ކަލާ ރީއްޗެވެ. އެހެންނެއް ނޫނެވެ. ރީއްޗަކީ ކަލާއެވެ. ކަލާއަކީ ރީއްޗެވެ.
މިއީ ހިތެވެ. ޤަބޫލުކުރާ ގޮތެވެ.
އެހެންވީ ތިޔަ ރީތި ސޫރައަށް ދީފައި ހުރީ ޢިއްފަތުގެ ހަނދުވަރެވެ. ޢިއްޒަތުގެ ކުލަވަރެވެ.
އެހެންވީމާ ލޯ ވަނީ ތިޔަ ސޫރައިގައި ތަތްވެފައެވެ. އަތްވަނީ ހިތުގެ ހުންގާނުން ދޫވެފައެވެ.
މިއީ ލޯތްބެވެ. ލޯތްބަކީ މިއީއެވެ. މިކަމުގައި އޮތީ ދެފަރާތުގެ ނަފާވެރިކަމަށްޓަކައި ވަފާތެރިވުމެވެ. އޯގާތެރިކަމުގެ ވެދުންތަކާއެކު ތެދުވެރިވުމެވެ. އިޙްތިރާމުގެ ހަދިޔާތަކުން އިޙްސާންތެރިވުމެވެ.
ކަލާއަކީ ރީއްޗެވެ. ރީއްޗަކީ ކަލާއެވެ.
ކަޅުކުލައަކީ ތިޔަ އިސްތަށީގައި ހުރި ކުލައެކެވެ.
އޮމާންކަމަކީ ތިޔަ ހަންގަނޑުގައި ހުރި ގޮތެކެވެ.
އެހެންނެވެ. ތިޔަ އިސްތަށީގެ ފަށުވިކަމާއި ހަމުގެ އޮމާންކަން އަދި އެއްދުވަހަކުން އެކީ އެކަށް ދެމީހުންގެ ލޯތްބަށް ހަދިޔާކުރާނީއެވެ.
އޭރުން ވެސް ލޯބީގެ ކުލަ ވާނީ ރީތިވެފައި އޮމާނެވެ. ޙަޔާތުގެ މަލަ ވާނީ ސާފުވެފައި އަމާނެވެ.
މޫނަށް އަރާ ރުލަކުން މި ޙަޔާތަކަށް ބުރުލެއް ނާރާނެއެވެ.
އަހަރެމެންގެ ޒުވާންކަން އަހަރެމެންގެ ދަރީންނަށް ހަދިޔާކުރާނީއެވެ. އެފަހުގައި ހިނިތުންވެގެން ބަލަންތިބޭނީއެވެ.
އެހެނީ އެއީ އަހަރެމެންނެވެ. އެއީ އަހަރެމެންގެ ޒުވާންކަމެވެ. އެ ޒުވާންކަމަކީ އަހަރެމެން ދެމީހުން ތަހުޒީބުކުރި ލޯބީގެ މަތިވަރެވެ. މި ގޮތުގައި ތިބުމަށް ތަރުޙީބު ދިން ލޯބީގެ މޭވާއެވެ.
އޭގެ ރަހަ މީރުވާނެވެ. އެ ރަހައިން އަހަރެމެންނަށް ތާޒާކަން ލިބޭނެއެވެ.

ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:21/05/2009
މި ލިޔުމަކީ އަޚްލާޤީ މިންގަޑުގެ ތެރޭން، ހަލާލް ލޯބީގެ ތެރެއިން، އިޝްގީ، މުހިންމު ރިސާލަތެއް ދޭ ލިޔުމެއް.
ގަޅިބެ ރައްޓެހި އަނެއްބޯގަޅި ވިދާޅުވީ
ތާރީޚް:22/05/2009
މީ އާ ޅެމެއްތަ؟ އެކަލަ ފާޑެއް އެބަހުރި.ފައްކާ މިވަސް.
