Share

ކުރެވުނު މަސައްކަތް ކާމިޔާބުތަ…؟

ކުރެވުނު މަސައްކަތް ކާމިޔާބުތަ…؟
ޢަބުދުއްރަޝީދު ސަޢީދު

ތަފާތުގިނަގުނަ މަސައްކަތް ތަފާތު ފެންވަރުގައި ކުރެވެއެވެ. ކޮންމެ މަސައްކަތެއްވެސް ކުރެވެނީ މަޤްޞަދެއް ހާޞިލްކުރުމަށްޓަކައެވެ. ނަމަވެސް މަސައްކަތް ނިއްމާލަމުން ނުވަތަ ނިމުމުން އެމަސައްކަތެއް ކާމިޔާބުވީ ނުވަތަ ކާމިޔަބު ކުރެވުނީ ކިހާ މިންވަރަކަށްތޯ ބަލާލެވެނީ ކިތައްފަހަރުތޯއެވެ. އަދި ހަމައެއާއެކު މަސައްކަތް ކާމިޔާބު ނުވިނަމައީ އެމަސައްކަތް ދެވަނަ ފަހަރަށްވެސް ކުރާނީ ކުރިން ކުރެވުނު އުޞޫލުގެ މަތިންތޯއެވެ؟

ޢިލްމީ މާހިރުން ވިދާޅުވާގޮތުގައި ކަންކަން ކުރުމުގައި ގެންގުޅެވިދާނެ ތަފާތު ބިލީވްސްތައް ހުރެއެވެ. އެގޮތުން އަޅުގަނޑަށް ފާހަގަކުރެވުނު އެއް ފޯމިއުލާއަކީ އިނގިރޭސިބަހުން ބުނާނަމަ “ޕޯލް’އެވެ. މިބަސް އިނގިރޭސިން ލިޔާނަމަ އެވާ ހަތަރު އަކުރެވެ. ޕީ- ޕުލޭން އޯ- އޮރގަނައިޒް އެލް- ލީޑް އީ – އިވެލުއޭޝަން މިއެވެ. މިއަދުގެ މައުޟޫގައި މިފޯރމިއުލާ ބޭނުންކޮށްގެން ކަންކަން ކުރުމުގެ ކާމިޔާބީއަށް ބަލާލާނަމެވެ.

މަސައްކަތެއް ކުރުމުގެ ޚިޔާލު ފުރަތަމަ އުފެދޭ ހިސާބުންފެށިގެން އެކަމެއް ދާންވާނީ އެންމެ އެކަށީގެންވާގޮތުގައި ޕުލޭންކުރެވިގެންނެވެ. ޕުލޭންކުރުމަކީ ކަން ކުރަންވީގޮތް އެންމެ އެކަށީގެންވާގޮތުގައި ރާވާލުމެވެ. އެހެން އިބާރާތަކުން ބުނަނީނަމަ ކަންކުރަންވީގޮތުގެ ކަރުދާހުގެ މަސައްކަތް ނިންމާލުމެވެ. ދިވެހިންގެ އާދަކާދައިގެ މަތިން ގިނަފަހަރު މިބައި އޮންނާނީ ހިތުގައެވެ. ނުވަތަ ޅެންވެރިޔާގެ ބަނޑުގައޭ ބުނެވޭ ބީދައިން ކަން ކުރާމީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވާ މީހާގެ ހިތުގައެވެ. މިކަން ކަރުދާހުގައި ލިޔެވި ފެންނާން އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކަށްވަނީ ކަންކުރަންތިބޭ އިސްމީހުން ނުވަތަ ބޭފުޅުން ކަންކަމުގައި ބަދަލުވެގެންދަނީ މަދެއްކޮށެއްނޫނެވެ. ވީމާ މަސައްކަތްކޮށް ނިންމާލެވޭއިރު ދާންބޭނުންވާ މިސްރާބު ނުވަތަ ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި ކުރިމަތިން ފެންނާންއޮތުމަކީ ނުހަނު މުހިންމުކަމެކެވެ.

