ކުރީގެ ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލަކު އެއްތަށި ނުވަތަ ދެތަށި ކޮފީ ބުއިމަކުން މާބަނޑު އަންހެނާ އަށް މާބޮޑު މައްސަލަތަކެއް ދިމާވާނެކަމަކަށް ނުބެލެވެއެވެ. ޖާނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ގައި މިދިޔަ އަހަރު ޖެނުއަރީ ގައި ޝާއިއު ކުރެވުނު ރިޕޯޓުގައި ދުވާލެއްގެ މައްޗަށް 200 މިލިގްރާމަށް ވުރެ ގިނައިން ކެފެއިން ބޭނުންކުރުމަކީ މާބަނޑު މީހާގެ ސިއްހަތަށް ގެއްލުންހުރި ކަމެއްކަމަށް ބުނެފައިވެއެވެ.
އެ ހޯދުންތަކުން އެގުނު ގޮތުގައި 200 މިލިގްރާމަށް ވުރެ ގިނައިން ކެފެއިން ބޭނުންކުރުމުން ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުމުގެ ޗާންސްބޮޑެވެ. އެމިންވަރަށް ވުރެ އިތުރަށް ކެފެއިން ބޯމީހުންނަށް ބައިގެން ދިއުމުގެ މައްސަލަ ދިމާވުމުގެ 25.5 އިންސައްތަ ޗާންސް އޮވެއެވެ. އެއްވެސް ގޮތަކަށް ކެފެއިން ބޭނުން ނުކުރާ އަންހެނުންނަށް ބައިގެންދިއުމުގެ ފުރުސަތު އުޅެނީ 12.5 އިންސައްތައިގައެވެ. 200 މިލިގްރާމަށް ވުރެ މަދުން ކެފެއިން ބޭނުން ކުރިނަމަވެސް އެއްގޮތަކަށް ކެފެއިން ބޭނުން ނުކުރާމީހުންނަށް ވުރެ އެމިންވަރަށް ކެފެއިން ބޭނުންކުރާ މީހުންނަށް ބައިގެންދިއުމުގެ ފުރުސަތު ބޮޑުކަމަށް އެދިރާސާއިން ދައްކައެވެ.
ނޭޝަނަލް އިންސްޓްޓިއުޓް އޮފް ޗައިލްޑް އެންޑް ހިއުމަން ޑިވެލޮޕްމަންޓުން ކުރި ދިރާސާތަކުން ދައްކާގޮތުގައި 300 މިލިގްރާމަށް ވުރެ މަދުން ކެފެއިން ބޭނުން ކޮށްފިނަމަ ބައިގެންދިއުމުގެ މައްސަލަކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ. އެހެންނަމަވެސް އެ ހޯދުމުންވެސް އެނގޭ ގޮތުގައި އެމިންވަރަށް ވުރެ އިތުރަށް ކެފެއިން ހިމެނޭ ބާވައްތައް ބޭނުން ކޮށްފިނަމަ ދަރިފުޅު ބައިގެން ދިއުމުގެ ފުރުޞަތު ބޮޑެވެ. އެހެން ދިރާސާއަކުން ދައްކާ ގޮތުގައި މާބަނޑު އަންހެނަކު ދުވާލެއްގެ މައްޗަށް ހަތަރު ތަށްޓަށް ވުރެ ގިނައިން ކޮފީ ބޭނުން ކޮށްފިނަމަ ބަނޑުގައިވާ ދަރިފުޅު މަރުވުމުގެ ފުރުޞަތު ބޮޑުކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެމިންވަރަށް ވުރެ އިތުރުވާނަމަ އިތުރު ނުރައްކާތަކާއި ކުރިމަތި ވާނެކަމަށް އެދިރާސާ ކުރި ފަރާތުން ހާމަކުރެއެވެ.
