ގިނަ މޫނުތަކުން ފެންނަނީ މާޔޫސްކަމެވެ. އިވެނީ އަބަދުވެސް ޝަކުވާކުރާ އަޑެވެ.
ބައެއް މީހުންނަށް ދުވަހެއްގައި ވެސް އެމީހުން އެދޭ ގޮތަކަށް ކަންތައް ދިމައެއް ނުވެއެވެ. އަބަދުވެސް އެހެންވި ނަމައޭ މިހެންވި ނަމައޭ ހިތަށް އަރައަރާ ތިބެއެވެ. ނަސޭހަތެއް ދެންހެއްޔެވެ؟ ނަމަވުމެއްގެ ފަހަތުގައި އުފަލެއް ނުވެއެވެ.
އެކަނި އުޅެން ޖެހިފައިވާ މީހާ ޝަކުވާކުރަނީ ބައިވެރިޔަކު ނެތީމައެވެ. މީހުންނާ އެކީ އުޅެން ޖެހިފައިވާ މީހާ ޝަކުވާކުރަނީ ގާތުގައި އުޅޭ މީހުންނާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
މިއީ ދުނިޔެއެވެ. މި ދުނިޔެއަކު މާތްކަލާނގެ ސުވަރުގެއެއް ނުލައްވަވައެވެ. މި ދުނިޔޭގައި ސުވަރުގޭގެ އުފަލުގައި އުޅެން ނޫޅޭށެވެ.
ދުނިޔެ ހެއްދެވި ކަލާނގެ ދުނިޔެއަކީ ވަގުތީ ތަނެއްކަން އަންގަވާފައި ވަނިކޮށް މިތަނުގައި ތާއަބަދަށް ދިރިއުޅެން ނިންމައިގެން ހުންނަ މީހަކަށް އަބަދުވެސް ވާނީ ނަމަވެ ނަމަވެފައި ޝަކުވާކުރާހާއެވެ. އެފަދަ މީހަކަށް ނުވާށެވެ.
އަބަދުވެސް ދެއްވި މިންވަރަށް އީމާންވާށެވެ. އިތުރުކުރައްވައިތޯ ދުޢާކުރުމާއި ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފާ މަސައްކަތްކުރާށެވެ.
ޢަޒުމާއި އުންމީދުން ފޭވެ، ޝައިޠާނާއަށް ހެއްލި، ނަމަވުމުގައި ގެއްލި، ޝަކުވާގެ މައްޗަށް އެއްލި ގަތީމާ އެވެއްޓެނީ މަރުވުވުމުގެ މާނަ ފުރިހަމަ ނުވާ މަރެއްގެ ތުންފަތްމައްޗަށެވެ. އޭރުން މަރެއް ނުމެ ވީމެއެވެ. ޙަޔާތުގައި ރަހައެއް ނުމެލީމެއެވެ.
އަޅުކަމެއް ނުކޮށް އަޅުވެރިއަކަށް ވީ ކާކުހެއްޔެވެ؟ އަތްއުރާލައިގެން ކަމެއް ނުކޮށްހުއްޓާ ޢިލްމުވެރިކަމުގެ ސަނަދެއް ލިބުނީ ކާކުގެ އަތުން ކާކަށް ހެއްޔެވެ؟
ގިނަ މީހުން ބުނަނީ އެވެނި މިވެނި ކަމެއް ކުރާކަށް ތިމަންމެންނަށް ފުރުސަތެއް ނުލިބޭ ވާހަކައެވެ. ސުވާލަކީ އެނޫން އަގުހުރި އެހެން ކަންކަން ކުރުމަށް ލިބުނުހާ ފުރުސަތެއްގެ ބޭނުން ހަމަ ރަނގަޅަށް ކުރީމުހެއްޔެވެ؟
ފުރުސަތަކީ އުޑުމަތީ ހެދޭ ވާރޭ ވިލާތަކުން ވެހޭ އެއްޗެއް ނޫނެވެ. ދަނޑުމަތީ ހުއިފަޅާހެން ކުރިމަތީ ފަޅާއެއްޗެއް ނޫނެވެ. ޒުވާނަކު ލޯބިވެރިޔާގެ ފަހަތުން ދުވެ އަންނަ ފަދައަކުން ފުރުސަތު ކަލޭގެ ފަހަތަކުން ނާންނާނެއެވެ.
