މިލަވައަކީ، އަލްފާޟިލް ޢަބްދުލް ޙަންނާނު މޫސާ ދީދީ ހެއްދެވި އަމިއްލަ ރާގަކަށް، އޭނާއާއި އަލްފާޟިލާ މަޙުމޫދާ ޝަކީބާއި 2 ބޭފުޅުން ޅެން ހައްދަވައި، އަދި ހަމަ އެ 2 ބޭފުޅުން ވިދާޅުވެފައިވާ ލަވައެކެވެ. އަދި މިއީ އަޅުގަނޑު ކުޑައިރު ކޮންމެ ވެސް ވަރަކަށް ޓީވީއިން ފެނި، ރޭޑިޔޯއިން އިވިފައިވާ، އަޅުގަނޑަށް ވަރަށް ރީތި ލަވައެއް ވެސް މެއެވެ. މިލަވަ އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުފެނި އަދި ނުއިވި 12 ވަރަކަށް އަހަރު ފަހުން، އިއްޔެ ޔޫޓިއުބުން މިލަވަ ފެނުމުން އަޅުގަނޑަށް ކުރެވުނު އުފާވެރި އިޙުސާސާއެކު އަޅުގަނޑު ބޭނުންވީ، މިލަވައިގައި މިބުނާ އެއްޗެއްގެ މާނަ އަޅުގަނޑަށް ދޭހަވާ ގޮތަށް ތިޔަ ބޭފުޅުންނާއެކު ޙިއްޞާކޮށްލާށެވެ. މިލިޔުމުގައި މިވަނީ، މިގޮތުން އަޅުގަނޑަށް މިލަވަ މާނަކުރެވޭ ގޮތެވެ. ޚިޔާލަކީ ތަފާތު އެއްޗަކަށްވުމުން މިނޫން ގޮތަކަށް އެހެން ބޭފުޅަކަށް މިލަވަ މާނަކުރެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މިއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކާ ދެމެދު ލަވައަކުން ދެކެވޭ ލޯބީގެ ވާހަކައެކެވެ. މިވާހަކަތައް އެކަމަކު މިދެކެވެނީ މާބުރަކާއި މަލަކާއި ދޭތެރޭ ދެކެވޭ ވާހަކައެއްގެ މިސާލުންނެވެ. އެގޮތުން އަންހެން ކުއްޖާއަކީ މަލެވެ. ފިރިހެން ކުއްޖާއަކީ މާބުރެވެ. މިވާހަކަ ފެށެނީ މާބުރު އައިސް މަލުގެ ގާތުގައި ވާހަކައެއް ބުނާ ހިސާބުންނެވެ. އެވާހަކައަކީ:
ފ. މޭގާވި އަލިކުރި ނޫރަކީ މަލޭ
ފ. އޯގާވެ ދިރިހުރި ބާރަކީ މަލޭ
ފ. ބިންނަން އެދޭ ތިޔައީ މަލޭ
އެންމެ ފުރަތަމަ ވެސް މާބުރު މަލަށް ރައްދުކޮށްލަނީ ތަޢުރީފުގެ ބަސްތަކެކެވެ. އެގޮތުން މާބުރު މިބުނަނީ “އޭމަލާއެވެ. އަހަރެންގެ މޭގައި އަލިކުރަމުން މިދާ ނޫރަކީ ތިޔަ މަލެވެ. އަދި އަހަރެންނަށް އެހެން މާބުރުތަކަށާއި މާތަކަށް އޯގާވެރިވެ ދިރިހުރެވުމުގެ ބާރަކީ ވެސް ތިޔަ މަލެވެ. އަދި އަހަރެން އެންމެ ބިންނަން އެދެނީ ވެސް ހަމަ ތިޔަ މަލެވެ.” ތިލަ ޢިބާރާތުންނަމަ، ފިރިހެން ކުއްޖާއަށް އަންހެން ކުއްޖާއަށް މިކުރާ ތަޢުރީފުގައި މިބުނަނީ އަހަރެންގެ ހިތަށް މިއަލިކުރާ، މިހިތްހަމަޖެހުން ލިބިދޭ ނޫރަކީ، އަދި އަހަރެންނަށް އެހެން މީހުންނަށް އޯގާވެރިވެ ދިރިހުރެވޭ މިބާރަކީ ވެސް ހަމަ ކަލާއެވެ. ކަލާ ނުވާނަމަ، އަހަރެންގެ ހިތަށް މިހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އަދި ދުނިޔޭގައި ހުރުމުގެ މާބޮޑު އުންމީދެއް، އެދުމެއް ވެސް ނެތީހެވެ. އެހެންވެ، އަހަރެންނަށް އެންމެ ބޭނުމީ ކަލާއެވެ. އަހަރެންގެ މިލްކަކަށް ކަލާ ވުމެވެ. އެހެން ނުވެއްޖެނަމަ، އަހަރެން ދެން ދުނިޔޭގައި ހުންނާކަށް ވެސް ބޭނުމެއް ނޫނެވެ. އަހަރެން ހަމައެކަނި އެދެނީ ކަލާގެ ލޯތްބެވެ. ކަލާ ލިބުމެވެ.
