Share

ގޭސް އެނބުރުން

ގޭސް އެނބުރުން
ހާޝިމް

ގޭސް އެނބުރުމަކީ، އަޅުގަނޑުމެންގެ ތެރެއަށް ދާދި ފަހުން އާންމުވެގެން އުޅޭ މަޖާޒެކެވެ. ރަސްމީ އެއްވެސް ލިޔުމަކުން އަދި ފެންނަން ނެތް، އެހެންނަމަވެސް ވަރަށް ގިނަ ބޭފުޅުން ބޭނުން ކުރައްވާތީ، އަޅުގަނޑު އަޑުއަހާފައިވާ ޢިބާރާތެކެވެ. އެހެންކަމުން، މިމަޖާޒުގެ އެތެރެއަށާއި ބޭރަށް ބަލައިލުމަށް އަޅުގަނޑު ޝައުޤުވެރިވެއްޖެއެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް، އެންމެ ފުރަތަމައަށް މަޖާޒަކީ ކޮން އެއްޗެއްތޯ ބަލައިލުން ވަރަށް މުހިންމެވެ. އެއީ، މަޖާޒެއް ފުރިހަމައަށް ދެނެގަނެވޭނީ އިހަށް މަޖާޒުގެ މާނަ އެނގިގެން ކަމުގައިވާތީއެވެ. އެކަމަށްޓަކައި ހުޅުވާލަން އެންމެ ޙައްޤުކަން ބޮޑީ އަޅުގަނޑުމެންގެ ދިވެހި ބަސްފޮތެވެ. އޭގައިވާގޮތުން، މަޖާޒަކީ ބަހުގެ އަސްލު މާނަ ނޫން އެހެން މާނައެއް ދޭހަވާ ބަސްބަހެވެ. އޭގެ މިސާލެއްގެ ގޮތުން ލޮލުފިޔަޖެހުން ނަގަމާތޯއެވެ. އެޢިބާރާތުގެ މާނައަކީ، ލޮލުގައި ފިޔަޖެހުމެއް ނޫނެވެ. ނުވަތަ ލޮލުން ފިޔަޖެހުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ، ނިދިޖެހުމެވެ. ނުވަތަ ނިދިއައުމެވެ. މިއީ، އޭގެ ލަފްޒީ މާނައަށް ވިސްނައިފިނަމަ، މާނަ އޮޅުންބޮޅުން ވެދާ ފަދަ ޢިބާރާތެކެވެ. ނުވަތަ ދިވެހި ބަސް ދަސްކުރުމަށް އުޅޭ މީހަކަށް ފަހަރުގައި ނޭނގިދާނެ ޢިބާރާތެއް ވެސް މެއެވެ. އެހެންނަމަވެސް، ދިވެހި ބަސް ބޭނުންކުރާ އާންމު ދިވެހިންނަށް އެނގޭނެ ބަހެއްކަމާމެދަކު ޝައްކެއް ވެސް ނެތެވެ.

ހަމަ މިދެންނެވިހެން ފަޅާއެރުމަކީ ވެސް މަޖާޒެކެވެ. އޭގެ މާނަ ދިވެއްސެއް ވެއްޖެއްޔާ އެނގޭނެކަން ގައިމެވެ. ދިވެހި ބަސް ދަސްކުރާ ބޭރު މީހަކަށް ނުވަތަ ދިވެހި ބަސް ބޭނުންކޮށް ނޫޅޭ ދިވެއްސަކަށް ފަހަރުގައި ނޭނގިދާނެއެވެ. އެހެންނަމަވެސް، އޭގެ ލަފްޒީ މާނައަކީ އެބަހުން ދޭހަކޮށްދޭ މާނައެއް ނޫނެވެ. ފަޅާއެރުމުގެ ލަފްޒީ މާނައަކީ، ތަނެއް ފަޅާލާފައި އެރުމެވެ. އެހެންނަމަވެސް، އޭގެ ޙަޤީޤީ މާނައަކީ، ކޮންމެ ވެސް ކަމެއް ބޭޒާރުވުމެވެ. މިސާލަކަށް ފިހާރައެއްގައި އިންނަ ކުއްޖަކު ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގައި، އެއަށް ޚިޔާނާތްތެރިވާކަން، ފިހާރައިގެ ވެރިމީހާއަށް އެނގޭ ދުވަހަކީ، އެކުއްޖާ ވަމުން ގެންދިޔަ ޚިޔާނާތް ފަޅާއަރާދުވަހެވެ. އެކަން ބޭޒާރުވާ ދުވަހެވެ.

