްކަން އެބޭފުޅުން ކުރައްވަމުން ގެންދެވީ. މިހާރު އެއޮތީ ރިޔާސީ ކޮމިޝަން ހައްދަވާފަ އެމައްސަލަތައް ބަލައި އެފައިސާ ހޯދަން. އޭރުން ރަނގަޅުވާނެ ރައްޔިތުންނަށާއި ކްލަބް ޖަމިއްޔާތަކަށް. މިސަރުކާރުން އެހެންވީމަ މިހުރިހާ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ. ކުޑަކުޑަ ފުރުސަތެއް ދެއްވާ އެބޭފުޅުންނަށް. ޑޯގު މެންނަށް މިކަން ހަޖަމުނުކުރެވިގެން ބަނޑު ދިޔާވެގެން އެއުޅުއްވަނީ މައުމޫނަށް ވުރެ މާސަޅިކޮށް ގައުމު ހިންގާލާތީ އަންނި. އެހެންނޫންތޯ ވާނީ މައުމޫން ކިޔަވާ ވިދާޅުވީ އަޒުހަރު މަދަރުސާ ކިޔާ ޖިފުޓި ގަނޑަކުން. އަންނި ކިޔަވާ ވިދާޅުވީ ސީދާ އިނގިރޭސިވިލާތުން. މިދެގައުމަށް މިހާރު ވެސް ނަޒަރެއް ހިންގާލުމުން އެނގޭނެ ވަރުހުރީ ކޮންތާކުކަން. އެހެންވީމަ، ކިޔެވި ތަނުގެ ކުނިކަމާ ކަޑަކަން އެހުންނެވީ މައުމޫނުގެ ހިޔަނިހެން އޭނާއާއެކު. އެއްވެސް މީހެއް ނޫން އެއީކީ އިނގޭތޯ. ހަމަ ބޮޑު މަރުމޯލެއް މައުމޫނަކީ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
އަދި ވެސް ޑޯގަށް ދަންނަވަން ބޭނުން. ދެން އެންމެ ބޭފުޅުން ވަރަށް ބޮޑަށް އަޅުގަނޑަށް މާފުކުރައްވާތި މިހާ ދިގުކޮށް ލިޔާތީ ވެސް އިގޭތޯ. އަޅުގަނޑަށް ފެނޭ ކޮންމެ ލިޔުމަކުން ވެސް މައުމޫން. އެއީ ތެދެއް. 30 އަހަރު މިގައުމު ހިންގި ބޭފުޅަކު، މިގައުމުގެ ކޮންމެކަމަކާ މަތި ނުކުރެވޭނެ ގޮތެއް ޑޯގު ވިދާޅުވެ ބަލަ. މިގައުމުގެ މީހަކު މަރުވިޔަސް، ވިހެޔަސް، މަހަށް ދިޔަސް، ރުކުން ވެއްޓިގެން ފަރުވާ ނުލިބުނަސް، މުސްކުޅިއެއްގެ އުނަގަނޑުގައި ރިއްސިއަސް، ސްކޫލަށް ނުދިޔަސް، ޑްރަގު ބޭނުން ކުރިއަސް، ކުޑަކުދިންނާ ބަދު އަޚުލާޤީ ގުޅުން ހިންގިޔަސް، މަގުމަތިން ކަޓަރު އެޅިޔަސް، ޖަމިއްޔާ ނުހިންގުނަސް، އޭގައި ނޯންނާނެތޯ މައުމޫނުގެ ހިއްސާއެއް. އެއީ 30 އަހަރު ގައުމު ހިންގެވި ފަރާތް. ދެން މިކަންކަމާ އެފަރަތާއި ނުގުޅެވޭނެ ގޮތެއް ނިކަން ވިދާޅުވެބައްލަވާ ޑޯގޫ. އެހެންވީމަ މިސައިޓްގައި ލިޔާ ހަމަ ކޮންމެ އިޖްތިމާޢީ، އިޤްތިސާދީ، ސިޔާސީ އަދި ދީނީ އަދި އެނޫންވެސް ކޮންމެ މައްސަލައަކާ ގުޅިގެން މައުމޫނުގެ ނަން އަންނާނެ ޑޯގުމެން ބަނޑު ދިޔާ ވިޔަސް ކިތަންމެ ވަރަކަށް. އެވާހަކަތައް ދެކެވޭނެ ކިތަންމެ ދެފައި ކައިރި ނުވިޔަސް ޑޯގުގެ. ވަރަށް ސަލާމް
