Share

ލިޔުންތެރިޔާ އާއި ކިޔުންތެރިޔާ އަދި އަހަރެންގެ ޅިޔަނު

ލިޔުންތެރިޔާ އާއި ކިޔުންތެރިޔާ އަދި އަހަރެންގެ ޅިޔަނު
އިބްރާހީމް ޔޫސުފް (ޔޫސުފް)

ލިޔުންތެރިޔާ ނުވާނަމަ، ކިޔުންތެރިޔާއެއް ނުވީހެވެ. އެހެންކަމަށް ވެއްޖެ ނަމަ ފާޑުކިޔާނެ ލިޔުމެއް ނޯންނާނެއެވެ. އަހާނ! ޅިޔަނާ މި ބުނެވުނީ ކިޔެކޭ ހެއްޔެވެ؟

ކޮންމެ އަކަސް އަދަބުގައި، ‘ރީޑަރ ރެސްޕޮންސް ކުރިޓީސީޒަމް’ ކިޔާ އެއްޗެއް، ނޫނީ ނަޒަރިއްޔާއެއް އޮވެއެވެ. މީގެ ވާހަކަޔަކީ ދިގު، ކަފިކަފިވެފައިވާ، އެކި އަދީބުން އެކިގޮތަށް އެކިކުލަ އޭގައި ‘ކުލަޖައްސާ’،  ތަފުސީލުކޮށް ހަދާ އެއްޗެއް ކަމުން އޭގެ ތަފުސީލަކަށް ނުދާނަމެވެ. އެހެން ނޫނަސް، ޅިޔަނާއިއެކު މި މައުޟޫއުއަށް ތަފުސީލުކޮށް ވާހަކަދެއްކޭކަށްވެސް ނެތެވެ. ވަގުތު ނެތީމައެވެ.  ނަމަވެސް، ރީޑަރ ރެސްޕޮންސް ކުރިޓީސީޒަމް އާއި ބެހޭގޮތުން ޒައްރެއްގެ މިންވަރު، ޅިޔަނަށް ކިޔާލަދޭނަމެވެ. ޅިޔަނަކީ އެތައް ފަހަރަކު ލިޔަން އުޅެ، ކިޔާމީހުން ކިޔާފާނެ އެއްޗަކަށް ލަދުން ލިޔަން ނުފެށިފައި ހުރި މީހަކަށް ވާތީއެވެ.

ކުރުކޮށް ބުނާކަމަށްވާނަމަ، ރީޑަރ ރެސްޕޮންސް ކުރިޓީސީޒަމް  ބުނެދޭ ގޮތުގައި، ލިޔުން (ނުވަތަ ޓެކްސްޓް)، އެއީ މާނައެއް ހުރި އެއްޗަކަށް ވަނީ ކިޔުންތެރިޔާ ވަކި މަގުސަދެއް އޮވެގެން ލިޔުންތެރިޔާގެ ލިޔުން ކިޔާކިޔުމުންނާއި، އޭނާ އެ ލިޔުން މާނަކުރާ ގޮތުގެ ސަބަބުންނެވެ. މި ނަޒަރިއްޔާގައި، ކިޔުންތެރިޔާ އާއި ލިޔުން (ނުވަތަ ޓެކްސްޓް) އާއި އޮންނަނީ ވަރަށް މަތިވެރި ގުޅުމެކެވެ. ވިސްނާލާށެވެ. ހަރުގަނޑުމަތީ ބާއްވާފައި އޮންނަ ފޮތް، އެއްވެސް ކަމެއް ކުރޭ ހެއްޔެވެ؟ ހަރުގަނޑުމަތީ އޮތް ފޮތަށް ދިރުން އަންނަނީ، ކޮންމެވެސް ކިޔުންތެރިޔަކާއި އެފޮތާއި ގުޅުނީމައެވެ. އެހެން އިބާރާތަކުން  ބުނާނަމަ، ކިޔުންތެރިޔަކު ފޮތް ކިޔަން ފެށީމައެވެ.

