Share

މިދުވަސްވަރު އެންމެ ކަންބޮޑުވާ އެއްމައްސަލަ!

މިދުވަސްވަރު އެންމެ ކަންބޮޑުވާ އެއްމައްސަލަ!
މުޙައްމަދު އިސްމާއީލް

ކުޑަކުދިންނާ މެދު ކުރެވޭ ޖިންސީ ގޯނާތަކުގެ ހަބަރުތައް ލިބެމުންދާ މިންވަރު މިއަދު މިވަނީ އިތުރުވެފައެވެ. ކުޑަކުދިންނާ މެދު ކުރެވޭ ޖިންސީ ގޯނާތަކުގެ ހަބަރުތައް އަޑު ނީވޭ ދުވަހެއް މިހާރު މަދުވާނެއެވެ. ސަބަބަކީ ކޮބައިތޯ އެވެ. އެއީ އެފަދަ މައްސަލަތައް ހިނގާ މިންވަރު އިތުރުވީބާވައެވެ. ނުވަތަ އެފަދަ މައްސަލަތައް ރިޕޯޓު ކުރެވޭ އަދަދު އިތުރުވީބާވައެވެ.

ޑިޕާރޓްމަންޓް އޮފް ފެމެލީ އެންޑް ޗިލްޑްރަން ސާރވިސަސް އިން މައުލޫމާތުދޭ ގޮތުގައި މިފަދަ މައްސަލަތަށް ރިޕޯޓު ކުރެވޭ އަދަދު މިހާރު އިތުރުވެފައި ވީނަމަވެސް އެފަދަ މައްސަލަތައް ހިނގާ އަދަދު ނިސްބަތުން އިތުރުނުވާ ކަމަށެވެ. އެހެނަސް ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާކަމަށް އެޑިޕާޓުމަންޓުން މައުލޫމާތު ދެއެވެ. ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާތަކުގެ ވާހަކަ މީގެ ކުރިން އަޑު ނުއިވޭ ވަރަށް މިހާރު އަޑު އިވެމުންދަނީ އެފަދަ މައްސަލަތައް ރިޕޯޓު ކުރެވޭ އަދަދު އިތުރު ވެފައިވާތީއެވެ.

މީގެ އަހަރުތަކެއް ކުރިން މިބާވަތުގެ މައްސަލަތަކުގެ ހަބަރު އާންމު ނުވެ އާއިލާގެ ބޮޑު “ސިއްރަކަށް” ވެގެން ނިމިދަނީ ކީއްވެބާވައެވެ. އާއިލާތެރޭގައި ހިނގާ މިފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ “ހިންދާލަނީ” ކީއްވެގެންބާވައެވެ. ސަބަބުތައް ވަރަށް ސާފެވެ. އެއީ، ކުޑަކުޑަ މުޖުތަމައެއްގައި އުޅެމުންދާއިރު ޖިންސީ އަނިޔާ ލިބޭ ތުއްތު ކުއްޖާގެ އަގު އެމުޖުތަމައެއްގައި ގެއްލި ހިގައިދާނެތީ އާއި އާއިލާގެ މެމްބަރަކު މިފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފިނަމަ އާއިލާގެ އަގު ވެއްޓިދާނެ ކަމުގެ ބިރު ހިވާތީ އާއި ކައިވެނި ރޫޅި އެކަނިވެރި ވެދާނެތީ އާއި ކުޑަކުއްޖަކަށް މިފަދަ ކަމެއް ދިމާވާ ހިނދު އެކަމުގެ ވާހަކަ ބެލެނިވެރިން ކައިރީ ބުނާނެ ގޮތެއް ނޭގޭތީ އާއި އަދި އެފަދަ ކަމެއްގެ ވާހަކަ މަންމަ ނުވަތަ ބައްޕަ ކައިރީ ބުނުމުން މަސްލަހަތު ގެއްލި ބައެއް ފަހަރު އެގޮތަށް ދައްކާ ވާހަކަ ބެލެނިވެރިން ގަބޫލު ނުކޮށްފާނެތީއެވެ. މިނޫނަސް މިބާވަތުގެ ތަފާތު ސަބަބުތައް ހުރުން އެކަށީގެންވެއެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ މިކަމުގެ ހޭލުންތެރިކަން މުޖުތަމައުގައި ކުޑަވުމުގެ ނަތީޖާ އަކީ ކުޑަކުދިންގެ ކަރާމަތް ނަގާލާ މީހުންގެ އަޑު ނުއިވުމުގެ ސަބަބެވެ.

އިޖްތިމާއީ ތަފާތު މައްސަލަތައް ހައްލު ކުރުމުގައި އެމުޖުތަމައެއްގެ އެންމެންގެ އެއްބާރުލުން ބޭނުންވާނެއެވެ. އެގޮތުން މިކަމުގައި އަމިއްލަ ޖަމުއިއްޔާ ތަކުގެ ދައުރު ބޮޑެވެ. ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން ހާމަކުރާ ގޮތުގައި ރާއްޖޭގެ އެހެން ރަށްރަށާ އަޅާބަލާއިރު ކުޅުދުއްފުށީގެ މިފަދަ ފަރާތްތަކުގެ އެއްބާރުލުން އެސެންޓަރަށް ނުލިބޭކަމަށެވެ. އެސެންޓަރަށް މިއަހަރުގެ މިހާތަނަށް ކުޑަކުދިންނާ ގުޅޭ 34 މައްސަލަ ހުށައެޅިފާވާއިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ މައްސަލަތަކެވެ. ކަންމިހެން އޮތްއިރު ކުޅުދުއްފުށީގެ މުއައްސަސާތަކުން އެސެންޓަރަށް އެއްބާރުލުންދީ އެސެންޓަރުގެ ހިދުމަތަށް އިސްވެ އެދުމަކީ މިކަމުގައި އެހީތެރިވެވިދާނެ ގޮތެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އަދަބު ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދު ހުށައެޅުއްވި މިބިލަކީ މިހިނދުން މިހިނދަށްވެސް ވަރަށް މުހިއްމު ބިލެކެވެ. ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރާ ފަރާތްތަށް ހޯދައި އެފަދަ ފަރާތްތަކަށް ހައްގު އަދަބު ދިނުމުގައި މިފަދަ ގާނޫނެއް ނެތުމުގެ ދަތިކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި މިބިލު މަޖިލީހުން ފާސްކޮށްދެއްވައި ޤާނޫނަކަށް ހެދުމަކީ އެންމެންގެ އެދުމަކަށް ވާނެކަން ޔަޤީނެއެވެ.

ކުޑަކުދިންނަކީ ގައުމުގެ ރައުސުލްމާލު ކަމަށް ވާއިރު އެކުދިން އެފަދަ އަނިޔާތަކުން ސަލާމަތް ކޮށް ހިމާޔަތް ކުރުމަކީ މިއަދު އަޅުގަނޑުމެން ވިސްނަންޖެހިފައިވާ މުހިއްމު ކަމެކެވެ. ގޭތެރޭގައި އުޅޭއިރުވެސް ކުޑަކުއްޖާ އުޅޭ ނޫޅޭ ގޮތް ބެލުމާއި ގެއަށް ވަންނަ މީހުންގެ އަމަލުތައް ހުންނަގޮތް ދެނެގަތުމަކީ މިފަދަ މައްސަލަތަކުން އެއްކިބާވުމަށް ކުރެވިދާނެކަމެކެވެ. ތުއްތު ކުއްޖާ އެކަނި އުޅޭ ވަގުތު ތައް މަދުކޮށް އެކުދިން ފުރާ އުމުރަށް އަޅަމުންދާ ދުވަސްވަރު އެކުދިންގެ އުމުރާ އެއްގޮތްވާގޮތަށް މިފަދަ ކަންކަމުގެ ވާހަކަތައް ކިޔައިދީ، އަދި މިފަދަ ކަމެއް އުޅޭކަމަށް ޝައްކު ކުރެވޭ ހިސާބުން އެކަމަށް ދޭންޖެހޭ ސަމާލުކަންދީ އެކަންތައްތައް ބެލުމަކީ މުހިއްމު ކަމެކެވެ. އާއިލީ ގޮތުން ކިތައްމެ ގާތް މީހަކު ކަމުގައިވިޔަސް މިފަދަ ހަޑިމުޑުދާރު އަމަލެއް ކުރާކަން އެގޭ ހިސާބުން އެކަންތައް ސިއްރު ނުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަކީ މިބާތުގެ މައްސަލަތައް ތަކުރާރުވެ ނުދިޔުމަށްޓަކައި ކުރެވިދާނެކަމެކެވެ.