މަކުނު ވިދާޅުވީ
ތާރީޚް:20/05/2009
ޑޯގު ބުނިއެއްޗަކަށް ހާސިމް ޖަވާބު ނުދީ އެހެން އެއްޗެއް ތިކިޔަނީ އެއީ އަނެއްކާ ތެދެއްތަ؟
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:20/05/2009
މިތަނަށް ކޮމްނެޓް ކުރި ކޮންމެސް މީހަކު މި ސައިޓު ހުއްޓާލަންވީއޭ ގޮވާފަ އޮތީމަ މަ ގާތަށް މި ރުޅިއައި، ބުނަންތަ ކަލޭ މި ސައިޓަށް ނުވަންނަންޏާ ނުވަދެ ހުރޭ، މީގަ މުހިންމީކީ ކޮންމެހެން މި ސައިޓޫ ހިންގާ މީހުން އެކަނި ލިޔުމެއް ވެސް ނޫން، އެނގިއްޖެތަ، މުޅި ރަށުގެ ނަމުގައި ސައިޓު ހަދާފަ މިއޮތީ އެހެންވެ، އަހަރެމެންނަށް ލިޔެވޭނެ، އަހަރެމެންނަށް ސައޓު ކިޔަންވެސް ކިޔޭނެ، ކަލޯމެން ތިބޭ ތިހެން
ޔޫސުފް ވިދާޅުވީ
ތާރީޚް:20/05/2009
ކުޅުދުއްފުށީ މީހުނަށް ޖެހިފައިވާ އެންމެ ބޮޑު ބައްޔަކީ ޑިގުރީ ބައްޔާއި ތަހުޒީބު ބަލި! އަބަދުވެސް ރައިބޮއްޔެއް ތަޅުވާހެން ކިޔާނީ ރަށް ތަހުޒިބު ނުވާވާހަކަޔާއި، ޑިގުރީގެ ވާހަކަ! ތިޔަ ތަހުޒީބު، އިގިރޭސި ތައުލީމު ޔާފްތާކުދިން ކީއްވެތަ މި ސައިޓަށް ނުލިޔަނީ.
އަބަދު އަހަރެމެން ކުޅުދުއްފުށީ މީހުންގެ ޑިގުރީއެއް ނެތޭ، ތަހުޒީބެއް ނޫނޭ، ގަމާރޭ ނުކިޔަ، ނިކަން ވިސްނޭ މީހުން މި ސައިޓަށް ލިޔަން ފަށަން ވީނު!
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
ޑޯގު ކުރެއްވި ކޮން ސުވާލަކަށް އަޅުގަނޑު ޖަވާބު ނުދީގެންތޯ މަކުނު ތިޔަ އުޅުއްވަނީ. އެފާހަގަކޮށްދެއްވައިފިއްޔާ ހަމަ ވަގުތުން ޖަވާބު ދޭނަން. އެކަމަކު އަޅުގަނޑުގެ ސުވާލަކީ، މިއީ އަޅުގަނޑާއި ޑޯގު ބަހުސްކުރަން އޮތް ފޯރަމެއްތޯ ނޫނީ ލިޔުމަށް ޚިޔާލުފާޅުކުރަން އޮތް ފޯރަމެއްތޯ. މިތާ އަދިއެއް ނެތް މިލިޔުމާމެދު އަޅުގަނޑު ދެއްކި ވާހަކައަށް ވުރެ ވަކި ބޮޑަކަށް މިލިޔުމަށްޚިޔާލުފާޅުކުރި އެއްވެސް ބޭފުޅަކަށް.
ސިރްހާން ވިދާޅުވީ
ތާރީޚް:20/05/2009
ހާޝިމް.. ހާޝިމް.. ގަހެއްގެ ދެފަތް ކޭތިލިޔަސް ހާޝިމް.. ތިކަން ހުއްޓާލަބަލަ.. އޭނަ ލިޔާ އެއްޗެއް ލިޔެފާނޭނުން.. ދެން އެހެން މީހުން ވެސް ލިޔާ އެއްޗެއް ލިޔެފާނެތާ.. މިތަން ހީވަނީ ހާޝިމް ވަށައިގެން އެނބުރޭ ސޯލާ ސިސްޓަމެއް ހެން ވިއްޔާ..
