Share

އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވަނީ ކީއްކުރަން؟

އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވަނީ ކީއްކުރަން؟
ޢަބުދުއްރަޝީދު ސަޢީދު

އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވަނީ ނުހަނު ފޮނި އުއްމީދަކާއި އެކުގައެވެ. ކިޔަވާނިމިގެން ސްކޫލުންނުކުންނަ ކުދިންނަކީ އެކަށީގެންވާ ތައުލީމަކާއި،ތަރުބިއްޔަތާއި އަދި ހުނަރު ހުރި ކުދިބަޔަކަށް ވޭތޯ މަސައްކަތް ކުރުމަކީ މައިންބަފައިންނާ މުދައްރިސުންނާ އަދި ސްކޫލުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ ޒިންމާއެކެވެ. އަދިހަމަ މިއާއެކު ސްކޫލުނިމިގެން ނުކުންނަ ކުދިންނަކީ މުޖުތަމައު ބަލައިގަންނަ އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ މަސަކަތްތެއް ދަންނަ ނުވަތަ އެކުއްޖަކު ދާންބޭނުންވާ އަމާޒުހިފޭފަދަ ކުއްކަޖަށް، ކުއްޖާ ވާންޖެހެއެވެ. ކުއްޖާ ޑޮކްޓަރ އަކަށް، މުދައްރިސަކަށް ނުވަތަ އެހެނިހެންވެސް ދާއިރާއެއް އިހްތިޔާރު ކުރަންވާނީ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ބުނީތީވެ އެއްނޫނެވެ. ނުވަތަ ދައްތަ ނަރުހަކަށް ވީތީއެއްވެސް ނުމެ ނޫންމެއެވެ. ކުއްޖާގެ ކުރިމަގުގެ މައިދާން ޚިޔާރުރަންވާނީ ކުއްޖާގެ އަމިއްލަ ޟަމީރު އެކަމަށް ތައްޔާރުވެ އަމިއްލަ އިޙްތިޔާރުގައެވެ.

ދިވެހިރާއްޖޭގައި ފަށާތައުލީމުގެ ޤައުމީ މަންހަޖުގެ ފަލްސަފާ ބިނާވެފައިވާގޮތުން ފަށާ ތަޢުލީމުނިމޭއިރު ކުއްޖާ ވަކިގޮތަކަށް ބައްޓަންކުރެވި، ކުއްޖާއަށް ވަކިކަންތައްތަކެއް ހާޞިލް ވާންޖެހެއެވެ. މިގޮތުން ޤައުމީ މަންހަޖުގައިވަނީ “އިސްލާމީ ދިވެހި މުޖުތަމައުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ އާއިލާ އަށާއި ތިމާގެ ޤައުމަށް ފައިދާކުރަނިވި ހަރުދަނާ މީހަކަށް ވުމުގެ ޤާބިލިއްޔަތު ލިބިދިނުމައްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫހީބައި ތަރައްގީކޮށް، ހާނައި، ތަރުބިއްޔަތުކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބިދިނުން” މިގޮތަށެވެ. މިކަންކަން މިގޮތައް ޙާޞިލު ވޭތޯ މުދައްރިސުން މަސައްކަތް ކުރައްވަމުންގެންދަވަނީ ތައުލީމީ މާހިރުން ކަނޑައަޅުއްވާފައިވާ މައުލޫމާތާއި ހުނަރާއި އަދި ސިފަ އެކުލެވޭ މައިގަނޑު ތިންބައިގެ މައްޗަށް ބިނާކުރަނިވި ގޮތުގައެވެ. ވީމާ މިތިންބަޔަށް ކުރުގޮތަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

މައިގަނޑުގޮތެއްގައި މައުލޫމާތުގެ ބައި ބިނާވެފައި އޮންނަނީ ސިކުނޑީގެ ޢިލްމާއިބެހޭ ބައި، ތަރައްގީވުމުގެ ބައިގެ ގޮތުގައެވެ. މިބައި ބިނާވެގެންވާ ހަރުފަތްތަކުގެ ތެރެއިން ފުރަތަމަ ހަރުފަތަކީ މައުލޫމާތު ލިބިގަތުމުގެ ބައެވެ. އިންސާނުންނަކީ ޠަބީއިގޮތުންނާއި ދުނިޔަވީ ގޮތުންވެސް އުނގެނެން ބޭނުންވެފައިވާ ބައެކެވެ. ވީމާ އިންސާނާ އެ ދިރިއުޅޭ މަހައުލެއްގައިވާ ތަކެއްޗާއި އަދި މީހުންނާއި މުވާމަލާތުކުރާ ބަސްތައް ދާދިފަސޭހަކަމާއެކު ސިކުނޑިއަށް ނަގައި ގަނެވޭގޮތްވެއެވެ. ނަމަވެސް މި ނަގައިގަނެވޭ ހުރިހާ މައުލޫމާތު އެންމެ ފުރިހަމަގޮތުގައި ދޭހަނުވުމީ އެކަށީގެންވާ ކަމެކެވެ. އިންސާނާގެ ސިކުނޑީގައި އެއީ ކޯއްޗެއްކަން ނޭގޭ ނުވަތަ ދޭހަނުވާ  އެތައްބައިވަރު މައުލޫމާތެއް ރައްކާކުރެވިފައި ވެއެވެ. މިސާލަކަށް އަޅުގަނޑުމެން ވަރަށް ފަރިތަކަމާއެކު ކީރިތި ޤުރުއާންގެ އާޔަތްތައް ނުވަތަ ސޫރަތްތައް  ކިޔާލަމެވެ. ނަމަވެސް  އަލުގަނޑުމެންނަށް އޭގެ މާނަ ދޭހަވަނީ  ކުޑަ މިންވަރެކެވެ.