ކުރަން ހިތުއަޅައި ނުވަތަ ކަރުދާހުގައި ލިޔެވުނު މަސައްކަތް ކާމިޔާބުކުރުމަށްޓަކައި އޮރގަނައިޒް ނުވަތަ ރާވާލުމަކީ އެކަން ކުރުމުގައި ވަގުތުސަލާމަތްކުރެވި ތަފާތު ގިންތީގެ މީހުންކުރާންވީ ތަފާތު މަސައްކަތް އެނގި އޮޅުންފިލާނޭކަމެކެވެ. މަސައްކަތުގެ މައިދާނުގައި ދުވެލިއެޅި ޖޯޝާއި ފޯރިހިފާނޭ ކަމެކެވެ. މަސައްކަތް އޮރގަނައިޒް ކުރުމޭބުނުމުން ގިނަމީހުންނަށް ހީވެފައި އޮންނަނީ ހުރިހާކަމެއް އަމިއްލައަށް ކުރުމެވެ، ނަމަވެސް އޮރގަނައިޒްކޮށް ކަމެއް ކުރުމަކީ ގިނަމީހުންބައިވެރިކޮށް އެމީހެއްގެ މަސައްކަތް އެމީހަކަށް އޮޅުންފިލުވައިދީގެން ކަންކަން ކުރުމެވެ. ކަމުގައިވާ ކޮންމެ ގިންތިއެއްގެ މީހަކަށްވެސް އެމީހާގެ މަސްއޫލިއްޔަތާއި ޒިންމާ ކަނޑައެޅިގެން އެނގޭންއޮތުމެވެ.

މަސައްކަތެއް ކާމިޔާބުކުރުމައްޓަކައި ލީޑަރަކީ ވަރަށް މުހިންމު މީހެކެވެ. އަދި ލީޑުކުރުމަކީ މަސައްކަތުގެ މާހައުލުން ފެންނާންޖެހޭނެ އެންމެ މާތްސިފައެވެ. މަސައްކަތުގެ އެންމެ މަތީފަންތީގައި ލީޑްކުރެވޭ ރަނގަޅު މީހަކު ހުރެއްޖެނަމައީ އެމަސައްކަތުގެ މައިދާނުން ޖޯޝާއި ކެރުން ފެނިގެންދާނެއެވެ. މަސައްކަތް ލީޑްކުރަންޖެހެނީ ނުވަތަ ލީޑުކުރާނީ އެންމެ އިސްކޮށް އެމަސައްކަތާއި ހަވާލުވެ ހުންނަމީހާއެއްނޫނެވެ. ތަފާތު ފެންވަރުގައި ތަފާތު މަސަކަތްތައް ހަވާލުވެފައިވާ ކޮންމެ މީހަކީ އެމީހެއްގެ މަސައްކަތް ލީޑްކުރާނޭ މީހެކެވެ. ކޮންމެ މީހަކަށްވެސް މުޅި މަސައްކަތުން ހާޞިލްކުރަންބޭނުންވާ ލަނޑުދަނޑި ކުރިމަތިން ފެނިފާޅުވާން އޮންނާނެއެވެ.

މަސައްކަތެއް ނިންމާލެވޭއިރު އެކަމުގައި ހާޞިލްކުރަންބޭނުންވި ލަނޑުދަނޑި އެންމެ ބޭނުންވިހާ ފުރިހަމައަށް ހާޞިލްނުވެދިއުމަކީ ވެދާނެކަމެކެވެ. އަދި އުންމީދުކުރިވަރަށްވުރެ މާފުރިހަމައަށް އެކަމެއްވުމަކީވެސް ވެދާނޭކަމެކެވެ. ނަމަވެސް މަސައްކަތެއް ނިމުމާއެކު އެކަމެއްގެ އިވެލުއޭޝަން ހަދާލުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ސަބަބަކަށްވަނީ ދެވަނަފަހަރަށް ނުވަތަ ފަހުން އެކަމާ ކުރިމަތިލާބަޔަކަށް އެކަމުގައި ދިމާވި ދަތިތަކާއި ހުރަސްތައް ގިރާކުރުމުގައި ފަސޭހަތަކެއްވެގެންދާނެތީއެވެ. އަދި ހަމައެއާއެކު މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކެއްގެ ހިތްހަމަޖެހުމާއި ކެކުޅުންވެސް އިވި ތަފާތު ތަޖުރިބާތައް ޙިއްޞާ ކުރެވޭނެކަމީވެސް ޝައްކެއްއޮތްކަމެއްނޫނެވެ. ނަމަވެސް ކަމެއްކުރުމަށްފަހު އެކަމެއްގެ އިވެލުއޭޝަން ހެދުމަކީ ދިވެހިންގެތެރޭގައި އެހާ އާންމުކަމެކޭ ދެންނެވޭކަށްނެތެވެ.

