Share

ދަނޑިވަޅު

ދަނޑިވަޅު
ޢަބުދުއްރަޝީދު ސަޢީދު

ވަރަށް އެކުގައި އުޅުނު ފަސްޒުވާނެކެވެ. މަސައްކަތަކީ މިކުދިންގެ ކާނާއެވެ. ޢަޒުމަކީ ކުރިއަރާ މޮޅުވުމެވެ. އުމުރުގެ ގޮތުން ގައިބާރު އެންމެ ގަދަ އުމުރުފުރާއެވެ. ކަށިނޫފުރައިގެ ޒުވާނުންނެވެ. މިކުދިންގެ މަސައްކަތުގެ އަޚްލާގު ރަނގަޅުވީ ވަކި މީހަކު މިކުދިންގެ މަސައްކަތްބަލާ އެކަމަށް ހިތްވަރުދީ މުސާރަ ބޮޑުކޮށް ހަދާތީއެއްނޫނެވެ. މަސައްކަތުގައި ކުރިއަށްދާން ބޭނުންވާތީއެވެ. އާގޮތްތައް އުނގެނި ތިމާމީ މޮޅުމީހެއްކަން ސާބިތުކޮށްދޭން ބޭނުންވީތީއެވެ.

މިޒުވާން ކުދިންގެ ފުރަތަމަ މަސައްކަތަކަށްވެގެން އައީ ހައިވޭތަކުގެ މަގުތަކުން ދުއްވާފައިދާ އުޅަނދުފަހަރަށް ދިމާވާ ކުދިކުދި މައްސަލަ ހައްލުކޮށްދިނުމެވެ. މިމަސައްކަތުން ފަސްކުދިން ކައިބޮއެ އަސާސީބެނުންތައް ފުއްދެއެވެ. މިކުދިންގެ ގެދޮރަކީ ހައިވޭތަކާއި އިންވެގެންވާ ބިއަ ޖަންގަލީތަކެވެ.

މިކުދިންގެ ތެރެއިން އެއްމެ އިސްކޮށް ހަރަކާތްތެރިވާ ލީޑަރަކީ އަބްޝަރެވެ. އަވަހަށް ކަންކަން ދަސްކުރުމުގެ ތޫނުފިލިކަމާއި، މީހުންނާއި އެކުވެރިވެ ކަންކަން ކުރުމުގެ ޤާބިލިއްޔަތަކީ މީނާއަށް ގުދުރަތުން ލައްވާފައިވާ އެންމެ މާތްސިފަތަކެވެ. ހަށިގަނޑު ބިއަ މަސައްކަތްދަންނަ ހީވާގި ޒުވާނެކެވެ. އަސްގާޑިޔަލެއްގެ ފުރޮޅު ނައްޓާލާނެ ގޮތް މީހަކު ދެވަނަފަހަރަށް ބުނެދޭން ޖެހޭނެކަމަށް އަބްޝަރް ގަބޫލުނުކުރާ ކަހަލައެވެ. މީނާގެ ފުރަތަމަ އިޖާދަކަށްވީ ފަސޭހަކަމާއެކު ޖަންގަލީގެ ފުންވަޅުން ފެންނަގާނޭ ފަސޭހަގޮތް ހޯދާ ގިނަބަޔަކަށް އެގޮތް ތައާރަފްކުރުމެވެ. މެޝިންއެއް މަސައްކަތްކުރާގޮތް ފެނިއްޖެނަމަ އެމެޝިނެއް ނުވަތަ އެއައްވުރެ ފުރިހަމައަށް އެމެޝިނެއް ތައްޔާރުކުރެވޭތޯ އޭނާ ބަލާނެއެވެ. މީނާގެ އަނެއް ހަތަރު ބައިވެރިންގެ ހިތްވަރާއެކު މިހައިވޭތަކުގައި ދަތުރުކުރާ ހުރިހާ މުސާފިރުންގެ ރަހްމަތްތެރި ގުރޫޕަކަށް އަބްޝަރްގެ ގުރޫޕްވެއްޖެއެވެ.