މިބައިގެ ދެވަނަ ހަރުފަތަކީ ލިބުނު މައުލޫމާތު ދޭހަވުމެވެ. މައުލޫމާތު ލިބުނުނަމަވެސް އެމައުލޫމާތު ދޭހަނުވެ އެމައުލޫމާތު އެންމެ އެކަށޭނަގޮތުގައި އޭގެ ބޭނުންކުރުމީ ނާދިރު ކަމެކެވެ. އަދި ހަމައެއާއެކު ލިބުނު މައުލޫމާތު ދިރާސާކޮށް ވަޒަންކޮށް އެލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައުލޫމާތު ލިބުނުއެއްޗަކަށްވުރެ މޮޅުއެއްޗެއް އުފެއްދެންޖެހެއެވެ. މިދެންނެވުނު ބައިތަކުގެ އަލީގައި މައުލޫމާތު ނުވަތަ ސިކުނޑި ތަރައްގީވުމުގެ ބައި ބިނާވެފައިވަނީ މައުލޫމާތު ލިބިގަތުމާއި، ދޭހަވުމާއި، ބޭނުންކުރުމާއި، ދިރާސާކުރުމާއި ވަޒަންކުރުމާއި އަދި ބޭނުންކުރުމުގެ މައްޗަށެވެ.

އިންސާނުންނާއި ޖަނަވާރުންގެ ފަރަގަކީ އިންސާނުންނަށް ލިބިފައިވާ ސިކުނޑިން ވިސްނާ އަމަލުން އެކަން ދެއްކުމެވެ. އިންސާނުންގެ އަމަލުތަކުން ހައިވާނެއްގެ އަމަލުތައް ދައްކުވައިދިނުމީ ނުހަނުފަސޭހަކަމެކެވެ. ވީމާ އިންސާނުން އެންމެ އެކަށޭނަ ގޮތުގައި ދުނިޔަވީ ހަޔާތް ވޭތުކުރުމަށްޓަކައި ރިވެތި ސިފަތަކުން ޒީނަތްތެރިވުމަކީ  ކޮންމެހެން ލާޒިމުކަމެކެވެ.

ތުއްތު ކުއްޖާ ދުނިޔެއަށް ނޭވާލާ ދުވަހުންފެށިގެން އެހެންބައެއްގެ ހިމާޔަތާ ސަލާމަތަށް އެދި ނުހަނު ގިނަ ހަރަކާތްތަކެއް ކުރެއެވެ. ތުއްތު ކުއްޖާ ބޮޑުވަމުން އަންނައިރު ރިވެތި ހަރުދަނާ ސިފަތަކެއް އަށަގެންނެވުމަށްޓަކައި ނުހަނު ގިނަގުނަ ކަންތައްތަކެއް ކުރަންޖެހެއެވެ. މިގޮތުން ކުއްޖާ އަށް ލިބެންޖެހޭ ޚިދުމަތްތަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދިނުމާއި ކުއްޖާކުރާ ކަންތައްތައް ބަލައިގަތުމީ ފުރަތަމަ މަރުހަލާއެވެ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ ވަރަށް ގިނަ މަންމައިން، ދޫމައްޗަށް ފަސޭހަކަމާއެކު މިވެނިކަމެއް ނުވަތަ އެވެނިކަމެއް ކޮށްފިނަމަ ހަދިޔާއެއްދޭން ނުވަތަކަމެއްކޮށްދޭން ބުނެވެނީ މަދެއްކޮށެއްނޫނެވެ. ނަމަވެސް ދަރިފުޅު އެކަން ފަރުވާތެރިކަމާއެކު ކޮށް ނިންމާލުމުން ކޮށްދޭން ބުނިކަންތައް މަންމަގެ ހަނދާނުން ފޮހެވި ނުކޮށްދެވޭތަން އާދެއެވެ، މިހާހިސާބުން ދަރިފުޅަށް އިހްސާސްކުރެވެނީ މައިންބަފައިން ކުދިން ކުރާކަންތައްބަލައިނުގަންނަނީ ކަމުގައެވެ. މިގޮތުން ދަރިންގެ ގާތުގައި ނުފުއްދޭހާ ވަޢުދު ވުމީ ނޭނގިނަމަވެސް އަށަގެންނެވޭ ނުރަނގަޅު ސިފައެކެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ވެވޭ ވައުދުތަކަކީ ފުއްދޭފަދަ ވައުދުތަކަށް ވާންޖެހޭނެއެވެ. އަދި ދެވަނަ މަރުހަލާގައި  ރިވެތިސިފަ އުޅުމުން ދައްކުވައިދޭބަޔަކަށް ބޮޑެތިމީހުން ނުވަތަ މައިން ބަފައިން ވާންޖެހޭނެއެވެ. ބޮޑެތިމީހުން ދޫމައްޗަށް ފަސޭހަ ކަމާއެކު ދޮގުހެދުމަކީ ގޯސްކަމެއްކަން ކުދިންނަށް ބުނެދެވެއެވެ. ނަމަވެސް ނުސީދާގޮތެއްގައި ދަރިފުޅާއޭ ނުވަތަ ކޮއްކޯއޭ ދޮގެއް ހަދާލާށޭ ބުނެވޭތަން އާދެއެވެ. މިސާލަކަށް ގޭގެ ކޮންމެވެސް މީހަކު ހޯދަން ބޭރުން މެހެމާނެއް ގެއަށް އަންނަހިނދު އެއައި މެހެމާނަކީ ހޯދަންއަންނަ މީހާ އެވަގުތަކު ބައްދަލުކުރަން ބޭނުންނުވާ މީހެއްނަމަ ދަރިފުޅުގެ ގާތުގައި  ބުނެލެވެނީ ބުނާށޭ ބައްޕަ މިވަގުތަކުގެއަކުނެތޭ، މިފަދަ ގޮތްގޮތައް އަމަލުކުރެވެނީނަމަ ދަރިފުޅަށް  ދޮގުހެދުމުގެ އާދަ އަށަގަނެ އެސިފަ ހަރުލާތަން އައުން ވަރަށްވެސް ކައިރިއެވެ. އަދި އެހެން މިސާލަކަށް ބަލާލާއިރު މަންމަ ޓީވީ ބަލަން އިނދެފައި ބަންގި ގޮވަން ފެށުމުން ނުހަނު ފަސޭހަކަމައެކު ދަރިފުޅާއޭ ނަމާދުކުރަން ދާށޭ ބުނެލެވެއެވެ، ނަމަވެސް މަންމަ ބަލަމުންގެންދާ ޕްރޮގްރާމް އެއްވެސް ހުއްޓުމެއްނެތި ބަލަމުންދެއެވެ. (މަންމަ ނަމާދު ކުރާކަށްނުޖެހޭކަހަލައެވެ.) މިފަދަ ހާލަތުގައި ދަރިފުޅަށް އިހްސާސްކުރެވެނީ ނަމާދަކީ ހަމައެކަނި ކުޑަކުދިން ނުވަތަ ޅައުމުރުގައި ކުރަންޖެހޭކަމެއްކަމުގައެވެ. ނަމަވެސް ނަމާދުކުރަން ދާށޭބުނުމުގެ ބަދަލުގައި ދަރިފުޅާއޭ ނަމާދުކުރަން ހިނގާށޭ ބުނެ އެކުގައި ނަމާދު ކުރެވޭނަމަ އެސިފަ އަށަގަންނުވަން ފަސޭހަވާނެކަން ޔަގީނެވެ.