އަމިއްލަ ފަރުދެއްގެ ހައިޞިއްޔަތުންނާއި، ކުދި ގުރޫޕްތަކުންނާއި އަދި ޖަމާއަތުގެ ފެންވަރުގައި ތަފާތުކަންކަން ކުރެވެމުން އަންނައިރު ކުރެވުނު މަސައްކަތް، ކުރެވުނީ ކާމިޔާބުކަމާއެކުތޯ ބަލާލުމަށް މިކަންކަން ކުރެވޭތޯ ބަލާލުން މުހިންމުކަމުގައިދެކެމެވެ. ނުވަތަ ކަމެއް ރާއްވަވާއިރު މިފަދަ ފޯމިއުލާއެއް ބޭނުންކުރެއްވުމަކީ މަސައްކަތައް ކޮށައިލެވޭ އަލިމަގެއްކަމުގައި ދެކެމެވެ. އަދި ހަމައެއާއެކު މިއަށްވުރެ މާރަނގަޅު ފޯމިއުލާތައްވެސް ހުންނާނޭކަން ޔަގީނެވެ. މުހިއްމީ ވަކި ފޯމިއުލާއެއްނޫނެވެ. މުހިއްމީ ކުރެވޭ މަސައްކަތް ކާމިޔާބުކުރުމެވެ. އިނގިރޭސި ހަރުބަހެއްގައި ވެއެވެ. ”Proper plan prevents poor performance”

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2009

    “Proper plan prevents poor performance” ދޯ، އާނ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިމަނާލާފައި އޮތް ލިޔުމެއް.

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މިއީ ވަރަށް ރަނގަޅު، ޝައުޤުވެރި ކުރުވަނިވި ލިޔުއްވުމެއް. އަދި އަޅުގަނޑު ވަރަށް އުފާވެއްޖެ، އަބްދުއް ރަޝީދު އަޅުގަނޑުމެން އެރުވި ނަސޭހަތް ޤަބޫލުފުޅު ކުރައްވައި، ލިޔުން އެކަށީގެންވާ ކުރު މިނެއްގައި ހިފެހެއްޓެވީތީ. މިލިޔުން، އަބްދުއް ރަޝީދުގެ ފުރަތަމަ ލިޔުއްވުމާ އަޅާބަލާއިރު، ހާސްތަން ރަނގަޅު ކަމަށް ފާހަގަކުރެވޭ. އަޅުގަނޑު ވެސް ދަންނަވާނީ، ކޮންމެ ކަމެއް ކުރުމުގައި ވެސް، ޕްލޭނެއް އޮންނަންވާނެ ކަމަށް އަޅުގަނޑު ވެސް ޤަބޫލު ކުރަމޭ. ހަމަ މިނޭވާގައި ދަންނަވަން ޖެހެނީ، ވިޔަފާރިއެއް ކުރަން ވިޔަސް، މީހަކާ އިންނަން ވިޔަސް، ދަރިއަކު ހޯދަން ވިޔަސް، ގެދޮރު އަޅަން ވެސް، އިމްތިޙާނަކުން ފާސްވުމަށް ވެސް ހަމަ ޕްލޭނެއް އޮތިއްޔާ ވަރަށް ފަސޭހަވާނޭ ތިމާގެ ވަގުތާއި ހަކަތަ ބޭނުން ކުރާނެ އެންމެ މޮޅު ގޮތް އެކަށައެޅުމަށް. އަޅުގަނޑަށް ޔަޤީނާ ގާތަށް އެނގޭ މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އެބައޮތްކަން ޕްލޭނެއް. އެއީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ. އެމެނިފެސްޓޯ އެބައޮތް ރައީސް އޮފީހުގެ ސައިޓްގައި ޑައުންލޯޑްކުރެވެން. މުޙައްމަދު ނަޝީދު ވެސް އެމެނިފެސްޓޯއާއި އެއްގޮތަށް ކަންކުރައްވައިފިއްޔާ، އޭގެ ރަނގަޅު ނަތީޖާ ފެންނާނެ ރައްޔިތުންނަށް. ދެން އެމަނިކުފާނުގެ ލީޑަރޝިޕާއި މެދު ޝައްކުކުރާނީ ކާކުތޯ؟ ތިރީސް އަހަރުގެ ޚުދުމުޚުތާރުކަން، މުލުންލުހެލައި މިގައުމުން ފައްސާލުމުގައި ކާމިޔާބު މިވީ އެމަނިކުފާނުގެ ލީޑަރޝިޕްގެ ހަރުދަނާކަން ފިޔަވައި އެހެން އެއްވެސް ކަމަކުންނެއް ނޫންކަން އަޅުގަނޑާއެކު އަބްދުއް ރަޝީދު ވެސް ޤަބޫލުކުރައްވާނެކަން ގައިމު. މި 5 އަހަރު ނިމުނީމާ، އެއްކަލަ އިވެލުއޭޝަން ހަދަންވާނެ. އޭރުން ދެއްތޯ އެނގޭނީ މުޙައްމަދު ނަޝީދަކީ ރަނގަޅު، ކާމިޔާބު ރައީސެއްތޯ ނޫންތޯ ނިންމަން. މިދެންނެވީ “ޕޯލް” ފޯމިއުލާ ތަންފީޒުކުރެވޭނެ ގޮތެއްގެ މިސާލެއް އިނގޭތޯ

