މަރުވެގެން އަހަރެން ދަނީއޭ ދުނިޔެއިން އަދު ވަކިވެގެން
މަރުވެގެން އަހަރެން ދަނީއޭ ދުނިޔެއިން އަދު ވަކިވެގެން
ކަރުނައަޅަމުން ލޯބި ޔާރުގެ ނުލިބުމުން ކެތް ނުވެވިގެން
ގޭދަށުން ކުރުކާލި ކަނޑަމުން ރޭދެބައި ވަންދެން ކަލާ
ހޭދަކޮށް ފަންސާސް އަހަރު މިގޮތަށް މަދެން މާޔޫސްވެގެން
ލޯމަތިން ގެއްލުނު ފަހުން މިތުރާ ވަކިން ދެން ޚާއްޞަކޮށް
ހޯމަ ދުވަހުއްސުރެ މިދިޔަ އަހަރެން ނުވާ ގަދަ ބަލިވެގެން
ބިނދި މަގޭ ހިތްވަރު ހަށިން ވަރު ދޫވެގެން ބާރެއް ނުވާ
ހިނދި މަގޭ ލޯ، ކޯ އެ ވަޅުވަދެ ނާރުތައް ބުރިބުރިވެގެން
ވާނެ ހުރިހާ މޮޅިއަކާ ދެރައާ މިދުނިޔެއިން ލިބިމިހެން
ދާނެ ޔާރެއް ނުފެނި އަރިހަށް ލޯބިވާ ގޮތް ހުސްވެގެން
ޖޫސްފޮދެއް އަދި ފެންފޮދެއް ނުމެދިރި މަގޭ އަރު ބެދި މިތާ
ނޫސްވެރިންނަށް ވެސް މިވާހަކަތައް ކިޔައިދީ ދެރަވެގެން
ލީކަމަކު ވަޅު ޤަބުރު އަހަރެން ނަންނުދެއްވައްޗޭ މިހެން
“ފީކަޅާކޮށް މުޅި ހަޔާތް ދުއްވާލި މީހެއް މޮޔަވެގެން”

ތުކިއްޓޭ ވިދާޅުވީ
ތާރީޚް:23/05/2009
ސާބަހޭ ހާޝިމޫ، ކުރިން ލިޔުނު މި ރަށުން ކުއްޖަކު ފެނުން ވާހަކަ ވެސް، އާކުއްޖެއް، ދެން ލިޔުނު އެއީ މޭގެ ނޫރޭ ކިޔާފަވެސް މިހާރު މިއޮތީ މާ ފައްކާ ގޮލައެއް، ހާޝިމަށް އެއްވަނަ
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:23/05/2009
ހާޝިމަކީ ޅެންވެރިއެއް ކަން އެނގުމުން ވަރަށް އުފާވެއްޖެ، ދެން ޚާއްސަކޮށްލެވުނު ތަންތަނަށް ކަޅިއެއް އެއްލާނަން،
އަޅުގަނޑަށް ވިސްނުނު ގޮތް ކުށް ކަމުގައި ނުވާ ނަމަ، މީގެ އެއް ބައިތުގައި އެބަ އޮވޭ ހިތްވަރު ބިނދުނު ވާހަކައާއި ލޯ ހިނދުނު ވާހަކަ، މިއީ ހާޝިމްގެ އަދަބީ ފަންނުވެރިކަމާއި ހުނަރުވެރިކަން ކަޝްފުވެގެން ދިޔަ ދެ މަޖާޒޭ އަޅުގަނޑު ދަންނަވާލަން މިއުޅެނީ،
އެހެނީ ޅެމަކީ މީހުން އާދަވެގެން ބުނެ އުޅޭ ގޮތާ ޚިލާފަށް ބުނާ ބުނުމެއް، އެހެންވީމާ މީގެ އަދަބީ ފޭރާމާއި އެތެރެއާއި ބޭރުފުށުގެ މިޔުޒިކްގައި ޗާލުކެމެއް ހުރިކަން ފާހަގަކޮށްލަން ބޭނުންވޭ،
އެކަމަކު އަދި ފާހަގަކޮށްލަން ބޭނުންވޭ އެބަ އިނގޭ ބައިތުތައް ތަރުތީބުކުރެއްވުމުގައި އެއްޗެއް ނުދިރުނު ވާހަކައިގެ ފަހަތަށް ލޯ ވަޅުވަދެ ނާރުތައް ބުރިބުރި ވި ވާހަކަ ގެންނެވި ނަމަ ހީވޭ އަދި މިއަށް ވުރެ ފުރިހަމަވީސްހެން، ސަޅި، އިތުރު މައުޟޫތަކުގެ އިތުރު ޅެންތައް ފެންނާނެ ކަމަށް އުންމީދުކުރަން.