މިވާހަކައަށް މާ ދޭ ޖަވާބަކީ:
އ. އޯގާވެ ބަސްބުނެލާނޭ، މޭގާ އަމާޒު ހިފޭތޯ
އ. ކަން އޮތް ގޮތޭމީ، އަންގައިދެނީއޭ
ފ. އޯ.. ވިންދާ ހިތާ ގުޅާލީ، ފަރިވީ ނަޔާ މަލޭ
“އޭ މާބުރާއެވެ. މާބުރުމެން ތިގޮތަށް އޯގާވެ ބަސްބުނެލާނެއެވެ. އެއީ، މާބުރުމެންގެ މޭގައިވާ އަމާޒު ހިފޭތޯއެވެ. ކަން އޮތް ގޮތަކީ މިއެވެ. އެކަން ހަމަ އަންގައިލީއެވެ.” މީގެ ޝަރަޙައަކީ، އަންހެން ކުއްޖާ، ފިރިހެން ކުއްޖާއާއި ދިމާއަށް، މިހެން ބުނާ ބުނުމެވެ. ހުރިހާ ފިރިހެނުން ވެސް އުޅެނީ ތިހެންނެވެ. އަންހެން ކުއްޖަކަށް ހިތް ކިޔައިފިނަމަ، ދެން އެކުއްޖެއްގެ ގާތުގައި ވާހަކަ ވެސް ދައްކާނީ ވަރަށް އޯގާވެރިކޮށް ލޯބިންނެވެ. އަދި އެކުއްޖަކަށް އެކިއެކި ތަޢުރީފު ވެސް ކުރާނެއެވެ. ލޯބިން ވެސް އުޅޭނެއެވެ. އެއީ، އެމީހުންގެ ހިތުގައިވާ އަމާޒަށް ވާޞިލްވުމަށެވެ. އެމީހުން ބޭނުންވާ ކަންތައް ކުރާށެވެ. އެކަމަކީ، ލޯތްބާއި ގުޅުން ވެސް ހުރި ކަމެއް ނޫނެވެ. އެގޮތަށް ގޮސް، އެކަން ކުރެވެންދެން އެއަންހެން ކުއްޖަކު ފިރިހެން ކުއްޖާގެ އަވާގައި ޖައްސާނެއެވެ. މިއީ ކަން އޮތް ގޮތެވެ. ކަން ހިނގާ ގޮތެވެ. ތިއީ ހުސް ކެހިވެރިންނެވެ. ފިރިހެނުން އުޅެނީ ތިގޮތަށެވެ. ތިއުޅެނީ ލޯބިންނެއް ނޫނެވެ. އެހެން މަޤުޞަދެއްގައެވެ. މިކަން އަހަރެންނަށް އެނގޭކަން އަންގާލީއެވެ.
މިޖަވާބަށް މާބުރު ދޭ ރައްދަކީ “ނޫނެކެވެ. ތިޔަ ނަޔާ ފަރި މާ ވަނީ އަހަރެންގެ ހިތާއި، އެހިތުގެ ވިންދާއި ގުޅިފައެވެ.” ފިރިހެން ކުއްޖާ މިބުނަނީ، އެއްގޮތަކަށް ވެސް އެހެން ނޫން ކަމަށެވެ. “މަކަރުވެރި ފިރިހެނުން އުޅުނަސް އަހަރެން މިއުޅެނީ، ތިޔަ އައު، އަދި ފަރި ކަމަނާ ދެކެ ހަމަ އަސްލުގައި ވެސް ހަޤީޤީ ލޯބިވެގެންނެވެ. އަދި މިހާރު، ކަލާގެ ނަން ވަނީ އަހަރެންގެ ހިތުގައި ޖަހާ ވިންދާ އެކުވެފައެވެ. އަހަރެންގެ ހަށިގަނޑުގެ ކޮންމެ ވިންދަކާއެކު ވެސް ކަލާގެ ނަން އެބަ ހިނގައެވެ. ތިޔަ ނަން އަހަރެންގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ.”