‮ ‬43‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކިޔުންތެރިއެއް.‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    މިއީ ވަރަށް ސީރިޔަސް މައުޟޫއު އަކަށް ވަރަށް މުނާސަބު ވަގުތެއްގައި ލިޔެފައި އޮތް ލިޔުމެއް. ރަނގަޅު! ވީމާ ކޮމެންޓްކުރާ ފަރާތްތަކުންވެސް، ސީރިޔަސްކޮށް، ތަހްޒީބް ހުދޫދެއްގައި ކޮމެންޓް ކުރައްވާނެ ކަމަށް ކިޔުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން އުންމީދުކުރަން.

    ލިޔުމުގައިވާ، ފޮޓޯގަނޑުގައި ފޮޓޯކުރެޑިޓް ޖަހާލިނަމަ ރަނގަޅުވީސް. މިއީ މިސައިޓްގެ ފަރާތުން ނަގާފައިވާ ފޮޓޮއެއް ނޫން.

  2. ކިޔުންތެރިއެއް.‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    ވަރަށް ހެއްވާ… މިހާރު އޔޮތީ ފޮޓޯގަނޑު ބަދަލު ކޮށްފައި. ކުރީގައި ޖެހި ފޮޓޯ ނެގީ ‘މުހަންމަދު’! އެ ފޮތޯ މާ ގުޅޭނެ އެންނު.

  3. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    މުޙައްމަދާ ކޮއްކޮ ހާދަ ނުފެނެޔޭ މިހާރު، ބޭބެ ނިކަން ހިތާވޭ ކޮއްކޮގެ ލިޔުންތަކާ ވެސް، ކޮއްކޮ އަކީ މި ސައިޓުގެ އިޖުތިމާޢީ ހޭލުންތެރިކަމާ ބެހޭ ލިޔުންތަކުގެ ލީޑަރަށް ލައިގެން ބޭބެ މި އިންނަނީ،

  4. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    ތަހުޒީބު ކޮމެންޓުކުރެވޭނެ މަޖާކޮށްވެސް، ހަމަ ކުރަންވީ، އެހެންކަމު ރީތި އުސޫލުން، އެކަމަކު މަތީގައި ކިޔުންތެރިޔާ ކޮށްފައިވާ ކޮމެންޓުގެ މަފުހޫމަށް ތާއީދު،

  5. DOg‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    މިލިޔުމުގައި މިރަށު ފެމެލީ އެންޑް ޖެންޑާއަށް އެއްބާރުލުން ނުދޭ ވާހަކަ ބުނީމާ އެހެން އެވަނީ އެތަނުގެ މަސައްކަތް މީހުންނަށް ނޭނގުމާއި އެތަނުން ރައްޔިތުން ބޭނުންވާ ޚިދުމަތް ނުދެވުމުންކަން ފާހަގަ ކުރަން އެހެން މިބުނީ ކަމުގެ ހަގީގަތް އެނގިހުރެކަންވެސް ބުނެލަން، އެސެންޓަރ މިރަށު ކޮކޯ ގޭ ބައެއްގައި ހިނގަމުން ދިޔައިރު އަޅުގަނޑު ހުށަހެޅި މައްސަލަ އެއް އަދިވެސް ވީނުވީއެއް ނޭނގޭ އެކަންވެސް ދާދިފަހަކާ ޖެހެންދެން ހިނގަމުންދިޔަ، އެއީ މިރަށު ސިކަންދަރު އަދި ބަހާދަރުން މުދާ ބޭލުމަށް އުޖޫރަ ދީގެން ކުޑަކުދިން ބޭނުންކުރުން އެއީ ގާނޫނީ ކުށެއް އުމުރުން އަށާރަ ނުފުރޭ ކުދިން ލައްވާ އުޖޫރައަށް އެފަދަ މަސައްކަތެއް ނުކުރެވޭ، ދެން އަނެއްކަމަކީ މިރަށު ގެއެއްގެ ކުއްޖަކު ސްކޫލަށް ނުދާތީ އެކުއްޖާއަށް ކައުންސިލިންގ ދިނުމަށް ފެމެލީ ސެންޓަރުގައި އެދިގެން އުޅޭތާ މިހާރު 6 މަސް ދުވަސް ވެއްޖެ މައްސަލަ އަދިވެސް އޮތީ އަމަލީ ސިފައެއް ނުފެނޭ، މިއީ އަޅުގަނޑަށް އެނޣޭ ދެކަމެއް، ދެން މިދުވަސް ކޮޅު ތިވާހަކަ ދައްކާފަ އިރުކޮޅަކުން ހިނދޭނެ އަނެއްކާވެސް ކަމެއް ދިމާވީމަ އެންމެންގެ އަނގަފަޅާނެ އެހެންވަންޏާ މިކަންކަން ހަލެއް ނުވާނެ، ވާހަކަދައްކާ އުސޫލު ބަދަލުކޮށް މިކަން ކޮންމެވެސް ކޮޅެއްގައި ޖައްސައިގެން ނޫނީ މިކަންކަން ހައްލެއް ނުވާނެ.

  6. DOg‮ ‬ވިދާޅުވީ


    ތާރީޚް:15/06/2009

    ހާޝިމް އަށް،
    ކޮމެންޓެއް އަދި ފެނިފައިނެތް، މިލިޔުން ސިޔާސީ ނުކޮށް ހަސަދަވެރިވެފައިވާ މީހުންގެ ނަންތައް ނުލިޔެ ނިންމާލަދޭތި، އެހެން ހަދައިފިނަމަ ފަހަތުގައި ޑޯގް އިންކަން ހަނދާންކުރާތި ވައްވައްވައް ޖައްސާނެ އޭރުން، ހާޝިމް އަށް ޑޯގް މައިތިރިއެއް ނުކުރެވޭނެ.

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ކަންކަން ނުހިނގުމުގައި އަދި ޙައްލު ނުވުމުގައި ހުރޭ ވަރަށް ގިނަ ސަބަބުތައް. އޭގެ ތެރެއިން އެއް ކަންތަކަކީ އެކަމާ ޑީލްކުރެވޭ ވަރުގެ ތަމްރީނު ލިބިފައިވާ މީހުން ނެތުން. ނުވަތަ އުފައްދާފައި ނުވުން. އަނެއް ކަމަކީ، އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތުން. ދެން އޮތް ސަބަބަކީ، މިކަމާ ބެހޭ ފަރާތްތަކަށް ނުކަތާ ވަރަށް މައްސަލަތައް ވަނުން. ދެން ކޮންމެ މީހަކު ކޮންމެ އެއްޗެއް ވިދާޅުވިއަސް، ސަރުކާރެއްގެ ވާޖިބެއް މިކަންކަން ފުރިހަމަވޭތޯ ބެއްލެވުމަކީ. އެކަންކަން އެމަގުން ހިނގާތޯ ޔަޤީން ކުރެއްވުމަކީ ވެސް. މިކަމުގައި ސަރުކާރުގެ އަތް ވަރަށް ބޮޑަށް ބަނދެވިފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވޭ. އެހެންވީމާ، މިއީ ސިޔާސީ ކަމަކަށް ނުހައްދަވައި، ހުރިހާ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ރައްޔިތުން އެކުވެރިވެ އަތު ގުޅާލަންވީ. އޭރުން މިކަން ޙައްލުވާނީ. އަޅުގަނޑު މިހިރީ މިކަމުގައި އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުންތައް ދުރުކޮށް ޑޯގާއެކީގައި ކުރިއަށް ދާން. ދެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، މިފަދަ ސައިޓުތަކުގައި މިކަމާ ބެހޭ ވާހަކަ ދެއްކޭނީ. އެކަމަކު މިވަރުން ވެސް ކޮންމެވެސް ބަޔަކަށް މަޢުލޫމާތާއި ހޭލުންތެރިކަން ލިއްބައިދޭނެ ކަމެއް ކަން ކަށަވަރު. އަތްލުން ޙަރާމް އެއްޗަކަށް ނުވާނަމަ، މިކަމުގައި އަޅުގަނޑު މިހިރީ ޑޯގު އުރާލައިގެން ނަމަވެސް ކުރިއަށް ދާން. މިހާރު ދެން ޖެހޭނީ ކަރުގައި ވާގަނޑެއް އައްސައިގެން ޑޯގުގެ ފަހަތުން ހިނގަންތާ.