ތަންކޮޅެއް ހަރު ކުލައިގެ މީހަކު ވިދާޅުވީ
ތާރީޚް:20/05/2009
ސިރުހުހާނޫ ދޮންމަނިކާ އެމިހުން ޖަހާ ސަކަރާތެއް ޖަހަން ދޫކޮށްލާ. ކޮންމެ ކަމެއްގަ ވަސް ޅަފަތުގަ އެކަހަލަ ކަންކަން ހުންނާނެ. ދުވަސްކޮޅަކުން ހަމަ އަމިއްލަޔަށް މައިތިރިވެދާނެ. އޭރުން ދެން ތަސައްރަފު ފުދުނީއެ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
ނޫނޭ ސިރްޙާން. މިއީކީ ކުޅޭކުޅޭ ތަނެއް ނޫން. ވިދާޅުވާ އެއްޗެއް ވިދާޅުވާންވާނީ ހަރުދަނާކަމާއެކު. މިއީ އަޅުގަނޑު ނުދެކެން އަނގަމަޖާކޮށްލަން އަންނަ ހޮޅުއައްޓެއް ކަމަކަށް. ސާބިތުނުހިފޭ މިފަދަ ދޮގުތައް މިހެނެއް ނުލިޔުއްވޭނެ. ތިމާގެ ހުންނަންވާނެ ކޮންމެވެސް ކަހަލަ އުސޫލެއް ދެއްތޯ. މިއީ އަނގަމަޖާކޮށްލާ ތަނެއްކަމަށް ދެކިގެންނެއް ނޫން މިތާ އަޅުގަނޑު އެއްޗެހި ލިޔެހަދަނީ. އަޅުގަނޑު ވެސް ވަރަށް ބުރަ މަސައްކަތުން ދިރާސާކޮށްގެން މައުލޫމާތު ހޯދައިގެން ހަމަ ހިލޭ ސާބަހަށޭ މިސައިޓަށް ފޮނުވާ ލިޔުން. އެހެން ބޭފުޅުން ވެސް އަޅުގަނޑު ހިތުން އެގޮތަށް އެފޮނުއްވަނީ ލިޔުންތައް. އަޅުގަނޑު ފާޙަގަކޮށްލަން އަރުޝަދާ، މުޙައްމަދު އިސްމާޢިލާއި ޔޫސުފް ގެ މަސައްކަތް. ދެން ޑޯގް މެން އެއަށް އެއްޗެއް ވިދާޅުވަންޏާ ޖެހިވަޑައިގަންނަވާނެ އޭގައި ކޮންމެ ވެސް އޮއްޓަރެއް ހުންނަން. އެފަދަ ފޯރަމެއްކަމަށް ދެކެން މިއީ. އެއުސޫލު ނުގެންގުޅުއްވާ ދެން ހާޝިމް އޭއްޗެކޭ ހާޝިމް ފްލެޓޭ ހާޝިމަށް މުސާރަ ލިބެއޭ 45000 އޭ މިއީ ދެން ކޮންވާހަކައެއް. މިހެން ޒާތީ ވެގެންނެއް ނުވާނެ. މިއީ ޕްރޮފެޝަނަލް ގޮތެއް ނޫން. ލިޔެފައި އޮންނަ އެއްޗަށް ޚިޔާލުފާޅުކުރާނީ. ދެން އަނެއްކާ އަނެއް ބޭފުޅާ ވެސް އެކަމާ ޚިޔާލުފާޅުކުރާނީ. ކޮންމެހެން މީހުންނާ ބެހި ހައްދަވައިގެން ނުވާނެ. އެގޮތަކަށް މިތާކު ވިޔަކަ ނުދޭނެ މިތަނުގައި ރަނގަޅަށް ކޮމެންޓް ކުރައްވާ އެއްވެސް ބޭފުޅަކު. ދެން ތާރީޚު އޮޅުވާލައްވައިގެން ވެސް ނުވާނެ އެއްވެސް ބޭފުޅަކު. އެއީ ވަރަށް ބޮޑު ޚިޔާނާތެއް. އެފުރުސަތެއް ނުދޭނަން ހަމަ ގައިމު ވެސް އަޅުގަނޑެއް. އެފަދަ ކަމެއް އެއްވެސް ބޭފުޅަކު ކުރައްވަންޏާ އަޅުގަނޑު ހުންނާނަން ފަހަތުގައި އެއީ ދެގޮކޭ ކިޔަކިޔާ.