ސިންބާ ވިދާޅުވީ
ތާރީޚް:23/05/2009
ކުޑަކުޑަ ބަދަލުތަކެއް ގެނައިމަ ތިޔަ ޅެން ހަމަ ހާޝިމްގެ ލޯބިވާ ޔާރު، މައުމޫނަށް ވަރަށް ނަލަކޮށް ފިޓުވާނެ. ފޮޓޯވެސް ވައްތަރީ މައުމޫނު ކެޓުމަށްފަހު ނޫސްކޮންފަރެންސަށް ދިޔަ ދުވަހު ހެނދުނު ނަގާފަ އިން ފޮޓޯއަކާ.
ބޮޑު އަނގަ ވިދާޅުވީ
ތާރީޚް:23/05/2009
މިރަށު ވެބްސައިޓު ހާދަ ކަޓޭ. މިރަށުގައި ހިނގާ ޚަބަރުތައް ގެނެސް ނުދެވެންޔާ މި ދެން ކީއްކުރާ ސައިޓެއް
ދި އިބުތު ވިދާޅުވީ
ތާރީޚް:23/05/2009
ބުނަން ވާހަކައެއް، ސައިޓެއް ނޫން ކަޓީކީ، ތިކަހަލަ އަނގަތަކުގެ ބައިވެރިކަން މި ކަމަށް ނުލިބޭކަން ކަޓީ
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:23/05/2009
ފާޑު ކިޔުމަކީ ވަރަށް ފަސޭހަ ކަމެއް. މީދެން އަގެއް ދައްކައިގެން ހިންގާ ސައިޓެއްވެސް ނޫން. ދެން ތާރީޚް އާ ވީމަ ކިޔާލީމަ ވީ..ނުވިއްޔާ ހިމޭނުން ތިބޭނީ.އެއްޗެއް ހިއްސާ ކޮއްލަންބޭނުމިއްޔާ ލިޔުން ފޮނުވީމައިވީ.ދެން ބަދުރު މެންވެސް ރަށަށް މުރާސިލުން ހަމަ ޖައްސާފައެއް ނޫނިއްޔާ ހުންނަނީ އެއް..އަންނި އަރާ ފައިބައިގެން ދިޔަ އިރު އެވާހަކައެއް ވެސް ކަމުދާ ކަހަލަ ގޮތަކަށް ނެތް.. ދެން މިހެން ބުނީމައި، ވައިކަރަދޫ ލައިވްގެ މުރާސިލުން ހަދާ ގޮތަށް، ދެމީހުން ދޭތެރޭގައި ދައްކާ ވަހަކައެއް ނޫނީ ކަތީބެއްގެ ގޭގެ ގިފިލި ފާރުމަތިން ބޯ ދިއްކޮށްގެން އެހެން ހަބަރު ޖަހާނެ ކަމެއްވެސް ނެތް..ހަމަ މީހަކު ހަކުރު ބުޔަކަސް އެވާހަކައެއްވެސް ޖަހާނެ ކަމެއް ނެތް.އެހެނެއް ނޫން، ޕޮލިހުން އޭނަ ހައްޔަރު ކުރީމަ އެންމެ ރަނގަޅު ޖަހަން.
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:23/05/2009
އާނ ދެން ލިޔުމާ ދޭތެރޭ ބުނެލަން އޮތީ، އަޅުގަނޑަކީ، ތިޔަ ކަހަލަ “ހާސަރު” ތަކަށް އެހާ ލޯބި ކުރާ މީހެއް ނޫނޭ،..އެހެންވީމާ ލިޔުމަށް އެއްޗެއް ދަންނަވާކަށް ނޭނގޭ.. ދަންނަވާލަން އޮތްވާހަކަ އަކީ، ވިލިއަމް ޝެކްސްޕިއަރ އަކަށް އިނގިރޭސިބަހުގައި ކުށެއް ނުލިޔެވޭނޭ..އޭނަ ކުށް ގޮތަށް ލިޔުނު ކަމުގައި ވިޔަސް، އެއީ އިނގިރޭސި ބަހުގެ ހަމަ އަކަށް ވެގެން އެންމެ ފަހުން ގޮސް ނިމޭނީ..އެއީ ޝެކްސްޕިއަރ ވީމަ..ހަމަ އެހެންމެ ހުސެއިން ސަލާހުއްދީން ވެސް އެފެންވަރު. ސަލާހުއްދީން އަކީ ދިވެހިބަސް، އެހެންވީމަ ކޮން ކުށެއް އެބޭފުޅުންގެ ގަލަމުން ލިޔުއްވޭނީ؟..ހަމަ އެދަރަޖަ އަށް އަދިވެސް ދާނޭ މީހުން ވާނެ..އެހެނަސް މިހާރުގެ “އަދީބުން” ދިވެހި ބަސް މާ ތިލަކޮށް ހަނިކޮށްކޮށް ގަތީނުން، އެއީ ހައްދުފަހަނަ އަޅާފައިވާ ދިވެހިންނޭވެސް ދެންނެވިދާނެ..
