Share

ލޯބިވެވޭ ވަރަށްވުރެ ފަލަވުމުން…

ލޯބިވެވޭ ވަރަށްވުރެ ފަލަވުމުން…
އިބްރާހީމް ޔޫސުފް (ޔޫސުފް)

ލިޒް އާއި ޑެނީ އެތައް ދުވަހަކު ލޯބިވެރިންގެ ގޮތުގައި އުޅުމަށްފަހު ކައިވެނީގެ ގޮށްޖަހާލީ މީގެ ބަރާބަރު ދިހަ އަހަރު ކުރިންނެވެ. ދެމީހުން ބައްދަލުވީ، ރެސްޓޮރަންޓަކުންނެވެ. އެދުވަހު ދެމީހުން ތިބީ ދުރުގައި ހުރި ދެ މޭޒުގައެވެ. ނަމަވެސް ހަތަރުކަޅި ހަމަވުމާއި އެކު އެކަކު އަނެކަކަށް ހިތްދެވިއްޖެއެވެ.

އޭރު، ޑެނީއަކީ، ހެދިހުރި އިސްކޮޅަށް، ރީތި ހަށިގަނޑެއްހުރި ޒުވާނެކެވެ. މޭމަތި ފުޅާވެފައި، ބަނޑެއްނެތެވެ. ލިޒް އަކީ ލޫޅާފަތި އަބަދު މަޖާނަގާ ހަރަކާތްތެރި ޒުވާން އަންހެނެކެވެ. ފުރަތަމަ ފެނިލުމާއެކު އެދެމީހުންގެ ޖިސްމާނީ ސިފަ، އެމީހުންގެ ހިތް އެކަކު އަނެކަކަށް ހަދިޔާކުރުވަން މަޖުބޫރުކުރުވައިފިއެވެ.

ކައިވެނީގައި، ދިހަ އަހަރު މާޒީވެގެން ދިޔައީ ލޮލުގެ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. މިހާރު، ލިޒްގެ ޢުމުރުން 41 އަހަރެވެ. އޭނާގެ ހަށިގަނޑަށް ބަދަލެއް ނާދެއެވެ. އަދިވެސް ހަމަކުރީގެ ލޫޅާފަތިކަމެވެ. ޑެނީގެ ޢުމުރުން މިހާރު، 46 އަހަރެވެ. ނަމަވެސް ޑެނީ އެއީ މިހާރު ކުރީގެ ޑެނީއެއް ނޫނެވެ. ކުރީގެ ހިނދި ބަނޑު، މިހާރު ހީވަނީ ލޭނު ބޮތްކެއް ހެންނެވެ. މޭމަތީގައި މަހާއި ސަރުބީ ޖަހައިފިއެވެ.  މިހާރު އެއީ، ކުރިއަށްވުރެ އެތައް ގުނައެއް ބަރު ޑެނީއެކެވެ.

ލިޒްއަށް މިހާރު، ޑެނީގެ ސިފަހުރިގޮތް އެއީ، ‘ބޮޑުވަރަކަށް’ ވެއްޖެއެވެ. ޑެނީގެ ހަށިގަޑުން ޝައުގުވެރިވާފަދަ އެއްވެސް ސިފައެއް އޭނާ އަކަށް މިހާރު ނުފެނެއެވެ. ޑެނީ އާއި އެއްކޮށް ތަންމަތީގައި އޮވެލުމަކީ ލިޒް، ކުރާހިތްވާ ކަމަކަށް މިހާރަކު ނުވެއެވެ. އޭނާ ޑެނީއާއި މެދު ފަޚްރުވެރިއެއް މިހާރަކު ނުވެއެވެ. އަނެއްކޮޅުން، ޑެނީ ވެސް މިހާރު ހުންނަނީ ހިތްހަމަޖެހިފައެއް ނޫނެވެ. ރުންކުރުވުން އާންމުވާން ފަށައިފިއެވެ.

” ތެދަށް ބުނަންޏާ ބުނެވޭނީ ޑެނީ، އެއީ މިހާރު އަހަރެންނަށް އެއްގޮތަކަށްވެސް އިންޓަރެސްޓިންގް ( ޝައުގުވެރިވާފަދަ) މީހެއް ނޫނޭ. އޭނައާއި އެކު ކޮޓަރި ދޮރުލައްޕާ ހިތެއް މިހާރަކު ނުވޭ. ވަރަށް ދެރަވޭ މިހެން ބުނަން”  ލިޒް، ޑެނީ އާއި މެދު މިހާރު ބުނަނީ މިހެންނެވެ.

ލިޒް މިހާރު ނިންމައިގެން ހުރީ، ޑެނީ އޭނާގެ ހަށިގަނޑު، ލޮލަށް ފަސޭހަ، ލުއި، ބައްޓަމަކަށް ބަދަލުނުކޮށްފިނަމަ، ޑެނީގެ ހަޔާތުން ނުކުންނާށެވެ. ލިޒްއަށް މިހާރު، ގަބޫލްކުރެވިފައިވަނީ  ޑެނީ، އޭނާގެ އަމިއްލަ ސިފައާއި މެދު، ކުރިއަށް އޮތް ތާނގައިވެސް  ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ.

****

ޑޮކްޓަރު ލައުރާ ޓްރިޕްލެޓް އަކީ، ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީ-ފުލާޓޮން ގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ. އޭނާ ދިރާސާކުރަނީ، ހަށިގަނޑުގެ ސިފައާއި އޭގެ ސަބަބުން ނުކުންނަ އިޖްތިމާޢީ މައްސަލަތަކާއި ބެހޭގޮތުންނެވެ. ޑޮކްޓަރު ލައުރާގެ ހޯދުންތަކުން، އޭނާއަށް އެނގިފައިވަނީ، ޚާއްޞަކޮށް ޢުމުރުން ވިހީގެ އަހަރުތައް ގުނަމުންދާ އަންހެނުން، އެމީހުންގެ ޚިޔާލުގައި ސިފަކޮށް ކުރަހާލާފައިވާ، ފިރިހެނުންގައި ހުންނަންވާ ޖިސްމާނީ ސިފަ ނުހުންނަ، ފިރިންނާއި އެކު ކޮޓަރީގެ ދޮރުލައްޕައި ތަންޑު އަޅުވާލުމަށް، އިންކާރުކުރާކަމެވެ. ފިރިމީހާ އާއި އެއްކޮށް އެނދުގައި އޮށޯވެލަން ފޫހިވާކަމެވެ.

ކަންހިނގާގޮތް ބުނެދިނުމުގެ ގޮތުން ޑޮކްޓަރު ލައުރާ ބުނެފައިވެއެވެ. ” ގިނަ ފަހަރަށް މިފަދަ އަންހެނުން ފިރިމީހާއަށް މުހުލަތެއް ދޭނެ. މިސާލަކަށް ބުނެފާނެ،  ޖޫން މަސް އަންނަންވާއިރަށް ކަލޭ ވާނެއޭ ހަށިގަނޑު މިގޮތަށް ބަހައްޓަން! ދެން ދީފާނެ، އެމީހުންގެ ޚިޔާލީ ފިރިހެން ސިފަތައް ހުރި މީހެއްގެ ފޮޓޯ!”