އިލުހާނާ ވިދާޅުވީ
ތާރީޚް:20/05/2009
މިހާރުން މިހާރަށް ކުރަން ބުނެފައި އެވާ ކަންތައްތަކަކީ މާބޮޑު މާލީ ތަނަވަސްކަމެއް ނެތަސް ކުރެވިދާނެ ކަމެއް. މިސާލަކަށް ބައިގެން ދިއުމުގެ ވާހަކަ ވެސް އެބައޮތް ލިޔެފަ. އެކަމުގައިވެސް ހޮސްޕިޓަލާ ގުޅިގެން ހޭލުންތެރި ކުރެވިދާނެ މާކަބޮޑު ހަރަދެއް ނުގޮސް. ގުޅިގެން ކަންކަން ރާވާ ހިންގާނެ ބަޔަކު ނެތީ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/05/2009
އިލުހާނާއަށް. ވަރަށް ބޮޑު ތެދުފުޅެއް ތިޔައީ، އެފަދަ ބަޔަކު ނެތް. އެއީ މިދަންނަވާ ފަންނީ އެހީ ނުލިބުމުން ވާގޮތް. ޖަމިއްޔާގެ ހަރަކާތްހިންގާ، ރާވާ ކުރާނެ ގޮތް ނޭނގުން. މިކަމަކީ ހަމަ މިހެން އޮވެފަ ވީކަމެއް ނޫން ދެއްތޯ. އެއީ 30 އަހަރުވި ސަރުކާރަކުން އެކަންކަން ނުކުރެއްވީމަ ވީގޮތް. އެފަދަ ބަޔެއް ކުޅުދުއްފުށީގައި އެކަންޏެއް ނޫން އިނގޭތޯ، މުޅި ރާއްޖޭގައި ވެސް ނެތިގެން ޖަމިއްޔާތައް ނުހިންގިގެން މިއުޅެނީ، އެއީ އެއްސަބަބު. އަޅުގަނޑު މިދަންނަވަނީ އެއީ މައުމޫން ސަރުކާރުގެ ފެއިލްވުމެކޭ. ދެން މިސަރުކާރުން އެބައުޅުއްވާ އެފަންނީ އެހީ ފޯރުކޮށްދެއްވުމަށް ނިއުސްލެޓަރއަކާ މައުލޫމާތު ކިޓެއް ހައްދަވާ، އެޗާޕްކުރާނެ ބަޔަކު ހޯދަން. ވަރަށް އަވަހަށް އެކަންކަން ކުރެވޭނެ އިރާދަކުރެއްވިއްޔާ. އޭރުން ތިމައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެ އިނގޭތޯ.
ސިރްހާން ވިދާޅުވީ
ތާރީޚް:20/05/2009
ހޫނ ހާޝިމް ތިޔަ ވިދާޅުވަނީ ހަމަ ތެދުފުޅެއް. އަޅުގަނޑު ބުނަން މި އުޅޭ އެއްޗަކީ މުޅި ސައިޓު ފުރެންދެން ހާޝިމް ހާޝިމް ނުގޮވާށޭ އޭނާ ދައްކަވާ ވާހަކަ ވެސް ދެއްކެވިޔަދެއްވާށޭ. ދެން މީހަކު ނުބައި މައުލޫމާތެއް ދެންޏާ އެކަން ރަނގަޅު ނުކޮށްލާށެކޭ ނޫން މި ބުނީ. އެކަމަކު އެހެންނަކުން ނޫން މި ވަނީއެއް.. ހާޝިމް އެއްޗެކޭ ވިދާޅުވާ އިރަށް، ދެން ހީވަނީ އެހެންކަމެއްހެން. މި ލިޔުމުގައި، އެންމެ ފުރަތަމަ ކޮމެންޓުކޮށްފައި އެއޮތީ ހާޝިމް. ދެން އެއާއި ޖެހިގެން އަޅުގަނޑު. އަޅުގަނޑުގެ ޕޮއިންޓު ވެސް ބުނެފައި އެއޮތީ. ހާޝިމް އަނެއްކާ އެއަށް ރައްދު ދެއްވައިފި. އަނެއްކާ އަޅުގަނޑު އެއަށް ރައްދު ދޭންވީތޯ؟ އެއިރުން ވައްތަރުވާނީ ޒުވާބަކާ. މިއީ ކޮމެންޓުކުރާ ތަނެއް ގޮތަށް އޮތް ތަނަކަށް ވިޔަސް، މިތަން މިއޮތީ މި ސައިޓު ކިޔުންތެރިންގެ ޢުރުފުގައި ފޯރަމަކަށް ވެފައި. އެހެންކަމުން މިއީ އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި ފޯރަމެއް. އެކަމަކު ވެސް، ހުސް ބުރެއްހެން އެއްވާހަކައެއް ވަށައިގެން އެނބުރޭ ވައްތަރު ޒުވާބު ކުރީމަ މި ފޯރަމް އަޅުގަނޑަށް އެހާ ފޯރިއެއް ނޫން. އެކަމަކު ވެސް އަޚްލާޤީ ގޮތުން ދަށްފެންވަރު ނޫން އެއްވެސް ކޮމެންޓެއް ނުފުހުމަށް އަޅުގަނޑު އެދެން. މީހަކު ސަމާސާ ގޮތަކަށް ވައްބަހުން ވެސް އޮވެދާނެ ހަމަ ކުޑަކުޑަ މުހިއްމު ކޮމެންޓެއް ކޮށްލާފަ.