އެއްދުވަހެއްގެ ހޫނުގަދަ މެންދުރުގެ ވަގުތުގައި އަބްޝަރްގެ ގުރޫޕު މެންދުރުގެ ނާސްތާއަށް އިންސާފުކުރަމުންދިޔަ ވަގުތުގައި ރަސްގެފާނުގެ އަސްގާޑިޔާކޮޅަށް ދިމާވި މައްސަލައެއްގައި މިގުރޫޕުގެ އެހީއަކަށް އެދި ރަސްގެފާނުގެ އަސްގާޑިޔަލުގެ އާރުކާޓީ އަތުވެއްޖެއެވެ. އަބްޝަރްގެ ބަހަކަށްވީ ރަސްގެފާނު ވިޔަސް އަދި އާދައިގެ ނިކަމެއްޗަކަށް ވިޔަސް މަސައްކަތް ކުރެވޭނީ ކައިގެން، ގައިގަ ވަރުޖެހިގެންކަމުގައެވެ. ނަމަވެސް ރަސްގެފާނުގެ އާރުކާޓީ މިކަން ގަބޫލެއްނުކުރިއެވެ. ނަތީޖާއަކަށްވީ އެންމެ ރަނގަޅަށް ނާސްތާއަށް އިންސާފުނުކުރެވި ރަސްގެފާނުގެ އަސްގާޑިޔަލުގެ މަސައްކަތައް ދާންޖެހުމެވެ. އަބްޝަރްގެ މޮޅު އުކުޅުތަކުގެ ބޭނުން ނުހަނު ފުރިހަމައަށް ހިފައި ހިނދުކޮޅެއްގެ ތެރޭގައި ޖެހުނުމައްސަލަ ހައްލުވެ ރަސްގެފާނުގެ ދަތުރަށް ފަށައިފިއެވެ. ދަތުރު ހަމަ ފެށުމާއެކު އަސްގާޑިޔަލުގެ ދުވެލި އާދަޔާހިލާފު ބާރުވެ ޖަންގަލީގެ ތެރެއަށްވަދެ، މަގުއޮޅި ރަސްގެފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަހަމްތައް ލިބިއްޖެއެވެ. ރަސްގެފާނުގެ ވިސްނުމަކަށްވީ މަގުމަތިން ދިމާވި ގާޑިޔާ މަރާމާތުކުރި ގުރޫޕްގެ ރޭވުމަކުން ގާޑިޔަލުގެ އަސްތައް ރުޅިއަރުވައި، އެސޮރުމެން ހަމައިންނައްޓުވާލީ ކަމުގައެވެ. ރަސްގެފާނުގެ އަމުރުފުޅަކަށްވީ އެފަސްމީހުން ހޯދައިގެން ގެނެސް ޝަރީޢަތުގެ މަޖިލީހަށް ހާޟިރުކުރާށެވެ.

ރަސްގެފާނުގެ އެންގެވުމުގެމަތިން މިފަސްމީހުން ގެނެވި ޝަރީޢަތްފެށި، ރަސްގެފާނު މިހުށައެޅުއްވި ހުށައެޅުމަކީ ޞައްޙަ މައްސަލައަކަށްވެ މީގެ ތެރެއިން މިކަމުގައި ބައިވެރިވިކަމަށްވާ ތިންމީހުންނަށް މަރުގެ އަދަބުދޭން ހުކުމް އިއްވުމެވެ. މީގެތެރޭގައި އަބްޝަރް ހިމެނެއެވެ. މުޅިސަހަރުތެރޭގައި މިވާހަކައިގެ އަޑުގަދަވެ މުޅި މުޖުތަމައު ބިރުވެރިކަމުގެ އައްސޭރިއަކަށްތިލަވެއްޖެއެވެ. ނަމަވެސް މިތިންމީހުންގެ އާއިލާއިން، ކުޑަމިނުން ކަރުނައަޅާ ރޯލާނޭ މީހެއްވެސް ނެތުމާއެކު މިތިން މީހުންނަށް ކުރި މާބޮޑު އަސަރެއްނެތެވެ.