****

މޭރީ ޖޯ ރަޕިނީ އަކީ، ސެކްޝުއަލިޓީއާއި އިންޓިމޭސީ ގެ ރޮނގުން ތަޚައްޞުސްވެފައިވާ ސައިކޯތެރަޕިސްޓެކެވެ. ޖިންސްގެ ތަފާތު މައްސަލަތަކަށާއި، ދެޖިންސްގެ މެދުގައި އޮންނަ ގުޅުމާއި ބެހޭ ފަންނުވެރިއެކެވެ. އޭނާ، ބުނާގޮތުންނަމަ، ފިރިމީހާގެ ގައިގައި ސަރުބީއާއި ލޮކިމަސްޖަހައި ހިތްދަމައިގަންނަ ގޮތް ކެނޑެން ފެށީމައި، އަންހެނުންނަށް އެކަން ތަރުޖަމާކުރެވެނީ އެއީ، ފިރިމީހާ، އޭނާދެކެ ލޯބިނުވާކަމުގެ ހެއްކެއްގެ ގޮތުގައެވެ.މޭރީ ޖޯ ރަޕިނީގެ ނަޒަރުގައި، ހުރިހާކަމެއް އަމިއްލަ ނަފުސަށް ރައްދުކުރުން އެއީ، އަންހެނުންގެ ސިފައެކެވެ.

ފިރިމީހާގެ ބަނޑުގައި ސަރުބީޖަހައި ސިފަގެއްލެން ފެށުމާއި އެކު ފުރަތަމަ އަންހެނުން ކުސްތަޅަން ފަށާކަމަށް ސައިކޯތެރަޕިސްޓް، މޭރީ ޖޯ ރަޕިނީ ބުނެއެވެ. ” ހިނގާ ދާން ހިނގަން. ޖިމްއަކަށް ދާންވީނު” މި މޭރުމުން، އަންހެނުން ފިރިމީހާއަށް ޚިޔާލުދޭން ފެށުމަށް ފަހު ދެމީހުނަށް އެއްބަސް ނުވެވޭތަން އަންނަން ފެށުމާއި އެކު، އަންހެނުން ގަބޫލުކުރަނީ، ފިރިމީހާ، އޭނާގެ އިޙްސާސްތަކަށް އިހްތިރާމް ނުކުރާމަށެވެ.

****

ސަބީން، އޭނާގެ ފިރިމީހާ ފަލަވާން ފެށުމާއިއެކު، އޭނާއާއި އެކު ތަންމަތި ޙިއްސާކުރުންމަތިން ފޫހިވެ، އެންމެ ފަހުން އެކަންކުރުން ހުއްޓާލިއެވެ. ފިރިމީހާއަށް ހަށިގަނޑާއިމެދު، ވިސްނާލެވުނުއިރު ވާނެ ދޮނެއް އޮތީވެ ނިމިފައެވެ. ސަބީން ދޮރުޖަހާފައި އޭނާގެ ދިރިއުޅުމުން ނުކުމެގެން ގޮސް އޮބައިފިއެވެ.

****

ވެރޮނިކާ މޮނެޓް އަކީ ޖިންސާއި ބެހޭ އިލްމުވެރިއެކެވެ. އޭނާ ބުނާގޮތުން، އިންސާނުންނަކީ، ލޮލަށް ހިތްފަސޭހަކަން ގެނެސްދޭ މަޚްލޫޤުން ތަކެއް ކަމަށާއި ރީތިކަން ފެނިފައި އަހަރެމެންގެ ޖަޒްބާތުތައް އުތުރިއަރަން ފަށާނެކަން މީހުންނަށް ގަބޫލުކުރެވި، ތިމާގެ ލޯބިވެރިޔާއަށްޓަކައި ނަމަވެސް ހަށިގަނޑަށް ސަމާލުކަން ދިނުމުގެ ފޯރި އުފެދުން އެއީ، ހޮޔޮ ފާލެކެވެ.

ނަމަވެސް، ދެމަފިރިން ބައިވެރިވެގެން އެކަކު އަނެކަކަށް ހޯދައިދޭންޖެހޭ އުފާތައް ހާސިލްކޮށް ދިނުމަށް ފަސްޖެހި، ކޮޓަރީގެ ބޭރު ދޮރު ދޮށުގައި ހަޔާތުގެ ބައިވެރިޔާ ބެހެއްޓުން، އެއީ ވެރޮނިކާ މޮނެޓްގެ ނަޒަރުގައި ދެމީހުންގެ ގުޅުން ނުބައި މިސްރާބަކަށް ގެންދާނެކަމެކެވެ. މޮނެޓް އިރުޝާދު ދެނީ ކުރިމަތިލުމުގެ ބަދަލުގައި ރަޙްމަތްތެރި ކަމާއި ލޯތްބާއި އެކު ތިމާގެ އިޙްސާސްތައް ޙަޔާތުގެ ބައިވެރިޔާއަށް ކިޔައި ދިނުމަށެވެ.

” ތިޔަގޮތެއް އަހަންނަކަށް ރަނގަޅެއް ނޫން. އަހަންނަށްޓަކައި ކަލޭ ތިޔަގޮތް ބަދަލުކޮށްލަދީފާނަންތަ؟ އަހަރެން ވަރަށް އުފާވާނެ ކަލޭ އަށެއްކަ ކިލޯ ލުއި ކޮށްލައިފިއްޔާ! ” މި ފަދަ ގޮތަކަށް ހަޔާތުގެ ބައިވެރިޔާގެ ހަށިގަނޑާއިމެދު، އޭނާ  ސަމާލުކުރުވުން މާ ބުއްދިވެރި ކަމަށް ވެރޮނިކާ މޮނެޓް ދެކެއެވެ. ސަބަބަކީ، ފިރިމީހާއަށް ލިބޭނެ އެންމެ ބޮޑު އިނާމަކީ އަންހެނުންގެ ރުހުމެވެ.

****

ކޮޓަރީގެ ބޭރު ދޮރުބުޑުގައި އެއްރޭ ނަމަވެސް ހޭދަކޮށްލަންޖެހުމަކީ ދިލަގަދަ ކަމެކެވެ. އަވަހަށް ޓެނިހަށް އަރާފައި، ބަނޑުހިނދަން ދުއްވައިގަންނާށެވެ. ފަސްދީ އޮބަމުންދާ ޒަވާޖީ ޙަޔާތް އަތުލެވޭނީ އޭރުންނެވެ.

———–

ނޯޓް: މިލިޔުން ލިޔުމުގައި ޓޯބީ އެލްކިންގެ ލިޔުމަކުން ވަރަށް ގިނަ މައުލޫމާތު ނަގާފައިވާނެއެވެ.

‮ ‬29‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    އާނ. އެކަމަކު މަންޖެމެނަށް ނިކަން ކަމުދޭ ފަލަކޮށް ތިބޭ މީހުންވެސް. ދެން ނޭނގެ ދޯ.

  2. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ޔޫސުބާ ލިޔުން ފައްކާ އިނގޭ، ދެން ޔޫސުބު އެ ދެއްކި ގޮތަށް ބިއްލޯ ރެލީ ވެސް ހެކި ދެއްކީމަ މަ ގަބޫލުކުރާނީ، ތިހެން އަދި މަންޖެމެނޭ ކިޔާފަ ހަމަ ބުންޏަކަސް ގަބޫލެއް ނުކުރެވޭ، މިއީ ދިރާސާގެ ޒަމާން!

  3. ރަޝީދު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ޔޫސުބާ! އަހަން މިއުޅެނީ ބަރުވާތީ! މިހާރު 74 ކިލޯއަށް އަރައިފި! އަހަން ގޯތި މީހަ އަދި ނުބުނޭ ބަރެކޭ! ނިކަން ފަސޭހައިން ކޮށްލާނެ ރަނގަޅު ކަސްރަތެއް ބުނެލަ ދީބަލަ! ޔޫސުބާ…

    ދުވަން ދާކަށް ނުކެރޭނެ އެކަންޏަކު!