އެ ދިރާސާ ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރ ލީ ހާމަކުރައްވާ ގޮތުގައި ކެފެއިން އަކީ މާބަނޑު އަންހެނުންނަށް ތަފާތު ނުރައްކާ ތަކާއި ކުރިމަތި ކުރުވާ އެއްޗެކެވެ. އެއީ ސެލްތައް ހެދި ބޮޑުވުމުގައި މައްސަލަތައް ކުރިމަތި ކުރުވާ އަދި ލޭދައުރުވުމުގައިވެސް މައްސަލަ ތަކެއް ކުރިމަތި ކުރުވާކަމެއް ކަމަށް ޑރ. ލީ ހާމަކުރައްވައެވެ. ނަތީޖާ އަކަށް ވެގެންދަނީ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމެވެ. އެއީ، އެއްވެސް ދެމަފިރިއަކު ބޭނުންވާނެ ގޮތެއް ނޫނެވެ. މިފަދަ ދިރާސާތަކުގެ އަލީގައި ސިއްހަތާބެހޭ ގިނަ ފަރާތްތަކުން އިލްތިމާސް ކުރަނީ މާބަނޑުވުމުގެ ކުރީ ދުވަސްވަރު ކެފެއިން ހުންނަ ބާވަތްތައް ބޭނުން ނުކުރުމަށެވެ. ދަރިއަކު ހޯދުމަށް ވިސްނާ ހިސާބުން މާބަނޑު އަންހެނުންގެ ސިއްހަތާއި ބެހޭ މައުލޫމާތު އެއްކޮށް މާބަނޑުވުމާއި އެކު ޑޮކްޓަރެއްގެ އިރުޝާދާ އެކީ ކުރިއަށް ދިއުމަކީ މިފަދަ މައްސަލަތަކުން ދުރުވެ ތިބުމަށް ކުރެވިދާނެކަމެކެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:21/05/2009
އަޅުގަނޑަށް އިއްޔެ ފެނުނު މުޙައްމަދު އިސްމާޢީލް ލިޔުއްވި ލިޔުއްވުމެއްގައި މާބަނޑު އަންހެނުން ބައިގެން ދިޔުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ކްލަބު ޖަމިއްޔާތަކުން މަސައްކަތްކުރަންވެއްޖެއޭ ވިދާޅުވެ ލިޔުއްވުމެއް ލިޔުއްވިތަން. ދެން އަޅުގަނޑު މުޙައްމަދު އިސްމާޢީލަށް އެރުވިން، މިކަމުގައި މުޙައްމަދުމެން ފަދަ ބޭފުޅުންގެ ދައުރު ވަރަށް ބޮޑޭ އެޖަމިއްޔާތަކަށް މިގޮތަށް ފަންނީ އެހީއާއި މަޢުލޫމާތު ފޯރުކޮށް ދިނުމުގައި. އަޅުގަނޑު ދަންނަވާނީ، މިއީ މުޙައްމަދު އިސްމާޢީލް އަޅުގަނޑުމެން ކޮމެންޓްކުރާ މީހުން ދިން ނަސޭޙަތް ޤަބޫލުފުޅު ކުރައްވައި، އޭނާގެ ޒިންމާ އަދާ ކުރެއްވުމުގެ ގޮތުން ލިޔުއްވި ލިޔުއްވުމެކޭ. ވަރަށް ވެސް ރަނގަޅު، މަޢުލޫމާތުތަކެއް ލިބޭ ލިޔުއްވުމެއް މިއީ. ދެން މިފަދަ ލިޔުންތައް އަމިއްލަ ކްލަބް ޖަމިއްޔާތަކުގެ އަތްފޯރާ ފަށަށް ގެނެސްދިނުން ވެސް އެއީ ހަމަ މުޙައްމަދު އިސްމާޢީލްމެންގެ މަސްއޫލިއްޔަތެއް އިނގޭތޯ. އަދި ތިޔަ ނިންމާލެވުނީ ޒިންމާއަދާ ކުރެއްވުމުގެ ފުރަތަމަ މަރުޙަލާ. މިގޮތަށް މިމަޢުލޫމާތު މިތަނުގައި ހާމަކުރުމުން ވެސް އެޖަމިއްޔާތަކުގެ މެމްބަރުންގެ އަތްޖެހޭ ހިސާބަކަށް އަދި އެއް ނުދާނެ އިނގޭތޯ މިމަޢުލޫމާތުތަކެއް. އެހެންނަމަވެސް، މުޙައްމަދު އިސްމާޢީލްގެ މިހިތްވަރަށް ތަޢުރީފްކޮށް، ޝުކުރުގެ ބަސްތައް ފޮނުވަން. އެކަން އަޅުގަނޑު ފާހަގަ ވެސް ކުރަން. ހަމަ ޔަޤީނުން ވެސް މިތަނުގައި ކޮމެންޓްކުރައްވާ ބޭބޭފުޅުންނަށް ނަމޫނާ ބޭފުޅެއް މުޙައްމަދު އިސްމާޢީލަކީ އިނގޭތޯ. މިލިޔުއްވުމުގައިވާ މަޢުލޫމާތުތައް ޢާންމު ކުރުމުގައި ކޮމެންޓް ލިޔުއްވާ އުޅުއްވާ ބޭފުޅުންގެ ދައުރެއް އޮންނާނެކަމީ ޝައްކެއްނެތް ކަމެއް. އެހެންވެ އަޅުގަނޑު އިލްތިމާސްކުރަން އެބޭބޭފުޅުންނަށް މުޙައްމަދު އިސްމާޢީލާއި އެއްބާރުލައްވައިގެން މިކަން ކަން ކޮށްދެއްވުމަށް.
