މިއީ އަޅުގަނޑުމެންގެ ޤައުމެވެ. އަޅުގަނޑުމެންގެ ރާއްޖެއެވެ. އަނެއް ދިވެހިރާއްޖެއެއް ނޫނެވެ. މިއީ އިންޑިއާ ކަނޑުގައި އުތުރާއި ދެކުނަށް ދެމިގެންވާ ޖަޒީރާރަށްތަކުގެ މައްޗަށް އެކުލެވޭ “ދިވެހިރާއްޖެ” އެވެ. މިގައުމުގެ ޒުވާން ޖީލް ހަލާކުވަމުންދަނީ މަސްތުވާތަކެތީގެ ސަބަބުން ކަމުގައި މިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުވެސް ބުނަމުންގެންދާ ކަމީ އެންމެންވެސް އެއްބަސްވާ ހަޤީޤަތެކެވެ. އެކަންވަނީވެސް އެގޮތަށްކަމުގައި ބުނުން އެއީ ދޮގަކަށް ނުވާނެއެވެ.
މަސްތުވާތަކެއްޗަކީ މުޅި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މަނާކުރެވިފައިވާ ތަކެއްޗެވެ. އޭގެ ސަބަބުތައްވެސް އެހާމެ ގިނައެވެ. މަސްތުވާތަކެއްޗަކީ އޭގެ ސަބަބުން ޖިނާއީ ހުރިހާ ކުށްތަކަކަށް އަރައިގެންނަމުންދާ އެއްޗެކެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް އެއާއި ނުލާ އުޅުމަކީ ވަރަށް ދަތި އެހާމެ ވޭން ހުރިކަމެކެވެ. އެހެންކަމުން އެތަކެތި ހޯދުމަށް މިފަދަ ބަލި މީހުން ކޮންމެފަދަކަމެއްވެސް ކުރާނެއެވެ. އެކަން މިއަދު މިދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅަކުންދަނީ ފެންނަމުންނެވެ. މާރާމާރީ އާއި ބަދުއަޙްލާޤީ އަމަލުތަކާއި ވައްކަމާއި ފޭރުމާއި މިހެންގޮސް ނުބައިހުރިހާ އަމަލެއް މިރާއްޖޭގައި މިވަނީ އާއްމުވެފައެވެ. މައިގަނޑު ސަބަބެއްކަމުގައި އެންމެންވެސް އެއްބަސްވާ ކަމަކީ މަސްތުވާތަކެއްޗެވެ. މިބަލީގައި ދިވެހި ޒުވާން ޖީލް ހަލާކުވަމުންދަނީ މީހުން ހައިރާންވާހާ ހަލުވި ސްޕީޑެއްގައެވެ. ކަންމިހެން ހުރުމާއިއެކު މިކަމަށް އަވަސް ހައްލެއް މިވަނީ ބޭނުންވެފައެވެ. މިގޮތަށް ދައްކާވާހަކަޔާއި ލިޔާ ލިޔުންތަކުން މިކަން ހައްލުކުރެވޭނެ އެއްވެސް އަލިމަގެއް ނުފެނެއެވެ. މީގެ ބަދަލުގައި އަމަލީ ގޮތުން މަސްތުވާތަކެތި ނައްތާލުމާއި އެވަބާގައި ޖެހިފައިވާ ކުދިން އަނބުރާ ސިއްހަތު ސަލާމަތް ބަޔެއްގެ ގޮތުގައި ގެނައުމަށް އެންމެން ގުޅިގެން މިވަނީ މަސައްކަތްކުރަން ޖެހިފައެވެ.