ދެން އަނެއްކާ ވެސް މާބުރު މިބުނަނީ:
ފ. ހެދިފޯދޭ ނަލަ ގަސްގަހުގާ، ފޮޅުނަސް ކިތަންމެ މަލެއް މާ
ފ. ތިޔަ ނޫން މަލެއް ދެން ބޭނުން ނެތިއްޔޭ
އ. އިންސާފަކީ ކޮބައިތޯ، މާބުރުގެ މާމަލޭ
“އޭ މަލާއެވެ. ހެދެމުން، ފޯދެމުންދާ ނަލަ އެތައް ގަސްގަހެއްގައި ކިތަންމެ މަލެއް ފޮޅުނަސް، ތިޔަ ނޫން މަލެއް ދެނެއް ބޭނުމެއް ނޫނެވެ.” މީގެ މުރާދަކީ، އަންހެން ކުއްޖާ ދިން ޖަވާބަށް ރައްދެއް ދިނުމުގެ ގޮތުން، ކަން އޮތީ އެހެނެއް ނޫނޭ ބުނުމެވެ. އޭގެ ބަދަލުގައި، ފިރިހެން ކުއްޖާ މިބުނަނީ، “އަހަރެންނަށް އެކި ތަންތަނުން ކިތަންމެ ގިނަ ރީތި ކުދިންނެއް ފެނުނަސް، ކަލާ ނޫން އެހެން އެއްވެސް ކުއްޖަކު ބޭނުމެއް ނޫނެވެ. އެއީ، އަހަރެންނަށް ހަޤީޤީ ލޯބިވެވުނީ ހަމައެކަނި ކަލާ ދެކެ ކަމަށް ވާތީއެވެ. އެހެންވީމާ، ކަލާ ފެނުމަށް ފަހު، ދެނެއް ދުވަހަކު ވެސް އެހެން ކުއްޖަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. އަދި އެހެން ކުއްޖަކު ބޭނުމެއް ވެސް ނޫނެވެ. މިކަން ޤަބޫލު ކުރާށެވެ.”
މިއާއެކު މަލުގެ ޖަވާބަކީ:
“ދެން މީގައި އިންސާފަކީ ކޮބައި ހެއްޔެވެ؟ ހައްތާ ވެސް މާބުރުގެ މާ މަލެވެ.” މާނައަކީ، އަންހެން ކުއްޖާ ފިރިހެން ކުއްޖާ ފިރިހެން ކުއްޖާ ގާތުގައި “ތިހެން ބުންޏަސް، ތިޔައީ ތެދެއް ނޫނޭ، ހަމަ އާ އަންހެން ކުއްޖަކު ފެންނައިރަށް، ތިޔަ ކަހަލަ ފިރިހެނުން ގޮސް، އެކުއްޖާގެ ކައިރީގައި ޖައްސާނެއޭ” މިހެން ބުނުމެވެ. އަދި “ތިޔަ ފިރިހެނުން ތިޔަ ވާހަކަތައް އެކުދިން ގާތުގައި ވެސް ތިޔަ ގޮތަށް ދައްކާ، އެކުދިންގެ ފަރާތުން އެއްކަލަ މަޤުޞަދު ޙާޞިލްވަންދެން އުޅެ، އެކަމަކު ވެސް މިކަމާ އެއްބަހެއް ނުވެއެވެ. ދެން މީގައި އިންސާފެއް ނެތެވެ. ހައްތާ ވެސް ތިޔަ ހަދަނީ ދޮގެވެ. އެހެންވީމާ، ކޮންމެހެން ތިޔަ ދޮގުތައް ނުހަދައި އަވަހަށް ދާށެވެ!” މިހެން ބުނުމެވެ.
ނޯޓް: އަޅުގަނޑުގެ ނަޒަރުގައި މިއީ އަދަބީ ގޮތުން މާ މޮޅު ލަވައެއް ނޫނެވެ. އެހެން ނަމަވެސް، ހަމަޖެހޭ މާނައެއް، އެބައޮތެވެ. އެގޮތުން ބަލާއިރު، މިލަވަ ރަނގަޅެވެ.