ވީމާ، ޅިޔަނާ… ބުނަންހެއްޔެވެ؟ ތިޔަހެން ނުލިޔެ ހުރުމުގެ ބޭނުމެއް ނެތެވެ. ހިތުގައި ތޮއްޖެހި ފަތިކޮށައިގެން ދާން ތިޔަގޮތަށް ޝުއޫރުތައް ނުބަހައްޓާށެވެ. ލިޔެލާފައި ކިޔުންތެރިންނަށް ޝުޢޫރުތައް ދޫކޮށްލުމުން ހަށްޓަށް ވަރަށް ލުއިވެއެވެ. ލިޔުން މެދުވެރިކޮށް އިތުރު މީހުންނާއި ބައިވެރިވުމުން ޅިޔަނުގެ ހިތަށް ތިޔަ ކުރިމަތިވެފައިވާ ބަރުހެލިކަން އިސާހިތަކު ލުއިވެދާނެއެވެ. ކިޔުންތެރިންނަކީ ޅިޔަނު ތިޔަ ހީކުރާ ކަހަލަ ބައެއް ނޫނެވެ. ބިރުގަނެ ޖެހިލުން ވާނެކަމެއް ނެތެވެ.

އަހަރެންގެ ލިޔާހިތުން ހުރި، އެކަމަކު ކިޔާފާނެ އެއްޗަކަށް ލަދުން ނުލިޔެ ހުރި ޅިޔަނަށް، ދެންމެ މި ކިޔައިދިން ވާހަކަތަކުން ކިޔުންތެރިޔާއަށް އޮޅުމެއް އަރައިފި ކަން ޔަގީނެވެ.

ކިޔުންތެރިޔާ ބުނަން ހެއްޔެވެ؟  ރީޑަރ ރެސްޕޮންސް ކުރިޓިސީޒަމް ތިއަރީގައި، ތިޔަ ކިޔުންތެރިޔާ ހިތަށް އައިހާ ގޮތަކަށް ލިޔުންތެރިންގެ ލިޔުންތައް މާނަކުރުމެއް ނޯވެއެވެ! ލިޔުމުން ނެރޭ މާނަ، ލިޔުމާއި ގުޅިފައި އޮންނަން ޖެހޭނެއެވެ.

ވީމާ، ކިޔުންތެރިޔާއަށް ނަސޭހަތެއްގެ ގޮތުގައި މި ބުނެލަނީ، ލިޔުން ކިޔުމަށްފަހު ކޮމެންޓްކޮށް، ލިޔުމަށް ފާޑުކިޔުމަށެވެ. ލިޔުމާއި ގުޅުންހުރި، ގަބޫލުކުރެވޭފަދަ ކޮންމެ މާނައެއްވެސް ލިޔުމުން ނެރެވިދާނެއެވެ. ނަމަވެސް، ސިޔާސީ އެއްވެސް އަސަރެއް، މައުޟޫއުއެއް ނެތް ލިޔުމެއް މާނަކޮށް، ކޮމެންޓްކޮށް ފާޑުކިޔާއިރު، ގުޅުމެއްނެތް ސިޔާސީ ވާހަކަތަކެއް ދެއްކުން ވާނީ، ވެވޭ ފާޑެއްގެ ބޭޒާރަކަށެވެ. ލިޔުންތެރިޔާއާއި ސީދާކޮށާއި ނުސީދާކޮށް ޒާތީކޮށް ދިމާކުރުމަކީ، އަދި ލިޔުމަށް ފާޑުކިޔުމެއް ނޫނެވެ. އެއީވެސް ބޮލާފޮށާއެޅުމެވެ. އޭރުން މޫނު ނުފެނުނަސް، ފޮރުވަންޖެހޭ ހިސާބު އޮންނާނީ، ދިމާ ހާމަޔަށެވެ.

‮ ‬18‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބާގިރު (އަސްލު ނަމެއް ނޫން)‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    މި ދުވަސްވަރަށް މި ސައިޓަށް ވަރަށް ބޭނުންތެރި ލިޔުމެއްކަމަށް ފެނޭ. އެހެންވީމަ ޔޫސުފް ހަމަ އެކަނި ލިޔަނީއެއްވެސް ނޫންދޯ؟ ލިޔުންތެރިކަމަކީ ކޮބައިކަން އެނގިހުރެގެން ތި ލިޔަނީ.

  2. ގަންޖާ ބޯ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ޔޫސުބާ ސާބަސް،
    ތިޔައީ ހަމަ އެއްވަނައިގެ މީހެއް، ވަރަށް ފައްކާ ލިޔުމެއް، މި ކުދިވެރިންނަށް މިކަން ވިސްނިއްޖެއްޔާ ކިތަންމެހާވެސް ރަގަޅު.

