Share

ލޯބިވާ ބޭބެއަށް….!

ލޯބިވާ ބޭބެއަށް….!
ތަރުޖަމާ: ނަބީލް

ލޯބިވާ ބޭބޭއެވެ. ނިންޖަކީ މީރު އެއްޗެކެވެ. ޚާއްސަ ގޮތެއްގައި ފަތިހުގެ އަރާމު ވަގުތުގައެވެ. އެނދު ތަންމަތި ތާޒާވެފައިވާ ހިނދުގައެވެ. އެހެންނަމަވެސް ދަންނާށެވެ. ފަތިސް ނަމާދުގައި ޢަޖައިބުކުރުވަނިވި މީރުކަމެއް ވެއެވެ. އެ އިހްސާސްކޮށްފި މީހަކަށް ނޫނީ ނޭނގޭނޭ އުފަލަކާއި އަރާމެއް ވެއެވެ.

ނިދުމަށް ވުރެ ހެޔޮވެފައި އިތުރުކަން ބޮޑީ ނަމާދޭ ގޮވާލެވޭ ހިނދުގައެވެ. ހީވާގިކަމާއެކު ތެދުވެ ވުޟޫކޮށްގެން މިސްކިތާ ދިމާއަށް މިސްރާބުކޮށްލާ އިރުގައެވެ. ވުޖޫދުގައި ހިމޭންކަން ފެތުރިފައި، ކާއިނާތުގައި އަމާންކަން ފެތުރިފައިވާ ހިނދުގައެވެ. ނަމާދުން ނިމިގެން ގެއަށް އެނބުރިއަންނާނީ އުފަލާއި ހިތްހަމަޖެހުމާއި އެކީގައެވެ.

އޭ ލޯބިވާ ބޭބޭއެވެ. ދުވަހުގެ ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމުގައި ފަތިސްނަމާދުގެ ދައުރު ބޮޑެވެ. މުހިންމުކަން އިތުރެވެ. ނަމާދުން ފެށޭ ދުވަހަކަށް ވާތީއެވެ. މާތްކަލާނގެއަށް މުނާޖާދެންނެވުމާއެކުގައެވެ. ހިތްތަކަށް ހިތްހަމަޖެހުން ލިބުންވަނީ މާތް ﷲ ހަނދުމަކުރުމުންނެވެ.\

އޭ ނިޔަނެތި ބޭބޭއެވެ. ބޭބެގެ ނަފުސުން ޖިހާދުކޮށް، ހިތްވަރުގަދަކޮށް، ޢަޒުމު އާކޮށް، ފަތިސްނަމާދަށް ފަރުވާތެރިވާނެކަމުގައި އުންމީދުކުރަމެވެ. ހަމަޔަޤީނުން ޝައިޠާނާ އެކަމާއި ދެކޮޅަށް ބޭބެއާއި ހަނގުރާމަކުރާނެއެވެ. އެހެނީ އަހަރެމެން މަގުފުރެއްދުން ނޫން ކަމެއް ޝައިޠާނާ ބޭނުމެއް ނުވެއެވެ. [ހަމަކަށަވަރުން ޝައިޠާނާ ވަނީ ތިޔަބައިމީހުންނަށް ވާ ޢަދުއްވެއް ކަމުގައެވެ. އެހެންވީއިރު ތިޔަބައިމީހުން ވެސް އެކަލޭގެއަކީ (ތިޔަބައިމީހުންގެ) ޢަދުއްވެއްކަމުގައި ބަލާށެވެ. ޝައިޠާނާ އޭނާގެ ބައިގަނޑަކަށް ދަޢުވަތުދީ ގޮވާކަން ކަށަވަރީ ނަރަކައިގެ އަހުލުވެރީންގެ ތެރެއިންވުމަށެވެ.]\