ދަންބީރު ވިދާޅުވީ
ތާރީޚް:21/05/2009
މުޙައްމަދު އިސްމާޢީލް..!! ކިހިނެއް ހާލު؟ ރަނގަޅު ދޯ؟ ވަރަށް ފައްކާ އިނގޭ މި ލިޔުންކޮޅު. މާބަނޑު އަންހެނުންނަކީ ގައުމުގެ މުސްތަގުބަލު ހަމަ.
ހާޝިމް ވިދާޅުވީ
ތާރީޚް:21/05/2009
އަދި ހަމަ ކުޑަކުޑަ އެއްޗެއް އިތުރުކޮށްލާނަން ތިޔަ ބޭފުޅުންގެ އިޒުނައާއެކު. އެއީ މިލިޔުއްވުމުގައި އެއްތަށި ދެތަށި ކޮފީ ބޮއެގެންނޭ ލިޔުއްވާފައި ފަހުން 200 މިލިގްރާމް ކެފެއިންގެ ވާހަކަ ގެންނެވީމާ، އަޅުގަނޑު ހިތަށް އަރަނީ، ވަރަށް ރަނގަޅުވީހޭ އެ 200 މިލިގްރާމް ވެސް ތަށިން ވިދާޅުވެދެއްވި ނަމަ. އޭރުން ދެން ހަމަ ކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެ. މިހެން މިލިގްރާމް ލިޔުއްވީމާ، އަދި މުޅިން ހުރިހާ ރައްޔިތުންނަށް މޭރުން ނުވެ ހިނގައިދާނެ. އަނެއްކާ ފަހުން ހަތަރު ތަށި ކޮފީއެއް ލިޔުއްވީމާ އެއީ ކިތައް މިލިގްރާމްކަމެއް ނޭނގޭ އިނގޭތޯ؟ އެހެންވީމާ މިހުރިޙާ ޢަދަދުތަކެއް ސްޓޭންޑަޑައިޒްކޮށް، ކޮންސިސްޓަންޓް ކޮށްލެއްވިނަމަ އަޅުގަނޑުގެ ނަޒަރުގައި ފުރިހަމަވީސް މިލިޔުން. ހަމަ މިގޮތަށް ކޮފީ ފިޔަވައި ކެފެއިން ހަށިގަނޑަށް ލިބޭ އިތުރު ބާވަތްތަކުގެ ކާބޯތަކެތީގެ މިސާލުތައް ހިމަނާލެއްވިނަމަ ވަރަށް ފުރިހަމަވީސް އިނގޭތޯ. ދެން ފަހަރަކުން މިކަމާ މެދު ވިސްނާވަޑައިގަންނަވާނެކަމަށް އުންމީދުކުރަން. ޝުކުރިއްޔާ މުޙައްމަދު
ދޮންބޭބެ ވިދާޅުވީ
ތާރީޚް:21/05/2009
ހާޝިމް ތިޔަ ފާހަގަކުރެއްވީ އަޅުގަނޑު ހިތުގަ ވެސް އުފެދުނު ސުވާލެއް. މިސާލަކަށް އަޅުގަނޑުމެން ގޭތެރޭގަ މި ގެންގުޅޭ ކަހަލަ ނެސްކެފޭ ވައްތަރު ކޮފީގެ ސަމްސަލެއްގަ ހުންނަނީ ގާތް ގަނޑަކަށް ކިތައް މިލިގުރާމު ކެފެއިން ކަމެއް ހަމަ ގައިމުވަސް އަޅުގަނޑަކަށް ނޭނގޭ. ފުޅި ބޭރުގަ ޖަހާފަ އޮވޭބާ؟ އޮތަސް އޮންނާނީ ދޯ އިނގިރޭސިން ވިއްޔާ!
