އިންސާނާ ފުރަތަމަ ފަހަރަށް ބިންމަތީގައި ފައި ޖައްސާލުމާއެކު އޭނާއާ އެންމެ ފުރަތަމަ ވެސް މުޚާތަބުކުރެވުނީ އިސްލާމް ދީނުގެ ރިސާލަތުންނެވެ. ދުނިޔޭގެ އެކިކަން ކޮޅު ތަކަށް ފޮނުއްވުނު، ރަސޫލުންނާއި ނަބިއްޔުންގެ ރިސާލަތަކީވެސް އެކައްޗެކެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ގޮވާލެއްވުމާއި، އަޅުކަން ކުރެވޭ އެހެން ހުރިހާ އެއްޗަކީ ބާތިލު އެއްޗެއް ކަމަށް ގޮވާލުމެވެ.
ﷲ ގެ ޚަލީލް، ސަލާމާއި ޞަލަވާތް ލެއްވި އިބްރާހީމް ޢަލައިހިއްސަލާމް އަކީ މިގޮތުން ފޮނުއްވުނު ނަބިއްޔެކެވެ. މިކަލޭގެފާނު އުފަންވެވަޑައިގެންފައިވަނީ ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތުމުގެ 1900 އަހަރު ކުރިން ކަމަށް ތާރީޚުން އެނގެން އޮވެއެވެ. މިކަލޭގެފާނުވެސް ގެންނެވީ އިސްލާމްދީނުގެ ރިސާލަތެވެ. ނަމަވެސް ކްރިސްޓިއަން ދީނާއި، ޔަހޫދީ އަދި މިނޫންވެސް ބައެއް ދީންތައް ޚުލާސާ ކޮށްފައިވަނީ އިބްރާހީމީ ދީންތައް ނުވަތަ “އަބްރަހަމިކް ރިލީޖަންސް” ގެ ގޮތުގައެވެ.
މޫސާ ޢަލައިހިއްސަލާމަކީ، ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 1500 އަހަރު ކުރިން އުޅުއްވި ރަސޫލެއް ކަމަށް ތާރީޚް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. މިސްރުގެ، ބަނީ އިސްރާއީލްބައިގައިގެ މީހުންނަށް ފޮނުއްވެވި މިރަސޫލާގެ ރިސާލަތު، މިބައި މީހުން އަމިއްލަ ގޮތަށް ބަދަލުކޮށްފައިވެއެވެ. ޔަހޫދީންގެ “ޖެނެސިސް” އަކީވެސް މިގޮތުން އައިސްފައިވާ ފޮތެކެވެ.
ޢީސާ ޢަލައިހިއްސަލާމަކީ ވެސް ﷲ އެތަކެއް މުޢުޖިޒާތްތަކެއް ދެއްވި ނަބިއްޔެކެވެ. އަދި އެކަލޭގެފާނަށް ބާވާލެއްވުނު ފޮތް އިންޖީލް މިއަދު، ބަދަލު ކޮށްގެން، އޭގެ އެތަކެއް ޓެސްޓްމެންޓްކެއް ހަދާ، ބައިބަލްގެ ގޮތުގައި ކްރިސްޓިއަނުން ގަބޫލް ކުރަމުންދެއެވެ. ޢީސާ ޢަލައިހިއްސަލާމް ފަހު ޒަމާނުގައި ފާޅުވާނެކަން ކޮންމެވެސް ވަރެއްގެ ތަފާތުތަކަކާ އެކު ނަމަވެސް ނަސާރައިންވެސް ގަބޫލު ކުރެއެވެ. މާތް މަތިވެރި ޙަޟްރަތުން ޒަމާނެއްގައި ބާވާލެއްވުނު ފޮތްތަކެއް ކަމަށް ވީތީ، އިސްލާމް ދީނާއި އެއްގޮތް ކަންތަކެއް ހުރީއެވެ.
ނަމަވެސް ﷲ އެންމެ ލޯބިވެވޮޑިގަންނަވާ، އެކަލޭގެފާނަކާއި ބެހޭގޮތުން ކުރީގެ ސަމާވީ ފޮތްތަކުގައި ޚަބަރު ކުރެވިފައިވާ، މާތް މަތިވެރި ނަބިއްޔާ، އަދި ﷲގެ ރަސޫލާ، ރިސާލަތަކާއިގެން ވަޑައިގެންނެވީ ޖިއޮގްރަފިކަލް ގޮތުން ދުނިޔޭގެ މެދުކަމަށް ސައިންސް އެއްބަސްވެފައިވާ މައްކާ އަށެވެ. މިރިސާލަތުގެ މައިގަޑަކީވެސް ހަމަ އެކައްޗެކެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް ގޮވާ ލެއްވުމެވެ. އަދި އެކަލޭގެފާނަށް ބާވާލެއްވުނު ފޮތަކީ މީގެ ކުރިން ބާވާލެއްވުނު، ހުރިހާ ރަސޫލުންނާއި ނަބިއްޔުންނާއި، އެބޭކަލުންގެ ފޮތްތަކަށް ހެކިވަނިވި، ގިޔާމަތާއި ހަމައަށް ދާންދެން ބަދަލު ނުކުރެވޭނޭ ފޮތެއްގެ ގޮތުގައި ﷲވަނީ ކަނޑައަޅުއްވާފައެވެ. ޢަރަބި ކަރައިން، ﷲ އެދީނަކާއި ރުހިވޮޑިގަންނަވައި ދީނެއްކަމުގައި ހަމަ ޖެއްސެވި “ގޮތް” ފާޅުވެފައިވަނީ ޖާހިލު ޒަމާނެއްގައެވެ. ނަމަވެސް އިސްލާމް ދީނުގެ އަލިން ދުނިޔެއަށް ވަރަށް ބޮޑެތި އިންގިލާބުތަށް އައިސްފައިވެއެވެ. މިރަސޫލާގެ ނަންފުޅު، އެސްޓްރޯ ފިޒިސިސްޓް، މައިކަލް ހާޓް ލިއުއްވި ފޮތުގެ (The hundred most influential men in history) އެންމެ ކުރީގައި އޮތުމަކީ، މިކަމުގެ ހެއްކެކެވެ.
ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެތަކެއް ގައުމުތަކުގެ ރަސްރަސްކަލުންނަށް މިހައްޤު ދީނުގެ ދައުވަތު ނުވަތަ މެސެޖް އޭރުގެ ޚަލީފާއިން ދެއްވިއެވެ. އެ ގޮތުން ގޮވާލައްވާފައިވާ ކަންތައްތަކަކީ އިންސާނިއްޔަތަކީ ކޮބައިކަން ދަންނަ ކޮންމެ މީހަކުވެސް އެ ގޮތަކަށް ތަބާވާންޖެހޭ ބައިނަލް އަގްވާމީ އުސޫލްތަކެކެވެ.
މިއަދު އިސްލާމްދީނަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ބައި ބޯ، އެންމެ ބާރަށް ފެތުރެމުންދާ ދީނެވެ. އިސްލާމްދީން އެންމެ ބޮޑަށް ފެތުރިފައިވަނީ މެދު އިރުމަތީގައެވެ. ހަމަ އެހެންމެ އެފްރިކާ، އޭޝިޔާ، ޔޫރަޕް، އަދި އެމެރިކާއާއި އެހެނިހެން ހުޅަނގުގެ ގައުމުތަކުގައިވެސް މެއެވެ. އޭޝިއާއިން، ދެކުނު އޭޝިއާގައި އެންމެ ބޮޑަށް ފެތުރިފައިވެއެވެ. ހަމަ އެހެންމެ އިރުމަތީ އޭޝިއާގެ މެލޭޝިއާ ފަދަ ތަންތަނުގައި ގައުމީ ދީނަކީ އިސްލާމް ދީނެވެ.
މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ކަމުގައި ވީ ނަމަވެސް މިއަދު މި ފެންނަނީ މުސްލިމުން އެބައިމީހުންގެ ދީނުގެ އަސްލު އުސޫލުތަކާ ދުރަށް ޖެހިފައިވާލެއް ބޮޑުކަމެވެ. އަދި ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ޙަޤީޤީ އާރާއި ބާރު އޭގެ ފުރިހަމަ ހައިބަތުން މަހުރޫމުވެފައި ވާ ތަނެވެ.
އެއްވެސް ކަމަކީ ހީވާ ހާ ފަސޭހައިން ވާނޭ ކަންކަމެއް ނޫނެވެ. ޢަމުދުން އުންމަތެއްގެ ހައިބަތު އަނބުރާ ގެނައުމަކީ އެކަމުގެ މަގުގައި އެތަކެއް މޮޅު ޙިކުމަތާއި ޢިލްމީ ތަހުޒީބީ ވިސްނުމަކަށް ބޭނުންވާނޭ ކަމަކެވެ. ގަދަފަދަ ޖިހާދަކާއި މަތީ ދަރަޖައިގެ ކެތްތެރިކަމަކަށް ބޭނުންވާނޭ ކަމެކެވެ. ނަމަވެސް ފަރުދެއްގެ ހައިސިއްޔަތުން ތިމާއަށް ތިމާގެ އުންމަތަށްޓަކައި ކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނާލުން އެއީ ހަމަ ކޮންމެހެން ލާޒިމުކަމެކެވެ.
ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ ފަންސާސް ފަސްވަނަ އާޔަތުގެ މާނައިގައިވެއެވެ.
“އެބައިމީހުންގެ ކުރިން އުޅުނު މީހުން ވެސް ބާރުވެރިކުރެއްވި ފަދައިން، ހަމަކަށަވަރުން އެބައިމީހުން ބިމުގައި ބާރުވެރިކުރެއްވުމަށާއި އެބައިމީހުންނަށްޓަކައި އެކަލާނގެ ރުހިވޮޑިގެންފައިވާ އެބައިމީހުންގެ ދީން އެބައިމީހުންނަށްޓަކައި ހަމަކަށަވަރުން ފާޅުކުރައްވާ އެބައިމީހުންގެ ބިރުވެރިކަމަށްފަހު ހަމަކަށަވަރުން އަމާންކަމަކަށް އެބައިމީހުން ބަދަލުކުރައްވާނޭ ކަމަށް ތިޔަބައިމީހުން ތެރެއިން އީމާންވެ ހެޔޮ ކަންތައް ކޮށް އުޅޭ މީހުންނަށް މާތް ﷲ ވަޢުދުވެވޮޑިގަންނަވައެވެ.”