ހާޝިމް ވިދާޅުވީ
ތާރީޚް:22/05/2009
އަޅުގަނޑުގެ ވެސް ހިތުގައި އޮތް ސުވާލެއް “ގަޅިބެ ރައްޓެހި އަނެއް ބޯގަޅި” (އެކަމަކު މިއީ ދެން ތަންކޮޅެއް ހުތުރު ވަނަމެއް އަޅުގަނޑަށް، ރީތި ނަމެއް ޚިޔާރުކުރައްވަން ވީނޫންތޯ މިތަނުގައި ތަހުޒީބުކޮށް ކޮމެންޓްކުރައްވަން) ތިޔަ ކުރެއްވީ، އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، އާޅެމޭ މިކިޔާ ވަޒަން ބަހުރުވައިގެ ބަޔަށް އަދިއެއް ނޯވޭ ވަކި ޤަވާއިދެއް، އުސޫލެއް އެކުލަވާލެވިފައެއް. އެހެންނަމަވެސް، މިގޮތަށް ދިވެހި ބަހުން އޮތް އާޅެމެއް އަދި އަޅުގަނޑެއް ނުދެކެން. ދެން “ދޮންބޭބެ” ވިދާޅުވާނެ އަޅުގަނޑަށް އަދި ނުކިޔެނިއްޔޭ ދިވެހި ފޮތް ފޮތް. އެންމެ ރަނގަޅު. އެކަމަކު އާންމުކޮށް ބޭފުޅުން ހައްދަވައި އުޅުއްވާ އާޅެމަށްވުރެ، ބައެއް ތަންތަންކޮޅު މީގައި އަދަބީކަން ކުޑަވެފައި ހުރިކަމަށް އަޅުގަނޑު ޤަބޫލުކުރާނީ. އެގޮތުން މީގައި އެބައޮތް ފުލްކޮށް އޮތް ދެ ޕެރެގްރާފް ވެސް. އަޅުގަނޑަށް މިހާތަނަށް ފެނިފައި ހުރި އާޅެންތައް ހުންނަނީ އެހެންނެއް ނޫން. ކުދިކުދި ފޮނިފޮނި ޖުމްލަތަކެއް ނުވަތަ ބަސްތަކެއް މިހުންނަނީ ކޮންމެ ފޮޅުވަތަކު، ދެން ކޮންމެވެސް ކަހަލަ ދަންނަވަން ނޭނގޭ ކަހަލަ މިއުޒިކީ ކަމެއް ވެސް ހުރޭ އޭގައި. އެހެންވީމާ އަޅުގަނޑެއް ނުދެކެން މިއީ މުޅިއަކުން އާޅެމެއް ކަމަކަށް. ދެން ހަމަ އަނެއްކާ ވެސް ދަންނަވަން ޖެހެނީ އެއަށް އަދި ޤަވައިދެއް އޮތްކަމެއް އަޅުގަނޑަކަށް ޔަޤީނެއް ނޫނޭ. ޖުމްލަ ގޮތެއްގައި ވަރަށް ރީތި، ރަނގަޅު ވާހަކަތަކެއް މީގައި ނަބީލް ދައްކަވާފައި ހުރީ. އެއަށް އަޅުގަނޑުގެ ވެސް ތާއީދު. ދޮންބޭބެ މިއާ މެދު އެއްޗެއް ވިދާޅުވާނެކަމަށް އުންމީދުކުރަން.
ހާޝިމް ވިދާޅުވީ
ތާރީޚް:22/05/2009
ބިލް އޯ ރެލީއަށް.