ބިލް އޯ ރެއިލީ ވިދާޅުވީ
ތާރީޚް:20/05/2009
މިހާރު މިހިނގާ ޒުވާބާ މެދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ހިކްމަތުގެ ބަހުގައި ހިފާށޭ… “އަދީބަކާއި ޒުވާބު ނުކުރާށެވެ. އަދި ސޭކަކާއިވެސް ޒުވާބު ނުކުރާށެވެ. އެހެނީ އަދީބު، ކަލޭގެ ބަސް، ފުކަކަށް ހަދާލަފާނެއެވެ. އަދި ސޭކު މީހާ ކަލޭގެ ސިކުނޑި ވަރުބަލި ކޮއްފާނެއެވެ.. އެހެން ބަހެއްގައި އޮންނަނީ “މޮޔަ އަކާ ޒުވާބު ނުކުރާށެވެ. އެހެނީ އޭރުން އެތަނުން މޮޔައީ ކަލޭ ކަމަށް ބަލާ މީހުނަށް މާފަސޭހައިން ގަބޫލް ކުރެވޭނެއެވެ.”
އ.މ.ކ ވިދާޅުވީ
ތާރީޚް:20/05/2009
ރަށުގެ ތައުލީމީމީހުން މިސައިޓަށް ލިޔަމުން ގެންދޭ. އެ ތަކެތި ބަލައި ގަންނަފަރާތްތްށްވެސް ގިނަ. މަހިތުން އެވެރިންވެސް މިތަކެތި ކިޔާ، ކޮމެންޓްވެސް ކުރޭ. އަދި ތަރައްގީއަށް މަސައްކަތްވެސް ކޮށްދޭ. ޖަމުއިއްޔާ ތަކުން އިސްނަގައިގެން ކުރަން ފެންނަ ކަމެއްމީ ކެރިއާ ގައިޑެންސް ޕުރޮގުރާމްތަކެއް ރާވާހިންގުން. އަލަށް ފަށައިގަތް ބައިމީހުން މިކަމަށްވެސް ސަމާލުކަން ދޭނެކަމަށް އުއްމީދުކުރަން. އޭރުން ވަޒީފާޔަށް ނުގޮސް މިތިބޭމީހުނާ، ކުރިޔަށް ދާނެ ދާއިރާއެއް ނޭގިފަ މިތިބޭ ކުދިންނަށް މަގުދައްކައިދިނުމަށް އެހީއަކަށްވާނެ.
ދެކޭ މީހުންގެ ލޯތަކަށް ނުފެންނާން ފޮރުވިގެން އޮތް ސައިތާނު ވިދާޅުވީ
ތާރީޚް:20/05/2009
ލިޔުމުގައި ހުރިވާހަކަތަކަށް މަ ތާއީދު..
އިލްޒާމް ވިދާޅުވީ
ތާރީޚް:20/05/2009
ކޮންމެ ކަމެއްގައި ސިޔާސީ ކުލަ ޖެއްސުމުގެ ބޭނުމެއް ނެތް. ހާޝިމް މިދިޔަ 30 އަހަރުގެ ވާހަކަ ދެއްކުމަށްވުރެ މިހާރުންމިހާރަށްވެސް ކުރެވިދާނެ ކަންތައްތަކުގެ ވާހަކަ ދައްކަބަ. 30 އަހަރުގެ ވެރިކަން ކަމުނުގޮސްގެން އެއޮތީ ބަދަލުކޮށްފަ. ދެން ފަށަފަށައިގެން މައުމޫނޭ ނުކިޔާ.
އިބްރާހީމް ވިދާޅުވީ
ތާރީޚް:20/05/2009
ހާޝިމަކީ ނާކާމިޔާބުވެފައިވާ މީހެއް!!!! އޭނާއަށް އެހެރީ އޭނާގެ ފެންވަރު އޮޅިފައި. ދުވަހަކުވެސް މީހަކު ލިޔާ އެއްޗެއް ކަމަކު ނުދާނެ. ބަލަ ދިވެހިރާއްޖޭގައި އުފައްދާފައިވާ ހުރިހާ ކުލަބް ޖަމުޢިއްޔާތަކުގެ މުޢައްސިސުންނަކީ މައުމޫނުތަ؟ ނޫނީ ތަސްމީނުތަ؟ ނޫނީ އިލިޔާސްތަ؟ މަށަށް ހީވަނީ ހާޝިމަކީ ކުރީގެ ސަރުކާރުގައި ކޮންމެވެސް ކަންތައްގަނޑެއް ކޮށްގެން މަޤާމުން ދުރުކޮއްފައި ހުރި މީހެއްހެން.
