Share

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ހައްޤުތައް (3)

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ހައްޤުތައް (3)
އަހްމަދު އަބްދުލް މަތީން

ހަމަހަމަކަން ( ޤާނޫނު އަސާސީގެ 20 ވަނަ މާއްދާ)

ހަމަހަމަކަމަކީ ތަބީޢީގޮތުން އިންސާނާ ބޭނުންވާކަމެކެވެ. ހަމަހަމަކަން ޤާއިމްވުމާއިއެކުގައި ދެބަޔައެއްގެ ދެފަރާތެއްގެ ނުވަތަ ދެޖަމާޢަތެއްގެ ދެމެދުގައިއެއްބައިވަންތަކަން ޤާއިމްވެއެވެ.. އަދި އެމީހުންގެ ހިތްތަކުން ނުތަނަވަސްކަން ފިލުވައިދެއެވެ. އެއީ ތިމާއާއި އެހެންމީހުންނަކީ ހަމަހަމަ ބައެއްކަން އެގި އެކަމުން ލިބޭ އުފަލެވެ. ހަމަހަމަކަމަކީ އެތައް އަހަރެއް ވަންދެން އެމެރިކާގެ ކަޅުނަސްލުގެ މީހުން ތަކްލީފް އުފުލި އަސާސެވެ. މިހާރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޕީޗް ( ގިނަ ރޭންކިންގ ތަކުގައި އެއްވަނަ ސްޕީޗް) ކަމުގައިވާ މާޓިލް ލޫދަރ ކިންގގެ I HAVE A DREAM” ” މި ސްޕީޗް ގައި އެބޭފުޅާ ވިދާޅުވެފައިވެއެވެ.

“I have a dream that in one day, my four little children will live in a state where they will not be judged by the color of their skin, but the content of their character”

ތަފާތުކުރުމުގެ ސަބަބުން ވޭން ލިބެމުން ދިޔަ ކަޅު ނަސްލުގެ މީހުން ދެކެމުން ދިޔަ ހުވަފެންތައް އަސްލަކަށް ވީއިރު އެތައް މަޔަކާއި ދަރިންނެއްތިބީ ޔަތީމުވެފައެވެ. އެތައް އާއިލާއެއް ތިބީ މަގުމަތިވެފައި ބޯހިޔާ ވަހިކަމެއް ނެތިފައެވެ. މިއަދު އެންމެ އަޑު އުފުލާ އިންސާނީ ޙައްޤުތަކޭ ބުނަމުންދާ އެމެރިކާގެ އޭރުގެ ހަލަތަކީއެއީއެވެ. އިންސާނީ ތަބީޢަތުން ބޭރުވެ ހައިވާނީ-ޢަމަލުތަކުގެ ވެއްޓަކަށް އެމެރިކާވިއެވެ. ޤާނޫނުގެ ރައްކާތެރިކަން ލިބެނީ ހަމައެކަނި ދޮންނަސްލުގެމީހުންނަށާއި އެމީހުން ބޭނުންވާ ބަޔަކަށެވެ.

އދ. އިން 7 ނޮވެމްބަރު 1967 ގައި ފާސް ކުރި ޑެކްލަރޭޝަން އޮން ދި އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން ( ޤަރާރު ނަންބަރު 2263 ) ނުވަތަ އަންހެނުންނާއި ކުރެވޭ ތަފާތުކުރުން ނައްތާލާ ބައިނަލް އަގުވާމީ މުއާޙަދާ ގެ އަސްލަކަށްވީ އަންހެނުންނާއި މެދު ކުރެވޭ ތަފާތުކުރުން ނައްތާލުމެވެ. ފިރިހެނުން އަންހެނުންގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން ބަނދެވުނު ގޮށުން މުހިގެން ދިއުމެވެ. ދުނިޔޭގެ ބައެއް މުޖުތަމަޢުތަކުގައި އަންހެނުންގެ ޤަދަރާއި ކަރާމާތަށް އަރައިގަނެ، އެމީހުން ސިޔާސީ ބައިވެރިވުންތަކުން އެއްކިބާކޮށް، މުޖުމަޢުގައި މުޑުދާރު ބައެއްގެ ގޮތުގައި ސިފަކުރިއެވެ. އެހެންކަމުން މިޤަރާރުގެ ބޭނުމަކަށްވީ އެކުވެރި ދަޢްލަތްތަކުގެ ޤައުމުތަކުން އެކަން ފުހެލުމެވެ. އުސޫލެއްގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމެވެ. އެކަން ކުރެވޭނީ ތަފާތު ތައް ނައްތާލައިގެންނެވެ. އަޅުގަނޑު މި ނުޤުތާގައި ފާހަގަކޮށްލަންބޭނުންވަނީ ހުރިހާ މާނައެއްގައި އަންހެނުންނާއި ފިރިހެނުން ހަމަ ކުރާކަށް ނޫނެވެ.
ހަމަހަމަކުރުމުގެ އުސޫލުން ބަލާއިރު އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ (ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އަށް ނަޟަރުކޮށްލުމަކީ މުހިންމުކަމެކެވެ. 1948 ވަނަ އަހަރު ފާސްކޮށްފައިވާ އެޤަރާރުގެ އެއްވަނަ މާއްދާގައި ބުނަނީ ޙައްޤުތައް ލިބިދިނުމުގައި “އިންސާނުން އުފަންވަނީ މިނިވަންކަމާއި ހަމަހަމަކަމާއި އެކުގައެވެ.” އަދި 7 ވަނަ މާއްދާގައިވަނީ ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުންނަކީ ހަމަހަމަބައެކެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނުގެ ރައްކާތެރިކަން ލިބިދޭންޖެހޭނެކަމަށެވެ.