ޢުމުރުން ހޭދަވީ ކިތައް ދުވަސްހެއްޔެވެ؟ ވޭތުކުރީ ކިތައް އަހަރު ހެއްޔެވެ؟ ފާއިތުވީ ކިހާ ޒަމާނެއްހެއްޔެވެ؟ ލާބައާއި މަންފާ ލިބެނިވި ކަންކަމުގެ ގޮތުގައި ކިތައް ކަންތައް ކުރެވިއްޖެހެއްޔެވެ؟
އަބަދާއި އަބަދު ޝަކުވާކުރަމުން ތިޔަގެންދާ ކަންކަމުގެ ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތަކުގެ ތެރެއިން ކިތައް ކަންތައް ކުރެވުނުހެއްޔެވެ؟
ރަނގަޅު ހަމައަކީ، އޮންނަ ގޮތަކީ ސަބަބުތަކުގައި ހިފުމަށް ފަހު ވަކީލުކުރުންކަން ޤަބޫލުކޮށް އީމާންވެގެން ތިބޭއިރުގައިމެ، ސަބަބުތަކުގައި ނުހިފައި ޝަކުވާގައި ހިފުން އެއީ ހަމަ އެންމެ ބުއްދިވެރި ގޮތްހެއްޔެވެ؟
ދެ ޙަޔާތުގެ ކާމިޔާބާ މެދު ވިސްނާއިރުގައި އުޅުން ބެހެއްޓިފައި ތިޔަހުރީ ހަމަ އެންމެ ރަނގަޅަށްހެއްޔެވެ؟


DOg ވިދާޅުވީ
ތާރީޚް:18/06/2009
ނަބީލް ވަރަށް ފުރިހަމަ އާޓިކަލެއް އަނެއްކާވެސް ތި ފޮނުވާލީ، ތި އާޓިކަލް ކިޔަމުން ދިޔައިރު އަޅުގަނޑު ހިތަށް އެރީ ނަބީލް އަޅުގަނޑާއި ދިމާލަށް އެއްޗެތި ކިޔަނީކަމަށް، ހަމަ މިއީ ކާކުކަން އެނގި ހުރެ އެއްޗެތި ގޮވަނީކަމަށް، ތިއީ އަޅުގަނޑަށް ވަރަށް ގިނައިވާ ގޮތެއް ސަކުވާކުރެވޭ ހަމަ އެފަދައިން މިހެން ނުހެދުނުނަމަ އެތަނަށް ނުދެވުނު ނަމަ އިތުރަށް ކިޔެވުނު ނަމަ އެޔޮނި މީހަކަށް ވީނަމަ އެމީހާ ލިބުނުނަމަ މިއިހެން ގޮސް އެތައްކަމެއް، ދެން އެކަމެއް ނުވީމާ ދެރަވެގެން މާތްﷲ އާއި ވަކީލުކޮށް ނިންމާލަނީ، ތެދެއް މިއީ ސުވަރުގެއެއް ނޫން އެކަމަކު މިތަނުގައި އުޅުމަށް މިތެޅެވެނީ މިއީ އިންސާނުންގެ ހާލު ވަރަށްވެސް ފުރިހަމަ، ނަބީލަށް ވަރަށް ޝުކުރު
ހިޔަލަ ވިދާޅުވީ
ތާރީޚް:18/06/2009
ވަރަށް ސަޅި……ހަމަ އޮބި..ނަބީލް ގެ މެއިލް އެޑް ލިބިދާނެތަ؟؟؟؟؟؟؟ހާޝިމް އަށް ވަރަށް ސަލާމް..