މިބަޔާންކޮށްލެވުނީ، އާންމުކޮށް، ގިނަ ދިވެހިންނަށް ޒަމާނުއްސުރެ އެނގޭ މަޖާޒުގެ ބައެއް މިސާލުތަކެވެ. އަދި ލިޔެކިޔުންތަކުންނާއި، ބަސްފޮތުގައި ވެސް ބަޔާންވެގެންވާ ބައެއް މަޖާޒުތަކެވެ. އެހެންނަމަވެސް، މިމަޒުމޫނުގެ ޞުރުޚީގައި އެވާ ގޭސް އެނބުރުމަކީ، ދާދިފަހަކުން އަޅުގަނޑުމެން ބޭނުން ކުރަން ފަށާފައިވާ މަޖާޒެކެވެ. އަދި މިހާރަކަށް އައިސް، ފުދޭ ވަރަކަށް ގިނަ މީހުން ބޭނުންކޮށް އުޅޭ ބަހެއް ވެސް މެއެވެ. މިބަހުގެ މާނައަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުން، ރަށުތެރެއަށް ވާހަކައެއް ފަތުރާލައި، ކޮންމެ ވެސް ތަނަކަށް މީހުން އެއްކުރުމެވެ. އަދި މިއީ ކިހިނެއް އުފެދިގެން އައި ބަހެއްތޯ ބަލައިލާން އަޅުގަނޑު ކުރި ދިރާސާއިން މައިގަނޑު ތިން ކަމެއް އަޅުގަނޑަށް އެނގުނެވެ. އެކަންކަން ތިރީގައި އެވަނީއެވެ.

1. ގޭސް އެނބުރުމަކީ، ރަށުތެރޭގައި މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ “ޕާޓޭ” މިކިޔާ ކުދިންނާއި މީހުން އުފެއްދި އެއްޗެއްކަމަށް، އަޅުގަނޑުގެ އެކުވެރިޔަކު އަޅުގަނޑަށް މަޢުލޫމާތުދީފައިވެއެވެ. އެއީ 2004 ހިސާބުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ، “ޕާޓޭ” މިބަސް ވެސް ޢާންމު ވަމުން ދިޔަ ދުވަސްކޮޅެވެ. ނަސީބު ދެރަކަމުން، އެބަސްތައް އުފެދިގެން އައިއިރު އަޅުގަނޑު އުޅެމުން ދިޔައީ ރާއްޖެއިން ބޭރުގައެވެ. ކޮންމެއަކަސް، މިދެންނެވި “ޕާޓޭ” އިންގެ ގްރޫޕްތައް ގޮސް އެހެން ގްރޫޕްތަކާ މާރާމާރި ހިންގާއިރު، މިދެންނެވި “ގޭސް އެނބުރުން” ކިޔާ އުޅޭކަމަށް އަޅުގަނޑުގެ އެކުވެރިޔާ ވަރަށް ޔަޤީންކަމާއެކު އަޅުގަނޑުގެ ގާތުގައި ބުނެފައިވެއެވެ. އަދި އެގޮތަށް މާރާމާރި ހިންގަން އެގްރޫޕެއްގެ މީހުން އެއްކުރަންޏާ އެއީ ވެސް ގޭސް އެނބުރުން ކަމުގައި އެވެރިން ކިޔައެވެ.

2. މިއީ ފެކްޓް މޯލްޑިވްސް ކިޔާ ކުރީގެ ސަރުކާރާ އެއްކޮޅު ވެބްސައިޓަކުން 2006 ހާތާނގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެކްޓިވިސްޓުން، މީހުން މުޒާހަރާއަށް އެއްކުރުމަށް އެސްއެމްއެސް މެސެޖް ފޮނުވައި، އެވާހަކަ ރަށުތެރެއަށް ފަތުރާލުމަށް ކުރި މަސައްކަތަށް ކިޔަން ފެށި ނަމެއް ކަމަށް ވެސް އަޅުގަނޑަށް އެނގިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އެވެބްސައިޓުން އެކަން ސިފަކުރީ ފޮނު އެރުވުން ކަމުގައެވެ. އެގޮތުން މިވެނި މީހަކު، މިވެނިހެން ކިޔައިގެން މީހުން މިވެނިތާކަށް އެއްކުރުމަށް އެބަ ފޮނުއަރުވައޭ ކިޔައި، އޭރު ފެކްޓް މޯލްޑިވްސް ވެބްސައިޓްގައި ލިޔެފައިވާ ތަން ޚުދު އަޅުގަނޑު ވެސް ދުށީމެވެ. ފަހުން ފަހުން އައިސް، ފޮނުއެރުވުން ގޭސް އެނބުރުމަށް ބަދަލުވީއެވެ. އެގޮތުން، މިވެނި އެކްޓިވިސްޓެއް، މިއަދު ހަވީރު މިވެނިތާކަށް މީހުން އެއްކުރުމަށް އެބަ ގޭސް އަބުރައޭ ކިޔައި އެސައިޓްގައި ލިޔުނެވެ.

