Share

ސަމާސާ އަދަބު: ޓޭބަލް ރައިޓްސް ކޮމިޝަން

ސަމާސާ އަދަބު: ޓޭބަލް ރައިޓްސް ކޮމިޝަން
އަހުމަދު އިއްބެ

އަހަރެންނަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ. ގައިގައި އަޅަމުންދިޔަވޭނުން ގިސްލާ ރޮވެން ފަށައިފިއެވެ. ހިފެހެއްޓުމެއްނެތި ކަރުނަތައް އަހަރެންގެ ލޮލުން ފައިބައިގެންފިއެވެ. އަހަރެންނަށްވެފައި މިހިރީ ފަހެ ކީއްހެއްޔެވެ. ވަރަށް ހިތްވަރުކޮށްފައި އަހަރެންގެ ހަށިގަނޑުގެ ގުނަވަންތަކަށް ބަލާލީމެވެ. އެއާއިއެކު އަހަރެންނަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އަހަރެންގެ ބުރިކަށީގެ މަސްގަނޑުވަނީ ކުދިކުދިކޮށްލާފައެވެ. އަދި އެއް އަތްވަނީ ކުޑަހުޅުން ބިންދާލާފައެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުނީ ވަރަށް ބާރަށެވެ.

“އަހަރެން ސަލާމަތްކުރޭ! އަހަރެން ސަލާމަތްކުރޭ! އަހަރެން މިއޮއް މަރުވަނީ!”

އަހަރެން ކިތަންމެ ބާރަށް ގޮވިޔަސް ޖަވާބުދޭނެ މީހެއްނުވިއެވެ. ވަށައިގެން ހޯދާލީމެވެ. އަހަރެންގެ ކައިރީގައިތިބީ އަހަރެންގެ އެކުވެރިންނެވެ. ނަމަވެސް އެމީހުންގެ ހާލު އަހަރެންނަށް ވުރެން މާދެރައެވެ. އެއްބައެއްގެ ހަތަރެސްފައިވަނީ ބިންދާލާފައެވެ. އަނެއްބައެއްގެ ބޯވަނީ ފަޅާލާފައެވެ. އަހަރެންގެ ގައިގައި އަޅަމުންދިޔަ ވޭނާއިއެކު ޖެހިފައިވާ ނިކަމެތި ހާލާއިމެދު ވިސްނަންފެށީމެވެ. މަޑުމަޑުން ހަނދާންތައް އާކުރެވޭތޯ ބެލީމެވެ.

ދުވަހަކީ އަންގާރަ ދުވަހެވެ. އާދައިގެ މަތިން އަހަރެން ނިދައިން ހޭލިއިރު ގަޑިން ހައެއްޖަހަނީއެވެ. އަހަރެން މޯޅިއަކަށް ދެމީލާފައި ދެފަރާތަށް ބޯހޫރާލިތަނާ ލޮލުގައި އަޅައިގަތީ ބޯޑުގައި ލިޔެފައިއޮތް އެތީގައެވެ. އޭގައިވަނީ “މަރުހަބާ 12ބީ” މިހެންނެވެ. އަހަރެންނަށް ލިބުނު ނުތަނަވަސް ކަމާއިއެކު ކިލާސްތެރެއަށް ބަލާލީމެވެ. ނަމަވެސް އަހަރެންގެ ގާތުގައިތިބީ އެހެންޏާތިބޭ އެކުވެރިންނެއްނޫނެވެ. މިމީހުންގެ މޫނުމަތީގައިވަނީ ހާސްކަމާއި ބިރުވެރިކަމެވެ. އަދި އެމީހުންގެ ގައިގައި ތަފާތު ޒަހަމްތައްހުއްޓެވެ.

އަހަރެން ސިއްސައިގެންދިޔައީ ރަނގަބީލުގެ އަޑާއެކުގައެވެ. ކުދިންތައް ކިލާސްތެރެއަށް ވަންނަން ފަށައިފިއެވެ. އޭގެތެރެއިން އެއްކުއްޖަކު އަހަރެންނާއި ދިމާލަށް އަންނަން ފަށައިފިއެވެ. ނަމަވެސް މިކުއްޖާ ފެނުމާއިއެކު އަހަރެންގެ އެކުވެރިން ބިރުން ރޯންފަށައިފިއެވެ. މިކުއްޖާ އައިސް އަހަރެންގެ ކައިރީގައިހުރި ގޮނޑިއެއްގައި ދަބަސް ބާއްވައިފިއެވެ. އަދި އަހަރެންނާއި ދިމާލަށް ވަރަށް ބިރުވެރި ގޮތަކަށް ބަލާލިއެވެ. ދެން އޭނާގެ އަތް އަހަރެންގެ ބުރިކަށީގައި ޖައްސާލުމަށްފަހު ރުޅިއައިސްފައި  ބުރިކަށީގައި ބޮނޑިއެއް އެޅިއެވެ. މަޑެއްކޮށެއްނޫނެވެ. ވަރަށް ތަދުވިއެވެ. އަހަރެންގެ ގައިގައި ކިލާ ހުންނަނީ މަސައްކަތުމީހުން ސާފުނުކުރާތީއެވެ. އަހަރެންނަށް އަމިއްލައަށް ހަށިގަނޑު ސާފުކުރެވޭނަމަ ކޮންމެ ދުވަހަކުވެސް ހަށިގަނޑު ސާފުކުރީމުހެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިކަމުގައި އަހަރެންގެ އޮތީ ކޮންކުށެއްހެއްޔެވެ. އަހަރެން މިހިޔާލުގައި އޮތްވާ ހުރިހާކުދިން އެސެމްބުލީ ނިންމާފައި ކިލާހަށް އަތުވެއްޖެއެވެ.