  3. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ޔޫސުބާނީކަށް ބޭބެމެން މިހެން ތިބެގެން އަނެއްކާ ޔޫސުބު ލިޔާ ލިޔުމެއްގެ މާނަ ނުބައިކޮށް ކުރެވުނަސް ހިތުގައި ހިތްބަރުކަމެއް ނުބާއްވާތި، ބޭބެއަށް ޔޫސުބުގެ ޢިބާރާތްތަކުން ދޮވަނީ ހަމަ ހުވަނދުވަސް، ރީޑާ ރެސްބޮންސް ކުރިސީޒަމް ނޭނގޭތި ވާގޮތް ގޮތް ހައްތަހާ ވެސް، އެކަން ވެސް މި އެނގުނީ ކޮއްކޮ ކިޔައިދިނީމަ، ދެން ތިޔަ އޮތީނު ޝުޢޫރުތައް ހިތުގައި ތޮއްޖެހިގެން ފަތިކޮށައިގެން ދާ ވާހަކަ ދޯ، ހާދަ ރީތި ތަންފުކެކޭ އެއީ، ނޯޓުވެސް ކޮށްލައިފިން،

  4. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ދުނބުރިހުއްތުގެ ނަޒަރުގައި ޔޫސުފަކީ އަބަދުވެސް އޭރެއްގައި އެންމެ ބޭނުންތެރި މައުލޫ އިޚްތިޔާރުކުރައްވާ ބޭފުޅެއް، ދެން މި ލިޔުމުގައި ކިޔުންތެރިންނާ މުޚާތަބުކޮށް ބަސްވިދާޅުވުމުގައި ޅިޔަނު ބޭނުންކުރައްވާފައި އޮތުމުން، ވަރަށް ބޮޑަށް ކިޔުންތެރީންނާ ގުޅުން ބަދަހިކުރައްވާފައިވާކަން ފާހަގަކުރެވޭ، ޚާއްސަކޮށް ސައިޓުގެ އަހުލުވެރީންނާ،

  5. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ޔޫސުފްގެ ލިއުން ވަރަށްކަމުދޭ.އަޅުގަނޑު މިހިގަނީ ޔޫސުފު ތިޔަބުނާމަގުން.ވަރަށް އަހަވަހަށް އަޅުގަނޑުގެ ލިއުމެއް ފެންނާނެ.ޔޫސުފުގެ ލަފާ އަޅުގަނޑަށް ބޭނުންވޭ.

  6. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ޔޫސުބާ! ލިޔާ ހިތް ވެޔޭ ވަރަށް. އެކަމަކު ތިޔަ ގޮތަށް ސިކުނޑީގައި ލިޔުމެއް ޖެނެރޭޓް ނުވަނީ. އަޅުގަނޑުވެސް ވަރަށް ފިކުރު ކުރަމޭ. އަޅުގަނޑުގެ ބޮލުން އިސްތަށި ފައިބާތީ އެއީވެސް ފިކުރު ކުރާލެއް ގިނަ ކަމުން ވެދާނެ ކަމެއް ކަމަށް ބުނޭ. ދެން މިހެން ބުނީމާ ބޮލުން އިސްތަށި ފޭބުމުގެ ބަހުސެއްވެސް ހިނގާފާނެ. އެހެންވީމަ. މިކަމަށް އެއްޗެއް އަދި ބުނެލިޔަސް، ލިޔުމަށް ޖެހޭނެ ކޮންމެވެސް އެއްޗެއް ބުނެލަން. އެއީ ލިޔުން ބޮޑަށް އިސްވާނީ. ދެން އަޅުގަނޑު ދަންނަވާކަށް ނެތީން ތިޔައީ ވަރަށް މޮޅު ލިޔުމެކޭ، ވަރަށް ސަޅި ލިޔުމެކޭ. މީގަ މުހިންމު ސުވާލަކީ ލިޔުން ލިޔުނީ ކޮންބޭފުޅެއްތޯ. ޝައްކެއްވެސް އަހަރެމެން އިބްރާހިމް ބޭބެ ގޯތި ޔޫސުބު. އެހެން ވެއްޖެންޏާ ދެން އިތުރު އެއްޗެއް ނުދެންނެވިޔަސް، އަޅުގަނޑު ހިތުން ފުދޭނެ. ޔޫސުބަށް ކިޔުންތެރިންގެ ހިތް އަތުލެވިއްޖެންޏާ،(އަތުލާކަށް ނެތް އަތުލައިފިޔޭ އިނގޭތޯ!) ޔޫސުބުގެ ފިކުރުތައް ޕްރޮޕެގޭޓް ކުރެވޭނެ. ވަރިހަމަ، އަންނި އަށް ވުރެން ޔާމީން ރަނގަޅޭ ވިދާޅުވިޔަސް.