ހަލާލް ޙަރާމް ލޯބި ހުރޭތޯ؟ އަޅުގަނޑަކަށް އަދި އެއް އެނގިފައެއް ނެތް އެކަމެއް އިނގޭތޯ؟ އެހެން ހަލާލު ލޯތްބާއި ޙަރާމް ލޯބި ހުންނަންޏާ އެއެއް އަޅުގަނޑަށް ސާފުކޮށްލަ ދެއްވުން އެދެން. ދެން ދަންނަވާނީ އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫނޭ. އެކަމަކު އަޅުގަނޑު ހިތުން ލޯބީގައި ނުހުރޭ ހަލާލު ލޯތްބެއް ޙަރާމް ލޯތްބެއް. އެއީ އިންސާނާގެ އިޚްތިޔާރަކާ ނުލައި ހިތުގައި އުފެދޭ ޖަޒްބާތެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ޙަލާލު ޙަރާމް ވަނީ އެއާއި ވިދިގެން ކުރާ ޢަމަލު. ދެން މިނޫން ގޮތެއް އޮންނަ ކަމަށް އެހެން ބޭފުޅުންނަށް މަޢުލޫމާތު ލިބިވަޑައިގެން ހުރެއްޖެއްޔާ އެކަމެއް މިތަނުގައި ޙިއްޞާކޮށްލުމަކީ، އެންމެ ރަނގަޅުކަމެއް ހެން އަޅުގަނޑަށް ހީވަނީ. އޭރުން އަދި މައުޟޫގެ ދާއިރާއިން މާބޮޑަކަށް ބޭރެއް ނުވެވޭނެ ކަންނޭނގެ.
ދެން ނަބީލްއަށް
ނަބީލް ވިދާޅުވެފައި އެބައޮތް “ދެފަރާތުގެ ނަފާވެރިކަމަށްޓަކައި” މިހެން. އަޅުގަނޑަށް ހީވަނީ ނަފާވެރިކަމަކީ ކިޔާ އުޅޭ އެއްޗެއް ނޫންހެން. އޭގެ ބަދަލުގައި “ނަފާ” މިހެން ބޭނުންކުރަނީ އިނގޭތޯ. އެހެންވީމާ ދެފަރާތުގެ ނަފާއަށްޓަކައި، ނުވަތަ ދެފަރާތުގެ މަންފާއަށްޓަކައި، ދެފަރާތުގެ ފައިދާއަށްޓަކައި މިގޮތްގޮތް އަޑުއަހާލަން ވެސް ފަސޭހަ ދެއްތޯ. ނަފާވެރިކަން ތަންކޮޅެއް އުނދަގޫ. އެގޮތަށް އޮތީ ރަދީފުގައި ވެސް. އެހެންނަމަވެސް “ވެރިކަން” މިއަކުރު އެބަގުޅުވާ “ބަލާ”، “އެކު”، “ސުލްޙަ” މިބަސްތަކާއި އަކުރުތަކާ. އެއުސޫލުން މަންތިގުން ބަލާއިރު ނަފާވެރިކަން ނުކިޔޭނެ ސަބަބެއް ވެސް ނެތް. އެކަމަކު ބަލާވެރިކަމާއި، އެކުވެރިކަމާއި ސުލްޙަވެރިކަން ކިޔައި އުޅޭ އަޑު އަހާފައި، ނަފާވެރިކަން ކިޔާ އަޑު އަޅުގަނޑު އަޑުއަހާފައި ނެތީމާ، އެކަން ފާހަގަކޮށްލީ، އަޅުގަނޑެއް މިފަހަރަކު ނުދަންނަވާނަން ނަފާވެރިކަން އެއީ ރަނގަޅުނޫން ބަހެކޭ.
ޔޫސުފް ވިދާޅުވީ
ތާރީޚް:22/05/2009
އަދަބުގައި، އާންމުކޮށް ބަސް ބޭނުންކޮށް ނޫޅޭގޮތްގޮތަށް ބަސް ބޭނުންކުރުން އެއީ އަދަބުގެ ސިފައެއް.