3. މިމަޖާޒަކީ، ޚުދު އެމްޑީޕީގެ އެކްޓިވިސްޓުން އުފެއްދި އެއްޗެއް ކަމުގައި ވެސް ބުނެވެއެވެ. އަޅުގަނޑު ދަންނަ ވަރަށް ގިނަ މީހުން ވެސް އަޅުގަނޑަށް މަޢުލޫމާތު ދިނީ މިހެންނެވެ. އެގޮތުން، އެ އެކްޓިވިސްޓުން ތަންތަނަށް އެއްވެ މުޒާހަރާތައް ރާވާއިރު، “ކޮބާ މިއަދު އަނބުރާލާނީ ކޮން ގޭސްގަނޑެއްހޭ؟” އެއިން އެކަކު އަނެކަކަށް އަހާ އުޅޭކަމަށް ވެއެވެ. އޭގެ ޖަވާބުގައި، މައުމޫނު މިހެން ހަދައިފިއޭ ނޫނީ ފުލުހުން މިވެނި މީހަކު ހައްޔަރުކޮށްފިއޭ ކިޔައި އެކަކު އަނެކަކަށް އެސްއެމްއެސް ފޮނުވައި، ފޯނުކޮށް ވަކިތަނަކަށް ވަކި ގަޑިއަކަށް މީހުން އެއްކޮށްލައެވެ. މަތީގައި ދެންނެވިފައިވާ ފެކްޓް މޯލްޑިވްސް ވެބްސައިޓަށް މިބަސް އަރަން ފެށީ އެމްޑީޕީގެ މީހުންގެ އަނގަމަތީ ބަސްތައް އެސައިޓުން ވެސް ބޭނުން ކުރަން ފެށުމުން ކަމަށް ވެއެވެ.

ކޮންމެއަކަސް، މިއީ ކިހިނެއް އުފެދުނު ބަހެއްކަން ޔަޤީންކަމާއެކު ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އަދި އިސްވެ ދެންނެވުނު ގޮތްތަކުގެ އިތުރުން ވެސް މިމަޖާޒާބެހޭ އިތުރު މަޢުލޫމާތު އެހެން ބޭފުޅުންގެ އަތްޕުޅުގައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުން މީގެ މާނައަކީ، ވާހަކަ ފަތުރައިގެން ތަންތަނަށް މީހުން އެއްކުރުން ކަމުގައިވާތީ، މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ބަސްފޮތުގެ ތެރެއަށް ވެއްދުން ގޯސް ބަހެއް ވެސް ނޫނެވެ. އަދި ބަހަކީ، އުފެދެމުން، އިޢާދަވަމުން، ހެދިބޮޑުވަމުން، ތަރައްޤީވަމުން އަންނަ އެއްޗަކަށްވާ ހިނދު، މިހެން އުފެދޭ ބަސްތައް، އާންމުން ބޭނުން ކުރަމުން ގެންދަންޏާ، އެއީ ހަމަ ދިވެހި ބަހުގެ ތެރެއަށް ވައްދަން ވާނެ ބަސް ބަސް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ. އެކަމުން ބަހަށް މުއްސަނދިކަން ލިބޭތީއެވެ. އަދި ބަހުގެ ބަސްކޮށާރު އިތުރުވާތީއެވެ.

‮ ‬24‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ގޭސް އުނދުނުން ކައްކަން އުޅެފައި ވަރުބަލިވެގެން ހިންދެމިލާފައި‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ތިދެން އެމްޑީޕީ ދެތިން މީހަކު ބޭނުން ކުރިޔަސް އަހަންނަށް ވަރަށް ހުތުރު ‘މަޖާޒެއް’. ގޭސް ބޭރުވުމެކޭ އެނބުރުވުމެކޭ ކީމަ ދެން ވަރަށް ހަޑި ދޮއްތޮ؟ ތިޔަށް ވުރެ މާ އައުލާކަން ބޮޑުހެން މަށަށް ހީވަނީ މި ކުޅުދުއްފުށީ މީހުން އިހުޒަމާނުން ފެށިގެން ބޭނުން ކުރަމުން އައިސްހުންނަ މޮޅެތި ބަސްތައް ދިވެހި ބަސްފޮތް ތެރެއަށް ލުން. މި ސައިޓުގަ ތަންކޮޅެއް ކުރިން އާދަން ފަޔާޒެއް ކިޔާ ސޮރެއް ހުރި އެކަހަލަ ވަރަށް ފައްކާ ވާހަކަތަކެއް ލިޔެފަ. އެގޮލާ ކޮބައިބާވައޭ މަ ހިތަށް އަރަނީ.