  7. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2009

    ބައެއް ބޭފުޅުންނަށް ވާގޮތެއް، މާ ބޮޑަށް ތައުރީފްތައް ލިބެން ފެށީމަ ޝައިތޯނާގެ ވަސްވާހެއް އަންނަނީ “ކަލޭނޭ ދެން ތިޔަކަންތައް ހުއްޓާލާށޭ. މިހާރު ކަލޭގެ ޑިގު ތިޔަހާ މަތިވެފަ އޮއްވަ، ދެން ލިޔާ ލިޔުމަކުން، މީހުން ކަލެއާ މެދު ދެކޭ ގޮތް ބަދަލުވެސް ވެދާނޭ. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ ތިޔަ ހުރިވަރުން، ވަގުތުން އެއްކައިރިއަށް ޖެހުނީމައޭ. މިފަދަ ވަސްވާހެއްގައި އެއްވެސް ބޭފުޅަކު ޖެހިވަޑައި ނުގަންނަވާތީ.. މިއީ ޔޫސުބަށް ދެންނެވި އެއްޗެއް ނޫން ވަކިންނެއް.

  8. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ޔޫސުބާ ބުނަން، ތީގަ ތިހިރީ ހަމަ ހެޔޮ ވާހަކަ، އިނގޭ އެކަމަކު ވާނެ ގޮތަކީ މިތާ އެބައުޅޭ އަހަރު ދުވަހަށް ވާވަރަށް ފުށް މޮޑެފަ، ހެދިކާ މަސްގަނޑު ހަދާފަ މިހެން ގޮސް ކިޔާނެ ކަމެއް ނެތް ރިހަ ކައްކާފަ އެ އައިސް އަލަމާރިއަށް ލައިގެން އުޅޭ ބަޔަކު ވެސް، ދެން އެހެންވީމަ ވާނެ ގޮތަކީ އެމީހުން ކުރާނެ ކަމެއް ނެތީމަ އެމީހުން އަބަދު މީގެ ބުޑުގަ ތިބޭއިރު މާ ގިނައިރު އެއް ލިޔުމެއް އޮންނަންޏާ އެމީހުން ފަށާނީ ހަމަ އެ ސަކަރާތްޖަހަން، ރީޑަރ ރެސްޕޮންސް ކުރިޓީސީޒަމް ވެސް އެމީހުން ގެންގުޅޭނީ އައިސްއަލަމާރިއަށް ލައިގެން އެހެން ނޫނީ ރައިސްކުކަރުން ކައްކައިގެން، ދެން އެޔަށް އޮންނާނީ ވާނެ ހައެއް އެއްޗެއް ވެނިމިފައި، ޚިޔާލުތަކާ ކޮމެންޓުތައް ވެސް އަހަރު ދުވަހަށް ވާވަރަށް ލިޔެފައި އަލަމާރިއަށް އަޅާފައި މި ހުންނަނީ ދެން ލިޔުމެއް ޖަހާއިރަށް އެ އޮތް ގޮތަށް ނެރެ މި ތަނަށް ހޫރާލީމަ ލިޔުމަކާ އެޔަކާ ދިމައެއް ނުވާނެ ނު، މާ ދިގު ވެސް ވެއްޖެ، ބިލު ބޯރެއްޔަށާ ހާޝިމަށާ ޚަލްވަތުގައި އެ އިންނަ ކަލޭގެފާނަށާ ވަރަށް ސަލާމް.