މަސްތުވާތަކެއްޗަކީ އެހާމެ ނުރައްކާތެރި އެއްޗެއްކަން ނުވިސްނޭ ހަމަ އެކަކުވެސް މިގައުމުގައި މިހާރު ތިބިހެން ހިއެއް ނުވެއެވެ. ނަމަވެސް މިކަންކުރަމުންދަނީ އެތަކެތި ވިއްކައިގެން ނުހަނު ގިނަފައިސާ ލިބޭތީއެވެ. ބުނެވޭނީ މުއްސަނދިވުމުގެ ބޭނުމުގައި “ޝޯޓްކަޓް” ނަގަނީއެވެ. ވީއިރު މިތަކެތި ބޭނުންކުރާ މީހުން ހިފާހައްޔަރުކޮށް އަދަބު ދިނުމަކުން މިކަން ހުއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެކަމު އެތަކެތި ބޭނުންކުރާ މީހުން މުޖުތަމައުގައި ދޫވެފައި ތިބެގެން މިކަން ހުއްޓޭނެ ގޮތެއްވެސް ނުމެ އޮންނާނެއެވެ. މިއަދުގެ ހާލަތަށް ބަލާއިރު މިއިން އެއްވެސް ކަމެއް ހައްލުކުރުމަށް ފިޔަވަޅެއް އެޅެމަކުން ނުދެއެވެ. މިވަބާގައި ޖެހިފައިވާ މީހުން ގިނަކަމުން އެފަދަ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ގާއިމްކުރެވިފައިނެތެވެ. މިތަކެތި އެތެރެކޮށް ވިއްކާ މީހުން ހޯދުމުގެ ކުޅަދާނަކަށް ލިބިފައިވާ މުވައްސަސާއެއް ނެތެވެ. އަބަދުވެސް އެތަކެތި ބޭނުންކޮށްގެން ހުރި މީހަކު އަތުލުމަށްފަހު މައްސަލަ ބަލަން ފެށެނީއެވެ. އެމީހާގެ މައްސަލަ ސަރީއަތަށް ފޮނުވެނީއެވެ. މީހާ ދޫކޮށްލުމަށްފަހު ސަރީއަތުން ގޮތެއް ނިމެންދެން އެމީހާ މުޖުތަމައުއަށް ދޫކޮށްލަނީއެވެ. އެތައް އަހަރެއްވެގެންދާއިރު އެމައްސަލާގައި އެމީހާ ސަރީއަތަށް ހާޟިރުނުކުރެވެއެވެ. އެމީހާ ސަރީއަތަށް ހާޟިރުކުރެވެނީ 03 ނުވަތަ 04 އަހަރުފަހުންނެވެ. އޭރު އެމީހާގެ މައްޗަށް އެތައް މައްސަލައެއް ފުނިޖެހިފައި އޮވެއެވެ. އެމީހާގެ ސަބަބުން އެތައް ކުދިންނެއް ހަލާކުވެ ނުވަތަ މިވަބާގައި ޖެހިފައިވެއެވެ. މިތަކެތި އެތެރެކޮށް އޭގެ ހަގީގީ ފައިދާހޯދުމަށް ވިއްކާ އެއްވެސް މީހަކު ނުހޯދެއެވެ. އެމީހުން އެތަކެތި ވިއްކަނީ މިތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކަމަށްވާތީ ވިއްކާ ބައެއްގެ ގޮތުގައިވެސް އަތުލެވެނީ މިތަކެތި ބޭނުން ކުރަމުންދާ މިތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ. މިއީ މިކަމުގެ ހައްލެއް ނޫނެވެ.
މަސްތުވާތަކެއްޗަކީ ކުރީގެ ސަރުކާރުގެ އިހްމާލުން އެތެރެވެފައިވާ އެއްޗެއްކަމަށް ނުވަތަ އޭރު ސަރުކާރުގައި ތިބި ބޮޑެތި މީހުން އަޑީގައި ތިބެގެން އެތެރެކުރި އެއްޗެއްކަމަށް ބުނެ ވާހަކަދައްކަމުން ގެންދާއިރު އެކަމުގެ އަސްލުވެސް ބަލާލުން ރަގަޅެވެ. ގިނަބަޔަކު މިގޮތަށް ބުނަމުންދަނީ އަސްލު ހަޤީޤަތަކީ އެއީކަމަށް ހީވާފަދަ ގޮތަކަށެވެ. ވީއިރު އެކަން ހޯދާބަލަން ނުހަނު ބުރަކޮށް މަސައްކަތްކުރަންޖެހެއެވެ. އަދި އެމީހުން އެތަކެތި އެތެރެކޮށް ވިއްކާފައިވަނީ އޭރު މިގައުމުގައި އޮތް ސަރުކާރު ހިންގަމުންދަނިކޮށްކަމުގައި ބުނަމުންދަނީ އެސަރުކާރުން އެމީހުންގެ އެއަމަލު ހުއްޓުވުމަށް މަސައްކަތްކޮށްފައި ނުވާކަމަށް ބުނާފަދައިން ކަމަށްވަނީ ނަމަ މިހާރު މިއޮތީ އޭރުގެ ސަރުކާރެއް ނޫނެވެ. މިހާރު އެތަކެތި އެތެރެކޮށް ވިއްކަމުންދަނީ ކީއްވެތޯއެވެ؟ މިހާރުގެ ސަރުކާރުގައިވެސް އެފަދަ އަމަލު ހިންގާ މީހުން ތިބީތޯއެވެ؟ ނޫނީ ކުރީގެ ސަރުކާރުގެ އިހްމާލުން މިރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި ހުސްނުވަނީތޯއެވެ؟ މިހުރީ ހައްތާވެސް ސުވާލެވެ. އެނގޭ ކަމަކީ އެކަން އޭރުވެސް ކުރަމުން އެބަދެއެވެ. މިހާރު ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ބުނަމުންދަނީ އެވެނި މިވެނި ބަޔަކީ ޑީލަރުން ކަމުގައެވެ. އަދި އެހެން ބުނާ މީހާ އަތުގައި ހެކި ހުރިކަމުގައިވެސް ބުނަމުން ދެއެވެ. ސުވާލަކީ އެހެން ބުނެ މީހުންނަށް ކިޔައިދެނީ ކީއްކުރަންތޯއެވެ؟ ތިމާ އަކީ އެފަދަކަންތައް ހުއްޓުވަން މަސައްކަތްކުރާ މީހެއް ނޫނީ ހެއްޔެވެ؟ އެފަދަ މީހެއް ނަމަ އެކަންކުރާ މީހުން ސަރީއަތުގެ ކުރިމައްޗަށް ހާޟިރުކުރުމަށްޓަކައި އެފަދަ ހެކިތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވަންވީ ނޫންތޯއެވެ؟ މިގޮތަށް އަނގަތަޅައިގެން މިކަން ހުއްޓެން އޮތްކަމުގައި ދިވެހި އެއްވެސް ދަރިއަކު މިއަދު ގަބޫލެއް ނުކުރާނެއެވެ. މިގޮތަށް އަނގަތެޅުމުން ދޭހަވާކަމަކީ މިމީހުންނަކީ ވަކިކަމެއް ފޮރުވަން އުޅޭ ބައެއްކަން ނުވަތަ ބަޔަކަށް އޮޅުވާލަން އުޅޭ ބަޔެއްކަން ނޫނީ މަސްތުވާ ތަކެތި އެތެރެކޮށް ވިއްކުމަށް ހިތްވަރު ދޭބައެއްކަމެވެ. މިހާރުވެސް އެގޮތަށް އެކަންތައް ކުރާ ބަޔަކު ކުރަމުން ގެންދެއެވެ. އެކަން ހުއްޓުވޭފަދަ ސަރުކާރެއް ކުރިންވެސް އަދި މިހާރުވެސް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދެން ބުނަމުންދަނީ މިކަންގޮސްފައިވާ ހިސާބުން ހުއްޓުވުމަށް ދުވަސް ނަގާނެކަމުގައެވެ. މިކަން މިރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ގޮސްފައިވާކަމީ އެންމެން ދަންނަ ތެދެކެވެ. ނަމަވެސް މިއަދު ބޭނުންވެފައި މިވަނީ ބަޔަކު އެކަންކޮށްފައިވާ ޕްރޮފެސަނަލް ކަމެއްގެ ސަބަބުން އެކަން ހުއްޓުވުމަށް އުނދަގުލީއޭ، ދުރާލާ ވިސްނައިގެން ފިޔަވަޅު އަޅާ އެކަން ހުއްޓާނަމޭ ބުނުމެއް ނޫނެވެ. މިއީ ދާދިކުޑަ ޤައުމެކެވެ. މިޤައުމުގައި އެފަދަކަންތައްތައް ހުއްޓުވުމަށް 04 ނުވަތަ 05 އަހަރު ބޭނުންވެދާނެކަމީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ. އެކަން ހުއްޓުމަށް ސަރުކާރުން ކުޑަވެސް މަސައްކަތެއް ކުރާނަމަ އެކަމަކީ 01 އަހަރު ދުވަސް ތެރޭގައި މިރާއްޖެއިން ފިލުވާނުލެވޭފަދަ ކަމެއް ނޫނެވެ. ބޭނުންވަނީ އެކަމަށްޓަކައި ހަރުދަނާ ގާނޫނަކާއި އެކު ފިޔަވަޅުތަކެއް އެޅުމެވެ.
