ހިޖުރައިން ފުރަތަމަ ގަރުނުގައި ވަރަށް ތަޤުވާވެރި ޒުވާނަކު އުޅުނެވެ. އެ ޒުވާނާގެ ކަމަކީ ޢިލްމު ހާސިލުކުރުމަށްޓަކައި ހުސްވެ ހުރެގެން ތަޢުލީމު ލިބިގަތުމެވެ. ނަމަވެސް ވަރަށް ފަޤީރު ޒުވާނެކެވެ. އެއްދުވަހެއްގައި ވަރަށް ބަނޑުހައިވެފައިވާ ހާލުގައި ޒުވާނާ ގެއިން ނުކުތެވެ. ކާލާނެ ހަމަ އެކައްޗެއް ވެސް އެ ޒުވާނާއަށް ލިބިގެންނެއް ނުވެއެވެ. މިހެން ހިނގާފައި ދަނިކޮށް ފެނުނީ އާފަލުން ބަރާކޮށްފައިވާ ގަސްތަކަކުން ނަލަހެދިފައިވާ ދަނޑުތަކެކެވެ. ވަކިހިސާބަކަށް ދެވުނު އިރުގައި މި ފެނުނީ އެތަނުން ދަނޑެއްގައި ހުރި ގަހަކުން މަގުމައްޗަށް ވާ ގޮތަށް ގޮފިގަނޑެއް ނުކުމެފައިވާ ތަނެވެ.
ޒުވާނާގެ ހިތަށް ވަގުތުން އެރީ އެ ގޮފިގަނޑުން އާފަލެއް ކާލަންވީ ކަމުގައެވެ. އަދި އެންމެ އާފަލެއް ކާލުމަކުން އެއޮއްބޮޑު ދަނޑުން އެއްޗެއް މަދުނުވާނޭ ކަމުގައެވެ. މާ ގިނަ އިރުތަކަކު ބަލާކަށްނުހުރެ އާފަލެއް ބިނދެލައިގެން ކާލައިފިއެވެ.
އެނބުރި ގެއަށް އާދެވުމާއެކީ އަމިއްލަ ނަފުސު އޭނާއަށްމަލާމާތް ކުރަން ފަށައިފިއެވެ. މީހެއްގެ އެއްޗެއް އޭނާގެ އިޒުނަޔާއި ނުލައި ކެއުމަކީ ކޮން ގޮތަކުންހުއްދަވާނޭ ކަމެއްހެއްޔެވެ؟ ދެން މި ކަމުގައި އެމީހާގެ ކިބައިން މާފަށް ނޭދިހުރުން ހެޔޮވާނީ ވެސް ކިހިނަކުންހެއްޔެވެ؟ (މުއުމިނުންގެ ހާލަކީ އަބަދުވެސް މިއީއެވެ.)
މި ފިކުރު އަންނަލެއް ބޮޑު ކަމުން ޖެހިގެން އައި ދުވަހު ދަނޑުގެ ވެރި މީހާ ހޯދުމަށްޓަކައި ޒުވާނާ ހިގައްޖެއެވެ. އަދި ވެރި މީހާ ފެނި އެއީ ދަނޑުގެ ވެރި މީހާކަން ޔަގީންވުމުން ބުނެފިއެވެ. އޭ ބޭބެއެވެ. ބޭބެގެ ދަނޑުން އިއްޔެގައި ބޭބެގެ އިޒުނައެއް ނެތި އާފަލެއް ކެވުނެވެ. އެކަން އެހެންވީ އަހަރެން ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިއަދު މިއައީ އެކަމާ މާފު އެދިގެން މާފުކޮށްދޭތޯއެވެ؟
ދަނޑުގެ ސާހިބު މީހާ ބުންޏެވެ. އަހަރެން ކަލެއަށް މާފު ކުރާނޭ ހަމަ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އަދި މާދަމާ ޤިޔާމަތް ދުވަހުގައި މާތް ﷲ ގެ ދަރުބާރުގައި މި މައްސަލަ އުފުލާނަމެވެ.