  3. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    މީގައިވެސް ހާޝިމު ތިޔަ އުޅުއްވަނީ 30 އަހަރޭ، ރައީސް ނަޝީދޭ ކިޔައިގެން ސިޔާސީ ކުރުއްވަން ދޮއްތޮ. ހާޝިމުއަކަށް ނޭނގޭނެ މިސާލެއްވެސް ދައްކާލާކަށް 30 އަހަރުގެ ގޯސްކަންތައް ދައްކާ، ރައީސް ނަޝީދުއަށް ޘަނާ ނުދަންނަވައެއް. އެހެން ނުހައްދަވާށޭ. ތިޔަބޭފުޅާގެ ކޮމެންޓުތަކަށް ފާޑުކިޔާ ރައްދުދެނީވެސް މިކަހަލަ ކަންތައް ހުންނާތީ. މިހެންދެނެވިޔަސް ހާޝިމު ވިދާޅުވާނެ 30 އަހަރުގެ ދިގުމުއްދަތުގައި ކޮށްފައިވާ ގިނަކަންތައްތަކުންނޫންހޭ މިސާލު ދެއްކޭނީ. އެހެނެއްނޫން، ބިނާކުރުވަނިވި ޚިޔާލާ، ފާޑުކިޔުމަކަށްވާނީ ހުރިހާ ގޮތަކުންވެސް ދިރާސާ ކުރެއްވުމަށްފަހު ފާޅުކުރައްވާ ޚިޔާލު. ދެން މިހެން ދަންނަވާއިރުވެސް އެނގޭ ހާޝިމުމެންކަހަލަ މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން އަޅުގަނަޑުމެންކަހަލަ މީހުންދޭ ޚިޔާލު ކަމުނުދާނެކަންވެސް.

  4. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ކިޔެކޭ ހާޝިމޫ، “މިވީ އެމަނިކުފާނުގެ ލީޑަރޝިޕްގެ ހަރުދަނާކަން ފިޔަވައި އެހެން އެއްވެސް ކަމަކުންނެއް ނޫންކަން” ދެން ހުރިހާ މޮޅެއް އަންނަިއަށް ދޯ، އަނެއްކާ އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން އަގުހުރި މަސައްކަތްތައް ވެސް ނުވި ދޯ ހާޝިމަށް ހަމަ އެކައްޗަކަށް ވެސް، ހަމައެކަނި ސަބަބަކީ އަންނިގެ ލީޑަރޝިޕް

  5. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އަހަރެން ވަރަށް ހިތާމަކުރަން މިއުޅެ ވަކަވައްޔަކާ ހުރެވެސް، ރައީސް ނަޝީދުގެ އަގުވައްޓާލަން ކުރާ މަސައްކަތުގައި ނުސީދާކޮށް ނަމަވެސް ބައިވެރިވާތީ، ދެން ބުނަން ބޭނުންވަނީ ބައެއް މީހުން ރައީސް ނަޝީދަށް މާ ބޮޑަށް ތަޢުރީފުކޮށް އެކަމުގައި ޚުޝާމަދުގެ ދަރަޖައަށް ގެންދަނީ މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދަންވެގެންނޭ، އެހެން ނަމަ އެ ގޮތަށް ނަފުރަތު އުފެދެން ފެށީމަ އެކަން ހުއްޓާލާނެ ނު، މަ ވަރަށް ދެރަވޭ ރައީސް ނަޝީދު ރާއްޖެއަށް ކޮށްދެއްވި އަގުހުރި މަސައްކަތުގެ އަގު ވައްޓާލުމަށް މީހުން މިކުރާ މަސައްކަތް، އަދި އެންމެ ދެރަވަނީ ޚުޝާމަދުގެ ހެދުން އަޅައިގެން ހުރެ، މީހުންނަށް ޙަޤީޤަތް ނޭނގޭނެ ގޮތަށް ވަރަށް ވިހަގަދަ ގޮތަކަށް އެކަން ކުރަމުންދާތީ، ދެން މައުމޫނުގެ ތިރީސްއަހަރޭ މާ ގިނައިން ކީމަ މި ވާ ގޮތަކީ ދެން އެ އަޑު އަހާއަހާ ފޫހިވަނީ، ދެން އެންމެ ފަހުން ރައްޔިތުން މާ ވަރެއް ނުހުންނާނެ، ތިޔަ ޚިޔާނާތުގެ މައްސަލަތައް ބަލަން ހިތްވަރުދޭކަށް، މި މައުމޫނު ރާވައިގެން ކުރަމުން ދާ ކަންކަން، ހަމަ!