ދޮންބޭބެ ވިދާޅުވީ
ތާރީޚް:21/05/2009
އަނެއްކާ އަނެއް ކަމަކީ، އަޅުގަނޑަކީ ކޮފީ ބޯން ދެވި ހިފާފަ ހުންނަ އާދަމުގެ ދަރިއެއް. އަޅުގަނޑު ހެނދުނު މި ބޯ ބައިޖޯޑު ކޮފީ ތައްޓަށް އެބަ އަޅަން އެއް ގިރިމި ސަމުސަލުގެ ތިން ސަމުސާ ކޮފީ. އެކަމަކު އަޅުގަނޑު ބުނާ އިރު ބުނާނީ މިހިރީ ބައި ޖޯޑު ކޮފީ ބޮއެގެންނޭ. އެހެންވީމަ ސަމްސަލެއްގެ މިލިގުރާމު އެނގިއްޖެންޏާ ވަރަށް ފައިދާކުރާނެ. ދެން އަސްލު މި ލިޔުމަކީ ވަރަށް މުހިއްމު ބޭނުންތެރި ރަނގަޅު ރީތި ލިޔުމެއް.
ކޮފީ ފުޅި ބޭރު ކިޔަން އިނދެފަ މިއަދު އަދި ބޯންވެގެން ގިރި ކޮފީ ތަށިން ތުން ނުނެއްޓިގެން އުޅޭ އާދަމުގެ ދަރިޔަކު ވިދާޅުވީ
ތާރީޚް:21/05/2009
ދޮންބޭބެއަށް! ތިން ސަމުސަލޭ، ތިޔާއުޅެނީ އަދި ކޮފީ ބޯކަށް ނޫން، އޭގެ މިލިގުރާމު އެނގުނޭ ކިޔާފައެއް ވަކި އެކަމެއް ހުއްޓާނީއެއް ނުމެ ނޫން.
އުމާނާ އިބްރާހިމް ވިދާޅުވީ
ތާރީޚް:21/05/2009
ކެފެއިން އަކީ އިންސާނާގެ ހަށިގަނޑަށް މުހިންމު މާއްދާއެކެވ. ނަމަވެސް ކެފެއިން ނޫނަސް ކޮންމެ އެއްޗަކީ ވެސް އިންސާނާގެ ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ އިތުރަށް ބޭނުންކޮއްފިނަމަ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ގެއްލުން ވާނެ އެއްޗެކެވެ. އެހެންކަމުން ކޮފީ ފަދަ ކެފެއިން އެކުލެވޭ މާއްދާތައް ހުންނަ ކޮނަމެ އެއްޗެއް ބޭނުން ކުރައްވާ ނަމަވެސް ޑޮކްޓަރެއްގެ ލަފަޔާ އިރުސާދު ހޯއްދެވުން ބުއްދިވެރިއެވެ.
ޕިންކީ ވިދާޅުވީ
ތާރީޚް:21/05/2009
މިލިޔުމުގާ އެންމެ މުހުންމު އެއްކަމެއް ނެއްކަން ފާހަގަކުރަން އެއީ ބަނޑުބޮޑުވުމުން ފިރިމީހާ އާއި އަނބިމީހާ އަށް އަންނަ ބަދަލް…. އެއީ ވަރަށް މުހިންމު ބައެއް މިލިޔުމުގާ މުހައްމަދު އިސްމާއިލް ނުލިޔެއިން އަޅުގަނޑު އެދުމަކީ މިލިޔުމުގެ އަނެއްބައި ނުވަތަ ދެވަނަ ބައެއް ނެރުން އަދި އެބައިގާ ފިރިމީހާ އާއި އަނބިމީހާ އަށް އަންނަ ބަދަލް ލިޔުން….
ދެން ބުނެލަން ބެނުންވަނީ މިލިޔުންކިޔާ މީގެ ބޭނުން ހުރިހާ އެންމެންވެސް ކުރާށޭ….
އަދްހަމް ވިދާޅުވީ
ތާރީޚް:21/05/2009
ޒުވާނުން ކޮފީއަށް މިހާ އާދަވެފައި އޮތް ޒަމާނެއްގައި މާބަނޑު އަންހެނުންނަށް މިކަމުގައި ނުރައްކަލެއް އޮތްކަން ނޭނގި އޮތުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. މި މިމައުލޫމާތުކޮޅު އެހެންކަމުން ވަރަށް މުހިއްމުކަމުގައި ދަންނަވަމެވެ.