އިސްލާމީ ޝަރީޢަތަށް ބަލައިރު ކީރިތި ޤްރުއާންގައި މާތް ﷲ ވަޙީ ކުރައްވަނީ ” يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ “ (ސޫރަތުލް ހުޖަރާތު 13) މާނައަކީ ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ފިރިހެނަކާއި އަންހެނެއްގެ ކިބައިން އުފައްދަވާ އެކި ޤައުމުތަކާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ.” މިއާޔަތަށް ބެލުމުން ދޭހަވަނީ ކޮންމެ އިންސާނެއްވެސް އުފައްދަވާފައިވަނީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. މި އާޔަތަށް ބާރު ލިއްބައިދޭ އެތައް ހަދީޡެއް ވާކަމަށް ތަފްސީރު އިބްނު ކަޡީރްގައި ލިޔުއްވާފައިވެއެވެ. އަބޫ ހުރައިރާ ވިދާޅުވިކަމަށް ބުހާރީ ރިވާކުރެއްވިއެވެ. ” މީސްތަކުން ރަސޫލާ (صلى الله عليه وسلم) އާއި ސުވާލުކުރެއްވިއެވެ. “މީސްތަކުންގެ ތެރެއިންވާ އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟” އެކަލޭގެ ފާނު ހަދީޘް ކުރެއްވިއެވެ. “أَكْرَمُهُمْ عِنْدَ اللهِ أَتْقَاهُم” “އެމީހުންގެ ތެރެއިން ﷲ ގެ ޙަޟުރަތުގައި އެންމެ މާތްމީހަކީ އެންމެ ތަޤްވާވެރިމީހާއެވެ.” މިއީ މިހަދީޡްގެ އެއްބައެވެ. ކޮންމެއަކަށް އިސްލާމީ ޝަރީޢަތަށް ބެލިކަމުގައިވިޔަސް އެންމެންނަކީވެސް ހަމަހަމަ ބައެކެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދުތަކެއް ވެއެވެ. ވައްކަމާއި، ޒިނޭއާއި، މުރުތައްދުވުމާއި، ހަރާބާ (މަގުފޭރުމާއި) ރާބުއިމާ، ޤަޛުފު ފަދަ ކުށްތަކަކީ ޝަރީޢަތުގައި ޡާބިތު ހުދޫދުތަކެވެ. މިއެއްވެސް ކުށެއްގައި ނުވަތަ ހައްދެއްގައި ޤަޞާއާއި (ޤާޟީ) އާއި ހަމައަށް އައުމުން މާފެއް ނުކުރެވޭނެއެވެ. އަންހެނަކަށް ފިރިހެނަކަސްވިޔަސްމެއެވެ. އެކުށެއްގެ ޝަރުތުތައް ހަމަވާނަމަ މާތްﷲ އަށް ކިޔަމަންވުމަށްޓަކައި އެހައްދެއް ޤާއިމްކުރަން ޖެހޭނެއެވެ. އެބައިމީހުންގެ ތެރެއިން އެކަން ކެނޑިގެންދާ ނުވަތަ އެކަން ތަފާތު ކުރާ ވަޒަނަކީ ހަމައެކަނި ތަޤްވާއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ބަޔާންކުރެވިފައިވާ މަތިވެރި މަޤާޞިދުތައް ހާޞިލް ކުރުމަށް މިއަދުގެ ވަޞަޢީ ޤާނޫނުތަކުގައި އައިސްފައިވާ މިފަދަ މަބްދައުތަކަށް ބާރު ލިބިދޭންޖެހެއެވެ. ހަމައެކަނި ޤާނޫނީ ނުވަތަ ޝަރުޢީ ކޯޓެއްގައެއްނޫނެވެ. މުސްލިމުންގެ ހުރިހާ މައިދާންތަކެއްގައިވެސް އެކަން އެގޮތަށް ކުރަންޖެހޭނެއެވެ. ރަސޫލާގެ ވަރަށް މަޝްހޫރު ހަދީޡްފުޅެއް ތިޔައެންމެ ބޭފުޅުން ވާނީ އަޑުއައްސަވާފައެވެ. “އެކަލޭގެ ފާނު ހަދީޡް ފުޅުކުރައްވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާތިމާ ވައްކަން ކުރައްވައިފިނަމަ އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ. ކޮންފަދަ ޢިބްރަތްތެރި ވާހަކަ ފުޅެއްތޯއެވެ. މިޒަމާނުގެ “ވެރިން” މިކަންތައްތަކަށް ނަޟަރުކޮށް ބަލަން ވެއްޖެއެވެ. މީގެ އެތަކެއް ސަތޭކަ އަހަރުތަކެއް ކުރިން އައިސްފައިވި އިލާހީ ބަސްފުޅުތައް ދުނިޔޭގެ ކޮންވެންޝަންތަކާއި ޤާނޫނުގައި ހިމެނިފައިވެއެވެ. އެހެންކަމުން ހަމަހަމަކަމާއި މެދު ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ މާއްދާގެ ބޭނުމާއި މަތިވެރިކަން ވަރަށް ރަގަޅަށް އިސްލާމީ ޝަރީޢަތުގެ ނުޞޫޞްކުން އެގިގެން ހިނގައްޖެއެވެ.

އިސްލާމީ ޝަރީޢަތުގައި ހައްދުތަކާއި އިލްޒާމުތައް އެޅުވުމާއި ތަޞައްރަފްތައް އުފުލުމުގައި އިސްތިސްނާވެއެވެ. އެއީ އެބައިމީހުންނަކީ އެކަންކަމުން ޤަލަން އުފުއްލެވިގެންވާމީހުންނެވެ، އެއީ އެމީހުންގެ ޢަމަލުތައް ނުލިޔުއްވާނޭ މީހުންނެވެ. ރަސޫލާ ހަދީޡް ކުރެއްވިއެވެ. “ތިންމީހެއްގެ ކިބައިން ޤަލަން ވަނީ އުފުއްލެވިގެންނެވެ. އެއީ ކުޑަކުއްޖާ ބާލިޣްވުމަށް ދާންދެނެވެ. މޮޔަވެފައިވާ ހަމަބުއްދި އަންނަންދެނެވެ، އަދި ނިދާފައިވާ މީހާ ހޭލުމަށްދާންދެނެވެ.” މިތިންމީހުން އެހެން މީހުންނާއި ހަމަހަމައެއް ނުކުރެވޭނެއެވެ. އެހެނީ އެއީ އިސްތިސްނާވާ މީހުންކަމުގައިވާތީއެވެ.