ދަންމާނު ވިދާޅުވީ
ތާރީޚް:17/06/2009
މިއީ އޭރުން ފެށިގެން މިހާރާއި ކުރިއަށް އޮތް ތަންކޮޅު އެންމެ ކުރުކޮށް ޚުލާސާކޮށްލެވޭނެ ގޮތް ކަމުގައި ދެކެން، ވަރަށް ފުރިހަމަ، ދޮހާފޮއްޓާ ތިޔައިގަ އެބަހުރި ކަރަންފުލާ ހުންޏާ ވެސް، ހަމައެކަނި ބިލެތާ ފޯކާ ނޫންކަން މިހާރު މަޑުމަޑުން އެބަ އެނގޭ
DOg ވިދާޅުވީ
ތާރީޚް:17/06/2009
ވަރަށް އިބްރަތްތެރި ޚިކްމަތްތެރި ލިޔުމެއް، މި އާޓިކަލް ލިޔުންފަރާތާއި ކިޔުއްވި ކޮންމެ ފަރާތެއްގެ ކިބައިން އެދެނީ މިއީ ވަރަށްވެސް ބޭނުންތެރި ގޮވާލުމެކޭ މީގައި ބުނެވިގޮސްފައިވާ ގޮތަށް ކޮންމެ ފަރުދެއްވެސް އެމީހާގެ ޒިންމާ އަދާކޮށް މިގައުމަކީ އަމާންތަނެއް ކަމުގައި ހެދުމަށް މަސައްކަތްކުރަމާ ހިނގާށޭ، އަދި އިސްލާމް ދީންގެ ރިވެތި ގޮތުގައި ތިބެ މަހުސަރު ބިމަށް ދެވޭތޯ މަސައްކަތްކޮށް ތިބާގެ ގައުމުގައި މިއޮތް މަތިވެރި ދީން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ މީހަކުވެސް އަފަލާއެކީ ކަމެއް ކުރެވޭތޯ ބަލާ އެކަމެއް ކުރިކަމުގެ ފުރިހަމަ އުފާ ލިބިގަންނަމާ ހިނގާށޭ، މިގައުމާއި މިރަށުގައި ފެތުރެމުން މިދާ މަސްތުވާތަކެތިން ސަލާމަތްވޭތޯ ކޮންމެ މީހަކުވެސް ކޮންމެވެސް ކަމެއް ކުރަމާ ހިނާށޭ، މިރަށުގައި ވައްކަން މިދަނީ އިތުރު ވަމުން ރޭ ވެސް 04 ގެއަކުން ވައްކަންކޮށްފައިވޭ މިކަން ހުއްޓުވުމަށްވެސް ކޮންމެވެސް ކަމެއް ކުރެވޭތޯ ހިނގާށޭ. މިހުންނަނީ އިސްލާމުން ބަލިކަށިވެ ނިކަމެތިވެ ދާނެ ބޮޑެތި ކަންކަމަށް ވީ ހިނދު މިކަން ހުއްޓުވުމަށްޓަކައި އެންމެން އެކުގައި ނިކުމެ މަސައްކަތްކުރަން އަޅުގަނޑު ގޮވާލަން.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
މަތީގައި އެހެރި ފޮޓޯ ކަހަލަ ކިތަންމެ ފޮޓޯއެއް އެބަ ޖެހޭ، ވީހާވެސް ގިނަ ބަޔަކަށް ދައްކަން. ބޭނުމަކީ، އެންމެ ކަމެއް. 1.5 ބިލިއަނަށް ވުރެ، ގިނަ، މުސްލިމުންގެ ރުޅިވެރިކަމާއި ނުރުހުމާއި ބަދު ދުޢާ، އެމެރިކާ މީހުނަށް، މާފް ކުރައްވާ، އެމެރިކާގައި އަދި އެނޫންވެސް ތަންތާގައި ތިބި މުސްލިމުންގެ އަދުއްވުންނަށް ލިބުން.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:17/06/2009
ލިޔުން ވަރަށް ރީތި، މޮޅު
އުންމަތުގެ ހައިބަތު ނެތެއް ދިމާވި ސަބަބެއް ކަމަށް ވެސް މިއުޅޭ މީހުންނަށް ފެންނާނީ މައުމޫނުގެ ތިރީސް އަހަރު، ދެން އެ ހައިބަތު އަނބުރާ ގެންނަންޏާ ވެސް ކުރަން އޮތީ އެންމެ ކަމެއް، އެއީ އެމީހަ ތިރީސްއަހަރުވަންދެން ކުރި ޚުދުމުޚުތާރު ވެރިކަން އެއީ ނުކުރާ އެއްޗަކަށް ހެދުން، ދެން އެއްކަލަ ތަނަށް ބިލެއް ފޮނުވައިގެން ފާސްކުރަންވީ އެމީހަ އަދިއެއް މި ރާއްޖެއަކު ވެރިކަމެއް ނުކުރެޔޭ ކިޔައިގެން، ދެން އަދި ދެހާސްތޭރައިން ފެށިގެން މި ޤައުމުގައި ހުންނަވާނީ ދާއިމީ ރައީސެއް ކަމާއި އެމީހަކީ އެއްކަލަ ކުރިން ހުންނެވި ދޮންބޭބެ ކަން ވެސް ބަޔާންކޮށްފައި އޮންނަންވާނެ
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
ހަނގުރާމަ ކުރެވެން ޖެހޭނީ ދެކޮޅަށް އަންނަ މީހުނަށް، އަދި ކުޑަ ކުދިންނާއި އަންހެނުން ހަނގުރާމައިގައި ނުމެރުމަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަޞައްލަމް) އިރުޝާދު ދެއްވާފައިވޭ. ނަމަވެސް މަތީގައި އެހެރި ފޮޓޯ އަށް ބަލައިލާ. ކޮބައިބާ އިންސާނީ ހައްޤުތަކާއި، ނުލިބިގެން މިއުޅޭ ކުޑަ ކުދިންގެ ހައްޤުތައްވެސް.
އޮބާމާ ވިދާޅުވީ
ތާރީޚް:17/06/2009
ހުރިހާ ކަމެއް ހައްލު ކުރަން އެމެރިކާއަކަށް ނުޖެހޭ ހެން ހީވަނީ މުސްލިމުންގެ ފާޑުން މުސްލިމުންނަށް ޓެރަރިސްޓުންނޭ ކިޔަނީވެސް ކުޑަކުދިންނާއި އަންހެނުންނަށް ގޯނާ ކޮށްގެން ނުވާނެ އެއްވެސްބަޔަކު ކާފަރުންވެސް އަދި މުސްލިމުންވެސް
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
މުސްލިމުންނަށް ކިޔާނެ އެއްޗެއް ކިޔަންވީ، ލާހިކެއް ނޫން ތާރީޚް އޮޅުވާލާކަށް. ކިތަންމެ ވަރެއް ކުރިއަސް، މުސްލިމުންގެ ފުރަތަމަ، ޤިބްލަ އަޤްޞާ އަދި އިސްރާއު، މިއުރާޖްގެ މާތް މުއުޖިޒާތް ހިނގި ފަލަސްތީނުގެ މާތް ބިން، ޔަހޫދީންނަކަށް ދެވޭކަށް ނޯންނާނެ.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:17/06/2009
އާނ އެމެރިކާ ނުޖެހޭ ކޮންމެ ކަމެއް ހައްލު ކުރާކަށް މައްސަލައަކީ އެކަމަކު އެބައިވަރު ޖެހޭ ހުރިހާ ތާކަށް ބޯ ކޮއްޕަން، ޢިރާޤަށް އެރުން ވެސް އެއީ އެ ގޮތުން ކޮށްލި ކަމެއް، ދެން މި ކަހަލަ ކިތަންމެ ކަމެކޭ އިނގޭތޯ!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
“ޖިވިޝް ކޮމުއިނިޓީ” ތަކަށް ޚަރަދު ކުރޭ ވަރަށް ގިނަ ކުންފުނިތަކުން. އެތަނުގެ އެއްޗެހި ގަތުމެއް ރަނގަޅެއް ނުވާނެ. އެކަމަކު ނުގަނެ ވަންނާނެ ތަނެއްވެސް ނެތް. އެމީހުނަށް ދެވޭ ކޮންމެ ޑޮލަރެއްވެސް ބަދަލުވާނީ، މުސްލިމުންނާއި ދެކޮޅަށް އަންނަ ވަޒަނަކަށް. ރާއްޖޭގައިވެސް މަނާ ކުރަންވީ އެފަދަ ކުންފުނިތަކުގެ ޕްރޮޑަކްޓްތައް، 1.5 ބިލިއަން މުސްލިމުން ހުއްޓައިލައިފިނަމަ އެކުންފުނިތަށް ވެއްޓިދާނެ އިސާހިތަކު. ފަރުދީ ގޮތުން ކުރެވޭނެ ކަންތައް މިއީ، ދުއާގެ އިތުރުން. އާދަމުގެ ދަރިން ކައިރިން ކަންކަމު އެދުނީމާ ރުޅިއަޔަކަސް ކަލާންގެ ކޯފާވެވޮޑިގަންނަވާނީ ކަންކަމު އެދުން ދޫކޮށްލާތީ. އެހެންވީމާ ދުއާ ނުކުރަންވީ ސަބަބެއް ނެތް.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:17/06/2009
ބިލޯ ރޭލީއަށް:
ދިވެހިންނަކީ ވަރަށް އެތުނޯސެންޓްރިކް، ރޭސިސްޓް ބައެއް ހެން ހީވަނީ މިޒާތު ލިޔުމެއް ޖަހައިފިނަމަ، ކުރާ ކޮމެންޓްތަކުން. ދިވެހިންނަށް، އެހެން ހުރިހާ ދީނެއްވަނީ އެމީހުންނަށް ހުރި ބޮޑު ނުރައްކަލަކަށް. އެހެން ނަސްލެއްވިއްޔާ ދިވެހިންނަށް، އެއީ ދިވެހި ނަސްލަށްވުރެ ދަށް ނަސްލެއް. ގައުމީ، ވަޠަނީ ލޯބީގައިވެސް ދިވެހިންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ހެން ހީވާވަރު އެބަވޭ ކުރާ ކޮމެންޓްތަކުން.
ދިވެހިންގެ ބަސްމަގު ހުންނަގޮތުން ހީވަނީ، ޔަހޫދީންނާއި އަދި އެނޫންވެސް ދީންތަކާއި ސަގާފަތްތަކުގެ އަހުލުވެރިންނަކީ، އިންސާނުންނެއް ނޫން ހެން. ފުކެއް ބޮޑުވަރު ހެން ހީވަނީ.
އޮބާމާ ވިދާޅުވީ
ތާރީޚް:17/06/2009
ސާބަހޭ އިސްފަނޑިޔާރާ ތީ ހަމަ ތެދެއް
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
އިސްފަނޑިޔާރަށް!
މިތާކު ރޭސިޒަމް، އާއި އެތެނިކް ގުރޫޕްތަށް ތައައްސުބު ކުރާ ވަހަކެއެއް ނުދެކެވޭ. އަޅުގަނޑު ހަމަ ގައިމުވެސް ނުދައްކަން. އިސްރާއިލްގެ ޒައަނިސްޓުންނަކީ ރޭސިޒަމް ބައި އެންމެ ބޮޑު މީހުނަކީ. އިސްފަނޑިޔާރު، ޔަހޫދީ އަކަށް ވާން ބޭނުމިއްޔާ ޖެހޭނީ، ޔަހޫދީ އަންހެނެއްގެ ބަނޑުން އަލުން ވިހަން. ނަމަވެސް އަހަރެމެން މިކިޔާ އިސްލާމް ދީނަކީ، ކަޅެއް ދޮނެއް، ފަގީރެއް ރަސްކަލެއް ތަފާތު ނުކުރާ، އެއް ޤިބްލައަކަށް ތަބާވާ، ބައެއް.