ހިންމަތްތެރި ބޭބޭއެވެ. ބޭބެގެ ވަޒީފާއަށް ބޭބެ ހޭލަމުއެވެ. ދުވަހެއްގައިވެސް ގަޑިޖެހި ލަހެއް ނުވަމުއެވެ. ހަމަ އެފަދައިން ފަތިސްނަމާދުގެ ވަގުތައް ސަމާލުވެ ރައްކާތެރިނުވަނީ ކީއްވެހެއްޔެވެ؟\

ސުވަރުގޭގެ އަގުބޮޑެވެ. ސުވަރުގޭގެ މަގުވަނީ ސާފުވެ ބަޔާންވެގެންނެވެ. ނަމާދަކީ ސުވަރުގެއާއި ދުނިޔެއާއި މެދުގައި އަޅާލެވިފައިވާ ތަނަވަސް ފާލަމެވެ. ނަމާދަކީ… އޭ ލޯބިވާ ބޭބޭއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއި ހިތްގައިމުކަން ހޯދައިދޭ ސަބެބެވެ. ދެރަ ޝުޢޫރުތަކާއި ހިތި ހިތާމަތަކަށް ވާ ފަރުވާއެވެ. ހިތުގެ އަރާރުންތަކާއި ބަލިމަޑުކަމުގެ ޝިފާއެވެ. މިސްކިތަށް ދިއުމުގައިވަނީ ބޭބެގެ ހެޔޮކަންކަން އިތުރުވުމެވެ. ފާފަތައް ފޮހެވުމެވެ. ދަރަޖަ މަތިވެރިވުމެވެ. ގިނަގުނަވެގެންވާ ސަވާބާއި ދަރުމައަށްޓަކައި އުފާކުރާށެވެ.\

އޭ ޢިއްޒަތްތެރި ބޭބޭއެވެ. މީހަކު މަރުވެއްޖެއެވެ. އޭނާވީ ޙަޔާތުގައި ނަމާދާއި މެދު ފަރުވާ ކުޑަކުރި މީހަކު ކަމުގައެވެ. އޭނާއަށް ކުރިމަތިލާންޖެހުނީ ނުބައި ނިމުމަކާއެވެ. ސަބަބަކީ ކަލާނގެއަށް ނާޝުކުރުވެރިވުމާއި ނަމާދަށް ބޭވަފާތެރިވުމެވެ. އޭނާ ފަދައިން ނުވާށެވެ. [ހަމަކަށަވަރުން އެބައިމީހުންގެ ވާހަކަތަކުގައި ބުއްދީގެ އަހުލުވެރީންނަށް ޢިބްރަތާއި ދަރުސްތައް ވެއެވެ.]

އަހަރެންގެ ބޭބޭއެވެ. ސުވަރުގޭގައި އަހަރެމެން ދެމީހުން އެކުގައި ބައްދަލުވާނެ ކަމުގެ އުންމީދުގައި ހުރީމެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކުޑަބެ‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ނަބީލް ވ ރީތި ލިއުމެއް .ވ އަސަރުގަދަ.ގިނަ ގިނަ އިން ތިފަދަ ލިއުން ތަށް ފެނުމަކީ ވ އެދޭކަމެއް.އަހަރުމެން ނަށް އެގޭނީ މީހަކު ލިޔެފަހުންނަ އެއްޗެހި ކިޔަން ވިއްޔާ.ދެން ފަތިސް ނަމާދައް ޖަމާއަތަށް ދެވޭތޯ ބަލާނަން

  2. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    އާމީން..!