މިލަވަ ޔޫޓިއުބުން ބައްލަވާލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިލަވައިގެ ލިންކް މިތާނގައި ހިމަނާލާފައި އެވަނީއެވެ.
މޭގާވި އަލިކުރި ނޫރަކީ މަލޭ: ޔޫޓިއުބް

ގަޅިބެ ރައްޓެހި އަނެއްބޯގަޅި ވިދާޅުވީ
ތާރީޚް:22/05/2009
ވަރަށް ފައްކާ އިނގޭ
ގަޅިބެ ރައްޓެހި އަނެއްބޯގަޅި ވިދާޅުވީ
ތާރީޚް:22/05/2009
ހާޝިމް މިލަވަފެނުނީމަ ބިޓެއްމަތިން ހަދާންވީ ދޯ.މަށަށް ވެސް ވަރަށް ރީތި ލަވައެއްމީ
ދޮންބޭބެ ވިދާޅުވީ
ތާރީޚް:22/05/2009
މި ލިޔުން ފެނުނީމަ ހަނދާނަށް އައީ ވަރަށް ފަހުން، އިސްކޫލުކުދިންގެ ލަވަ މުބާރާތުގައި ކުދިންނަށް އިނާމުދޭން ތިއްބެވި ފަންނާނުން ތެރޭގައި މަހްމޫދާ ޝަކީބު ވެސް ހިމެނުނު މަންޒަރު. މަޙްމޫދާ މެންނަކީ މިޔުޒިކީ ދާއިރާއިން ބަލާއިރު މި ޖީލުގެ ލަވަކިޔުންތެރިންނާއި މިޔުޒިކަށް ލޯބިކުރާ މީހުން އިޙްތިރާމްކުރަން ޖެހޭ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއެއް. އެކަމަކު ވެސް އެތައް ދުވަހެއްގެ ފެނިލުމަކާ އެކު އެފަދަ ތަރިއެއް ފެނިލުމުން ދޭން ޖެހޭ ތަރުޙީބާ ކުރަން ޖެހޭ އިހްތިރާމެއް ނުފެނުނު. ހީވާ ކަހަލަ މިޖީލުގެ ޒުވާން ލަވަކިޔުންތެރިންނެކޭ އެބޭފުޅުންނެކޭ ހަމަހަމައޭ. އަޅުގަނޑުގެ ނަޒަރުގައި ލަވައިގެ ދާއިރާގައި ދެވެން ޖެހޭ އެންމެ މަތީ ދަރަޖައަކަށް މަޙްމޫދާ މެންނަށް އިޙްތިރާމް ދެވެން ޖެހޭނެ. މަޙްމޫދާ މެން އަތުން އިނާމެއް ދެވޭ ނަމަ އެ އިނާމު ވާންޖެހޭނީ މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކަމުގައި. އެކަމަކު ވާ ގޮތަކީ، މަޙްމޫދާ މެން ޝަކީބުމެން ފަދަ ލަވައިގެ ދުނިޔޭގެ މަންމައިންނާއި ބައްޕައިން އަތުން މި ދޫކުރެވެނީ ދެވަނަ އަދި ތިންވަނަ ދަރަޖައިގެ އިނާމުތައް. އަދި އިއްޔެ ވިދާލި، އުމުރުން 20 އަހަރުގެ ޒުވާން ރޮކް ލަވަކިޔުންތެރިޔާ ލައްވާ އެންމެ ޝަރަފުވެރި އިނާމު ބަހަނީ. ދުނިޔޭގެ އެހެން ތަނެއްގައި ނަމަ އެފަދަ މެހެފިލަކުން އެފެންވަރުގެ ކުރީގެ ތަރިއެއް ފެނިލައިފި ނަމަ މުޅި ހޯލު ގުގުމާލާނެ.
އަޅުގަނޑު މި ލިޔުނު ވާހަކައިގެ މައިގަނޑު މުރާދަކީ ކޮންމެ ދާއިރާއެއްގައި ވެސް އުޅެ ތަޖްރިބާ ލިބިފަ ތިބި އުމުރުން ދުވަސްވީ މީހުންނަށް ދެވެން ޖެހޭ ޤަދަރާއި އިޙްތިރާމް ދިނުމުގެ ސަގާފަތެއް ރާއްޖެއަކު ނެތޭ ބުނެލުން. ލިޔުމަކަށް ނޫންތޯޗެ ކޮމެންޓު މި ކުރެވުނިއްޔެއް.