ތިންވަނަ މަރުހަލާއަކީ ކުދިންކުރާ ކަންކަމުގެ އަގުވަޒަންކުރާ ބަޔަކަށް ބޮޑެތި މީހުން (މައިންބަފައިން،އާއިލާ) ވާންޖެހެއެވެ. 24 ގަޑިއިރެއްގެ ތެރޭގައި ގިނަވާނީ ދަރިފުޅުކުރާ ގޯސްކަންތައް ނުވަތަ ރަނގަޅު ކަންތައް ތޯ ވިސްނާލެއްވުން މުހިންމެވެ. މީގެތެރެއިން ފާހަގަ ކުރެވޭތަން އަންނަނީ ގިނަފަހަރަށް ކުއްޖާކުރާ ގިނަ ރަނގަޅުކަންތަކުގެ ބަދަލުގައި ކުއްޖާއަށް މަދުން ކުރެވޭ ގޯސްކަންތަކެވެ. މީގެބަދަލުގައި ކުއްޖާކުރާ ރަނގަޅު ކަންތައް ފާހަގަކޮށް އެކަންކަމަށް ހިތްވަރުދެވޭނަމަ ކުދިންކުރާ ކަންކަމުގެ އަގުވަޒަންކުރާ ކަމުގެ އިހްސާސް ކުދިންނަށް ކުރެވޭނެއެވެ. މިގޮތަށް ކަންތައް ކުރެވޭނަމަ ދެންއޮތް ދެމަރުހަލާ ކަމުގައިވާ ރާވާލުމާއި ދާއިމީ ސިފަ ހަރުލުމުގެ ބައި އަށަގަތުން މާދުރެއްނުވާނެއެވެ. މިކަންކަމަކީ ކުލާހުގައި ކުރެވޭ ތަފާތު މަސައްކަތްތަކާއި ގުޅުވައިގެން ކުދިންގެ ކިބައިގައި އަށަގެންނެވޭތޯ މުދައްރިސުންވެސް ނުހަނު މަސަކަތްކުރައްވާ ކަންކަމެވެ. ނަމަވެސް މިބައި އެންމެ ފުރިހަމަވެގެންދާނީ ސްކޫލު މާހަލުގަ އާއި ގޭތެރޭގެ މާހަލުގައިވެސް މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވައިގެން މުދައްރިސުންނާއި ބެލެނިވެރިން އެކުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެންކަން ޔަގީނެވެ.