މިއަދަކީ ސަހަރުގެ އެންމެންގެ ކުރިމަތީ އަބްޝަރްއާއި އޭނާގެ އަނެއް ދެބައިވެރިން މަރަށް ހާޟިރު ކުރެވޭދުވަހެވެ. ރަސްގެފާނުގެ ދަރުބާރަށް މީހުންއެއްވެއްޖެއެވެ. މިތިންމީހުންމެރުމަށް ކުރަންޖެހޭ ހުރިހާތައްޔާރީތަކެއްވަނީ ކޮށްނިންމާފައެވެ. އެއްވެތިބި އެންމެންވެސް އިންތިޒާރު ކުރަމުންދަނީ މިތިންމީހުން ހާޟިރުކުރެވި މިނިޔާއިއްވޭނޭ ވަގުތަކަށެވެ. ބަންދުކޮށްފައިވާ ގޮޅިތައް ބަލަހައްޓާ މީހުންދިޔައީ ތިންކުށްވެރިންގެ ބޮލާއި ތުނބުޅިމަތިމަސް ބާލުވާ އެންމެފަހުގެ ފެންވެރުމުން ފެންވަރުވާ ހުވަނދުލައްވާ ތައްޔާރުކުރަމުންނެވެ. ތިންކުށްވެރިން ތިބީ ބަސްހުއްޓިފައެވެ، ގަބުވެފައެވެ. ތިންމީހުންނަށްވެސް ހިތާ ހިތާ ސުވާލުކުރެވެނީ މިއީ ހަމަ މަރުގެ އަދަބު ލިބެންޖެހޭވަރުގެ ކުށެއްތޯއެވެ؟ ނަމަވެސް މިސުވާލުތަކަށް ލިބޭނެ އެއްވެސް ޖަވާބެއް ނެތެވެ. މިޝަކުވާ އަޑުއަހާނެ އިތުރުމީހަކު ނެތެވެ. ޖަންގަލީތެރޭގައި ފޮރުވާފައިވާ ފައިސާކޮޅު ހަވާލުކުރާނޭ ވާރިސަކުނެތެވެ. ކުރާނެ އެއްވެސް ކަމެއްނެތެވެ. ސަހަރުގެ އެންމެންހެން އެއްވެފައިވާ ދަރުބާރަށް ތިންމީހުން ހާޟިރުކުރެވިއްޖެއެވެ. ތިންމީހުންގެ މޫނުމަތިން ފެންނަނީ ސާދާކަމާއި ސާބިތުކަމެވެ، ޒުވާން ޖޯޝާއި، ކެތްތެރިކަމެވެ. ވަކިން ޚާއްޞަކޮށް ހިތްވަރުގަދަ އަބްޝަރް ފާހަގަކުރެވެއެވެ.

މިސަހަރުގައި މިފަދަ ނިޔާކަނޑައެޅޭ މީހުން މަރަނީ ދަންޖައްސައިގެންނެއްނޫނެވެ. އޭގެބަދަލުގައި ބޭނުންކުރަނީ އާދަޔާހިލާފު ބޮޑު މެޝިނެކެވެ. މިމެޝިންގެ މަތީގައި ކުށްވެރިޔާ ބަންޑުންބާއްވާ ކަނދުރާ މައްޗަށް، ޗޭނެއްގެ އެހީގައި ވައްޓާލެވޭ ތޫނުތިލަޔަކުން ކަރުބުރިކޮށްލެވެނީއެވެ. އެންމެން އެއްވެފައިވާ ދަރުބާރުގެ މެދުގައި އެއްކަލަބޮޑު މެޝިންއެވަނީ ބެހެއްޓިފައެވެ. ކުއްވެރިންގެތެރެއިން އެންމެ ފަހުންމެރުމަށް ހަމަޖެހިފައިވަނީ އަބްޝަރްއެވެ. ސަބަބަކަށްވީ މިކަމުގައި އެންމެބޮޑަށް ޝާމިލުވަނީ އޭނާކަމަށްވެފައި އޭނާއަށް އަނެއްދެމީހުން މަރާލާތަން ދައްކާ ނަފްސާނީގޮތުން ބަލިކަށިކުރުމެވެ.