އެހިނދު ތަޤުވާވެރި ޒުވާނާއަށް ރޮވިއްޖެއެވެ. އަދި އެކި ގޮތްގޮތުން މާފު ދޭތޯ އާދޭސްކުރެވެން ފަށައިފިއެވެ. އަދި ބުންޏެވެ. އަހަރެން ބޭބެ ބުނި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރެވެ. އޭގެ ބަދަލުގައި އަހަރެންނަށް މާފުކޮށްލަދޭށެވެ. ނަމަވެސް ދަނޑުގެ ސާހިބާ ކުރީ އެކަމާ މުޅިންވެސް އިންކާރެވެ. އަދި އެންމެ ފަހުން ޒުވާނާ ދޫކޮށްފައި ސާހިބާ ގެއަށް ދާން ހިނގައިގަނެއްޖެއެވެ. ޒުވާނާ ދަނޑުގެ ސާހިބާ ގެއަށް ވަދެއްޖައުމަށް ދާންދެން ފަހަތުން އާދޭސްކުރަމުން ދިޔައެވެ. ގެއަށް ވަނުމުން އެމީހާ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ.
ދަނޑުގެ ސާހިބާ ޢަޞްރު ނަމާދަށް ދިއުމަށްޓަކައި ނުކުތް އިރުގައި ވެސް އެއްކަލަ ޒުވާނާ ދޮރުކައިރީގައި ރޮވިފައިހުއްޓެވެ.
ހަމަ ނުކުތުމާއެކު ބުނެފިއެވެ. ބޭބޭއެވެ. އެ ދަނޑުގައި އެއްވެސް މުސާރައަކާ ނުލައި މުޅި އުމުރު ދުވަހަށް އަހަރެން މަސައްކަތް ވެސް ކޮށްދީފާނަމެވެ. އަހަރެންނަށް މާފުކޮށް ހިތް ހަލާލުކޮށްދޭށެވެ.
ދަނޑުގެ ސާހިބު މީހާ ވިސްނާލާފައި ޖަވާބުގައި ބުންޏެވެ. ކޮއްކޯއެވެ. މާފުކުރަން މިހިރީ ތައްޔާރަށެވެ. އެކަމަކު ޝަރުތެއްގެ މަތީންނެވެ. އެހިނދު ޒުވާނާގެ މޫނު އުފަލުން ހިނިތުންވެފައި ބުންޏެވެ. އަވަހަށް ބުނާށެވެ. ބޭނުން ޝަރުތެއް ކުރާށެވެ.
ސާހިބު މީހާ ޖަވާބު ދިނެވެ. ޝަރުތަކީ ކޮއިފުޅު އަހަރެންގެ ދަރިފުޅާއި ކައިވެނިކުރުމެވެ. ނަމަވެސް ބުނަމެވެ. އަހަރެންގެ ދަރިފުޅަކީ ލޯއަނދިރިވެފައިވާ ބީރު މަންމަން ކުއްޖެކެވެ. އަދި ހިނގޭ ވެސް ކުއްޖެއް ނޫނެވެ. ޖެހިގެން މިއައި ދެވަނަ މުސީބާތާއެކު ޒުވާނާ ދިޔައީ ހިތާމައިގެ ނޭވާއަކުން ސިއްސައިގެންނެވެ.
ޒުވާނާ ހިތާ ހިތާ ކިޔާލިއެވެ. އެހާ ބަލި ކުއްޖަކާ އެކު އުޅޭނީ ކިހިނަކުންހެއްޔެވެ؟ އެހާވަރުގެ ނުކުޅެދޭ ކުއްޖެއް ބެލެހެއްޓޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ ނަމަވެސް ހިތަށް އެރިއެވެ. އެކަމަށްޓަކައި ކެތްތެރިވެފައި މި އާފަލުގެ ފާފައިން ސަލާމަތްވެގަންނާނީއެވެ.
އެއަށްފަހު ސާހިބާއާ ދިމާއަށް މޫނު ސީދާކޮށްލާފައި ބުންޏެވެ. ބޭބޭއެވެ. އަހަރެން ބޭބެ ގެ ޝަރުތު ޤަބޫލުކޮށްފީމެވެ. އަހަރެން ﷲ ގެ ޙަޟްރަތުން އެދެނީ އަހަރެންގެ ނިޔަތަށްޓަކައި ހެޔޮ ޖަޒާ މިންވަރުކުރައްވާ އަހަރެންނަށް ޖެހިފައިވާ މުސީބާތް ލުއިކުރެއްވުމެވެ.
ސާހިބު މީހާ ބުންޏެވެ. އެހެންވީއިރު އަންނަ ބުރާސްފަތި ދުވަހުގައި އަންނާށެވެ. އަހަރެން ހުރިހާ ކަމެއް ފުރިހަމަކޮށް ތައްޔާރުކުރާނަމެވެ.