ތަފާތުކުރުމަކީ މިމާއްދާގެ ދަށަން ވަންނަ އަދި މިމާއްދާގައި ބުނާ ގޮތާއި ޚިލާފުވުމެވެ. އިންސާނުންނަކީ ހުރިހާ ދާއިރާއަކުން ބަލާއިރު ހަމަހަމަވެގެންވާ ބައެއްނޫނެވެ. އެމީހުންގެ އަޤްލީ (ބުއްދި) ނުވަތަ ޖިސްމާނީ ގޮތުން ފެންނަން ހުރިކަންތައްތަކަށް ބެލިޔަސް އެކަން ވަރަށް ރަގަޅަށް އެގިފާޅުވެއެވެ. މިސާލަކަށް މަންމައަކަށް ލިބޭ ޙައްޤު ދަރިފުޅަށް ނުލިބިދާނެއެވެ. މިއީ އަދި މިކަމާއިގުޅޭ ވަރަށް އާދައިގެ މިސާލެކެވެ. ތަފާތު ނުކުރުމަކީ ޤާނޫނުކުރިމަތީގައި ހަމަހަމަވުމެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ ކުރީގެ ޤާނޫނީ ޕްރޮފެސަރެއްކަމުގައިވާ ޑރ. އެލް، ޖޭ، މާކް، ކޫރޭ ވިދާޅުވަނީ “ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވުމޭ ބުނެވެނީ ޤާނޫނުހަދާއިރު ދެމީހަކު ނުވަތަ ޖަމާޢަތެއް ތަފާތު ނުކުރުމެވެ. ޤާނޫނުގެ ރައްކާތެރިކަމަކީ ހެދިފައިވާ ޤާނޫނެއް ތަންފީޒުކުރުމުގައި ހަމައާއި އިންސާފަށް އަރައިނުގަނެ ތަފާތުނުކުރުމެވެ.”

ދުނިޔޭގެ އާދައަށް ބަލާއިރު މޮޅު، މުއްސަދި، އާރާ ބާރުހުރި، މޮޅު ހާންދާނަކުން ނުވަތަ ރަސްމަތިފުށުގެ މީހުންނަކީ އެހެންމީހުންނަށްވުރެ މާތް ބައެއްގެ ގޮތުގައިދެކެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާއިރުވެސް މިފަދަ ކަންތައްތައް އަދިވެސް ފެނެއެވެ. އަޅުގަނޑު މެން އާއްމުކޮށް ކިޔާއުޅެމުއެވެ “ދެރަމީހާއަށް ދެރަގޮތެވެ” ނުވަތަ “ނިކަމެތިމީހާއަށް ދެރަގޮތެވެ” މިއީވެސް ހަމަހަމަކަން ގެއްލުމުގެ ސަބަބުން އެކަމުގެ މާޔޫސީ ޚިޔާލުގައި ބޭނުންކުރެވޭ ބަސްތަކެވެ. ކޮންމެމީހަކީވެސް ޢިއްޒަތުއް ނަފްސެއް ލިބިފައިވާ މާތް މީހެކެވެ. އޭނާގެ މަތިވެރިކަން އުފުލިގެންދާނީ ތަޤްވާގެ މީޒާނުންނެވެ. އެހެންކަމުން ވެރިއެއްގެ ދަރިއެއް، ރައްޓެއްސެއް ނުވަތަ ތިމާގެމީހަކާއި އާދައިގެ ދެރަ ވަރުގެ މީހަކާއި ދެމީހުން ނަކީވެސް ޤާނޫނު ކުރިމަތީގައި އަދި ރައްކާތެރިކަން ލިބިދިނުމުގައި ހަމަ ހަމަވެގެންވާ މީހުންނެވެ.

ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ޤާއިމްކުރެވޭނީ ޢަދުލުވެރިވެގެނެއެވެ. އެތަނެއްގައި އޮންނަންޖެހޭނީ ޢަދުލުވެރި ސަރުކާރެކެވެ. އަދި ސަރުކާރުވެސް ދަޢްލަތުގެވެސް އަދި ޤައުމީ އެންމެހާ ރުކުންތަކުގެ މަތީގައި ޤާއިމްވެފައިވާންޖެހޭނީ ޤާނޫނުގެ މަތިވެރިކަމެވެ. އެއްވެސް މީހަކީ ޤާނޫނަށް ވުރެމަތީގައި ޤާނޫނުގެ ތަރަހައިން ބޭރުގައިވާ މީހެއްނަމަ އެފަދަ ބާރަކީ ޑިމޮކްރަސީއާއި ހަމަކަމާއި މުޅިން ޚިލާފް ވެފައިވާ މީހެކެވެ. ކޮންމެ ޤާނޫނެއްގައިވެސް އެޤާނޫނެއް އިސްލާޙުކުރާނެ ގޮތާއި އެޤާނޫނަކަށް ޢަމަލުނުކޮށްފިނަމަ އަދަބު ދޭނެގޮތާއި ނުވަތަ އެކަން ޙައްލުކުރާނެ ގޮތްވެސް ބަޔާންކޮށްފައިވާންޖެހޭނެއެވެ. ޤާނޫނަށްވުރެ މަތީގައި އާއްމުކޮށް ގޮތް ކިޔަން ތިބޭނީ ޚުދުމުހުތާރު ޤައުމުތަކުގައެވެ. އެއީ ރައްޔިތުންނަށް ހަރާމްކޯރުވެ، ވެރިކަމަށް ދަހިވެތިވެފައިވާ މީހުންނެވެ.

ޤާނޫނުގެ ކުރިމަތީގައި ހަމަވުމޭ ބުނެވޭ ބަހުގެ މާނައަކީ އެއީ ޢަދަބު ކަނޑައެޅުމުގަޔާއި ކުއްވެރިވުމުގައި ހަމަހަމަވުމެވެ. އެކަމަކު މީގެ މާނައަކީ ހުރިހާ ކުށެއްގައި ނުވަތަ ޤާނޫނީގޮތުން ލިބޭ ހައްޤުތަކުގައި އެއްވަރުވުމެއްނޫނެވެ. މިސާލަކަށް ވައްކަން ކޮށްގެން ގެނެވޭ މީހާއާއި ވައްކަންކޮށްގެން ގެނެވޭ އެހެންމީހަކު ތަފާތުކޮށްފާނެއެވެ. އޭރުން މިމާއްދާގައި އެބުނާ ހަމަހަމަކަން އޭގެ ޟާޙިރީ މާނާގައި ގެއްލިގެންދިޔައީއެވެ. އެހެންނަމަވެސް މިމާއްދާގައި ބުނާގޮތުގެމަތިންވެސް ކޮންމެމީހެއްގެ މަޞްލަޙަތަށް ރިޢާޔަތްކުރުމާއި އެކުގައި ތަފާތުކުރަންޖެހިދާނެއެވެ. ހުރިހާ ވައްކަމަކީ އެއްގޮތަކަށް ހިންގާކަންތައްތަކެއްނޫނެވެ. އެހެންނަމަވެސް ކުރިކުށަކީ ވައްކަމެވެ. ވަގަށް ނެގި އެތިވެސް ތަފާތުވެދާނެއެވެ. އަދި ވައްކަން ކުރިމީހާގެ އުމުރުވެސް ތަފާތުވެދާނެއެވެ. 16 އަހަރުން ދަށުގެ ކުއްޖަކާއި އެނޫން ކުއްޖެއް ޤާނޫނުގެ ކުރިމަތީގައި ތަފާތެވެ. އެހެންކަމުން ބުނެވިދިޔަ މާއްދާގައިވާ ހަމަކަން ޤާއިމްކުރުމުގައި ރައްޔިތުންނަށް އޮޅުން އަރާފާނެއެވެ. ޙަޤީޤަތަކީ ނުވަތަ އަސްލަކީ އެންމެންނަށް ހަމަހަމަކޮށް ކަންތައްތައް ކުރުމެވެ. އަދި އޭގެ އިސްތިސްނާއަކީ ޙާލަތާއި ވަގުތާއި ތަނަށް ބަލައި ބަދަލުވާނެކަންތައްތަކެވެ.

ޤާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަ ބުނެވޭ ބަހުގެ މާނައަކީ ޤާނޫނުން މީހުން ހިމާޔާތްކޮށްދިނުމެވެ. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ އަށް ޤާނޫނީ ވަކީލެއް ލިބިދިނުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤާއި، މުދަލާ ފުރާނައާއި މިފަދަ ކަންތައްތައް ޙިމާޔަތްކުރުމުގެ ޙައްޤަކީ ސިދާ ޤާނޫނު އަސާސީގެ ވަކިމާއްދާތަކުގައ ބަޔާންކުރެވިފައި ވިޔަސް ޤާނޫނުގެ ވެރިކަން ހިންގައިގެން މެނުވީ ވާނޭ ކަންތައްތަކެއްނޫނެވެ.

އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ހަމަހަމަވެގެން ވާންޖެހޭނެކަމަށް ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ؟ އެއީ ޤާނޫނަކުން މަނާކުރެވިފައިވާ ކަމެއް ކޮށްފައިވާ ދެމީހަކަށް މަޞްލަހަތަށް ބެލުމަށްފަހު ތަފާތުކުރުމެއްނެތި ޤާނޫނު ހިންގުމެވެ. ޤައުމުގެ ވެރިޔާ ނުވަތަ ނުފޫޒުގަދަ މަޤާމެއްގައި ހުރި މީހަކު އޭނާގެ ގާތް މީހުންނާއި ރައްޓެހިންނަށް ޤާނޫނީ އިމުން ބޭރުން ކަންތައްތައް ކޮށްދެމުން ދާއިރު އެހެން މީހުންނަށް ތަފާތުކޮށް ކުރުމަކީ އެއީ ޤާނޫނު ހިންގުމުގައި ހަމަހަމަނުވުމެވެ. ޤާނޫނީ ވަކީލެއްގެ އެހީ އެއްކުއްވެރިއަކަށް ލިބޭއިރު އަނެއް ކުށްވެރިޔާއަށްވެސް އެ ޙައްޤު ލިބިދިނުމެވެ. ހަމަހަމަކަމާއި ބެހޭ މިމާއްދާ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށާއި އަދި ޢަދުލު އިންސާފުޤާއިމްކުރާ ފަރާތުން ނެރޭ ނިންމުންތަކަށްވެސް ބާރު ފޯރުވައެވެ.

އެއްވެސް މީހަކަށް ޤާނޫނުގައި ބަޔާންވެގެން ވާގޮތަށް މެނުވީ އަދަބު ދެވިގެންނުވާނެއެވެ. އަދި އަނިޔާއަކީ އޭގެ ހުރިހާ މާނައެއްގައި މުޅީން މަނާވެގެންވާންޖެހޭކަމެކެވެ. އެހެނީ އަނިޔާއަކީ ޙައްޤުގެ އިދިކޮޅެވެ. ބާތިލްގެ ނަތީޖާއެވެ.

(ނުނިމޭ)

,

‮ ‬21‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. Mr.KUlhudhuFFushi‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މިސައުޓްގައި ހުންނަ ގިނަ ލިޔުންތަކަކީ ވަރަށް ފުރިހަމަ ލިޔުންތަކެއް. ހަޤީޤަތަކީ ކުޅުދޫފުށީ ގޮޑި ނަސީދު ގެންދިޔަ ކަމުގައި ވިޔަސް ކުޅުދޫފުށީ ގައިވެސް ޤާބިލް ދަރިން އުޅޭކަން. ކުރިއަށް އޮތްތަނުގައި އެފަދަ ގަޅި އެއްޗެއް ކުޅުދޫފުށީ ގަމާރުން ދެން ނުހަދާނެ ކަމަން.

  2. ދުންފަތްގަސްދޮށުގޭ ފަރީދު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ކަލޭނޭ ލެޓިން އަކުރުން ނަން އަޅައިގެން އެއް ވާމަކަށް ހާދަ ބަޔަކު މި ކޮންކަހަލަ އިއްތިފާގެއްބާ؟
    އާނ ދެން އަބްދުލް މަތީނު މި ލިޔުން މަތިން ހަނދާން ނެތުނީބާއޭ މަ މި ހިތަށް އަރަނީ..

  3. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ލިޔުންތެރިކަމުގައި، އަޅުގަނޑު ދަންނަ މިންގަނޑަކާއި، އެންމެ ބޭފުޅުން ބައްލަވާ އުސޫލެއް އޮވޭ. އެއީ، ކިޔުންތެރިންގެ ވަގުތު ނަގާނުލައި، ފޫހިނުކުރުވައި، ބުނަން ނުވަތަ ހާމަކުރަން ބޭނުންވާ އެއްޗެއް ހާމަކޮށް ނިންމާލުން. އަޅުގަނޑުމެން އިނގިރޭސިބަހުން މިކިޔާ އެޓެންޝަން ސްޕޭން ނުވަތަ ސަމާލުކަމުގެ ދިއުޅި ހުސް ނުވަނީސް މެސެޖް ފޯރުކުރުން. ޢަބްދުލް މަތީނުގެ ލިޔުމުގައި އޮއްޓަރު ހުރި ނަމަވެސް، ލިޔުން މާބޮޑަށް ދިގުވެފައިވުމުގެ ސަބަބުން އަޅުގަނޑު ތަންކޮޅެއް ފޫހިވާ ގޮތްވި މިލިޔުން ކިޔަން. އެއްސަބަބަކީ، އޮންލައިން ނުވަތަ އިންޓަނެޓަށްންތަ ލިޔުމެއް ލިޔާއިރު، ވީހާ ވެސް ކުރުކޮށްލުމަކީ ބީބީސީ، ސީއެންއެން ފަދަ ތަންތަނުން ވެސް ހިފަހައްޓާ މިންގަނޑެއް. ސަބަބަކީ، ކިޔާ މީހުން ކިޔާނީ ސްކްރީނަކުން ކަމަށްވެފައި، އެއީ ފޮތަކުން ނުވަތަ ނޫހަކުން ކިޔުންހާ ފަސޭހަ ކަމަކަށް ނުވާތީ.