މަސްތުވާތަކެތި އެތެރެކޮށް ހުއްޓުމަށްޓަކައި ސަރުކާރުން އެޅެން ހުރި ފިޔަވަޅު ތަކުގެ ތެރޭގައި އަވަސް ފުރުޟަތެއްގައި ރިހެބިލިޓޭޝަން އިތުރުކޮށް އެވަބާގައި ޖެހިފައިވާ އެންމެން، މީގެ ތެރޭގައި މިތަކެތި ބޭނުންކުރިކަމުގެ ތުޙްމަތަށް ފުލުހުން ގެންގޮސް ޔޫރިން ޕޮޒެޓިވްވާ ހުރިހާ މީހުން ގެންގޮސް ފަރުވާދިނުމާއި، ރާއްޖެ އެތެރެވާ ހުރިހާ ތަކެއްޗެއް މިހާރަށްވުރެ ރަނގަޅަށް ކަސްޓަމާއި ފުލުހުންވެގެން ޗެކްކުރުން، މިފަދަ އެއްޗެއް އޮތްކަމަށް ބެލެވޭ ކޮންމެ ތަނެއް އެއްޗެއް ބަލާފާސްކުރުމުގެ ފުރިހަމަ އިހްތިޔާރު ވެރިފަރާތުގެ ނުރުހުމުގައިވެސް ކޯޓް އަމުރެއް ނެތި ބަލާފާސްކުރެވޭނެ ގާނޫނެއް އޮތުމާއި، މިކަންތައްތައް ކުރުމުގައި ސަރުކާރު އިސްމީހެއް، އާދައިގެ އާއްމުފަރާތެއް، އިދިކޮޅު ފަރާތެއް ތަފާތުކުރުމެއް ނެތި ކުރަމުންގެންދިއުމާއި، އެފަދަ އަމަލެއް ކުރިކަމަށް ތުޙްމަތުކުރެވޭ އެއްވެސް ފަރާތެއް ރަގަޅު ވެގެން ނޫނީ މުޖުތަމައުއަށް ނުނިކުމެވޭ ގޮތަށް ހެދިފައިވާ ގާނޫނެއް އޮތުމާއި، އެތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ގޮތަށް ކޮންމެރަށެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކު ހޮވާފައި ބޭތިއްބުން ފާހަގަކޮށްލަމެވެ. މީގެ އިތުރުންވެސް އެޅިދާނެ ފިޔަވަޅުތައް ހުރުން އެކަށީގެންވެސް ވެއެވެ. އެއީ ކޮންކޮން ކަންތައްތަކެއްތޯ ކަމާއި ބެހޭފަރާތްތަކުން މައުލޫމާތޯ ހޯދައިގެން ކުރުމަކީ ސަރުކާރުގެ ޒިއްމާއެކެވެ.
މިވަބާއިން ސަލާމަތް ވުމަށް އާއިލާތަކާއި ރަށްރަށުގެ ރައްޔިތުންގެ ދައުރުވަރަށް ބޮޑެވެ. ކޮންމެ މީހެއްގެ ވެސް ޒިއްމާއެއް ކަމުގައި މިކަން ދެކިގެން އެމީހާގެ ދަރިފުޅު މިވަބާއިން ސަލާމަތްކުރުމަށް ތިމާގެ ދަރިފުޅު އެތަކެތި ބޭނުންކުރި ނަމަވެސް، ނޫނީ އެފަދަ ކަމެއް ކުރާކަމަށް ޝައްކުވިނަމަވެސް، އެކަން ކަމާބެހޭ ފަރާތަށް އަންގާ އެކުއްޖާ އަނބުރާ މުޖުތަމައުއަށް ގެންނަން މަސައްކަތްކުރުމަކީ މިވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. މިހެން މިކަން ނުވާނަމަ ތިމާގެ އެންމެ ދަރިއެއްގެ ސަބަބުން ދެން ތިބި ކުދިންނާއި އެތައް އާއިލާއެއްގެ ކުދިން ހަލާކުވެ ޚުދު ތިމާވެސް މިކަމުގައި ހަލާކުވެގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. އަދި ތިމާގެ ދަރިފުޅާއި އެކު އުޅޭ ކުދިންނަކީ ކޮބައިތޯ ބަލާ އެފަދަ ކުދިންގެ ކިބައިން ތިމާގެ ދަރިފުޅު ސަލާމަތްކުރުމާއިއެކު ތިމާގެ ދަރިފުޅު ގެންގުޅޭ އެއްޗެތިވެސް ބަލާ ފާސްކުރަންވާނެއެވެ. ތިމާގެ ދަރިފުޅުގެ މައްޗަށް ތިމާގެ އަމުރު ހިންގޭނަމަ އެކަން އެގޮތަށް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނޫނީ މިއިން އެއްވެސް ކަމެއް ނުވާނެއެވެ.