އޮބާމާވެސް ޤަބޫލު ކުރޭ، ފަލަސްތީނަށް ވަކިން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް. އިސްރާއިލަށްވެސް ވަކި ދައުލަތެއް. މިއީ އަޅުގަނޑުވެސް ދައްކާ އަދި އެހެން މީހުންވެސް ދައްކާ ވަހަކަ އަކީ. އެހެންވީމާ ރޭސިސްޓުންނަކީ ޔަހޫދީންގެ ޒައަނިސްޓުން. އެއްވެސް ބަޔަކު ނުދެކޭ ކްރިސްޓިއަނުންނާއި ޔަހޫދީން އެއީ އަހަރެމެން ފަދައިން އިންސާނުން ނޫން ކަމަކަށް.
މުސްލިމުންނަކީ ހަމަ އެއް ހަށިގަނޑެއް ފަދަ ބައެއް. ކަޅު ނަސްލުގެ މީހަކު ކްރިޓިސައިޒް ކޮއްފިއާ، ކަޅު ނަސްލު އެންމެންގެ މެއިން ދިލަ ނަގާފަދައިން، މުސްލިމުންނަށްވެސް ބާރު ކުރާނެ. ކުރަން ޖެހޭނެމެ.
ފަލަސްތީނުގެ ގުދުސް އަކީ ފަލަސްތީނު ކީއްކުރަން ހުރިހާ މުސްލިމުންނާވެސް ގުޅުން ހުރި ތަނެއް.
ހާޝިމް ވިދާޅުވީ
ތާރީޚް:17/06/2009
އަޅުގަނޑު އިސްފަނޑިޔާރާ އެއްބަސް! ދިވެހިންނަކީ އަދި މުސްލިމުންގެ ގިނަ މީހުންނަކީ ވަރަށް އެތްނޯސެންޓްރިކް، ރޭސިސްޓް ބައެއް. އަޅުގަނޑު ދަންނަވާފާނަން މިސާލެއް ވެސް. ނިކަން ބައްލަވާ ރާއްޖޭގައި ތިބި ބިދޭސީން، އަޅުގަނޑުމެން މިކިޔާ ބަންގާޅީންނާ ދޭތެރޭ ގެންގުޅޭ ތަފާތު. އަޅުގަނޑު ދެލޮލުން ދުށިން އެމީހުން ގެންގުޅޭ ފަރާތްތަކުން ހެނދުނު ކެއުމަށް ވެސް ދެނީ ބަތާ ހަކުރާ. އެނިމުނީ ދެން ކަޅުސައިތައްޓެއް. އެމީހުން ނިންދަވަނީ ވެސް ސަބް-ހިއުމަން ކޮންޑިޝަންގައި. އެމީހުންނާ ކައިރިވެސް ނުވާ ދިވެހިންނެއް. ހަމަ މިގޮތަށް އަޅުގަނޑު ކިއިން 500 އަށް ވުރެ ގިނަ ޞަފްޙާގެ ރިޕޯޓެއް އެމްނެސްޓީ އިންޓަނޭޝަނަލްގެ ހިއުމަން ރައިޓްސް ރިޕޯޓެއް ސަޢޫދީ ޢަރަބިއްޔާގައި ތިބޭ ބިދޭސީ މަސައްކަތު މީހުންނާ ދޭތެރޭ އެމީހުން ކަންކަން ކުރާ ގޮތް. ކޮންމެހެން އަޅުގަނޑު މިކަން ޖެނެރަލައިޒް ކުރަނީކީ ނޫން. އެކަމަކު ވެސް މިއީ އޮބްޒަވޭޝަނެއް. ދިވެހިންނާ މުސްލިމުންނަކީ ވަރަށް އިންޓޮލަރަންޓް، ރޭސިސްޓް ބައެއް. އޭގެ ހެއްކެއް ދިވެހި ބަސްފޮތުގައި ވެސް އޮންނާނެ އިޔަހޫދި ކިޔާ ބަހެއް. އޭގެ މާނައަކީ މަކަރު، ހީލަތް
މަރިޔަނބު ވިދާޅުވީ
ތާރީޚް:17/06/2009
ކިހާބޮޑުކަމެއް ދެންކޮން އެތްނޯސެންޓްރިކް، ރޭސިސްޓް އެކޭ ކިޔާކަށްތަ ،ދެން މާ ފަރަންޖީވެގެން.ދިވެހިން ކިއާއެއްޗެއް ކިޔާ.ބޯހަލާކޭ.މީތިން ކިއާއެއްޗެއްމަށަކަށް ނޭނގެ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
އަޅުގަނޑު ހާޝިމާ އަކުރުން އަކުރަށް އެއްބަސް. އެކަމަކު އިސްފަނޑިޔާރަކާއި އެއްބަހެއް ނޫން. ނަމަވެސް ހާޝިމްގެ ފަހު ދެ ޖުމްލަ އާއި އެއްބަސް ވެވޭކަށް ނެތް. ދުނބުރި ހުއްތު ނުވަތަޚަލްވަތުގައި އިންނެވި ކަލޭގެފާނު މިކަމަށް އެއްޗެއް ދަންނަވާލާނެ ކަމަށް ފެނޭ.
ޤަމާރު ވިދާޅުވީ
ތާރީޚް:17/06/2009
އިސްފަޑިޔާރަށް! ދިވެހިންނާ ދިމާލަށް ބުނެވޭ ބުނުންތަކަކީ މުޅި މުސްލިމް އުއްމަތަށް ނިސްބަތް ކުރެވޭ އެއްޗަކަށް ވެގެނެއް ނުވާނެ! ތީ ވަރަށް ބޭ އިންސާފު ބުނުމެއް! ދިވެހިން ކަމެއް ކުރި އޭ ކިއާފަ އަދި މުޅި ދުނިޔޭގަ ތިބި ހުރިހާ މުސްލިމުންނާ މެދު ތިގޮތަށް ހުކުމް ކުރެވޭނެ ޖާގަ އެއް އޮތްހެނެއް ހިއެއް ނުވޭ އަޅުގަޑަކަށް! ދިވެހިންގެ ތެރޭގިނައީ ދީން ރަގަޅަށް ނުދަނެ ދީނަށް އުޅޭ މީހުން! އެހެން ވުމުން ވެސް ތިކަހަލަ މައްސަލަ ނުކުމޭ!
ޤަމާރު ވިދާޅުވީ
ތާރީޚް:17/06/2009
ސޮރީ ހާޝިމަށް!އިސް ފަޑިޔާރޭ ބުނެވުނީ އޮޅުމަކުން!
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:17/06/2009
ހާޝިމް އޮތީ އަޅުގަނޑު ހެކީގެ މައްޗަށް ރިޢާޔަތްކޮށް ދިވެހީންގެ ސިފައެއް ބަޔާންކުރުމުން އޭގެ ތަފުސީލެއް ދީފައި. ބިލޯ ރޭލީ އެއްބަސް ނުވިޔަސް، ދިވެހިންނަކި ރޭސިސްޓް، އެތްނޯސެންޓްރިކް ބައެއް. ވަރަށް ޓޮލަރަންސް ދަށްވާނެ. ‘ބޭރު’، ‘ޔޫރަޕް’، ‘އެހެން ދީނެއް’، ‘ބިދޭސީ’ މިކަހަލަ ލަފުޒެއްގެ އަޑު އިވޭއިރަށް އެދެން ނިމުނީ. އަށްޑިހަ ފަހަކަށް އަރާނެ ރުޅިގަނޑު!
ދިވެހި ދަންނަބޭކަލުންނަކަށްވެސް ދުވަހަކުވެސް ނޭނގޭނެ، ޔޫރަޕަށް، ބެވުން ނޫން ކަމެއްކުރާކަށް. ނާ… އަދި ކުރަން އެނގޭ ދެ ކަމެއް އޮވޭ. އެއީ 1. މުސްލިމުންގެ ކުރީގެ މޮޅުވާހަކަ ދެއްކުން. 2. ދިވެހިންނަށް ނަސޭހަތްދޭ ނަމުގައި އެތިވަރު ގޮވުން.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
އަޅުގަނޑުވެސް ވަރަށް ބޮޑަށް މާފަށް އެދެން. ޤަމާރުގެ ކޮމެންޓުން މިއެނގުނީ. އަޅުގަނޑަށް، ހާޝިމް މުސްލިމުންނާއި ބެހުނު ތަނެއް ނުފެނުނީ. ކިހިނެއްތަ އެވަރު އެއްޗެއް ބުނެފާނެ ކަމަށް ޚިޔާލުވެސް ކުރެވޭނީ. ހާޝިމަށް ކަމުނުދިޔައީ، އިޔަހޫދީންނާއި މުސްލިމުން ގުޅުވީމަ ދޯ. ޤަމާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އިސްފަނޑިޔާރަށާއި ހާޝިމަށް ހެޔޮ ވިސްނުން ދެއްވާށި!
ބިލޯ ރޭލީ (ކުށެއްގެ އިސްލާހު) ވިދާޅުވީ
ތާރީޚް:17/06/2009
އިޔަހޫދިގެ މާނަ، މަކަރާއި ހީލަތަށް ވީމާ ހާޝިމަށް ކަމު ނުދިޔައީ. މިހެން މިދަންނަވަން އުޅުނީ..
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
ހާޝިމަށް!
ގިނަ މުސްލިމުންނަކީ ރޭސިސްޓުންނޭ ތިބުނާ ސަބަބު އަންގާލަ ދިނުން އެދެން. ހެކި ގެންނަން ޖެހޭނެތާ ދޯ ދައްކާ ވަހަކައެއްގައި ވިއްޔާ. މިހާރު ދިވެހިންނޭ ކިޔައިގެން ތިބުނި އެތި ދެން އޯކޭ.
އިސްފަނޑިޔާރަށް!
ފަހުން ތިކުރި ކޮމެންޓާއި އަޅުގަނޑު އެއްބަސް. އިސްފަނޑިޔާރު ދިވެހިންނަކީ ރޭސިސްޓުންނޭ ކިޔާފައި ލިޔުމެއް ލިޔަން ފެނޭ. އޭރުން ބޮޑަށް މި މައުލޫއަށް ވާހަކަ ދައްކާލެވޭނީ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:17/06/2009
މައުލޫއިން ބޭރު ވެވުނަސް މިމައުލޫގައި އަޅުގަނޑުވެސް ބޭނުން އެއްޗެއް ބުނަން. އިސްފަނޑިޔާރާއި ހާޝިމަށް އަޅުގަނޑު ތާއީދުކުރަން. ގިނަ ދިވެހިންނަކީ ހަމަ ތިބުނުއްވި ޒާތުގެ ވިސްނުމެއް ގެންގުޅޭބައެއް. އަޅުގަނޑު ދެކެން ބަންގާޅީން ގޭގެއިން ކުނި ކޮތަޅު އުކާލަން ދާމަންޒަރު. ދިވެހިންގެ ކަންނެއްކަމުގެ ސަބަބުން އެމީހުން އެކުނިކޮތަޅު ހިފައިގެން ރެލީ ބައިސްކަލުގައި ދަނިކޮށް އެތައް ދުވަހަކު ދެކުނިން ދިވެހި ޒުވާން ފުރާގެ ކުދިން އެމީހުންގެ ގައިގާ ކޮޅުފައިން ޖަހާ ވައްޓާލާ މަންޒަރު. މިއީ ހަމަ ކުޑަ މިސާލެއް.