ތިންވަނަ ބަޔަކީ އިންސާނާގެ ހަށިގަނޑު ފުރާފުރިހަމަވެ ލިބިދޭ ތަފާތު ހުނަރު ނުވަތަ ހިލްމުގެ ބައެވެ. އިންސާނާ ދުނިޔެއަށް ނޭވާލާ ދުވަހުންފެށިގެން ފުރަތަމަ ކުރާ ހަރަކާތްތަކަކީ ބޭއިޙްތިޔާރުގައި ކުރެވެ ބޭއިޙްތިޔާރީ ހަރަކާތްތަކެކެވެ. އޭގެތެރެގައި އަތްފައި ތެޅުވުމާއި ރުއިން ފާހަގަކުރެވެއެވެ. އެއަށް ފަހު އެ ހަރަކާތްތައް އިތުރުވެ އާންމު ހަރަކާތްތަކަށް ބަދަލުވެގެން އާދެއެވެ. އާންމުހަރަކާތްތަކަކީ ފަށައިގަންނައިރު އުނދަގޫކަމެއް އެކަމުގައި ހުރިކަމުގައިވިޔަސް އެކަމެއްފަރިތަވުމުން ފަސޭހަކަމާއެކު  ކުރެވޭކަންކަމެވެ. މިސާލަކަށް ހިނގުމަކީ އާއްމު ހަރަކާތެކެވެ. ނަމަވެސް މިހަރަކާތްތައް ކުޑައިރުން ފަށައިގެން ދަސްކުރެވެން ޖެހޭނީ އެންމެ ރަނގަޅަށެވެ. ރަނގަޅު ނޫންގޮތަކަށް ހިނގަން ދަސްވެއްޖެ ކަމަށް ވާނަމަ ހިނގާއިރު ބާރުލާން ނުޖެހޭ ގުނަވަންތަކަށް ބާރުލެވި އުމުރުން ދުވަސްވާއިރު ހަށިގަނޑުގެ ތަފާތު ގުނަވަންތަކުގައި ރިއްސާ ތަފާތު ބަދަލުތައް އަންނަގޮތް މެދުވެރިވެއެވެ. މިގޮތުން ރަނގަޅުނޫން ގޮތަކަށް ހިނގޭކަން ފާހަގަކޮށްލެވޭނޭ އެންމެ ފަސޭހަގޮތަކީ އަރާ ފައިވާން ނުވަތަ ބޫޓުންނެވެ. ފައިވާނުގެ ނުވަތަ ބޫޓުގެ ވަކި ތަންކޮޅެއް މާބޮޑަށް ނުވަތަ އަވަހަށް ހަލާކުވާނަމަ ނުވަތަ ކަންފަތިވާނަމަ އޭގެ ސަބަބަކީ ބާރުލާންނުޖެހޭ ގުނަވަނަށް ބާރުލެވެނީއެވެ. ދެން ކުއްޖާ ކުރާ ހަރަކާތްތައް ބިނާވެގެން އަންނަނީ ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މިސާލެއްގެ ގޮތުން ބުނަނީނަމަ މަރުތޭލައަކުން މޮހޮރެއްގައި ޖަހާ ފިލާގަނޑަށް މޮހޮރު ވައްދާލަން އުޅޭ ފުރަތަމަ ފަހަރު މަރުތޭލުން އިނގިލީގައި ޖެހުމީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދެވަނަފަހަރު ކުއްޖާ އެކަމަށް ސަމާލުކަންދޭނެކަން ޔަގީނެވެ. ވީމާ ދެވަނަފަހަރު ކުއްޖާ އެ އަމަލުކުރަނީ ކުރީފަހަރު ލިބުނު މައުލޫމާތުގެ އަލީގައެވެ. މިފަދަ ހުނަރު ލިބެމުން، ކުރިއަރަމުން އަންނާނީ ކަންކަން ކުރުމުގެ ފުރުޞަތު ކުދީންނަށް އެންމެ އެކަށީގެންވާ ގޮތުގައި ދެވިގެންނެވެ. ވީމާ ސްކޫލުގެ ޕީއީ ގަޑީގަ އާއި ޕީއޭ ގަޑި އަދިވެސް ތަފާތު އެހެނިހެން މާއްދާތަކާއި ގުޅިގެން މިފަދަ ހުނަރުތައް ލިބިދިނުމުގެ ފުރުޞަތު ހޯދާދެވެއެވެ. ކުއްޖާއަށް ލިބެމުން އަންނަ ހުނަރު އެންމެ އެކަށޭނަގޮތުގައި ހަރުލެއްވުމަށްޓަކައި ޖިސްމާނީ ޤާބިލުކަންވެސް ލިބިދޭންޖެހެއެވެ. ޖިސްމާނީ ޤާބިލުކަމަކީ ކުއްޖާގެ ހުރި ހުނަރެއް ނެރެދެވޭހާ ހަކަތަ ކުއްޖާގެ ހަށިގަނޑުގައި ހުރުމެވެ. މިސާލަކަށް ކިތަންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްކަމުގައި ވީނަމަވެސް އޭނާގެ ބުންވަރު ނުވަތަ ޖިސްމާނީ ޤާބިލުކަން ނެތްކަމުގައިވަނީނަމަ އެމޮޅުހުނަރު އެންމެ އެކަށީގެންވާގޮތުގައި ނުދެއްކޭނެކަން ޔަގީނެވެ. ކުއްޖާއަށް ލިބިފައިވާ ހުނަރު އެކަށީގެންވާ ތާވަލެއްގެ ދަށުން ފަރިތަކުރެވޭނޭ ގޮތްވުމީ އެހުނަރެއް އެންމެ މަތިފަންތީގައި ކުރުމަށް އެޅޭ އެންމެ ބޮޑު އެއްބާރެވެ. ކުއްޖާއަށް އެކަށީގެންވާ ފުރިހަމަ ހުނަރު ލިބިދިނުމައްޓަކައި އެކުއްޖަކު ޝައުގުވެރިވާ ހުނަރު ކުއްޖާގެ އަމަލާއިބަހުން ހޯދައިގަނެވިދާނެއެވެ. މިކަން އެންމެ އެކަށީގެންވާގޮތުގައި ކުރެވޭނީ ބެލެނިވެރިން ކުއްޖާގެ ފުރިހަމަ މައުލޫމާތު މުދައްރިސުންނާއި ހިއްޞާ ކުރެވޭ މިންވަރުގެ މައްޗަށް ބިނާކޮށެވެ. ވީމާ ކުއްޖާ އަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ސިފަ އެންމެ އެކަށީގެންވާ ގޮތުގައި ލިބިދިނުމަށްޓަކައި މިދެފަރާތުގެ ގުޅުން ނުހަނު ހަރުދަނާވުން ވާޖިބުވެގެން ވެއެވެ.