    އަޅުގަނޑުގެ ނަޒަރުގައި މިލިޔުމަށް މިއޮތީ، އެތަން މިތަނުން އޮއްޓަރު ގެނެސް ހަމަ އުކާލާފައި، މީގައި އެބަހުރި، މިއަށް ވުރެ ކުރުކޮށް ވެސް މިވާހަކަތައް ގެނެވޭ ގޮތް. އަދި އެބަހުރި، ކޮންމެހެން ނުގެނަޔަސް، މައުޟޫއަށް އިންސާފު ކުރެވޭނެ ކަހަލަ ޕޮއިންޓްތަކެއް ވެސް. މިސާލަކަށް ޑރ. ކިންގ ގެ ސްޕީޗްގެ ބަޔާއި، ޤުރުއާނުގެ އާޔަތާއި، ޙަދީސާއި، ޕްރޮފެސަރ ކޫރޭގެ ވާހަކަ މިލިޔުމަށް އަންނަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެން މިދެންނެވީ ލިޔުމަކީ ދިވެހިރާއްޖޭގެޤާނޫނު އަސާސީގައި ހަމަހަމަކަން އޮތް ވާހަކަ ބަޔާންކޮށްދިނުން. އަޅުގަނޑަށް ހީވަނީ، އެ މައުޟޫގައި އޮންލައިން އާޓިކަލެއްގައި ދެއްކުން ރަނގަޅުވާނީ، އެހަމަހަމަކަމުގެ މާނައާއި، އޭގެ ބޭނުންކުރާނެ ގޮތުގެ ވާހަކަހެން. މީގައި ކޮންމެހެން ނުޖެހޭ ހަމަހަމަކަމަކީ އިސްލާމްދީން ގެނެސްދިން ކަމެއްކަން ބުނެދޭކަށް. ނޫނީ އަންހެނުންގެ ހައްޤުތަކާއި، ޑރ. ކިންގ ގެ ވާހަކަ ގެންނާކަށް. އެއީ މިއީ އެ މާއްދާގެ އެކަޑެމިކް ރިސާޗެއް ނޫން. މިއީ އެވައެރނަސް ނުވަތަ ހޭލުންތެރިކަން އުފެއްދުމުގެ މަޤުޞަދުގައި ލިޔުއްވާފައިވާ އާޓިކަލެއް. އެހެންވެ، މަތީނަށް ހަމަ ރަނގަޅަކަށް އަޅުގަނޑުގެ ޚިޔާލު މިދަންނަވާލީ. އަޅުގަނޑުގެ ނަސޭހަތަކީ، ތަންކޮޅެއް ކުރު ކުރައްވާށޭ އޮންލައިން އާޓިކަލްތައް. ދެން މިސީރީޒް މިހެން ކުރިއަށް ގެންދިޔުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު، އާޓިކަލްތައް ކުރުކޮށް ފޮނިކޮށް ލިޔުއްވީމާ، އޭގެ ހަޤީޤީ މެސެޖް ފޯރުކޮށްދެވޭނީ.

  4. ރައިވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ލިޔުން ފުރިހަމަ… ހާޝިމުގެބަހަށްވަސް ތާޢީދުކުރަން … މިއީ ސިލްސިސިލާ ގޮތަށް ދެމިގެންވާ މަޒުމޫނެއްކަމުން އޭގައި ލިޔުންތެރިޔާ ގެންނަވާފައި އެވަނީ ޙައްޤުތަކުގެވާހަކަ ހަމަހަމަކަމުގެ ވާހަކަ ހަމަހަމަކަން އައިސްފައިވާ ގޮތް އޭގެ އަޞްލު ކިޔުންތެރިންނަށް އަންގައިދިނުމަށްޓަކައި ޤުރްއާނާއި ސުންނަތުން ދަލީލު ގެނައުމަކީ ވަރަށް މުހިންމުކަމެއް މިހާރުގެ ގިނަ ލިޔުންތައް ކިޔާލުމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޙައްޤުތައް ނުވަތަ ހަމަހަމަކަން ގެންނަން މަސައްކަތްކޮށްފައިވަނީ ވަޟަޢީ ޤާނޫނުތަކުން ކަމުގައެވެ.
    ލިޔުންތައް ކުރުކުރައްވާއިރު ލިޔުންތެރިޔާ މިކަމަށްވެސް ވިސްނެވުމަކީ އަޅުގަނޑަށް ފެންނަ ރަނގަޅުގޮތެއް
    ޤުރްއާނާއި ސުންނަތް ދޫކޮށްލައިފިނަމަ އަހުންނަށް މަގު އޮޅުމަކީ ވާނޭކަމެއް….

  5. ޙިކްމަތު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މި ލިޔުން ކިޔަމުން ދިޔައިރު ހަނދާނަށް އަންނަނީ ދާދިފަހުން ރާއްޖޭގައި ހިނގި ކަމެއް. މަސްތުވާތަކެތީގެ މައްސަލައެއްގައި ސިރީލަންކާގައި ހައްޔަރުކޮށްފައިހުރި ދިވެއްސެއް، ދެ ގައުމުގެ ކުށްވެރިން ބަދަލުކުރުމުގެ މުޢާހަދާއެއްގެ ދަށުން ރާއްޖެ ގެނެސް ގޭބަންދަށް ދޫކޮށްލި ވާހަކަ. މިކަމުގައި އެއްބަޔަކު ތުހުމަތުކުރަނީ، އެއީ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ދަރިއަކަށް ވީމާ ލިބުނު އިމްތިޔާޒެއް ކަމަށް.
    ލިޔުން އަހަންނަކަށް ދިގެއް ވެސް ނޫން. އެކަމަކު ދެތިން ތަނެއްގައި އެބަ އޮތް “ނަޟަރު” މިހެން ކިޔާ ލަފްޒެއް. އަހަންނަށް ހީވަނި ބުނަން އެ އުޅެނީ “ނަޡަރު” ހެން، ނުވަތަ “ނަޒަރު”. އަދި އެބަ އޮތް “ޟާހިރީ” ވެސް. މިތަން ވެސް ރަނގަޅު ގޮތަކީ “ޡާހިރީ”.
    މިކަހަލަ ބަސްތަކަކީ މިއަދު ދިވެހި ބަހުން ޢިލްމީ ލިޔުންތައް ލިޔާ އިރު ވަރަށް ޢާއްމުކޮށް ބޭނުންކުރާ ލަފްޒުތަކަކަށް ވާއިރު، ވަރަށް ގިނަ ބަޔަކަށް އޭގެ މާނަޔާ ލިޔާ ގޮތް ނޭނގި އޮވެދާނެ ލަފްޒުތަކެއް. ދެން މިފަދަ ލިޔުންތައް ބަލައިގެން ސްކޫލްކުދިންނަށް މި ލަފްޒުތަށް ނުބައިކޮށް ދަސްވުމަކީ އެއްގޮތަކަށް ވެސް ޞިއްޙީ ކަމެއް ނޫން. ލިޔުންތެރިން ވެސް އެޑްމިން އިން ވެސް މިކަންކަމަށް ސަމާލުކަން ދެއްވުން ރަނގަޅުކަމަށް އަޅުގަނޑަށް ފެނޭ.
    މަތީން ލިޔުއްވަމުން ގެންދަވާ މި ސިލްސިލާ އަޅުގަނޑު ހަމަ ކިޔަމުން މި ގެންދަނީ ވަރަށް ޝައުޤުވެރިކަމާ އެކު.