    ދެން މުޙައްމަދު އިސްމާޢީލަކީ އަޅުގަނޑު ވެސް ވަރަށް ޤަދަރުކުރާ ލިޔުއްވުންތެރިއެއް. އަޅުގަނޑު ވަރަށް ބޮޑަށް އޭނާ އަށް ޝުކުރު ދަންނަވަން މިމައުޟޫ މިސައިޓްގައި ނެންގެވީތީ ވެސް. މިއީ މިވަގުތާ ވަރަށް މުނާސަބު ލިޔުއްވުމެއް.

  8. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ހާޝިމް
    މަ އެއްޗެއް އަހާލަން ކަމަށް،
    ލިޔުއްވުންތެރި އެކޭ ބުނީމަ މަށަށް ވިސްނެނީ މުޙައްމަދު އިސްމާޢީލަކީ އެހެން މީހުން ލައްވާ ލިޔުއްވުމުގެ ހުނަރު ހުންނެވި ބޭފުޅެކޭ، އެކަމަކު އަސްލު ހާޝިމްގެ މަގުސަދަކީ ލިޔުންތެރިއެކޭ ބުނުން ކަންނޭނގެ، ދެން ހާޝިމް ގާތުން އަހާލަން ބޭނުންވަނީ އެއީވެސް ކިޔާ ގޮތެއްހޭ، ދެން ހާޝިމަކީ ވަރަށް ފޮތްތެރި މީހެއް ވީމަ އެއީ ކުށެކޭ ނުބުނެ އަހާލާހިތް އޮތީ ހަމަ، ފަހަރެއްގަ ހަމަ ވެދާނެންޏާ ކުރީގެ އަދީބުން ބޭނުން ކުރައްވާ ގޮތަކަށް ވެސް

  9. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ދެން މަ ދެކޭ ގޮތުގައި ވެސް މުޙައްމދު އިސްމާޢީލަކީ ލިޔާމީހެއް ނޫން ހަމަ ލިޔުންތެރިއެއް،

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ލިޔުންތެރިން އެއީ އާދައިގެ ބަހުން ކިޔާ ގޮތް. ލިޔުއްވުންތެރިން އެއީ އެމީހުންނަށް މާތް ބަހުން ކިޔާ ގޮތް. މިއީ އަޅުގަނޑަށް އެނގިފައިވާ ގޮތް. އެހެންނަމަވެސް، އަޅުގަނޑު އެހެން ދުށީ ކޮންތާކުން ކަމެއް ހަމަ އެއްގޮތަކަށް ވެސް ހަނދާނެއް ނެތް. ދެންމެ އަޅުގަނޑު މިބަލާލީ ރަދީފް. އޭގައި ވެސް ނެތް ލިޔުއްވުންތެރިއެކޭ. ލިޔުއްވުން ވެސް ނެތް. އެހެންވީމާ، އަޅުގަނޑު ނުދަންނަވާނަން މިއީ ރަނގަޅު ގޮތެކޭ ވެސް ނޫނެކޭ ވެސް. އަޅުގަނޑަށް ރަނގަޅީ މިބަސް އެއްވެސް ބޭފުޅަކު ބޭނުން ނުކުރެއްވިއްޔާ. އެއީ، އަޅުގަނޑަށް ޔަޤީން ނުވާ އެއްޗެއް އަޅުގަނޑު ބުނީތީ، އެހެން ބޭފުޅުން އެގޮތަށް ބޭނުން ކުރެއްވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު މިކަމާ ބެހޭ ކުޑަކުޑަ ދިރާސާއެއްކޮށްލާފަ ތިޔަބޭފުޅުންނަށް ދަންނަވާނަން އަޅުގަނޑަށް ލިބޭ މަޢުލޫމާތެއް. ދެން ވަކަވަލޭ ތިޔަ ޕޮއިންޓް ނެންގެވިތީ އަޅުގަނޑު ވަރަށް އުފާވެއްޖެ. އެކަމަށް ޝުކުރު ވެސް ދަންނަވަން.

  11. ޤަމާރު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ވަރަށް މުހިއްމު ލިޔުމެއް މީ! މިކަހަލަ މުޑުދާރު އަމަލު ތަކުން މި ދިވެހި ރާއްޖެ ސަލާމަތް ކުރައްވާށި! އާމީން..

  12. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ރަނގަޅު ލިއުމެއް މީ.ދެން ހުރިހައި ކުދިން ވެސް ބަލަންވީ މިކަހަލަ ނުބައި ނުލަފާ ކަންތައްތައް މުޖުތަމައުން ނައްތާލެވޭތޯ. މިހެން ބުންޏަސް އެނގޭ އަދުލު އިންސާފު ގާއިމުކުރަން ތިބޭ ބޭފުޅުން މިކަންތައްތަކަށް ސަމަލުކަން ދިންވަރަކުން ކަން ވާނީ.މީގެ ކުރިން ވެސް ނިމިދިޔަ ސަރުކާރުން ވެސް އެކަށީގެންވާ ވަރަކަށް މިކަހަލަ މައްސަލަކަށް އަހުމިއްޔަތުކަން ނުދިނުމުގެ ނަތީޖާ މިއަދު މިފެންނަނީ.ވީމާ ވޭތުވެ ދިޔަ މައުމޫނުގެ ސަރުކާރުން އިބްރަތް ލިބިގެން ކުރިއަށް ދާންވީ .

  13. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    އަސްލުވާގޮތަކީ، ރާއްޖެ އަކީ ދުނިޔޭގެ ރިކޯޑްފޮތަށް މިހާރު ވަރަށް ގިނަ ގޮތް ގޮތުން އަރަންވެފައި އޮތް ގައުމެއް. ސަބަބެއް ނެތިއެއް ނޫން. ދިވެހިންނަކީ ވަރަށް ތަފާތު ބައެއް. ދިވެހިން ފިޔަވާ ދެން އެއުޅެނީ އިންސާނުންނެއް ނޫން. އެހެންވީމަ، ސިންގަޕޫރު، މެލޭޝިއާ، އިންގިރޭސިވިލާތް ފަދަ ފުރާނަ އަގުބޮޑު ތަންތަނުގައި، މަރުގެ އަދަބާއި އެހެނިހެން އަދަބުތަށް ދިނަސް، ދިވެއްސަކަށް ދެވޭކަށް ނެތް. މިތާ ކޮމެންޓް ލިޔުއްވާ، ފަރާތަކުންވެސް ބުނެފައިވޭ، އެއީ ދިވެހިން ޤަބޫލު ކުރާނެ ކަމެއް ނޫނޭ. އެކަމަކު މީހުން މެރުމާއި، ފޭރުމާއި، ވައްކަން ކުރުމާއި، ޑްރަގު ބޭނުންކުރުން، ޒިނޭ ކުރުން އަދި ލިބޭ ދަރި މަރާލުން، މިހެން ގޮސް ކިތަންމެ ކަމެއް. މިފަދަ ކަންތައް ދިވެހިން “ބަލައިގަނޭ”، ކުށް ކުރާ މީހަ، 10 އަހަރަށް ޖަލަށް ލުމަށްވުރެވެސް. ދެން ދައްކާނީ ގާނޫނުތަކުގެ ވާހަކަ، ގާނޫނޭ، އެކިޔާ މެކުނި ވާގަޑުގައި ޖެހޭނީ، ކުދި ކުދި ދިރޭ އެއްޗެހި، ބޮޑެތި، ވަރުގަދަ އެއްޗެހި، (“ބޮޑެތި” މީހުނާއި އެމީހުންގެ ދަރިން) އެފަޅާލާފައި ދަނީ. (މިއީ އަޅުގަނޑުގެ މިސާލެއް ނޫން)

  14. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ނަލަކާސިމަށް ! ތިޔަ ބުނި ކަންތަށް ރަށުގައި އެބަ ކުރޭ. މި ކުޅުދުއްފުށި މީހާރު ހިންގަނީ ރަށު މީހުން. މިއަދުވެސް އަޅުގަނޑު ހޭލި އިރު، ފޯނުގައި އޮތް މެސެޖަކީ، ކޮންމެވެސް މީހަކު އަންހެނެއް ކައިރިން ނެރެގެން، ބެރު ޖަހާ، ކަޅުތެޔޮ ޖަހާ، އެމީހަ މުޅި ރަށުގައި ހިންގުވި ވާހަކަ.