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ޔޫސުފް ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް. އެއާއެކު އެއްޗެއް އިތުރުކޮށްލާނަން. ޔޫސުފް ތިޔަ ނެރުއްވީ ތިޔަރީއެއް، މާނައަކީ ކޮންމެ ވެސް ބޭފުޅަކު ދެކެވަޑައިގެން ޤަބޫލުކުރައްވައި އެހެން މީހުންނަށް “ވިއްކަވަން” އުޅުއްވާ އުފެއްދުމެއް. އެއީ އެއްވެސް ގޮތަކުން ބާވާލެއްވި އެއްޗެއް ނޫން. އެހެންވީމާ، އެގޮތަށް ޢަމަލުކުރުމާއި ނުކުރުން، އެ ޤަބޫލުކުރުމާއި ނުކުރުން އޮންނާނީ އެހުށަހެޅޭ ބައެއްގެ އަތްމަތީގައި. މައިގަނޑު ގޮތެއްގައި ލިޔުމަށް ފާޑުކިޔުމަކީ އުސޫލެއްގެ ގޮތުން އަޅުގަނޑު ވެސް ހިފަހައްޓަމުން އަންނަ ގޮތް. އެހެން ނަމަވެސް، އެއްބޭފުޅެއްގެ ޚިޔާލާއި ގުޅުވައިގެން ޚިޔާލެއް ފާޅުކުރުމާ، އެއްބޭފުޅަކު ވިދާޅުވާ އެއްޗަކަށް ރައްދު ދިނުމަކީ އަޅުގަނޑުގެ ނަޒަރުގައި ލިޔުންތެރިކަމަށާއި ކިޔުންތެރިކަމަށް ވަރަށް ދުޅަހެޔޮ ކަމެއް. އަޅުގަނޑަށް ޤަބޫލުކުރެވެނީ، މިތަނުގައި ކޮމެންޓް ކުރައްވާ ކޮންމެ ބޭފުޅަކު ލިޔުމަށް އެކަން ކޮމެންޓްކުރައްވަންޏާ އޮންނާނީ ޔޫސުފާއި އެބޭފުޅަކާ ދެމެދު އޮންނަ މުއާސަލާތެކޭ. އޭގެ ބަދަލުގައި، މިފޯރަމް އިންޓަރެކްޓިވްވެ، ފޯރިގަދަވަނީ އެއްބޭފުޅެއްގެ ޚިޔާލާއި އަނެއް ބޭފުޅެއްގެ ޚިޔާލާއި ދިމާ ވުމާއި ނުވުން ވެސް ހިމެނޭތީއޭ. ލިޔުންތައް ކިޔާ ހިތަށް ވުރެ ހަމަ ގައިމު ވެސް އަޅުގަނޑު ކިޔާ ހިތްވަނީ ކޮމެންޓްތައް. އެއީ، އެއެއްޗެހި އިންޓަރެކްޓިވް ވީމަ. މިޒަމާނަކީ ޓޫ-ވޭ ކޮމިއުނިކޭޝަންގެ ބަދަލުގައި މަލްޓިޕްލަ-ކޮމިއުނިކޭޝަން ނުވަތަ ކޮންފަރެންސިންގެ ޒަމާން. އެގޮތް މާ އިންޓަރެސްޓިންގ ވެފައި ލައިވްލީ ވާނެ. އެހެންވީމަ، ޔޫސުފް ލިޔުއްވި ލިޔުއްވުމުގައި މަސައްކަތް ތިޔަ ކުރެއްވި ނަޒަރިއްޔާތުގެ ކޮންމެ އަކުރަކާ އަދި ފިއްޔަކާ ވެސް އަޅުގަނޑު ދެކޮޅު ހަދަން. ތިޔަ ގޮތަށް ވަކި ތައްގަނޑަކަށް އެއްވެސް ބޭފުޅަކު ލަންބުވަން މަސައްކަތް ކުރައްވައިގެން ނުވާނެ. އެހެން ނަމަވެސް މިދަންނަވަނީ ކޮމެންޓް ކުރާ ފަރާތްތައް ދުނިޔޭގައި ލެއްވިހާ ވާހަކަތައް ކޮމެންޓްގެ ގޮތުގައި ލިޔުއްވާށެކޭ ވެސް ނޫން. މައިގަނޑު ލިޔުމާއި ގުޅުމެއް ހުރެގެން، އެހެން ކޮމެންޓްތަކަށް ވެސް ބަލައިލުމަކީ ނެތް ކަމެއް ނޫން.