އިލޮޅި ވިދާޅުވީ
ތާރީޚް:18/06/2009
މިފަހަރުވެސް ހާދަ ފައްކާ ގޮލަޔެކޭ ދޯ ތިއޮތީ ހިއްޕާލާފަ. ނަބީލަށް ހާދަ ތިކަހަލަ ކަންކަން އެނގެއޭ ދޯ! ނަމަޔަކުން ރިހައެއް ނުކެކޭނޭވެސް ކިޔަނީ އެހެންވެ ދޯ؟
މަވެސް ވިދާޅުވީ
ތާރީޚް:18/06/2009
އޭ އަސްލުވެސް ތިހަމަ މަށަށްވެސް ވާގޮތް. އެކަމް އެކަން ރަނގަޅުކުރާނެ ގޮތެއް ނޭގިގެން މިއުޅެނީ. އެގޮތެއްވެސް ބުނިއްޔާ ވަރަށް ރަނގަޅު.
އިސްމާއީލް ވިދާޅުވީ
ތާރީޚް:18/06/2009
ޤަޟާ ޤަދަރަށް އީމާންވާ ހާލު ސަބަބުތަކުގައި ހިފައިގެން ހަޔާތުގެ ދުވަސްތައް ވޭތުކުރުމަކީ އެންމެ ބުއްދިވެރި، އަދި ހަޔާތުގެ ފޮނި ރަހަ ލިބޭނެ ގޮތެކެވެ. ގިނަގިނައިން ﷲ ހަނދުމަކުރުމަކީ އެއިލާހު އެންމެ ރުއްސަވާ ކަންކަމެވެ.
ތިމާ ހިތްއެދޭ ގޮތަށް ކަމެއް ނުވެދާ ކޮންމެ ފަހަރަކު މާޔޫސްވެ އަމިއްލަ ނަފުސަށް އިތުބާރު ކަނޑާލާ އުޅޭ މީހުންނަށް ބުނެލަން އޮތީ، މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތް ތަކުގެ މަތިން ހަނދާންކޮށް އެނިޢުމަތް ތަކާއި މެދު ﷲ އަށް ޝުކުރު ކުރަނީ ކިތައްފަހަރު ހެއްޔެވެ؟ ހަމަކަށަވަރުން ﷲ ދެއްވި ނިޢުމަތް ތަކަށް ކުފުރުވެރި ވާނަމަ އެނިޢުމަތް ތަކުން މަހުރޫމު ވުމަކީ ވަރަށް ކައިރީގައި ވާކަމެކެވެ.
ﷲ އަޅަމެން އެންމެންނަށް ތެދުމަގު ދައްކަވާ، ހެޔޮ ގޮތްތައް އިރާދަ ކުރައްވާށި. އާމީން
ބޯސޮރު ވިދާޅުވީ
ތާރީޚް:18/06/2009
ނަބީލް! މަށަށް ހަމަ ރޮވިއްޖެ. އަދިވެސް މިކަހަލަ ލިޔުންތައް ފެންނާނެ ކަމަށް އުއްމީދު ކުރަން.
ޕިންކީ ވިދާޅުވީ
ތާރީޚް:18/06/2009
މިއީ ވަރަށް ރަންގަޅު އެހާމެ މިހާރުގެ ކުދިންނަށް މުހިންމު މަޢުލޫމަތެއް. އަދި ހާއްސަކޮށް ނުވިސްނޭ، މިސްއަންޑަސްޓޭންޑިން ކުދިން ނަށް ވަރަށް ރަންގަޅު މަޢުލޫމާތެއް. ވިސްނާނީ އަބަދުވެސް ޕޮޒްޓިވްކޮން…..
ޕިންކީ ވިދާޅުވީ
ތާރީޚް:18/06/2009
އިސްމާއިލް މިއީ ހާދަ ރަންގަޅަށް ވިސްނާ މީހެކޭ ދޯ؟ ހުރިހާ އެންމެންވެސް ވިސްނަންވީ އެގޮތައް…..
ބާލުޚާނާއެއްގައި އިންނެވި ކަމަނާ ވިދާޅުވީ
ތާރީޚް:18/06/2009
މި ލިޔުމަކީ ވަރަށް ރީއްޗަށް ޢިބާރާތްކުރެވިފައި އޮތް ވަރަށް މޮޅު ޢިބްރަތުން ފުރިގެންވީ ލިޔުމެއް. ނަބީލްގެ ހުރިހާ ލިޔުމެއް ވެސް ކިޔަން އަޅުގަނޑު. ނަބީލުގެ އަންނަނިވި ޢިބާރާތުން އަޅުގަނޑަށް ތަޞައްވަރުވީ ޚަލީފާ ހާރޫނުއްރަޝީދުގެ ދަރުބާރު.