އަޅުގަނޑުމެންގެ ދަރިން ކާމިޔާބީގެ އައްސޭރިއަކަށް ގެންދެވޭނީ ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި ސްކޫލުގެ އިސްވެރިންނާއި މުޖުތަމައުގެ އެއްބާރުލުން އެންމެ އެދެވޭގޮތުގައި ލިބިގެންނެވެ. މިކަން މިފަދައިން ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކު ކުއްވެރި ކުރުމުގެ އުޞޫލު އެކަހެރިކޮށް އަދުގެ ޅަދަރިންނަކީ މާދަމާ މިގައުމުގެ ކުރިމަގު ކަމުގައި ދެކި އެއްބައިވަންތަކަމާއި ހިކްމަތްތެރިކަމާއެކު ގަދައަޅާ ގިނަގުނަ ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންކަން ޔަގީނެވެ.

‮ ‬21‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:25/05/2009

    ހީވާގޮތުން މިއީ އަބްދުއްރަޝީދުގެ ފުރަތަމަ ލިޔުން. މަރުހަބާ! ރަނގަޅު ފެށުމެއް ކަމަށް ފެންނަނީ. މިކަހަލަ ބޭނުންތެރި މައުލޫމާތު ހިމެނޭ ރިޕޯޓަކުން ފެށުމުން އެނގިއްޖެ ތިއީވެސް ގެއްލިފަ ހުރި ތަރިއެއްކަން. މި ރިޕޯޓު ބޮޑަށް އަމާޒުކޮށްފަ މިއޮތީ ބެލެނިވެރިންނަށް ވީމަ ހުރިހާ ބެލެނިވެރިންވެސް މީގާ ބުނެފަ މިއޮތް ވާހަކަތައް ރަނގަޅަށް ބަލައިގަންނާނެ ކަމަށް ހީކުރަން.

    އަދި އެއްވާހަކަ. މިސައިޓުން ދޭތެރެ ދޭތެރެއިން އާކުދިންގެ ލިޔުންތައް ފެނޭ. ނަމަވެސް ދުވަސްކޮޅަކުން ގެއްލި ވާގޮތެއް ނޭނގޭ. ބޮޑަށް ހީވަނީ ކިޔުންތެރިންގެ ކޮމެންޓުތަކުންނާއި ދިމާކުރުން ތަކުގެ ސަބަބުން ހިތްމަރުވެގެން ހުއްޓާލަނީހެން. އަބްދުއްރަޝީދު އެކަހަލަ ކުއްޖަކަށް ނުވާނެކަމަށް ވަރަށް އުއްމީދު ކުރަން. ދެން ކިޔުންތެރިންވެސް މާބޮޑަށް ލާނެއް ނުވެ ޒާތީނުވެ ލިޔުމަށް ކޮމެންޓްކުރަން އިސްކަން ދެއްވަމާތޯ.

  2. ސިރްހާން‮ ‬ވިދާޅުވީ


    ތާރީޚް:25/05/2009

    އާނ ރަނގަޅު ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެ.

  3. ސިރްހާން‮ ‬ވިދާޅުވީ


    ތާރީޚް:25/05/2009

    އާނ ކަންނެއް ސޮރު ތިބުނީ ރަނގަޅު ވާހަކައެއް، އެހެން ނަހަދާތި. ދެން އެކަމަކު ހަގީގީ ކުށެއް ފެނުނީމަ އެތަންކޮޅު ފާހަގަކޮށްލުމަކީ މައްސަލައެއް ނޫން. ބައެއް ފަހަރު އޮޅިގެން ވެސް، ނޫނީ ޓައިޕުކުށަކުން ވެސް ކުށެއް ލިޔެވިދާނެ. ޒާތީ ނުވީމަ އެވީ. ދެން މީހުން ކިތައްމެ ޒާތީ ވިޔަސް، ރަނގަޅު ނިޔަތެއްގަ ކެރިގެން ލިޔަންޏާ ހަމަ ގައިމު ވެސް ކިޔުންތެރިން އެކަން ފާހަގަކުރާނެ.