އަންނި ކުރި ގޯސް ކަމެއްވެސް މިގޮލައަކަށް ނެތެންނު. މަހިތަށްއަރާ މިގޮލާ ރަނގަޅުވާނީ ކޮންދުވަހަކުންބާވައޭ! ސިޔާސީގޮތުން ވަރުގަދަ އަދި ދިވެހި ބަހަށް މޮޅު އާދަމުގެ ދަރިޔަކު އަދި ކިރިޔާ މިޤައުމުގައި މިގެން އުފަންވީ. ޞޯދުބެމެން ނުވޭދޯ އެކައްޗަކަށްވެސް. ދެރަކަމަކީ ދިވެހި ބަސް ދަސްކޮއްދޭ ޕްރޮގްރާމެއް ޓީވީ އިން ނުވަތަ ރޭޑިޔޯ އިންވެސް މިކަލޭގެއަށް ހިންގާ ނުލެވޭކަން. ނުވިތާކަށް އެންމެ ކުޑަމިނުން ދިވެހި ބަހުން ތައްޔާރު ކޮއްފައިވާ ފޮތެއްގެ މިންވަރުވެސް ނެރެވިފައި ނުވާކަން. ނުވިތާކަށް ސިޔާސީ ޕާރޓީއެއްގެ މަތީ މަޤާމަކަށް ކުރިމަތިލާންވެސް ނުކެރުނުކަން. ތިޔަ ދައްކަންއުޅޭ ތިއްތި ކޮންމެވެސް އެހެންބަޔަކު ކައިރީގައި ދައްކަން ދުރުވޭ!!!!!!!!!!!!!!
ރަބަރުދޫ ވިދާޅުވީ
ތާރީޚް:20/05/2009
ލިޔުން ވަރަށް ފުރިހަމަ. ލިޔުމުގައިވާ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް. މި އުޅޭ ހާޝިމް އަކީ ފަހަ ކާކުތަ؟
ސާރިދޯޅު ވިދާޅުވީ
ތާރީޚް:20/05/2009
ހާޝިމަކީ ކޮންމެމީހަކަސް ، މަށައް އެނގޭ އެއްޗަކީ އޭނައަކީ ކުރާނެ ކަމެއްނެތިން އުޅޭ މީހެއްކަން. އެންވީމާތާ މިސައިޓަށް ކޮމެންޓް ކުރުމަށް އެހާގިނަ ވަގުތު ލިބެނީ. ބަލާލާ މިލިޔުމަށް ވެސް ކިތަށް ކޮމެންޓް އެބޮތް ކޮށްފަ. އަނެއްކާ ކޮމެންޓްތަކުގެ ބަހުރުވަ އެހާ މޮޅު، ކޮމެންޓްތައް އެހާގިނަ. ނޫނީ ވެދާނެ ސަރުކާރުގެ މާ މަތީ ވަޒީފާއެއް އަދާކުރައްވާ ބޭފުޅަކަށްވެސް. އޭނާ ހަމައެކަނި ކުރާ ކަމަކީ މިސައިޓް ބަލާ މިސައިޓަށް ކޮމެންޓް ކުރުން. ހެޔޮކޮންވިއްވާ އޭނާ ކުރަންޖެހޭ މަސައްކަތަކާ އަދާކުރަންޖެހޭ ޒިންމާތައް.ފުރިހަމަނުކޮށް….
ގަޅިބެ ވިދާޅުވީ
ތާރީޚް:20/05/2009
މލިއުމަކީ ވަރަށްފުރިހަމަ ލިއުމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލަބު ޖަމުއްޔާ އުފެއްދުމުގެ ބޭނުމާ މަގުސަދު ވަނީ މިދިޔަ 30 އަހަރު އޮޅުވާލާފަ.މީމިދިމާވެގެން އޅޭ މައްސަލައަކީ ކުލަބު ތައްހިންގާނެ ގޮތެއްނޭގޭތީ.ނޭގި ކިހިނެއް ހިންގާނީ.އަލްއަމީރު މަރުހޫމް މުހައްމަދޫ އަމީނު ކުލަބު ޖަމުއިއްޔާ ތައާރަފު ކުރިފަހުން މިއަދާހަމައަށް ވެސް މިކަމުން އެދެވޭ ފައިދާއެއްނުލިބި މިއޮތީ.