  3. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ފަތިސް ނަމާދަކީ ވަރަށް ރަހަ މީރު އެއްޗެއް. އަހަރެން ބޮޑަށް އިސްކަންދެނީ ފަތިސްނަމާދު ނިންމާލާފައި އިރު އެރުމަށްފަހު ނިދުމަށް. އޭގެ ތެރޭގައި ވެލި ފާލަން ނުވަތަ ރަށު ބަނދަރު، އެހެންނޫނޫ ބޮޑުމަގު ކޮންމެވެސް އެއްކޮޅަކަށް ނޫނީ ކުޅިއެއްގެ ފެންގަނޑު ކައިރިއަށް ދިޔުން ހިމެނޭ. ދެން ރަނގަޅަށް އިރު އަރާ ހަމަ ޖެހުނީމަ، ގެއަށް ގޮސް އެނދަށް އަރާ ނިދާލަނީ. ހޭލަން 7:30 ހާ އިރު، ސައިންސު ބުނާގޮތުން ސައިބުއިން އެންމެ ރަނގަޅީ. އިރު އަރާތާ ގަޑިއެއް ފަހުން. ދުވަސް ވަރަށް ފަސޭހަ އިނގޭ. ހަޔާތްވެސް އެހާމެ ބާއްޖަވެރިކަމަށް އިހުސާސްކުރެވެނީ. ނަމަވެސް އަދު މިއުޅެން ޖެހުނީ ރާއްޖެ އަކީ އޮތްތަނެއްކަންވެސް ނޭނގޭ ބައެއް ކައިރީ އެހެން މާހައުލެއްގައި. ކޮންމެ އަކަސް ލިޔުން ރަނގަޅޭ ބުނާކަށް ނެތިން. އެހެންނަމަވެސް މިއީ ނަބީލްގެ ލިޔުމެއް ކަން ބުނެލަން ބޭނުން.

  4. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ލިޔުމާ މެދު ދައްކަން ހުރި ވާހަކަތައް މި ތިބަ މީހުންތައް މިއޮށް ދައްލާ ނިންމީ މިހާރު، އެކަމަކު ނަބީލް ގާތު އަހާލާ ހިތްވޭ، މި ލިޔުމުގެ މެދުތެރެ ހަތަރު ވަރަކަށް ޕެރެގުރާފުގައި ނިމޭތާގައި އެ އޮންނަނީ ކޮން ކަހަލަ އިޝާރާތެއްތޯ؟ އޭގެ މާނައަކީ ކޮބައިބާވައޭ މިހިތަނީ!

  5. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    އެބުނާހެން. ވަކަވަލޭ އެބުނީ ރަނގަޅު ވާހަކަ އެއް.އަހަން ވެސް ހިތަށް އަރާތްޕޭ އެކޯޗެއް ބާއޭ.

  6. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ވަރަށް ބިޒީކޮށް އުޅެމުން މަތިމަތިން މި މިކިޔާލެވުނީ، ދެން ފާހަގަކޮށްލެވުނު ތަންކޮޅެއްގެ ވާހަކަ ދަންނަވާލާހިތްވޭ އެބަ ހަމަ! އެއީ ދުނބުރިހުއްތާއި އޭނާގެ ބައިވެރިންނަކީ މޫނަކަށް ކަނދުރާއަކަށް ނުބަލާ އަދަބިއްޔާތުގެ އިސްލާހަށާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާ ޖަމާޢަތަކަށްވާތީ، ދުނބުރިހުއްތުގެ ނަޒަރުގައި ބޮޑަށް ރީތިވީހީ މަތީގައި ވާ ހެޑިންގައި “ބޭބޭ” އަށް ޖެއްސެވުމުގެ ބަދަލުގައި “ބޭބެ”އަށް ޖެއްސެވި ނަމަ، ދެން އެއީ ކުށް ބަހެކޭ ނޫން މި ދެންނެވީކީ!

  7. ސޮފްވަތު މަރުވާން‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ދޮންބޭބެގެ ނަމުގައި ކޮމެންޓްކޮށްފައި އެ އޮތީ، އަހަރެމެންގެ ދޮންބޭބެ ހެނެއް ހިޔެއް ނުވޭ. ދޮންބޭބެ ވާހަކަދައްކައި، ލިޔެ އުޅޭ ގޮތަކަށް ނޫން އެޔޮތީ ލިޔެފައި. ދޮންބޭބެ ދިގު ދަތުރަކު ފުރަން ނުކުންނަމުން އެކަން މިސައިޓްގައި އިއުލާނުވެސް ކުރި. ދަތުރު ނިންމާފައި އެނބުރި އައިސްވެސް އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެނީ!