  2. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އާނ، ތިޔަ ކަހަލަ ގޭސްގަނޑުގަނޑުގެ ނަތީޖާގައި ނުކުންނަ ކަންކަން ރަމަތަކުރަން ވެސް ގެންގުޅުނީ ގޭސް، އެކަމަކު އެޔަށް މި ކިޔަނީ ކަރުނަ ގޭސް، މަށަކަށް ނޭނގެ އެހެން ކިޔަނީ ކީއްވެ ކަމެއް، އެކަމަކު މަށަށް ވެސް އޭގެ ދިލަޖެހުން ގޭތެރޭ އިންދާވެސް ލޮލުން ކަރުނައައި ހަމަގައިމުވެސް، ދެން ހާޝިމްގެ މަޒުމޫނު ވަރަށް ބޭނުންތެރި މައުލޫއެއް ކަމުގައި ދެކެން، އަދި ހާޝިމާ އިދިކޮޅު ޚިޔާލުގެ މީހުންނަށް ވެސް އިހުތިރާމުކުރާކަން މި ލިޔުމުން އެނގިގެން ފެނިގެން ހާމަވެގެން ހިނގައްޖެ، މިހެން މި ބުނެލީ ފަޅާއެރުމަށް މިސާލު ޖަހާފައި އޮތް އިރު ފަޅާއެރުމުގެ އެންމެ ރީތި މިސާލު ނުގެނެސް އެޔޮތީ ހަމަ ހިކުމަތަކަށްޓަކައި ކަމުގައި ވިސްނޭތީ، ހާޝިމްގެ ލިޔުމެއް ޖަހާނަމޭ ބުނެފައި ޚަބަރެއް ނުވެ ކުޑަކޮށް ލަސްވެލީމާ އެކަމާ ކަތާކޮށްލާނަމޭ ވެސް ހިތުލައިގެން މި އުޅެނީ އަދި،

  3. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އާނ.. ތިޔާ ބުނާހެން މި ވަރަށް ފައްކާ ލިޔުމެއް. މި ނޫނަސް މިކަހަލަ ކިތަންމެ ބަސްބަހެކޭ ހަމަ ދިރާސާކޮށްފަ ލިޔަންވީ. މިސާލަކަށް ފަތް ބުއިން، ގޮޅާބޯ، ގަންޖާބޯ، ބޮލި ފަދަ ބަސްތައް. މިހާރު މައުމޫނަށް ނޫނެއްކަމަކު އެއީ ހަމަ އާއްމުކަމެކޭ މާ ޚުދުމުހުތާރު ގޮތް ގެންގުޅޭ މީހުންނާއި ދިމާލަށް ގޮޅާބޮލޭ ކިޔާފައި ގޮވާލުމަކީ.

  4. އައް ޝައިޙް‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ނޫނޭވާ އުރަތްޕެއް ނެތް އިނގޭ.. ފުރަތަމަ ކަމަކަށް ބަލާއިރު ގޭސް އެއީ އިނގިރޭސި ބަހެއް.. ދެން އެމްޑީޕީގެ ދެތިން ގުންޑާއިން ހަމަ ބަހެއް ބޭނުންކޮށްލާއިރަށް އެވީ ރަދީފަށް ލާންތަ؟ ކޮސްނުގޮވާ.. ގޭސް އެނބުރުމަށް ވުރެ ރަދީފަށް ލައިފަ ނޫނީ ދިވެހިބަހުގެ ދާރުލްއާސާރެއް ހަދާފަ ފަހުގެ ޖީލުތަކަށް ފެންނާނެ ފަދަގޮތަކަށް ރައްކާކުރަންވީ ބަހަކީ އަލް މުޙްތަރަމް ރައީސް މުހައްމަދު ނަޝީދު ބޭނުން ކުރައްވާ “އެއްޗަކަށް ފައިން އެރުން” ފަދަ ބަސްބަސް.. ކިހާ ދިވެހިވަންތަވެފަ މާނަފުންވެފަ ބަލާޣާތްތެރި..