  4. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މަ އެބަ ހިތަމޭ މަ ގޯތި މީހަ މަ ދެކެ ފޫއްސެއް ވެސް ނުވިޔޭ، މިހާރު މި އެނގުނީ މިހެން އަބަދު އެއް ހަމައެއްގައި އެއް ވަޒަނަކަށް ހުރެވޭތީކަން، އާނ އެއުޅެ ފެންނަ ނަލަ މޮހޮޮންމަދުމެން ކިޔާނެ ދެން އަނެއްކަ މިހެން ބުނީމަ އެމީހަ ރުޅިވެސް އަތުވެދާނެ.

  5. ރަށުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ދެން ހަމަ، ފަލަވެގެން އެބާނާގޮތަށް ‘އަނެއްހެން’ ވެދާނެބާ؟ އަހަރެންގެ ވެސް ބަނޑެއް އެބަހުރި. ގޯތިމީހަ ބުނޭ ރީއްޗެއް ނޫނޭ! އެޔަށްވުރެ އިތުރަކަށް ނުބުނޭ.

    އެބުނާހެން، މި ބަނޑު ހިންދާލަން އަވަސް ގޮތެއް ބުނެދީބަލަ! ޔޫސުބްވިޔަސް ހެޔޮ!

  6. ފުލެޓު ބަނޑު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މަ ބަނޑު ހުންނަނީ ހަމަ ފުލެޓު ކޮން! މަސްގޮނޑިއެއްހެން ހަމަ ހީވަނީ! އަންހެންކުދިންނަށް ނިކަން ކަމުދާނެ މިހެން ހުރީމަ!

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މިތަނުގައި ކޮމެންޓްކުރައްވާ ބޭބޭފުޅުން ގެންގުޅުއްވާ ޑަބަލް ސްޓޭންޑަޑާ ހުރެ އަޅުގަނޑު ހަމަ އަންތަރީސްވޭ. މިއޮތީ ކާފަރުންގެ ރިސާޗެއް. އެކަމަކު މިއާ އެބަ އެއްބަސްވެވަޑައިގަންނަވާ އެންމެ ބޭފުޅުން. މިހާރު ކޮބައިތޯ ތިބޭފުޅުންގެ ދީން. ކީއްވެތޯ ދީނުގައި އޮންނަ އުސޫލު ޕްރޮމޯޓް ނުކުރައްވަނީ؟ ކީއްވެތޯ ދީނީ ނަޒަރަކުން މިކަމާ އަލިއަޅުވާނުލައްވަނީ؟ ކީއްވެތޯ އެއްވެސް ބޭފުޅަކަށް މިތަނުގައި ދީނުގައި އޮންނަ މާތް ﷲ އެންމެ ނުރުއްސަވާ ހުއްދަ ކަމަކީ ވަރިއޭ ވިދާޅުވާން ކެރިވަޑައިނުގަތީ؟ ކީއްވެތޯ، “އިންނައް ﷲ ލާ ޔަންޒުރު އިލާ ސުވަރިކުމް، ވަލާ އަޖްސާމިކުން، ވަލާކިން ޔަންޒުރު އިލާ ޤުލޫބިކުން ވައަޢުމާލިކުން” (މާތް ﷲ ތިޔަބައިމީހުންގެ ސޫރަތަކަކަށް، ނަފްސުތަކަކަށް ބައްލަވާ ވޮޑިއެއް ނުގަންނަވައޭ، އެހެނެއްކަމަކު އެކަލާނގެ ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއިޢަމަލަތަކަށޭ) އެއްވެސް ބޭފުޅަކަށް ލިޔުއްވަން ކެރިވަޑައިނުގަތީ؟ ކީއްވެތޯ ހުޅަނގުގެ މާއްދިއްޔަތުގައި ތިބޭ އަންހެނުންގެ ވާހަކަތައް އަޅުގަނޑުމެން ޕްރޮމޯޓްކުރަން މިދޫކޮށްލީ؟ އެއްކަލަ ވަކަވަލޭ އަށް ވެސް މިލިޔުއްވުން މިވީ “ވަރަށް ފައްކާ” ލިޔުއްވުމަކަށް. ޑަބަލް ސްޓޭންޑަޑް ގެންގުޅުއްވުމުގައި ދެން ޙައްދު ފަހަނަ އަޅާފައި މިވަނީ ކުޑަކޮށެއް ނޫނޭ މިބޭބޭފުޅުން.

  8. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ޔޫސުބާ ލިޔުމުގަ ތިއޮތީ ހަމަ ބައެއް ފަހަރަށް ކަންތައް ވާ ގޮތެއް! އެކަމަކު އަޅުގަޑުގެ ނަޒަރުގަ މި ކަމުގެ ވެސް ހަގީގީ ހައްލު ވަނީ މާތް ވެގެންވާ އިސްލާމް ދީނުގަ! ދީނުގެ އެއް ބަޔަށް އީމާން ވެވޭތީ ދިމާވާ ކަމެއް މީ! އަހަރެމެން އީމާން ވާން ވީ ހަމަ އެކަނި ދީނުގެ އަޅުކަމުގެ ބަޔަކަށް ނޫން’ދީނުގަ އެބަ އޮތް ކެއުން ބުއިން ވެސް ބަހައްޓަން ވީ ގޮތް’ އެގޮތައް ކެއުން ބުއިން ބަހައްޓާ ނަމަ ހިޔެއް ނުވޭ މި މުސީބާތާ ކުރިމަތި ވާނެ ހެނެއް އަޅުގނޑަކަށް!ދެން އަނެއްކަމަކީ ބައެއް މީހުން މި ލޯބިވަނީ މީހާގެ ސޫރަ ދެކެ! އެކަހަލަ މީހުނަށް ވާނެ ގޮތަކީ މީހާ މުސްކުޅި ވީމަ ނުވަތަ ސިފަ ގެއްލުނީމަ އެމީހަކު ދެކެ ލޯތްބެއް ނުވާނެ!އެހެން ވީމަ އަޅުގަނޑު ދެކޭ ގޮތުގަ މިހުރިހާ ކަމެއްގެ ހައްލުވެސް ލިބޭނީ ދީނަށް އެއްކޮށް އީމާން ވެވިގެން! ޝުކުރިއްޔާ ޔޫސުބާ

  9. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އަދި އެއްވާހަކަ ހާޝިމަށް…ހިޔާލު ފާޅު ކުރާއިރު ބަޔަކު ޒާތީ ވިޔަސް ޒާތީ ނުވުމަށް އެދެން! އަދި އެހެން ބޭފުޅުންގެ ކިބައިން ވެސް މިކަމައް އެދެން! ޝުކުރިއްޔާ

  10. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ވަރަށް މާފާ އެކު އަދިވެސް އެއްވާހަކަ ބުނެލާނަން..ޙަދީޘް އެއްޗެހި ލިޔުއްވާ އިރު ހަދީޘް ގެ ނައްސު އަރަބި ބަހުން ލިޔުއްވުމަށް ދައްނަވަން..!ހާޝިމަށް ވެސް އެނގޭނެ ފަދައިން އަރަބި ބަހަކީ އޭގެ އަކުރެއް ފިއްޔެއް ބަދަލުވިޔަސް މާނަ ބަދަލުވާ ބަހެއް! ދޯ