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:23/05/2009
އަޅުގަނޑުމެން އިސްކޫލުގަ ކިޔެވި ދުވަސްވަރު ދިވެހި ޓީޗަރުން ކިޔަވައި ދިނުމުގައި ގެންގުޅޭ ގޮތް ފާޑުން ތިޔަކަހަލަ އެއްޗެއްސަށް ލޮލެއް ނުހުޅުވޭ..ޅެމަކީ ބަހުގެ ވަރަށް މުހިންމުވެސް އެއްޗެއްމެ..އަލްބާޓް އީންސްޓެއިން ބުނެފައިވޭ “ކަލޭ ކުރާކަމަކާ ކަލޭ ރުހިއްޖައުމަށް ދާން ދެން އެކަމަކުން ކަލޭ ކާމިޔާބު ނުވާނޭ” މިދެންނެވި ދިވެހި ޓީޗަރުން އަންނަ ގޮތަށް އައިސް ރައިވަރާ ޅެމާ ޝަރަހަ ކުރަން ޖައްސާ، ދަތުރު ނާމާ ލިޔަން ޖެއްސީމަ އަހަރެމެނަށް ވަނީ ޒުވާބު ކުރާހާ، އެމީހުނަށްވެސް މިއީ ކިޔެއް ކުރަން ކިޔަވާ އެއްޗެއްކަން ބުނެދޭކަށް ނޭގޭ..އާނ އެހެންތާ ވާނީ..އެމީހުން އެދަސް ކުރީ އާމްދަނީ ހޯދަން ވިއްޔާ…
ސައީދް އަހްމަދު ވިދާޅުވީ
ތާރީޚް:23/05/2009
ބިލް އޯ ރޭލީގެ ޝަކުވާ އަޑު އަހައިފީމެވެ.
ގަޅިބެ ވިދާޅުވީ
ތާރީޚް:23/05/2009
ވާނެ ހުރިހާ މޮޅިއަކާ ދެރައާ މިދުނިޔެއިން ލިބިމިހެން” މިތަނުގައި މޮޅިއަކާ ދެރައަކާ އޮތީމަ އެހާ ރީއްޗެއްނޫން. މިބަސް ރީތިވާނެ ގޮތަކަށް ދޮންބޭބެ ލިއެލަދީބަލަ. ޖުމުލަ ކޮށް ވަރަށްރީތި މިޅެން.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:23/05/2009
މީހުން މިރާއްޖޭގަ ޅެން ހަދާފަ ހުރޭ ދެން ވަރަށް ޅެންވެރިވަންތަކަމާ ދުރު އާދައިގެ ވާހަކަތައް ލިޔެގެންވެސް. ވަޒަނަށް ފައްތާ ކާފިޔާ ހަމަކޮށްގެން ލިޔުނީމަ ޓެކްނިކަލީ އެއީ ދެން ޅެމޭތާ ބުނެވޭނީ ދޯ؟ މިސާލަކަށް:
“ހާޝިމަށް ދޯ ހާދަ ރީއްޗަށް ޅެން ހަދަންވެސް އެބަ އެނގޭ * ހާޝިމަށް ޅެން ދަސްވި ގޮތް ބުނެދޭނުހޭ އަދު ދޮންބެއަށް؟”
މި ވެސް ބުނަންވީ ހަމަ ޅެން ބައިތެކޭ. އެކަމަކު ޅެންވެރިވަންތަކަން އެބަހަރިތަ މި ކީ އެއްޗެހީގަ؟