  5. someone‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ތިދެން އެއްވެސް ދެއުޅިއެރްނުވާ ލިޔުމެއް.

  6. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ގޭސް އެނބުރުމަކީ މޫސުމީ ބަހެއްތާ ދޯ. އަޅުގަނޑު ދެކޭ ކޮންމެ މަޖާޒެއްގައިވެސް އޮވޭ ގޮތެއް، މިދެންނެވީ ލަފްޒީ މާނައާއި މަޖާޒީ މާނަ އާއި ރަށްޓެހި ގޮތެއް ހުރުން. މިސާލަކަށް “ވައިގައި ހިފުން” ލަފްޒީ މާނަ އާއި މަޖާޒީ މާނަވެސް ވަރަށް ރައްޓެހި. ތި ބަހާއި ދޭތެރޭ އަޅުގަނޑަށް ވަކި ގޮތެއް ނިންމޭނީ ކުޑަ ދިރާސާ އެއް ހަދާލާފައި.

  7. މުއްލާ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މިއުޅޭ ޝެއިހްވެސް ރަނގަޅު އަދާލަތުގަ އެއުޅޭ އޭގެ އެއްޗެހިންނަށްވުރެ.. ރޭގަވެސް އަދާލަތު ޕާޓީގެ ރައީސް އެކޭ އެކިޔާ ސޭކު ދިޓީވީ އަށް އަރައި އިނދެގެން އެދެއްކި ވާހަކަތަކުން މަ ހިތަށް އެރި ހިފަހައްޓާ ބަހައްޓާފަ ބޮލުގަ ޓަކިތަޅާފާނަމޭ.. ހުވާ މިބުނީ…

  8. ކުޑަދޮންމަނިކު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަރަށް ދުވަސްކޮށްލާފަ މިބަލާލެވުނީ މިގޮލާ. ދަރިފުޅާ ރަންގަނޑާ ހާސިމޫ ކޯޗެކޭތަ ފިފަހަރު ތިޔާލިޔުނީ. ބޭބެވަސް ގައިމުން ދުނިޔެއަށް އައީންސުރެ މިއުޅެނީ ހަމަ މިރަށުގަ ދުވަހަކުވަސް ތިޔާބުނާ ގޭސްއެނބުރުމޭ ކިޔާއަޑެއްނާހަން. އެކަމަކު ހަމަ ހެލިލެވޭ ދުވަހަކު ވިއްޔާ ހޮޅުވައްޓާ ހަމަޔަށްވަސް ދަން. ބޭބެމެންނަށް ނީވުނަކަސް ދެންތިކަހަލަ އެއްޗެއްކިޔާދަނެތާދޯ.
    ނަލަމޮހޮންމަދާ މިއަދުނުވަސް ފެނެޔޭ ހޮޅުވައްޓަކުންވަސް ފަހަރިދައިތަ ބަލީތަ.؟

  9. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ކުޅުދުއްފުށިން އުފެދިފައިވާކަމަށް އަޅުގަނޑަށް އެނގިފައިވާ ބައެއް އާންމު ބަސްތައް
    ހުލިކޮތަޅު – ޕްލާސްޓިކް ކޮތަޅު
    މަރުދުރު – ސަރކެޓް ބްރޭކަރ
    އުނހޫތަކުރު – ޑޯ ކްލޯޒަރ (އިވޭ އަޑަށް ނިސްބަތްކޮށް ބަސްހެދިފައި)
    މުއްކުރު – ހޭންޑް ސެޓް
    ކަންނެތް ސޮރު – އިލެކްޓްރޯނިކް ކޮމްޕޯނަންޓެއް (ކެޕޭސްޓަރ ނޫނީ އައިސީ ޔަގީންނުވާތީ ނުލިޔުނީ)
    ހައިމާކް – އެކްސްކަވޭޓްރ (ހީވަނީ ކުޅުދުއްފުށިން އުފެދުނުބަހެއްހެން އެއީ އެންމެފުރަތަމަ ރާއްޖެތެރޭގައިހެދި ބަނދަރަކީ ކުޅުދުއްފުށީ ބަނދަރުކަމަށްވާތީ އެގޮތަށްބުރަވެވެނީ އެއިރު އަޅުގަނޑު ވަރަށްކުޑަ)

  10. އުމަރު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ވަކަވަލޭ ކިޔެއްވެތަ ތިހާވަރަކަށް ދިވެހިބަސް ތެރެޔަށް ސިންގަނޅަބަސް ވައްދަން ތިއުޅެނީ..ތިޔައީ ސިންގަނޅައެއް ދޮއްތޮ؟؟؟؟؟

  11. DOg‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މިލިޔުމަކީ ހާޝިމް އާއި ވަރަށް ގުޅޭ ލިޔުމެވެ. އެއީ އޭނާގެ މަސައްކަތަކަށް ވެފައިވަނީ މިސަރުކާރު ދިފާއުކުރުމަށް ދޮގު ވާހަކަދައްކައިގެން މިސައިޓްގައި ގޭސް އެނބުރުންކަމަށްވާތީއެވެ. ވީމާ ގޭސް އެނބުރޭކަން ހުދު ހާޝިމްވެސް ގަބޫލުކުރައްވާކަން އަޅުގަނޑަށް އެނގިއްޖެއެވެ.