ދެން، އަދީބު އޭނާ ބޭނުންވާ ގޮތްގޮތަށް، ބޭނުންވާ އަސަރު އުފެއްދުމަށް ބަހަށް ބަދަލުވެސް ގެނޭ. އެއީ އަދީބަށް އޮންނަ އިޚްތިޔާރެއް. ނަފާވެރިކަން، ނަފާވެރިޔާ، މިގޮތަށް “ނަފާ” މިބަސް ބަދަލުކޮށްލައިގެން ބޭނުންވާ އަސަރު އުފެއްދުމަށް އަދަބުގައި ބޭނުންކުރިޔަސް އަޅުގަނޑުގެ ޝަކުވާއެއް ނެތް. ސަބަބު އިސްވެ މި ބަޔާންކޮށްލީ. އެހެންނޫނަސް، ނަފާވެރިޔާ އޭ ބުނުމުން ދިވެހި ބަހުގެ އަޑުތަކާއި ހަމަޔާއި ބީރެއްޓެހިކަމެއް އަޅުގަނޑުގެ ކަންފަތަކަށް އިޙްސާސް ނުކުރެވޭ.
އަޅުގަނޑަށް މިލިޔުން ވަރަށް ރީތިވެއްޖެ.
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:22/05/2009
ހާޝިމްވެސް އަޑު އަހާނެ ކަންނޭގެ، އެހެން މީހެއްގެ ފައިވާނަށް އެރިގެން މީހުން ބުނެ އުޅޭނެ “އައްދޭ މިއެރުނީ ނުބައި މީހެއްގެ ފައިވާނަށޭ”. އޭގެ މާނަޔަކީ އޭނަ އަށް އެރިގެން އެއުޅެނީ ނުބައި ނުލަފާ މީހެއްގެ ފައިވާނަކަށް ނޫނޭ.. އަދިވެސް ބުނެ އުޅޭނެ، ރޮށި ފިހާ ވަހަކަ..އެކަމަކު ރޮށްޓެއް ނުފިހެޔޭ..މޮޑެފައި ހުންނަ ފުއް، ފިހަނީ.. ރޮށި ނުޖެހޭނެ ފިހާކަށް…ދެން ދިވެހި ބަހަކީ ވަރަށް ބަލާޣާތްތެރި ބަހެއް..މިފަދަ ތަންކޮޅު ކޮޅުގައި ހިފާ “ރަނގަޅު” ކުރީމާ ބަހުގެ ބަލާޣަތްތެރިކަން ގެއްލެނީ..ހާޝިމް އަކީ ކޫލް މީހެކޭ ބުނެފާނެ މީހަކު..އެކަމަކު އެއީ ތާމޮމީޓަރެއް އަޅާގެން ބަލާފައި ބުނާ އެއްޗެއް ނޫން..ދެން އޮތީ ހަރާމް ލޯބި..އަޅުގަނޑު ދެކޭ ގޮތުގައި ހަރާމް ލޯބިވެސް ހުރޭ،،މަންމަ ދެކެވެސް ހަރާމް ލޯބި ވާ މީހުން އުޅޭ..ހާއްސަކޮށް ހުޅަނގުން މިކަންތައް ގިނައިން ފެންނާނީ..ހަމަ އެހެންމެ ހާޝިމް ދެކެ ފިރިހެނަކުވެސް ހަރާމް ލޯބި ވެދާނެ..ދެން ނަބީލްގެ ލިޔުމަށް އަޅުގަޑު ހަލާލް ލޯބީގެ ތެރެއިންނޭ ބުނީ،،ލޯބި ކުރުމުގެ ވާހަކަ.ނަބީލް ނެތޭ ލިޔުމުގައި ގެނެސްފައެއް “ކަލާޔަށްޓަކައި އޭ އަހަރެން ހެއްދެވީ، މަދަދުވެރި ވާނޭ ފަރާތެއް، ހަމަ ކަލާ ނޫނީ ނެތޭ” މިކަހަލަ ކުފުރުގެ ބަސް ނެތީމައި އަޅުގަޑު މިދެންނެވީ، ހަލާލް ލޮބީގެ ތެރެއިން ގެނެސްފައި އޮތް އިޝްގީ ކުލަ ހުރި، މުހިންމު މެސެޖެއް ދޭ ލިޔުމެކޭ..