ފުރަތަމަ ކުށްވެރިޔާގެނެސް މެޝިންގެމަތީ ބަންޑުން ބާއްވާ ތައްޔާރުކޮށް މެޝިންގެ ސުވިޗްޖެއްސި ވަގުތު ބިރުވެރި ބާރު އަޑަކާއިއެކު ތިލަ ފައިބައިގެން އައިސް ކުށްވެރިޔާގެ ކަނދުރާއާ ހަމައަށް އައިސް ތިލަ ހުއްޓިއްޖެއެވެ. ރަސްގެފާނަށާއި އެއްވެތިބި ސަހަރުގެ އެންމެނަށް މިކަންވީ އާދަޔާ ޚީލާފް ބޮޑުވެގެންވީ އަޖައިބަކަށެވެ.ވަޒީރުބޭކަލުންނާއި އެންމެހާ ބޮޑުން އެއީ މުޢުޖިޒާތެއްކަމަށް ގޮވާ އަޑުއުފުލިއެވެ. ރަސްގެފާނަށް ލަފާއަރުވާ ބޭފުޅުންގެ މަޝްވަރާއާއެކު އެއީ މުޢުޖިޒާތެއްކަމަށް ނިންމާ އެއީ އަދަބު ދޭން ނުޖެހޭމިހެއްކަމަށް ނިންމައިފިއެވެ. ދެވަނަ ކުށްވެރިޔާ ގެނެސް މެޝިންގެމަތީ ބާއްވައިފިއެވެ. އެއްވެފައިވާ މީހުންގެ ސަމާލުކަން މިފަހަރު މާބޮޑެވެ. އޭނާވެސް އެފަދަގޮތަކަށް ސަލާމަތްވޭތޯ ގިނަބަޔަކު ދުޢާކުރިއެވެ. މީނާވެސް މިފަދަގޮތަކަށް ސަލާމަތްވެއްޖެއެވެ. މިއީވެސް މުޢުޖިޒާތެއްކަމަށް ނިންމާ އޭނާވެސް ދޫކޮށްލީއެވެ. ނަމަވެސް އެއަށްފަހު ދަރުބާރުގައި ބަސްކިޔަންފެށީ އަބްޝަރްއެވެ. އޭނާއަށް ލިބިފައިވާ ކަންކަން ނުހަނު އަވަހަށް ދަސްކުރުމުގެ ކުޅަދާނަކަން ކެކިއުތުރި އަރައިގަތީއެވެ. އޭނާ ބުންޏެވެ. އެއީ މުޢުޖިޒާތެއްނޫނެވެ. އެވާގޮތަކީ ވެއްޓޭ ތިލައިގައި ޖަހާފައިވާ ވައިރު ވަކިހިސާބަކުން ތާށިވަނީއެވެ. މިހާރުވެސް އެތަން މިވެނިގޮތަކަށް ބަދަލުކޮށް މެޝިން ޖައްސައިފިނަމަ ބަރާބަރަށް މެޝިން މަސައްކަތް ކުރާނެއެވެ. މެޝިންގެ މަސައްކަތްކުރާމީހުން އަބްޝަރް ބުނިގޮތަށް މެޝިންގެ އެތަން ބަދަލުކޮށްފިއެވެ. އަދި އޭގެފަހުގައި މެޝިންގެ މަތީ ބާއްވަން މިޖެހެނީ އަބްޝަރް އެވެ. އަބްޝަރް މެޝިންގެމަތީ ބާއްވާ ހަމަ ސުވިޗް ޖައްސާލުމާއެކު ތިލަފައިބައިގެން ދިޔައީ އަބްޝަރްގެ ބޮލާއި ހަށިގަނޑު ވަކިކޮށް ފުރާނަ ހިފައިގެންނެވެ. އެފުރިހަމަ ސިކުނޑީގެ މަސައްކަތް އަބަދަށް ހުއްޓުވާފައެވެ. އެ މުޢުޖިޒާތުން ސަލާމަތްވި ދެއެކުވެރިން ހެއްވާފައެވެ. ނަމަވެސް ކުރާނޭ އެއްވެސް ކަމެއްނެތެވެ. އެމެޝިނަށް ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ ވިސްނުން އައި ދަނޑިވަޅުގައި އެމެޝިން ރަނގަޅުނުކޮށްފިނަމަ ތިމާގެ ފުރާނަ ސަލާމަތްވާނެކަމުގެ ވިސްނުން އަބްޝަރްއަށް އައިނަމަ ހަމަޔަގީނުންވެސް އެކަމުގައި އެހެން ބައިވެރިންނެކޭ އެއްގޮތަކަށް އެމުޢުޖިޒާތުގައި އަބްޝަރްވެސް ސަލާމަތް ވާނެއެވެ. އެކަމުގެ ދަނޑިވަޅުގައި އެކަމެއް ނުކުރެވިއްޖެނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ވެދާނެއެވެ.