އަހަރެންގެ ގާތުގައި އިންނަ ކުއްޖާ އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި އަހަރެންގެ އަނގައިގައި ސުޕާރި ބަހައްޓައިގެން ކާންފަށައިފިއެވެ. މުދައްރިސް ފިލާވަޅު ކިޔައިދެމުން ދިޔައެވެ. ސުޕާރީގެ ވަހާއިއެކު އަހަރެންނަށް ހޮޑުލެވުނެވެ. ނަމަވެސް ހޮޑުތަކާއިއެކު އެކުއްޖާ ސުޕާރި ކަމުންދިޔައެވެ. މި މަންޒަރު މުދައްރިސަށް ފެނުމާއިއެކު މިކުއްޖާ ކޮޅައްނެގުމަށްފަހު ސުޕާރީތައް އުކާލަން ބުންޏެވެ. ނަމަވެސް މިހެންބުނުމާއިއެކު މިކުއްޖާފެށީ މުދައްރިސްއާއި ޒުވާބުކުރާށެވެ. ވަރަށް ދެރަވެފައި އަހަރެން މީނާގެ ހަރަކާތްތައް ބަލަން އޮތީމެވެ. މި ކުއްޖާ މުދައްރިސްއާއި ދިމާލަށް “ބޮބީޑިއޯލް” މިހެންކިޔާފައި ގޮވަންފެށިއެވެ. މިއާއިއެކު ކިލާހުގެ އެހެންކުދިން ވަރަށް ބާރަށް ހޭންފެށިއެވެ. ދެން އަހަރެންނަށް ވީގޮތެއް ނޭނގުނެވެ. އަހަރެންނާއި ދިމާލަށް މިކުއްޖާގެ އަތް ވަރަށް ބާރަށް އަންނަތަން ފެނުނެވެ. ދެން އަހަރެންގެ ހޭވެރިކަންވީއިރު މިއޮވެވުނީ މިތަނުގައެވެ. މިކަމުގައި އަހަރެންގެ އޮތީކޮންކުށެއް ހެއްޔެވެ؟

އަސްތާ! އަނެއްކާ މިއަންނަނީ ކާކުބާއެވެ. އަނެއްކާ އަހަރެންގެ ދުވަސް ދަނީބާއެވެ. އެމީހާ އަހަރެންގެ ގާތުގައި ހުއްޓިއްޖެއެވެ. އެއީ އިސްކޮޅުން ކުރު ބޮލުން ފަތް ފައިބާފައި ހުރިމީހެކެވެ. އެމީހާ އަހަރެންނާއި ދިމާލަށް ވަރަށް އޯގާތެރިކަމާއިއެކު ބަލާލިއެވެ. އޭނާގެ އަތުގައި ބަޑިއެއްހެން އޮތް އެއްޗެއް އޮތެވެ. އޭނާގެ އަތުގައި އޮތް ބަޑި ނަގާ ކުއްލިއަކަށް އަހަރެންގެ ބަނޑަށް ހަރާލައިފިއެވެ. އެއާއިއެކު އަހަރެން ހޭނެތިއްޖެއެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު ހަށިގަޑުގައި ހަލާކުވެފައިހުރި ތަންތަނުން ތަންކޮޅެއް ރިހުން މަޑުވެފައިވާކަން އިހްސާސްވެގެން ބަލާލީމެވެ. އަހަރެންގެ އަތުން ބިނދިފައިވާތަން ވަނީ ދޮންކުލައިގެ ބޭހެއް ހާކައި ދެބައި ގުޅުވާފައެވެ. އަހަރެންގެ ބުރިކަށްޓަށްވަނީ ވަރަށްރީތި ލަކުޑި މަސްގަނޑެއް ލައްވާފައެވެ.

މިއަދު އަހަރެންގެ އޮޕަރޭޝަންކުރިތާ މަހެއްވީއެވެ. އަހަރެންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަހަރެން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ “ޓޭބަލް ރައިޓްސް ކޮމިޝަން” ގައެވެ. އަހަރެންނަކީ އެކޮމިޝަންގެ ރައީސްއެވެ. އަހަރެންނަށް މިއަނިޔާދިން ކުއްޖާ މިހާރުވަނީ އުމުރަށް ސުކޫލުން ސަސްޕެންޑު ކުރެވިފައެވެ.

ފޮޓޯއަށް ކްލިކް ކުރަށްވާ

,

‮ ‬29‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ވަރަށް ރަނގަޅު އިބްރަތްތެރި، މަޖާ ލިޔުމެއް.

  2. ކިޔަވާގޯތި މުހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ފައްކާ އެއްޗެކޭ ދޯ މިޔޮތި ލިޔެލާފަ. އަހަންމަދުމެން ކޮންތާކުތަ މިޔޮއްހާ ދުވަހު ތިޔާ އުޅުނީ.

  3. ފު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މާތް ކަލާނކޯ މި ހުރިހާ ވާހަކަތަކެއް މި ދެއްކީ އެހެރި ޑެސްކްތަ؟ ވަރަށް ދެރަވެއްޖެ ޑެސްކް ދެއްކި ވާހަކަތަކުން. ސަމާސާ އަދަބެއްކަމެއް ނޭނގެ. އަހަންނަށް ހީވީ ދިރިހުރި އިންސާނެއްގެ ހިތާމަވެރި ޝުޢޫރުތަކެއްހެން ހަމަ. ދެން މިކަހަލަ އަނިޔާވެރި ކަމެއް ނުކުރާތި މީގެ ފަހުން.