  4. ކަރުކެހޭ ދަލޭކަ‮ ‬ވިދާޅުވީ


    ތާރީޚް:25/05/2009

    މި ލިޔުން ދަލޭކަ ދައިތަޔަށް ތަންކޮޅެއް ދިގީ. އެކަމަކު ބުނަން ދޮންމަނިކާ ވާހަކައެއް. ދަލޭކަ ދައިތަމެން ކިޔާ ކަހަލަ ކުރު ލިޔުން އެބަހަރި ލައްކަ ބައިވަރު. މިހާރު މިއުޅޭ ކިޔަވައިގެން ތިބޭ މައިންބަފައިން ނަށް މުހިންމު ވާނެ ދިގުކޮން އިލުމީކޮން ހުންނަ މިކަހަލަ ލިޔުންތައް. ދަލޭކަ ދައިތަ އެވަރަކުން މިހެން މި ބުނީ މިޔޮއްގޯތި މަރިޔަނބު މިތަނަށް އާއްސަ ބުނެފާނެ އެއްޗަކަށް. އެމިހަ ކިޔާފާނެ މި މާ ދިގޭ.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    އަބްދުއް ރަޝީދުގެ މިލިޔުއްވުމަކީ، މިހާތަނަށް މިސައިޓުން އަޅުގަނޑަށް ފެނުނު އެންމެ ސައިންޓިފިކް، އެންމެ އެކަޑެމިކް އަދި އެންމެ އޮއްޓަރުހުރި ލިޔުން. އަޅުގަނޑު ވަރަށް އުފާވެއްޖެ މިފަދަޢިލްމީ ލިޔުއްވުމެއް ދިވެހި ބަހުން މިހާ ރަނގަޅަށް ލިޔުއްވީތީ ވެސް. މިފަދަ ލިޔުންތަކަކީ، އަޅުގަނޑުމެންގެ ފޮތް އަލަމާރިތަކަށް މިހާރު ވެސް ބޭނުންވާ ނުހަނު މުހިންމު ލިޔުންތަކެއް. އަޅުގަނޑަށް ހީވަނީ މިލިޔުން، ލީފް ލެޓެއްގެ ސިފައިގައި، މައިންބަފައިންނަށް ބަހާލުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެހެން. ވަކިން ޚާއްޞަކޮށް މައިންބަފައިން ދަރިންލައްވާ ދޮގު ބުނުއްވުމާއި، ނަމާދަށް ފަރުވާކުޑަކުރައްވާކަން ދެއްކެވުން ފަދަ ޕޮއިންޓްތަކަކީ ވެސް ވަރަށް ރަނގަޅު ދެ ޕޮއިންޓް. މިއީ އަޅުގަނޑަށް ހީވާ ގޮތުން މިސައިޓްގައި އަބްދުއް ރަޝީދު ލިޔުއްވި ފުރަތަމަ ލިޔުން އަދި އަޅުގަނޑަށް ކިޔާލަން ލިބުނު އަބްދުއް ރަޝީދުގެ ފުރަތަމަ ލިޔުން ވެސް މެ. އަޅުގަނޑު ދޭން އޮތްހާ ވެސް ނަސޭހަތަކީ، ލިޔުއްވަމުން ކުރިއަށް ވަޑައިގަންނަވާށޭ. ވަތަން އެދި ގޮވަނީ ތިޔަ ފަދަ ދަރިންނަށޭ. ދެން އަޅުގަނޑު ދެއްކުން މާ މުނާސަބު ވާހަކައެއް ކަމަށް ފަހަރުގައި މިވާހަކަ ނުވެދާނެ އެކަމަކު ކަރުކެހޭ ދަލޭކަ އެވިދާޅުވިހެން މިފަދަ އެކަޑެމިކް ލިޔުމަކާ ބަލާފައި ހަމަ ކުޑަކުޑަ ތަންކޮޅެއް ދިގީ އިނގޭތޯ މިލިޔުން. އެއީ، އެފަދަ ލިޔުންތަކުގެ މަޢުލޫމާތު މުއްސަނދި ވީމަ ވާގޮތަކީ ކިޔުންތެރިންގެ ސިކުނޑީގެ ސަމާލުކަން ދޭ ވަރަށް ވުރެ ސިކުނޑި ވަރުބަލި ވަނީ. އެހެންވީމަ ހަމަ އެވާހަކަ ދަންނަވާލާފައި، ލިޔުންތެރިކަމުގައި ބާއްޖަވެރި މުސްތަޤުބަލަކަށް އަޅުގަނޑު އަބްދުއް ރަޝީދަށް އެދޭ ވާހަކަ ދަންނަވާލަން. ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.

  6. ތުކިއްޓޭ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    މިރޭ ވަރަށް ސަޅި، ސައިޓު ބަލާލާ ކޮންމެ ފަހަރަކު ލިޔުމެއް އެބަ އޮވޭ، ވަރަށް މަޢުލޫމާާތު މުއްސަނދި ލިޔުމެއް، ރަޝިއްޑެގެ ލިޔެވެސް އުޅެންތަ؟ ވަރަށް ނައިސް އިނގޭ!

  7. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ޢަބްދުއްރަޝީދާ ކޮއްކޯ ބުނީކަށް، ބޭބެ ހާދަ އުފަލެއް ވެފަޔޭ މި އިންނަނީ، ތިޔައިގަ ތިޔަހަރީ ހަމަ ހާދަހާވާ ފުރިހަމަ ވާހަކަތަކެކޭ، އެއްވެސް ސައްކެތް ނެތޭ މިތަކެތީގެ ފައިދާ ކުރާނެކަމާ މެދަކަށް، ހާޝިމު އެ ބުނިހެން މީތި އުޅެގަ ލައިފުޖެކެޓު ހަދައިގެން ބަހަމާ!

  8. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ޚަލްވަތުގައި އިންނެވި ކަލޭގެފާނު އަޅުގަނޑު ދެންނެވި އެއްޗެއް އެހެނެއް ނޫން ތިޔަ ވިދާޅުވީކީ، އަޅުގަނޑު ދެންނެވީ މިލިޔުން ވަރަށް ރަނގަޅޭ ލީފްލެޓެއް ނުވަތަ ދިވެހިބަހުން އަޅުގަނޑުމެން މިކިޔާ ލުއިފޮތެއް އެހެންނޫނީ އަތްމަތީ ފޮތެއްގެ ސިފައިގައި ހަދާފައި މައިންބަފައިންނަށް ބަހާލުން. އަޅުގަނޑެއް ނުދަންނަވަން މިލިޔުމުން ލައިފް ޖެކެޓެއް ހަދާށެކޭ.

  9. ގަމާރު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    މި ލިޔުން އަޅުގަޑަށް ވެސް ކަމުދޭ އެކަމަކު މިކުދިން މި ފާހަގަ ކުރާ ފަދައިން ތަންކޮޅެއް ދިގީ ދެއްތޯ..!