  11. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ދިރާސާތަކުން ދައްކާގޮތުގައި ހިތުގެ ބައްޔާ، ލޭމައްޗަށް ދިއުމާ، ހަކުރުބަލިފަދަ ބަލިތައް ޖެހެން މެދުވެރިވާ އެންމެ މުހިއްމު އެއްސަބަބަކީ، ހަށިގަނޑުގެ ޙަރަކާތްތައް (ފިޒިކަލް އެކްޓިވިޓީސް)މަދުވުން. ވުމާއެކު ކަސްރަތަކީ މިދެންނެވި ބަލިތަކުން ދުރު، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ވަރަށް މުހިއްމު ބައެއް އަދާކުރާ އެއްޗެއް. ޑޮކްޓަރުން ހާމަކުރާ ގޮތުގައި ކޮންމެ މީހަކަށްވެސް ގާތްގަނޑަކަށް ހަފްތާއަކު 3 ދުވަހު، 20 މިނިޓާ 30 މިނިޓާ ދެމެދުގެ ވަގުތުކޮޅެއްގެ ކަސްރަތު ބޭނުންވޭ. މީގެ ސަބަބުން ހަށިގަނޑަށް ދިރުންގެނެސް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ފުރުޞަތު ބޮޑުވޭ. ޔޫސުބުގެ މިލިޔުން ހަމަ ރަގަޅު. ދެން ހާޝިމުމެން ކަހަލަ ބޭފުޅުންނަށް މިކަހަލަ ބިނާކުރުވަނި ތަރުޖާއެއްނަމަވެސް ލިޔެލަން ނޭނގޭތީ، ދީނޭ، މިއްލަތޭ އެވިދާޅުވަނީ. ކޮންމެ ބޭފުޅަކަށްވެސް އެނގިލައްވާނެ ދީނުގައިވަނީ ހުރިހާ ކަމެއްގެ ވާހަކަވެސް ބަޔާންކުރައްވާފައިކަން. ދެން އަނެއްކާ ޤަމާރު ބުނާހެން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ކީރިތި މާތް ނަބިއްޔާގެ ޙަދީޘްތައް ޢަރަބި ބަހުން ލިޔުއްވުން އެއީ ހަމަ އެއްމެ ރަގަޅު ގޮތަކީ. އެވަރުވެސް ހާޝިމު ދެނެވަޑައިނުގަންނަވާނީހެން ހީވަނީ. ކޮމެންޓުކުރައްވާ ބައެއްބޭފުޅުން ވިދާޅުވާހެން ހާޝިމުއަކީ ހަމަ އެބުނާ ހެން ރނ އދރ އެއްތަ އަނެއްކާ؟

  12. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ކާފަރުންގެ ރިސާޗް ޤަބޫލުކުރުމަކީ މައްސަލައެއް ނޫން. ކާފަރުން ބޭސްފަދަ އެއްޗެހި ކިޔަވައިގެން ޑޮކްޓަރަކަށްވެގެން އައުމުން އެމީހުން ކައިރިއަށް ގޮސް ބޭސްކުރުމަކީވެސް މައްސަލައެއް ނޫން. ދެން އަހަރެން ބުނަން އޮތީ ކޮންމެ ކަމަކާއި މެދު ދީނީ ނަޒަރުން އަލި އަޅުވާލެވޭ ފެންވަރެއްގެ މީހުނެއް ނޫނޭ މި ސައިޓަށް ލިޔާ ހުރިހާ އެންމެނަކީ. ދީނީ ވާހަކަތައް ރަނގަޅަށް ނޭނގެންޏާ ދެއްކުމަކީ ޙިކްމަތްތެރި ގޮތެއް ނޫން. ޤަމާރު މިހާރު މި ކަމާމެދު ބުނަންވީ ވާހަކަ ބުނެފި.

  13. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    “އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ކީސާއެއް ނުފުރައެވެ.” މިހެން އޮންނަ ޙަދީޘެއް ފެނޭ ކުރީގެ ފޮތްފޮތުން، ދެން އަހަރެމެން އިސްލާމުން ކާންވާނީ ހިތުގެ ތަސައްވަރުގައި ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާވަރަށް، އަހަރެމެން ވާންވާނީ ބަނޑުހައިވުމުގެ ކުރިން ނުކާ އަދި ކަނީ ނަމަ ބަނޑުފުރި މަތިން އަރެމުގެ ކުރިން ހުއްޓާލާ ބަޔަކަށް،

  14. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ހާޝިމް ތިބުނީ ރަނގަޅަށް، މަ ވެސް ގުރޭޑު ދިހައެއްގަ ކިޔެވި އިރު އެނގިފަ އޮތީ ވަރިއަކީ ޙަލާލު ކަންކަމުގެ ތެރެއިން މާތްކަލާނގެ އެންމެ ނުރުއްސަވާ ކަމަކީ ވަރިކަން، އެހެންވެ އެ ވަރިއާ ދިމާއަށް ގެންދާ ސަބަބެއް ހާމަކޮށްފައި ދެން ހަދަންވީ ގޮތް ބުނެދީފައި، ވަރި މަދުކުރަން ބާރު ލިބޭ ގޮތަށް މި ލިޔުން އޮތް ކަމަށް ފެންނާތީ މަ ބުނީ މި ލިޔުން ފައްކަލޭ، ހާޝިމް ރުޅި އައިސް ހުންނާތީ ވަރަށް ދެރަވޭ، މިއީ ދެން ހަމަ އެކަކު އަނެކަކަށް ޚިޔާލު ބަދަލުކޮށްލާ، މަޖާޚޮށްލަނީ ވިއްޔާ،

  15. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ދީނަކީ ދެން ބަޔަކު ހިތުން މާ ހަނި އެއްޗެއް. ނަބީލް ލިޔުއްވާފައިވޭ މި ސައިޓްގައި، ކުކުޅު ރިހައިގެ ވަހަކީ މީރު ވަހެކޭ، ނަމަވެސް އަމިއްލަ ގައިން އެވަސް ދޮވީމަ ކަމަކު ނުދެޔޭ…( މިކަހަލަ ގޮތަކަށް). ވެސްޓާން ކަލްޗާ ވެސް ކަމުނުދަނީ އަހަރެމެނަށޭ، އެމީހުނަށް ރަނގަޅޭ. ގެ ކައިރި އަށް ދޮންވެލި އަޅަން ކަމުދޭ، ނަމަވެސް ކަޅުވެލި ވެސް އެވެއްޔަށް އެވެލީގެ ގޮތުގައި ހަމަ ރަނގަޅޭ. ރަށުން އިހަށްދުވަހު އެފެނުން ހަރުފަ ވެސް އެހަރުފައަށް ހަމަ ރަނގަޅޭ، ހުތުރެއް ނޫނޭ. އަދި ބަލާލަމާ، ޞަހާބީންގެ ޒަމާނުގައި އަވަށްޓެރިންނަށްވެސް ޔަހޫދީ ތިބޭ، ނަމަވެސް އެބޭކަލުން، އޭނަ ކާފަރަކަށް ވީތީ ބާކީ ކޮށްލާފައެއް ނެތް. ކާފަރުންވެސް ދެކޮޅަށް އައިމަ އެމީހުނާ ހަނގުރާމަވެސް ވާޖިބުވަނީ. އަލްބަރޓް އައިންސްޓެއިން، އެއީ ޔަހޫދީންގެ ޒައަނިސްޓެއް، މިހެން ގޮސް ކިތައް މީހުން ތޯ؟ ހަމަ އެމީހުނަށް ހައްޤު މަގާމް ދޭން ޖެހޭނީ. ހިޓްލަރަކީ އޭތިއެސްޓެއް. އެކަމަކު ކޮންމެ އޭތިއެސްޓަކަށް އެއްލޮލަކުން ބަލައިގެން ކަމަކު ނުދާނޭ. ރަސޫލު ޒަމާނުގައި ކާފަރުންނާވެސް އެބަހުރި ހަނގުރާމައިގެ މުއާމަލާތު ހަދާފައި. ޔަހޫދީންނާއި ނަސާރާ އަންހެނުންނާއި އަހަރެމެން ފިރިހެނުންނަށް ކައިވެނިވެސް ކުރެވެޔޭ. ދެން ދީންވެސް މާ ހަނިކޮށްލަނީ އޭ ތިޔަ…