  15. ޝަމް‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މިއީ ވަރަށް ރަނގަޅު ލިޔުމެއް. މައްސަލައަކީ މުހައްމަދު އިސްމާއިލުގެ ލިޔުން ފެންނަލެއް މަދުވީމަ. 34 މައްސަލަ ކުޅުދުއްފުށީގަ ހުންނަ ސެންޓަރަށް ހުސައެޅި ވާހކަ ބުނީމަ މިއިންނަނީ ވަރަށް ދެރަވެފަ. ހިސާބު އަކުރުން 34 އަކީ މަދު އަދަދެއް ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ބަލާއިރު މިއީ ވަރަށް ވަރަށް ބޮޑު އަދަދެއް.
    ޖަމިއްޔާތައް އެކަންޏެއް ނޫން މިކަމުގަ އުޅެންވީކީ. ސްކޫލުތަކާއި ހޮސްޕިޓަލާއި އަމިއްލަ ފަރުދުންވެސް މިކަމުގައ އުޅެން އެބަޖެހޭ.
    މިކަހަލަ ސަޅި މުހިއްމު މައުޟޫ ތަކަށް އިސްމާލު ލިޔާތީ ވަރަށް ހިތްހަމަޖެހޭ. ހަފްތާއަކު އެއްފަހަރު ނަމަވެސް އިސްމާލު މިއަށް ލިޔެބަލަ.

  16. ދޮންސޮރު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މިފަދަ ފާޙިޝް ޢަމަލުތައް ކުރާ ފަރާތްތަކާމެދު ހަރުކަށި އަދަބުދީގެންނޫނީ މިކަމަށް ދުވަހަކުވެސް ޙައްލެއް ނާންނާނެ! އެހެނީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވީހިނދު މިޤައުމުގައި އޮންނަންވާނީ އިސްލާމީ ޝަރީޢަތް! ދަމަހައްޓަންވީ އިސްލާމީ ވަޙްދަތު! ހެއްދެވި ފަރާތަށް ބިރުވެތިވޭ! އެހެން ދުވަހެއްވާކަން އަބަދުވެސް ހަނދާންކޮށް ﷲ ހަނދުމަކުރޭ! އަވަހަށް ތައުބާވެ، ހެޔޮ ޢަމަލުތައް ގިނަކުރޭ! ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އޭރުން!

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    އަޅުގަނޑުގެ ނަޒަރުގައި މިކަމަށް މީހުން ދަނީ ކޮން ސަބަބުތަކަކާ ހުރެތޯ ބަލައި، އެކަންކަން ނައްތާލުމަކީ މީގެ ދުރު މުސްތަޤުބަލަށް އެންމެ ފައިދާ ބޮޑު ގޮތަކީ. ކުޑަކުދިންނާ ބެހޭ މީހުން މަރާވެސް ލެވިދާނެ، އިސްލާމީ ޝަރީޢަތް ވެސް ހިންގިދާނެ. އިނގިރޭސި ޝަރީޢަތް ވެސް ހިންގިދާނެ. އެކަމަކު، އެކަމެއް ނުހުއްޓުވޭނެ. އަދި ވެސް އެކަން ކުރާ މީހުން ކުރާނެ. ކުރާނީ ވެސް ސިއްރުން. އަޅުގަނޑުމެން އަހަން ދެއްތޯ ތަޅު ވަރުގަދަވާ ވަރަކަށް ވަގު ވެސް ވަރުގަދަ ވާނޭ. އެހެންވީމާ، ޤާނޫނަކުން އެކަންކަން މަނާކޮށް އަދަބު ކަނޑައަޅާއިރަށް އެމީހުން ހޯދާނެ އެއިން ރެކޭނެ ގޮތް. އެޤާނޫނު ބިންދާ ނުލައި ބަޅުކޮށްލައިގެން އުޅެން. އޭރުން ވެސް އަޅުގަނޑުމެން ތިބޭނީ ހަމަ އަތް ބަނދެވިފާ. އެހެންވީމާ، ވައްކަން ކުރަނީ ކީއްވެތޯ ބަލައި އެކަމަށް އަޅުގަނޑުމެން ފަރުވާ ކުރަންވީ. ތަޅު ކިތަންމެ ވަރުގަދަ ކުރިއަސް، ވަގު ހޯދާނެ ދެއްތޯ އެ ހަލާކު ކުރާނެގޮތް. ތަޅާ އެކު ވަގުން ވެސް އެޑްވާންސް ވެ ހައިޓެކް ވާނެ. އެކަމަކު އޭނާ ވައްކަން ކުރަނީ އޭނާއަށް ވަޒީފާއެއް ނުލިބިގެން، ކާނެ ބޯނެ ގޮތެއް ނެތިގެން ކަމަށް ވަންޏާ އެކަން ހަމަކޮށްދިނުމުން، ވައްކަން ކުރުން މަދުވާނެ. އެގޮތަށް ކުޑަކުދިންނާ ބެހޭ މީހުން އެކަން ކުރާ ސަބަބުހެން އަޅުގަނޑަށް ހީވަނީ ދެން ނައްތާލައްވީ. އެކަމާ އެންމެ ބޭފުޅުން ޚިޔާލު ފާޅުކޮށްލުން އަޅުގަނޑު އެދެން. ކޮބައިތޯ ކުޑަކުދިންނާ ބެހުމަށް މިމީސްމީހުން ނުކުންނަ ސަބަބަކީ. އަދި އެނައްތާލާނީ ކިހިނެއްތޯ؟

  18. ކޮންމެވަސްމީހަކު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މިކަމަކީ މިހާރު މުސީބާތެއް ކަހަލަ ކަމަކަށް މިރާއްޖޭގަ މިއޮތީ ވެފައި. މިހާރުވަސް މިރަށު ކާބެ ކުޑަކުއްޖަކު ފަޅާލި މައްސަލައިގައި ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި ފަހުން ވީހާ ދުވަހެއް ވެއްޖެ. ކަމުގެ ނުބައި ކަމާއި ބިރުވެރިކަމާއި ނުރައްކަލުގެ ވާހަކަ ދައްކާ މީހުން މިފަދަ މުޖިރިމުންގެ ވާހަކަ ހަދާންނެތޭތީ ހިތާމަ ކުރަން. މި ކާބެ ވާހަކަ ދައްކާ އަޑު އުފުލާނެ މީހަކު ހަމަ ނެތީތަ؟

  19. ހުސޭނު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ސުކޫލުތަކުން ކިހިނެއް މިކަންކަމަށް އެއްބާރުލުން ދޭނީ. ސްކޫލްތަކުގައި ވެސް ގިނަފަހަރަށް އޮންނަނީ މިކަހަލަ ކަންތަކަށް މަގު ފަހިވާގޮތަށް. ސްކޫލްތަކުގެ ވަޒީފާގައިވެސް އެކަހަލަ މީހުން އެބަތިބި. އެކަހަލަ މީހުން ވަޒީފާތަކުގައި ތިބެގެން ކިހިނެއް ސްކޫލް ކުދިން މިފަދަ އަމަލުތަކުން ސަލާމަތްވާނީ. މީ ވިސްނަން ވެއްޖެ މައްސަލައެއް

  20. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ކޮން ސަބަބަކާއި ހުރެބާ، ހުޅަނގުގައި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގަނީ؟ ކޮން ސަބަބަކާއި ހުރެބާ އެތާ އަންހެނުން ޖަނަވާރުންނާއި ޖިންސީ ގުޅުން ހިންގަނީ. ފަހަރެއްގައިވެސް ޖަވާބަކަށް ވެދާނެ ބާ، އަންހެނެއް ނޫނީ ފިރިހެނެއް ނުލިބިގެންނޭ؟؟؟ ހަމަ ޖިންސީ ބަލިމަޑު ކަމަކާއި ހުރެ ވާކަމެއް މިއީ. މީހުނާއި އިނދެގެން އުޅޭ މީހުން އެހެން އަންހެނުން ކައިރިއަށްވެސް ވަދޭ. ފަހަރެއްގައިވެސް އޭނަ އަށް އަންހެނުން ލިބޭލެއް މަދިއްޔޭ ކިޔާފައި އެކަން ހައްލު ކޮށްލެވިދާނެވާ.. ވަހުޝީކަން ހަމަ މިއީ. ސިންގަޕޫރުގައިވެސް ކުޑަ ކުދިން އުޅޭ އިނގޭ. އެތަނުގައިވެސް ވައްކަން ކުރަންޏާ ކުރެވެން ހުރޭ. ޑްރަގް

  21. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ޑްރަގްވެސް އެތެރެކުރަންޏާ ކުރަން، އެއާޕޯޓްތައްވެސް ހުރޭ، އަންހެންކުއްޖަކު ރޭޕް ކޮށްލަން އެހާ ފަސޭހަވާނެ. ޒުވާން އަންހެންކުދިން އެކަނި މަގުމަތީގައިވެސް އުޅޭ. ކީއްވެބާ އެމީހުން އެކަމާ ނޫޅެނީ؟؟؟ ހަމަ ރަނގަޅު ކަމުން ބާވަ؟ ނޫނީ އަންހެނަކާއި ބެހެފިޔާ ވާނެ ގޮތް ހިތައް އަރާފައި ބިރުން ބާވަ؟؟