މީހަކު ވިދާޅުވީ
ތާރީޚް:20/05/2009
ކްލަބް ޖަމިއްޔާތަކުގެ ވާހަކަ ދައްކާތީ މަށަށްވެސް އެއްޗެއްނުބުނެ ނުހުރެވިގެން މިއުޅެނީ. މައްސަލައަކީ ކްލަބް ޖަމިއްޔާތައް ރަޖިސްޓަރީކުރާއިރު 500 ޞަފްޙާގެ ލޮގްފޮތެއްފުރެންދެން އޮންނާނެ މަޤޞަދުތައްލިޔެފަ.އޭގެތެރޭގައި ދީނީ ކަންކަމާއި ޘަޤާފީ ކުޅިވަރާއި އިޖްތިމާޢީ މަސައްކަތްތަކާއި،އަދަބީ ކަންތައްތަކާއި މިހެންގޮސް ދުނިޔޭގަ ލެއްވިހުރިހާކަމެއް އޮންނާނެ ކުރަން ކަނޑައަޅާފައި، މިކަމުގެ ބޭނުމަކީ ހުރިހާ ބާވަތެއްގެ މީހުންވެސް އެކްލަބަކަށް ނުވަތަ ޖަމިއްޔާއަކަށް ވެއްދުން. އެކަމަކު ކްލަބުން ހަމައެކަނި ކުރާނެހާވެސް ކަމަކީ ފުޓްބޯޅަކުޅުމާ ވޮލީކުޅުންފަދަ ކުޅިވަރުތައް ކުޅޭޅީ.. ހުރިހާ މެންބަރުން ބައިވެރިވެގެން ހޯދާ ފައިސާ ޚަރަދު ކުރާނީ ހަމައެކަނި ކުޅިވަރުކުޅޭމީހުންގެ އުފާތަކަށްޓަކައި..ދެންވާގޮތަކީ އެހެންބޭނުންތަކުގަ ކްލަބްގައި ނުވަތަ ޖަމިއްޔާގައި ބައިވެރިވާ މީހާގެ އެއްވެސް ބޭނުމެއް ނުފުދޭ ، ނަތީޖާއަކަށްވެގެންދަނީ އެފަދަ އެންމެން ކްލަބް ޖަމިއްޔާ މަތިން ފޫހިވެގެން އެއްބާރުލުން ދިނުން ހުއޓާލުން.. ކުޅުދުއްފުށީ މަޤްލަސް ކްލަބުން ވެސް ކަންތައްތައްކުރީ އެހެން ، އަދި ޒުވާނުންގެ ޖަމިއްޔާއިންވެސް ކަންތައްކުރީ އެހެން މަށަކީ އެދެ ބައިގަވެސް މަސައްކަތްކުރިމީހެއް. އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހުނީވެސް ހަމަ މިދެންނެވި ސަބަބާހުރެ.މަގްލަސް ކުލަބުން އެނަމެ ފުރަތަމަ މެމްބަރ ޝިޕް ކާޑުހަދައިދިނީވެސް ފުޓްބޯޅަކުޅޭކުދިންނަށް އިސްކަންދީގެން ދެން އެހެންމީހުން ލީދުރަށް ނަތީޖާއަކަށްވީ އެއްބާރުލުންދޭންތިބި އެތައްބަޔަކު ދުރަށްދިޔުން.
ހަތަރެސްފައިގައި ހިފާ އާދޭސްކޮށްފައި ވިދާޅުވީ
ތާރީޚް:20/05/2009
މިކޮމެންޓްތައް ކިޔާކިޔާ ވަރުބަލިވެއްޖެ. ވަރަށް ރަނގަޅު ޚިޔާލާވެސް އެބަހުރި އެކަމަކު ލަދުގަންނަންޖެހޭ ކޮމެންޓްތައްވެސް އެބަހުރި. ކިޔާމީހާއާށް ތަކުލީފަކަށް ވާވަރުގެ ކޮމެންޓްވެސް އެބަހުރި. ތިރީގައި މިދަންނަވަނީ ކޮމެންޓްކުރުމުގައި ރަގަޅުކުރަން އަޅުގަނޑަށް ފެންނަކަންތައްތައް.
1- ކޮމެންޓްތައް ވީހާވެސް ކުރުކުރުމާއި އަޚްލާޤީ އަދަބީ ހަމަތަކާއި އެއްގޮތަށް ޚިޔާލުފާޅުކުރުން.