  16. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އާނ، މިހާރު ރަނގަޅޭ. އެންމެ ފުރަތަމަ އެންމެ ބޭފުޅުން ވިދާޅުވީ ކަންކަމުގެ ޙައްލު އޮންނާނީ އިސްލާމްދީނުގައޭ. އިސްލާމީ އެޕްރޯޗޭ އެންމެ ރަނގަޅުވާނީ. އޭރު އަޅުގަނޑު އެނޫން ގޮތަކަށް ދެންނެވީމާ އަޅުގަނޑު ވަރުގެ ލާދީނީ މީހަކު ނެތިފައި ހުރީ. ދެން ނިކަން ބައްލަވާ މިޖެހުނީ ކާފަރުންގެ ރިސާޗަކާ، އެއަށް ވުރެ ވެސް ބިރުވެރިކަމަކީ، މިއީ މާއްދީ ނަޒަރުން، ކައިވެންޏާ މެދު ބެލެވިފައިވާ ލިޔުމަކަށް ވީތީ. އުސޫލެއްގެ ގޮތުން، އަޅުގަނޑު ވެސް ޤަބޫލުކުރާ އެއްޗެހި އޭގައި އެހެރީ. އެހެންނަމަވެސް، މިތާ ކޮމެންޓްކުރައްވާ ބޭފުޅުން ދީނުގައި ހިފަހައްޓާ ކަމަށްވަންޏާ، އަޅުގަނޑަށް ވުރެ ކުރިން އެކަން ފާޙަގަ ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެބޭފުޅުން ވިދާޅުވާން ޖެހޭނެ ތިޔަހާ މާއްދިއްޔަތަށް ބަރޯސާކުރެވިފައިވާ އެއްޗެއް ނޫނޭ އިސްލާމްދީނުގައި ކައިވެންޏަކީ. މީހާ ފަލަވެގެން ތިމާގެ ފިރިމީހާއާއި ދަރިންނާއި ދޫކޮށް ދިޔުމަކީ އިސްލާމީ އުސޫލެއް ނޫނޭ. މިލިޔުމުގައި ހަމަ ސީދާ އެވަނީ އެކަން ޖަސްޓިފައި ކުރެވިފައި. އެހެން އޮއްވާ ވެސް މިވަރުގެ ފައްކާ އެއްޗެއް ބައެއް ބޭފުޅުންނަކަށް ނެތް. ހެއްވާ ކަމަކީ، އެއީ ދީނޭ ވިދާޅުވެ މިތާ އެންމެ ގިނައިން ލިޔުއްވާ ބޭފުޅުން. އެހެންވެ އަޅުގަނޑު ދެންނެވީ މިއީ ޑަބަލް ސްޓޭންޑަޑް ގެންގުޅުއްވުމޭ. ދެން އަނެއްކާ ވެސް އެންމެ ބޭފުޅުން ހެއްދެވި ގޮތަކީ ކާފަރު ޑޮކްޓަރުން ގާތުން ފަރުވާ ހޯދުމާ މިކަމާ އެއްވަރުކުރީ، އެހެންވީމަ ދެން އަޅުގަނޑު އިތުރަކަށް މިކަމާ އެއްޗެއް މިތަނުގައި ދަންނަވާކަށް ނެތިން. މިކޮމެންޓްތައް ކިޔުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކާކުތޯ ކޮންސިސްޓެންޓްކޮށް އެކައްޗެއް ކިޔަކިޔާ ހުރީ.

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އަޅުގަނޑަށް އަރަބި ބަހުން މިތަނުގައި ހަދީސް ލިޔަން ނޭނގުނީ. އެފޮންޓް މިތަނަށް އިންކޯޕަރޭޓްކުރާނެ ކުރާނެ ޓެކްނިކަލް ކަންތައްތައް ނޭނގުނީ. ދެން ހަދީސަކީ ރަސޫލާގެ ބަސްފުޅުތައް. އަޅުގަނޑުމެން ލިޔަމެއް ނޫންތޯ “އައްސަލާމް އަލައިކުމް” ވެސް ތާނައިން. ހަމަ އެގޮތަށް “ރައީސުލްޖުމްހޫރިއްޔާ” ވެސް. އެހެންވީމާ ހަދީސުން ބައެއް ވެސް އެގޮތަށް ތާނައިން ނުލިޔެވޭނެ ސަބަބެއް އަނެއްހެން އަޅުގަނޑެއް ނުދެކެން އޮތް ކަމަކަށް. އެހެންނަމަވެސް، އަޅުގަނޑަށް ވެސް ބޮޑަށް ރަނގަޅަކީ އަރަބި ބަހުން ލިޔުނިއްޔާ. އެކަމަކު، ކުރިން ވެސް ދެންނެވިހެން މިތަނުގައި ލިޔާނެހާ ޓެކްނިކަލް ނޫންވީމާ ނޭނގުނީ އަޅުގަނޑަށް އަރަބިން ލިޔަން.

  18. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ހާޝިމްއަށް ދީން ތިޔަ ވިސްނެނީ ވަރަށް ވެސް ހަނިކޮށް. ހާޝިމްއަށް ހީވާ ކަހަލަ ދީނަކީ ސަގާފަތް ކަހަލަ އާދައިގެ އެއްޗެކޭ. ހާޝިމްގެ ވާހަކަތަކުން ދޭހަ ވާ ގޮތުގައި ދީނަކީ ސައިންޓިފިކްވެސް އެއްޗެއް ނޫން. އަދި ދީން އަންގާ ގޮތަށް ޢަމަލު ކުރުމަކީވެސް އެހާ މުހިއްމު ކަމެއް ނޫން. ދީނަށް ވުރެ ބައެއް ޙާލަތްތަކުގައި މޮޅުވަނީވެސް އަހަރެމެންގެ މި އުނި ސިކުނޑިއަށް ވިސްނޭ ގޮތްތައް. މިއީ އަހަރެންނަށް ހާޝިމްގެ ވާހަކަ ތަކުން ދޭހަވި ކަންކަމަކީ. ހާޝިމްގެ ވާހަކައިން ހީވަނީ މިހާރު އަހަރެމެން އެއްބަސްވީހެން ހާޝިމް ކުރިން ގޮވި މި ފަދަ ކޮސްތަކަށް. ހުރިހާކަމެއްގައި އެންމެ ރަނގަޅުވާނީ ހަމަ ދީނީ އެޕްރޯޗް. އިންސާނާ އުޅެން އެންމެ ރަނގަޅުވާނީ އެމީހުންގެ ޚާލިޤް އެންގެވިގޮތަށް. ދެން މި ލިޔުމަށް ބަލާފައި މީގައި މިހިރަ ކަންކަމަކީ ދީނީ ގޮތުން މަނާކަންކަމެއް ނޫން. ދީނުގައި ކާފަރުންގެ ރީސާޗް ޤަބޫލު ކުރުމަކީ މައްސަލައެކޭ ބުނީ މިތަނުން ކާކުތޯ ހާޝިމް ކައިރިން އަހާލަން ބޭނުން. އެއްވެސް މީހަކު އެހެނެއް ނުބުނޭ އެއްވެސް އިރަކު. އެންމެންވެސް ރައްދު ދެމުން ދިޔައީ ހާޝިމް ދީނާ މެދު ޝައްކު ކުރާ ކަންތައްތައްތަކަށް.