  22. ބިލޯ ރޭލީ (ކޮމެންޓް އެޑިޓް ކޮއްފައި)‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ކޮން ސަބަބަކާއި ހުރެބާ، ހުޅަނގުގައި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގަނީ؟ ކޮން ސަބަބަކާއި ހުރެބާ އެތާ އަންހެނުން ޖަނަވާރުންނާއި ޖިންސީ ގުޅުން ހިންގަނީ. ފަހަރެއްގައިވެސް ޖަވާބަކަށް ވެދާނެ ބާ، އަންހެނެއް ނޫނީ ފިރިހެނެއް ނުލިބިގެންނޭ؟؟؟ މީހުނާއި އިނދެގެން އުޅޭ ފިރިހެނުން އެހެން އަންހެނުން ކައިރިއަށްވެސް ވަދޭ. ފަހަރެއްގައިވެސް އޭނަ އަށް އަންހެނުން ލިބޭލެއް މަދިއްޔޭ ކިޔާފައި އެކަން ހައްލު ކޮށްލެވިދާނެބާ؟؟.ސިންގަޕޫރުގައިވެސް ކުޑަ ކުދިން އުޅޭ އިނގޭ. އެތަނުގައިވެސް ވައްކަން ކުރަންޏާ ކުރެވެން ހުރޭ. ޑްރަގްވެސް އެތެރެކުރަންޏާ ކުރަން، އެއާޕޯޓްތައްވެސް ހުރޭ، އަންހެންކުއްޖަކު ރޭޕް ކޮށްލަން އެހާ ފަސޭހަވާނެ. ޒުވާން އަންހެންކުދިން އެކަނި މަގުމަތީގައިވެސް އުޅޭ. ކީއްވެބާ މީހަކު އެކަމާ ނޫޅެނީ؟؟؟ ހަމަ ރަނގަޅު ކަމުން ބާވަ؟؟ އެހެންވީމާ ހާޝިމަށް ބުނެލަން އޮތީ އެއްވެސް ސަބަބެއް ސަބަބެއް ކިޔާނެ ކަމެއް ނެތޭ. އެކަން ކުރާ މީހުން އެކަން އެކުރަނީ، އެމީހުނަށް އޮންނަ މިނިވަން ކަމެއްގެ ބޮޑު ކަމުންނާއި، ވަހުޝީ އަދި ނުބައި ނުލަފާ ކަމުންނޭ.

  23. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މި ކަން ކުރާ މީހުން މި ކަން ކުރުމުގެ ވަރަށް ގިނަ ސަބަބުތައް އެބަހުރި އޭގެ ތެރެއިން އެއް ސަބަބު އެއީ އެމީހުން ޖެހިލުންވާ ފަދަ އެ ކުށާއި އެކަށީގެންވާ ވަރުގެ އަދަބެއް ކަނޑައެޅިފައި ނެތުން، ނުވަތަ ކަނޑައެޅިފައި އޮތަސް އެއިން ކަމެއް ތަންފީޒު ނުވާނެ ކަމުގެ ގަރަންޓީއެއް ލިބިފައި އޮތުން، އެހެންވީމާ އެބައި ވެސް ރަނގަޅު ކުރަންޖެހޭ، އަނެއް ކަމަކީ މި ކަހަލަ މީހުންގެ ކަށީގައި އެކަން މިހުންނަނީ ހިފާފައި، ދެން ކުށްވެރީންނަކީ އަބަދުވެސް އުޅޭނެ ބައެއް، އެމީހުން ހަމަ މެރިޔަސް ދެން ވެސް އުފަންވާނެ، އެކަމަކު އެބައިވަރު މަދުވާނެ ކަންނޭނގެ، ދެން މި ކަހަލަ ދިމާއަށް މީހުން ދިއުމުގައި އެންމެ ބޮޑު އެއް ސަބަބު އެއީ ޅަ އިރުގައި ރަނގަޅު ތަރުބިއްޔަތެއް ނުދެވުން ވެސް، ދެން ވަޒީފާ ނުލިބިގެން ކާން ނުލިބިގެން ލާރި ނުލިބިގެން މީހަކު ވައްކަމެއް ކޮށްފާނެ، އެކަމަކު ކުޑަކުއްޖަކާ ބެހެންވީ ގޮތެއް ނޭނގެ، އާނ، ވަޒީފާތަކުގައި އުޅޭ މީހުންވެސް މި ކަން ކުރާލެއް މަދެއް ނޫނިއްޔަ.

  24. ދިރާސާ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ތިހަމަ ރަނގަޅު ވަހަކެއް

  25. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    އަޅުގަނޑުގެ ކޮމެންޓް އެޑިޓް ކުރެއްވިފަރާތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

  26. ފަސްމަންޒަރު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ވާ ގޮތަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ބަލައިގަންނަންވީ ތިމާމެންނާ ބެހުނީމަ، ޤައުމުގެ ޅަ ދަރީންނާ ބެހޭ މި ފަދަ ސީރިއަސް މައްސަލަތައް ހިތަށް އެރި ދުވަހަކުން އެޖެންޑާކުރީމަ ވީ

  27. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ތިޔައިގެ ސަަބަބަކީ ޖިންސީ ގޮތުން ކޮށިއަރާފައި ތިބުން ތިޔަ ބުނާ ބައިވަރު، އެކަން ހުއްޓުވަންޏާ ދެން ހުއްޓުވަންވީ، ހުއްޓެން އޮތް ގޮތަކުން، މަށަކަށް ނޭނގޭނެ އޭގެ ސަބަަބުތަކާ، އެކޮޅު މި ކޮޅެއް، ގައިމުން ބޮޑު މުސާރަ ދީފައި ޤާނޫނު ހަދާ މަޖިލީހަކަށް މީހުން ހޮވުމުގައި މަ ވެސް ތެޅުނިން، ދެން އަނެއްކާ ސަރުކާރެއް ވެސް މިތާ އެބަ އޮތް، އެތަން މިތަނުން ކިޔަވައިން އައިސްތިބި ތަޢުލީމީ ޔާފުތާ ޒުވާނުން އެބަ ތިބި ރާއްޖޭގައި، އެކަހަލަ ބޭފުޅުން އަރިހުން ދަންމާނު މި ދަންނަވަނީ މި ކަންހުއްޓުވަންޏާ ހުއްޓުވަންވީއޭ، ކަލޭމެން އެއްޗެހި ދަންނަ މީހުން އެނގޭ މީހުން ކަމުވޮށޭ މީހުން މޮށޭ މައްސަލަ ހައްލުކޮށްދޭންވީއޭ

  28. ހަނިމާދޫ އާމިރޭ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    ތިޔައެއްވެސް ލިއުމެއް ލިޔާނިކަމެއްނެއް ކިތަންމެވަރަށްލިއުނަސް ވާނެހަމަ އެއްވެސް ކަމެއްނޯންނާނެ މިހާރުވެސް ތިފަދަ ބޮޑެތިކުއްކުރާ މީހުނަނަށް އިސްލާމީސަރީއަތުގަ ވާގޮތަށް އަދަބުދީބަލަ އެރުންތިޔައެއްވެސް ކަމެއްކުޜާކަށް ނުޖެހޭނެ ހުރިހާކަމެއްވެސް އޮންނާނީ ހަށްލުވެފަ

  29. ހިތި ތަޖުރިބާ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މަށަކީ ވެސް ޅައިރު ތިފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ކުއްޖެއް. ހިތި ތަޖުރިބާ އެއް. ވޭންހުރި ކަމެއް.
    މިފަދަ ކަންތައް ކުރާ މީހުންނަށް އެކަށީގެންވާ ހަރުކަށި އަދަބު ނުދެވޭތީ މިފަދަ މައްސަލަތައް މިހާވަރަށް މުޖުތަމަޢުގައި އިތުރުވެގެން މިދަނީ ކުޑކުދިންނަށ ޖިންސީ ގޯނާ ކުރާ މީހުން މަރަންވީ އަޅާ ނުލާ ދޫކޮށލާވަރު އޯގާތެރި ބައެއް ނޫން.
    މިފަދަ ޙަބަރުތައް އަހާފަ ރުޅީގަދަވުން ނޫން އިތުރު ކަމެއް އަދިވެސް ނުވޭ!