  12. .....................ހޫނު...................‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މިއަދު އަތޮޅުއޮފީސް ތެރޭގައި ގޭސްގަނޑެއް އަނބުރަގެން އުޅޭ ވާހަކައެއް ރަށުތެރޭގައި މިހާރު ފެތުރެމުން އެބަދޭ! އަތޮޅުއޮފީހަށް ވަލުދޮރޯށިން ވައްދައިގެންއުޅޭ ލަބީބު 3 މީހަކު ވަޒީފާއިން ވަކިކުރަންވެގެން ޕެޓިޝަނެއް ހަދައިގެން އުޅެނިއްޔޯ… އެޕެޓިޝަނުގައި ވަކިކުރަންޖެހޭ ބައެއްގެ ގޮތިގައި ފާހަގަ ކޮށްފައިވަނީ ސަޢީދު އަޙްމަދާ ފައިސަލާ އަދި ޕްރޮވިންސް އޮފީހުގައި އުޅޭ ޙަލީމު ކިޔާ މީހަކާޔޯ!!!

  13. ރަހީމްބެ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަތޮޅުއޮފީހާއި ބެހޭ ގޮތުން “ހޫނު”ގެ ކޮމެންޓުގައި ވަނީ ރޯބުހުތާން ދޮގެކެވެ.

  14. މޭފެންގޯނި‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ތިޔަ ބުނާ ގޭސް ގަނޑުގެ ހަބަރު މިއަދު މަތިއުތުރު އިސްޓީޑިޔޯއިން ކަށަވަރުކޮށްދީފި. ސައީދު އަޙްމަދާ ފައިސަލާއި ތިޔާބުނާ ޙަލީމަކު ބޭރުކުރަން، ލަބީބު ޕެޓިޝަނެއް ހަދައިގެން، އެފޮޓޯކޮޕީ ހައްދައިގެން، އެމްޑީޕީގެ ހަރަކާތްތެރިން ލައްވާ ސޮއިކުރުވަމުން އެބަދޭ. ތިޔާބުނާ ލަބީބުގެ ކަރުސަތުނާމާއެއް މިދޭތެރެއަކުން ކޮންމެސް ސައިޓަކުންވަސް ވަނީ ފެނިފަ. އޭނަ އަތޮޅު އޮފީހަށް ވައްދާފައިވަނީ ގާނޫނާ ގަވައިދާ ހިލާފަށް ވިސާމުގެ ނައިބަކަށް އުޅޭތާ އެތައް ދުވަހެއް ފަހުން ސަރުކާރުގެ ބަޖެޓުން މުސާރަ ދޭގޮތަށް، ނުވަސް އޮންނަ މަގާމަކަށް. ވަގުތީ ސެކެޓެރީއެކޭ ކިޔައިގެން އިއުލާނުކޮށް ސަރުތު ހަމަވާ އެތައް ކުދިންނެއް ލައްވާ ސިޓީ އަޅުވާފައި، ވަޒީފާ ދީފައި އެވަނީ، ސިވިލް ސާވިސް ގަވާއިދާ ހިލާފަށް. ލަބީބަކީ ޖީސީން ޔޫސެޓެއް ލިބިފައިވާ ސެކެޓްރީކަމުގެ ސަރުތުވަސް ހަމަވާ ޗޮހޯއެއް ނޫން.