ދެން ދީނުގެ މައްސަލަ. އެއްބަޔަކު އެބައުޅޭ ޣައިރު މުސްލިމަކާ ވައިނޭޅެން ނިޔަތް ގަނެގެން. ނޫނީ އެމީހުން މަރަން. ނޫނީ އެމީހުންނާ ސަލާމް ނުކޮށް، އެމީހުން ހެދުން އަޅާގޮތަށް ހެދުން އެޅުން އެއީ ހަރާމް ކަންތަކަށް ހަދައިގެން. އެމީހުންވެސް ރަނގަޅަށް ކަމެއް ކުރަންޏާ އެވާނީ ހަމަ ރަނގަޅު ކަމަކަށް. ޣައިރު މުސްލިމުންވީމަ ނުޖެހޭ ކޮންމެހެން އެހެން ހަދާކަށް. މުސްލިމް ގައުމުތަކުގެ މީހުންނަށް ތިބުނާ ހާލެއް ޖައްސަމުން ދަނީ ޣައިރުމުސްލިމް ގައުމުތަކުގެ ސަރުކާރުން. އެއްވެސް ހާލެއްގަ އެގައުމުގެ ފަރުދީންނެއް ބޭނުން ވެގެނެއްނޫން. އެހެންކަމުން ޣައިރުމުސްލިމުންނޭކިޔާފަ ވަކިވަކި ފަރުދުންނާ މެދު ތިދެކޭގޮތަށް ދެކޭކަށް ނުޖެހޭ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:17/06/2009
އެބުނާހެން ހާޝިމޫ، ދައްކާ ވަހަކައިގައި ވާނެ ހެކި ގެންނަން، އެހެން ދޫކޮށްލައިގެން ކަމަކު ނުދާނެ. އޭރަށްތާ މިތާ ތިބޭ ކުދިންނަށް ބުނެދޭންވެސް އެނގޭނީ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:17/06/2009
ކަންނެތްސޮރުގެ އެބުނީ ވަރަށް ރަނގަޅު ވަހަކައެއް. އެކަހަލަ ތަފާތު ކުރުންތައް ގެންގުޅިގެންނުވާނެ، ބަޔަކު ގޮތަކަށް އުޅިގެން މުޅި އިސްލާމީ އުއްމަތަށް އެކަން ރައްދު ކުރުން އެއީ ވަރަށް ދެރަ ކަމެއް. ކާފަރުންގެ ދީނީ ހެދުން ލުމަކީ މައްސަލަ އަކީ. ކާފަރަކަށް ވީތީ މެރުމަކީ ރަސޫލު ޒަމާނުގައިވެސް ފެނުން ކަމެއް ނޫން. ޔަހޫދީ އަކަށް ދަރާފައި އޮވެގެން، އުމަރުގެފާނު ދަރުބާރުގައި ކުށްވެރިއަކު ދޫކޮއްލި، ދަރަނި އަދާކޮށްދީ ނިމުނީމާ، އެނބުރި އަންނަ ގޮތަށް. އެމީހުންވެސް ރަނގަޅު ކަމެއް ކުރީމާ އެކަން ބަލައިގަންނާނީ، އެމީހުން ކޮޕީ ކުރަން ޖެހޭނީ މިގޮތަށް. އެއީ، އެމީހުން ކްރިސްމަސް ގަސް އިންދާ ކަމަށްޓަކައި އަހަރެމެން ދިއްގާ ގަހެއް އިންދުން ކަހަލަ ގޮތަކަށް. މިއީ ދެން މިސާލެއް. ޣައިރު މުސްލިމުންނާއި ދޭތެރޭ ކުޑަކޮށް ހޭލައިގެން މުސްލިމުން އުޅޭންވާނީ، އެމީހުން ކުރާ އިސްލާމް ދީނާ ފުށު އަރާ ކަންތަކުގައި ބައިވެރި ނުވެ، ރީތި ގޮތަކަށް ދުރުވެ ގަތުން.
ހާޝިމް އަޅެ ގިނަ މުސްލިމުންނަކީ އެތްނޯސެންޓްރިކް،އަދި ރޭސިސްޓުން ކަމަށް މިބުނަނީ ކީއްވެގެންބާ؟
ވަކަވަލޭ ވިދާޅުވީ
ތާރީޚް:17/06/2009
އެބުނާހެން. ހެދެ ހާޝިމް ގިނަ މުސްލިމުންނަކީ ރޭސިސްޓުންނޭ ތިބުނަނީ ކޮން ދަލީލެއްގެ މައްޗަށް ބުރަވެ ހުރެގެން؟
މޯންޑޭ ވިދާޅުވީ
ތާރީޚް:17/06/2009
އައްސު ވާގޮތަކީ، މަ އެބަވޭ މީހަކު ކިޔާހާ އެއްޗެއް ކިޔޭތޯ ބަލަން މާނަ ނޭގުނެއް ކަމަކު.
ރިޝް ވިދާޅުވީ
ތާރީޚް:17/06/2009
ޕިސް ޕިސް… ކޮމެންޓް ކުރަން ކެރޭ ކުދިން އުޅޭ ދޯ. މޯންޑެ ތިބުނީ ތެދެއް، ތިމާ އަށް ނޭގޭ ކަންތަކަށް ފައިދާ ވާން އުޅިގެން ވާނީ އެކަހަލަ ގޮތެއް. މުސްލިމުންނަކީ ގައުމަކަށް ކުލައަކަށް ދީނޭ ކިޔައިފިއްޔާ ބަލާ ބައެއް ނޫން. އެކަމަކުވެސް އެއްޗެކޭ ކިޔޭތޯ ވާނެ ބަލަން.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:17/06/2009
އާނ. ދިވެހިންނަކީ ރޭސިސްޓުންނޭ ކިޔާފަ ލިޔުމެއް ލިޔެލަން ވީދޯ. ވަގުތެއް ހޯދާލައިގެން އެކަން ކޮށްލާނަން. ބިލޯ ރެލީ ކަލޭ ހުންނަންވާނެ ކޮމެންޓްކުރަން. މަ ލިޔާނީ ކޮމެންޓްކުރަން ހުސްޖާގަވެސް ލިޔުމުގައި އުފައްދާފައި. ހާޝިމް ވެސް ރެޑީދޯ!
ބީރުބެ ވިދާޅުވީ
ތާރީޚް:17/06/2009
ބޭބެ ވަސް ތިޔާހެންވީމައޭ މިހުންނަނީ މިވާހަކަ ތރެއަށް އަނގަނުބާނަ.ބޭބެއަށް މިތާމިއުޅޭ އިނގިރޭސިއަށް މޮޅުކުދިން ދައްކާވާހަކަ ނޭގޭތިއޭ.އިސްފަނޑިޔާރާ ކޯޗެކޭ ކިއާފަ ލިއުމެއްލިއާނަމޭތަ ތިޔާބުނީ،ބޭބެ އަށްވަސް އެނގޭ ގޮތަށް ލިއާތި. ދޮހާފޮށި ލިއެފަ މިއޮތް އެތިއެނގޭ ބޭބެ އަށް.
މޫސަބެ ވިދާޅުވީ
ތާރީޚް:17/06/2009
ބޭބެވަސް ނިކަންދެރަވޭ ރާއްޖޭގައި ގެންގުޅޭ ބިދޭސީންނާއިމެދި ދޭސީން (ދިވެހިން) ކަންތައްކުރާ ގޮތާ ދޭތެރޭ. މިސާލަކަށް ބޯކޮށާ ތަނެއްގައި އިންނަ ބިދޭސީއެއްގެ މަސައްކަތް އެބަފެށޭ 7:30 ނުވަތަ 8:00 ގައި، އެގޮތަށް މަސައްކަތް ފަށާގޮތަށް ކެއުމަށް ބައި ގަޑިއިރެއްވަރުދީފައި އެބަ ގެންގުޅޭ ރޭގަނޑު 10 ނުވަތަ 11 ޖަހާދެން. ދެން ޚިދުމަތް ހޯދަން އަންނަ ދިވެހިން އެމީހުނާއި މުޚާތަބުކުރާގޮތް އެއީވެސް ވަރަށް ދެރަކަމެއް. ކުޑަވެސް ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވިއްޖެނަމަ ހެއްދެވި ނުހެއްދެވިއަށް ގޮވާފައި ލާރިވެސް ނުދީ ދާނީ. ފިހާރައެއްގައި މަސައްކަތްކުރާ މީހާއަށްވެސް ހަދަނީ ހަމަ ހަދާނެގޮތެއް. ދެން އެމީހުން ގޭގައި ނުވަތަ ކޮޓަރިގައިވެސް ވިހި ތިރީސް މީހުން، ކެއުމަށް ދޭނީ މުގުރިހަޔާ ބަތް، ކަޅު ސަޔާ ބަނޑުއަކިރި (ކުދި ބިސްކޯދު) ނޫނީ ލޮނު ބިސްކޯދު (ކްރިމްކްރޭކަރ). ފާޚާނަކޮށް ފެންވަރާ ހަދަން ޖެހެނީ ކިއުގައި ތިބެގެން. އަދި ހެއްވާ ކަމަކީ އެމީހުންގެ ތެރޭގައި އުޅޭ މުސްލިމުންނަށްވެސް ނަމާދުކުރާނޭ ފުރުޞަތުވެސް ގިނަދިވެހިން ނުދޭ. މިބުނީ މަސައްކަތް ހަވާލުކުރާ ފަރާތްތަކުން. އެމީހުން ރާއްޖެ އަންނަނީ ހުރިހާ މުދަލެއް ވިއްކާލައި ދަރާވިކިގެން (އެޖެންޓަށް ދިނުމަށް).
ޤަމާރު ވިދާޅުވީ
ތާރީޚް:17/06/2009
އާނ ! ތިޔަ ލިޔުމެއްގެ އިންތިޒާރުގަ އަޅުގަޑު ވެސް ހުރީމު!