  30. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ކުރި ކޮމެންޓަކަށް ޖަޒުބާތުން ކަޅިކުރައްވައިގެން ބިލް އޯ ރެލީ ތިޔަ ޖަވާބު ދެއްވީ. އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން. އަޅުގަނޑު ދެންނެވީ، ސޯޝިއޮލޮޖީއާއި ސައިކޮލޮޖީގައި މިހާރު ބޭނުން ކުރާ އުސްލޫބެއްގެ ވާހަކަ. އެއީ ގޯސްކަމެއް ހިންގާ މީހާއަށް އަދަބު ދިނުމާއެކު، އޭނާ އެކަން ކުރުމަށް މަގުފަހިވި ސަބަބު ނައްތާލުން. އަޅުގަނޑު ބޭނުމީ ދިވެހިރާއްޖޭގައި ކުޑަކުދިންނާ ޖިންސީ ގޯނާކުރާ މީހުންނަށް ދޭ އަދަބުތައް ވަރުގަދަކޮށް، އެކަމުގެ ހެކި ޝަރީޢަތަށް ހުށަހެޅުމަށް ފުލުހުންނަށް ހުރި ހުރަސްތައް ނައްތާލެވޭން ދުވަހެއް ދުށުން. އެކަމަކު މިވަރުން އަޅުގަނޑުމެން އަތްފޮޅާލައިގެން ނުވާނެ. މީގެ ސަބަބުތައް ވެސް ނައްތާލަންޖެހޭނެ. އަލިފާން ރޯވެފައިވާ ތަނަކަށް ފެންޖަހައި ނިއްވާލާފާ، އަދި ޔަޤީން ކުރަންވާނެ އެތަނުގައި ހުޅުހިފުމަށް މެދުވެރިވި ސަބަބުތަކަކީ ކޮބައިތޯ ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން. އެއުސޫލުން ވެސް މެ.

    އަޅުގަނޑު މިއަދު މިކަމާ ވަރަށް ވިސްނާ ދިރާސާކޮށްފިން. އެއިން އަޅުގަނޑަށް ޔަޤީނާ ގާތަށް އެނގިއްޖެ ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާ އެއް ސަބަބު ވެސް. އެއީ ޑްރަގާއި ރާ. މަރާލެވުނު 8 މަހުގެ ކުއްޖާއާއި، އަދި އެއްޖިންސުން 35 ކުދިންނާ ގުޅުން ހިންގި މީހާ ވެސް ޑްރަގާ ރަލުގެ ބޭނުންކޮށްފައިވާކަމަށް ފުލުހުން ވިދާޅުވޭ. އެހެންވީމާ އެސަބަބު ޖެހޭނެ އަޅުގަނޑުމެން ނައްތާލަން މިކަން ހުއްޓުވަން ބޭނުމިއްޔާ. ދެން ވެސް އެބަހުރި އެހެން ސަބަބުތައް. އެގޮތުން ގިނައިން މިކަންކަމަށް ދަނީ ފަޤީރުންކަން ވެސް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެނގިއްޖެ. އެސަބަބު ވެސް ޖެހޭނެ ނައްތާޅަން. ދެން ވެސް ހުންނާނެ ބައިވަރު ސަބަބުތައް. އޭގެ ވާހަކަ އަޅުގަނޑުމެން ދައްކަންވީ މިހާރު. ސަބަބަކީ، އެކަމާ ބެހޭ ޤާނޫނު މަޖްލީހަށް ވެއްދިއްޖެ. އޭގައި ހަރުކަށި އަދަބުތައް ހިމެނުމަށް އަޅުގަނޑަށް ޔަޤީން އެމްޑީޕީ، ޑީއާރުޕީ، ޕީއޭ އަދި ޖުމްހޫރީ ޕާޓީ، ޤައުމީ ޕާޓީ އަދި އަމިއްލަ މެމްބަރުން ވެސް މަސައްކަތްޕުޅު ކުރައްވާނެ. އެކަމުގައި އެބޭފުޅުން އެކައްޗެއް ވިދާޅުވާނެ. އެހެންވީމާ، އަޅުގަނޑުމެން ފަދަ މަދަނީން ދެން ވިސްނަންވީ، ސަރުކާރުގެ ސަމާލުކަމަށް އެއްކަލަ އެކަން ކުރުމަށް މެދުވެރިވާ ސަބަބުތައް ގެނައުމަށް. ކޮންމެ ބޭފުޅަކަށް ވެސް ވިސްނިވަޑައިގަންނަވާ ސަބަބުތައް ދެންނެވީމާ ރަނގަޅުވާނެ. އެކަން ސަރުކާރުން މިންކުރައްވައި ބައްލަވާނެ ކިހާ ބުރަދަނެއް ހުރިކަމެއްތޯ. އަޅުގަނޑު ވަރަށް އުންމީދުކުރަން، ބިލް އޯ ރެލީ ވެސް މިކަމުގައި އަޅުގަނޑާ އެއްބަސްވެވަޑައިގަންނަވާނެކަމަށް.

  31. ބަތްޕަޅޭ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    އަޅުގަނޑަށް ހީވޭ ގޯތި ގެދޮރުގެ މައްސަލަ ވެސް މީގައި ކޮންމެވެސް ރޯލެއް ކުޅޭނެހެން. މިއީ ދިރާސާއެއް ކޮށްގެން ބުނާ ވާހަކައެއް ނޫން. އަޅުގަނޑަށް ހީވާ ގޮތް. އެހެން މި ދެންނެވީ، އިސްލާމީ ތަރުބިއްޔަތަށް ބަލާލާއިރު، ރަސޫލާގެ އިރުޝާދުފުޅެއްގަ ވެސް އޮވޭ ކުޑަކުދިން ވަކި ޢުމުރެއްގަ ތަންމަތި ވަކިކުރުމަށް ވެސް. އަންހެނުން އަންހެނުންގެ އައުރައަށް ނުބެލުމަށާ ފިރިހެނުން ފިރިހެނުންގެ އައުރައަށް ނުބެލުމަށް ވެސް އިރުޝާދު ދެއްވާފައިވޭ. މިކަންކަމަކީ ކުޑަކުދިން ޖިންސީ ގޮތުން ކިޔުރިއަސް އުމުރަށް އަޅައިގަންނަ އިރު ކޮންމެވެސް ސިފައެއްގައި ތަޖްރިބާކޮށްލަފާނެ ކަންކަމަށް ވީތީ ނުކިއްސަރު މަގަކުން ކުއްޖަކަށް ކަމެއް ކުރެވިދާނެ. އެހެންވެއްޖެއްޔާ އެކުރެވުނު ތަޖްރިބާގެ ސަބަބުން އޭނާ ފަހުން ވެސް އެކަހަލަ ކަމެއް ކުރާހިތްވުން އެކަށީގެންވޭ. އެހިސާބުން އޭނާ ބަދަލުވުން ވެސް ދިމާވެދާނެ. އެހެންވީމަ ތަރުބިއްޔަތުކުރާ އިރު މިކަހަލަ ކަންކަމަށް ހޭލައިތިބެން ޖެހޭނެ. ދެން ގޯތި ގެދޮރުގެ ވާހަކަ މި ދެންނެވީ، އަޅުގަނޑު ދުށިން އަޅުގަނޑުމެންގޭ ބަދިގެއަށް ވުރެ ކުޑަ ތަންކޮޅެއްގައި، މަންމަ އާ ބައްޕައާ އެމީހުންގެ ކުޑަ ދެދަރީންނާ އަނެއްކާ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ދިހައެއްގައި އުޅޭ (ފުރާވަރު ފިރިހެންކުއްޖަކު) އެއީ އެމީހުންގެ ދޮށީ ފިރިހެންދަރިފުޅު ދިރިއުޅޭ މަންޒަރު. މިހާލުގައި ދިރިއުޅޭ އިރު ކުދިންނަށް ފެންނަން ނުވާ މަންޒަރެއް ފެނުމާއި އިވެން ނުވާ އަޑެއް އިވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވީމާ، ހާޝިމް އެވިދާޅުވާ ފަދައިން މިއީ ވެސް ނައްތާލަން ޖެހޭ މުހިއްމު ސަބަބެއްކަމަށް އަޅުގަނޑު ދެކެން. މިއީ ކުރީގެ ސަރުކާރާ ދެކޮޅަށް ނުވަތަ މިހާރުގެ ސަރުކާރާ ދެކޮޅަށް ނުވަތަ ސިޔާސީ ވާހަކަ ދައްކަން ދެންނެވި ވާހަކައެއް ނޫން.