    ބައެއް މީހުނަށް ނޭނގޭ އަމިއްލަ އަށް ނަމެއްވެސް އީޖާދުކުރަން!

  8. ސޮފްވަތު މަރުވާން‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ބެލެވެނީ އެއީ އިމްލާކުށެއް ކަމަށް. އަސްލު ސައިޓްގެ އެޑިޓަރު(ން) ވާނެ، އިމްލާކުށް ރަނގަޅުކުރަން، ޝާއިއުކުރުމުގެ ކުރިން. ދުނބުރިހުއްތުމެން ތިޔަ ހީކުރިގޮތަށް، އެއީ އަދަބީ ކުށެއް ނޫން. އިމްލާކުށެއް!

  9. އެރިސްޓޮޓްލް‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    “ޝައިޠާނާ އޭނާގެ ބައިގަނޑަކަށް ދަޢުވަތުދީ ގޮވާކަން ކަށަވަރީ ނަރަކައިގެ އަހުލުވެރީންގެ ތެރެއިންވުމަށެވެ” ނަބީލްމެން ކިޔެއްވެގެންބާ މިކަހަލަ ތަންކޮޅު ކޮޅު އެކްސްޕޭންޑް ނުކޮށްލަނީ. ނިކަން ކިޔާދީބަލަ ޝައިތާނާގެ ހަގީގަތާ، އޭނަ އިންސީންނާ އަޅައިގަނެގެން އުޅޭ ސަބަބުވެސް.

  10. DOg‮ ‬ވިދާޅުވީ


    ތާރީޚް:29/05/2009

    ވަރަށް އިބުރަތްތެރި މޮޅު ލިޔުމެއް، އިރާދަ ކުރެއްވިއްޔާ ފަތިސް ނަމާދަށް ހޭލައިގެން ދާނަން،

  11. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    އަޅުގަނޑަށް ހީވަނީ މިސައިޓް މިހާރު މާބޮޑަށް ދީނީވަނީހެން. އަޅުގަނޑުގެ ޚިޔާލުގައި ދީނަކީ އެމީހަކާއި ހެއްދެވި ފަރާތާ ދެމެދުގައި އޮންނަކަމެއް. އެއީ މިގޮތަށް އިޝްތިހާރަކަށް އޮންނަ އެއްޗެއް ނޫން. މިހާރު ބައެއް ބޭބޭފުޅުން އެބަ ވިދާޅުވޭ ދެން ދާނަމޭ ފަތިސް ނަމާދަށް ވެސް. މިއީ އިޝްތިހާރު. ނަބީލަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް އަބަދުހެން ފެންނަނީ ނަބީލްގެ ދީނީ ލިޔުއްވުންތަކޭ. އެނޫން ބާވަތެއްގެ ލިޔުއްވުމެއް ފެންނާނެ ދުވަހަކަށް އަޅުގަނޑު އިންތިޒާރުކުރަން. ދެން އަޅުގަނޑަށް ވެސް ހިއެއްނުވޭ ދޮންބޭބެ ދަތުރަށް ވަޑައިގެން ފަހުން، އެނބުރިވަޑައިގެންނެވިހެންނެއް. އެހެންވީމާ ދޮންބޭބެގެ ނަން ނަންގަވައިގެން އުޅުއްވާ ބޭފުޅާއަށް ވެސް އެކަން ހުއްޓާލެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. މިލިޔުން ކިތަންމެހާ ވެސް ރަނގަޅު. އެކަމަކު ކޮންމެ ކަމަކަށް ވެސް އޮންނާނެ ދެއްތޯ ވަގުތަކާއި ތަނެއް. ދެން އަޅުގަނޑު މިހެން ލިޔުނީމާ، އަޅުގަނޑަކީ ކާފަރަކަށް ހައްދަވައިގެން ނުވާނެ އެއްވެސް ބޭފުޅަކު. މިއީ އަޅުގަނޑުގެ ޚިޔާލެއް ހަމައެކަނި.