ހޮޅުއަށި ވިދާޅުވީ
ތާރީޚް:04/07/2009
ބޮޑު 06 މީހުންގެ އިތުރު ވެދާނެކަމަށް މިހާރު ބުނެއްޖެ. އެކަމަކު އެކަކުވެސް އަތުލެވުނުކަމީ މިސަރުކާރަށް ލިބުނު ވަރަށް ބޮޑުކުރިއެރުމެއް، ތިގޮތަށް ތިކަންތައް ކުރަންޏާ ރަގަޅު. އެކަމަކު މައްސަލައެއް އެބައޮތް. ތިގޮތަށް ކުރެވޭ ކަމެއްވެސް ތިބަލަނީ އެހެން މީހުންނާއި ދިމާލަށް އެއްޗެތި ކިޔުމަށް، މިހެން މިބުނީ ފުލުހުން ބުނަނީ މިސަރުކާރުން އެއްބަރޫލާވަރަށް ކުރިން މިކަމަށް އެއްބާރުލާ ކުރަން ނޫޅޭކަމުގައި، ވަރަށް ޒިއްމާދާރުކަން ކުޑަ ވަކިއަތަކަށް ޖެހިތިބެގެން ބުނި ބަހެއްކަމުގައި ދެކެން. ތިމާ ވަޒީފާއިން ކަނޑާލަފާނެކަމަށް ނުވަތަ ކުރިއެރުން ބޭނުންވެގެންވެސް ދޮގު ހެދުމަކީ ހަރާންކަމެއް.
ނިޔަނދުރު ވިދާޅުވީ
ތާރީޚް:04/07/2009
ކުދިންނޭ ބޮޑު ހައެއް ތެރޭން އެކެއް އަތުވީދޯ> އެކަމަކު މިކަން މިފަހަރު ދިޔަގޮތުން ހީވަނީ މިއީ މިސައިލެއް ފޮނުވާލުންހެން، އެއީ ހޯމްމިނިސްޓަރ ގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނަމުންދާތީ، އެކަން ކަމިސަނަރގެ ވާހަކައިން ސާފްކޮށް އެނގޭ މިގޮތަށް މިސައިލް ފޮނުވައިގެން މިކަން ހައްލެއް ނުވާނެ. އިހްލާތެރިކަމާއިއެކު މިކަންކުރަން ނެތިއްޔާ ވަޒީފާއިން ވަކިވޭ، ވެރިކަމުން ފައިބައިގެންދޭ.
ހުސްނާ ރާޒީ ވިދާޅުވީ
ތާރީޚް:04/07/2009
ޕޮލިސް ކޮމިޝަނަރު މީޑިޔާ އަށް ދިން ސްޓޭޓްމަންޓް ގައި ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ އެކަމާ ކަންބޮޑުވާކަން ފާޅުކުރި. ސާފުބަހުން އެހެން ނުބުނި ކަމުގައިވިޔަސް ވަޒީރުގެ މޮޅުވާހަކަ އާއި ވަޒީރަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ބާރު ދޭންޖެހޭ ކަމަށާއި ރައީސް ދެއްވި އެއްބާރު ލުންވެސް ފާހަގަ ކުރި. މިމީހަކު ހައްޔަރު ކުރުމަށް 7 މަސްދުވަސް ވެއްޖެ ފާރަލާތާ. ހޯމް މިނިސްޓަރުކަމަށް ޝިހާބު އައްޔަންކުރިތާ އަދި މަހެއް ނުވޭ. އެކަމަކުވެސް ޕޮލިސް ކަމިޝަނަރު ވިދާޅުވަނީ މިއީ ވަޒީރުގެ މޮޅުކަމުން ވީކަމެއްކަމަށް.
ދެން އަނެއްކާ އިރުކޮޅަކުން ޓީވީ އަށް އަރައިފި ޝިހާބު (ހޯމް މިނިސްޓަރ). އަރާފަ އަނެއްކާވެސް ކެމްޕޭން ކޮށްފި. ބުނާކަހަލަ ހެޔޮނުވާނޭ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާށޭ.