“ޢަޒުމާއި އުންމީދުން ފޭވެ، ޝައިޠާނާއަށް ހެއްލި، ނަމަވުމުގައި ގެއްލި، ޝަކުވާގެ މައްޗަށް އެއްލި ގަތީމާ އެވެއްޓެނީ މަރުވުވުމުގެ މާނަ ފުރިހަމަ ނުވާ މަރެއްގެ ތުންފަތްމައްޗަށެވެ. އޭރުން މަރެއް ނުމެ ވީމެއެވެ. ޙަޔާތުގައި ރަހައެއް ނުމެލީމެއެވެ.”
ބޭކަލުންނޭ އަދީބަކު އުފަންވެއްޖެ.
މޫސަބެ ވިދާޅުވީ
ތާރީޚް:18/06/2009
ބޭބެއަށްވެސް ވަރަށް ކަމުގޮސްފި ތިޔަ ލިޔުން. މިކަހަލަ ހޭޖެހޭ މީހުންނަށް ޒިންމާދާރު ވަޒީފާތައް ހަވާލުކުރަންވީ. ނަބީލް ކަމުދާނެ ކައުންސެލަރަކަށް ނޫނީ މިނިސްޓަރަކަށް އެހެން ނޫނީ ރައީސަކަށް ލާންވެސް. ބިލާލްއާއި ނަބީލް މީ އެއްގޯތި ދެސޮރުހެން ވަރަށް ހީވޭ. މިސޮރުމެން ކިޔަވާ ނިމގެން ރަށަށް ނުވަތަ ޤައުމަށް ޚިދުމަތްކުރަން ނުކުތިމަ ކަމުދާނީ.
އައިޝް ވިދާޅުވީ
ތާރީޚް:18/06/2009
އަޅުގަޑު ދެންނެވީ، ނަބީލުގެ މިލިޔުން ފަރުވާތެރިކަމާ ވިސްނުންތެރިކަމާއެކު ކިޔާލައިފި ކޮންމެ މީހަކަށް ވަރަށް ރަނގަޅު ޢިބްރަތެއް ލިބިގެން ދާނޭ. އަދި ހަމަ އެހެންމެ ޝަކުވާއިން ފުރިގެންވީ އަޅުގަނޑުގެ ހިތަށް މިލިޔުން، ވަރަށް ވެސް ރަގަޅު ފަރުވާއަކަށް ފުދިއްޖެޔޭ. އިންސާނުން އެންމެ ގިނައިން ކުރާ އެއްކަމަކީ ޝަކުވާކުރުން .. ނަމަވެސް އަޅުގަނޑުމެން، އިސްލާމުން އިސްކުރަން ވީ ޝަކުވާއެއްނޫން. ދަސްކުރަންވީ ﷲ ދެއްވި ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކަށް ޝުކުރުކުރަން.. ޝުކުރިއްޔާ!
ޤަމާރު ވިދާޅުވީ
ތާރީޚް:18/06/2009
މިއަދުގެ ހާލަތާ ވަރަށް މުނާސަބު އެހާމެ ބޭނުން ތެރި ފުރިހަމަ ލިޔުމެއް މީ! މި ފަދަ ލިޔުން ތަކުން އިބުރަތް ހޯދަންވީ!
ޤަމާރު ވިދާޅުވީ
ތާރީޚް:18/06/2009
ދެންވަސް އެއްކަލަ ބަނީ އިސްރާއީލު ހެދޭމީހުން މިތަނަށް އައިއްސިޔާ ހިއެއް ނުވޭ އެމީހުނަށް ކަމުދާ ގޮތެއް އޮވެދާނެހެނެއް!