  15. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ހާޝިމްގެ ލިޔުން ވަރަށް ރަނގަޅު. އަޅުގަނޑުވެސް ދެކުނިން ފެކްޓް މޯލްޑިވްސް އާއި ދި މޯލްޑިވިއަން ވެބްސައިޓުގަ މިބަސް ބޭނުންކޮށްފަ ހުއްޓަ. އަދި އޭރު މުޒާހަރާތައް ކުރި ދުވަސްވަރު އަރާ ޓެކްސީ ތަކުގެ ޑްރައިވަރުންވެސް ބުނެލާ ކޮބާ މިއަދު އެބަ ގޭސްގަނޑެއް އަނބުރައޭ، ނުދަންހޭ؟ މިހެންވެސް. އެހެންވީމަ މިއީ ގިނަބަޔަކު ބަލާގަތް މަޒާޖެއް. މިތާ ކޮމެންޓުކުރި ގިނަމީހުން މިއޮތީ ހާޝިމަށް އޮންނަ ހަސަދައެއްގެ ސަބަބުން މިކަމާ އެއްބަސްނުވެވިފަ ކަމަށް ފެންނަނީ. ހާލުފޮޅި ފާހަގަކޮށްލާފަ ހުރި ބަސްތައްވެސް ހަމަ ވަރަށް ފައްކާއިންގޭ. ތިއީ ހަމަ ކުޅުދުއްފުށީ މީހުން ބޭނުންކުރާ، ބަސްފޮތަށް ލާންފެންނަ ބަސްތަކެއް.

  16. ފަރުހޫދު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ލަބީބު ވާހަކަ ދައްކަން ދެން މީކޮންތަނެއް.ތިއުޅެނީ އެސޮރާ ހަސަދަވެރ ވެގެން.ތި ކޮމެންޓު ލިއާމީހެއްވެސް އެގިއްޖެ. މިތަނުގައި އެންމެން ނަށް އެގެން ބޭނުންތަ. އެކަކު އަނެކަކުގެ ޒާތީވާހަކަތައް ދޮގު ހަދައިގެން މިތަނަކު ކޮންމެހެން ދައްކާނެކަމެއްނެތް.ލިއުމާމެދު ކޮމެންޓުކުރަންނޭގޭ މީހުން ތިބޭ ހިމޭނުން. މަށަށް ލިއުމަށް ކޮމެންޓު ކުރަން އެނގޭތީ މަބުނާނީ،އާ މަޖާޒާ،އާބަސް ބަސް އަބަދު ވެސް ދަނީ އިތުރުވަމުންނޭ.ހާޝިމު ތިކިޔާ ގޭސްއެނބުރުން މަށަށް އަލެއްކަމަކު ވެދާނެ ތީކިއާއެއްޗަކަށް ވެސް.ރަނގަޅު ލިއުމެއް މީ.

  17. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ކުދިންނޭ! އެކޮށް ހާސްވެގެން ނޫޅެ ބަލަ، މިއެއް ރާއްޖެއެއްގައެއް ނޫނަކަސް ކަންތައްތައް ވާ ގޮތޭ އިންސާނީ މުޖުތަމަޢުތަކުގައި އަމުދުން މި ކަހަލަ މީސްކޮޅު މަދު ތަންތާނގައި ވާނެ މި ކަހަލަ ކަންކަން، އާނ އެހެން މީހަކު ވެސް ބުނިހެން ތަން ފަސާދަވެ ދިޔައިރު ހެޔޮ ލަފާ މީހުން މައިތިރިކަމާއެކު ތިބީމާ ވެސް ނުކުންނާނީ މި ނަތީޖާ، ދެން ސިޔާސީ އޮއިވަރު އައިމާ އެހެން އެއްޗެއް ނޭނގިފައި ތިބޭ މީހުންނަށް ވާނެ ގޮތަކީ ބަދިގެ ތެރޭގައި ވެސް ތިންބާރު ވަކި ކުރަން ވާހަކަދައްކާނެ، ގޭ ތެރޭގައި ވެސް މުސްތަޤިއްލު ކަމިސަންތައް ހަދާނެ، ސުކޫލެއް ކުލާސްރޫމެއް ނޯންނާނެ އެއީ އެކަން ކަން ވާނެ ގޮތް މީގެ މައްސަލައަކީ ލީޑަރުން މި ތިބެނީ އެހެން މީހުންގެ ފަހަތަށް ވަދެ ފިލައި، ދެން މިހެންވީމާ ލީޑަރުންގެ ގޮތުގައި މި ނުކުންނަނީ ޑީލަރުން

  18. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    އަނހާ އަދި ލިޔުމާ މެދު އެއްޗެކޭ ނުބުނެއޭ މި ހާސަރު މި ދމުނީ އިހަށް، ހާޝިމޫ ބުނާކަށް މި ހަމަ ފައްކާ ގޮލައެއް، އެކަމަކު އަހަރެން އުންމީދުކުރަނީ މިއީ ނިމުމެއް ކަމުގައި ނުހަދާ ސިލްސިލާއެއްގެ ފެށުމެއް ކަމުގައި ހެދުމަށް،