ބޮޑު 6 މީހުންގެ ތެރެއިން އެކަކުވެސް ހައްޔަރު ކޮށްފިނަމަ އެކުރެވުނީ ވަރަށް ބޮޑު ކަމެއް. އެކަމަކު މިފަހަރު މީޑިޔާ ސްޓަންޓެއް ޖެއްސިހެން ހީވަނީ. ފުރަތަމަ ހައްޔަރު ކުރިމީހާ ހައްޔަރު ކުރެވުނުކަންވެސް މިއެނގުނީ ރައީސް 6 މީހަކު އުޅޭކަމަށް ބުނެ އިންތިހާބަށް ވުމަށްފަހުވެސް މީހަކު ހައްޔަރު ނުކުރާކަމަށް ޑީއާރުޕީން ބުނަންފެށުމުން.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:04/07/2009
މީ ވަރަށް ދެކޮޅު ނުޖެހޭ ލިއުމެއް. މިހާރުގެ ސަރުކާރުން ދަނީ މައުމޫނުގެ ވެރިކަމުގައި މިރާއްޖެއަށް ފެތުރި މަސްތުވާތަކެތީގެ ނުބައިވިހަ ނައްތާލުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. މިކަން އޮޅުވާލުމަށް އުޅުމަކީ ވަރަށްދެކޮޅު ނުޖެހޭކަމެއް.މަސް ތުވާތަކެތި ވިއްކާ ބޮޑު 6މީހުންގެ ތެރެއިން 2 މީހުން އަތުލުމަކީ ޑީއާރުޕީ މީހުނަށް ކެތްކުރެވޭ ވަރުގެ ކަމެއްނޫން.މިކަމާ ދެރަވެގެން ހޯމް މިނިސްޓަރާ ދެކޮޅަށް އިތުބާރުނެއްކަމުގެ ވޯޓެއްލާނަމޭ ކިއާ.މަޖުލީހުގަ ޑީއާރުޕީ އަޑުގަދަކުރޭއެބަ.އެއީ މަސްތުވާތަކެތި މިރާއްޖެ އަށް ދެން އެތެރެ ކުރަން އުދަނގޫވާނެކަން މައުމޫނަށް އެނގޭތީ މިކަމާވީދެރައިންކަމަށް ލަފާކުރެވެނީ. މަސްތުވާތަކެތި އެތެރެވުން މަދުކުރާނެ މިސަރުކާރުން .ދެން ލަލަލާ.
ހާޝިމް ވިދާޅުވީ
ތާރީޚް:05/07/2009
އެޑްމިންއަށް.
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
އަޅުގަނޑުގެ ނަމުގައި އެކިއެކި ފަރާތްތަކުން ކުރަމުންދާ ކަމުގައި އެތައް ފަހަރަކު ވާނީ އެޑްމިންގެ ސަމާލު ކަމަށް ގެނެސްފައެވެ. މިސައިޓްގެ ސެކިއުރިޓީއެއްގެ ގޮތުގައި އީމެއިލް އެޑްރެސް ޖަހަން އޮންނަ އިރު ވެސް، އެސެކިއުރިޓީ އެޑްމިންއަށް ނުބެލެހެއްޓޭކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ. މިސައިޓަކީ، މީގެ ކުރިން އެކިއެކި ޚިޔާލުތަކުގެ ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް ޚިޔާލު ބަދަލުކުރެވޭ ސައިޓަކަށް ވެފައި އޮތް އޮތުން މިހާރު އެގޮތަށް ނެތްކަން ވެސް ހިތާމައާ އެކު ފާހަގަކުރަމެވެ.
ކަންމިހެން ހުރުމާއެކު، މިސައިޓާ މެދު ދޮންބޭބެ އަދި ބިލް އޯ ރެލީ ފަދަ ބޭބޭފުޅުން ވެސް ކަންތައް ކުރެއްވި ބީދައިން، މިސައިޓްގެ ސެކިއުރިޓީ އަޅުގަނޑުމެންގެ ނަންތައް ވަގަށް ނަންގަވައިގެން ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް ހަރުދަނާ ވަންދެން އަޅުގަނޑު މިސައިޓާ ދުރުގައި ހުންނަން ގަސްދުކޮށްފީމެވެ. އަދި އެޑްމިން މިއަށް ވުރެ ޒިންމާދާރުކަމާ އެކު މިސައިޓު ހިންގަވާ ދުވަހަކުން މިސައިޓަށް އަލުން ލިޔެ، ކޮމެންޓް ކުރުމަށް އަޅުގަނޑު އަންނާނެކަމުގެ ޔަޤީންކަން އަރުވަމުން މިސައިޓާ ވަކިވެލަމެވެ. މިސައިޓުގައި އަޅުގަނޑު ލިޔުނު ލިޔުންތަކާއި ކުރި ކޮމެންޓްތައް ކިޔުއްވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މިމުއްދަތުގައި، އަޅުގަނޑާ މުވާސަލާތު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން hashim.kulhudhuffushi@gmail.com މިއީމެއިލް މެދުވެރިކޮށް އެކަން ކުރެވޭނެކަމުގައި ވެސް ދަންނަވަމެވެ.