ދަލޭކަ ދައިތަ ވިދާޅުވީ
ތާރީޚް:17/06/2009
ކުއްޖަ މެނޭ ދައިތަ މެނަކަށް ވަސް ނޭގޭ މި ކުދިން މި ކިޔާ އެއްޗެއް! ދައިތަ ވަސް ވަރަށް ޝައުޤު ވެރިކަމާ އެކު މި ވަދެލަނީ ލިޔުމާ ހިޔާލު ތައް ކިޔާލަން !މި ފަހަރު ދައިތަޔަށް ލިޔުން ވިސްނިއްޖެ! އެކަމަކު މިޔޮއް އުޅޭ އިސް ފަޑިޔާރަކާ ހާޝިމެއް ކިޔާ ސޮރު މިކިޔާ އެއްޗެއް ދައިތަޔަކަށް ހަމަ ނޭގުނު!އަނެއްކަ އިސް ފަޑިޔާރު ތިޔާ ލިޔަން އުޅޭ ލިޔުމެއް ދައިތަ މެނައް ކިޔާލެވޭ ވަރު ކޮއްލަދޭތި! ދައިތަ މެނަކައް ނޭނގޭ އިނގިރޭސިޔެއް އެހެންވެ ތޯއްޗެ ހިޔާލު ވަސް މި ނުވިސް ނުނީ!
ހާޝިމް ވިދާޅުވީ
ތާރީޚް:17/06/2009
މުސްލިމުންނަކީ އިންޓޮލަރަންޓް، އަން-އެކޮމޮޑޭޓިން، އެތްނޯސެންޓްރިކް، އަދި ނެރޯ މައިންޑެޑް ބައެކޭ ބުނާ ބުނުމުގައި ފަހަތުގައި އެބަހުރި ހެކިތަކެއް.
އެންމެ ފުރަތަމަ ހެއްކަކީ މިދެންނެވި ރިޕޯޓް. އެމްނެސްޓީ އިންޓަނޭޝަލްގެ ރިޕޯޓް. އޭގައި އޮންނާނެ ސަޢޫދީ ޢަރަބިޔާ މީހުން ޓޮލަރޭޓެއް ނުކުރެއޭ ފިލިޕީންސް، ބަންގލަދޭޝް، އިންޑިޔާ، އަދި އެފްރިކާގެ ގައުމުތަކުން އެގައުމަށް މަސައްކަތް ކުރުމަށް ގެންނަ މީހުންގެ ކަންތައްތަކެއް. އެމީހުން ކާ އެއްޗެއް ކަމަކު ނުދޭ. ލާ ހެދުމެއް ކަމަކު ނުދޭ. އަޅުކަން ކުރާ ގޮތެއް ކަމަކު ނުދޭ. ދެން ހަމަ ޗާބޫކުން ތަޅާ އަނިޔާ ކުރާނެ އެމީހުންނަށް ގައިން ލޭ އަންނަ ވަރަށް ކިރިޔާ ކަމެއް ވާއިރަށް. އަޅުގަނޑުގެ އެކުވެރިއަކު ހައްޖަށް ގޮސް އައިސް ބުނީ ދުށީމޭ، ސަޢޫދީ މީހަކު އެފްރިކާ ބަބުރެއްގެ ގައިގައި ޙަރަމްފުޅާ ވަރަށް ކައިރި ހިސާބެއްގައި ޗާބޫކުން ތަޅާ މަންޒަރު. މިއީ އެއް ގައުމު.
ދެން ބައްލަވާ މެލޭޝިޔާ. މެލޭ މީހުން ވަރަށް ޓޮލަރަންސް ދަށް ވާނެ އެގައުމުގެ ޗައިނީޒް މީހުންނާ ދޭތެރޭ. ދެބައިމީހުންނަކީ ޤައުމުގެ ރައްޔިތުން. އެކަމަކު މުސްލިމު ދަރިކޮޅެއް ކަމުގައި މިވާ މެލޭ މީހުންނަށް އޮވޭ ޚާއްޞަ އިނާޔަތްތައް ސަރުކާރުން. ވަރަށް ބޮޑެތި ތަފާތު ކުރުންތައް ސަރުކާރުގެ ތެރޭގައި ޤާނޫނުގެ ގޮތުގައި އެކަށަ އެޅިފައި ހުރޭ އެޤައުމުގައި. އެގޮތުން އެމީހުންނަށް ޚާއްޞަ އިނާޔަތުން އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ. ބިން މިލްކު ކުރެވޭނެ. ޕަބްލިކް ޔުނިވަރސިޓީތަކުގައި ކޯޓާއެއް އޮންނާނެ. އެ ވަރިހަމަ އެކޯޓާ ހަމަވާ ވަރަށް ފެންވަރު ހުރި މެލޭ ދަރިކޮޅުގެ ދަރިވަރުން ނުލިބުނަސް. އެމީހުންނަށް ޖާގަ ލިބޭނެ. ޗައިނީޒް ކިތަންމެ މޮޅު ކުއްޖަކު ހުއްޓަސް ޖާގަ ލިބޭނީ މެލޭ މީހުންނަށް އޮންނަ ކޯޓާ ފުރުނީމާ. އެކަމަކު މިއީ އެއްޤައުމެއްގެ ރައްޔިތުންނޭ. ދެން މުސްލިމް މެލޭ މީހުން ވެރިކަމުގައި ތިބީތީ ކުރާ ކަންތައްތައް މިއީ.
ދެން ބައްލަވާ ލުބްނާން. އެއީ ވެސް ޢަރަބި ކްރިސްޓިއަނުން ފުދޭ ވަރަކަށް އުޅޭ ޤައުމެއް. އެޤައުމުގައި ތަފާތު ކުރާ މިންވަރަކީ، ޤާނޫނެއްގައި އޮވޭ، އެޤައުމުގެ ރައީސް ކަމަށް ވާދަ ކުރެވޭނީ މުސްލިމުންނަށޭ. ކްރިސްޓިއަނުންނަށް ވަޒީރުކަމުގައި ތިބެވިދާނެ. އެކަމަކު ރައީސްކަމާ ހޯހޯ. އިސްލާމީ ކޮން ޤައުމެއްގައިތޯ އޮންނަނީ އެގައުމެއްގެ ޣައިރު މުސްލިމު ރައްޔިތުންނަށް، އެގައުމުގެ މުސްލިމުންނާ އެއްވަރަށް ޙައްޤުތައް ދެވިފައި. އެހެންތޯ އިނގިރޭސިވިލާތް. އެޤައުމުގައި ޤާނޫނުގެ ކުރިމަތީގައި މުސްލިމަކަސް އެނޫން މީހަކަސް ހަމަ ހަމަ ވާނެ. އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި ތިބި މުސްލިމަކަށް ދުވަހަކު ވެސް އިޒްރޭލް ސަރުކާރުން ކަމެއް ކުރެއްވި އަޑު އެއްސެވިންތޯ ތިޔައިން އެއްވެސް ބޭފުޅަކު؟ ނާއްސަވާނެ. އެއީ އެމީހުން އެގޮތަށް ތަފާތު ނުކުރާތީ.
އަދި ވެސް އެއް ހެކި. ނިކަން ބައްލަވާ ޠާލިބާނުން. އެމީހުން ޒިނޭ ކުރިއޭ ކިޔާފައި ގޮސް އެބަ އަންހެނުން މަރާލައޭ. އެތަން ބަލަން ރަށު އެންމެން ނުކުމެ އެބަ އުފާ ފާޅުކުރޭ. ހެޔޮވާނެތޯ. މިހިރީ ހުސްވެސް މުސްލިމުންގެ އިންޓޮލަރެންޓްކަމާ، އެތްނޯ ސެންޓްރިކް ކަން ހުރި މިންވަރު. ރޭސިސްޓްކަން ހުރި މިންވަރު. އެކަމަކު ހަމަ މިއާ އެކު އަޅުގަނޑު ދަންނަވާލަން ބޭނުން މިއީ އިސްލާމްދީނަށް އެއްޗެއް ބުނަނީއެއް ނޫނޭ. މުސްލިމުން އުޅެފާނެތާ ދެއްތޯ އިސްލާމްދީނުގައި އަންގަވާފައި ނުވާ ގޮތަކަށް ވެސް.
އެހެންވީމާ އަޅުގަނޑު ކޮންމެހެން އިސްލާމްދީނަށް ކުޑައިމީސް ބަހެއް ބުނަނީކީ ނޫން، ނޫނީ މީތި ޖެނެރަލައިޒް ކުރަނީކީ ވެސް ނޫން. ހަމަ އަޅުގަނޑުގެ އޮބްޒަވޭޝަން މިއީ. އަޅުގަނޑު ދެކެފައިވާ މަންޒަރު، ކިޔާފައިވާ ފޮތްތަކުގައި ހުރި ވާހަކަތައް. އަޅުގަނޑަށް ފެންނަ ތާނގައި ކަން ހިނގާ ގޮތް. އެހެންވީމާ، މިވަގުތަށް މިވަރު ހެކިކޮޅަކުން އެންމެ ބޭފުޅުންނަށް އަޅުގަނޑު ދެންނެވި ވާހަކަތައް ޤަބޫލުފުޅު ކުރެއްވުމަށް ފުދިވަޑައިގަންނަވާނެކަމަށް އުންމީދުކުރަން.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:17/06/2009
ޙާޝިމްގެ ތިޔަ ކޮމެންޓާއިއެކު އަޅުގަނޑު ވަޢުދުވި ލިޔުން، ނުލިޔަން ނިންމައިފިން. ހަމަ ލިޔަން އުޅުނު ސައިޒުގެ ލިޔުމެއް ތިޔޮތީ ކޮމެންޓެއްގެ ސިފައިގައި ލިޔެފައި. ބީރުބެ، ޤަމާރު އަދި ދަލޭކަދައިތަ ފާޅުކުރި ޝައުޤުވެރިކަމަށް ޝުކުރިއްޔާ!