  4. ކައިލް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަރަށް އިބްރަތްތެރި އަދި އެހާމެ މަޖާ ލިޔުމެއްމީ. އެކަމަކު އަހަރެން އެންމެ ދެރަވީ 12 ބީކުލާހޭ އޮތީމަ. ސަބަބަކީ އެއީ އަހަރެންވެސް އުލުނުކުލާސް. ތިންވަނަ ޕެރެގްރާފާ ހަމައަށް ކިޔާލާފަ ހިތައްއެރީ މިކިޔަނީ އަނެއްކާ އަހަރެމެންގެ ވާހަކަބާއޭ. އެއީ އަހަރެމެން އެ ގްރޭޑަށް ފުރަތަމަ ދިޔަދުވަހުވެސް އިން އެހެން ލިޔެފަ. އެހެންވެ ހީކުރެވުނީ އަހަރެމެނާބެހޭ ލިޔުމެއްކަމަށްމީ. އެކަމަކު އަހަރެންވެސް ހައިރާންވި އަހަރެމެން ކުލާހުން އެފަކަމެއް ނުފެންނައިރު އެފަދަ އެއްޗެއްކީތީ. އެހެންމިބުނީ އަހަރެމެން ކުލާހުގަ އުޅޭނީ ހުސް ޕްރިފެކްޓް ކުދިން. އެކަމަކު ލިޔުންކިޔާލާ ނިމުނީމަ އެނގިއްޖެ މިއަހަރެމެން ކަމެއްނޫންކަން.
    އަސްލު ވަރަށްދެރަވި މިލިޔުންކިޔާލާފަ. އަހަރެންވެސް ގަބޫލުކުރަން ޖަލާލުއްދީން ސްކޫލުން އޭލެވެލް ހަދައިގެން ފުރަތަމަ ނިކުތް 3 ބެޗްގެ އަޙުލާގު ފުދޭވަރަކަށް ރަނގަޅުކަން. އޭރު ސްކޫލްގެ މެނޭޖްމަންޓްވެސް ޤަބޫލުކުރޭއެކަން. އިތުރު ހަރަކާތްތައް ހިންގުންފަދަ ކަންކަމުގައި އެންމެ ގިނައިން އުޅުނީ އޭލެވެލްގެ ކުދިން. އެކަމަކު މިހާރު އެކަން އެގޮތަކަށް ނޫންދަނީކީ.
    މިއީވަރަށް ހިތާމަހުރިކަމެއް. ސްކޫލުގެ އެހެން ގްރޭޑްތަކުގެ ކުދިން ނަމޫނާއަކަށް ބަލަންތިބޭބަޔަކު މިފަދަ ޢަމަލުތައް ހިންގުމާކީ ވަރަށް ހިތާމަހުރިކަމެއް.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަރަށް ރަނގަޅު ލިޔުއްވުމެއް. ވަރަށް ޝައުޤުވެރިވި ގޮތަކަށް އިބާރާތްކުރެވިފައިވާ ލިޔުއްވުމެއް ވެސް މެ. ޓޭބަލްސް ރައިޓްސް ކޮމިޝަންގެ އިތުރުން އަދި ކޮބާތޯ ފަޅު ރައިޓްސް ކޮމިޝަނާއި މަގުމަތި ރައިޓްސް ކޮމިޝަން ވެސް. އެއީ ވެސް މުހިންމު ކޮމިޝަން ތަކެއް އިނގޭތޯ.

  6. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ދުނބުރިހުއްތުގެ ހަމައިން މި ލިޔުމަށް ބަލާލުމަށް ފަހު ހިތަށް ހިތްގައިމުކަމެއް ލިބިއްޖެ، އެއީ ފުރާނަ ނެތް އެއްޗެއްގައި ފުރާނަ އަޅުވައިގެން މި ގޮތަށް ލިޔާ ލިޔުންތައް ލިޔާއިރުގައި ބައެއް މީހުން ވަރަށް ގިނަ ފަހަރަށް ބޯ ބޮނޑިއެއް އޮވޭ، އެއީ ލިޔުންފަށާއިރު އޮތް ރޫޙު މެދުތެރޭން ނުވަތަ ލިޔުން ނިމިގެން ދާއިރުގައި ގެއްލިގެން ދިއުން، ނަމަވެސް މި ލިޔުމުގެ ލިޔުންތެރިޔާ ވަނީ ލިޔުމުގެ ހުރިހާ ދިމާއެއްގައި ވެސް ލިޔުން ފެށުމުގެ ކުރީގައި ވެސް “ޓޭބަލް” އަށް އެ ލެއްވި އިންސާނީ ފުރާނަ “ދަމަހައްޓަވާފައި” ، އެންމެ ފަހުން ގޮސް ބުރަކައްޓަށް ލެއްވި ލަކުޑި މަސްގަނޑާ ހަމައަށް، އެހެންވީމާ އަހުމަދު އިއްބެއަކީ ކުޅަދާނަ ލިޔުންތެރިއެއް ކަމަށް ބެލެވޭ، އިތުރު ލިޔުންތަކަށް ހެޔޮ ހިތުން އިންތިޒާރުކުރެވޭ ވާހަކަ ދަންނަވާލަމުން، މަރުހަބާ ކިޔާލަން!

  7. ޓްރިޕަލް އޭ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަރަށް ފުރިހަމަ ސަމާސާ އަދަބެއް. އަދި ދުވަހަކުވެސް ނުކިޔޭ މި ސްޓައިލަށް ލިޔެފަ އޮތް ސަމާސާ އަދަބެއް. މިއީ ދެން އަހަރެމެން ކްލާސްގައި ހިނގާފައި އޮތް ކަމެއް ހެން ހީވަނީ. އެކަމަކު “ބޮބީޑިއޯލް” އެކޭ ނޫން ދޯ ކިޔަނީކީ، ކެޔޮވަލޭ އޭ ނުން އޭނަ އާ ދިމާލަށް ކިޔަނީ. ހެހެހެހެ. ފަންވަތް ވެބްސައިޓްގައި އެތިބަ މޮޅެތި އާދަމް ނަސީރުމެންގެ ސަމާސާ އަދަބުތަކަށް ވުރެވެސް މީތި މާ ސަޅި. ދޮން އަހަންމަދާ އަދި ލިޔާތި މިކަހަލަ އެއްޗެހި. ތިޔަ ހަމަ އެއްވަނަ!