ތުކިއްޓޭ ވިދާޅުވީ
ތާރީޚް:22/05/2009
މަ ހިތުގަ އޮތް އެތި ހަމަ އެ ގޮތަށް މިއޮތީ ބުނެފަ ނަސީބެއްތާ މި ކޮމްނެޓް ކިޔާޅެވުނުކަން
ރަބަރުދޫ ވިދާޅުވީ
ތާރީޚް:22/05/2009
ލަވަ ވަރަށް ފުރިހަމަ. މިލަވަ ޝަރަހައާއެކު ކިޔާލެވެމުން ހިތަށް ހަމަޖެހުން ލިބިއްޖެ. މަށަށްވެސް ވަރަށް މަޤްބޫލު ލަވައެއްމީ…..
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:22/05/2009
މާ ބޮޑައްވެސް ލިޔުން ދޭހަކުރަން ފަސޭހަވެފައި ޗާލު ވީހޭ، މަލެއްގައި މާމުތް ކުޅަނދުރެއް ޖައްސާ ފޮޓޯ އެއް ލީނަމަ.. އާނ ދެން ބުނެލަން އޮތީ އެންމެ ޞައްހަ ލޯބިވެރިންގެ “ލަވަ” އެއްގެ ހުލާސާ އަކަށް ވާނީ “ކަލެއަށް ވުރެ ރީތި ކުދިންވެސް، ރަނގަޅު ކުދިންވެސް ލިބިދާނޭ، އެކަމަކު އަހަރެން ބޭނުމީ ކަލެއޭ” މިހެންނޫނީ ލޯބި، ލޮތްބަކާ ނުވާނެ..
ސްޓްރޭންޖާ ވިދާޅުވީ
ތާރީޚް:22/05/2009
އަހަރެން ނޫޅެން ކޮންމެހެން ތިޔަ ލަވަ މާނަ ގޯހެކޭ ކިޔާކަށް. އެކަމަކު ހާޝިމް ލަވައިގެ ފުރަތަމަ ކަޑި މާނަކުރުމުގައި ބުނެފައިވާ އެއްޗާއި ބެހޭގޮތުން ކޮމެންޓެއް ކޮށްލާނަން.
“އަދި އަހަރެންނަށް އެހެން މީހުންނަށް އޯގާވެރިވެ ދިރިހުރެވޭ މިބާރަކީ ވެސް ހަމަ ކަލާއެވެ. ކަލާ ނުވާނަމަ، އަހަރެންގެ ހިތަށް މިހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އަދި ދުނިޔޭގައި ހުރުމުގެ މާބޮޑު އުންމީދެއް، އެދުމެއް ވެސް ނެތީހެވެ. އެހެންވެ، އަހަރެންނަށް އެންމެ ބޭނުމީ ކަލާއެވެ. އަހަރެންގެ މިލްކަކަށް ކަލާ ވުމެވެ. އެހެން ނުވެއްޖެނަމަ، އަހަރެން ދެން ދުނިޔޭގައި ހުންނާކަށް ވެސް ބޭނުމެއް ނޫނެވެ. އަހަރެން ހަމައެކަނި އެދެނީ ކަލާގެ ލޯތްބެވެ. ކަލާ ލިބުމެވެ.”
މި ލަވައިގެ ޝަރަޙައަކީ މިއީ ކަމުގައިވާނަމަ އަހަރެންނަށް ބުނަންޖެހެނީ މިއީ ކިޔުމާއި އަޑުއެހުން ހެޔޮވާވަރުގެ ލަވައެއް ނޫންކަމަށް. އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ ހުރުމުގެ ހަމައެކަނި އުއްމީދަކީވެސް އަދި ބޭނުމަކީވެސް އެ މަންޖެ މިލްކުކުރުން ކަމަށް ބުނެފައި އޮތުން. އަނެއްކަ އެމަންޖެ ނުލިބިއްޖެ ނަމަ ދުނިޔޭގައި ހުންނަންވެސް ބޭނުން ނުވާކަމަށް ބުނެފައި އޮތުން. މަ ބުނަން މިއުޅެނީކީ މީހަކު މީހަކު ދެކެ ލޯބިވުމުކީ މައްސަލައެކޭ ނޫން. އެކަމަކު ތިޔަ ފަދަ ޢިބާރާތުން ލޯބިވެރިޔާއަށް ބުނުމަކީ ރަނގަޅުކަމަކަށް ނުވާނެއޭ. އެއީ އަހަރެމެން މުސްލިމުން މި ދުނިޔޭގައި ހުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވެސް ވާން ޖެހޭނީ ﷲ އަށް އަޅުކަން ކުރުމަށްކަމަށްވާތީ. އެއްވެސް ޙާލެއްގައި އަހަރެމެން އުފައްދަވާފައިވަނީ އަހަރެމެން ކަހަލަ ނިކަމެތި ޟައީފް މީހެއްގެ އަވާގައި ޖެހި ފަނާވެ ދިޔުމަކަށް ނޫން. އެމަންޖެ ލިބެން ނެތް ނަމަ ދުނިޔޭގައިވެސް ހުންނާކަށް ބޭނުމެއް ނޫނޭ ބުނުމަކީ ހަމަ ކަނޑައެޅިގެން ކުށެއް. ތިޔަފަދައިން ވާ ލޯތްބަކީ ލޯބީގެ ދަރަޖަ ފަހަނައަޅައި ހަމައެކަނި ﷲއަށް ޚާއްޞަވެގެންވާ ލޯބީގެ ތެރެއަށް އެ ލޯބިވެއްދުން ކަމުގައި މެނުވީ ނުވާނެ.
“ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ މަރުވުން ވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ.” (އަލް އަންޢާމް 162)
މާނަކުރާސޮރެއް ވިދާޅުވީ
ތާރީޚް:22/05/2009
ސްޓްރޭންޖާ ތިހާގޮތްފާޑު ބޮޑުކުރާކަށް ނުވާނެ މިލަވާގައި މިބުނާދުނިޔެއަކީ ލޯބީގެ ދުނިޔެ ޝާއިރީ ދުނިޔެ އަށް ވަދެވަޑައި ގަތީމަ މިލަވައިގައި ބުނާ އެއްޗެއް އެގޭނީ.ޅެންބަހުރުވްއިގައި މިގޮތަށް ކިތަންމެ ދުނިޔެއެއްގެ ވާހަކަ ދައްކާނެ.ދެންބުނަން އޮތީ އެމީހަކު ބޭނުންގޮތަކަށް މާނަކުރެވިދާނޭ.ބުނާ އަޑު އިވޭ މާނަ އޯންނާނީ ޅެންވެރިޔާގެ ބަނޑުގައޭ.ސްޓްރޭންޖާ ގެ ވިސްނުން ވެސް ގޯހެކޭނޫން މިބުނީ .މައުލޫމާތަށް ޓަކައި ދަންނަވާލީ.
ޔޫސުފް ވިދާޅުވީ
ތާރީޚް:22/05/2009
• މިއީ އަޅުގަނޑު ކުޑައިރު ޓީވީއިން އެންމެ ގިނައިން ފެންނަ، ރޭޑިޔޯއިން އެންމެ ގިނައިން އިވޭ އެއް ލަވަ. ޓީވީއިން މުޅިންހެން ފެންނާނީ ދަރާ މުހަންމަދު ރަޝީދު!! އަންހެންކުއްޖަކަސް އެފެންނަނީ އާތިފާދޯ! ސަލްޓަން ޕާކުތެރެ ވީޑިޔޯއިން ފެނުމުން އަހަރެންގެ ޚިޔާލު 22، މީގެ އަހަރު ފަހަތަށް ހިނގައްޖެ! އެ ވީޑިއޯއިން އެބަ ފެނޭ އަހަރެން ޕާކަށް ފުރަތަމަ ދިޔަ ދުވަހު ފޮޓޯނަގަން ހުއްޓުނު ”ރުއް” ވެސް!ދެވަނަ ފަހަރު މި ވީޑިޔޯ ބެލީ..އެކަމަކު ހާދަ ރީއްޗޭ
• ސަލްޓަން ޕާކު އެއީ މައުމޫނު ސަރުކާރުގެ އިހްމާލު ދައްކުވައިދޭ ތަނެއް ކަން މި ލަވައިގެ ވީޑިޔޯ ބެލީމަ އެނގޭނެ. އެޔޮއް ހިތްގައިމު ބަގީޗާ، މިހާރު އެޔޮތީ މައުމޫނު އެކަށް ވީރާނާކޮށްފައި.