  12. އަޅުގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    ހާޝިމް ކަހަލަ ތަޢުލީމީ ބޭފުޅަކު ވިސްނުން ތިޔަ ގެންގުޅުއްވާ ގޮތެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނު. މި ސައިޓުގެ މަތީގައި އެބަހަރި ކެޓަގަރީތަކެއް ކަނޑައަޅާފައި. އޭގެ ތެރޭގައި އެބަހަރި ‘ދީނާއި ދުނިޔެ’ މިހެން ކިޔާ ކެޓަގަރީއެއް ވެސް. އެ ކެޓަގަރީގައި ހުރި ލިޔުންތައް އެހެން ކެޓަގަރީތަކުގައި ހުރި ލިޔުންތަކާ އަޅާ ބަލާއިރު މާ ބޮޑަށް ވެސް މަދޭ ދެންނެވޭނީ. އަޅުގަނޑަށް ފެނުނީ އެންމެ އެކާވީސް ލިޔުން. އެކަމަކު ތިޔަ ވިދާޅުވަނީ މި ސައިޓު މާ ބޮޑަށް ދީނީ ވަނީއޭ.
    އެހެން ތިޔަ ވިދާޅުވީ، ޖެހިޖެހިގެން ދީނީ ދެ ލިޔުން އޮތީމާ ދެއްތޯ؟ އެކަންތައް އޮންނާނީ ލިޔުންތެރިން ލިޔުން ފޮނުވާ ތަރުތީބަކާ ހެން އަޅުގަނޑަށް ހީވާގޮތުން ދިމާވެފައި. ބިލާލް ލިޔުމެއް ފޮނުއްވާފައި ވަނިކޮށް ނަބީލަށް ލިޔުމެއް ފޮނުއްވިދާނެ. ދެން އެޑްމިނުން ޖެހި ޖެހިގެން ވެސް ދެ ލިޔުން ޖަހާފާނެ. އެކަމަކު ސައިޓު މާ ބޮޑަށް ދީނީ ވަނީއޭ ބުނާ ދަރަޖައަކަށް ނުދޭ އެހެންނަމަވެސް. ނަބީލުގެ ލިޔުމަށް ސައުވީސް ގަޑިއިރު ވެސް ހަމަ ނުވަނީސް މިއޮތީ ޝާފިޔާ ގެ އިޖްތިމާޢީ ލިޔުމެއް މިހާރު.
    ދެން އިޝްތިހާރުކުރުމޭ ތިޔަ ވިދާޅުވަނީ އިސްލާމްދީނުގެ މަފްހޫމް ރަނގަޅަށް ވިސްނިވަޑައި ނުގަންނަވާތީ. އިސްލާމްދީނުގައި މުސްލިމުން ކުރުން ވާޖިބުކަމެއް ކުރުމަކީ އިޝްތިހާރުވުމެއް ނޫން. ބަންގި ގޮވީމާ މީހުންގެ ކުރިމަތީ ޖަމާޢަތަށް ދިޔުމަށް ބާރުއަޅުއްވާފައި އޮންނަނީ އެއީ އިޖްތިމާޢީ ގޮތުން ވެސް ވަރަށް ފައިދާ ހުރި އެއްވުމެއް. އިޝްތިހާރުވާން ދިޔުމެއް ނޫން އެއީއެއް. އެހެންނަކުން ނޫން. ދަމުނަމާދުކުރުމާއި ޞަދަޤާތްތައް ގިނަކުރުން ކަހަލަ ކަންކަން ކޮށްފައި މީހުންތެރޭ އެވާހަކަ ދެއްކުމަކީ އިޝްތިހާރުވުން.
    އަދި އަނެއްކަމަކީ ކާކުކަން ނޭނގޭ ގޮތަކަށް ނިކްނޭމެއް ބޭނުންކޮށްގެން އުޅޭ މީހަކު މިވެނިކަމެއް ކޮށްފީމޭ ބުނުމަކީ ތިމާ އިޝްތިހާރުވުމެއް ވެސް ނޫން. މި ސައިޓުގެ އޯޑިއަންސަކީ މުސްލިމުން ދެއްތޯ؟ އެހެންކަމަށް ވާއިރު، މީގައި ހުންނާނެ އިސްލާމީ ގޮތެއް. މީގައި މައްސަލަތަކަށް ހުށަހަޅާ ޙައްލުތަކުގައި ވެސް އިސްލާމީ ރަހަ އެކުލެވޭނެ. މިއީ ހުޅަނގުގެ ޒަމާނީ ވިސްނުމާ ވެސް ފުށުއަރާކަމެއް ނޫން.
    އަޅުގަނޑަށް ހީވަނީ މީހަކު އިސްލާމް ދީނޭ ބުނެލިޔަސް ހާޝިމްއަށް އެބަ އިޙްސާސްކުރެއްވެޔޭ އެއީ ހާޝިމް އާ ޒާތީގޮތުން ޖައްސާލަނީކަމަށް. މިއީ އަޅުގަނޑަށް މިހެން ހީވާތި ވީމާ ހިތުގައި މިކަން ފޮރުވާފައި ނުބާއްވަންވެގެން ބުނެލީ. އެއިރުން ދެއްތޮ ހާޝިމްއަށް ވެސް އެނގިވަޑައިގަންނަވާނީ ހާޝިމްއާ ދޭތެރޭ އަނެކާ ދެކޭ ގޮތް. މިއީ ހިތްބުރަކަމެއް އޮވެގެން ބުނި އެއްޗެއް ނޫން.