  10. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ޢަބްދުއްރަޝީދު ސަޢީދަކީ އަދި އަލަށް ސައިޓަށް ލިޔުއްވި ބޭފުޅެއް ކަމުގައި ވިޔަސް މިއީ ސައިޓާ ވަރަށް ރައްޓެހި ރާގަކަށް އެކުވެރި ޢިބާރާތްތަކަކުން ވިޔެލާފައި އޮތް ރީތި ލިޔުމެއް، މި ލިޔުން ކިޔާލީމާ ސައިޓުގައި ކުރިން ލިޔެ އުޅުއްވި ތަޢުލީމީ ދާއިރާގެ ބައެއް ބޭބޭފުޅުން ވެސް އަޅުގަނޑުގެ ހަނދާނަށް ތިލަވާގޮތްވެއްޖެ! ކުއްލިއަކަށް ސަބަބެއް ނޭނގި!
    ދެން ލިޔުމުގެ ދިގު ވާހަކަ ބައެއް ބޭފުޅުން ފާހަގަކުރައްވައިފި، އަޅުގަނޑު ހިތުން މިފަދަ މައުޟޫޢަކާ ބަލާއިރު ދިގެއް ވެސް ނޫން، މި ދިގުމިން ހަމަ މި މާހައުލަށް ވަރަށް އެކަށީގެންވޭ! ދެން ސައިޓުގައި ޢާންމުކޮށް ޖަހާ ލިޔުންތަކުގެ އިސްކޮޅަށް ވުރެ ފުކެއް ދިގު، އެކަމަކު ވެސް ހަމަ އެއްވަނައިގެ ލިޔުމެއް.

  11. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ކޮމެންޓުކުރަން ކެތް މަދުވެފައި ތިބޭ ކުދިންނަށް އެބުނާހެން މި ލިޔުން ދިގުވެދާނެ، ލިޔުން މި އޮތީ ހަމަ މެދުމިނުގައި، ދެން ޚަލްވަތުގައި އިންނެވިޔަސް ލައިފުޖެކެޓާ ލީފުލެޓާ ލުއިފޮތާ ދަސްކޮށްގެން އިންނަވާ ނަމަ ނޫންތަ؟ މީހަކު ބުނި އެއްޗެއް ބުނި އިރު ވާނޭ އެބުނި ގޮތަކަށް ބުނެވޭތޯ ބަލަން، އެ ނޫނީ ވާނެ ގޮތަކީ މީހުން ކިޔާ އެއްޗެހި މާނަކުރުމުގައި ވެސް އެމީހަކު ބޭނުން ގޮަތަކަށް މާނަކުރަން ފަށާފާނޭ، އޭރަށް މި ލިޔުން ވެސް ވާނީ ހަމަ އޯޑިޓްރިޕޯޓަކަށް، އޭރަށް ވާނެ ގޮތަކީ ތިރީސްއަހަރާ ގަންޖާއާ ގިރަ ގިރަ ތިބެންޖެހޭނީ، މި އޮއްފަދަ ހޮޅުއަށިމަތީ ވެސް.

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ފަސް މަންޒަރަށް، މާތް ކަލާނގެ ރަސްކަންފުޅަށްޓަކައި މިދަންނަވަނީ މިލިޔުން ސިޔާސީ ނުކުރައްވައްޗޭ. ވަކިން ޚާއްޞަކޮށް އަބްދުއް ރަޝީދަކީ އާ ބޭފުޅަކަށް ވީމަ، މިތަނުގައި ކުރެވޭ ކޮމެންޓްތަކުން އެބޭފުޅާގެ ހިތްމަރާނުލައްވައްޗޭ. އެހެންވީމަ އެއްވެސް ބޭފުޅަކު މިލިޔުން ސިޔާސީ ނުކުރައްވައި ކޮމެންޓްކުރެއްވުމަށް އަޅުގަނޑު އާދޭސް ދަންނަވަން މިތާނގައި.

  13. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    މިޔޮއް ދިގު ލިޔުން ބޭބެ މި ކިޔާލީ އެއް ނޭވައިން.

  14. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ދޮން ހާޝިމޫ، ބޭބެއަށް މިބުނެވުނީ އަދި ކޮއްކޮ ބުނިހެނެއް ނޫން ދޮއްތޮ! އެހެންވީމާ ހިތް ހަލާލުކޮށްލެވޭތޯ ބަލާ، ބޭބެ މިބުނާ އެއްޗަކީ މި ލުއިފޮތަކަށް ހެދުމަކީ ހަމަ ލައިފުޖެކެޓަކަށް ހެދުމޭ، އެހެންނާ ކަލެޔާނީކަން ބެލެނިވެރިން މިތިބަ ފެތެނީ ތަރުބިއްޔަތުގެ ކަނޑުގައި…..

  15. munyra‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    އަބުސީ ވަރަށް މަރުޚަބާ! ވަރަށް އުފާވެއްޖެ އަބުސީގެ ލިޔުމެއް މިސައިޓުން ފެނުނީމަ!އަޅުގަނޑުވެސް ދޭތެރެ ދޭތެރެއިން މިސައިޓް ވަދެ ސުރުޚީ ތަކަށް ނަޒަރު ހިންގާލަން. އެކަމަކު އެއްކޮށް ކިޔަނީ ޙާލަކުން ފަހަރަކު. އެކަމަކު ލިޔުންތެރިޔާގެ ނަން ފެނުނީމަ އެނގިއްޖެ ހަރުދަނާ ލިޔުއްވުމެއްނޫނީ ނުލިއުއްވާނެކަން. ކުދިންނޭ! އަޅުގަނޑަށްވެސް އަބުސީގެ ލިއުއްވުމެއް މިފެނުނީ ފުރަތަމައަށް. އެކަމަކު އަބުސީގެ އަޑުން 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިޒާތުގެ އިޖްތިމާއީ ތަފާތު އެކި މައްސަލަ ތަކާއި ބެހޭގޮތުން އިންޓަވިއުތަކާ ޓޯކްތައް ވަގުތުން ވަގުތަށް ވަރަށް އޮށްޓަރުހުރި ބަސްތަކަކުން އަމުނާ ގަތާ ލައްވައިގެން ދެއްވާފައިވުމުން އެހާކުރިންސުރެ އަޅުގަނޑަށް އެނގޭ ޚިޔާލާ ފިކުރުގެ ގޮތުން އަބުސީއަކީ އެރޮނގުން ވަރަށް ފުންނާބު އުސްބޭފުޅެއްކަން.އަދި އަޅުގަނޑުމެންނަށް ކުރިން ޓީޗަރެއްގެ ގޮތުން ފެނުނު އަބުސީ މިހާރު ޓީޗަރ އެޑިޔުކޭތަރެއްގެ ގޮތުން ޙަރަކާތްތެރިވާތަން ފެނިގެން ދިޔުމުން ރަށުގެ ކަންކަމާ މެދު ވިސްނާ ކޮންމެދަރިޔަކުވެސް އުފާކުރާނެކަން ޔަޤީން.ކުރިއަށް އޮތްތާގަވެސް މިފަދަ ރޮނގުތަކުން މިޖީލު އަދި ކުރިއަށް އޮތް ޖީލު ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރަން.ވަރަށް ސަލާމް!