ރަބަރުދޫ ވިދާޅުވީ
ތާރީޚް:22/05/2009
ބިލް އޯ ރެލީ އަށް މަ ވަރަށް ބޮޑަށް ތާޢީދު. ލިޔުން ވަރަށް ފައްކާ. މިއީ އާޅެމެއްދޯ
ސްޓްރޭންޖާ ވިދާޅުވީ
ތާރީޚް:22/05/2009
ވަރަށް ފުރިހަމަ އެހާމެ ބަލާޣާތްތެރި ލިޔުމެކޭ ބުނެލަންޖެހެނީ. މިފަދަ މޮޅު ލިޔުމެއް ގެނެސްދެއްވި ކަމަށްޓަކައި ނަބީލްއަށް ފަށްފަށުން ޝުކުރު ދަންނަވަން. އަހަރެމެންގެ ތެރޭގައި އުޅޭ ގިނަ މީހުންނަށް ހީވަނީ ލޯބިވުމާއި ލޯބީގެ ޅެމާއި ހަދިޔާ ބަދަލުކުރަން ޖެހޭނީ ތިމާ އިންނަން އުޅޭ މީހާއާކަމަށް. އެކަމަކު އިސްލާމްދީނުގައި ލޯތްބާއި އަޅާލުން ބޭއްވުމަށް އެންމެ ބޮޑަށް ގޮވާލާފައިވަނީ އަނބިމީހާ އާ މެދު.
ލިޔުންކިޔުމުން އާގާމަވެފައި އިން ކަތްދަ ވިދާޅުވީ
ތާރީޚް:22/05/2009
ނަބީލް ވަރެއް ނެތް. އަޅެ މަގޯތި މީހަވެސް ތިޔަ ގޮތަށް މަށާ ވާހަކަ ދައްކާނަމަ ދޯ!
ރީނދޫ ވިދާޅުވީ
ތާރީޚް:22/05/2009
އޭ އާޅެމަކީ މައުމޫނު ހެދި އެއްޗެއްދޯ.މިހެއްމިބުނީ އެއްވެސް ގަވައިދެއް ނެތީމަ.
ރީނދޫ ވިދާޅުވީ
ތާރީޚް:22/05/2009
މީ ތަރާނާއެކޯ މީހަކުބުނީ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:22/05/2009
މިއީ ހަމަ ގައިމުވެސް އަހަރެމެން ޅެމޭ މި ކިޔާ މާނައިގައި ޅެމެއް ނޫން. ދެން އާޅެމޭ ކިޔައިގެން މި ފެންނަ އެއްޗެއްސާ ވެސް މި ލިޔުން ތަފާތު. އަނެއް ކަމަކީ އާޅެމޭ ކިޔާފައި ދިވެހި އަދީބުން ދެބޭކަލަކު އެކައްޗެއް ވިދާޅެއް ނުވޭ. އަދި އެއީ އޭގެ ނަމުން ވެސް ދޭހަވާހެން ޅެންވެރިކަމުގެ ޒަމާނީ އާ ވައްތަރެއް. ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ނޭނގެ އާޅެމަކީ ކޮބައިކަމެއް ބުނެދޭކަށް.
ދެން މި ލިޔުމާ މެދު ބުނެވޭނީ މިއީ އަދަބީ ޝުޢޫރުތަކެކޭ. ރީތި ޚިޔާލުތަކެކޭ. އަދި ފަށުވި ބަސްމަގަކާއެކު ބައެއް ދިމަ ދިމާ ކާފިޔާއަކަށް ވާކަހަލަ ގޮތަކަށް ނިމިފައި އޮތުމުން އަޑުއަހާލަން ރީތި ގޮތެއް އެބަހައްޓޭ.
އަހަރެމެން ދިވެހި ކިޔެވި ޒަމާނުގައި، އަދަބީ ލިޔުންތެރިކަމުގައި ނަޘްރު ލިޔުމޭ ކިޔާ އެއްޗެއް އޮންނަވާހަކަ މުދައްރިސް ވިދާޅުވާތީ އިވޭ. އެހެންނަމަވެސް މިބާވަތުގެ ވާހަކަތައް ދިވެހި އަދީބުން ވެސް ދައްކަވާތީ ވަރަށް ނީވޭ.
