ފިލްމުތަކާއި ސީރީޒްތައް ބަލާ މީހުންގެ މެދުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ސީރީޒް، ޕްރިޒަން ބްރޭކް، ހަތަރު ސީޒަނަށްފަހު މުޅިން ނިންމާލައިފިއެވެ. އެމެރިކާގެ ފޮކްސް ޓީވީއިން އުފައްދާ، ބްރޯޑްކާސްޓް ކުރާ މިސީރީޒް، 2005 ވަނަ އަހަރުގެ އޮގަސްޓުމަހު 29 ހުގައި ދައްކަންފެށުމާއިއެކު، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަމީހުންގެ ޝަޢުގުވެރިކަން ހޯދާ ޗާޓުތަކުގެ އެއްވަނަ ހޯދިއެވެ.
މި ޑްރާމާގެ ފުރަތަމަ ސީޒަންގައި ދައްކުވައިދެނީ ސްޓްރަކްޗުރަލް އިންޖިނޭރިންގެ ދާއިދާއިން ތައުލީމު ހާސިލްކޮށްފައިވާ މައިކަލް ސްކޯފީލްޑް (ވެންޓްވޯތް މިލަރ)، އޭނާގެ މުޅިހަށިގަނޑުގައި ޓެޓޫއެއްގެ ސިފައިގައި ބޮޑު މާސްޓަރ ޕްލޭންއެއް ކުރަހައިގެން ޖަލަށްވަދެ، އޭނާގެ ބޭބެ ލިންކަން ބޮރޯސް (ޑޮމިނިކް ޕާރސެލް) ގޮވައިގެން ޖަލުން ފިލަން ކުރާ މަސައްކަތެވެ. ބޭބެ ލިންކަންއަކީ އެމެރިކާގެ ނައިބު ރައީސްގެ ބޭބެއެއް މަރާލިކަމުގައި ތުހުމަތުކޮށް މަރަން ހުކުމްކޮށްފައިވާ މީހެކެވެ.
މައިގަނޑު ވާހަކައަކީ އެއީ ކަމުގައި ވިޔަސް މިސީރީޒްއަކީ އެކްޝަންއާއި ލޯބީގެ ހާދިސާތަކެއްވެސް އޭގެތެރޭގައި ދައްކުވައިދޭ ވާހަކައެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭވަގުތުތައް ގިނަ، ވަރަށް ބަލާހިތްވާގޮތަށް ލިޔެވިފައިވާ ސްކްރީންޕްލޭ އެއް ހިމެނޭ މިސީރީޒްގެ ދެވަނަ ސީޒަންފެށެނީ ޖަލުގައި ތިބި އިތުރު ކުއްވެރިންތަކަކާއި އެކު މައިކަލް އޭނާގެ ބޭބެ ގޮވައިގެން ފިލާހިސާބުންނެވެ. މިބައިގައި ފެނިގެންދަނީ މިމީހުން ޕޮލިހުންނާއި އެފްބީއައި އޭޖެންޓުންނާއި ފިލަން ކުރާ މަސައްކަތެވެ. އަދި އެމީހުން ކުރިކަމަށް ތުހުމަތު ކުރެވިފައިވާ ކުއްތަކަކީ މުޅިން ދޮގު ތުހުމަތުތަކެއް ކަމަށް ސާބިތުކޮށްދެއެވެ. ތިންވަނަ ސީޒަން ފެށެނީ ބައެއްގެ ރޭވުމެއްގެ ސަބަބުން ޕެނަމާގެ ޖަލެއްގައި މައިކަލް ތާށިވާ ހިސާބުންނެވެ. މިފަހަރު މައިކަލްއަށް މަޖުބޫރުވަނީ ޖަލުގައި ހުރި މުޖުރިމަކު ޖަލުން ސަލާމަތް ކުރުމަށެވެ. މިކަމުގައިވެސް މައިކަލް ކާމިޔާބު ހޯދާ ޖަލުން ފިލައެވެ.