އަދި ވެސް ދަންނަވަމެވެ. އަޅުގަނޑު މިސައިޓް ދޫކޮށް މިދަނީ، ސައިޓްގެ އެޑްމިން އިން އަޅުގަނޑު ތަކުރާރުކޮށް ކުރަމުން ދިޔަ ޝަކުވާއާއި އާދޭސް އަޑު ނުއެއްސެވީތީ އެކަމާ ވެސް ހިތާމަކުރަމުންނެވެ.
މިހިސާބުން މިސައިޓަށް އިހަށް އަލްވަދާޢު ކިޔަމެވެ.
ހާޝިމް
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:05/07/2009
ހާޝިމްއަށް:
ހާޝިމް ލިޔުއްވަންފައްޓަވާފައިވާ ވާހަކަ ‘އެސްފީނާ’ ނިންމަވާލަދެއްވުން ވަރަށް ބޮޑަށް އެދެން. އެ ވާހަކަ ނިންމެވުން އެއީ، އަޚްލާޤީ ގޮތުން ބަލާއިރުގައި، ހާޝިމްކުރައްވަން ޖެހިލައްވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.
ކޮމެންޓްކުރަން ބޭނުންކުރާ ނަން ވަގަށް ނަގައިގެން އެހެންމީހުން ބޭނުންކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ވީމާ، އެކަން ކުށްވެރިކުރަން.
DOg ވިދާޅުވީ
ތާރީޚް:05/07/2009
ޑޯގްގެ ނަމުގައި ކޮމެންޓް ކޮށްފައި އެވަނީ އަޅުގަނޑެއް ނޫން. އެފަރާތެއް އަޅުގަނޑު ކުއްވެރިކުރަން، ހީވާގޮތުން އެއީ ހާޝިމް އޭނާ މިފަދަ ދަށުދަރަޖައިގެ އަމަލުކުރާތީ ވަރަށް ބޮޑަށް ކަޑަމީހެއްކަން އެބައެނގޭ. މިސައިޓަކީ ޒިންމާދާރު ސައިޓެއް، ހާޝިމް އަށް ބުނެލަންއޮތީ ހޯމްމިނިސްޓަރގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ނިންމިފަހުންނޭ ތިބުނާ މީހަކު އަތުލިކަން ހާމަކޮށްފައިވަނީ، އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ނަގަން ނިންމާފައިވަނީ ތިމަރަފުށީ ނެރުބަންދުކޮށްގެން ބަޔަކު އެރަށަށް އެރިޔަނުދީ ތިބި މައްސަލާގައި ފުލުހުންކަންތައްތައް ކުރިގޮތުން. ދިވެހިރާއްޖޭގައި އުޅޭ މީހަކަށް ނަމަ މިކަން އެނގޭނެ. މިކަންތައްތައް ގަނޑުގެ ސަބަބުން މިޑިއާ ސްޓަންޓް ހަދަމުން މިދަނީ، ދެން ބުނެލަން މިފަހަރު އަތުލި މީހަކީވެސް ރިޔާސީ ކެމްޕޭން ދުވަސް ވަރު އެމް.ޑީ.ޕީއަށް ކެމްޕޭން ކުރި މީހެއް. އެކަން ފޮޓޯތަކުން އެބަހުރި އެނގެން.
DOg ވިދާޅުވީ
ތާރީޚް:05/07/2009
ހާޝިމް ނުވަތަ ނަލަކާސީމް އަށް.