ހައްވަ ވިދާޅުވީ
ތާރީޚް:18/06/2009
ހޫން އެމީހުންގެ މިންގަޑު ތަކަށް މަށަކައްވަސް ހިޔެއްނުވޭ މީތި ވަސް ފެތޭނެ ހެނެއް …ކުރާނީ ޝަކުވާ ތޯއްޗެ..އާން ކަމުދާ ނޯންނާނެ ވިއްޔަ އެއްގޮތްވަސް އެމީހުނަކަށް! ދެން މީގެންވަސް އެމީހުން އިބުރަތެއް ހޯދާނެ ނަމަ ކިތައްމެހާވަސް ރަނގަޅު!
އެންމެރީތި ކަނބުލޮ ވިދާޅުވީ
ތާރީޚް:18/06/2009
ތިޔަލިއުންލިއުނު ކުއްޖާއަށް ވަރަސްބޮޑަށް ސުކުރިޔާ
ނަލަކާސިމު ވިދާޅުވީ
ތާރީޚް:18/06/2009
މިލިއުމަކީ ރަނގަޅު ވާހަކަތަކެއް ހުރި ލިއުމެއް.އެހެން ނަމަ ވެސް މޮޅުލިއުމެކޭ ބޭބެ ނުބުނާނަން.ޝަކުވާކުރުން
{ކަންކަމާއިމެދު ނުރުހިގެން ވާހަކަދެއްކުން.}މިއީ ވެސް ވަކި ދާއިރާއެއް ތެރެއިން ކުރެވިދާނެ ކަމެއް. އެއީ ނަސޭހަތުގެ ތެރެއިން ލައިފަ.މިސް މީހުނަށް ހެޔޮމަގު އޮޅުންފިލުވައިދިނުމުގެ ބޭނުމުގައި ޝަކުވާ ކުރެވިދާނެ.ވުމާ އެކު ހާލަތާ ގުޅުވައިގެން އެއީ ފަރުވާއެއް. އަދި އެމީހެއްގެ ޝަކުވާ އުފުލުން،އެއީ ކޮންމެ މީހެއްގެވެސް ހައްގެއް.ޝަކުވާ އުފުލުމަކީ ކަމަކާމެދު ހިތްހަމަ ނުޖެހިގެން މަތީ ފަރާތެއްގައި އެކަމާބެހޭ ވާހަކަ ދެންނެވުން.ވީމާ މިކަން ކަމަށް ނަބީލު ބަލާލިނަމަ މިލިއުން ވަރަށް މޮޅުވީސް.މިހާރުވެސް ގޯހެއްނޫން.ﷲ އީ އަޅުތަކުންގެ ޝަކުވާ އައްސަވާ ވޮޑިގެންވާރަސްކަލާންގެ.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:18/06/2009
މިލިއުމުގައި މިބުނަނީ މިސާލަކަށް މައުމޫނުގެ ދަރިފުޅު ވޯޓުގެ ނަތީޖާ ނިކުތްގޮތާ ދޭތެރޭ ކޯޓުގައި ޝަކުވާ އުފުލުން.ދެންކޯޓުގެ ހުކުމް ކަމުނުގޮސްގެން ތިމަރަފުށީ މުސްތޮފާ އިސްތިއުނާފަށް ހުށައެޅުން މިކަހަލަ ކަންތައްވާހަކަ .ދެންބައެއްމީހުން ބުނާނެ ނަޝީދު ނުހޮވުންނަމައޭ، މައުމޫނު ހޮވުންނަމައޭ. ނަބީލުގެ ވިސްނުން ހަމަ ވަރަށް މޮޅު.
ނަލަކާސިމު ބަހަށް އެއްބަސް މީހަ ވިދާޅުވީ
ތާރީޚް:18/06/2009
އެކަމަކު އަދިބުނަން ވަރަށް މުހިއްމު ވާހަކައެއް ދުއާދަންނަވާއިރު ޝަކުވާގެ ރާގު ނުގެނެސް އާދޭސް ދަންނަވާ ގޮތުގައި ދުއާދެންނެވުމަށް ދަންނަބޭކަލުން އިރުޝާދުދެއްވާ.މިއީ ﷲ އަށް ޝަކުވާ ދެންނެވޭނެ ހަމައެކަނި ގޮތްކަމަށް އިލްމުވެރިން ވިދާޅުވޭ.