    “އެބޭފުޅުން ވިދާޅުވާން ޖެހޭނެ ތިޔަހާ މާއްދިއްޔަތަށް ބަރޯސާކުރެވިފައިވާ އެއްޗެއް ނޫނޭ އިސްލާމްދީނުގައި ކައިވެންޏަކީ. މީހާ ފަލަވެގެން ތިމާގެ ފިރިމީހާއާއި ދަރިންނާއި ދޫކޮށް ދިޔުމަކީ އިސްލާމީ އުސޫލެއް ނޫނޭ. މި ލިޔުމުގައި ސީދާ އެވަނީ އެކަން ޖަސްޓިފައި ކުރެވިފައި.”

    މި ލިޔުން އަހަރެން ދެތިން ފަހަރު ކިޔުމުންވެސް މީހާ ފަލަވެއްޖެ ނަމަ ފިރިމީހާއާއި ދަރީން ދޫކޮށްފައި ދިޔުން ޖަސްޓިފައި ކޮށްދީފަ އޮތްތަނެއް އަހަރެންނަކަށް ނުފެނުނު. ފެނުންނަމަ ގައިމުވެސް މި ލިޔުމަކީ ރަނގަޅު ލިޔުމެކޭ އަހަރެން ނުބުނާނަން. އެހެންވީމަ އަހަރެން ބޭނުން ހާޝިމްއަށް އެހެން ދޭހަވާ ޖުމްލަތަކަކީ ކޮބައިތޯ ބަލަން. މަށަށް ދޭހަވާ ގޮތުގައި މީގައި މިއޮތީ ފިރިމީހާ ފަލައޭ ކިޔާފައި އޭނާ އެކަހެރި ނުކޮށްލާށޭ. އަޅާލާށޭ. ލޯތްބާއިއެކު ވާހަކަ ދައްކާށޭ. މިއީ ހަމަ ސީދާ އިސްލާމް ދީނުގައިވެސް ކަންކަން އޮތް ގޮތް. އިސްލާމް ދީނާއި ފުށުއަރާ ކަހަލަ ވާހަކައެއް ނުދެކެވެންޏާ އެ ޤަބޫލު ކުރުމަކީ މައްސަލައެއް ނޫން. އެހެންވެ އަހަރެން ބުނަނީ މި ލިޔުން ފައްކަލޭ. ވަކަވަލޭއަށް މި ލިޔުމުން ދޭހަވި ކަންކަމާއި އޭނާ މި ލިޔުމަށް ތާޢީދު ކުރި ސަބަބުވެސް މަތީގައި ކޮމެންޓެއްގައި އެބައޮތް. މި ލިޔުމުގައި މިއޮތީ ވަރީގެ އެއް ސަބަބު. އަދި އެކަން ހައްލުކުރަން ބާރުއަޅާފައި މިއޮތީ. އަދި އެގޮތަކީ ހަމަ އިސްލާމްދީނުގައިވެސް އޮތްގޮތް.

  19. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    “މީހާ ފަލަވެގެން ތިމާގެ ފިރިމީހާއާއި ދަރިންނާއި ދޫކޮށް ދިޔުމަކީ އިސްލާމީ އުސޫލެއް ނޫނޭ”.. މިއީ ކޮންމެހެން އެވަރަކުން މީހަކު ކިޔަން ޖެހޭނެ އެއްޗެއް ނޫން، އަޅުގަނޑު ދެކޭ ގޮތުގައި. އިސްލާމް ދީން ބާރު އަޅަނީ އެމީހަކަށް ކަމުދާ އެމީހަކަށް ރީތީ، އެމީހަކަށް ލޯބި، މީހަކާއި ކައިވެނި ކުރަން. ކޮބައިބާ ސަބަބަކީ؟ ކައިވެނި ކޮށްގެން އެކަކު އަނެކަކު މަތިން ފޫހި ނުވެ އުޅެންވެގެން. ދެން ދެމީހުންގެވެސް ވާޖިބެއް އެކަކު އަނެކަކަށް ތިއްތި ދެއްކިގެން އުޅުން. ތިޔަ ދެންނެވި ބަސް އަޅުގަނޑު ހިތުން ކޮންމެ މީހަކަށްވެސް އެނގޭނެ. އެކަމަކުވެސް ވަރި ވުމަކީ ހަރާމް ކަމެއް ނޫން. އަދި ތިޔަ ގެންނަވާ ހަދީޘް އަކީ ގަދަ ހަދީޘް އެއް ނޫން ކަމަށްވެސް ހަދީޘް އިލްމުވެރިންގެ ބަސްފުޅު ތަކަށް ރިއާޔަތް ކޮއްފައި ޢިލްމުވެރިން ވިދާޅުވޭ. އޭގެ މާނަ އެއް ނޫން ދޮގު ހަދީޘް އެކޭ. ދެމަފިރިން އެކަކު އަކަކު އަނެކަކު މަތިން ފޫހިވުމަކީ ޝައިތާނާގެ ކަމެއް. އެހެންވީމަ އަބަދުވެސް އޭގެ ކައިރިން ސަލާމަތްވުމަށް ދުއާ ކުރަން ޖެހެނީ. ދެން ފޫހިވަންޏާ ވަރި ވޭ. ދީން ހަރާމެއް ނުކުރޭ އެކަމެއް، އަޅުގަނޑަށް އެނގިގެނެއް. ދެން މިހެން ނުބުނެވިގެން ތިޔަހާ ފޯރި އަދި އަރާކަށް ނުވޭ. އެއީ ކޮންމެ އެއްޗެއް ބުނަން ވާނީ، ތަނާ މީހުނާ، ވަގުތާ، މުނާސަބުވީމާ. އިސްލާމް ދީނަކީ މާއްދިއްޔަތާއި ރޫހާނިއްޔަތާ ދެބައި އޮތް ދީނެއް.

  20. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ބިން ހެލުން އަންނަނީ ޕްލޭޓް ޓެކްޓޯނިކަށް ކޮންމެވެސް ކަމެއް ވެގެންނޯ. މިވެނި ކަމެއްވީ މިހެން ވެގެންނޯ. ކޮންމެ ކަމެއްގައިވެސް ކަލާންގެ ވަނީ ސަބަބުތަކެއް ލައްވަވާފައި. ނަމެވެސް އޭގެ ރޫހާނީ ސަބަބު ނޭގޭނެ ސައިންސަކަށް. ބިންހެލުމަކީ ކަލާންގެ ހަޟްރަތުން އަންނަ ކޯފާ އެއް ކަމެއް ނުހޯދޭނެ. ނަމެވެސް އެއީ މިވެނި ކަމެއް ވެގެން ވީ ކަމެއް ކަން ހޯދޭނީ. އެއީ މިކިޔާ މާއްދީ ސަބަބަކީ. އަދި އެއީ ކަލާންގެ ލައްވާފައިވާ ސަބަބަކީވެސް.