ޖެހިގެން އައި ބުރާސްފަތި ދުވަހުގައި ތަޤްވާވެރި ޒުވާނާ އެ އަންނަނީ ބަރު ހިނގުމެއްގައެވެ. މޮޅިވެފައިވާ ހިތަކައިގެންނެވެ. އުންމީދުތަކުން މަހުރޫމުވެފައިވާ ޚިޔާލަކައިގެން ނެވެ. އެއްވެސް މީހަކު އެމީހެއްގެ ކައިވެންޏަށް އަންނާނޭ ފަދަ މޫނަކައިގެންނެއް ނޫނެވެ.
އެއައި ގޮތަށް އައިސް ސާހިބާގެ ގޭގެ ދޮރުގައި ޓަކި ދިނުމާއެކު ދޮރު ހުޅުވާލާފައި ސާހިބު މީހާ ނުކުމެ މަރުހަބާ ކިޔައިފިއެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އަނބިމީހާއާ ބައްދަލުކުރަން އަންނާށެވެ. ކަލޭމެން ދެ ކުދިންގެ ކައިވެނީގައި މާތް ﷲ ބަރަކާތްލައްވާށިއެވެ.
އެއަށްފަހު ޒުވާނާގެ އަތުގައި ހިފައިގެން ގެން ގޮސް އަންހެންކުއްޖާއަށް ޚާއްސަކުރެވިފައި ހުންނަ ކޮޓަރި ދައްކައިފިއެވެ. ޒުވާނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ޒުވާނާއަށް ފެނުނީ ރީތިކަމުގައި އެފަދަ މިސާލެއް ނެތް ފަތްމިންޏެކެވެ. ޒުވާނާ ފެނުމާއެކު އެކަމަނާ ނިކަން އަންހެންވަންތަ ލޫޅާފަތި ހިނގުމަކާއި އެކު ތެދުވެގެން އައިސް ސަލާން ގޮވާލިއެވެ.
ޒުވާނާ ހުރީ އޭނާއަށް ފެންނަމުން ދާ ކަންކަން ގަބޫލުކުރުމަށް ނުކުޅެދުންތެރިވެގެންނެވެ. އަންހެން ކުއްޖާއަށް އެ ޒުވާނާއަށް ވެފައި ހުރި ގޮތް އެނގެއެވެ. އެހެންވެ އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.
އާއެކެވެ. ހަރާން މަންޒަރުތަކަށް ބެލުމުގައި އަހަރެންގެ ދެ ލޯ އަނދިރިވެފައި ކަނުވާނެއެވެ. ޙަރާން އަޑުތައް އެހުމުގައި އަހަރެންގެ ދެ ކަންފަތް ބީރުވާނެއެވެ. ޙަރާން ބަސްތައް ބުނުމުގައި އަހަރެންގެ ދޫ މަންމަންވާނެއެވެ. އަދި ޙަރާން ކަންކަމަށް ވާސިލުވުމަށް އަހަރެންގެ ދެ ފަޔަކަށް ނުހިނގޭނެއެވެ. އަހަރެންނަކީ އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަރެންނަށްޓަކައި ތަޤްވާވެރި ފިރިއަކު ބައްޕަ ހޯދަމުން ދާތާ ވަރަށް ޒަމާންވެއްޖެއެވެ.
ދެން ތިބާ އެ އާފަލު ކެވުނު ކަންތަކުގައި މާފަށް އެދެން އައި ހިނދު ބައްޕަ ބުންޏެވެ. ޙަލާލު ނޫން އާފަލެއް ކެވިގެން އެކަމާ މާތްކަލާނގެ ކިބަފުޅަށް މިހާ ބިރުވެތިވާ ޒުވާނަކަށް އަހަރެންގެ ދަރިފުޅާ މެދުގައި މާތްކަލާނގެ ކިބައަށް ބިރުވެތިވެވޭނެ ކަމާމެދަކު ޝައްކެތް ނެތެވެ. އަހަރެންގެ ފިރިއަކަށްޓަކައި ތިބާއަށް މަރުހަބާއެވެ.
ރިވާވެގެންވެއެވެ. އަލްއިމާމް އަބޫޙަނީފާ ރަޙިމަހު ﷲ އަކީ މީގެ ދެކަނބަލުންނަށް މާތް ކަލާނގެ ރިޒުޤުކުރެއްވި ސާލިޙު ދަރީންގެ ތެރެއިން ދަރިކަލެކެވެ.