,

‮ ‬13‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަދީ‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    އޭ ޔޫ ވާހަކަވެސް ލިޔެ އުޅެންތަ؟ ނޫންކަމެއް ނެތްދޯ؟ވަރަށް ކަމުދާ ވާހަކަ އެއް.މިވާހަކައިން އެނގިއްޖެ ކޮންމެކަމެއްވެސް ކުރަން ވަކި ދަނޑިވަޅެއް އޮންނާނެކަން އަދި ކަމެއް އެނގުނުކަމުގައި ވިޔަސް އެކަން ކުރުމުގެ ކުރިން ނުހަނު ވިސންނންވެސް ޖެހޭނެކަން.އަދިވެސް އިތުރު ވާހަކަ ތަކަށް އިންތިޒާރު ކުރަން……ބެސްޓް އޮފް ލަކް

  2. އިސްދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ފުދޭވަރަކަށް ރަގަޅު. މައްސަލަޔަކީ މިފަދަވާހަކަޔާއި ހާދިސާތަކުންލިބޭ އިބްރަތުގެ ބޭނުންހިފާމީހުންމަދުކަން.

  3. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    އަބްދުއްރަޝީދުގެ ވާހަކަ އަޅުގަނޑު ކިޔައިފިން، ވަރަށް އިބްރަތްތެރި ވާހަކައެއް. އެހެންނަމަވެސް، އަޅުގަނޑަށް ނުވިސްނިގެން މިއުޅެނީ، އަބްޝަރު މަރުވެގެން ދިޔުން، އަބްދުއްރަޝީދު ދައްކައިދެއްވަން ބޭނުންފުޅުވާ ގޮތް. ވާހަކަ ކިޔާލުމުން، އެއްފަހަރު އަޅުގަނޑަށް ހީވީ، އޭނާއަށް ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ކުރަން ނޭނގުނީމާ، އޭނާއަކީ މޮޔައެކޭ. ޒީރޯއޭ. އަނެއް ފަހަރު ހީވީ، އޭނާގެ ތެދުވެރިކަމާއި މަސައްކަތްތެރިކަމުގެ މޮޅުކަމުން، އޭނާ ހީރޯއަކަށް ހައްދަވާފައިވާހެން. އެހެންވީމާ، އެއިން އަޅުގަނޑުމެން ނަގަންވީ ކޮން އިބްރަތެއްކަން ނޭނގިގެން އަޅުގަނޑު މިއިންނަނީ. އާންމުކޮށް، ޢިބްރަތްތެރި ވާހަކައިގައި، މިގޮތަށް ބަހުސްކުރުމަށް ޖާގައެއް ނުދޭނެ. އެއީ، އެއިބްރަތް ސީދާ ސާދާކޮށް އެންމެންނަށް ނަގައިގަނެވޭނެތީ. އެކަމަކު މިވާހަކައިގައި، އިބްރަތް މިއޮތީ ބަހުސްކުރެވޭ ގޮތަށް. އެހެންވީމާ، އަބްދުއްރަޝީދު ދެއްވަން އުޅުއްވި މެސެޖް ރަނގަޅަށް ނުދެއްވެއޭ އަޅުގަނޑު ދަންނަވާނީ، މިއީ ދެން އަޅުގަނޑުގެ ޚިޔާލު އިނގޭތޯ. އެހެންބޭފުޅުން މިޚިޔާލާ ދެބަސްވެވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެއް.

  4. ބަފައިކަލޭގެ‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ރަނގަޅު ވާހަކައެއް. މީގައި ދެން ހާޝިމަށް އިބްރަތް ފާހަގަ ނުކުރެވުނީތީ ހައިރާންވޭ. އަދި ދެތިންފަހަރު ވާހަކަ ކިޔާލަނިކޮށް އެނގިދާނެ ކަމަށް އުންމީދުކުރަން.

  5. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ހާޝިމޫ ކަލެޔަށް އެއްޗެއް އެންގޭނީ ހާދަވަރަކުންނޭދޯ؟ މިހާސާފުކޮށް އޮތްއެއްޗެއްނޭނގޭ މީހެއްދޯ އަހަރެމެންނަށް ގޮތްކިޔަން މިއިންނަނީ. ސާބަހޭ ތިޔާކުރަހިއްވަރަށް.