ނަޘްރަކީ ލިޔުންތެރިޔަކު އޭނާގެ ފުރިހަމަ މިނިވަންކަމާ އެކީ ވަޒަނަކަށް ނުފައްތާ ރީތި ޚިޔާލުތަކެއް ނުވަތަ ޝުޢޫރުތަކެއް ފާޅުކޮށްލުން. އަހަރެން މި ބުނީ ނަޘްރު ގެ ޢިލްމީ އިސްތިލާހީ މާނައެއް ނުވަތަ ތަޢުރީފެއް ނޫން. މިއީ އަހަރެންނަށް އެނގިފައި އޮތް ގޮތުގެ މައްޗަށް ބިނާކޮށް މަގޭ އަމިއްލަ އިބާރާތުން އެއަކީ ކޮބައިކަން ކުރަކި ގޮތަކަށް ބުނެވޭތޯ މަސަކަތްކޮށްލީ. ދެން ނަޘްރުގައި ފަލްސަފީ ވާހަކަތަކެއް ވެސް ހުރެދާނެ. ޢިލްމީ ވާހަކަތަކެއް ވެސް ހުރެދާނެ. އެހެންކަމުން މީތި ހިމެނިދާނެ ދިވެހި ނަޘްރު ލިޔުމުގެ ތެރޭގަ. ކޮންމެ ގޮތެއް ވިޔަސް، މިއީ އަދަބީ ގޮތެއް ހުރި، މާ ބޮޑަށް ފަށުވި ނުވިޔަސް ފަށުވިގޮތެއް ހުރި، ސިފަކުރުމުގެ ފަންނުން ކުލަޖެހިފައިވާ ރީތި ލިޔުމެއް. ނުވަތަ ލިޔުންތެރިކަމުގެ ހުނަރާއި އަދަބީ ހިއްސު އަދި ޅެންވެރިކަމުގެ ޝުޢޫރުތަކެއް ލިބިހުރި މީހަކު ހަދާފައި އޮތް ފަންނީ އެއްޗެއް.
ހަމަ ގައިމު ވެސް ރީތި އެއްޗެއް ކިޔާލީމާ ލިބޭ ލައްޒަތު މި ލިޔުމުން އަހަންނަށް ލިބިއްޖެ. ވަރަށް ގިނަ އެހެން ކިޔުންތެރިންނަށް ވެސް އެކަހަލަ މީރުކަމެއް އިޙްސާސްވެއްޖެކަން ކޮމެންޓުތަކުން ދޭހަވޭ އެބަ. ނަބީލަށް ހަމަ ސާބަސް.
ރީނދޫ ވިދާޅުވީ
ތާރީޚް:22/05/2009
ދޮންބޭބޭ މިހާރު މަށަށް މާބޮޑަށްވެސް ސާފު ވެއްޖެ.މިއީ އެހެންވީމާ ނަޘުރާނާ ހިޔާލު ތަކުގެ މައްޗަށް ލިއެފައިވާ ލިއުމެއް.މިބުނެވުނީ އަނެއްކަ ރަނގަޅަށްބާ! އައިޖީ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:22/05/2009
އާނ އަދި އެއްވާހަކަ. މި ލިޔުމުގައި، “ނަފާވެރިކަން” މި ބަސް މިގޮތަށް ބޭނުންކޮށްފައި އެވަނީ ޖުމްލަ މިޔުޒިކީ ކޮށްލަންކަން ވަރަށް ރަނގަޅަށް އެބަ އެނގޭ ދެން އޮތް ތަންކޮޅު ކިޔާލުމުން. މި ބުނީ، އެ ހުރި ވިންދުގައި ޖުމްލަ ނިންމާލުމަށްޓަކައި. އެތަންކޮޅު ވެސް ފާހަގަކޮށްލާނަން.
އެއީ “ނަފާވެރިކަމަށް” ޓަކައި “ވަފާތެރިވުން” . ނަފާވެރި / ވަފާތެރި .