  13. މުސްލިމެއް‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    ބައެއް ބޭފުޅުން ނަށް ދީން މި ވިސްނެނީ މާ ހަނިކޮއްހެން އަޅުގަޑަށް ހީވަނީ!އަރަބިވެސް އެނގި ހުރެ ދީން މި ލަފުޒުގެ މާނަ އެނގި ހުރެ އެހާ ހަނިކޮށް ދީނާމެދު ވިސްނީމަ އަޅުގަޑު ވަރަށް ހައިރާންވޭ!ދެން ބަނީ އިސްރާއީލް މީހުން އުޅޭހެން ނޫޅުމަށް އަޅުގަޑު ހާޝިމަށް ގޮވާލަން..!

  14. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    އަޅުގަނޑަށް ވެސް ނަބީލް ގެ މިލިޔުން ކަމުދޭ..މިކަހަލަ ދީނީ ލިޔުން ގިނަކުރަން އަޅުގަނޑު ސަޕޯޓު ދެން!ބައެއް މީހުންގެ ހިތަށް ތަދުވަނީ ކައްނޭގެ ދީނޭ ކިޔާ އިރަށް!

  15. ހިޔަލަ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    ވަރަށް ރީތި ނަބީލް ގެ ލިޔުން ތައް…. ހާޝިމް އަށް ވަރަށް ސަލާމް……