  8. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަހަންމަދާ މި ލިޔުން ވަރަށް ނަލަ. އެކަމަކު މަ މި ހިތަށް އަރަނީ….

    ހަ ވަނަ ޕެރެގްރާފްގައި އެބަ އޮތް ޑެސްކުގެ އަނގަ ތެރޭގައި ސުޕާރި ބަހައްޓައިގެން ކާ ވާހަކަ ލިޔެފައި. ދެން އެއާއި ޖެހިގެން އޮތް ޕެރެގްރާފްގައި އެބަ އޮތް އޭތި ބަނޑަށް އެއްޗެއް ހަރާލި ވާހަކައެއް. ހިތަށް އަރައިގެން މިއުޅޭ އެއްޗަކީ އެ ބުނާ ބަނޑާ އަނގައަކީ ވެސް ހަމަ ޑެސްކުގެ ވަތް ގަނޑެއް ނޫން ބާވައޭ؟

  9. someone‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަހަންނަކީ ޖަލާލުއްދީން ސްކޫލްގެ އެންމެ ފުރަތަމަ ބެޗްގެ ކުއްޖެއް.އޭރު ކުދިން ހާދަ ރަނގަޅޭ. ހާދަ އެކުވެރިޔޭ. އެކަމް މިހާރު ޖަލާލުއްދީންގެ ހާލަތު ފެނުމުން ލޮލުން ކަރުނަ އާދޭ. ހިތަށް އަރާ އޭރުވެސް ސައީދު އޭ. މިހާރުވެސް ސައީދުއޭ. ދެން ކީއްބާއޭ މިވަނީ. އިސްލާހުކުރާނީ ކިހިނެއް ބާއޭ. އެކަމް ބުނަންތަ ތި ލިޔުން ވަރަށް ފުރިހަމަ.އޯލް ދަ ބެސްޓް.

  10. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަރަށް ރަނގަޅު މެސެޖެއް ދީފައި އޮތް ސަމާސާ އަދަބެއް.

  11. ލަދިންކަލޭގެ މުޅި‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަހަންނަކަށް މަޖަލެއްނުވި. ހަމަ ހިތަށް އެރީ ކީއްވެ ބާއޭ ކިޔަވާކުދިން އެކުދިންގެ ސުކޫލް ފަރުނީޗަރ ތައް ހަލާކުކޮއް ހަޑިކޮއް ހަދަނީ؟ ހަމަ ޔަގީން އެކުދިންގެ އަމިއްލަ ގޭގެ އެއްވެސް އެއްޗެއް އެހެންމީހަކުއާސް ހަލާކު ކުރާކައް އެއިން އެއްވެސް ކުއްޖަކު ނޭދޭނެ. ސުކޫލުގެ ތަކެއްޗަކީ ހަމަ ތިޔަ ކިޔަވާ ކުދިންގެ ސާމާނު ކަމުގައި ދެކިގެން ކިޔެވުމާގެން ކުރިއައް ދިއުނަށް އެދެން.

  12. ޕުއިސަ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ހަލާކު ކުރާމީހުން ހަލާކު ކުރާނެ ޓީޗަރުން ނަށް އެތަން ފެނުނަސް އަންގަން ވީ ފަރާތަށް އަންގަނީ ކިވެސް ނޫން، ނުވިތާކަށް އެކަން ހުއްޓުވަނީ ކީވެސްނޫން، އެކުދިން ނަށް މިވަނީ ވަރަށް މަޖާ ކަމަކަށް އެއްޗެހި ހަލާކު ކުރުން

  13. ޅިޔަންބެ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ކުލާސް ރޫމް މިވަނީ މިސޮރުމެނަށް ހަނގުރާމައިގެ މައިދާނަކަށްތާ

  14. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މިއީ ދެން ވަރަށް އެހެން ކަހަލަ ވާހަކައެއް. އަޅުގަނޑު ބިރުގަނޭ މިތަނުގައި މިވާހަކައާ ގުޅިގެން ހޫނު ޒުވާބެއް ފެށިދާނެތީ. އެހެންނަމަވެސް ދެއްކުން ވަރަށް މުހިންމު ވާހަކައެއްމީ. އިބްރާހިމް ނާޞިރަށް ފަހު މައުމޫނަށް ވެރިކަން ލިބުމުން، އަދި އޭގެ މާކުރިން ވެސް ތަޢުލީމުގެ ތެރެއިން ކުދިން ހަލާކު ކުރުން އެސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެކަން އެންމެ ބާރު ސްޕީޑެއްގައި ފެށުނީ 1984 ވަނަ އަހަރުގެ މުޤައްރަރާ ހަމައިން، އެމުޤައްރަރަށް ހެދީ މިޖީލު ހަލާކުކުރަން. މައުމޫން ވިދާޅުވެގެން ޒާހިރު ހުސައިން. އޭގެ ފަހުން އަޅުގަނޑުމެންގެ ތައުލީމު ހަލާކުވެ، ކުދިން ދިޔައީ އިންތިހާއަށް ނުބައި ވަމުން. ދެން ފެށުނީ ނަސްރީނާގެ ޑްރަގު ކުޅިގަނޑު. އަޅުގަނޑު އިން ކްލާހަކަށް ނަސްރީނާއާއި ނާއިލާ ފިރުދައުސް އައިސް، ތިޔަ ކުދިން ބަލާށޭ، މީހުން ޑްރަގު ބޭނުން ކުރަނީ މިހެންނޭ ވިދާޅުވެ، އެކަން ކުރާ ގޮތް ދެއްކި. މިއީ އަސްލުގައި އެކުދިން މިކަމަށް ހިތްޖައްސުވަން މައުމޫން ކުރެއްވި ކަމެއް.