އައިޝާ ވިދާޅުވީ
ތާރީޚް:12/06/2009
ނަބީލޫ އަހަންނަށް ހަމަ ރޮވިއްޖެ މިލިޔުން ކިޔާފަ. މިއުޅޭ މޯލުން (ޕާޓޭން) ނާރައްޓެހިވެގެން މިއުޅޭ އަންހެން ކުދިން މިފަދަ ލިޔުންތައް ކިޔައިގެން އިސްލާހުވާނެ ނަމަ ކޮންފަދަ.
މިފަދަ އިތުރުލިޔުން ތަކަށް ޝުކުރުވެރިކަމާއެކު އިންތިޒާރުކުރަން.
ޝަފާ ވިދާޅުވީ
ތާރީޚް:12/06/2009
ކޮއްކޮމެއްނޭ މިހާރު އޮންނަނީ ލިޔުންތައް ކިޔާފަ އެގޮތައް އަމަލުކުރުމެއް ނޫނޭ.ލިޔުން ކިޔާފަ އެލިޔުނުމީހާގެ ފަތިފުށް ހޯދާ އެމީހަކަށް ފުރައްސާރަކޮށް މަލާމާތްކުރުން،ހީވަނީ ކޮމެންޓްކުރާމީހުން ފާޑެއްގެ ނަމެއްޖަހާލާފަ ކޮމެންޓްކުރީމަ މަށެށް ވާދެން ނޭގޭނޭ.ބަލާލާއިރު ތިމާމީހާގެ ފަތިފުށްވެސް މާކަ ރީއްޗެއްނޫނޭ.މި ފަހަކަށް އައިސް ފައިދާ ކުރަނިވި ލިޔުންތަކެއް ލިޔުނު މީހަކަށްވާނެ އަބުދުއްރަޝީދު އެކަމު އޭނައަށްވެސް ކޮށްފައި ވާ ކޮމެންޓްތަކުގެ ބޮޑުބައެއް ޖެހެނީނަގަން ،ލިޔުމަކުން އިބްރަތް ހާސިލް ކުރުމުގެ ބަދަލުގައި އެލިޔުނުމީހާ އާދިމާކުރުން މިއޮއްނަނީ ،ދެންމިދައްކަނީ ކުޅުދުއްފުށީގައި ނެތޭ އިލްމީ މީހެއް،މިކަހަލަ ދިމާކުރުން ތަކުން ކިހިނެއް މީހަކު އުފެދޭނީ ވިއްޔާ.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:12/06/2009
ވަރަށް ރީތި ވާހަކައެއް މީ.ބޭބެ ވެސް ވަރަށް ކުރިން މިވާހަކަ އަޑު އެހިން،މިވާހަކަ ނަބީލް ގެނެސްދީފައިވާލެއް ވަރަށް ފުރިހަމަ އިނގޭ.
މަނިކު ވިދާޅުވީ
ތާރީޚް:12/06/2009
ނަބީލު ބުނާކަށް މީ އެއްވަނައިގެ ވާހަކަ އެއް.ހާދަ ރީތި ވާހަކަ އެކެވެ.ގިނަގިނައިން ނަބީލުމެންގެ ލިޔުން ތައް ފެންނަ ނަމަ ކޮންފަދަ އެއް.އަހަރެން މިހުރީ މިފަދަ ވާހަކަ ތަކަށް ބޭނުންވެފަ.ޝުކުރިއްޔާ ނަބީލް.
DOg ވިދާޅުވީ
ތާރީޚް:12/06/2009
މިސައިޓަށް ލިޔުން ފޮނުވާ ހުރިހާ ފަރާތްތަކުގެ ތެރެއިން އެންމެ ބޭނުންތެރި އިބްރަތްތެރި ލިޔުން ފޮނުވަނީ ނަބީލް، ނަބީލަކީ ތިފަންނުގައި ވަރަށް މަގުބޫލް މީހެއް ، އަދި މިލިޔުމަކީވެސް އަޅުގަނޑަށް ވަރަށް ކަމުދިޔަ ލިޔުމެއް، ސުކުރިއްޔާ ނަބީލް
ޤަމާރު ވިދާޅުވީ
ތާރީޚް:13/06/2009
ވަރަށް އިބްރަތުން ފުރިގެންވާ ރީތި ވާހަކަޔެއް ނަބީލް ތި ހުށައަޅާދިނީ! ވަރަށް ކިޔާލަން ވެސް ފަސޭހަ އިބާރާތްތައް! މިކަހަލަ އިތުރު އިބުރަތް ތެރި ވާހަކަ ތަށް ކިޔާލުމުގެ އިންތިޒާރުގަ ހުރީމު!