ދެން މި އުސޫލުން، ބުނާ އިރު ބަދަހިކަމާ ބަނޑުވައްއަކުރާ މި ކަންކަމަށް ބަލާފަ، މަ ނޫޅެން ބުނާކަށް ހާޝިމްގެ ޅެމަކީ ހަމަ މީހަކު އަންތަރީސްވެ އަނގައިން ސޮނިވެއްޓޭހާ މޮޅު އެއްޗެކޭ. އެކަމަކު ގިނައިން މި ފެންނަ ޅެންތަކާ އަޅާ ބަލާއިރު، މީތި ނިކުމެފައި މިވަނީ ހާޝިމްގެ ހިތުގެ އަޑިންކަމުގެ ހިޙްސާސް އެބަ ކުރެވޭ. ހިތުން ނިކުންނަ އެއްޗެހި ހިތަށް ވަންނާނެ ވަރަށް ފަސޭހައިން. ބުނެވޭނީ މި ގޮތުން ބަލާއިރު، މިއީ ހާޝިމް ހިތުގެ އަޑިން ނެރެފައިވާ ޝުޢޫރުތަކެއްކަމުގެ އަސަރު އިޙްސާސް ވެއްޖޭ މީތި ކިޔާލީމަ. މިބާވަތުގެ ހިތާމަވެރި ޢިޝްޤީ ޅެން ހައްދަވާ ޅެންވެރިންގެ ހިތުގައި ހުންނަ ކަހަލަ ރިހުމެއް، ހާޝިމްގެ ހިތުގައި ވާކަން މި ޅެމުން ވަރަށް ރީއްޗަށް އެބަ ނަގައިގަނެވޭ. މި ކަހަލަ ރިހުމެއް ހިތުގައި އޮވެގެން ނޫނީ މިހާ ތެދުވެރި ޝުޢޫރުތަކެއް ނުނެރެވޭނެ. އެހެން ނޫނީ ބުނެވޭނީ ހާޝިމްއަކީ ފޭކު ޖައްސަން ކުޅަދާނަ ލިޔުންތެރިއެކޭ. (ޔަޢުނީ: ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް ހާޝިމް އަށް ވަރަށް މޮޅަށް ޅެން ހެދިދާނެ އެހެންވީމަ)
ދެން ގަޅިބެ ބުނެފަ އޮތް އެއްޗާ މެދު ބުނާނީ. ގަޅިބެއަށް ތިޔަ ފާހަގަވީ ތަންކޮޅު ތިހެން ތިޔަވީ ގަޅިބެއަށް ރޭކައިނުލިޔަސް، ގަޅިބެ ސިކުނޑީގައި ބަސްމޮށުންތެރިކަމުގެ ހިއްސު ސަލާމަތުން ހުރީމައޭ.
އަސްލު އެ ވީގޮތަކީ، ގަޅިބެ ތިޔަ ފާހަގަކުރި ތަނުގައި ހާޝިމް އެއޮތީ ދެކަމެއްގެ ވާހަކަ އެކައްޗާ އެއްކޮށްގެން އަނެކެތި ގެނެއްސަ. “މޮޅިއަކާ” އަދި “ދެރައާ”. މިހެން ވުމުން އެ ވީގޮތަކީ މޮޅި އެޔޮތީ ޢާއްމު ޙާލަތުގަ. ދެރަ އެޔޮތީ ހާއްސަ ހާލަތުގަ. މޮޅިއަކާ ކިޔާފަ، ދެރަވެސް “އަކާ” ކީނަމަ ގަޅިބެއަށް ތިޔަ އުނދަގުލެއް ނުވީސް. އެކަމަކު އެއިރުން ވަޒަނުން ކައްސާލާނެ. އަދި ހާޝިމް އެ ލިޔުނު ގޮތަށް ލިޔުމަކުން މައްސަލައެއް އަނެއްހެން ނުވެސް ނެތް، އެގޮތަށް ކިޔައިގެން ހަމަ ސީދާ އެގޮތަށް މާނަ ނެރެން އޭނަ ބޭނުންވެދާނެ. އަދި އެ ނޫން އެހެން ޢިބާރާތަކުން ވެސް ހާޝިމް އަށް ލިޔެވިދާނެ. މުޅި ޅެން ވެސް އޭނަ އަލުން އެހެން ޢިބާރާތަކުން ލިޔެފާނެ. އަހަރެން ނެތިން އޭނަ ކުރާ ކަމަކަށް ކުރަފި އަރުވާކަށް. އެހެން ނޫނަސް މަށަކީ ޅެން ކިޔާހިތް ވިޔަސް، ޅެންވެރިއެއް ނޫން. އެކަމަކު، ގަޅިބެ ދެއްކި ވާހަކައިގަ އަހަރެން ބައިވެރިކުރީމާ ވަރަށް އުފާވެއްޖެ. ޝުކުރިއްޔާ.