  6. އަޖޭ ސައިކަލުން ފައިބަމުން‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މި ލިޔުމުގައި ވަރަށް ބައިވަރު އިމްލާ ކުށްތައް ހުރިކަން ފާހަގަވޭ. މިފަދަ ކަންކަމަކީ އެހެން މީހަކު ލައްވާ ކިޔުއްވައިގެން ނަމަވެސް ލިޔުން ޕަބްލިޝްކުރުމުގެ ކުރުން ރަނގަޅު ކުރަންޖެހޭ ކަންކަންކަމަށް އަޅުގަނޑު ދެކެނީ. ފުރަތަމަ ސޫރަތުގެ ނަންވެސް އެއޮތީ ރަނގަޅަކަށް ނޫން. ރަނގަޅު ގޮތަކީ ސޫރަތުލް ހުޖްރާތު. ހަމައެހެންމެ ނުބައި ގެނެވިފައި ހުރި އެހެން ބަސްތަކުގެ ތެރޭގައި “ޙަދީޘް” މިބަހާއި “ވަޟަޢީ” ވެސް ފާހަގަކޮށްލެވޭ. ޙިކުމަތުވެސް އެއޮތީ އެހެން ބަހެއް ފާހަގަކޮށްފައި. އެހެންކަމުން ރަނގަޅުގޮތަކީ މި ބަސްތައް އެޑްމިން އިން އިސްލާޙްކޮށްލެއްވުން.

  7. ދެކެވޭ ވާހަކައާއި މެދު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މިސައްޓްގައި ސާއިރްކުރެވޭ އާރޓިކަލް ތަކައް ލިބޭ ގިނަ ކޮމެންޓްތައް ވަރަށް ފުރިހަމަ ނަމަވެސް މިހާރު މިފެންނަނީ ޒާތީ ކަމެއް ކުރިއަށް ނެރެގެން އުޅޭ މަންޒަރު.

  8. ރައިވެރިޔާ‮ ‬ވިދާޅުވީ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ލިޔުން އަހަންނަކަށް ދިގެއް ވެސް ނޫން. އެކަމަކު ދެތިން ތަނެއްގައި އެބަ އޮތް “ނަޟަރު” މިހެން ކިޔާ ލަފްޒެއް. އަހަންނަށް ހީވަނި ބުނަން އެ އުޅެނީ “ނަޡަރު” ހެން، ނުވަތަ “ނަޒަރު”. އަދި އެބަ އޮތް “ޟާހިރީ” ވެސް. މިތަން ވެސް ރަނގަޅު ގޮތަކީ “ޡާހިރީ”.
    މިކަހަލަ ބަސްތަކަކީ މިއަދު ދިވެހި ބަހުން ޢިލްމީ ލިޔުންތައް ލިޔާ އިރު ވަރަށް ޢާއްމުކޮށް ބޭނުންކުރާ ލަފްޒުތަކަކަށް ވާއިރު، ވަރަށް ގިނަ ބަޔަކަށް އޭގެ މާނަޔާ ލިޔާ ގޮތް ނޭނގި އޮވެދާނެ ލަފްޒުތަކެއް.

  9. އަޖޭ ސައިކަލުން ފައިބަމުން‮ ‬ވިދާޅުވީ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ޤާއިމްކުރެވޭނީ ޢަދުލުވެރިވެގެނެއެވެ. އެތަނެއްގައި އޮންނަންޖެހޭނީ ޢަދުލުވެރި ސަރުކާރެކެވެ. އަދި ސަރުކާރުވެސް ދަޢްލަތުގެވެސް އަދި ޤައުމީ އެންމެހާ ރުކުންތަކުގެ މަތީގައި ޤާއިމްވެފައިވާންޖެހޭނީ ޤާނޫނުގެ މަތިވެރިކަމެވެ. އެއްވެސް މީހަކީ ޤާނޫނަށް ވުރެމަތީގައި ޤާނޫނުގެ ތަރަހައިން ބޭރުގައިވާ މީހެއްނަމަ އެފަދަ ބާރަކީ ޑިމޮކްރަސީއާއި ހަމަކަމާއި މުޅިން ޚިލާފް ވެފައިވާ މީހެކެވެ. ކޮންމެ ޤާނޫނެއްގައިވެސް އެޤާނޫނެއް އިސްލާޙުކުރާނެ ގޮތާއި އެޤާނޫނަކަށް ޢަމަލުނުކޮށްފިނަމަ އަދަބު ދޭނެގޮތާއި ނުވަތަ އެކަން ޙައްލުކުރާނެ ގޮތްވެސް ބަޔާންކޮށްފައިވާންޖެހޭނެއެވެ. ޤާނޫނަށްވުރެ މަތީގައި އާއްމުކޮށް ގޮތް ކިޔަން ތިބޭނީ ޚުދުމުހުތާރު ޤައުމުތަކުގައެވެ. އެއީ ރައްޔިތުންނަށް ހަރާމްކޯރުވެ، ވެރިކަމަށް ދަހިވެތިވެފައިވާ މީހުންނެވެ.