  16. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    ”އަޅުގަނޑު” ނަމުގައި ކޮމެންޓް ކުރައްވާފައިވާ ބޭފުޅާ ވިދާޅުވެފައިވާ އެއޗަކަށް އަޅުގަނޑުވެސް ތާއީދުކުރަން. ހާޝިމު ކަހަލަ މަތީތަޢުލީމު ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅަކު ދީނާދޭތެރޭގައި ލިޔެފައިވާ މިކަހަލަ ލިޔުމަކަށް ތިޔަގޮތަށް ކޮމެންޓްކުރެއްވީތީ އަޅުގަނޑުވެސް ހިތާމަކުރަން. އަޅުގަނޑުގެ ހަނދާން ބަލިކަމުގައި ނުވަނީނަމަ، އަޅުގަނޑަށްހީވޭ މީގެ ކުޑަދުވަސްކޮޅެއްކުރިން ހާޝިމު ކުރެއްވި ކޮމެންޓެއްގައި ތިމަންބޭފުޅާޔަކީ ޢަރަބިބަސްވެސް ކޮންމެވެސް ވަރަކަށް ދެނެވަޑައިގަންނަވާ ބޭފުޅެކޭ ވިދާޅުވިހެން. އެހެންކަމުގައިވަނީނަމަ ހަމަގައިމުވެސް ޤުރުއާނާ، ޙަދީޘް ތަކުގައިވާ އެއްޗެއް ފަސޭހައިން ފަހުމްވެގެންވެސް ދީނަށް އޮތްލޯބި އިތުރުވެގެންދާނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވެނީ. އެކަމަކު އޭގެ އިދިކޮޅު ފެންނަމުން މިދަނީ. ވަރަށްވެސް ހިތާމަހުރިކަމެއް.
    ދެން ނަބީލްގެ މިތަރުޖަމާގައި މިވަނީ ވަރަށްވެސް ޢިބުރަތްތެރި ވާހަކަތަކެއް. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބޭފުޅުންނަށް އެނަމާދަކާދޭތެރޭ އެންމެ ފަރުވާކުޑަކުރެވޭ ނަމާދަކީ ދަރުމަޔާ ޘަވާބުގެ ގޮތުން އެންމެ އިތުރުކަން ބޮޑުވެގެންވާ ނަމާދުތަކުގެ ތެރޭގައި ހިމެނޭ ފަތިސްނަމާދު.

  17. ފު‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    ދީނަށް ވުރެ ބޮޑަށް އޭނާ ލޯބިވެ ލޭކެކޭ އެމްޑީޕީއާމެދު

  18. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    އިރުގެ އަލި އޭގެ އަލިކަން ދުނިޔަށް ދޭ ވަގުތު އެއާ ދެކޮޅަށް ކުއްތާއެއް ވައް ވައް ޖެހުމަކުން އެ އަލިކަމަކަށް ފަނޑު ކަމެއް ނާންނާނެއެވެ. މި ލިޔުމަށް ނަފުރަތު ކުރި އެންމެންވެސް ﷲގެ ހިދާޔަތް ހޯދަން މަސަކަތް ކުރާނެ ކަމަށް އުއްމީދު ކުރަން. އަދި ނުބައި ކަމާ ދުނިޔެއަށް ގޮވާލާ ނަފްސަށްވުރެން އެމީހުންގެ ބުއްދި ކުރިއަށް ޖެހިލާނެ ކަމަށްވެސް އުއްމީދުކުރަން.

  19. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    އެއްވެސް މީހަކު ބުނެލަ ދީފާނަންތަ މި މަޝްހޫރު ހާޝިމްގެ ނަމަޢި އެޑރެހާ….ބައްދަލު ކޮށލަންވެގެން…

  20. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    “އަޅުގަނޑު” ގެ ނަމުގައި ކޮމެންޓް ކުރެއްވި ބޭފުޅާގެ ކޮމެންޓަކީ ވަރަށް ރަނގަޅު ކޮމެންޓެއް. އެކޮމެންޓްގައިވާ ކޮންމެ ލަފްޒެއް ވެސް އަޅުގަނޑު ބަލައިގެންފިން. އެގޮތަށް ޒާތީ ނުވެ ކޮމެންޓްކުރައްވަން ހުރިހާ ބޭފުޅުން ވެސް ދަސްފުޅު ކުރައްވާނެކަމަށް އުންމީދުކުރަން. “އަޅުގަނޑަށް” ޝުކުރު ދަންނަވަން.

    ދެން “އަހަރެން” އަށް ދަންނަވާލާނީ، ގަޅިބެއަށް ވެސް ދެންނެވިހެން. އަޅުގަނޑާއި ބައްދަލުކުރެއްވޭނެ ގޮތަކީ، އެޑްމިންއަށް އީމެއިލް ކުރައްވާ. އަޅުގަނޑު ދަންނަވާނަން އެޑްމިން އަށް އެ އީމެއިލް އަޅުގަނޑަށް ފޯވަރޑް ކުރައްވާށޭ. އޭރުން އަޅުގަނޑު އެއަށް ޖަވާބު ދޭނަން. އޯކޭ؟