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    އަދި ވެސް ޔޫސުފަށް ދަންނަވާލަން ބޭނުން. ނިކަން ބައްލަވާ ވަކަވަލޭ. ޔޫސުފްގެ ލިޔުމާއި މާބޮޑަށް ގުޅުން ހުރި ކޮމެންޓެއް ނޫނެއް ނޫންތޯ އެބޭފުޅާ އެއޮތީ ކުރައްވާފަ. އެހެންނަމަވެސް، މިތަނުގައި އިއްޔެ އަޅުގަނޑު ލިޔުނު ކޮމެންޓަކުން ދަރަންޏަށް ޚިޔާލު ނަންގަވައިގެން، އެބޭފުޅާގެ ޚިޔާލާއި، ލިޔުންތެރިކަން މަސްހުނި ކުރައްވައިގެން ހައްދަވާފައިވާ ބަނބުކެޔޮ ބޮގަރަގަނޑެއް ނޫންތޯއެއީ. އެހެންނަމަވެސް، އެފަދަ ހާސަރެއް ވެސް ނުދަމާ، ހަމައެކަނި ކޮންމެ ބޭފުޅަކު ވެސް ޔޫސުފް ލިޔުއްވި އެއްޗަކަށް ކިޔުއެއްގައި ތިބެގެން ޚިޔާލުފާޅުކުރުމުން މީގެ އަސްލު ދިރުން އެބަ ގެއްލެއޭ. އަދި ހަމަ އެހެންމެ އަޅުގަނޑު ދަންނަވާނީ، ވަކަވަލޭގެ ކިބައިގައި އެހުރީ ވެސް ވަރަށް ޚާއްޞަ ހުނަރެކޭ. އަޅުގަނޑު އެ ހިމަނަނީ އަދަބީ ޖަރީމާގެ ތެރޭގައި. އެހެންނަމަވެސް، އެއީ ވެސް އޮންނަންޖެހޭ އެއްޗެއް. އޭރުންތާ ޙަޔާތް ވެސް ތަންކޮޅެއް މުނިފޫހިފިލާނީ. ދެން އަޅުގަނޑުގެ ކޮމެންޓެއް ނަންގަވައިގެން އަޅުގަނޑަށް ޖޯކު ޖެއްސެވީމާ ވަކަވަލޭ އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޞާޙިބުލް ޙުއްރިއްޔާ، ފަޚާމަތުލް މުޙްތަރަމް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވިހެން. އެމަނިކުފާނު ވިދާޅުވި، އެމަނިކުފާނަށް ފާޑުވެސް ވިދާޅުވާށޭ. އޭގެ އިތުރުން ހަޖޫ ޖައްސަވައި ފުރައްސާރަ ވެސް ކުރައްވާށޭ. އެހެންވީމަ، އަޅުގަނޑު ވެސް އެފުރުސަތު ދޭނަން ވަކަވަލޭއަށް. އެހެންނަމަވެސް ދަންނަވާނީ މިތާ އުޅުއްވާ ބައެއް ބޭފުޅުން އެހެން އެފުރުސަތެއް ނުދެއްވާނެއޭ. އެހެންވީމާ އެހެން ބޭފުޅުންގެ ކޮމެންޓުން ތިޔަ ގޮތަށް ދަރަނި ނަންގަވާއިރު ވިސްނަވައްޗޭ. އަޅުގަނޑުގެ ކޮމެންޓުން ބޭނުން ގޮތަކަށް ބޭނުން ކުރައްވަން ވަކަވަލޭއަށް ހުއްދަ ދެމޭ.

  11. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ޔޫސުފުގެ ލިޔުން ވަރަށް ވެސް ޗާލުވެފައި ފުރިހަމަ، ފާހަގަކުރަން ހުރި ކަންކަން އެހެން މީހުން ފާހަގަކޮށްފި، ދެން ބުނެލަން ބޭނުންވަނީ ރާއްޖޭގެ ތާރީޚީ ލިޔުއްތައް ލިޔުއްވި ވަރަށް މަޝްހޫރު މީހެއް ކަމުގައި ވާ ކުރީގެ ރައީސާ ތިމާގެ ކަމެއް ވެސް ހުންނަ، ބޭފުޅެއް އުޅުއްވާނެ ޢަބްދުލްޙަކީމް ހުސައިންމަނިކު ކިޔާނީ، މިހާރު އަވަހާރަވެއްޖެ، އަބަދުވެސް ކޮންމެ ލިޔުމެއްގައި ވެސް ހުންނާނީ ރައީސް މުޙައްމަދު އަމީން އާ ޖައްސަވާލައްވާފައި ދެން އެގޮތުން މަލާމަތްކުރުމަށްޓަކައި ބޭނުންކުރައްވާ އެއް ގޮތަކީ މުޙައްމަދު އަމީން ގެ ނަމުގެ ކުރިއަށް އިތުރުކުރާ ތަޢުރީފުގެ ލަޤަބުތަކުގައި ކަންތައް ބޮޑުކޮށްލަނީ، ޤައުމުގެ ޚާދިމު ފަޚާމަތުއްރައީސް، ޞާޙިބުއްދައުލާ، ދެން މިހެން ގޮސް ހައްސަ ބަނދިވަރު ދަމާފައި ނަންފުޅު ގެންނަވާނީ، މިހާރު އެބައުޅޭ ރައީސް ނަޝީދުއާ އެ ގޮތަށް ޖައްސާލައިގެން އުޅޭ ބަގައެއް ވެސް.