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ދެކެވޭ ވާހަކައާ މެދުއަށް.
    ލިޔުމެއް ޝާއިރެއް ނުކުރާނެ. ކުރާނީ ޝާއިޢު. ޝާއިރަކީ ޅެންހަދާމީހާ. ޝާއިޢުއަކީ ޕަބްލިޝްކުރުން. ނުވަތަ އާންމުންނަށް ލިބޭ ގޮތަށް ނޫހަކަށް، މަޖައްލާއަކަށް ދޫކޮށްލުން. ނުވަތަ ފޮތެއްގެ ސިފައިގައި ޗާޕުކޮށްގެން ނެރުން.

  11. ހަމީދު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ބުނެލަން ބޭނުންވަނީ ވަރަށް ކުޑަ ދެތިންވާހަކައެއް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ ހަމައެކަނި އަސާސީން މާނަކުރެވޭނެ އެއްޗެއްނޫން، އެކަމުގައި އިސްލާމީ ޝަރީޢަތަށް ބަލަންޖެހޭ، އެއީ ޤާނޫނު އަސާސީގެ މައްޗަށް އޮތް “ޤާނޫނީ މަސްދަރަކީ” އެއީ ކަމުގައިވާތީ، ދެވަނައަށް އިސްލާމީ މުޖުތަމަޢާއި އަދި މިނިވަން ޑިމޮކްރަސީތަކުގައި އެކަންހިނގާ ގޮތަށްވެސް ބަލަން އެބަޖެހޭ، އެއީ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން އެކަން ހިފެހެއްޓޭނީ ، ނުވަތަ މަނާކުރެވޭނެ މިންވަރަކީ މިނިވަން ދިމިގުރާތީ މުޖުތަމަޢުތަކުގައި އެކަންކުރާގޮތަށް، އެކަން އޮތްހަމައަކުން، އެހެންވީމާ އެކަން ރައްޔިތުންނަށް އަންގައިދޭން އެކަންކުރާމީހަކު އެހުރިހާކަމަށް ބަލަން ޖެހޭނެހެން އަޅުގަނޑަށް ހީވަނީ، އެހެންނޫނީ މިނިވަންކަމަކީ އެމީހެއްގެ އަމިއްލަ ޒާތު އެމައްޗަށް ހުއްޓިފައިވާ އޭނާއަށް ލެބިފައިވާ، އޭނާގެ ހާލަތާއި ގުޅިފައިވާ އެބައެއްގެ އަމިއްލަ ޒާތް އެމައްޗަށް ވެރިވެފައިވާ އެއްޗަކަށްވެދާނެހެން އަޅުގަނޑަށް ހީވަނީ،

  12. ކަޅުމަރިޔަބު އަތިރި ހޮޅުއަށީގައި އިދެފަ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ވަރަށް ފައްކާ ލިޔުމެށް..މިރަށު ސޮރުމެންނަށް އަދި ނޭގޭނެ ޤާނޫނު ކިޔަންވެސް…

  13. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މިދުވަސްވަރު މިއުޅެނީ ވަރަށް އެހެން ކަހަލަ ގޮތަކަށް. މިއާދެވުނު ތަނަކާ ހުރެ އަދި އަތް ފޯރާ ފަށަކަށް އިންޓަރނެޓެއް ނާދޭ.

  14. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    އަޅުގަނޑު އުންމީދުކުރަނީ ދާދި އަވަހަށް ބިލް އޯ ރެލީގެ އަތްފޯރާ ފަށަށާއި އަތްޖެހޭ ހިސާބަށް އިންޓަރނެޓް އަންނާނެ ކަމަށް.

  15. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    އަޅުގަނޑަށް ފެންނަގޮތުން މިލިޔުން ތަންކޮޅެއް ދިގު. އަދި އެހެން ބައެއް ބޭފުޅުންވެސް ވިދާޅުވި ފަދައިން ލިޔުން ކިޔާ ނިންމާލެވުނީ ޒާތެއްގެ ފޫހިކަމަކާއި އެކު. ޤާނޫނު އަސާސީގައި ރައްޔިތުންނަށް ލިބޭ ހައްގުތައް ކިޔުންތެރިންނާއި ހަމައަށް ގެނައުމަށް މަތީން ފެއްޓަވާފައި މިވާ މަސައްކަތަށް ޝުކުރު ދަންނަވަން. ފުރަތަމަ މިސިލްސިލާ ފެށި އިރު އަޅުގަނޑަށް ހީކުރެވުނީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކުގެ އިތުރުން މުހިއްމު ބައެއް ނުކުތާތައްވެސް ފާހަގަކޮށްލާނެކަމަށް. އެކަމަކު ބޮޑަށް މިސިލްސިލާ މިދަނީ ރިސާޗުކުރުމާއި އެކަޑެމިކް ގޮތްގަނޑުގެ ތެރެޔަށް. ތިގޮތްވެސް ގޯހެކޭ ނޫން. އެކަމަކު އަޅުގަނޑު ބޮޑަށް ބޭނުންވަނީ ގާނޫނު އަސާސީގެ މާއްދާތަކާއި ހުރި މުހިއްމު ނުކުތާތަކުގެ ހުލާސާއެއް ކިޔުންތެރިންނަށް ފެންނާނޭހެން ގެނެސްދިނުން. މިޚިޔާލަށް އެހެން ކިޔުންތެރިން ތާއީދު ކޮށްފިނަމަ މަތީންވެސް މިޚިޔާލު ބަލައިގަންނާނެ ކަމަށް ހީކުރަން.

    އަދި މިލިޔުމަށް ކޮށްފައި އެހުރި ތާކުންތާކު ނުޖެހޭ ކޮމެންޓުތައް ނެގުން ރަނގަޅުކަމަށް ފެނޭ.