އަލީ ހަސަން ވިދާޅުވީ
ތާރީޚް:23/05/2009
ބޮޑުއަނގަ ފާޅުކޮށްފައި އެއޮތް ހިޔާލަށް އެއް ހައިސިއްޔަތަކުން، އަޅުގަނޑުވެސް ތާއީދު ކުރަން. މިހެން ބުނީމަ ހީވެދާނެ، މިވެސް މަރުމޯލެކޭ. އެހެން ހީކުރިއަސް ސައިޓަށް ވަންނަ އެންމެންނަކީ ނުވަތަ ކޮމެންޓް ކުރާ ކުދިންނަކީ މަރުމޯލުންނެއް ނޫން ކަންނޭނގެ. އަދި ސައިޓަށް ވަންނަ އެންމެންނަކީ ލިޔެލިޔެފަ ލިޔުން ފޮނުއްވަން ޖެހޭނެ ބައެއް ކަމަކަށްވެސް ގަބޫލެއް ނުކުރަން. ސައިޓަށް ލިޔުއްވާ ފަރާތްތަކުގެ ލިޔުއްވުންތައް ކަމުނުދަނީކީ ނޫން، އެމީހުންގެ މަސައްކަތަށް ތަރުހީބުވެސް ދެން. އެކަމަކު ބުނެލަންއޮތީ، މިއީ ކުޅުދުއްފުށި ނަމުގައި ހިންގާ ކުޅުދުއްފުށީގެ ޚާއްޞަ ސައިޓެކޭ. މިސައިޓުގައި ކުޅުދުއްފުށީގެ ޚާއްޞަކަން ތަންކޮޅެއް ކުޑައޭ. މިހެން މިބުނެލީ، މިރަށުގެ ޚަބަރެއް ހާލަކުން ފަހަރަކު ނޫނީ ނުފެންނާތީ، އެވެސް ގިނަފަހަރަށް މިޖެހެނީ އެހެން ނޫހަކުން ފެންނަފަހުން އޭގެ ކޮޕީއެއް. ރަށުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ހޯދުމަށް ސައިޓަށް ވަންނަ ރަށުމީހުންނާއި، ރަށާދުރުގައި އުޅޭ ކުދިން ވަރަށް ގިނަ. މިރަށުގައިވެސް މީހުންނަށް ނޭނގޭ އަދި އެނގެން ބޭނުންވާ ކިތަންމެ ކަމެއް އެބަ ހިނގާ. ކުދިކުދި ކަންކަމާ ބޮޑެތި ކަންތައް. އަޅުގަނޑަށް ހީވާގޮތުގައި ސައިޓް ތަރައްޤީކޮށް މަޢުލޫމާތާއި ޚަބަރު އިތުރު ކުރުމަށް ސައިޓްގެ ސްޓާފުންނާއި މުރާސިލުން އިތުރުކުރުން މުހިންމުހެން ހީވަނީ. ސައިޓުގެ ޚާއްޞަ ޓީމެއް އެކުލަވާލުން ބޭނުންތެރިހެން ހީވަނީ. މިހެން މިދެންނެވީ، ކުރީގައި ލިޔުއްވި ރިޕޯޓަރުންގެ ހިލަމެއްވެސް މިހާރު ނުވާތީ. އެކަކަށް އެކަންޏަކު ހުރިހާކަމެއް ނުވާނެ. މިކަމަށް އެދިގެން ހިލޭ ސާބަހަށް މަސައްކަތްކުރާނެ ކުދީން ހަމަ އުޅޭނެ. މިހެން ދެންނެވިޔަސް، ސައިޓަށް ލިޔުއްވަން ބޭނުން އެހެން ފަރާތްތަކަށް ހަމަ އާޓިކަލް ފޮނުއްވޭނެ. އަޅުގަނޑަށް ފެނޭ ދޭތެރެ ދޭތެރެއިން ސައިޓަށް ލިޔުން ފޮނުވާނެގޮތް އައްސަވާތަންވެސް. އެކަމަކު ކުޑަމިނުން މެއިލްއެޑްރެސް ސައިޓުގެ ބޭރުގަނޑުން އަދިވެސް ނުފެނޭ. ތިއިން ބޭފުޅަކު ބުނުއްވަފާނެ، މިކޮން ހުސްއަނގައެއް ތަޅާ މޯލެއްހޭ. އެކަމަކު މިކަހަލަ އަނގަވެސް ތަޅަންޖެހޭނެހެން ހީވަނީ. މިއީ ހަމަ އެޑްމިންގެ ސަމާލުކަމަށް ފާޅުކޮށްލި ޚިޔާލެއް.