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ފަސް މަންޒަރަށް. ތިޔަ ވިދާޅުވީ އަޅުގަނޑަށް ނިސްބަތްކޮށް ވިދާޅުވި އެއްޗެއް ކަމުގައި އަޅުގަނޑު ދެކެނީ. އެހެން ނަމަވެސް ތީގައި އެބައޮތް ތާރީޚީ ގޮތުން ގޯސް ތަންކޮޅެއް. ފަޚާމަތުއް ރައީސާއި ޞާޙިބުއް ދައުލާއަކީޢަބްދުލް ޙަކީމް ޙުސައިން މަނިކު ކޮންމެހެން މުޙައްމަދު އަމީނާއި ޖައްސާލައްވަން ވެގެން ގެންގުޅުއްވާ ލަޤަބުތަކެއް ނޫން. އެއީ ޚުދު އަމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރު މަނިކުފާން ޢަބްދުލް ﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް، އަދި ޙުސައިން ޞަލާޙުއްދީންމެން ފަދަ ބޭބޭފުޅުން ބޭނުން ކުރެއްވި ލަޤަބުފުޅުތަކެއް އަމީނަށް މުޚާތަބުކުރައްވަން. އެހެންވީމާ މިތާރީޚު އޮޅުވާ ނުލެއްވުން އެދެން. މަރުޙޫމް ޢަބްދުލް ޙަކީމް ޙުސައިން މަނިކަކީ މ. އެވަރގްލޯރީ ބޭފުޅެއް. އަޅުގަނޑާ ނިކަން ރައްޓެހި، ބޭފުޅެއް ވެސް މެ. އެހެންވީމާ، އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް އެބޭފުޅާ އެހެން ބޭނުން ކުރައްވާ ބަނދިވަރެއް ނޫންކަން އެއީ.

  13. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ސޮރީ މ. އެވަރގްލޯރީއެއް ނޫން، މއ. އެވަގްލޯރީ

  14. ދިވެއްސެއް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ބައެއް ބޭފުޅުން ކުއްލިއަކަށް ހާދަ އިނގިރޭސިވެވަޑައިގެންފިޔޭ؟ މިއީ ދިވެހި ބަހުގެ މުސްތަޤްބަލާ މެދު ކަންބޮޑުވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް. އަޅުގަނޑުހިތުން ދިވެހި އިނގިރޭސި މަސްހުނިކުރާ ސަގާފަތު ފެތުރުން އެއީ މާ ރަނގަޅުކަމެއް ނޫން. ޢިލްމީ ގޮތަށް ވެސް ދިވެހިބަހުން ވާހަކަ ދެއްކޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

  15. ދިވެއްސެއް‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    އަޅުގަނޑަކަށް ހިޔެއް ނުވޭ ފަސްމަންޒަރު ވިދާޅުވިއެއްޗެއް ހާޝިމަށް ދޭހަވެވަޑައިގެންނެވިހެންނެއް. އޭނާ ވިދާޅެއް ނުވޭ އެއީ ޢަބްދުލްޙަކީމް އަމިއްލަފުޅަށް ހެއްދެވި ލަޤަބުފުޅުތަކެކޭ. އޭނާ އެ ވިދާޅުވަނީ އަމީނަށް ރަސްމީ ލަޤަބެއް އޮތްނަމަ އެ ހުރިހާ ލަޤަބުތަކެއް އެއްކޮށްލައްވައިގެން މަލާމާތުގެ ގޮތަށް ތަންކޮޅެއް ގޮތްބޮޑުކުރައްވައިގެން ބައެއް ފަހަރު ބޭނުންކުރެއްވި ވާހަކަ. ދެން ޢަބްދުލްޙަކީމް ގެ ލިޔުއްވުންތަކުގައި މުޙައްމަދު އަމީން އާ ވަރަށް ދެކޮޅު ރޫޙެއް ހުންނަކަން އަޅުގަނޑަށް ވެސް ފާހަގަކުރެވޭ.