  6. އައިޝް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ޢަބްދުއްރަޝީދުގެ ލިޔުމަކީ އެއްވެސް ޙާލެއްގާ ސިޔާސީ ލިޔުމެއްކަމަކަށް އަޅުގަނޑު ނުދެކެން. އަދި ކުރައްވާފައިވާ ކޮމެންޓްތައް ލިޔުމާ ނުގުޅޭކަން ފާހަގަ ކުރަން. މިލިޔުމަކީ ވަރަށް ޢިލްމީ މަޢުލޫމާތުތަކެއ ލިބިގެންދިޔަ ލިޔުމެއް.. މިފަދަ ލިޔުންތައް މުހިއްމު ވާނީ މިފަދަ މަޢުލޫމާތުތަކަށް ފެންބޮވައިގެންފައިވާ ފަރާތްތަކަށް.. އަޅުގަޑަކީ އެފަދަ ފަރާތަކަށް ވީތީ މިއީ އަޅުގަޑަށް ވަރަށް ކަމުދިޔަ އަދި އެހާމެ ބޭނުންތެރި ލިޔުމަކަށް ވެއްޖެ. އަދި އުއްމީދު ކުރަޏީ މިފަދަ ޢިލްމީ ގިނަލިޔުންތައް ޢބްދުއްރަޝީދުގެ ފަރާތްޕުޅުންނާއި އަދި މިސަޓުން، ކުރިމަގުގައި މިއަށް ވުރެ ގިނައިން ލިބޭނެކަމަށް..Keep-it-up, Absy

  7. ސިޔާ ސީ‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    އައިޝް ތިބުނީ ހަމަތެދެއް މިއުޅޭ ސޮރުމެންނަކަށް މިހާރު އަންނިއާ މައުމޫނާ ދެމީހުންނާނުލައި ތާހިރުވެވޭކަމަކަށްވެސް ނުވޭ. އެހެންޏާ މިއީދެން ސިޔާސި ލިޔުމެއްވެސް ނޫނޭ މިސޮރުމެން ސިޔާ ސީ ކުރާކަށް. މިފަދަ ތާކުންތާކުނުޖެހޭ ކޮމެންޓް ކުރައްވާ ބޭފުޅުންގެ އައިޕީ ބްލޮކްކުރަން އެޑްމިންއަށް ގޮވާލަން.

  8. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2009

    ކުދިންނޭ ހޭއަރާ. މިހާރު މިސައިޓުގައި ކޮމެންޓްކުރައްވާ ބައެއް ބޭފުޅުން އެބޭފުޅުންގެ އަމިއްލަ ސިޔާސީ ވިސްނުން ކުރިއެރުވުމަށް މަސައްކަތްކުރަމުން އެބަގެންދޭ. މީގެ ފަހުން އެއްވެސް ބޭފުޅަކު އަނެއްމީހާ ދައްކާ ސިޔާސީ ވާހަކައަށް ރައްދުނުދި ލިޔުމަށް ޚިޔާލު ފާޅުކުރުމަށް އިސްކަންދިނުން މުޙިއްމު. އަދި ހާޝިމްއަށް ދޭންއޮތް ނަޞޭޙަތަކީ މިފަދަ ލިޔުންތަކަށް ކޮމެންޓްކުރައްވާއިރު ސިޔާސީ ފިކުރުން އެއްކިބާވެހުރެ ކޮމެންޓްކުރުމަށް، މިސާލު ޖައްސަވަންވެސް ސިޔާސީ މާހައުލު ބޭނުންނުކުރުމަށް. ސިޔާސީ ލިޔުންތަކުގައި ސިޔާސީކުލަޖެއްސުން ބުއްދިވެރި.