  19. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މި ލިޔުމުގެ މަގުސަދާ ލިޔުމުގައި ހުރި ރޫޙާ މިސާލުތައް ޖެހުމުގައި ވެސް ސިޔާސީ ކުލައެއް ނެތުމާ މިހިރަ ކަންކަމާ ހުރެ މި ފަހަރު ހަމަ ހާޝިމަށް ތަޢުރީފު ނޫނީ ކުރާހިތެއް ނެތް، އެކަމަކު ޚުޝާމަދަކަށް ވެދާނެތީ މި ވަރުން ފުއްދާލާނީ، ހާޝިމް ތި ގޮތުގައި ކުރިއަށް ދޭ، އިތުރު އަދަބީ ލިޔުންތަކުގެ އިންތިޒާރުގައި ހުރިން

  20. މޭފެންގޯނި‮ އަކީ ‬ކޯޗެއްކަން އެނގޭ މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މޭފެންގޯނި‮ ‬ނަމުގައި ކޮމެންޓުކުރިފަރާތަށް! އަނގައޭ ކިއާބަލަ.ތިހެންތި ކިއާއިރު އެނގޭތަ ސިވިލްސާވިސް ގަވާއިދު .ކަލެއަށް ނޭގުނަސް ގިނަ މީހުނަށް އެނގޭނެ ލަބީބުގެ ފެންވަރު.ކުޅުދުއްފުށީގެ ނިސްބަތުން އޭނަ އަކީ ތައުލީމީ މޮޅު މީހެއް.ޖަލާލުއްދީން ސޮކޫލުން، އޯލެވެލް ހެދުމަށް ފަހު ރަނގަޅު ނަތީޖާ އަކާއެކު ލަންކާއަށް ގޮސް އެތަނުން އޭލެވެލް،ނިންމުމަށްފަހު ކޮންޕިއުޓަރ މެނޭޖުމެންޓުގެ ރޮގުން ޑިޕްލޮމާ ފުރިހަމަކުރި.ދެން ސަރުތު ހަމަވަނީ ކިހާވަރެއްވީމަތަ.ޢޭނައަކީ ހމަ ގަވައިދުން ސަރުތު ހަމަވެގެން ވަޒީފާ ލިބުނު ކުއްޖެއް. އަތޮޅު އޮފީހަކީ މިރަށު ބަނދަރަށް މީހުން ނެގި ގޮތަށް ނަގާތަނެއްނޫން. ނުލާހިކު ރަނގަޅު ލިއުމަކަށް ކޮމެންޓު ކުރަން ނޫޅެ.މިކަހަލަ ފޭކު ވާހަކަދައްކަންޏާ އަހަރެމެން ކަހަލަ މީހުން އަނގައެއްނޯންނާނެ. ލިއުން ވަރަށް ފައްކާ ހާޝިމް

  21. ދޮހޮއްތުބެ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ލިޔުން ކަމުދޭ ބޭބެޔަށް ވަސް! އެކަމަކު އަދި ވަސް ތިކަހަލަ ލިޔުން ތައް ލިޔާ އިރު ވީހާ ވަސް ދިވެހި ވަންތަކޮއް ބޭރު ބަސް ބަސް ނުލާ ލިޔުނީމަ އިތުރު ފުރިހަމަ ކަމެއް ލިޔުމަށް އަންނާނެ ކަމަށް ބޭބެޔަށް ފެނޭ!

  22. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    މަ ކުރި ކޮމެންޓަށް ވީ ގޮތެއް ނޭނގެ. މައުލޫއާ ނުގުޅުނީ ތޯޗެ. ދެން މިހިރީ ހައްތާ ވަސް މައުލޫ އާ ގުޅިގެން ބަންޑުން ގޮއްސަ ހުރި ކޮމެންޓު ވިއްޔާ.

  23. މަނިކު‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ނަލަ މޮހޮންމަދު ތިޔަ ބުނީ ރަނގަޅު ވާހަކަ އެއް.މިކޮމެންޓް ވެސް ނަގާނެ ކަންނޭގެ.

  24. އަހުރަ‮ ‬ވިދާޅުވީ


    ތާރީޚް:08/06/2009

    ހަޤީޤަތުގައި ގޭސް އެނބުރުން މަޖާޒަކަށް ވުމުގެ ފުރަތަމަ މަރުހަލާ ކަޑައްތު މިކުރީ. ހާޝިމުގެ މިލުމުގެ ތެރެއިންލާފަ. މިއީ ހާޝިމަޝާއި މިސައިޓަށް ލިބުނު ލިބޭނެ ޝަރަފެއް.