ހަތަރުވަނަ ސީޒަންގައި ދައްކުވައިދެނީ އެނބުރި އެމެރިކާގެ ޗިކާގޯއަށް އައިސް އެމީހުންނަކީ ކުށެއްނެތް މިނިވަނުންނަށް ވުމަށް މަސައްކަތްކުރާތަނެވެ. މިކަމުގެތެރޭގައި ހުރިހާ ނުބައެއް ރޭވި ބޮޑު ކޮމްޕެނީ ބިމާ ހަމަކުރަން މައިކަލްއާއި އޭނާގެ ޓީމު މަސައްކަތްކޮށް ކާމިޔާބުހޯދައެވެ.
ޕްރިޒަން ބްރޭކް ވަނީ އެތަކެއް ވަނަތައްހޯދާ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެސް ވެފައެވެ. އެގޮތުން 2005 ވަނައަހަރު ސެޓާރން އެވޯޑާއި ޕީޕަލްސް ޗޮއިސް އެވޯޑަށް ނޮމިނޭޓްވިއެވެ. އަދި 2006 ވަނަ އަހަރު ގޯލްޑަން ގްލޯބް އެވޯޑާއި ސެޓެލައިޓް އެވޯޑަށް ނޮމިނޭޓްވިއެވެ. ހަމައެއަހަރު ޓެލެވިޝަން ކްރިޓިކްސް އެސޯޝިއޭޝަން އެވޯޑަށާއި އެމީ އެވޯޑަށްވެސް ނޮމިނޭޓް ވެފައިވެއެވެ. އަދި މިސީރީޒްގެ ޑައިރެކްޓަރު ވަނީ 2006 ވަނަ އަހަރު އަލްމާ އެވޯޑްސް ހާސިލްކޮށްފައެވެ.
ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ދިވެހިންގެ މެދުގައިވެސް މިއީ ވަރަށް މަގުބޫލު ސިލްސިލާއެކެވެ. ސީދާ ފޮކްސްޓީވީ އިން ނުބެލިކަމުގައިވިޔަސް، އެމެރިކާގައި ޑްރާމާދައްކާތާ ތިން ހަތަރު ގަޑިއިރުތެރޭ ޑައުންލޯޑްކޮށްގެން ޕްރިޒަން ބްރޭކް ބަލާ ޒުވާނުން މަދެއްނޫނެވެ. ޕްރިޒަން ބްރޭކްގެ އިތުރުން ފޮކްސްއިން ދައްކާ “24″ އަކީވެސް ވަރަށް މަގުބޫލު އަދި ގިނަ އެވޯޑުތަށް ހާސިލްކޮށްފައިވާ ސީރީޒްއެކެވެ. ޕްރިޒަން ބްރޭކް ނިމުމާއިއެކު ފޮކްސްއިން މިފަދަ މޮޅު އެހެން ސީރީޒްއެއް ނެރޭނެ ދުވަހަކަށް ޒުވާނުން މިހާރު މިތިބީ ކެއްމަދުވެފައެވެ.


ފިލްމު ފުރޭތަ ވިދާޅުވީ
ތާރީޚް:22/05/2009
ހަގީގަތުގަ ވެސް ވަރަށް ފަހި އެއްޗެއް މީ. މަށަށް އަދި އެންމެ ކަމުދާ އެއްޗަކަށް ބެލުނީ “ލޮސްޓް”. އެކަމަކު ރޯ އެކްޝަން އެއްޗެއްސާ އާޓު ޑުރާމާ ކަމުދާ ބަޔަކަށް އޭތި ކަމު ނުގޮއްސާނެ. ހަމަ ގައިމު އަހަރެން މިހާތަނަށް ބެލިނަމަ ބެލި ފިލްމަކަށް ވުރެން ވަސް ލޮސްޓް ރީއްޗޭ ބުނެވޭނީ. މަށަކީ ފިލްމު ރޮލުންކާ ފުރޭތައެއް. ހާދަޔޭ ފައްކަލީ އިނގޭ. ދިވެހިން ކޮން އިރަކުންބާ ތާހިރު ފިލުމެއް އެއްޗެއް ހަދާނީ. ހަދަން އުޅިފިއްޔާ ހެދޭނެ މަހިތުން.