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ބަފައިކަލޭގެ އަށާއި ހަސަނަށް.

    މިވާހަކައިން ދޭހަވާ ޢިބްރަތް އަޅުގަނޑަށް އޮޅުން ފިލުއްވައި ދެއްވުން އެދެން ވަރަށް ބޮޑަށް. މޮޅު މީހުންނަކީ، އަނެކުންނަށް އެއްޗެއް ނޭނގުނީމާ، އެކަމާ ހަޖޫ ޖަހާ މީހުންނެއް ނޫން. އެކަމެއް އަނެކުންނަށް ކިޔައިދޭ މީހުން. ޝުކުރިއްޔާ

  7. ބެސްކެ‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    މަށަށްވެސް ވިސްނުނީ ހަމަ ހާޝިމަށްވެސް ވިސްނުނުގޮތަށް.. މަވެސް 3 ފަހަރު ކިޔައިފިން. އެކަމަކަކު ހަމަ ކުޑަކޮށް އޮޅޭގޮތްވަނީ.. ކޮށިވިސްނުމަކީ ކަމަށްވެސް ވެދާނެ.

  8. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ބޭބެ އަކަށް ވެސް ނޭނގެ މިވާނުވާއެއް.

  9. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ބޭބެ އަށް ހީވަނީ މޮޅުވިސްނުން ތޫނު މީހުންނަކީ ކޮންމެކަމަކަށް ވެސް ކުރިމަތިލާން ކެރޭނެ، އަދި އެމީހަކައް ލިބިފައިވާ އިލްމެއް އެހެން މީހަކަށް އޭގެ އެންމެ ހައްގުތެދު ގޮތުގައި ކޮންމެ ކަހަލަ ދަނޑިވަޅެއްގައި ވެސް ދޭންކެރޭ މީހަކަށް ވާނެކަން. މީބޭބެ އަށް ވިސްނުން ގޮތް. މިހާރު ބައެއްމީހުން އެމީހެއްގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ. އެމީހަކަށް ފައިދާބޮޑު ގޮތަށް ވާހަކަ ދައްކަނީ.

  10. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ހާޝިމު ބުނިހެން މީގައި ބަހުސްކުރެވޭނެ ޖާގަ އެބައޮތް.

  11. ކަޅުބެ‮ ‬ވިދާޅުވީ


    ތާރީޚް:25/06/2009

    ބޭބެ ކީމޭ ހަމަ މިކަހަލަ އިނގިރޭސި ވާހަކައެއްވެސް. މީއަނެއްކާ ތަރުޖަމާ އެއްތަ؟

  12. އަމީތާބު‮ ‬ވިދާޅުވީ


    ތާރީޚް:26/06/2009

    އަޅުގަނޑު ހާޝިމުގެ ނަސޭހަތް އަންނިއަށާއި މާލޭ މިނިސިޕަލްޓީގެ ރައީސަށާއި އަދި ޚާއްޞަކޮށް ހާޝިމަށާއި އަޅުގަނޑަށް ހަނދުމަކޮށް އަރުވަން. ތިމާޔަކީ މާ މޮޅު މީހަކުކަމަށްދެކި ކިބުރުވެރިވެ ބޮޑާވެ ނުގަތުމަށާއި އަވަހަށް ތަޢުބާވެ އިސްލާޙުވުމަށް މިމާތް ހުކުރުދުވަހު ތިޔަ އެންމެ ބޭކަލުންނާއި ކަނބަލުންނަށް އަދި އަޅުގަނޑުގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދެން. އަދި ޙަރާމްކުރެވިގެންވާ މިޔުޒިކްގެ ސާމާނަށް ނުލެބި މާތްﷲ އަންގަވާފައިވާ ހެޔޮމަގުން ހިގުމަށް، (އެމަގީ ރަސޫލާ އަޅުގަނޑުމެންނަށް މިސާލުދައްކަވާފައިވާ ރީތި ސާދާ މަގު) ވަސިއްޔަތްކުރަން.

  13. އަލިހޮއްކޮ‮ ‬ވިދާޅުވީ


    ތާރީޚް:26/06/2009

    އަމީތާބު ދެއްވި ނަޝޭޙަތް އަޅުގަނޑު ގަބޫލުކޮށްފިން.