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:13/06/2009
ތިޔަ ކުދިން ޒުވާނުން ބައްލަވަންވާނެ މި ފަދަ ޒުވާނަކަށް ވެލެއްވޭތޯ! މަޝްހޫރު ޅެންވެރިޔާ އަޙްމަދު ޙަމީދު ފަހުމީ ވިދާޅުވެއެވެ.
ޓިކާނާޔޭ ޙަޔާތުގެ ކޮންމެ ހާލެއްގައި ވިޔަސް މަރަކީ
ޙިކާޔަތަކަށް ޙަޤީޤަތަކަށް ޙަޔާތުވެފައި ވިއަސްމެއެކީ
ކިރާލަން އުނދަގުލެއް ނޫނޭ ދެ ޢާލަމް ހިތުގެ ތިލަފަތުގައި
ދިރާސާކޮށްލެވުންނަމަ ދުނިޔެއާއި މިތާގެ ހާލު އެކީ
ޙިމާޔަތް ލިބިފައެއް ނުވެޔޭ ދަނގަޑު ދަހަނާ ތެރޭ ހުއްޓަސް
ތިމާ ދީނަށްޓަކައި ވިއްކައިފުމަށް ދާނދެން ހަޔާތު އެކީ
ހާޝިމް ވިދާޅުވީ
ތާރީޚް:13/06/2009
މިއީ ވަރަށް އިބްރަތްތެރި، ރީތި ވާހަކައެއް. ޢިބާރާތްކުރުން ވެސް ވަރަށް ރަނގަޅު. އެހެން ނަމަވެސް ދަންނަވާލަން ބޭނުންވަނީ، މިވާހަކައިން އަޅުގަނޑުމެންނަށް ހިފޭނީ ކިހާވަރެއްގެ ބޭނުމެއްތޯއޭ؟ މިފަދަ ވާހަކަތަކަކީ، އަޅުގަނޑުމެން ހަމައެކަނި މުނިފޫހިފިލުވާލަން ކިޔާ ވާހަކަތަކެއް ކަމަށް ވެފައި، އެއިން އަޅުގަނޑުމެންގެ އުޅުން އިސްލާޙު ނުވަންޏާ މިފަދަ ވާހަކަތަކުގެ ބޭނުމަކީ ކޮބައިތޯއޭ؟ ދެން ދަންނަވާލަން އޮތީ، ޒަމާން ބަދަލުވެފައިވާ ވަރުން، މިފަދަ ވާހަކަތަކުގެ އަސްލު ޖިސްޓް ނުވަތަ އޮއްޓަރު އެއީ އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ފެއްތިދާނެ އެއްޗެއް ކަމާ މެދު ޝައްކު އުފެދެއޭ. އޭގެ ބަދަލުގައި، ޤާނޫނާއި ޤަވައިދުތަކަށް ހޭލުންތެރިކަން އުފައްދައިގެން މިފަދަ ޢިބްރަތްތައް މީހުންނަށް ފޯރުކޮށްދިނުން މިޒަމާނުގައި މާ ކާމިޔާބުވާނެ ކަމަށް އަޅުގަނޑުގެ ނަޒަރުގައި ފެނެއޭ. އެހެންނަމަވެސް، މިކަން ސާބިތުކޮށްދޭ އެއްވެސް ދަލީލެއް އަޅުގަނޑުގެ އަތުގައެއް ނުވޭ. އެހެންވީމާ، މިއާ ބައެއް ބޭފުޅުން ޚިޔާލު ތަފާތުވުން އެކަށީގެންވާ. ދެން ޑޯގު ދެންނެވި އެއްޗަކާ އަޅުގަނޑު ވެސް އެއްބަސް. ވަރަށް ވެސް ބޮޑު ތެދުފުޅެއް އެއީ، މިސައިޓަށް ލިޔުއްވާ އެންމެ އިބްރަތްތެރި ލިޔުއްވުންތަކުގެ މުސައްނިފް. ބޭނުންތެރި ލިޔުންތަކެއްތޯ ނޫންތޯ އެސުވާލުގެ ޖަވާބުގައި އަޅުގަނޑަކަށް ޑޯގާ އެއްބަސްވެވޭކަށް ނެތް.