  32. ކެއްލަވަތީ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2009

    މިގައުމުގައި ކުޑަކުދިންނާ ބެހުމުގެ ކުށްތައް ގިނަކުރީ މައުމޫނު.މީ މައުމޫނު ރާވައިގެން މިގައުމުގެ ޒުވާންޖީލު ހަލާކުކޮށްލުމަށް ހިންގި ޖަރީމާއެއް. މިކަމުގައި މައުމޫނުގެ ސަރުކާރު ކުށްވެރިކުރަން. މިއަދު ދެން މިކަންތައް ފިލުވާލާކަށް ފަސޭހައެއްނުވާނެ.ނަމަވެސް ހަރުކަށި އަދަބު ދެވިގެން މިކަންތައް މައިތިރިކުރަން މިއަދުގެ ސަރުކާރަށް ގޮވާލަން.މިކަންތައް އަދުގެ ސަރުކާރުން ނުކޮށް ހުރެއްޖެ ނަމަ، މައުމޫނެކޭ ނަޝީދެކޭ ވާނީ ހަމައެއްވަރު.

  33. DOg‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ހާޝިމް އަދި ބިލް އޯ ރެލީ ކެއްލަވަތީ ވަކަވަލޭ ދެއްކެވި ވާހަކަތަކަށް އަޅުގަނޑު ވަރަށް ތާއީދު
    ހާޝިމް ބުނިފަދައިން ސޯސިއޮލޮޖީ ސައިކޮލޮޖީ އަކީވެސް މިފަދަ ކަންކަން ހުއްޓުވުމުގައި ބޭނުންކުރެވިދާނެ ގޮތެކޭ އަދި ބޭރުގެ ބައެއް ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ގޮތެކޭ، އެކަމަކު މިގޮތްތައް އެންމެ އެކަށީގެންވާގޮތުގައި ކުރިއަށްދާނީ އެތަނެއްގައި މިފަދަ ކަންތައްތައް ހަމަޔަކަށް އެޅިގެންނޭ ނޫނީ ހުރިހާ މީހުންވެސް މިގޮތެއް ގަބޫލެއް ނުކުރާނެ، މިގައުމުގައި މިގޮތަށް އަމަލުކުރެވިދާނެ އެކަމަކު މިހާރު މިއޮތް ފަދަ ހާލަތުން މިގައުމު ސަލާމަތްވެގެން މިގައުމުގެ މިހާރުގެ ހާލަތު ރަގަޅު ކުރެވޭނީ އަވަސް ފިޔަވަޅަކާއިއެކު ހަރުކަށި އަދަބު އެކަންކުރާ މީހުންނަށް ދެވިގެން، ދެން ގޯތިގެދޮރުގެ ދަތިކަން އެއީ މިކަމުގެ ވަރަށް ބޮޑު އަސްލެއް، މަސްތުވާތަކެއްޗަކީވެސް ހަމަ އެފަދައިން މިކަމާއި ވަރަށް ގުޅޭ އެއްޗެއް މިއިން އެއްވެސް ކަމެއްގެ ހައްލެއް އަދި މިގައުމަށް މިވަނީ ނައިސްފަ، ސައުދީ އަރަވިއްޔާގައި ވައްކަންކުރުން ވަރަށް މަދު ނަމަވެސް އެތަނުގައި ފިހާރަތަށް ނަމާދުވަގުތަށް ބަންދެއް ނުކުރާނެ އެކަމުގެ އަސްލަކީ އިސްލާމީ ސަރީއަތް، ދެން އަދަބު ކަނޑައަޅާ އެކަން ފާސްކުރުމަކުންވެސް ހައްލެއް ނުފެންނާނެ މިގައުމުގައި މިހާރުވެސް އެފަދަކަންކަންކުރާ މީހުންނަށް އޮން އަދަބު އެހާ ކުޑައެއް ނޫން މައްސަލައަކީ އެފަދަ އަދަބު ދިނުމާއި ސަރީއަތް ނުކުރެވި ލަސްވުން، މައްސަލައެއް ނިމިގެން ޕްރޮސެކިއުޓާރ އަށް ފޮނުވާތާ އެއްތައް ދުވަހަކުން އެމައްސަލަ ކޯޓަށް ދަނީ އެކޯޓުން މައްސަލާގައި ސަރީއަތް ފެށެނީ އެހާމެ ދުވަހުން މިގޮތަށް ގޮސް އެކަންކުރާތާ 05 އަހަރު ދުވަސް ފަހުންވެސް ސަރީއަތް ކުރަމުން އެބަދޭ، މިހެން ވުމުން އެކަންކުރާ މީހުން އެފަދަ ކިތައްކުށްކުރާ ފަހުންބާ އެމީހުންނަށް ސަރީއަތުން ގޮތެއް ނިންމޭނީ، ދެން ބިލް އޯ ރެލީ ބުނާ ހެން ގާނޫނޭ ބުނާ މެކުނި ވަލުގައި ޖެހެނީ ކުދިއެއްޗެތި މިފަދަކަންކުރާ ބޮޑެތި އެއްޗަށް ގާނޫނު ވަނީ ބޯކިބަލަކަށް، ނިންމާލަމުން ބުނެލަން އޮތީ ހާޝިމް މިހާރު ތިގެންދާ ގޮތަކީ ވަރަށް ކަމުދާ ގޮތެކޭ ސިޔާސީ ކުރާނީ ސިޔާސީ އާޓިކަލްތައް އޭރުން ހާޝިމާއި އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކަން އަޅުގަނޑު މިހުރީ ތައްޔާރަށް،

  34. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    އަޅުގަނޑަށްވެސް އެނގޭ، މިފަދަ މައްސަލައެއްގައި ހާޝިމްގެ ކޮމެންޓް އިޚްލާސްތެރިވާނެކަން.

    “އެކަމަކު އޭނާ ވައްކަން ކުރަނީ އޭނާއަށް ވަޒީފާއެއް ނުލިބިގެން، ކާނެ ބޯނެ ގޮތެއް ނެތިގެން ކަމަށް ވަންޏާ އެކަން ހަމަކޮށްދިނުމުން، ވައްކަން ކުރުން މަދުވާނެ” -ހާޝިމް-

    ހާޝިމްގެ މިތަންކޮޅުން އަޅުގަނޑަށް ނެގުނު މާނަ އަކީ ހަކުރު ނުބޮއެ، 24 ގަޑި އިރު ހަމައިގައި ނުހުންނަން، ދޮން މީހުން އުޅޭ ގޮތަށް އުޅެން ވީއޭ ބުނުން ކަމަށް.

    އެހެންވެއްޖެންޏާ، 24 ގަޑި އިރު ޖިންސީ ކަމެއް ނުކޮށް ނުހުރެވޭ މީހުނަށް، ޔޫރަޕާއި، ތައިލޭންޑް ފަދަ ތަންތަނުން އަންހެންކުދިން ގެނެވުނީސް ތާ. އެހެންވީމަ މި މާނަ ހާޝިމް ކުރީ ކަމަށް ބަލާފައި، އެގޮތް “ވޯކް” ނުކުރާނެ ކަމަށް އަޅުގަނޑު މިދެންނެވީ.

    އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއް ނޫން. ލާރި ނުލިބޭ މީހެއް ނޫން، ޤާސިމް އިބްރާހިމަކީ (ބުރުމާ). އެހެންނަމަވެސް މިނިސްޓަރު ކަމާއި އަދި އެވަރު ނުވެގެން ރައީސް ކަމަށްވެސް ކުރިމަތި ލީތާ ދޯ.