DOg ވިދާޅުވީ
ތާރީޚް:19/06/2009
މިލިޔުން އެންމެންނަށްވެސް ވަރަށް ކަމުގޮސްފި، އެހެންވީމާ ނަބީލްގެ މިފަދަ ގިނަ ލިޔުންތަކަކަށް ހުރިހާ މީހުންވެސް އުންމީދުކުރާނެ، އަވަސް އަވަހަށް ނަބީލްގެ ލިޔުން ފެނުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް،
ހާޝިމް ވިދާޅުވީ
ތާރީޚް:19/06/2009
މިލިޔުމުގައިވާ ވާހަކަތަކާ ދޭތެރޭ އަޅުގަނޑު މާބޮޑު އެއްޗެއް އިތުރުކުރާކަށް ވެސް އަދި އުނިކުރާކަށް ވެސް ދަންނަވާކަށް ނެތީން. ލިޔުމުގައިވާ ޕޮއިންޓްތައް ކިތަންމެހާ ވެސް ރަނގަޅު. އެހެންނަމަވެސް، މިލިޔުން ކިޔަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އެރީ، މިއީ މަޒުމޫނެއްބާވައޭ ނޫނީ ކޮންމެ ވެސް ޒާތެއްގެ ޅެމެއްބާވައޭ. އަޅުގަނޑު ދަންނަ ގޮތުންނަމަ މިލިޔުން ނުވޭ މަޒުމޫނަކަށް ނޫނީ އަޅުގަނޑުމެން މިކިޔާ އާޓިކަލަކަށް. ސަބަބަކީ، ނަބީލް އެއްވެސް ޕޮއިންޓެއް އެލަބޮރޭޓް ކުރައްވާފައެއް ނުވޭ. އަނެއްކާ އެއް “ޕެރެގްރާފް” އަނެއް “ޕެރެގްރާފާ” ދެމެދު ބަދަހިކަމެއް ނެތް. އަދި މިނުވޭ ޅެމަކަށް ވެސް. އަޅުގަނޑު ދުށް ބާވަތުގެ އާޅެމަކަށް ވެސް ނުވޭ. އަޅުގަނޑަށް ހީވަނީ މިއީ ހެޔޮ ނަސޭހަތްތަކެއް ހެން. އަދަބީ ކަންތައްތަކުގައި އަޅުގަނޑަކީ ފުދޭ ވަރަކަށް ބޯހަރު މީހެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެހެންވީމާ، ނަބީލް އަރިހުން ވަރަށް އިހުތިރާމާއި އަދަބުވެރިކަމާއެކު ސުވާލު އަހާލަން ބޭނުން އަދަބީ ނުވަތަ ވަޒަން ބަހުރުވައިގެ ކޮން ގޮޅިއަކަށްތޯ މިލިޔުން ފިޓްކުރެއްވީ. އަޅުގަނޑު ހިތުން، އަދަބީ ނުވަތަ ވަޒަން ބަހުރުވައިގެ ގޮޅިއަކަށް ފިޓް ނުވާ ގޮތަށް ލިޔެގެންނެއް ނުވާނެ. އެއީ، ބަހުގެ ހަމައެއް މުގުރާލުން ކަމުގައި ނޫނީ ނުވާނެ. އެހެންވީމާ، އަޅުގަނޑު މިލިޔުމާމެދު އެއްވެސް އެއްޗެއް ނުދަންނަވާ، މިސުވާލުގެ ޖަވާބުގެ އިންތިޒާރުގައި މަޑުކޮށްލާނަން.