  15. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އެޑިއުކޭޝަނުން ކަނޑަ އަޅާފައިވާގޮތަށް އަދަބު ދެވެން މިއޮންނަނީ، ސަސްޕެންޑްވެސް ކުރެވެން އިނދޭ. އޭރަށްވެސް ގޯސް ވާނީ ސައީދޭ. ނިކަން ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލަބަލަ. މިކަމަކަށް ނާންނާނެ ހައްލެއް، އެކުދިންގެ ޖަނަވާރުކަން ކަނޑުވައިގެން ނޫނިއްޔަކާ. ސްކޫލްވެސް، ބެލެނިވެރިންވެސް، ކުދިންގެ ދަށުވީމާ މިހެންވާނޭ. ވިސްނޭ ކުދިން (ތައުލީމުގެ އަހަންމިޔަތު އެނގޭ ކުދިން) ހަމަ ކިޔަވައޭ. ކިޔެވޭނެ ކިޔަވަން އުޅިފިޔާ. ކިޔަވާކުދިން ޖައްސާ މައްސަލަތައް ސައީދުވެސް، އަލި އިސްމަޢިލް ވެސް އަޑު އައްސަވާ. ނަމަވެސް ބޮޑެތި ކަންތައް އަންނަނީ ސަރުކާރުގެ ސަބަބުން ކަމަށް ސީދާ ޓީޗަރުންވެސް ބުނެފައިވޭ، “އަހަރެން އޯޑަރު ކުރިން ކެމިކަލް ބިއުރެޓް ތަކަކަށް، ނަމަވެސް އެޔެއް ނުލިބުނު، ވެދާނެ، ނަސްރީނާއާއި މައުމޫން ޢޭގެން ޓައިޓްރޭޝަން ހަދަނީ ކަމަށް” ކެމިސްޓްރީ ޓީޗަރެއް ބުނި ވަހަކައެއް މިއީ. ސައީދާއި، މެނޭޖްމެންޓާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާތަށް އެނގި ހުރެގެން ހަޅޭލާނީ.

  16. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    1984 އިން ފެށިގެން ކުދިން ހަލާކުވާތީތަ ދުނިޔޭގެ ފެންވަރުގެ ވަނަތައް ދިވެހިރާއްޖެ ހޯދަމުން މިދަނީ. މަޢުމޫނެއް ނޫނޭ ކުދިން ހަލާކުކުރަނީ. ކުދިންގެ މައިން ބަފައިން. ދެން ކުދިން އަމިއްލައަކަށް. ހާޝިމް ކޮސްނުގޮވާ.

  17. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    2001 ވަނަ އަހަރު ޖަލާލުއްދީން ސްކޫލް ގައި މަސްތުވާތަކެތީ ބޭނުން ކުރާނެ ގޮތްދެއްކި.މއީ ބޮޑު ސެމިނާރ އެއްގޮތަށް ބޭއްވި ކަމެއް.އަޅުގަނޑު ނުދަންނަވާނަން މިކަމުން އެދެވޭ ނަތީޖާއެއް ލިބުނެކޭ. ދުނިޔޭގެ ފެންވަރގެ ވަނަތަކޭ ބޯސޮރު ވިދާޅުވާއިރު ދުނިޔޭގަ ވެޔޭ ކިތަންމެ ފެންވަރެއް.ތިޔަބުނާ ވަނަތައް ހޯދާ އިމްތިހާނު ހަދަނީ ދުނިޔޭގެ ކިތައް ގައުމުގަތޯ އަޅުގަނޑު ސުވާލު ކުރަން ބޯސޮރާ. އަދި ފާސް ވާ ކުދިންގެ އަދަދު އާބާދީގެ ނިސްބަތުން ވަނީ ގިނަތޯ، ނުވަތަ މަދުތޯ.؟

  18. ޔަންގް ޖެނެރޭޝަން‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ޑީ.ޑަބަލިއު (އަހުމަދު އިއްބެ) ގެ ތިޔަ ސަމާސާ އަދަބު ވަރަށް ފަހި. ހުނަރު ހުންނަ އިރު ދެން ނުލިޔެ ހުންނާނެ ކަމެއް ނެތް. ވަގުތު ވީވަރަކުން ކުރިއަށް ގެންދޭ. ތި ލިޔުން ޖެހި ވަގުތުގެ ގޮތުންނާއި، ހުރި ފޮޓޯ ތަކުން މާނަ ވަރަށް ބަދަލުވެފައި މިއޮތީ. .

  19. އެކުވެރިއެއް.‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަގުތުގެ ގޮތުން، ލިޔުމުގެ މާނަ ބަޔަކު އޮޅުވާލީ! ޑީ. ޑަބްލިޔު (އަހްމަދު އިއްބެ) ލިޔުމައިގެން ކުރިއަށް. މީހުން މާނަވެސް ބަދަލު ކުރާނެ އަޅާނުލާ! ޑީ.ޑަބްލިޔޫ. އަހަރެމެން ކުލާސްމޭޓުން މިތިބީ އަހުމަދާއެކު…ލިޔަމުން ގެންދޭ.

  20. ކިޔުންތެރިއެއް.‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މިއީ ދިވެހި ބަހުން ވަރަށް ލިޔެފައި ނުހުންނަ ސްޓައިލެއްގެ ލިޔުން. ވަރަށް ރީތި ލިޔުމެއް. ލިޔުމައިގެން ކުރިއަށް

  21. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ބިލް އޯ ރެލީއަށް. ސަސްޕެންޑް ކުރެވޭކަށް ނުމެއް އިންނާނެ. އޮންނާނީ. އެންމެ ފުރަތަމަ ވިދާޅުވީ ރަނގަޅަށް. އެއީ “އެޑިއުކޭޝަނުން ކަނޑަ އަޅާފައިވާގޮތަށް އަދަބު ދެވެން މިއޮންނަނީ” އެކަމަކު ދެން ވިދާޅުވީ ގޯސްކޮށް “ސަސްޕެންޑްވެސް ކުރެވެން އިނދޭ.”