އަޅުގަނޑު ވިދާޅުވީ
ތާރީޚް:13/06/2009
ވަރަށް ރީތި ލިޔުމެއް މިއީ. އެހާމެ ބޭނުންތެރި ހަމަ. ބޮޑު އޯޑިއެންސަކާ މުޚާޠަބްކުރެވޭ އިރު ވިސްނަންޖެހޭނެ ސައިޓުގައި ހުރިހާ ޢުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ނަގައިގަނެވޭކަހަލަ އެކި ފަންތީގެ ލިޔުންތައް ހިމެނުމަށް. ނަބީލުގެ ލިޔުންތަކުން ފާހަގަވާ ކަމަކީ، އެލިޔުންތައް އެއީ އެންމެ ސާދާ ފަންތީގެ މީހުންނަށް ވެސް ޢިބްރަތް ލިބިގަނެވޭ ފަދަ ލިޔުންތަކަކަށް ވާއިރު، ޢިލްމީ ފަންތީގެ މީހުންނަށް ވެސް ޢިބްރަތެއް ޙާޞިލްކުރެވޭ ކަހަލަ ލިޔުންތަކެއްކަމުގައި ވުން. އަނެއް ކަމަކީ ލިޔުންތަކުގެ ޢިބާރާތްތަކުގެ ރީތިކަމުން، ހަމަ އެކަނީ ރީތި ލިޔުމެއް ކިޔާލައިގެން ހިތްހަމަޖައްސާލަން ބޭނުންވާ ބަޔަކަށް އެބޭނުން ވެސް ފުދޭ. އަދިހަމަ އެހެންމެ، ލިޔުންތަކުގެ ލުއިކަމާއި ފަސޭހަކަމުން، ކުޑަވަރެއްގެ ތާޒާކަމެއް ވެސް ނަފްސަށް ގެނުވާ. އަޅުގަނޑު ދަންނަވާނީ މިފަދަ ކުރު ލުއި އެއްޗެހިން ގިނަ ބަޔަކަށް ކުރާ ފައިދާ ވަރަށް ވެސް ބޮޑުވާނެޔޭ، އެހެންކަމުން މިއީ ހަމަ ވަރަށް މުހިއްމު ވަރަށް ބޭނުންތެރި ލިޔުންތަކެއް. އެކި މީހުންނަށް ކަމުދާނީ އެކި ކަހަލަ ވާހަކަ.
ދެން ވަރަށް އަދަބުވެރިކަމާ އެކު ހާޝިމަށް އެއްޗެއް ދަންނަވާލަންކަމަށް. ހާޝިމް ކޮމެންޓުކުރައްވާ އިރު، މާތް ބަހުން ލިޔުއްވާ ވާހަކަތަކުގައި ދަރަޖަ އޮޅުވައިލައްވާކަން ފާހަގަކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ. މިސާލަކަށް މި ފަހަރު ތިޔަ ކޮމެންޓުކުރެއްވި އިރު ވެސް ވިދާޅުވެފައި އެބައޮތް ޑޯގް ‘ދެންނެވި’ އެއްޗެއްގެ ވާހަކަ. ދިވެހިބަހުން އިޙްތިރާމާ އެކު ވާހަކަދައްކާ އިރު، އަނެކާއާ މުޚާޠަބްކޮށް، އޭނާ ބުނާ އެއްޗަކަށް ‘ދެންނެވީ’ އެކޭ ނުބުނާނެ ދެއްތޯ؟ ބުނާނީ، ‘ބުނުއްވި’ ނުވަތަ ‘ވިދާޅުވި’ މިގޮތަށް.
އަޅުގަނޑު މި ކޮމެންޓު މި ލިޔެލީ ދެތިން ފަހަރަކު މިކަންތައްތައް ފާހަގަކުރެވިގެން. ހާޝިމްއަކީ ދިވެހި އަދަބިއްޔާތުގެ ޙިމާޔަތުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކަށް ވެފައި، އަދި އެހެން މީހުން ހިންގާ އަދަބީ ‘ޖަރީމާތައް’ ވަރަށް ބޮޑަށް ކުށްވެރިވެސް ކުރައްވާ ބޭފުޅަކަށް ވާތީ، އަދި މިއީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުން އޮޅުވައިލާ ވެސް ކަމަކަށް މިއޮތީ ވެފައި. އެހެންކަމުން، މިދެންނެވި ވާހަކަކޮޅު ތަރުޙީބުގެ ހިތަކާއެކު ޤަބޫލުކުރައްވާނެކަމަށް ހީކުރަން. ޝުކުރިއްޔާ
ހާޝިމް ވިދާޅުވީ
ތާރީޚް:13/06/2009
އަޅުގަނޑަށް.