2- ކޮމެންޓަށް ކޮމެންޓްނުކުރުން. (ނަމަވެސް ތެދުހާމަކުރުމަށް ނުވަތަ ދީނާ ޤާނޫނާއި ޚިލާފު ޚިޔާލުތަކަށް ރައްދުދިނުން)
3- ލިޔާމީހާއަށް ނުބަލައި ލިޔުމަށް ކޮމެންޓްކުރުން. (މަޢުޟޫއިން ބޭރުނުވެ)
4- ވަކިމީހަކު ނުވަތަ ބަޔަކު ޕްރޮމޯޓްކުރުމަށް ނުވަތަ ފަޞީހަތްކޮށް އަގުވައްޓާލުމަށް މަސައްކަތްނުކުރުން.
5- ދީނާއި ޤައުމާއި ރަށުގެ ޤަދަރަށް އުނިކަން ނާންނާނެ ގޮތަށް ލިޔުންތައް ބިނާކުރުމަށް.
6- މީސްމީހުންގެ އަބުރަށް ގެއްލުންވާފަދަ ނިކްނޭމްތައް ބޭނުންނުކުރުމަށް.
ޢީސާ ވިދާޅުވީ
ތާރީޚް:20/05/2009
މިސާލަކަށް ލިޔުމުގައި މިއޮތީ، އިސްލާމްދީނާ ބެހޭގޮތުން މުހިންމު މަޢުލޫމަތުތަކެއް..ދެން މީހަކު ކޮމެންޓް ކޮއްފާނެ، އަޅުގަނޑު ދެކޭ ގޮތުގައި ޤުރުޢާނަކީ، އަރަބިންގެ އެއްޗެކޭ، އެހެން ވީމާ ދިވެހިން އީމާން ވާން ޖެހޭނީ، “ދަގަނޑުދަހަނާ” މި ފޮތަށޭ..ނަޢުޒުބިﷲ…މިކަހަލަ ވާހަކަ ތަކާއި ގާތްކުރާވަރަށްވެސް ކޮމެންޓް ހުރޭ، ހަމަ އަޅާނުލައި ދުލެއް ނުކުރެވޭނެ، ދެން މިދެންނެވީ އެކަހަލަ ހިޔާލް ފާޅު ނުކުރާށެކޭ ނޫން..
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:20/05/2009
ކަމަކަށް ފާޑު ކިޔައިފިނަމަ ކީމީހަކު ވަރުގެ ކާފަރަކު ނެތްކަމަށް ހެދުމަކީ ބައެއްފަހަރު އިންސާނީ ތަބީއަތެއް. ހާއްސަކޮށް އަހަރެމެންގެ އަމިއްލަރަށް ކުޅުދުއްފުށީ މީހުންނަކީ މިކަހަލަ ފާޑުކިޔުންތައް ހަޖަމު ކުރަން އުނދަގޫ ބައެއްކަމުގަ (މަށަށް) ފާހަގަ ކުރެވޭ. ކުރަން ޖެހޭކަމެއް ކުރަންޖެހޭ ގޮތަށް ނުކުރެވޭނަމަ އިސްލާހު ކުރުމަށް ފާޑުކިޔުމަކީ ހަމަ އެންމެ އެދެވިގެންވާކަމެއް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއީ. ދެން މިލިޔުން މިގޮތަށް ލިޔުނީމަ މުހައްމަދު އިސްމާއިލް ދެކެ ރުޅިއަންނާނެ ބައިވަރު މީހުން ތިބޭނެ. އެކަމަކު ތެދު ވާނީ ހަމަ ތެދަށް. ލިޔުމުގަ މިހިރަ ވާހަކަތަކަކީ ހަމަ ދައްކަންޖެހޭ ވާހަކަތަކެއް. ޖަމިއްޔާތައް ރިފޯމްކުރަން އެބަޖެހޭ. އެއީ މުޖުތަމައުގެ ލާބަޔަށްޓަކައި. ފާހަގަކޮށްފަ އެހުރި ކަންތައްތައް ކުރަން އެބަޖެހޭ ބަޔަކު އިސްނަގަން. އެބަޔަކީ ޖަމިއްޔާތައް ހިންގަންތިބިމީހުން. އެޖަމިއްޔާއެއްގެ މަގުސަދު ތަކުގެ ތެރޭގައި އެކަންކަން ހިމެނޭ ނަމަ އަވަސްކުރޭ. މިހާރުން މިހާރަށް ކުރަންވެފަ ހުރި ކަންކަން އަވަހަށް ކުރުމަށް ޖަމިއްޔާތަކަށް ގޮވާލަން. ލިޔުން ހަމަ އެއްވަނަ.