    ބޯސޮރަށް. ތާރީޚީ ޖަދަލެއް މިތާކު އަޅުގަނޑެއް ނުފަށާނަން. އެއީ 1984 ވަނަ އަހަރުގެ ތާރީޚާއި، ޤައުމީ މުޤައްރަރުގެ ކަންކަން ބޯސޮރަށް އެނގިވަޑައި ނުގްނަންވާތީ ތިޔަހެން ވިދާޅުވެވުނީ ކަމަށް އަޅުގަނޑު ދެން މިބަލަނީ. އަޅުގަނޑު ގޮވިކީ ކޮހެއް ނޫން. މިކަން އެނގިވަޑައިގަންނަވާނެ ތައުލީމީ ދާއިރާގެ އެންމެހާ ބޭފުޅުންނަށް ވެސް. ދެން އަދި ދަންނަވާފާނަން ވާހަކައެއް. ކީއްވެގެންތޯ 2000 ވަނަ އަހަރާ ހަމައަށް އައިއިރު ވެސް، ސޯޝަލް ސްޓަޑީޒާއި، ހިސާބާއި، އަދި މިނޫން ވެސް މާއްދާތައް ދިވެހި ބަހުން ކިޔަވައިދިނީ އަތޮޅުތަކުގައި މާލޭގައި އިނގިރޭސިން ކިޔަވައިދީފައި. މިވަރުން އަޅުގަނޑު ދެންނެވި އެއްޗެއް މޭރުންވެ ވަޑައިގަންނަވާނެކަމަށް އުންމީދުކުރަން.

  22. ޔަންގުޖަނަރޭޝަންގެ M.AR‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މަށަށް އެނގެޔޭ އަހަންމަދު އެއްޗެއް ލިއަންޏާލިއާނީމިހާސަޅީ ކޮށްކަން.މިހާދަ ފައްސޭ.އަދި އެކަތިފަހަރު ލިއެފަ ފޮނުވާ.

  23. 12 ބީ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ބާރަބީ ޖެހީ ކީއްވެގެންތަ؟ އެއީ އަހަރުމެންވެސް އުޅުނު ކުލާސް. އޭރު ޑެސްކުތައްވެސް ވަރަށް ސަޅި ވާނެ. އޭރު އަހަރުން ކުލާހުގަ އުޅެނީ ހުސް ޕްރިފެކްޓުން. ވަރަށް ބެސްޓްވާނެ. އޭރުވެސް ބައެއް ކުލާސްތަކުގަ ވަރަށް ހާލުގަ ޖައްސާފަ ޑެސްކުތައްހުރޭ. ވަރަށް ދެރަކަމެއް މިއީ.

  24. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަޅުގަނޑަށް ފެންނަގޮތުން މީގަ އެންމެ ބޮޑު މައްސަލައަކީ ކުދިންގެ އަހުލާގު. އެއީ ހަމައެކަނި ކުޅުދުއްފުށީގެ ސްކޫލުތަކުގަ ނިކުންނަން ފެށި މައްސަލައެއްނޫން. މާލޭގެ ދަރުމަވަންތަ، މަޖީދިއްޔާ އަދި އަތޮޅު ތެރޭ އެހެން ސްކޫލުތަކަށް ވެސް މިމައްސަލަ ދިމާވެއްޖެ. މިކަންތައްތައް ފެށުނީ މިއުޅޭ ސިޔާސީ ކުޅިގަނޑުގެ ސަބަބުން. ރައްޔިތުންނަށް ބަސްނާހަން ދަސްވުމާ ރައްޔިތުންގެ ވެރިކަމަކީ ބޭނި މަސްތައް ރަށުއޮފީސްތެރެއަށް ކިރާލުން ކަމަށް ހީވުން. ކުޑަކުދިން މިސާލު ނަގާނީ ބޮޑެތިމީހުން ކުރާކަންތަކުން. އެހެންވީމާ މިކަމުގެ ޒިންމާ ބެލެނިވެރިން ނަގަން ޖެހޭއިރު ސިޔާސީ މީހުންނާއި ޕާޓީތަކުންވެސް ނަގަން ޖެހޭނެ. ކިޔަވާކުދިންނަށް މިހާރު ހީވަނީ އެކުދިން ވަރުބަޔެއް ނެތޭ. ވެރިޔަކަށް ފިޔަވަޅެއް އެޅޭކަށްނެތް ބެލެނިވެރިންނަށް ދަރިން ދޮންފުތު ކަމުން. ފިޔަވަޅެއް އަޅައިފި ވެރިޔެއް އެވީ މަގާމުން ދުރުކުރަން. މިހިސާބަށް ކަންތައް ގޮއްސަ އޮތް މުޖުތަމައެއް މިއީ. ދެން ރަނގަޅު ކުރެވޭނީ އަޑުގަދަކޮށް މާރާމާރީ ހިންގައިގެންނެއްނޫން. ބެލެނިވެރިންނާއި ވެރިން، އެމީހުންގެ ޒިންމާ ދަސްކޮށް، އެޒިންމާ ނަގައިގެން. އެންމެން ގުޅިގެން މަސައްކަތް ކޮށްގެން.

  25. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ބަލަ ހާޝިމޫ ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް ތިޔަ ކިޔާ އެއްޗެއް އެނގުނޭ ކިޔާފަ އަހަރެމެންނަށް އެނގޭނެތަ ކިޔައިނުދީ ތިޔަހެން މަތި ސުރުޚީއެއް އަޅާލީމަ، ދެން މަ ހީކޮށްގެން މި ހުންނަނީ ތިޔަ ބުނާހެން ރާއްޖެތެރޭ ދިވެހިން ކިޔަވައިދޭންޖެހުނީ ޓީޗަރުންގެ ތަދުކަމުން ކަމަށް