  16. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ރައީސް ނަޝީދު އެބޭފުޅާގެ ސިޔާސީ ހަޔާތްޕުޅުގައި، މީހުންގެ މަލާމަތްތަކަށް ރައްދު ދެއްވާފައެއް ނެތޭ ދެންނެވިއަސް ކުށަކަށް ނުވާނެ. ރާނީ އަކާ އެއްކޮށް ފޮޓޯ އެއްހާ ހިސާބުވެސް ނުނެގުނޭ ކިޔާގެން ޓީވީގައި އަޑު އެރުވީ. އެހެންވީމަ، އެބޭފުޅާ، ފުރައްސާރަކޮށް ޖޯކް ޖެހިއަސް މައްސަލައެއް ނެތޭ ވިދާޅުވުމާއި ހާޝިމް އެފަދަ އެއްޗެއް ވިދާޅުވުން ހާސްތަން ތަފާތު. ހާޝިމް ނަމަ ރައްދުވެސް ދެއްވީސް އިނގޭތޯ، ޓީވީ އަރައިވަޑައިގެން “އާދެ އަޅުގަނޑު އެއްވެސް ހާލެއްގައި ރާނީ އާއި އެކީ ފޮޓޯ ނަގާކަށް ބޭނުމެއް ނޫނޭ..ކިޔާގެން ހާޝިމް ހަމަ މޭބޮޑު ކުރެއްވީސް އިނގޭތޯ. އުޅޭނެ ވަރަށް މުސްކުޅި އަދު ތޯ، މާދަންތޯ، ވެފައި ހުންނަ މީހުން. އޭގެ ބައެއް ވައްތަރާ ދިމާލަށް ލާނެއް ސޮރުމެންތަކެއް ޕޫސް ގޮއްވާލިއަސް، ހީވާނީ އެހެންފަދަ ކަމެއްހެން. އެއީ މެންޓަލް އިލްނެސް އަކާހުރެ ވާކަމެއް. އަޅުގަނޑަށް ހާޝިމް ވެސް ސިފަވަނީ ހަމަ އެހެން. އާންމު ކޮށް ކޮމެންޓް ކުރައްވާ ބޭފުޅަކަށް ވާތީވެ ހަމަ ދަންނަވާލީ.

  17. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ލިޔުމެއް ކިޔާލާފައި އޭގެ ބޭރުފުށުގައިވާ މާނައަށް ކޮމެންޓު ކުރުމްކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިޔުމެއް ކިޔާލާފައި އެއިން ނެރެވޭނެ އެހެން މާނަތައް ނުވަތަ މެސެޖުތައް ދެނެގަނެ އެވާހަކަ ދެއްކުމަކީ ކިޔުންތެރިންނަށް ލިބިފައިވާ ފަންނެކޭވެސް ބުނެވިދާނެ އެވެ. އެމާނަ އަކީ ސިޔާސީ ވިޔަސް އަދި ކޮންމެ ކަހަލަ އެހެންމާނަ އަކަށް ވިޔަސް ފަރުވާލެއްނެތެވެ. އެއީކީ ބޮލާފޮށާ އެޅުމެއްނޫނެވެ. އަދި ‘އޮރިޔާން’ ވުމެއްވެސް ނޫނެވެ. ކިޔުންތެރިންނަށް ސީދާ އެންމެ މާނައެއް ނެގޭގޮތަށް ލިޔުމަކީ ކިތަންމެ މޮޅު ލިޔުންތެރިޔަކަށްވެސް ކުރެވޭވަރު ކަމަކަށް އަދި އޮތީ ނުވެފައެވެ.

  18. އިބްރާހީމް ޔޫސުފް (ޔޫސުފް)‮ ‬ވިދާޅުވީ


    ތާރީޚް:28/05/2009

    ލިޔުމެއް ލިޔެ ޝާއިޢުކުރުމާއި އެކު އެލިޔުމެއްގެ ކޮނޓްރޯލް ލިޔުންތެރިޔާގެ އަތުން ގެއްލޭނެ. ނަމަވެސް، ލިޔުމަކުން މާނަ ނެރުމަކީ ހަމަ ހިތަށް އެރިހާ އެއްޗެއް އެލިމާއި މެދު ލިޔެ، އެއީ މާނަ ކަމުގައި ބުނުމެއް ނޫން.

    އެއީ ލިޔުމުގައި އޮތް މައުޟޫޢުއެއް/މާނައެއް ކަން ކޮންމެވެސް ގޮތަކުން ދޭހަވާނެ ފަދަ އިޝާރާތެއް ލިޔުމުގައި، އޮންނަންވާނެ، ނޫނީ ކިޔުންތެރިޔާ ވާނެ ސާބިތުކޮށްދޭން.

    ސާބިތު ނުކުރެވޭ، އަސްލެއް ވަސްލެއްނެތް މާނައެއް ލިޔުމުން ނެރުމުން އެ ނުވާނެ ލިޔުމުގެ މާނަޔަކަށް. އެވާނީ ބޭޒާރަކަށް. ބޮލާފޮށާ އެޅުމަކަށް. އެހެން މީހުނަށް އެނގޭނެ ކިޔުންތެރިޔާއަށް ލިޔުން ދޭހަ ނުވިކަން.