  16. DOg‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ތީގެ ތެރެއިން ގިނަ މީހުން ފާހަގަ ކޮށްފައިވާ ގޮތަށް މިލިޔުން ތަންކޮޅެއް ދިގު، އަދި ބުނަންތަ ގާނޫނީ ލިޔުންކިޔަން ގިނަ މީހުން ފޫހިވާނެ ދިވެހިންނަށް ގާނޫނު އަސާސީ އާއި ގާނޫނު ހަދާ މަޖިލީހެއް އޮތްކަން މިއެނގުނީ އިހަށް ދުވަހަކު، ގާނޫނަކީ އެކަމަށް ސައުގުވެރިކަން ނެތް ބަޔަކު ކިޔަން އެހާ ފައްސޭހަ ގޮތަކަށް އޮންނަ އެއްޗެއް ނޫން، ތިމާ އަށް ކަމެއް ދިމާވެގެން ގާނޫނުގައި ބުނަނީ ކީކޭތޯ ނުހަނު ސައުގުވެރިކަމާއި އެކު ބެލިއަސް އޭގެ އަސްލު މާނަ ނޭނގިދާނެ، އެހެން މިބުނީ އެފަދަ ބާބުތަކުގައި ހުންނަ އެއްޗެއް އޮޅުން ފިލުވުމަށް ގާނޫނީ ވަކީލުން ކައިރިއަށް ދިއުމުން އެމީހުންގެ ތެރެއިންވެސް އެކި މީހުން ބުނަނީ އެކި ގޮތަށް، ގާނޫނަކީ ބޯކިބަލެއް އެމީހަކު އޭގެ ސިފަގެންނާނީ އެމީހަކު ހިތަށް އެރި ގޮތަކަށް، ދެންބުނެލަން އޮތީ އަންހެނުންނާއި ފިރިހެންނުން ހަމަހަމަ ކުރުން އިސްލާމް ދީނުގައި އޮތީ ތިބުނާ މުއާހަދާއަކާއި އެއްގޮތަށްތޯއޭ އެއްގޮތަށް ނެތްނަމަ މިތަނުގައި އެކަން އޮގަތް ކުރެވޭނެތޯއޭ މިއީ 100 ޕަސަންޓް މުސްލިމުންކަމުގައި ދައުވާކުރާ އިސްލާމީ ސަރީއަތް ހިންގަމުންގެންދާ ބަޔެއްކަމަށް ބުނެވޭ ހިނދު، އިސްލާމުން ތަބާވާންޖެހޭނީ ކީރިތި ގްރުއާން އަށާއި ރަސޫލާގެ ނުންނަތަށް އދ. ގެ މުއާހަދާއަކަށް ނޫން، ދެން ބައެއް މީހުންގެ ކޮމެންޓްގައި ފާހަގަކޮށްފައި އެބޮތް ސަރަގް އާދަމް ދަރި ގެނައިވާހަކަ އިސްލާމް ދީން ދިފާއުކުރުމަށް ކުރެވުނު ހަގުރާމަތަކުގައިވެސް އަސީރުން ބަދަލުކުރިކަމަށް ފޮތްތަކުންނާއި ދަންނަ ބޭކަލުން ކިޔައިދޭ އަޑުއެހިން ވެދާނެ އެފަދަ މަސްތުވާތަކެތީގެ ހަގުރާމައެއްގައި ހައްޔަރުވި ސޮރެއްކަމަށް އެ ގެނައީ. މިއީ މަސްތުވާތަކެތި ވިއްކާ 06 މީހުން އެހަގުރާމަ ފުޅާކުރަމުންގެންދާ ގައުމެއް އިތުރު މީހަކު ވެއްޖެނަމަ ހަނގުރާމަ ވަރުގަދަވާނެތީ އެފަދަ މީހަކު ނުގެނެސް ގައުމަށް އެއްވެސް ފައިދާއެއް ނުކުރާނެ، އެހެން ނޫނަސް މިރާއްޖޭގައި މިނޫން ދުވަހެއް ނާންނާނެ،.

  17. DOg‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ކުރިން ވެރިކަންކުރި މީހުންވެސް މިހާރު ވެރިކަންކުރާ މީހާވެސް މިކުރަނީ ވެރިކަން އެމީހާއަށް ފައިދާ ވާގޮތަށް ރައްޔިތުންނަށް ވަނީ ހަރާންކޯރު . މުޅިންވެސް ހުދުމުހުތާރު ވެރިކަން، އެމީހުން ތިބެނީ ގާނޫނު މަތީގައި އެމީހުންނަށް އަމުރު މައުރޫޕް ހިންގޭނެ ގާނޫނެއް މިރާއްޖެ ކީއްކުރަން މިދުނިޔޭގައިވެސް ނެތް.

  18. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ކުދިންނޭ ކިހިނެއްހާލު އަހުވާލު!.މިހާރު ލިއުންތައް އަޕުޑޭޓު ވާލެއް ތަންކޮޅެއްލަސްކަމުން، މިސައިޓަށް ވަދެލެވެނީ ވަރަށް މަދުން. އެކަމަކު މިއަދު މި ބަލާލިއިރު ރަނގަޅު ލިއުމެއްމިއޮތީ. ދެން އަޅުގަނޑު ބުނަން ބޭނުންވި ވާހަކަ އެއޮތީ ހާޝިމް ބުނުއްވާފަ .އެއީ ތަންކޮޅެއް ލިއުން ދިގުވާހަކަ. ދެން ބައެއްބޭފުޅުން ލިއުމުގައިވާ އިމްލާކުށްތއް ފާހަގަ ކޮށްދެއްވައިފި.މިތަނުގައި ތިޔަގޮތަށް ރަނގަޅު ގޮތުގައި ކޮމެންޓު ކުރައްވާނަމަ ލިއުންތަކުގެ ފެންވަރު ރަނގަޅުވާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތް. އަދި އެބޭފުޅުންނަށް ޝުކުރުވެސްދަންނަވަން.ދެރަކަމަކީ ބޭއަދަބީ ގޮތަށް ބައްބޭފުޅުން ކަންތައް ކުރައްވާތީ. އަޅުގަނޑުގެ ކޮމެންޓުގައި ކުށެއްވާނަމަ ފާހަގަކޮށްދެއްވުން އެދެން.

  19. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ޑޯގުގެ ވާހަކައަށް %75 އަޅުގަނޑު ތާއީދުކުރަން.ހެހެ

  20. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ހާޝިމޫ! ބޭބެ ވެއްޖެ ކަލޯއަށްވީ އެއްޗެއް އެޑުމިން އާއި ހަވާލުކޮށްފަ ލިބުނީމަ އަންގާލާތި އިނގޭ. އަހްމަދު އަބްދުލް މަތީން ވަސް ހާދަމޮޅޭދޯ.ތިޔަހޮވި ނަޝީދު ނުވެއޭނުން އެކައްޗަކަށްވަސް.

  21. އަމީތާބު‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    މަލަކަށް ބުނެވޭނެ މަލެއްނެތް. ގުދޫ ގުދޫ ގޮވޭނީ. ލިޔުން ދިގުކަމަށް ބުނެ ޝަކުވާކުރާ މީހުންގެ ހާލަކީވެސް ހަމައެފަދަ، އެމީހުން ކުރާކޮމެންޓް ކުރު ޚުތުބާއެއްވަރުވޭ.