ވަރުބަލިވެފައިވާ މީހަ ވިދާޅުވީ
ތާރީޚް:17/06/2009
ހާޝިމްގެ ތި ވާހަކަތަކަކީ ހަމަ ތީގެ މަފުހޫމު ރަނގަޅޫ ވާހަކަރތަކެއް މި ލިޔުމުގައި ވެސް މި އތޯ އެވާހަކަ ދެއްތޯ، “މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ކަމުގައި ވީ ނަމަވެސް މިއަދު މި ފެންނަނީ މުސްލިމުން އެބައިމީހުންގެ ދީނުގެ އަސްލު އުސޫލުތަކާ ދުރަށް ޖެހިފައިވާލެއް ބޮޑުކަމެވެ. އަދި ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ޙަޤީޤީ އާރާއި ބާރު އޭގެ ފުރިހަމަ ހައިބަތުން މަހުރޫމުވެފައި ވާ ތަނެވެ.” ދެން އަނެއްކޮޅުން ސުޢޫދީ އަދި ޢަރަބި ވަރަށް ގިނަ ޢިލްމުވެރިން ނިކަން ބާރަށް އިސްލާހުކުރަން ވެސް ގޮވާ މައްސަލައެއް މައްސަލައަކީ، ދެން ބައެއް ކުދިން މުސްލިމުންނޭ ކިޔާފައި ހާޝިމަށް ކޮމެންޓުކޮށްލެވޭ ރާގުން ކަންނޭނގެ ކުޑަކޮށް ޚިޔާލު ފުށުއަރާ ގޮތް މިވަނީ އަސްލު އެންމެން ވެސް ދައްކާތީ މި ފެންނަނީ ހަމަ އެއް ވާހަކައެއް، ތަފާތުވަނީ ރާގު، ދެން ޔޫރަޕުގެ ގައުމުތަކުގައި ވެސް ވަކި ހާޝިމް ތިޔަބުނާހާ ހަމަ ހަމައެއް ނޫން، އެކަމަކު، ފުރާންސުގައި ވެސް ބުރުގާ މަނާކުރި ކަންތައް ވެސް އެއީ ހަމަ ސީދާ މުސްލިމުންގެ ޙައްޤެއް ނިގުޅައިގަންނަން ކުރި ކަމެއް، މި ކަހަލަ ކިތަންމެ ކަމެއް އެބަހުރި، ކިޔަންވެފަ، ކުޑަ ދިރާސާއެއް ނުހަދައެއް ގަބޫލުކުރެވޭ ވަރަކަށް ނުކިޔޭނެ އެކަމު، ދެން އެހެން ބޭފުޅަކު މި ކަމަށް އަލި އަޅުވާލާތި، މަ އެކަމު ވަރަށް ލޯބިވާ ބައެއް އުސޫލުތައް އެބަހުރި ޔޫރަޕު ދޮން މީހުން ގެންގުޅޭ، އެކަމަކު ވަސް އަހަރެމެން ދިވެހިން އެމީހުން ތަޤްދީސްކުރާ ވަރެއް ނޫން، ކަމުދާ އެއްޗެއް ހަމަ ނަގަންވީ، އެކަމު ދަގުއި ބައި ބާއްވާ
DOg ވިދާޅުވީ
ތާރީޚް:18/06/2009
ހާޝިމްގެ ކޮމެންޓް ވަރަށް ފުރިހަމަ އަޅުގަނޑު އިތުގެ އަޑިން ތިއީ ތިކަން ވަމުންދާގޮތްކަން ގަބޫލުކުރަން، ދެ ތިކަމާއި ބެހޭ ގޮތުން އަޅުގަނޑުވެސް އެއްޗެއް ބުނެލާނަށް ބިދޭސީން ގެންގުޅޭ ހުރިހާ މީހުން އެކަންކުރަނީ އެގޮތަކަށް ނޫނޭ އެކަމަކު ގިނަ ބަޔަކު އެގޮތަށް އެކަންކުރާތީ ބުރަވެވޭނީ އެގޮތަށްކަމުގައި ދެކެން، ދެން ތިބުނާ އިސްލާމް ގައުމުތަކުގައި ތިކަންތައް ހުރީ ތިގޮތަށް ކަމަށްވާތީކަމުގައިވެސް ގަބޫލުކުރެވޭ އަޅުގަނޑާއި އެކު އުޅުނު ފަލަސްތީން މީހެއް އޭނާ އަޅުގަނޑަށް މަލާމާތްކުރި މުސްލިމެކޭ އަޅުގަނޑު ބުނެފައި އަރަބި ބަހުން ކިޔާތަކެތި ނޭނގޭތީ، އޭނާ ދެކޭ ގޮތުގައި އަޅުގަނޑު ފުރިހަމަ މުސްލިމަކަށް ނުވާނޯ އަދި އެކަމަކު ކޮންމެ ދިވެއްސަކަށް އަރަބޮ ބަސްދަސްކުރެވެން އެބައޮތްބާ، ބަހޭ މިބުނަނީ މާނަޔާއިއެކު، އޭނާ އަށް އެތަނުގައި ހުންނަ ކާއެއްޗެތި ކަމަކު ނުދޭ މުޅިންވެސް ފުރުޓާއި އެއްގަމު މަސްކައިގެން އުޅެނީ، ދެން އޭނާގެ ގައުމުގައި އަޅުގަނޑު އުޅުނުނަމަ ކިހިނެތްވީސްބާ އޭ ހިތަށް އަރާ، އެކަމަކު އެއާ ހިލާފަށް ޔޫރަޕް ގިނަ މީހުންގެ ހުންނަނީ ބަލައިގަންނަން ފައްސޭހަ ރީތި މިޒާޖެއް އެމީހުންގެ އާދަކާދަ ބަލައިގަންނަ ހިތަށް ފައްސޭހަ އެއްޗެއްދީފި ނަމަ ސުކުރު އަދާކުރާނެ ކުށެއް ކުރެވިއްޖެނަމަ މާފަށް އެދޭނެ މިފަދަ ކުދިކުދި އާދަތަކަކީ މީހުން ވިސްނައިފިނަމަ އެމީހެއް އެހެން މީހުން ބަލައިގަތުން ފައްސޭހަ ވެގެންދާނެކަންކަން، އަޅުގަނޑުމެން ނަބީބޭކަލުން ވާހަކަދައްކާ އބޭކަލުން ރަސޫލުކަމާއިގެން މިބިމުގައި އުޅުނު ބިންތަކުގެ އަހުލުވެރިން އެބޭކަލުންގެ ރިވެތި ސިފަތައް ދަމަހައްޓަން މަސައްކަތް ނުކުރަންޏާ އިސްލާމުން ވާނީ ނިކަމެތި، ނަބީބޭކަލުންގެ ރިވެތި ސިފަތައް ގައިރުދީން ތަކުގެ މީހުން ކިބައިން ފެންނަލެއް އިތުރުވާތީ އެމީހުން ކުރިއަރަމުން އެދަނީ، ދެން އަޅުގަނޑުމެން ބޭރު މީހުން ބަލައިނުނެ ކިހިނެއްބާ ކައިބޮއިހަދާނީ އެމީހުން ފަރާތުން ލިބޭ ފައިސާއިން މިހާރުވެސް މިއުޅެވެނީ މިހެން ބުނުން ދޮގަކަށް ނުވާނެކަން ނޭނގޭ، ދިވެހިންނަކީ ރަޙްމަތްތެރި ބަޔަކަށްވެ އިސްލާމްދީން ކުރިއެރުވުމަށް ގައިރު މުސްލިމުންނާއިވެސް ގުޅިގެން ކުރިއަށް ދިއުމަށް ގޮވާލަން.
ޤަމާރު ވިދާޅުވީ
ތާރީޚް:18/06/2009
އޯކޭ! ހާޝިމު ދެއްކި ހެއްކާ އެއްބަސް! އެއީ ވެސް ހަމަ އެކަނި މުސްލިމުންގެ އަމަލު ތަކެކޭވެސް ނުބުނެވޭނެ! އެކަމަކު މުސްލިމުންގެ ތެރެއިން ވެސް ބަޔަކު އެހެން ނަހަދަޔެކޭ ނޫން!ހަމަ ތިފަދަ ކަންތައް މުސްލިމު ނޫން މީހުންގެ ކިބައިންވެސް ފެންނަ ވަރު މަދެއް ނޫން ދެއްތޯ!ހަމަ ތިކަން ތިހެން އޮއްވާ މުސްލިމުންގެ މާތް އަޚްލާގާއި ސުލޫކު ފެނިފަ އިސްލާމް ވާ މީހުން ވެސް އެއުޅެނީ!ދެން މާ ގިނަ ވާހަކަ ދައްކައިގެން މިކަން ހޫނު ކުރާކަށް ވެސް ނެތީމު!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:18/06/2009
ހާޝިމަށް!
މައުލޫމާތަށްޓަކައި ދަންނަވާލަން، މެލޭޝިއާ ލުބުނާނު ފަދަ ތަންތަނުގައި، މުސްލިމުންނަށް އިއްޒަތް ދޭ ވާހަކަތާ ތިބުނަނީ. އެއީ އެމީހުންގެ ދީނާ ގުޅުން ހުރި ކަމެއް. ވަކި ރޭހަކާއި ބެހޭ ކަމެއް ނޫން. އެހެން އެތްނިކް ގްރޫޕަކަށް ނިސްބަތްވާ މީހުނަށް މަތީ މަޤާމް ނުދިނުމަކީ ހަމަ އެކަނި މުސްލިމުން ކުރާ ކަމެއް ނޫން. އެހެން ޤައުމުތަކުގައިވެސް އޮވޭ. ކުޅުދުއްފުށި މީހުންވެސް ހދ އަށް ހޮވަން އަޑުން އަޑު ނެގީ ރަށު މީހެއް ލާންށޭނުން ދޯ. ބަންގްލަދޭޝްމީހުން ރާއްޖޭގައި އާލާވިޔަސް، އެމީހުނަށް ވެރިކަން ދޭން ދިވެހިން ދެކޮޅުން ހަދާނެ.
ދީނީ ތަފާތު ކުރުންތަށް މުސްލިމުން އޮވޭ. މިއީ ހަޤީޤަތެއް. ނަމަވެސް ރޭސިޒަމް ވަރަށް ނެތް. ދޭތި އޮޅުނީ ކަމަށް ވާނީ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:18/06/2009
އާނ. މިހާރު ރޭކައިލައިފި މިވާ ގޮތް. އެއްބަޔަކު މިދައްކަނީ ދީނީ ތަފާތު ކުރުންތަކުގެ ވާހަކަ، އަނެއް ބަޔަކު މިދައްކަނީ ނަސްލީ ތަފާތު ކުރުމުގެ ވާހަކަ. އެހެންނަމަވެސް ދެބައި މީހުންވެސް ކިޔަނީ، އެތްނޯސެންޓަރެއްގެ ވާހަކަ. މުޅިން ދެމަޢުލޫ އެއްސުރުހީއަކަށް ލައިގެން ތިޔަ އުޅެވުނީ. މިސޮރުމެން ނުވާނެ ދުވަހަކުވެސް ރަނގަޅެއް.