  26. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ބެލެނިވެރިންނަށް ކަންކަން ފޫޅު ކެނޑުމަކީ، ދެން ނިކަން ބޮޑަށް މިރާއްޖޭގައި އަށަގެންފައިވާ ވަބާއެކޭ އަޅުގަނޑު ދަންނަވާނީ. އެހެން މިދެންނެވީ ކުއްޖަކު ބަސް ނޭހިޔަސް ބެލެނިވެރިންގެ ބޮލަށް. ހޯމްވަރކް ނުހެދިޔަސް ބެލެނިވެރިންގެ ބޮލަށް. މާރާމާރީ ހިންގިޔަސް ބެލެނިވެރިންގެ ބޮލަށް. ދެކުއްޖަކު ނުގޮތަކަށް އުޅުނަސް ބެލެނިވެރިންގެ ބޮލަށް. އަޚުލާޤު ގޯސް ވިޔަސް ބެލެނިވެރިންގެ ބޮލަށް. މީދެން ފުކެއް ބޮޑުވަރު ދެއްތޯ؟

    ބެލެނިވެރިންގެ ޒިންމާގެ ތެރޭގައި ޤާނޫނުގައި ވެސް އޮންނަ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ މަދަރުސާއަށް ފޮނުވުން. އެއީ ޙަޤީޤަތުގައި ކުއްޖާއަށް ދުނިޔޭގައި އުޅޭނެ ގޮތްތައް ދަސްކޮށްދިނުމުގެ ތަމްރީން ދޭން ޖެހޭ ތަނަކީ. ރިވެތި އަޚުލާޤާ، އަދަބާއި ސަދަބު އަންގައިދޭން ޖެހޭ ތަނަކީ. އެކަމަށް ނޫންތޯ މުދައްރިސުން ތަމްރީނުކޮށްފައި ތިބެނީ. އެހެންނަމަވެސް 1984 ގެ މައުމޫން މުޤައްރަރަށް ފަހު، މިކަން އޮތީ މުޅިން ފުރޮޅިގެން ނުއަތަށް ބުރެއް ޖަހާފައި. ދަރިންނަށް ކިޔަވައިދެމުން ގެންދިޔަ ދުރޫސުލް އަޚްލާޤު އުވާލައި، ޝޯސިއޮލޮޖީއާއި ސައިކޮލޮޖީއާއި އެތިކްސް އާއި ނުގުޅޭ ފިލާވަޅުތައް އަމިއްލައަށް ހަދައިގެން މުޤައްރަރުގެ ނަތީޖާ މިފެންނަނީ. ދެން މިދަންނަވަނީކީ ބެލެނިވެރިންގެ ޒިންމާ މިކަމުގައި ނެތޭކޭ ނޫން. އެހެންނަމަވެސް، ހަމަ ގައިމު ވެސް އަޅުގަނޑަށް ވިޔާނުދާ ބަސްތަކާއި ގޮތްތައް ފެނުނު އިނގޭތޯ ސްކޫލުގެ ތެރެއިން. އެތަނުން ކުދިންނަށް އެކަން ދަސްވީ. އަޅުގަނޑު ހަނދާން އެބަހުރި މާލޭގައި ގޭންގުތައް އުފެދި ހެދިބޮޑުވަމުން ދިޔަ މަންޒަރު. އެއީ ވެސް ސްކޫލު ތެރެއިން ނުކުތް ކަމެއް. އޭގެ އެންމެ ބޮޑު ދައުރެއް އޮތީ މަޖީދިއްޔާއާއި އަމީނިއްޔާގައި. މިއީ މައުމޫން އަޅާނުލައްވާ ނުމެއިމި ނުމެދިރި ދާން ދޫކޮށްލައްވާފައިވާ ތަންތަން. މިތަންތަނުގެ ފާޚާނާއަކަށް ވަންނާން ވެސް ނުކެރޭނެ އިނގޭތޯ ފާރުތަކުގައި ލިޔެފައި ހުންނަ ތަކެތީން. މިހިރަ މިހިރަ އަދި މީނޫން ވެސް އެތައް ކަމެއް ހައްލުނުކޮށް، ބޮޑުވަރު ކުރަން ދޫކޮށްލީ މައުމޫންގެ ދައުރުގެ އެޑިއުކޭޝަން މިނިސްޓަރުން. އެގޮތުން، ގައިމުކަމެއް ނެތް ޑޮކްޓަރޭޓެއް ހިއްޕަވައިގެން އުޅުއްވާ މުޙައްމަދު ޒާހިރު ޙުސައިނާއި، މުހައްމަދު ލަޠީފާއި އަދި ގައިމު ކަމެއް ނެތް އުސްތާޒުކަން ހިއްޕަވައިގެން އުޅުއްވާ އަބްދު ﷲ ޙަމީދަކީ، މިކަމުގައި މައުމޫނާ އެއްވަރަށް ޒިންމާ ނަންނަގަވަން ޖެހިވަޑައިގަންނަވާނެ ބޭބޭފުޅުން. އެހެންވީމާ، މިކަންކަން މައިން ބަފައިންގެ ބޮލަށް ޖަހާނެ ގޮތެއް އަޅުގަނޑުގެ ސިކުނޑިއަކަށް ހަމަ ކުޑަކޮށް ވެސް ނުވިސްނޭ.