ޕްރިޒަން ބްރޭކް ވިދާޅުވީ
ތާރީޚް:22/05/2009
މަކަމުދިއައަސް މަ ކައިނުލާތި.މިކަހަލަ ލިއުން ތަކަށް މަ ވަރަށް ސަޕޯޓުކުރަން.
ތިޔަ ކުދިންނަށް އެނގޭތަ؟ ވިދާޅުވީ
ތާރީޚް:22/05/2009
ފޮކްސް ނިއުސް އަކީ ރިލީޖިއަސް އެކްސްޓްރީމިސްޓުންނޭ ކިޔާގެން އިސްލާމް ދީނާ ވަރަށް އަޅައިގަނެގެން އުޅޭ ބައެއް…އިސްލާމެއް ކަމުގެ ފަޚުރު އެމީހެއްގެ ހިތުގައި ހުރި މީހެއް ވިއްޔާ ލޭ މައްޗަށް ދާނެ ޓީވީ ބުޑުގައި އޮންނަންވެސް..
ގަނޑުފިއްލާ ވިދާޅުވީ
ތާރީޚް:22/05/2009
އޯ ގަދަ…. މީ މަށަށްވެސް ވަރަށް ސަޅި ސީރީޒް އެއް.. އެކަމަކު މިއޮއް ބޮޑު ޕްރޮވިންސްގަ ހަމަ މިސައިޓްގަ ޖަހަލާނެވަރުގެ ކަމެއް ނުހިނގަނީ ބައޭ މަގޭ ހިތަށް އަރަނީ…. މިހާރުދެން ތަންކޮޅެއް ތަރަށްގީވެސް ވާންވެއްޖެ ކަންނޭގެ ދުވާލަކު އެންމެ އެއްޗެއްތަ ހަމަ މިސައިޓްގަ ޖެހެނީވެސް.. މިއީ ދެން ތަންފުކެއް ބޮޑުވަރު ކަންނޭނގެ މިހަ ދުރުގަތިބެގެން މިސައިޓަށް މިވަންނަނީ މި ޕްރޮވިންސްގަ ވަކަންތަށްތަށް ވެސް ކިޔަލަދޭނެކަމަށް….. ސައިޓް ހިންގަކުދިންނަށް މަގޭ ސަލާމް………..
ސިންބާ ވިދާޅުވީ
ތާރީޚް:23/05/2009
އެ ބުނާހެން ދެން މިކަހަލަ ކޮސް ލިޔުމެއް ނޫނިއްޔާ މިހާރު ނުފެނޭ. ދެން ފިލްމްތަކާ ބެހޭ މައުލޫމާތު މާ ރަނގަޅަށްވެސް އެކަމަށް ޚާއްޞަ ސައިޓްތަކަށް ވަނީމަ ލިބޭ. ކޮންމެހެން ކުޅުދުއްފުށީ ސައިޓްގައި ހޮލީވުޑްގެ ވާހަކަ ނުލިޔުނަކަސް ހެޔޮ. ކަލޭމެންވެސް ޕްރޮވިންސްގެ ތަފާތު ޚަބަރުތަކާއި، ޚިޔާލުތައް އާޓިކަލްތަކުގެ ސިފައިގައި ގެނައުން މާ އައުލާކަން ބޮޑު.