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:18/06/2009
ތަންކޮޅެއް ލަހުން ކަންނޭނގެ މި ތަނަށް މިވަދެވެލެވުނީ. އެކަމަކު އަހަރެން ބުނަން އޮތީ ދިވެހިންނަކީ ވަގުންނޭ ނޫނީ ގަމާރުންނޭ ކިޔަސް ހެކި ގެންނަން ޖެހޭނެއޭ. ހެކި ގެންނާށޭ ބުނީމަ ކޮންމެހެން މާލޭގައި މި އަހަރު ތެރޭގައި ހިނގާފައި ހުރި ވައްކަމުގެ މައްސަލަތައް ލިސްޓްކޮށްލިޔަކަސް އެ ނުވާނެ ހެއްކަކަށް. ތިޔަ ބުނަނީ ވަރަށް ޖެނެރެލައިޒްކޮށްފައި. އެހެންވީމާ އެހާރާއި މިހާރުގެ ދިވެހިންނާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޙުއްޖަތަކަށް ފުދޭ ވަރުގެ ދަލީލު ގެނެވެން ޖެހޭނެ. ޙުއްޖަތަކަށް ނުވާނެ ރާއްޖޭގެ ކޮންމެވެސް ރަށަކު މިވެނި މީހަކު ވައްކަން ކުރިއެކޭ ބުންޏަކަސް. އަދި އެކަހަލަ ދެތިން ކަމެއް ފެނިގެން ދިވެހިންނާއި މެދު ތިހާ ނުބައި ގޮތަކަށް ނިންމުމަކީ ބޭއިންސާފަކަށް ނޫނީ ނުވާނެ. ހަމަ އެގޮތަށް މުސްލިމުންނޭ ބުނީމާ އެ ނަން އެބަ ނިސްބަތްވޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދީނަށް ގޮވާލެއްވި ދުވަހުން ފެށިގެން މިއަދު އިސްލާމްވާ މީހާވެސް. އެހެންވީމާ މިއަދު، ދީނާމެދު ޣާފިލުވެގެންވާ ހާލު ބަޔަކު ކުރާ ކަމެއް މުސްލިމުންގެ ބޮލުގައި އެޅުވުމަކީ ތިމާގެ ނެރޯމައިންޑެޑްކަން ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމެއް. ނަމެއްގައި މުސްލިމު ބައެއްޤައުމުތަކުގެ މީހުން ވަކި ކަމެއް ކުރިޔަކަސް އެކަން ޖެނެރަލައިޒްއެއް ނުކުރެވޭނެ މުސްލިމުންނަކަށް. އެމީހުން އެކަމެއް ކުރީ އިސްލާމުންނަށް ވީތީ އެއް ނޫން. އެއީ ހަމަ އެ ޤައުމުގެ އެހެން މީހުންގެ އާދަކަމުގައިވެސް ވުން އެކަށީގެންވޭ. މުސްލިމުންގެ ބޮލުގައި ތިޔަ ފަދަ އިލްޒާމެއް އެޅުވޭނީ އިސްލާމް ދީން ތިޔަ ފަދަ ކަމަކަށް ގޮވާލާކަމަށް ވާނަމަ އެކަނި. އެހެން ނޫން ނަމަ ބުނަން ޖެހޭނީ މިވެނި ގައުމެއްގެ ބަޔަކު މިހެން ކަންތައް ކުރެއޭ. ހިޓްލަރު މަރާލިއޭ އެތަން މިލިއަން ޔަހޫދީންނެއް. އެކަމަކު އެއްވެސް މީހަކު ނުބުނެއޭ އޭނައަކީ ކްރިސްޓިއަނަކަށް ވީތިވެ ކްރިސްޓިއަން ދީނަކީ އިންޓޮލަރަންޓް ދީނެކޭ. ދެވަނަ ބޮޑު ހަނގުރާމަ ފަދަ ހަނގުރާމަތައްވެސް ކުރެވިފައިވަނީ ހަމަ ކޮންމެވެސް ހަމަ ތިޔަ ފަދަ ކަންކަމުގައޭ. އެކަމަކު އެއްވެސް މީހަކު އެއީ ކޮން ދީނެއްގެ ބައެއްތޯ ބަލާފައި އެ ދީނަކީ މިވެނި ކަހަލަ އެއްޗެކޭ ބުނެ ދަލީލަކަށް އެކަމެއް ނުގެނޭ. ރޭސިސްޓުންނަކީ ވަކި މުސްލިމުންގެ ތެރޭގައި ހިމެނޭ ބައެއް ނޫން. ބަލައި ދިރާސާކޮށްފިނަމަ ހުރިހާ ދީނެއްގެ މީހުންގެ ތެރެއިން ތިޔަ ފަދަ އެތައް ބަޔަކު ފެންނާނެ. އެހެނެކޭ ކިޔާފައި އެއްވެސް މީހަކު އެ ދީނަކަށް ނިސްބަތްކޮށް އެހެނެއް ނުބުނޭ. އަދި އެއީ އިންސާފުން އެއްކިބާވުންކަމުގައި މެނުވީ ނުވާނެ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:18/06/2009
ފޮކްސް ނިއުސްގެ ޕޮލިޓިކަލް ކޮމެންޓޭޓަރު، ބިލް އޯ ރެއިލީ، ކުރިން ދުވަހު ކޯފާ އިސްވެގެން އުޅުނީ، އޮބާމާ ސައޫދީގެ ކިންގާ ދިމާލަށް ސަލާން ކުރަމުން ގުދުވީމާ، ވިސްނާލާ. މިއީ ރޭސިސްޓުންނަކީ، ނަމަވެސް އޭނާ އެހެން ބުނުމުން ޖެނެރަލައިޒް ކޮށްލާފައި، އެމެރިކާގެ މީހުނަކީ ރޭސިސްޓުންނެކޭ ނުބުނެވޭނެ. ނަމަވެސް ބުނެވިދާނެ ގޮތެއް އެބަ އޮތް. ހާޝިމްގެ ރައްޓެއްސަކަށް ސައޫދީ މީހަކު ބަބުރެއް ގައިގަ ތަޅަނިކޮށް ފެނިގެން އެކަން ޖެނެރެލައިޒް ކޮށްލާފައި، “ގިނަ” މުސްލިމުންނަކީ ރޭސިސްޓުންނަށް ހެދި އުސޫލުގެ ދަށުން.
ހާޝިމް ދެން ގެންނަވާފައި ހުރި ދަލީލަކީ މުސްލިމުން ދީނީ ތަފާތު ކުރުންތަށް ގެންގުޅޭ ވާހަކައަށް ދަލީލް ކޮށްދޭ ވާހަކަތަށް. ފަހަރެއްގައިވެސް ރޭސިޒަމް އާއި ބެހޭ ކަމެއް ނޫން. އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑު މިކީ އެއްޗެހި ގަބޫލު ނުކުރިއަސް މިބުނި އެއްޗެއް، ހާޝިމާއި، ޑޯގް، އަދި މިނޫންވެސް ރީތި ގޮތުގައި ކޮމެންޓް ކުރައްވާ ބޭފުޅުންނަށް ފަހުމްވާނެކަމަށް.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:18/06/2009
އެބުނާހެން އަފްޣާނިސްތާނުގައި ރަޖަމް ކުރާ ވަހަކާއި، މިހެން ގޮސް މިހުރި ވާހަކަ ތަކަކީ މިހާރު ފަޅައިގެން މިއުޅޭ ކުރި ކަމަށްވާ، ރޭސިސްޓް އެތްނޯސެންޓްރިކާއި ބެހޭ ކަމެއް ނޫން.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:18/06/2009
މަގޭ ނަމުގަ އެއް ކޮމެންޓުކޮށްފި އަޅއެއް ނުލަން، މިހާރު މި އޮތީ ދެވަނަ ކޮމެންޓުކޮށްފަ، އެޑްމިން އިން މި ކަން ބައްލަވައި ދެއްވާނެ ކަމަށް ހީކުރަން، މަ މި އިންނަނީ ތިޔަ ތަން އިތުރަށް ހޫނު ނުކުރަންވެގެންނޭ މަޑުން
ހަމް ވިދާޅުވީ
ތާރީޚް:18/06/2009
ހާޝިމް ޖެނެރަލައިޒް ނުކުރައްވަމޭ ވިދާޅުވެފައިވެސް އެޔޮތީ ޖެނެރަލައިޒްކުރައްވާފައި. ދަންނަވަންތޯ އިސްލާމީ ދުނިޔެ ޖިއޮގްރަފީގޮތުން އޮތީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތައް ބޮޑަށް އޮންނަ ސަރަހައްދުގައި. އެހެންވީމާ ހޭލުންތެރިކަމުގެ ސަބަބުން ވިޔަސް ގާނޫނުތަކުގެ ސަބަބުން ވިޔަސް، މި ސަރަހައްދުގެ ގައުމުތަކުގައި ހިނގާފާޑު ކަންތައްތަކެއް ހިނގާނެ އިސްލާމީ ގައުމުތަކުގައި ވެސް. ސައޫދީ އަރަބިއްޔާގައި މުއްސަނދިން އެމީހުންގެ ޚާދިމުންނަކީ އަޅުންކަމުގައި ދެކޭ ބީދައިން އިންޑިޔާގައި ވެސް އެކަހަލަ ކަންތައް އޮވޭ. މުސްލިމުން ނޫނަސް. ތައިލެންޑްގައި ވެސް މުއްސަނދިން ހަމަ ވަރަށް އަނިޔާވެރިކޮށް ޚާދިމުންނާ މެދު ކަންތައްކުރޭ. އެކަމަކު ސައޫދީއަކީ މުއްސަނދިކަމާ ހުރެ ބޭރުބަޔަކު ގިނައިން ދާތަނެއް. ހާޝިމްއަށް ލުބްނާނުގެ ކަންތައް ތިޔޮތީ އޮޅިފައި. އެތާގައި ގާނޫނުގައި އޮންނަނީ ގައުމުގެ ރައީސްކަމަށް ކްރިސްޓިޔަނެއް އަންނަގޮތަށް. ބޮޑުވަޒީރަކަށް ސުންނީ މުސްލިމެއް، އަދި ބަރުލަމާނުގެ ވެރިއަކަށް ޝީޢީ މުސްލިމެއް ހަމަޖައްސާގޮތަށް. އެހެންކަމުން ލުބްނާންގެ މިހާރުގެ ރައީސްއަކީ ވެސް ކުރީގެ ރައީސްއަކީ ވެސް ހަމަ ކްރިސްޓިޔަނުން. އެކަމާ އިދިކޮޅެއް ނަހަދާނެ އެގައުމުގެ މުސްލިމެއް ވެސް އެހެން ދީނެއްގެ މީހެއް ވެސް. ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކަށް ތަޖްރިބާކުރެއްވުނު ކަމެއްގެ ވާހަކައިން ޖެނެރަލައިޒްކުރައްވަނީ.