  21. ޒަކަރިއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ތަޅުދަނޑިއަށް:
    ކަލޭ ކަންތައް ވެސް މިހާރު މާ ބޮޑުވާން ފަށައިފި. ބިލްއޯރެލީ އާ ކަލޭ ޖައްސާލައިގެން ތިއުޅެނީ ކީއްވެކަން މަށަށް އެނގޭ. އެއީ އޭނަ ކަލޭ ފަޟީޙަތް ކޮށްލީމަ އެކަމާ ރުޅިއައިސްގެން. ކަލޭ މިތަނަށް ވަދެ ވަކި ރަށަކަށް ނިޞްބަތްކޮށް އެރަށު މީހުންނޭ ދަރިން ގިނަ ކުރަނިއްޔޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވާހަކަދެއްކި އިރު ކަލޭ އަމިއްލަ ރަށުމީހުންނަށް ނަސޭހަތް ދިންނަމަ މާ ރަނގަޅުވީސް ފުރަތަމަ.
    ދެން ތަޅުދަނޑި ތިހުންނަނީ އަދިވެސް ބިލްއޯރެލީއަށް ތީ ކޮންރަށަކު މީހެއްކަން އެނގުނީތީ އެކަމާ ހައިރާންވެފަ ދޯ؟ ހައިރާން ނުވޭ މަށަށް ވެސް އެނގުނު ތީ ކޮންރަށަކު މީހެއްކަން. ކަލޭ އެކަންޏެއް ނޫން މިތާ ތި ނޫނަސް ހަމަ ތިރަށު ބޭފުޅުން ކޮމެންޓުކުރައްވާ. އެކަމަކު ކަލޭހެން މިރަށާ ދިމާކޮށްލާ ފާޑަކަށް އެބޭފުޅުން ވެސް ވާހަކައެއް ނުދައްކަވާ. ދެން އަދި ބިލްއޯރެލީއާ ދިމާކުރާކަށް މިތަނަށް ވަންނާނެކަމެއް ނެތް. ސައިޓަށް ވަދެ ލިޔުމަށް ކޮމެންޓުކުރޭ ނޫނީ މީހުން ދައްކާ ވާހަކަޔަށް ކޮމެންޓުކުރޭ. ކަލޭ ވަކި މީހަކާ ދިމާކުރަން ހުރިއްޔާ ކަލެޔާ ދިމާކުރާނެ މީހުން ވެސް އެބަތިބި ކަން ހަނދާން ބަހައްޓާތި. އަދި ވެސް އެއްފަހަރު ބުނެލަން ތީ ހަމަ ބިލްއޯރެލީ އެބުނާ ރަށު މީހެއް. އެހަމަ ކަށަވަރުކަމެއް

  22. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ޤަމާރަށާއި ފަސް މަންޒަރަށް!

    ތިޔަ ދެ ބޭފުޅުން ތިޔަ ދެއްކެވި ވާހަކައަށް ވަރަށް ތާއީދު، އެކަމު އަދި ބުނެލަން ބޭނުންވޭ ގިނައިން ނުކެއުމަށް އިސްލާމްދީން ބާރުއަޅާފައި އަދި އެވަރުން ވެސް ހުއްޓާލަނީއެއް ނޫނޭ، ކަސްރަތުގެ ކުޅިވަރުތަކަށް ވެސް ބާރުދީފައި އެބަހުރެޔޭ، އެހެންވެގެންތާއޭ، މި އުންމަތުގެ މަތިވެރި ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައި އޮންނަނީ “ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރީންނަށް ފަތަން ދަސްކޮށްދޭށެވެ.”

  23. އެރިސްޓޯލް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ހާޝިމް އެކިޔަނީ ކީކޭ ތަ؟ އިސްލާމް ދީނުގައި ކައިވެންޏަކީ މާއްދިއްޔަތަށް ބަރޯސާވެފައިވާ ކަމެއް ނޫނޭ ބުނާޝޯލަ؟ މިހާރު ބުނަން؟ ކައިވެންޏާ، ހުކުމްތައް ތަންފީޒް ކުރުމާއި މިކަހަލަ ކަންތައް ކުރާނީ މާއްދިއްޔަތަށް ބަރޯސާ ކޮށްފައި. ކާކައްތަ އެނގެނީ މީހާގެ ހިތުގައި ވާކަންތަކާއި، ނުފެންނަ ކަންތައްތަކުގެ ހަޤީޤަތް؟ ހަމަ މާއްދިއްޔަތަށޭ ކައިވެނީގައި ބޮޑަށް ބުރަވާނީ. ހެހެހެ. ރޫހާނިއްޔަތަކަށް ނޫނޭ. އަޅެ ދޮގެއް؟

  24. އިސް ފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މި ދެން ވަރަށް ދެރަކޮށް ދިމާވާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ހިތުން ޔޫސުބްގެ މިލިޔުމުން އެ ބުނެދެނީ، ތިމާ ލޯބިވާ މީހާގެ ރުހުން ހޯދުމަށް، އޭނާގެ އެދުމާއި، އޭނާ ގަޔާވާ ކަންކަމަށް ވަރަށް އިސްކަން ދޭންޖެހޭނެޔޭ.

    އަނބިމީހާ ނޫނީ ފިރިމީހާ ރުހޭ ސިފަޔަކަށް ތިމާ ހުރުމާއި އުޅުން އެގޮތަށް ބެހެއްޓުން އެއީ، ކައިވެނި ކާމިޔާބުކުރުމަށް ވަރަށް މުހިންމު ކަމެކޭ މި ދިރާސާއިން މި އެނގެނީ. އަނެއްކޮޅުން، ދިމާ ނުރުހޭ ގޮތަކަށް ބައިވެރިޔާ އަށް ކަމެއް ކުރެވިއްޖެ ނަމަ އެވީ އެކަކު އނެކަކާއި ވާގިވެރިވެގެން، އެ ކަމެއް ބަދަލު ކޮށްލާށޭ.

    މިއި ދީނީ ލިޔުމެއް ނޫންކަން އެންމެންނަށް އެނގޭއިރު ކޮން ވާހަކައެއްބާވަ، މި ދައްކަނީ؟