• އަދަބީ ނަޒަރަކުން ބަލާލާއިރު ބުނެވިދާނެ ސަލްޓަން ޕާކަކީ، ދިވެހި ގައުމޭ، ވީޑިޔޯއިން އެފެންނަނީ ގައުމުގައި “މާމެލާމެލި ފޮޅިފައި” ވާތަން. ދެން މިހާރު އެ ޕާކުން އެ ފެންނަނީ ގައުމު އޮތް ހާލަތު! މާތައް މިލާ މޯޅިވެ ފަތްތައް ހިކެން ފަށާފައި. އަޅެ ނޫންތަ؟
• ލަވަ ވަރަށް ރީތި. ލިޔުންވެސް އޯކޭ
ކެއްލަވަތީ ވިދާޅުވީ
ތާރީޚް:22/05/2009
ޔޫސުފަށް މަ ތާއީދު ،ތިޔަބުނީ ހަމަ ތެދެއް.
ދެކުނު އަވަށުމީހަކު ވިދާޅުވީ
ތާރީޚް:22/05/2009
ޔޫސުބާ ބަނަންތަ މީހާރު ގެ ލަވަތަކުން އެފެންނަނީ ވޭތިވެދިއަ ހަމަސްދުވަހުގެ މާލޭގެ މަގުތައްދޯ ހަދަހާ އަވަހޭ ތަރައްގީވަލެއް!!!!!!!!މިބަދަލުގެން ނަންމާލަސްވެއްޖެ މިހާރު މިތިބަތެޅެނީ ބިރުން ސިވިލްސަވިސް މީހުން ނިދާއިރަށް މިމީހުން ކަރުގައިފަނީއޭހީކޮށްގެން “ހަސަނައް ހީވާނެ ފުޅައްބުޑުން ދަންޔާ އެކަނޑަނީއޭ” ގަދަބާރުން އޮޅުވާލައިގެން ހޯދުނީމަ އެހެން ހީވަނީކަން ނޭނގެދޯ؟؟؟؟؟؟؟؟؟
ދިވެއްސެއް ވިދާޅުވީ
ތާރީޚް:22/05/2009
ވަރަށް ސަޅި
ކެއްލަވަތީ ވިދާޅުވީ
ތާރީޚް:22/05/2009
ދެކުނު އަވަށުމީހައަށް<<! ތިޔަ ބުނަން އުޅޭ ވާހަކަ ނިކަން ކެރިގެން ސާފުވާހެން ބުނެބަލަ.ނޭގިގެން މި ބުނެލީ.
މާލޭ މީހަ ވިދާޅުވީ
ތާރީޚް:22/05/2009
ސަލްޓަން ޕާކަކީ ކުރީ ޒަމާނުގެ ޝާހީ ގަނޑުވަރު ހުރިތަން. ތާރީޚީ ތަރިކައެއް ގޮތުގަ އެ ގަނޑުވަރު ނުބަހައްޓާ އެތަން ޕާކަކަށް ހެދީ މައުމޫނު ކުރިން އޮތް ސަރުކާރެއް. މައުމޫނު ސަރުކާރުން އަނެއްކާ އެބުނާ ޕާކު އިހުމާލުކޮށްފަ އެތާ ނަރުދާ ޖަހާފަ ބެހެއްޓީ. ދެން އައި ސަރުކާރުން ނަރުދާތައް ކޮށާލާފަ އެޔޮތީ ހުޅުވާލާފަ.ޕާކަކީ އެގޮތަށް ހުޅުވާލެވިފައި ހުންނަންޖެހޭ ތަންތަން. އެކަމަކު ދެން ވާނެ ގޮތަކީ ދުވަސްކޮޅަކުން އެތަނަށް “ހިތް އުފާކޮށްލަން” ވަންނަ ޒުވާނުންގެ އުނދަގުލާ ހުރެ އަނެއްކާ އެތަން ޖެހޭނީ ބަންދުކުރަން. ބަލަހައްޓަން ޖެހޭ ހުރިހާ ގޮތަކަށް ނުބަލަހައްޓަންޏާ މިކަންތައް ވެސް ދިމާވާނެ. އެއިރުން މީހުން ބުނާނީ ޕާކަކީ ހަދަން ހެޔޮވާވަރު ތަންތަނެއް ނޫނޭ. އެއީ ޕާޓޭންގެ ތަނެކޭ. ކުޅުދުއްފުށީގަ ވެސް ޕާކު ހަދައިގެން ނުވާނޭ. ސަލްޓަންޕާކަށް ވާގޮތެއް ނުފެނޭހޭ. މިކަހަލަ ގޮތެއް. ޕާކުތައް ކާފަރުވާނީ. ދިވެހި އަދަބިއްޔާތުން ރައިވަރު ފޮހެވުނީ ވެސް ބެރެކި ރައިވަރެއް ތާރަފުވެގެންނޯ ކިޔާއަޑު އިވޭ. އެހެންވީމަ އަހަރެމެންގެ ވިސްނުން މި ހުންނަނީ ކަޅާއި ހުދުން. ދެފަތް ކުކުޅު ހުންނަހެން. ކޮންމެ ބަޔަކުވެސް ތިބެނީ ކޮންމެވެސް އެއްކޮޅަކަށް ގޮސް ހުސްވެފަ. އަޅިކުލައިގެ ސަރަހައްދެއް ނޯވޭ.