މިހެން އޮތީމާ ވަރަށް އޮމާންކޮށް ވަކި ބީޓަކަށް އެ ޖުމްލަ ހިނގައްޖެ. ކުރަކިކަން ފިލައިފި. އެހެންކަމުން އަހަންނަށް ޔަގީންކުރެވެނީ އެއީ ނަބީލް ގަސްތުގައި ކޮށްފައި އޮތްކަމެއްކަމަށް. ޝޭކްސްޕިއަރ ގެ ލިޔުންތަކުގައި ވެސް ބީޓެއް ހުންނަކަމަށް އިނގިރޭސި ބަހަށް މޮޅެތި މީހުން ބުނާއަޑު އިވޭ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:22/05/2009
ވަރަށް ބޮޑަށް މާފާ އެކީ އަދި ކުޑަކުޑަ އެއްޗެއް ބުނެލަންކަމަށް. ދެން ނަބީލުގެ މި އިސްޓައިލުގަނޑަށް ހާއްސަ ކަޅިއެއް އެއްލާހިތްވީ އިނގޭ. އެއްޗެއް ހީނުކުރާތި.
މިދިޔަ އަހަރުކަންނޭނގެ ޓީވީއެމުން ބޭއްވި މާމަ ކާފަ އެވޯޑުގައި ކުޅުދުއްފުށިން ބައިވެރިވި މާމަ ވިދާޅުވި ވަރަށް ރީތި ބަހެއް. “މުރާލި ކުދިންނަކަށް ތުރާކަމެއް ނޯންނާނެ” މިއީ ކުރިން އަހަރެން އަޑުއެހި އެއްޗެއް ނޫން. އެކަމަކު އައިމިނަދައިތަމެން ޒަމާނުގަ ޢާއްމުކޮށް ކިޔާ އެއްޗެއް ތޯޗެ. މި ޖުމްލަ ރީތީ ހަމަ އެކަނި އޭގެ ދޭހައެއް ވެސް ނޫން. އޭގެ ވިންދު ހުރި ގޮތް ވަރަށް ރީތި “މުރާ” + “ތުރާ” މިއީ މި ބުނާ ވާހަކައަކީ. ދެން ދިވެހި ބަހުން ޙަމްދު ސަލަވާތް ކިޔާ މީހުން ވަރަށް ގިނައިން ކިޔާއަޑު އިވޭނެ. “އިތުރު އާލުންނާއި، މިތުރު ޞަޙާބީން” މިތަނުގައި އެއްވިންދަކަށް ދުއްވާލުމަށްޓަކައި “އިތުރު” މި ޔާ ގުޅޭ ގޮތުން “މިތުރު” ގެނެސްފަ އެއޮތީ. އެކަމަކު މި ދޭއްޗަކީ ވެސް ޅެމެއް ނޫން. ބަސް އޭގެ ތަބީއަތުގަ ވެސް ވިންދު އެއްގޮތްކުރަން އޭގެ އަމިއްލަ ޒާތުގައި މިކަހަލަ ކަންތައް ކޮށްފައި ހުރޭ. “އުޑެއް ބުޑެއް ނުދަންނަ މީހުންނޭ” މީހުން ކިޔަނީ އެހެންވެ. ޚުޠުބާތަކުގައި ޙަމްދު ޞަލަވާތާއި އެ ހުންނަ ޢަރަބި މުޤައްދިމާގައި ވެސް ޢަރަބި ބަސް ނޭނގުނަސް އެކަންކަން ފާހަގަކޮށްލީމަ ފެންނާނެ. “ވަ ކަފާ ” އާ ގުޅިގެން އޮވެދާނެ “މުޞްޠަފާ” ވެސް. މާ ދިގުވެއްޖެ ދޮއްތޮ؟ އެކަމަކު ނަބީލުގެ ތިޔަ ސްޓައިލަށް ތަރުޙީބުދޭން ވެގެން ކިޔުނުހައި އެއްޗެހި. މި ނިންމާލީ ދެން. ވަރަށް ސަލާމް