  25. ޒަހީން‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މައްސަލައަކީ މީހަކު ދީނޭ ބުނެލާ އިރަށް އެކަންތައް ބޮޑު ދީނީ އަރައިރުމަކަށް ހަދާލަނީ ވެސް މި އުޅޭ ހާޝިމް. ބޮޑެތި ހިތާމަތަކާ ނަފްސާނީ ބަލިތައް ޖެހޭ މީހުން ދީން އަންގަވާފައި އޮތް ގޮތަށް އުޅެން ފެށުމުން ރަނގަޅުވާނޭ މީހަކު ބުނެފާނެ. އަމުދުން ދީންވެރި މީހަކު. އަދި އެއީ ހަމަ ތެދު ވާހަކައެއްމެ. އަދި އޭނާ ނުބުނޭ ދެން ހުރި “މެތަޑްތައް” ގޯހެކޭ ވެސް. ހަމަ އެކަނި ދީނަށް ރަނގަޅަށް އުޅޭ ނަމަ އެކަހަލަ މައްސަލަތަކާ ދުރުވާނޭ މި ބުނަނީ. ހަމަ ބުނާ އިރަށް އެއްކަލަ ހާޝިމް ބުއްރާސް ކުކުޅެއް ހެން ފުންމައިގަނެ އެޔަށް ރައްދު ދީ މިކަހަލަ ޒާތަކަށް އުޅެގަންނާނެ. އެއީ ދީނުގެ ނަން މީހަކު ގެނައިމަ އޭނައަށް ނުހުރެވެނީ. ދެން އެކަންތައް ދާނީ ފާޑެއްގެ ދީނީ ޒުވާބަކަށް. އެހެންވެ އޭގެ އައްސިގަނޑުގައި އަނެއްކާ މިއަދު ވެސް ކުރީ ދުވަހުގެ މައުޟޫ ނަގައިގެން އެމީހުންނާ ދިމާކޮށްގެން އެއްކަލަ ދީނީ ޒުވާބުކުރަން މީނާ މި ގަސްތުކުޅައީ.
    ޔޫސުފުގެ މިއަދުގެ ލިޔުމާ ގުޅިގެން ވެސް މީހަކު ބުނެފާނެ ދީނުގައި އަންގަވާފައި އޮންނަ ގޮތަށް އުޅުނީމާ ފަލަވުމާ ވެސް ދުރުވާނެޔޭ. އެއީ ކެއުމުގައި މެދުމިންވަރެއް ގެންގުޅެ މުރާލި ހަރަކާތްތެރި ތަރުތީބު ދިރިއުޅުމެއް އުޅެގެން. ކަސްރަތާއި ޞިއްޙަތާ ބެހޭގޮތުން ހޭލުންތެރިކުރުވާ މީހުން ވެސް ބުނަނީ ފަލަ މީހުން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭނެ ކަމަށް. ދީނުގައި އެބަހަރި ހަށިގަނޑުގެ ކަސްރަތަށް ވެސް ބާރުއަޅާފައި، އިސްލާމް ދީނުގައި އިންސާނާ ބަލަނީ އެއީ ނަފްސަކާ ރޫޙަކާ ޖިސްމަކާ ކަމަށް. މި ތިންބަޔަށް ވެސް ޣިޒާ ހޯދަދޭން އިސްލާމްދީން ބާރު އަޅާ. އެހެންކަމުން ދީނީ ޚިޔާލުގެ މީހަކު ބުނެފާނެ، އިސްލާމް ދީނުގައި ދެއްވާފައިވާ އިރްޝާދުތަކަ އެއްގޮތަށް އުޅުނީމަ ބަނޑެއް ވެސް ނުލާނޭ. މައްސަލައެއް ނޫން އެހެން ބުނުމަކީ. އެކަމަކު މީހަކު އެހެން ބުނެފިއްޔާ ހަމަ ވަގުތުން މި ހާޝިމް ފުންމައިގަންނާނެ “ދެން ކީއްވެތޯއޭ، ދީންވެރި ޝޭޚުން ބައެއް ފަހަރު ވަރަށް ފަލަކޮށް ބޮޑެތި ބަނޑުލާފަ ހުންނަނީ؟” ވާގޮތަކީ މީހަކު ބުނާ އެއްޗަކުން އޭނަ ދޭހަ ނަގާނީ އެހެންނާ ޕޮޒިޓިވް އެހެންނާ ނެގެޓިވްކޮށް. މިއީ އޭނާގެ މައްސަލައަކީ. އެކަމަކު ހަގީގަތަކީ ދީންވެރި މީހުން ވެސް އުޅެދާނެ އިސްލާމްދީނުގެ ހުރިހާ އިރްޝާދުތަކަށް އަކުރުން އަކުރަށް ތަންފީޒުނުކުރެވޭ މީހުންވެސް. ރަނގަޅަށް މީރު އެއްޗެހި ހަލާލިއްޔާ ބަނޑުފުރޭވަރަށް ކައިގެން އުޅޭ ނިކަން ރަނގަޅު ދީނީ މީހުން ވެސް އުޅޭ. ކަސްރަތު ނުކޮށް ހަމައެކަނި ފޮތްތަކު ތެރޭ އުޅޭ މީހުން ވެސް އުޅޭ. ދީނުގައި ޙަރަކާތްތެރިވާން އިރްޝާދު ދެއްވާފައި އޮތަސް، އެމީހުންނަށް އެހެން ނޫޅެވި ހުރެދާނެ. އަނެއްކަމަކީ ޣައިރުދީނުގެ މީހުން އަތުން ވެސް ފައިދާ ހުރި ޢިލްމުތަކާއި ފަންނުތައް ލިބިގަތުމަށް ވެސް އިސްލާމްދީން ބާރުއަޅާ. އެހެންކަމުން ދީނުގައި ޙައްލު އޮތޭ ބުނާ މީހާ އެ ބުނާ ބުނުމަކާ، އޭނާ ޣައިރު ދީނުގެ ފަންނުވެރިއެއްގެ އިރްޝާދު ހޯދުމަކާ ވެސް ފުށުއަރާކަމެއް ނޫން އެއީ. ސަބަބަކީ ދީނުގައި، ޣައިރު މުސްލިމުން ކައިރިން ވެސް ޢިލްމީ އަދި ފަންނީ ހުނަރު ލިބިގަންނަން އަންގަވާތީ. އެހެންކަމުން، މުސްލިމަކު ޣައިރު މުސްލިމެއް ކައިރިން ކިޔެވުމަކީ ވެސް، އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ހުރި ޙައްލުތަކުން ޙައްލެއް. އެހެން މީހުން ދައްކާ ވާހަކަ ދެއުޅިއެއްނުވެޔޭ ކިޔައި އަޑުގަދަކުރުމަކީ ތިމާ ދައްކާ ވާހަކަ ދެއުޅިއެއްވާ ކަމެއް ވެސް ނޫން. އެއިރުން އޭނާގެ އަޑު ދުރަށް އިވިދާނެ އެކަމަކު.

  26. ޢީސާ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އިންސާނާގެ ފިތްރަތު ގައިވެސް ދީނަކަށް ބޭނުންވުން ލައްވާފައިވޭ. ދީން ވަކި އެއްޗެއް ބުނަން ނެތް ހަމަ އެއްވެސް ކަމެއް ނެތް. އެސްޓްރޮނޯޓުން، ޖައްވު ކަހަލަ އަބަދު އިރު އޮއްސޭ ސުން ގްރެވިޓީގައިވެސް ނަމާދު ކުރާނެ ގޮތްތައް ހަދީޡްތަކުން ހޯދެން އޮވޭ. ﷲ ވަނީ މިދީން ފުރިހަމަ ކުރައްވާ ދީނެއް ކަމުގައި ހަމަ ޖައްސަވާފައި.

  27. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އިލޮޅިއަށް ޝުކުރު ދަންނަވަން. ދެން ދަންނަވާލަން އޮތީ، ޖާހިލުންނާ ކިތަންމެ ވަރަކަށް ޒުވާބުކުރިއަސް އާލިމަކަށް ކުރިއެއް ނުލިބޭނެއޭ. އެނިމުނީ.

  28. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ހާޝިމުގެ ތިޔަ ވާހަކަޔަށް މަވެސް ތާއިދު! އެހެންވެ މިބުނަނީ ޖާހިލެއްކަމުގަ ނުވާށޭ!

  29. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އާރާއި ބާރުން މުސްލިމުން މިއަދު ބަލި ކޮށްލެވިދާނެ. އެއީ ޤުރުއާނުގެ އާޔަތްތަކާއި ހިލާފުވެ އަދުގެ މުސްލިމުންގެ އެއްބައިވަންތަކަމެއް ނެތީތީވެ. ނަމަވެސް ދަންނަވާލަން އޮތީ ރިސާޗާއި، ބުއްދިއާއި، ޑިސްކަވަރީއާއި، ސަގާފަތާއި، ބަހާއި، ސައިންސުންވެސް އެއްވެސް ގޮތަކުން އިސްލާމް ދީނުގެ މަސްދަރުތައް އެނގޭހާ ހިނދަކު، މިދާއިރާއަކުން އިސްލާމީ ފިކުރުތައް ބައްޔެއް ނުކޮށްލެވޭނޭ. ކޮށްލެވޭނެ ނަމަ، އިވޮލިއުޝަން ތިއަރީ ގެ ބަދަލުގައި އިވޮލިއުޝަން ފެކްޓް އޭ ކިޔުނީސް.

1 Trackbacks For This Post

  1. ހަށިގަނޑު ބައްޓަންކުރުން | Kulhudhuffushi.com‮ ‬ވިދާޅުވީ


    ތާރީޚް: 05/12/ 2011

    [...] ލޯބި ވެވޭވަރަށްވުރެ ފަލަވުމުން [...]

    [...] ލޯބި ވެވޭވަރަށްވުރެ ފަލަވުމުން [...]