ތިޔަ ފާހަގަކޮށްދެއްވި ކަންތައް އަޅުގަނޑު ބަލައިގެންފިން. އެއީ، އަޅުގަނޑު ބަލަންވާ ވަރަށް ނުބަލައި ކޮމެންޓް ފޮނުވުމުން ދިމާވި ކަމެއް. އެކަމަކު ދެން އިތުރަށް ބަލާނަން އިނގޭތޯ. އެތަންކޮޅު ފާހަގަކޮށްލަ ދެއްވީތީ ވަރަށް ޝުކުރު ވެސް ދަންނަވަން.
ބިލާލް ވިދާޅުވީ
ތާރީޚް:13/06/2009
މާޝާ ﷲ! ވަރަށް ރީތި ޢިބުރަތްތެރި، ހަމަ ބޭނުންތެރި ލިޔުމެއް. ދިވެހި ދަރީން ދީނާ ފެޔަށް ޖެހެމުން މިދާ ދަނޑިވަޅުގައި މި ފަދަ ލިޔުންތަކަށް ވުރެ ބޭނުންތެރި ލިޔުމެއް ނުވެސް ނެތް ޙަޤީޤަތުގައި. މި ލިޔުމުން އަލަށް ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާއަށް ޚާއްޞަގޮތެއްގައި ވަރަށް މުހިއްމު ފިލާވަޅުތަކެއް އެބަ ދަސްކޮށްދޭ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:13/06/2009
“ޙަލާލު ނޫން އާފަލެއް ކެވިގެން އެކަމާ މާތްކަލާނގެ ކިބަފުޅަށް މިހާ ބިރުވެތިވާ ޒުވާނަކަށް އަހަރެންގެ ދަރިފުޅާ މެދުގައި މާތްކަލާނގެ ކިބައަށް ބިރުވެތިވެވޭނެ ކަމާމެދަކު ޝައްކެތް ނެތެވެ.”
މިލިޔުމުގެ ބޭނުމެއް ނެތް ކަމަށް ހީކުރާ މީހުނަށް ! މަތީގައިވާ އެޕޮއިންޓަށް ބަލާލަމާ. އަންހެނުންނަށް ބޭނުންހާ ގޮތެއް ހަދާލެވިގެން ނުވާނެކަމާއި، މާތް ކަލާނގެ އަށް ބިރުވެތިވާ ފިރިހެއް ހޯދުމުގެ ބޭނުން.
“ރިވާވެގެންވެއެވެ. އަލްއިމާމް އަބޫޙަނީފާ ރަޙިމަހު ﷲ އަކީ މީގެ ދެކަނބަލުންނަށް މާތް ކަލާނގެ ރިޒުޤުކުރެއްވި ސާލިޙު ދަރީންގެ ތެރެއިން ދަރިކަލެކެވެ.”
މިއިން މިއެނގުނީ 1.5 ބިލިއަނަށް ވުރެ ގިނަ މުސްލިމުން ތަބާވާ 4 އިމާމުންގެ ތެރެއިން އިމާމް ހަނަފީގެ ފެށުން އައިސްފައިވާ ގޮތް. ކިހާ ސާފު ފެށުމެއް. އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅުގެ ވާހަކަ މިއޮތީ. މިލިޔުމަށް ވުރެ ވަކިން ބޭނުންތެރި ލިޔުމެއްވެސް ނެތް. މައުލޫމާތެއް ކަމަށް ވެންޏާ ބޭކާރެއް ނުވާނެ.
މިލިޔުމުންވެސް ހަމަ ރަނގަޅު އަސަރެއް ކުރާނެ. އިންސާނުންނަށް އެއްޗެހި ދަސްވާނެ “ނޯޓިސް” އަކާއި ނުލައިވެސް.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:13/06/2009
“ޒަމާން ބަދަލުވެފައިވާ ވަރުން، މިފަދަ ވާހަކަތަކުގެ އަސްލު ޖިސްޓް ނުވަތަ އޮއްޓަރު އެއީ އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ފެއްތިދާނެ އެއްޗެއް ކަމާ މެދު ޝައްކު އުފެދެއޭ” –ހާޝިމް–
ފުރަތަމަ ދަންނަވާލަން އޮތީ، މިލިޔުމުގައި އޮށްޓަރު އެބަހުއްޓޭ ނަމަވެސް ހާޝިމް ތިޔަ ބުނި، (އަލިފް ސުކުން އިންނަ) “އޮއްޓަރު” މިލިޔުމުގައި ހުރިހެނެއް ހިޔެއް ނުވޭ. މީގައި މިހުރި ވާހަކަތަކުން ކިތަންމެ އިބްރަތެއްވެސް ނެގިދާނެ، މީހުން ކައިރިން މާފަށް އެދުމާ މިހެން ގޮސް ކިތަންމެ ކަމެއް. އޭރުވެސް އިންސާނުން ކުށް ކުރޭ، މިއަދުވެސް ކުށް ކުރޭ، މާފަށްވެސް އެދެން ޖެހޭ. މިކަމަކާއި ޒަމާނަކާއި ކޮން ކަމެއް.