  27. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ކަންނެތް ސޮރު ތިޔަ މުގުރާލެއްވީ ތާރީޚީ ނުހަނު ބޮޑު ޤަރީނާއެއް. ކުދިންގެ އަޚްލާޤް ގޯސް ވުމުގެ މައްސަލަތައް ފެށުނީ ސިޔާސީ ޕާޓީތަކާ ސިޔާސީ ކުޅިގަނޑުގެ ސަބަބުން ކަމުގައި ދެންނެވުމަކީ، ތާރީޚަށް ބޭއިންސާފުވުން. އެއެއް ނޫން ފެށުމަކީ. ފެށުމަކީ 1984 ގެ މުޤައްރަރު. ދެން އެއިން ރޯކުރި އަލިފާނަށް އެޅުނު ތެލެއް ކަމުގައިވި ސިޔާސީ ހަލަބޮލިކަން ވެސް. އެކަމަކު އަސްލަކީ މިދެންނެވި މުޤައްރަރު. އަޅުގަނޑެއް ބޭނުމެއް ނޫން މިފަދަ ޙަޤީޤަތްތައް އަޅުގަނޑަށް ފެންނަ ހިސާބުގައި އޮޅިގެން ދާކަށް. އެހެންވެ މިހެން މިދެންނެވުނީ އިނގޭތޯ. ދެން ކަންނެތް ސޮރާ ޒާތީ ގޮތަކުންނެއް ނޫން މިވާހަކަ މިދަންނަވަނީ. އަޅެ އަޅުގަނޑު މިދައްކާ ވާހަކަ ޤަބޫލުފުޅު ނުކުރެވެންޏާ، ދިރާސާއެއް ކުރައްވާ. އޭރުން ފެނިވަޑައިގަންނަވާނެ އިނގޭތޯ މިބަހުގެ ތެދުކަން

  28. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަދި އެހެން ތަންކޮޅެއް މަ ވެސް އިތުރުކޮށްލާނަން، ގައުމެއްގެ ހުރިހާ އެންމެންނަކީ ޕީއެޗްޑީ ފެންވަރުގެ ތަޢުލީމީ ބޭފުޅުންކަމުގައި ވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކުރުން ވެސް މިއީ މި ކަމަށް މަގު ތަނަވަސްކުރާނެ ކަމެއް، ތިޔަތާ ކިޔަވާ ކުދިން އެބައުޅޭ ނުލާހިކު މަސައްކަތްތެރި ކުދީން މަސައްކަތްތައް ކުރާ ހިތްވާ ކުދިން، އެކުދިންނަށް ކޮންމެ ވެސް ކަހަލަ މަސައްކަތެއް ނުޖައްސާ ތަންޑިޔާލައިގެން ކިޔަވަންޖެއްސީމާ މި ވާ ގޮތަކީ ދެން ތިބި އެހެން ކުދިންނަށް ވެސް އެއްޗެއް ކިޔެވޭ ގޮތް ނުވަނީ، ދެން މި ބުނީ ނުލަފާ އަރުވާ ސޮރުމެންގަނޑު ނަގާ ބޭރުކޮށްލާށެކޭ ނޫން، އެކުދިންނަށް ކިޔަވައިދޭންވީ މިހާރު މި އޮންނަ މޭޒުދޮށު އެދުރުގޭގެ ބަދަލުގައި ތަންކޮޅެއް އެހެން ކަހަލަ މަސައްކަތްތެރި މާހައުލަކުން، ދެން މި ކަންކަން ފަރުމާކުރަން ދަންނާނެ މީހުން އުޅޭނެ ރާއްޖޭގަ، ދެން މި ބުނާ ގޮތަށް ކިޔަވާ ނިމޭއިރުވެސް ހަމަ ކުދިން ރޯފިލާވަރަށް އިނގިރޭސި ބަހުން މޮށެއުޅެން އެނގި، ދީނުގެ ހަމަތައް ދަސްވެފައި ތިބި ބަޔަކަށް ވާ ވަރަށް މި ބުނާ ވައްތަރު ތަޢުލީމެއް ވިލަރެސްކޮށްލައިގެން މި ކަން ކަން ވާނީ، މަގޭ ޚިޔާލުގައި،
    ދެން މި ލިޔުމާ މެދު އެއްޗެއް ބުނާއިރުގައި ބުނެލަން އޮތީ އަހުމަދު އިއްބެގެ ސަޕޯޓަރަކަށް މަ ވެއްޖޭ މި ލިޔުން ކިޔާފައި، އެހެންވީމާ ގިނަގިނައިން ހަމަ ލިޔާށޭ މަ ހުންނާނަމޭ ސަޕޯޓުކުރަން އަތްތިލަބަޑިޖަހަން

  29. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އިސްލާމިކް އެތިކްސް ވެސް ތަންކޮޅެއް “އެކްސައިޓިން” ގޮތަކަށް ކިޔަވައިދެވޭނެ، ކުދިންނަށްވެސް ބޭނުންވާނެ ކިޔާ އެއްޗެހީގައި ލޮޖިކެއް، އޭރުން އެކުދިންގެ ސިކުނޑިއަށް އެވަދެގެން ދާނީ. މިހާރު މިއަންނަ ޓީޗަރުން އަޚްލާގޭ ކިޔައިގެންވެސް ކިޔައިދޭނީ ވަރަށް ވަނދު އެއްޗެހި. ނަމަވެސް ކުދިންގެ އުޅޭ އުޅުމާއި، ފިލާވަޅު ދަސްކުރުމާއި މިފަދަ ކަންތައް ބޮޑަށް އޮންނާނީ ބެލެނިވެރިންނަށް. އެއީ އިންސާނީ ފިތުރަތަކީ ސާފް އެއްޗެއް، ނަމަވެސް މާހައުލާ އެކީ ބަދަލުވަނީ. އެހެންވެ އެކަހަލަ މާހައުލު ތަކަށް ކުދިން އެކްސްޕޯސް ވިޔަ ނުދީ އެކުދިން ކޮންޓްރޯލްގައި ބައިތިއްބަންވީ. ޓީޗަރަކު ކުއްޖަކު މަގުމަތީގައި ސިނގިރެޓެއް ބޮނިކޮށް އެއްލާލާށެކޭ ނުބުނާނެ، އެމީހުނަށްވެސް އެނގޭނެ ބުނެފިއްޔާވާނޭ ގޮތް. އެހެންނަމަވެސް، ބެލެނިވެރިން ތަފާތުވާނެ، އެމީހުންގެ ބަސް ދަރިންގެ ކުރިމަތީގައި ނުވިކޭ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް. ސިޔާސީންނާއި ހުރެ، ކުދިންވެސް “އަނިޔާވެރި” “ވެރިކަމާއި” ދެކޮޅު ހަދަނީ.