  35. މަރިޔަނބު‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ބިލޯ ރޭލީ‮ ‬ތިޔަގޮވި ކޮހެއް ދައިތަ އަކަށް ނުވިސްނުނޭ.އަނެއްކަ އެކުދިން ކީއެއްޗެހިން ރަކިވީތަ.ހެހެ

  36. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ކުދިންނޭ! މިދާކަށް ދުވަހު ހޯރަފުށީގައި 7 އަހަރުގެ ފިރިހެން ކުއްޖަކު ޕިކަޕަކަށްލައިގެން އެއްޖިންސުން ގުޅުންހިންގި ޒުވާނަކު އަތުލައިގެންފި، އަދި އޭގެ ކުރިން އަށް މަހުގެ ކުޑަ ކުއްޖަކު އަނިޔާކޮށް މަރާލި އަދި 17 އަހަރުގެ އަންހެން ކުއްޖަކު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އަދި މިދިޔަ މަހު ކުޑަކުދިންނާއެކު ތަކުރާރުކޮށް އެއްޖިންސުން ގުޅުން ހިންގަމުންދިޔަ ދެމީހަކު ހައްޔަރުކުރުން، މިއީ މިދިޔަ މަހާއި މިމަހުގެ މިހާތަނަށް ކުޑަކުދިންގެ މިބާވަތުގެ މައްސަލަ ތަކުގެ ތެރއިން އަޅުގަނޑަށް ނޫސް ތަކުގެ ފަލަ ސުރުހީން ފެނުނު ބައެއް މަސްއަލަ ތައް ، ދެރަކަމަކީ މިހާގިނަ އަދިމިހާބާރުމިނުގައި މިކަންތައް އިތުރު ވާއިރު މީގެ ތެރެއިން އެކަކަށް ވެސް ހުކުމެއް ކުރެވިފައި ނުވާކަން. މީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ގެ ފީކަޅާ ކަމޭ ބުނުންވެސް ވާނީ ކުށަކަށް .އެހެން ބުނާ މީހަކާ ދެކޮޅަށް ފާޑުފާޑުގެ ނޫސްބަޔާން ނެރެވެނިކޮށް އެބޭފުޅުން ނަށް އެނިމުނީ. މިކަމަކާ މުޒާހަރާ ކުރާނެ ބަޔަކުވެސް ނެތް.އެކަމަކު ރޭގަ އެމްޑީޕީން ޖަލްސާއެއްބޭއްވި ،އެހެންނަމަވެސް މިއަށް ވުރެ ހަރުކަށިކޮށް މިހާރު މިކަންތައް ނަގަންވެއްޖެދޯ.

  37. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ދެން ކޯޓު ތަކުން ބުނަނީ އެކަށީގެން ވާވަރަށް ހެއްކެއް ނެތޭ.ވުމާއެކު ހެއްކާބެހޭ ޤާނޫނު ވީހާ އަވަކަށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖުލީހުގެ ބެންބަރުންގެ ކިބައިންއެދެން. މިއަދު އަޅުގަނޑު ކައިރީ މީހަކު ބުނީ ހެއްކަކަށް ވަނީ ކިހިނެއްކަމެއްވެސް މިހާރަކު ނޭނގެއޭ، ވީމާ ނޭނގެއޭ މައްސަލައެއް ޖައްސާއިރު ހެކިން ހޯދާ ކަށްވެސް މިހާރަކު.ވީމާ ޝަރުއީ ދާއިރާގެ ބޭފުޅުން އާންމުން ހޭލުން ތެރިކުރުމަށް ޕްރޮގުރާމް ތައް ހިންގުން ފންނަވާހަކަ ދަންނަވަން.

  38. ކުޑަސޮރު ވިދާޙުވި‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ޚަލްވަތުގައި އިންނެވި ކަލޭގެފާނުގެ ނަމުގައި ކޮމެންޓް ކުރައްވާ ބޭފުޅަކަށް ސަލާމަށްފަހު ދަންނަވަމެވެ. އިސްލާމަކަށްވެހުރެ ތިޔަ ފުރައްސާރަކުރެވެނީ އަހަރެމެންގެ މާތް ރަސޫލާ އަށް ތިނަމުގައި ކޮމެންޓް ކުރުން ދޫކޮށްލެއްވުން އެދެން (ހެޔޮއެދޭ ކުޑަސޮރު)

  39. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:17/06/2009

    ހެޔޮ އެދޭ ކުޑަސޮރު ކޮއްކޮއަށް، ވެދުމާއި ޝުކުރާއި ސަލާމް، ޚަލްވަތުގައި އިނުމަކީ އަޅުކަމުގައި އެކެހެރިވެ އިނުން، ދެން އެކަމަކީ ހަމަ ސާލިހު އަޅުވެރިން ކުރައްވާ ކަމެއް އިނގޭތޯ ކޮއިފުޅާ، ކޮއިފުޅަށް ފަހަރުގައި ބޭބެ މި ކަމާ މެދު ބުނާ އެއްޗަކާ ހިތާވެސް ނުވެވިދާނެ އެއީ ބޭބެ ގެ ދިފާޢުގައި ބުނާ އެއްޗެއް ކަމަށް ހީކޮށް ވެސް، ދެން އެހެންވީމާ ކޮއިފުޅަށް އެނގޭ ދަންނަ މީހަކު ކުރެން އަހާލާތި، ބޭބެ މި ބުނެދިނީ އޭގެ މާނަ ވެސް، ދެން އެއީ ފުރައްސާރައެއް ކަމަކަށް ހަމަ ވާނެ އެއްވެއް ގޮތެއް ބޭބެއަކަށް ނުފެނޭ

  40. ކުޑަސޮރު‮ ‬ވިދާޅުވީ


    ތާރީޚް:18/06/2009

    ޚަލްވަތުގައި ހުންނެވި ކަލޭގެފާނު މިނަމުގައިވާ ” ކަލޭގެފާނު” ގެ މާނަވަސް ދިވެހި ބަހުގެ ރަދީފުން އަދި ބައްލަވާލައްވާ މުޅިބަހުގެ މާނަ އެއްކޮށް ކުރެއްވުމަށްފަހު މިކުޑަސޮރު މިބުނާ އެއްޗަކަށް ވެސް އިޙްތިރާމް ކުރައްވާ….

  41. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:18/06/2009

    ކުޑަސޮރަށް:
    ކަލޭގެފާނު ބޭބެމެން ކިޔަން ސޯލިހު މާތް މީހުންނަށް. ނަބީބޭކަލުންނަށާ އިލްމުވެރިންނަށާ އަޅުވެރިންނަށާ މިކަހަލަ ހުރިހާ ބޭކަލުންނަށްވަސް. ބޭބެމެންނަށް ވާހަކަދައްކަން ދަސްވެފަ މިއޮއް ރީތި ދިވެހި ބަސް މިހާރުގެ ޅަކުދިންނަށް ނޭނގޭތި ވަރަށް ހިތުގަ ޖެހިއްޖެ

  42. ބީރުބެ‮ ‬ވިދާޅުވީ


    ތާރީޚް:18/06/2009

    މިހާރު ތިޔާދައްކަން ފެށީ ކޮންވާހަކައެއް ތިޔަކަލަ ވާހަކަ ނުދައްކަ ތިބޭ.ކުފުރުވެވިދާނެ .ކުރިން ދައްކަމުން އައިވާހަކައިގެން ކުރިއަށްދޭ. ދެން ބޭބެ އަށްފެންނަ ވާހަކައެއްބުނެލަން، “ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮” މިނަން ހަމަ ރަނގަޅު .ނުބައި ގޮތްގޮތަށް ހީނުކުރުން މީގަ އޮތީ.މިސާލަކަށް.،ގަޅިބެ ،ގަމާރު.ސޭކުބެ.ބީރުބެ.ނަލަ މޮހޮންމަދު،ނަލަކާސިމު. މިއިން ކޮންމެ ގޮލަ ޔަކީވަސް ތިޔަބުނާގޮތަށް ވިއްޔާ ކަމުދާނަންނަމެއްނޫންތާ، ބޭބެ ވަސް މީ ބީރުމީހެއްނޫން. މީހަމަ މަޖާ.އަޅުކަމުގައި އިންނަމީހަކު ވާހަކަ ނުދައްކާނެކަން އެނގޭނެ. ދެން މިނަމަކީ ރަސޫލާ އަށް ކިޔާނަމެއްނޫން. އެކަމަކު ބޭބެ އަށް ނޭގެނީ ކަމަށް ވެދާނެ.

  43. ވަރުބަލިވެފައިވާ މީހަ‮ ‬ވިދާޅުވީ


    ތާރީޚް:18/06/2009

    މި އޮއް ކުރާ ޒުވާބެއް، ތިޔަ ބުނާ ރަދީފަކު އެބަ އޮތް، އެދުރުންނަށް ވެސް އެހެން ކިޔާ ކަމަށް، އެހެންވީމާ އެއީ ގިނިކަންޏާ އަޅުކަމަށް އެހެންނާ ކިޔަވައިދިނުމަށް ހުސްވެ އިން އުދުރުބޭންނަށް ކިޔާ އެއްޗެއްތާ، އެދުރުކަލޭގެފާނު ވެސް ކިޔާ ދިވެހިން ކިޔާ އުޅޭ، ކުރީގެ ވާހަކަ ފޮތް ފޮތް ކިޔާ މީހުންނަށް ޚަލްވަތުގައި އިންނެވުން ވެސް އެނގޭނެ، ކުޑަ ސޮރު އަޅެ ރަދީފު ބަލާލިންތަ އެއްފަހަރުވެސް، ދެން ކުރީގެ ފޮތް ފޮތް ވެސް ބަލާލާތި، މަށަށް ހީވަނީ ކަލޯ ދާ ވީ އެކަލޭގެފާނެއްގެ ގާތަށް ކިޔަވަންހެން