އަޅުގަނޑުމެންގެ ތެރޭގައި އުލޭ ޒުވާން އަންހެންކުދިންނަކީ ވަރަށް ބޮޑަށް އެމީހުންގެ ޞިއްޙަތަށް ބަލަން ޖެހޭނެ ބައެކެވެ. އެއީ ޅަދަރިއެއް ނުވަތަ ދަރިންތަކެއްގެ މަންމައަކަށް ވާންހުރި މީހެކެވެ. އެކަމަކު މިހާރަކަށް އައިސް ވަރަށް ގިނަ ކުދިން އެއްވެސް މަޢުލޫމާތެއް ނެތި އަމިއްލަ އަމިއްލައަށް ޑައިޓްކުރުމުގެ ނަމުގައި ވެސް ވަރަށް ގިނަ ގޯސް އާދަތައް ގެންގުޅެއެވެ. މިސާލަކަށް، އެތައް އިރަކު ނުކައި ހުރެފައި، ކުއްލިއަކަށް ކޯކްފުޅިއެއް، ދެން ސުޕާރީއެއް، ތަންކޮޅެއް ފަހުން ފަހަރެއްގައި ކޮފީއެއް ބޯލަފާނެއެވެ. ރޭގަނޑު ލޯބިވެރިޔާއާ އެކީ ނާސިގޮރެން ތައްޓެއް ބައެއް ރޭރޭ ނުކައެކޭ ނޫނެވެ. މިއީ ވާ ޑައެޓެކެވެ. މިހެން ވުމުގެ ސަބަބުން ޒުވާން އަންހެންކުދިންގެ ގައިން ދިރުން ނެތި ހިނގައްޖެއެވެ. އަމުދުން ކުޅުދުއްފުށީ އަންހެނުންނަކީ ވަރަށް އަތްފައި ހެލޭ ތެދަށް ތިބޭ ހަލުވި ބައެކެވެ. މިހާރުގެ ބައެއް ކުދިން ގައިން މި ރީތި އަންހެންކަން މަދުން ނަމަވެސް އެބަ ފިލައެވެ.
ކެއިން ބުއިމުގެ ރަނގަޅު އާދަތަކާ ބެހޭ ގޮތުން، ނުވަތަ ފައިދާ ހުރި (އަތްފޯރާ ފަށުގައި ހުންނަ) ކާނާއާ ބެހޭ ލިޔުންތައް ގެނެސްދެއްވުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ.
ގަޅިބެ ރައްޓެހި އަނެއްބޯގަޅި ވިދާޅުވީ
ތާރީޚް:21/05/2009
ކޮފީބޮއެގެން ބަނޑުގަ އޮންނަކުއްޖަވެސް ނުނިދަ އަބަދު ސަކަރާތް ޖަހަނީ.ފިސާރި ތެދެއް މިބުނީ.މާބަނޑު ކުދިންނަށް މިބުނާ އެއްޗެއް ބޮޑަށް އެގޭނީ.
ތުކިއްޓޭ ވިދާޅުވީ
ތާރީޚް:21/05/2009
ވަރަށް ބޭނުންތެރި ލިޔުމެއް، މަޢުލޫމާތު އެހާމެ ފައްކާ، ދެން ބުނެލަން ބޭނުންވަނީ މުޙަންމަދު އިސްމާޢީލް އަނެއްކާ ވެސް ލިޔުއްވަން ފެއްޓެވީ ދޯވޭ، އެހެންވީމާ ހަމަ ވަރަށް އަވަސް އަވަހަށް ތިޔަ ކަހަލަ އެއްވެޗި ބޭނުންވާނޭ ކިޔާޅަން ކުރިއަށް ގެންދަވާށޭ، މިއުޅޭ ދޮންބޭބެއޭ މި ކިޔާ މީހަ ވެސް ހުންނާނީ ކޮމެންޓްކުރަން ވިއްޔާ، ހީވަނީ މޮޅު މީހެއް ހެން، އެކަމު ނުއެއް ލިޔޭ ދެން ވަރަށް ދެރަ، މިހާރު ކުރިން މިއަށް ލިޔުއްވި މުޙައްމަދު ޢުމަރު ފަހެ އުޅުއްވާ ތަނެއް އެނގޭ މީހަކު ފަހެ މިތާ އެބަހުރި ބާވަ؟
މޫސާ އަލީ ވިދާޅުވީ
ތާރީޚް:21/05/2009
އާން.. ކޮފީ ނުބޮޔެއް ނޫޅެވޭނެ އަހަރެމެނަކައް..ދޯ އައްޔާ..!
މުޙައްމަދު ޢުމަރު ދިރާސާކުރާ މީހެއް ވިދާޅުވީ
ތާރީޚް:21/05/2009
އޭނަ ނިކަން ބިޒީ މިހާރު.
މުޙައްމަދު ޢުމަރު ދިރާސާކުރާ މީހެއް ވިދާޅުވީ
ތާރީޚް:21/05/2009
ތިޔާ ބުނާ ދޮންބޭބެއަކީ އަނގަފަޖަރާއެއް