ހުޅަނގުގެ ގައުމުތަކަކީ ހުރިހާ ނަސްލެއްގެ މީހުން އާބާދުވެގެން އުޅޭ ވަރަށް ތަހްޒީބު ތަޢުލީމީ މުޖްތަމަޢުތަކެއް. އެތަންތާ އޮވޭ ހުރިހާ ކަމަކަށް ގާނޫނުތަކެއް ވެސް ހެދިފައި. އަދި އެތަންތާގެ ނިކަމެތި މީހާއަށް ވެސް އޭނާގެ ހައްގުތައް ހޯދަން ވެސް އެނގޭ. އެހެންނަމަވެސް، އެތަންތާ ވެސް ނަސްލީ ތަފާތުކުރުމުގެ ރިޕޯޓުތައް ހޯދަން އުޅެފި މީހަކަށް ހެސްކިޔާފައި ލިބިދާނެ. ވަޒީފާ ދިނުމުގައި ވެސް، ސްކޫލުތަކަށް ދާޚިލާދިނުމުގައި ވެސް. އަދި ކޮބައިތޯ އަންހެނުންނަށް ވެސް ވަރަށް ބޮޑެތި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ. ދެން އަޅުގަނޑުގެ އަމިއްލަ ތަޖްރިބާއަށް ބަލާލާއިރު، އަޅުގަނޑަކީ ހަންގަނޑު ކަޅު ދިވެއްސެއް. އަޅުގަނޑު އުޅުނީ ބައިބޯ ޢަރަބި ގައުމެއްގައި. އެކަމަކު އެތަނުގައި އަޅުގަނޑު އުޅުނީ އެތާގެ ރައްޔިތެއްހެން. އެމީހުން (ގޭދޮށު ފިހާރަތަކުގައި އުޅޭ ސޭޓުންނަށް ދާނދެން) އަޅުގަނޑު ފުރާވާހަކަ ބުނުމުން ފެންކަޅިވެ ދެފަރާތަށް ދޮންދީ ވަރަށް ސަލާންގަލާންކޮށް ހެދި. ކުޑަކުދިން އަޅުގަނޑާ މުޚާޠަބުކުރަނީ އަބަދު ވެސް “ޢައްމޫ” ކިޔައިގެން. މާނައަކީ އަންކަލް. އެހެންނަމަވެސް ދިވެހިން އެހެންތޯ؟ އެއީ ވެސް މުސްލިމުން މިއީ ވެސް މުސްލިމުން. މިތަނުން ވެސް ރަނގަޅުކަންތަކާ ގޯސްކަންތައް ދުށިން. އެހެންނަމަވެސް އަޅުގަނޑެއް އެތާކުން ދުވަހަކު ވެސް ނަސްލީ ތަފާތުކުރުމެއް ނުދެކެން. ދެން އަޅުގަނޑު ދިޔައިން ޔޫރަޕުގެ އެންމެ މަޝްހުރު ވެރިރަށަށް. އެތަނުން ވެސް މައިގަނޑުގޮތެއްގައި ދިމާވީ ވަރަށް ރަނގަޅު މީހުން.
އަޅުގަނޑު ރާއްޖެ އަންނަ އިރު، ގިނައިން ދަތުރުކުރީ އެތައް އެވޯޑެއް ލިބިފައިހުރި ބޮޑު އެއާލައިނަކުން. އެއާޕޯޓުތަކުން އަޅުގަނޑުމެންނާ މުޢާމަލާތުކުރަން ތިބޭ މުއައްޒަފުންނަށް ބަލާލާއިރު، ހައިރާންވާކަމަކީ، އަޅުގަނޑުމެންނާ ދާދި އެއްކުލައިގެ ހަމެއް ހުންނަ އިންޑިޔާ މުވައްޒަފުން އަޅުގަނޑުމެންނާމެދު އަދަބު ކުޑަކޮށްލާ ކަހަލަ ގޮތެއް ބަހައްޓާކަން. އެމީހުން އެކަމަކު ޔޫރަޕުގެ ދޮން މީހުންނަށް ވަރަށް އިޙްތިރާމްކުރޭ.
ދިވެހިންގެ ވެސް ހުންނަނީ މިކަހަލަ ސިފަގަނޑެއް. ބަންގާޅީ މަސައްކަތު މީހުން ދަށްކޮށްލިޔަސް އަދި ކޮބާތޯ ޚުދް ދިވެހިން ދަށްކޮށްލާއިރު ވެސް، ޔޫރަޕުގެ ދޮން މީހުންނާ މާ ބޮޑު އިޙްތިރާމެއް އަޅުގަނޑުމެން ކުރަމު. މިއީ ދެން ހަމަ ޖެނެރަލައިޒްކޮށްފައި މި ބުނި އެތި މި ބުނީ. ބަޔަކު ދެބަސްވިޔަސް ފަރުވާލެއް ނެތް.
އަޅުގަނޑު ހިތަށް އަރާ ލެޓިން އޮރިޖިންއަކުން އުފަންވެފައިވާ އިނގިރޭސި ލަފްޒު “ބަރބަރިކް” މިއީ ކިހިނެއް އުފަންވީ ބަހެއްބާއޭ؟ ގްރީކް މީހުންނަށްވުރެން ނުވަތަ ގްރީކް ބަހުން ވާހަކަދައްކާ މީހުންނަށްވުރެ، ޚާއްޞަކޮށް އިރުމަތީ ސަގާފަތްތަކުގެ އަހުލުވެރީންނަކީ ގްރީކް މީހުންނަށް ވުރެ ވަލުޖަނަވާރުބައެއްކަމުގައި އެމީހުން ދެކެނީބާއޭ؟ “އިޔަހޫދި” އަކީ ދިވެހި ބަހަކަށް ވާއިރު، ޔަހޫދީންނާ މެދު ޔޫރަޕާއި އެމެރިކާގައި އޮންނަ ތަފާތުކުރުންތައް އަދި ވެސް އެހާ ބޮޑު. އެމީހުންނާ މެދު އެތަންތާގެ ލޯކަލް މީހުން ކިޔަމުން އަންނަ މަލާމާތުގެ ޖޯކުތައް ވެސް ކޮޅުން ނުލާހާ ގިނަ. ރަސްމީ ސިފައެއްގައި އެންމެން ހަމަހަމަ އެކަމަކު. މިއީ ދުނިޔޭގައި ކަންތައްވާ ގޮތަކީ. ދާދި މިދާކަށް ދުވަހު އެމެރިކާގެ އެތައް ޒަމާނެއްވީ މަގްބޫލު ރޭޑިޔޯ ހުށަހެޅުންތެރިއަކު، ކަޅު ނަސްލުގެ އަންހެން ބާސްކެޓް ޓީމަކާ ވިއްދާ ބުނި އެއްޗަކުން އެމީހުން އެކަންތައް ވަރަށް ބޮޑުކޮށްލި، އޭނާއަށް ވަޒީފާ ދޫކޮށްލަން މަޖްބޫރުވާ ދަރަޖައަށް ދިޔަ. ދެން ތީން ބޭފުޅަކު ވިދާޅުވެދާނެ އެކަމަކު އެމެރިކާގައި އެކަހަލަ ކަމެއް ކުރުމުން އޭނާއަށް މުޖްތަމައު އަދަބު ދިނޭނޫންހޭ. އަޅުގަނޑު ދަންނަވާނީ އެވަރަށް އަދަބުދޭއިރު ވެސް “އެމެރިކާމީހުން” ގައިން ރޭސިޒަމް ނުފިލާކަމޭ މިއިން ދޭހަވަނީ. އަދި އެކަހަލަ އިޖްތިމާޢި ޕްރެޝަރެއް އަންނާނީ ވެސް ވަކި ބަޔަކާ އިދިކޮޅަށް ބުނެވޭ އެއްޗަކުން. މިކަހަލަ ކިތައްމެ މިސާލެއް ދައްކައިގެން މި “އާރޓިކަލް” ދިގުކޮށްފާނަން އަޅުގަނޑު. ތިމާއަށް ބޭރު ގައުމަކަށް ދެވިގެން. ނުވަތަ ތިމާ ވަކި ރޭޑިޔޯ ޗެނަލެއް އަޑުއަހާލުމަށް ފަހު މުޅި ދުނިޔެ އެނގިޖެކަމަށް ހީވެ، އެކޮޅު މިކޮޅު ނުބައްލަވައި ތިގޮތަށް ވާހަކަދެއްކުމަކީ އެހާ އެދެވޭކަމެއް ނޫން.
ޤަމާރު ވިދާޅުވީ
ތާރީޚް:18/06/2009
ކެޔޮވަލޭ އާ ހަމް ގެ ވާހަކައިން އެކަނި ވެސް ހާޝިމުގެ ރައްދަކަށް ފުދި އިތުރު ވެސް ވެއްޖެ! އަދި އޭގެ އިތުރުން ކޮބާތޯ އެ އަބޫ ގުރައިބުގެ ޖަލުގެ ވާހަކަ ކޮބާތޯ ގުއަންޓަނާބޭ ގެ ޖަލުގެ ވާހަކަ ! ކުށެއްނެތި ކިތައްމީހުނައްބާ ތިބުނާ މާތް ދޮން މީހުން އެ އަނިޔާ ދެނީ! ކިތައް މުސްލިމުން ބާ ނުހައްގުން ނުކުޅެދޭ މީހުނައް ވީ!އެއީތޯ ޔޫރަޕުގެ ތިބުނާ ރީތި މާތް އާދަ!ކިތައް އަންހެނުންބާ އެތާ މަރުވެ ދިޔައީ ކިތައް ކުދަކުދިންބާ!އެއީ އެއް ނޫންބާ ޓެރަރިސްޓު އަމަލު ތަކަކީ! މިނިވަން ސިކުނޑިއަކުން ނިކަން ވިސްނާ މިކަން ކަންވެސް ދިރާސާ ކޮއްލުން ކީއްތޯ!
ހާޝިމް ވިދާޅުވީ
ތާރީޚް:18/06/2009
އަޅުގަނޑު، މިތަނުގައި ކޮމެންޓްކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން. އަޅުގަނޑާ އެއްކޮޅަށް އަދި ދެކޮޅަށް ވިޔަސް. އަދި އަޅުގަނޑުގެ މިސްޓޭކެއް ރަނގަޅު ކޮށްލެއްވި ބޭފުޅާއަށް ވެސް. މިއާ އެކު ދަންނަވާލާ ހިތް އޮތީ، މިއިން ކޮންމެ ކޮމެންޓަކީ ވެސް ވަރަށް އެކަޑެމިކް، ވަރަށް ރަނގަޅު، ވަރަށް މަޢުލޫމާތު ހުރި ކޮމެންޓްތަކެކޭ. މިތަނުގައި ކޮމެންޓް ކުރައްވާ ބޭފުޅުންނަކީ، ހަމަ ޔަޤީނުން ވެސް ދުނިޔޭގެ ކަންކަން ހިނގާ ގޮތް ޢާންމު ދިވެހިންނަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނޭ. އަޅުގަނޑު އެފަދަ ބޭފުޅުންނާއެކު ވަރަށް އުޅޭ ހިތްވޭ. ވަރަށް ވާހަކަ ވެސް ދައްކާ ހިތްވޭ. ހަމަ ޔަގީނުން ވެސް އެބޭފުޅުންގެ ބޭނުން ދިވެހިރާއްޖެއަށް ވަރަށް ބޮޑުވާނެ،
DOg ވިދާޅުވީ
ތާރީޚް:19/06/2009
ހަމްގެ ތިޔަ ދިގު ކޮމެންޓް ވަރަށް ފުރިހަމަ، ތިއީ މިފަދަ އާޓިކަލް ތަކުން އެހެން މީހުންނަށް އިތުރަށް ލިބޭ މައުލޫމާތު ތަކެއް، މައުލޫމާތު ލިބުމަކީ މީހާގެ ލޯ ހުޅުވި ކަންކަމާއި މެދު ވިސްނާފިކުރު ހިންގަން ފައްސޭހަވެގެންދާނެކަމެއް، ހުރިހާ ބޭފުޅުންގެ ވާހަކަތައްވެސް ވަރަށް ރަގަޅު، އިތުރު މައުލޫމާތު ލިބޭނެކަމަށް އުންމީދުކުރަން،