ހާޝިމް ވިދާޅުވީ
ތާރީޚް:19/06/2009
ހިޔަލައަށް ވެސް އަޅުގަނޑުގެ ސަލާމް.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:19/06/2009
މަ މި އިންނަނީ ކޮންމެސް މީހަކު މަގޭ ނަމުގައި ކޮމެންޓުކުރަމުން ދާތީ ކޮމެންޓުކުރަން ފޫހިވެސްވެފައި، މި ފަހަރު އަހަރެން ހަމަ ހާޝިމާ އެއްބަސް، އެބުނާހެން މި ލިޔުން މީ ދެން ވަރަށް ފާޑަކަށް އޮތް އެއްޗެއް، ދައްކާފައި ހުރި ވާހަކަތައް ގޯހެކޭ ނޫން މި ދަންނަވަނީކީ، އެކަމަކު ހާޝިމް ކޮމެންޓަށް ވަރަށް ތާއީދުކުރެވެޔޭ، ދެން އަދި މަ ބުނަން އުޅުނު އެކަތި އެބަ އޮތް ނަލަ ކާސިންބެ ބުނެލަދީފައި، ދެން ބައެއް މީހުންނަށް މިވާ ގޮތަކީ ނަބީލަށް ޖެހިފައި ހުންނަ ލޯތްބެއްގެ ބޮޑުކަމުން އޭނަ އަދީބަކަށް ހަދާ، ދެން ނުލަފާ ޒާތެއްގެ ހިންޏެއް މަ ގާތަށް އަންނަނީ، މީ ދެން ހަމަ މަގޭ ވަކަވެލޭ ގެ ޚިޔާލު، ނަބީލު ވެސް ހަމަ ހެޔޮ ހިތުން ގަބޫލުކުރައްވާނެ ކަމަށް ހީކުރަން، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާކިއުމަކީ ރީތި ސިފައެއް،
ވަކަވަލޭ ވިދާޅުވީ
ތާރީޚް:19/06/2009
އަދި އެއްތަންކޮޅު އިތުރުކޮށްލާ ނަން، ދެން އަދި ބުނެލަން ބޭނުންވޭ ނަބީލު ގާތުގައި މި ކަހަލަ ލިޔުންތަކުގައި އާޔަތާއި ޙަދީޘާ ހިމެނުން ހަމަ ކޮންމެހެން ލާޒިމޭ، މިހާރު މި ލިޔުމާ ވެސް ވަރަށް ގުޅޭނެ، މިސާލަކަށް “މުއުމިނާގެ ކަންތަކާ މެދު ތިމަންކަލޭގެފާނު ޢަޖައިބުވާހާވެއެވެ. އޭނާއަށް ދިމާވާ ކޮންމެ ކަމެއް ވެސް އޭނާއަށްޓަކައި ހެޔޮކަމަކަށް ވެދެއެވެ. އޭނާއަށް އުފަލެއް ލިބިއްޖެއްޔާ އެކަމާ ޝުކުރުވެރިވުމުގެ ސަބަބުން އެއީ އޭނާއަށްޓަކައި (ޘަވާބު ލިބެނިވި) ހެޔޮ ކަމަކަށް ވެދެއެވެ. އަދި އޭނާއަށް ދެރައެއް ލިބުމުން އެކަމާ ކެތްތެރިވުމުގެ ސަބަބުން އެއީ އޭނާއަށްޓަކައި (ޘަވާބު ލިބެނިވި) ހެޔޮ ކަމަކަށް ވެދެއެވެ.” މި މާނައިގައި އޮންނަ ޙަދީޘް،
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:19/06/2009
ފަހަރިދައިތަޔަށް ދައްކައިފިން މި ލިޔުން. މި ވިއްސާރަ އިރަށް އެހެންޏާ ނުދޭނެ ތާކު ހިމޭނުން އިނަކަ. ދެން އެކަމަކު ބޭބެ ބުނެފާނަން ވާހަކައެއް. ބޭބެމެން އެއްބައި ފަހަރު ކަމުން ރެކެން ވެގެން މިކަހަލަ ކަންތައް ކޮށްލިޔަސް ކަލެމެން ނޫކަށި ފުރައިގެ ކުދިން ނުކުރާތި މި ކަހަލަ ކަންތައް.
ފޮޓޯބަލަމުން ވިދާޅުވީ
ތާރީޚް:19/06/2009
މިލިއުމުގައި އިން ފޮޓޯގައި އެވާމީހަގެ ދޫއެއޮތީ ހަލާކުވެފަ ދޯ.ޝަކުވާކުރާތީ ތޯޗެ.