ދިވެހި ފިލާވަޅު ތަކުގައި އެހުރި ރައިވަރުތައްވެސް، ވިލިއަމް ޝެކްސްޕިއާގެ އޯލްޑް އިންގްލިޝް، އާއި ދިވެހި މިއުޒިކް ލެޖެންޑް ދޮހޮއްކޮބެގެ “ނަނާ ހުވަފެން ދުށީމޭ” މިލަވަވެސް، މިއިން އެއްވެސް އެއްޗެއް ޒަމާނަކަށް ނުފެތޭ، އެކަމަކު އޮށްޓަރު އެބަހުއްޓޭ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:13/06/2009
އަޅުގަނޑުގެ ކޮމެންޓްގައި ކުޑަ އޮޅުމެއް އަރައިފި، ތިމާވެށްޓަށް އިންނަ އިރު، ސުކުނުގައި އެއިންނަ ގަވައިދާ، “އޮއްޓަރު”. އެހެންކަމުން މިއީ ލިޔުމުގެ މައަލޫއެއް ކަމަށް ނުދެކި، ކޮމެންޓްގައި ކުރިއަށް.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:13/06/2009
އޮށްޓަރުވެސް، އޮއްޓަރުވެސް އޮވޭ، ރަދީފްގައި.
މި ހަމަ ވަރަށް އެއްވަނައިގެ ވަހަކައެއް އިނގޭ. މިފަދަ ވާހަކަތައް ގިނަ ކުރަންވީ. މިއުޅޭ ޒުވާން ކުދިންގަނޑު ކިޔާނީ ވަހަކަތައް ގިނައިން.
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:13/06/2009
ނަބީލޫ، މިކަހަލަ ލިޔުންތައް ހަމަ ގިނަގިނައިން ލިޔެފައި ފޮނުވަންވީ. ޒުވާނުން ބަލައިގަންނަނީ މިކަހަލަ ލިޔުންތައް. އެކަމަކުގެ ހެއްކެއްތާ ނަބީލުގެ ލިޔުންތައް ނޫން ލިޔުމެއް އީމެއިލްތަކުން ރޯލްވަމުން އައިސް އަހަރެންގެ އިންބޮކްސް ފޫ އަޅުވާލާފައެއް ނެތް. މިއަދު ހެނދުނު އިންބޮކްސް ބަލާލިއިރުވެސް މިލިޔުން އޮތް ކޮންމެވެސް ކުއްޖަކު ފޯވާޑްކޮށްފަ. ދެން މަބުނަން އޮތް ވާހަކައަކީ މިއެއް ނޫނޭ ބޭނުންތެރި ލިޔުމަކީ. އާނ… ބޭނުންތެރި ލިޔުމަކީ މޭގާވި އަލިކުރި ނޫރަކީ މައުމޫނޭ، ތިރީސްއަހަރޭ ފަޅޮލޭ ކިޔާފައި ލިޔެފައި ހުންނަ ކޮސް!
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:13/06/2009
ބޭބެ އަދި ނާހަން މިހާ ރީތި ވާހަކައެއް. މި ދޮއްތޮ ހަމަ ހަގީގީ ވާހަކަ؟ އާނ މި ރަނގަޅުވާނެ އަހަރެމެން ގޯތި ފާތުމަތު ހަގު ދަރިޔަށް ކިޔައިދޭން. އެސޮރު މަ ފެންނަ ކޮންމެ ފަހަރަކު ބުނާނޭ ކާފޯ ވާހަކައެއް ކިޔައިދޭށޭ. މިހާރު ހަތެއްގަ އުޅެނީ. ކޮންމެ ފަހަރަކު އޭ ރިޕޯޓު ގެނޭ އެސޮރު.