ބުނެލަން ބޭނުންވަނީ މިސައިޓްގައި ސާޢިއުކުރާ ލިޔުންތަކަކީ ވަކިއަތަކަށް ޖެހޭ އެއްޗެކޭ ބުނެވޭކަށް ނެތޭ. ހުރިހާ ވައްތަރެއްގެ ލިޔުންވެސް މިސައިޓުން ފެންނަމުންދެއޭ އަދި މިލިޔުމަކީވެސް ވަކިއަތަކަށް ޖެހިގެން ލިޔެފައިވާ ލިޔުމެއް ނޫނޭ، ބޭނުންވަނީ އަޅުގަނޑުމެން ހޮވާފައިވާ ސަރުކާރު ޒިންމާދާރުކުރުމޭ، އެންމެންނަށް ހަމަހަމަކަން ހޯދައިދިނުމޭ MDP މީހަކަށް ނުވީތީ ނުލަފާކަން ދައްކާލިޔަ ނުދިނުމޭ، ސަރުކާރުން ރަގަޅު ކަމެއް ކުރިއަސް އޭގެ ނާޖައިޒް ބޭނުން ހިފާނަމަ އެކަން ފެންނާނީ އޭގެ މާނަ އޮޅޭގޮތަކަށްކަން ނުވިސްނެންޏާ މިފަހަރު މިވީގޮތުން އިބުރަތް ހޯދުން ވަރަށް މުހިއްމު. މިސަރުކާރުން ރަގަޅު ކަންތައްތަކަށްވުރެ ކުރާ ކަންތައްތައް ގޯސް އެހެންވީމާ ބަޔަކު ހެކުކުރިއަސް ނުކުރިއަސް އެފަދަ ވާހަކަ ހުރިހާ ސައިޓަކުންނާއި ނޫސްތަކުން ފެންނާނެ. އެކަމާ ދެރަވާނަމަ އެކަން ރަގަޅުކުރުމަށް މަސައްކަތްކޮށް ޒިންމާދާރު ވެރިކަމެއް ކުރުމަށް ގޮވާލަން.
DOg ވިދާޅުވީ
ތާރީޚް:05/07/2009
އަޅުގަނޑަކީ ކުރިން ޕޮލެޓިކްސް އަށް އިންޓްރަސްޓް ހުންނަ މީހެއް ނޫން އެކަމަކު އެކަންތައްތައް މިހާރު ވަރަށް އޮޅުންފިލުވާހިތްވޭ. އަދި އެކަންތައްތައް މިދަނީ ކުރަމުން އެނގޭ މިންވަރަކުން ހާމަކުރުމަށްވެސް މަސައްކަތްކުރާނަން، ރައްޔިތުންނަށް އޮޅުވާލާ ބަޔަކު އުޅޭކަން މިހާރު ވިސްނޭ، އެކަން އެގޮތަށް ވިޔަނުދިނުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް އެކަން ކުރުމަށް އަޅުގަނޑު މިދަނީ މަސައްކަތްކުރަމުން.
އަދީބު ވިދާޅުވީ
ތާރީޚް:05/07/2009
އަޅުގަނޑަށް ޔަޤީންވާ ގޮތުގައި މިސައިޓުގެ ފައުންޑަރުންނަކީ މުހައްމަދު އިސްމާއިލް، ބަދުރުއްދީން ހަސަން. ޔާސިރު އަބްދުލްލަތީފް. ކުރިންވެސް މިހާރުވެސް އެޑްމިން އަކަށް ބަދަލެއް ނާދޭ. މިސައިޓުގެ އެންމެ ތިރީގައި އެއިން ނަންބަރަށް ގުޅާފަ ޔަޤީން ކޮށްބަލަ.
ކަތްދަ ވިދާޅުވީ
ތާރީޚް:05/07/2009
ހުސްނާ ރާޒީ ވިދާޅުވި ފަދައިން،އެދުވަހު އެހައްދަވާލެއްވީ ހަމަ މީޑިޔާ ސްޓަންޓެއް.ދެން ލިޔުމާއި ދޭތެރޭ ބުނެލަން އޮތީ،ނިމިދިޔަ ސަރުކާރަށް މިކަން ހުއްޓުވަން ކިތައް “އެއް އަހަރު” ލިބުނު ހެއްޔެވެ.ހުއްޓުވުނު ހެއްޔެވެ.ތިޔަ ވިދާޅުވި ގާނޫނުތައް އެދުވަސްތަކުގައި ނުހެދުނީ ކީއްވެގެން ހެއްޔެވެ؟މިފަދަ ގާނޫނުތައް ހަދަން މާލަސް ވަސް ވެއްޖެއެވެ.އެހެން ނަމަވެސް އަދިވެސް،ކޮންމެ ކަމެއް ކޮށްގެންވެސް މިކަން ހުއްޓުވަން އެބަޖެހެޔެވެ.