މާކަނާކަލޯ ވިދާޅުވީ
ތާރީޚް:23/05/2009
ވަރަށް ރަނގަޅު ރަހަތަފާތުކޮށްލަ ދިނީތީ. އަބަދު ސިޔާސީވެގެނެއްވެސް ނުވާނެ. މިސައިޓުގައި ހިމެނެންވާނެ ހުރިހާވައްތަރެއްގެ ލިޔުމެއްވެސް. ދީނީ، ސިޔާސީ، އިޖްތިމާޢީ، އިޤތިޞާދީ، ތަޢުލީމީ، އަދަބީ، ޞިއްހީ، އަދި މުނިފޫހިފިލުވުމާއި ބެހޭ ލިޔުންތައްވެސް ހިމެނެންވާނެ. މިކަމުގެ ސަބަބުން ސައިޓަށް ޒިޔާރަތްކުރާ މެހެމާނުންގެ ވިސްނުމާއި ޚިޔާލާ ފިކުރަށް އިތުރު މުއްސަނދިކަމެއްލިބި، މުޖްތަމަޢަކީ ހޭލުންތެރި ބަޔަކު ދިރިއުޅޭ ތަނަކަށްވާނެ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:23/05/2009
މަވެސް ހަމަ ގަވާއިދުން ބެލި ސިލްސިލާއެއް މީ. މިހާތަނަށް އެންމެ ރަނގަޅު އެއްޗަކަށް ފެނުނީ މި. ލޮސްޓު ވެސް ދެން އޯކޭ. އެކަމަކު 3 ވަނަ ސީޒަނާ ހިސާބުން ލޮސްޓުވެސް ވަރަށް ދެން ފޭކުވާން ފަށައިފި. ޕީބީ ހަމަ އެންމެ ސަޅީ. ކުރީ ދުވަހު ބަލާލައިފިން ފަހު އެޕިސޯޑު. ވަރަށް ސަޅި.
ނަން (މަޖުބޫރު ) ވިދާޅުވީ
ތާރީޚް:23/05/2009
މިއީ ހީވަނީ އަމިއްލަ ބުލޮގެއްހެން. ކުޅުދުއްފުށި ނަމުގައި ހިންގާނަމަ، މިފަދަ އާޓިކަލް ތަކަށްވުރެ، ރަށާގުޅުންހުރި ނުވަތަ އަތޮޅުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ހިމެނުން މުހިންމު ހެން ހީވަނީ. މީގައި ހިމަނަން ރަނގަޅު ހަބަރުތައް ކުޅުދުއްފުށީގައި އެކަނިވެސް ހަމަ ހިނގާ ކަންނޭނގެ. (މިސާލަކަށް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ.) ބަޔަކަށް ނޭނގޭ އެތައް ކަމެއް ކުދިވިޔަސް ބޮޑެތިވިޔަސް ހަމަ ހިނގާއެބަ. ދެން މިއަތޮޅު އެހެން ރަށެއްގެ ޚަބަރެއް ނެތް މީގައި ހިމަނައިގެން ވާކަށް. ވައިކަރަދޫ ލައިވް ހިންގި އިރު އެސައިޓް ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވޭ. ހަމައެހެން މަނަދޫ ލައިވް، އޭދަފުށިޓައިމްސް ފަދަ ޚަބަރާ މަޢުލޫމާތުން މުއްސަނދިވެފައިވާ ސައިޓަކަށް މިސައިޓްވެސް ވާނެ ދުވަހަކަށް އިންތިޒާރު ކުރެވޭ. އޮންލައިން ނޫހެއް ނުވަތަ މެގަޒިން އެއްގޮތަށް ހިންގާނަމަ، ހަމަ މީހަކު ފޮނުވާ އާޓިކަލެއް ޖެހުމަށްވުރެ ތަންފުކެއް ޕްރޮފެޝަނަލް ވާންޖެހޭކަމަށް އަހަރެން ދެކެން. ސައިޓުގެ ސްޓާފުންނާ މުރާސިލުން މިހާރު ނެތީހެން ހީވަނީ. ނޫނީ މަދީ ކަންނޭނގެ. މިފަދަ ލިޔުންވެސް ނުހިމަނާށެކޭނޫން. ހުރިހާ އެއްޗެއްވެސް ހުންނަންވާނެ އެކަމަކު … މިއީ ހަމަ މަގޭހިތަށް އެރި އެއްޗެއް. ސައިޓްގެ އެޑްމިންގެ މަޢުލޫމާތަށްޓަކައި ހާމަކޮށްލީ… ޝުކުރިއްޔާ!