Share

ރޯދައަށް ބޯދޮވުމާއި، ސިޔާސީ ބޯދޮވުން

ރޯދައަށް ބޯދޮވުމާއި، ސިޔާސީ ބޯދޮވުން
މުޙައްމަދު އިސްމާޢިލް

ރޯދައަށް ބޯދުވޮމަކީ ކުޅުދުއްފުށީގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭކަމެކެވެ. ރަމަޟާން މަސް އައުމުގެ ކުރިން ލިބޭ ހަފްތާ ބަންދުގައި މޫދަށް ދިއުމަކީ ރޯދައަށް ބޯދޮވުމެވެ. ދުރު މާޒީއަކަށް ނަޒަރު ހިންގާލާއިރު ރޯދައަށް ބޯދޮންނަނީ ކިހިނެތް ކަމެއް ނޭގެއެވެ. އެހެންނަމަވެސް މިވީ ދިހަ ވަރަކަށް އަހަރު ތެރޭ ކުޅުދުއްފުށީ މީހުން ރަމަޟާން މަސް އައުމުގެ ކުރިން އަންނަ ހަފްތާ ބަންދުގައި މޫދަށް ގޮސް މަޖާ ކޮށްލުމަށް “ރޯދައަށް ބޯދޮވުމޭ” ކިޔައެވެ. ތަފާތު ނަންނަމުގައި ހަމަ އިސްވެ ފާހަގަ ކުރި ބީދައިން ދަތުރު ގޮސް އުޅުމަކީ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންގެ މެދުގައިވެސް ވަރަށް އާއްމު ކަމެކެވެ.

ރޯދައަށް ބޯދޮންނަނީ ކީއްކުރަން ހެއްޔެވެ؟ އާދެ، ރޯދައަށް ބޯދޮންނަ އަސްލުު ބޭނުން ކުޅުދުއްފުށީގެ ދުވަސްވީ ފަރާތްތަކަށް ވެސް ވަނީ އޮޅުމެއްގެ ތެރޭގައެވެ. އެހެނީ، ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެއީ އިހުޒަމާނުގައި ރޯދަމަސް އައުމުގެ ކުރިން ހިނައިި ތާހިރު ވުމަށް ކޮށް އުޅުނު ކަމެއް ކަމަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ ރޯދަމަހަކީ އާއްމުކޮށް މޫދަށް އެރި އުޅޭ ދުވަސްތަކަކަށް ނުވާތީ ރޯދަމަހުގެ ކުރިން އެ އުފާ ލިބިގަތުމަށް ޓަކައި ކުރެވޭ ކަމެކެވެ. ކޮންމެއަކަސް މީގެ މާބޮޑު ތަފްޞީލަކަށް ނުދިޔަކުމަގައި ވިޔަސް ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ މިއީ އިސްލާމް ދީނުގައި އެ ކަމެއް ކުރަން އަންގަވާފައިވާ ކަމަކަށް ނުވާ ކަމެވެ.

އަޅުގަނޑަށް ރޯދައަށް ބޯދުވުން މާނަ ކުރެވެނީ ކަމަކުން މަނާވެގަތުމުގެ ކުރިން ނުވަތަ ވަކި ކަމެއް ނުކުރެވޭ ފަދަ ދުވަސްތަކެއް އައުމުގެ ކުރިން އެ ކަމެއް ކުރުމުގެ އުފާ ލިބުގަތުމަށެވެ. ދެވަނަ މާނައަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނު މާނައަކީ ކުރިމަތި ވަމުން އަންނަ ކަމަކަށް ތައްޔާރުވުމެވެ.

ސިޔާސީ ބޯދޮވުން

ސިޔާސީ ބޯދޮވުން އަޅުގަނޑު މާނަ ކުރަނީ ބަދަލަށް ތައްޔާރުވުމަށެވެ. ރޯދައަށް ބޯދޮވުމާއި އެކީ މިއަދު މިއޮތީ ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ބޯ ދޮންނަންޖެހިފައެވެ. މި ދުވަސްވަރަކީ ސިޔާސީ ގޮތުން ޒަލްޒަލާއެއް މި ދިވެހި ޤައުމަށް އައިސްގެން އުޅޭ ދުވަސްވަރެކެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތީ ސިޔާސީ ކުންނު ކަމުގައިވާ ރިޔާސީ އިންތިހާބެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ ދެ އިންތިހާބުގެ ފަހުން ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ތަކުގެ އިންތިހާބެވެ.

ސިޔާސީ ގޮތުން އަޅުގަނޑުމެން ބޯ ދޮންނަން ޖެހެނީ މި އައި ބަދަލާއި ކުރިމަތި ލުމަށްޓަކައެވެ. އަޅުގަނޑުމެންގެ ސިކުނޑީގައި ހަރުލާފައިވާ “ހަކުރު ދެންޏާ ބޮޑުބޭބެ” އުސޫލު ބަދަލު ކުރުމަށްޓަކައެވެ. މާޒީގައި އިންތިހާބު ތަކުގައި ކަންކުރަމުން އައި ގޮތް ބަދަލު ކުރުމުގެ ބޭނުމުގައެވެ.

ކޮންމެއަކަސް ރަމަޟާން މަހާއި ރިޔާސީ ކެމްޕޭން ދުވަސްވަރާއި ދިމާވުމުން ރޯދައަށް ބޯދޮންނައިރު ސިޔާސީ ބަދަލަށް ތައްޔާރުވުމަށްޓަކައި ވެސް ބޯދޮންނަންޖެހެއެވެ. ރިޔާސީ ކެމްޕޭން ގައި ވަޢުދު ވަމުންދާ ފަރާތްތަކުން އެ ކުރަމުންދާ ވަޢުދުތަކާއި މެދު އަޅުގަނޑުމެން ވިސްނަން ޖެހެއެވެ. ތަފާތު ވަޢުދުތައް ކުރަމުންދާއިރު އެ ކަންތައްތަކަކީ ކުރެވިދާނެ ކަންތައްތަކެއް ތޯ ބަލަންޖެހެއެވެ. އިހްލާސްތެރިކަމާއި އެކު ޤައުމަށް ހިދުމަތް ކުރެވިދާނެ ފަރާތެއް ތޯ ބަލަންޖެހެއެވެ. ނޫނީ، މި “ފެހި” ޤާނޫނު އަސާސީ އިން ދިވެހިންނަށް ލިބެން ހުރި “ފެހި” ދުވަސްތައް އައުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.



ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