ރެހެންދި ހައްޖަ ވިދާޅުވީ
ތާރީޚް:22/05/2009
ހާދަ ފޫހި ލަވަ ގަޑެކޭ،،މިނޫން އެއްޗެއް ނެތްތަ؟
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:22/05/2009
ދެކުނު އަވަށު މީހާ ޔުސުފަށް ތި ރައްދު ދިން ގޮތަށް ސާބަސް.. ތިހެން ތިބޭނީ ކެރޭ ދަރިން.. އަދި މަމީ ދެކުނު އަވަށު މީހަކަށް ވީތި ވަރަށް އުފާވެއްޖެ.. ދެން މިލިޔުމާއި ދޭތެރޭ ބުނެވޭނީ މިކަލަހަ ކުނި ލިޔުމާއި ކޮމެންޓްތަކުން މިސައިޓް ކިނލަބު ވެއްޖޭ.. މިހެން ބުނީމަ ދެން މަށާ ދިމާއަށް ބުނާނީކީ ނޫން މަންގަނޑުމަތި ރިތި ލިޔުން ލިޔުނީމަ ވީނޫންހޭ.. މަށަކީ ލިޔުންތެރިއެއް ނޫން.. އެހެންވެ މަ ހާޝިމް ހަދާހެން ލިޔުމަށް ކުރަފި ނާރުވަނީ..
ސަލަޓަންޕާކު ވިދާޅުވީ
ތާރީޚް:22/05/2009
ސަލްޓަންޕާކު ހެދީ އިބުރާހިމް ނާސިރު ،މައުމޫނެއްނޫން.މިހެއްމިބުނީ މާލޭމީހަ މައުމޫނު ހެދި ތަނެކޭބުނީމަ.މިލަވައަށް ބަލާލެވިފައިވާ ގޮތް ވަރަށް ސަޅި.ހާޝިމަށް ޝުކުރިއްޔާ.
ރީނދޫ ވިދާޅުވީ
ތާރީޚް:22/05/2009
ކަލޭނޭ މިތާ މައުމޫނޭ ކިއާފަ އެއްޗެކޭ ނުބުނޭ.އެއީބަޔަކީ.
މާލޭ މީހަ ވިދާޅުވީ
ތާރީޚް:22/05/2009
ސަލްޓަންޕާކަށް:
ބަލަގަ މީހުން ދައްކާ ވާހަކަ ރަނގަޅަށް ބަލާފަ ކިޔާ އެއްޗެއް ކިޔާ ބަލަ. އަހަރެން ބުނީ އެތަން ހެދީ މައުމޫނު ކުރިން އޮތް ސަރުކާރޭ. މައުމޫނު ކުރިން އޮންނާނީ ދެން އިބްރާހިމް ނާސިރު ސަރުކާރެއް ނޫންތަ؟ އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަން: “މައުމޫނު ކުރިން” (މާނަ އަކީ: މައުމޫނުގެ ކުރިން) ސާފުވެއްޖެ ދޯ؟ އަހަރެން އަޑުއަހާ ގޮތުގާ، ކުޅުދުއްފުށީ މީހުން ވާހަކަ ދައްކާ އިރު “ގެ” މި އަކުރު ބޭނުންކުރަނީ ވަރަށް މަދުން. އެހެންވެ އަހަރެން ބުނީ “މައުމޫނު ކުރިޔޭ” އަދި “މައުމޫނު ގެ ކުރިޔޭ” ނުބުނީ. ދެން މާލޭ މީހެއް ވީމަ ރަނގަޅަށް ބުނަން ނޭނގުނީތޯޗެ.
ސަލްޓަންޕާކު ވިދާޅުވީ
ތާރީޚް:22/05/2009
އާސާފުވެއްޖެ.ވަރަށް މާފާއެކު ސާފު ކޮށްލަދިނީތީ ޝުކުރިއްޔާ!