  16. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    މިލިޔުމަކީ މީހަކު އަންތަރީސްވާހާ ދިގު ލިޔުމެއް ނޫން. ކުރު ކުރު، އެތި ފުއް ފުއް، ފެނި ފެނި، ހީވާ ގޮތް ތިޔައީ. މަޢުލޫމާތު ވަރަށް ވެސް ރަނގޅުވެފައި އަދުގެ މުޖުތަމަޢާ ނުލާހިކު ގުޅޭ.

  17. އ.މ.ކ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    އަބުސީއަށް މަރުހަބާ، މިކަހަލަ ލިޔުންތައް އިތުރަށް ފެންނާނެކަމަށް އުއްމީދުކުރަން. އަޅުގަޑުމެން މިތިބީ އަބުސީމެންގެ ފަހަތުގައި، އިރާދަކުރެއްވިޔާ އަބުސީމެން އކަނިކޮށެއްނުލާނަން. ކުރިން މިސައިޓަށް ލިޔަމުން އައި ތައުލީމީ ބޭފުޅުން އާފެށުމަކުން ފެށުމަށް ލިބުނު ހިއްވަރަކަށްވެސް މިލިޔުން ވާނެކަމަށް އުއްމީދުކުރެވޭ. ތިގޮތުގައިކުރިޔަށް ދޭ، އަޅުގަޑުމެންގެ ރަށަށްބޭނުންވަނީ ތިޔަފަދަ ކެރޭ ހޭލުންތެރި ތައުލީމީދަރިން.

  18. ސޮފްވަތު މަރްވާން‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    އ.މ.ކ މިހާރު ނުލިޔަނީ ކިޔެއްވެ ބާ؟ ފުރަތަމަ އެޔެއް ބަލާލަން ބޭނުންވޭ. މިކަހަލަ ލިޔުމެއް، އ.މ.ކ އަށް ވަރަށް ފަސޭހައިން ލިޔެވިދާނެ. ފަހަތުގައި ތިބެގެން ވާނެ ކަމެއް ނެތް.

    އަބްސީއަށް: ދެން ފަހަރަކުން ޕެރިގިރާފްތައް ކުރުވާގޮތަށް ބައިބައި ކޮށްލާ! އޭރުން ހަލުވިކޮށް ކިޔާލެވޭނެ. ނަލަމޮހޮންމަދު ހާ އެންމެންނެއް ނޭވާ ދިގެއް ނުވާނެ!

  19. އ.މ.ކ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ފަހަތުގައި ތިބޭ ވާހަކަ މިބުނީކީ ބަލަހައްޓައިގެން ތިބޭވާހަކަޔެއްނޫން، އިރާދަކުރެވިއްޔާ އަޅުގަޑުގެ ލިޔުންތައްވެސް ފެންނާނެ. އިޖުތިމާއީމައްސަލަތައް ހައްލުކުރުމަށް މިފަދަ “ޕުލެޓްފޯމެއް” ވަރަށް ރަގަޅުވާނެ. ކުރިޔަށް އޮތީ. ރަގަޅުވާނެ އިރާދަކުރެއްވިޔާ

  20. ތަންޑާ ގަރަމް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ކުއްޖާ ބުނީކަށް މަގޯތި މޫސައެއްކިޔާ ސޮރު އެއުޅެނީ ގްރޭޑް ދިހައެއްގަ….މަ އެސޮރު ސްކޫލަށް ފޮނުވަނީ ސަކަރާތްޖަހާ މަޖާ ކުރަން ފުރުސަތު ދޭންވެގެނ. އެހެންޏާފަހެ އެސޮރުމެންނަށް މަޖާ ވެސ ކުރެވޭނީ މިދުވަސް ކޮޅު ވިޔޔާާ. އަޅެ ދޮގެއް ކާސިމާ. އިސްކޫލު ނިމުނީމަ ވެއްޖެ އެސޮރު ރީތި މަންޖެއަކޤ ކައިވެނި ކުރުވަން…….

  21. ދަންނަ ކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2009

    ސޮފުވަތު މަރު ވާނަށް:
    ތިޔާ މަށަށް ބުނަން ނޭނގިގެން މި އުޅުން އެއްޗަކީ، ލިޔުން ދިގެއް ކަމަކު ހެޔޮ، ޕެރެގިރާފުތައް ތަންކޮޅެއް ކުރިއްޔާ ހަމަ އެއް ވާނަކަށް ކިޔާ ނިންމާލެވޭނެ. އެހާ ޕެރެގިރާފު ދިގުވީމަ އަހަރެމެންނަށް ވާގޮތަކީ ކުރިން ކީ ފޮޅުވަތެއް ނުހުރޭ ހަނދާނެއް. މި ލިޔުން ނިކަން ފައްކާ އެކަމަކު.