ކުޅުދުއްފުއްޓަކީ އާބާދީ ގޮތުން ބަލާއިރު ރާއްޖޭގެ ތިންވަނައެވެ. މާލެއިން އުތުރުގެ އެއްވަނައެވެ. މަސައްކަތްތެރި ހީވާގި ބަޔަކު އުޅެމުންގެންދާ ރަށެއްކަން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ގަބޫލް ކުރާ ބަޔަކު ދިރިއުޅޭ ވެއްޓެކެވެ. ނަމަވެސް ސަރުކާރު ނުވަތަ އެހެންވެސް ދާއިރާއެއްގެ އިސްމާގާމެއް ފުރަމުންދަނިކޮށް ވަރަށް މަދުން ނޫނީ ނުފެނެއެވެ. މިހެން މިކަން ވުމުގެ މައިގަނޑު ސަބަބެއްކަމުގައި ކުޅުދުއްފުށީ ދަރިންގެ އަދަބީ ފަންނުވެރިކަމަށް ދޭ ސަމާލުކަން ނެތުން ފާހަގަކުރެވެއެވެ. ސަމާލުކަން ނުދެވުމުގެ އެއްސަބަބުކަމުގައި ސްކޫލްގައި ކިޔަވައިދޭ އިރު އެފަންނު ދަސްކޮށްނުދިނުން ނުވަތަ އެކަންކުރަންވީ އެންމެ ރަގަޅު ގޮތުގައި ކުރިއަށް ގެންދަމުން ނުދިއުން މިކަމުގެ އަސްލު މައިގަނޑުކަމުގައި ބުނުން އެއީ ދޮގަކަށް ނުވާނެއެވެ.
އަދަބިއްޔާތުގެ އިލްމަކީ ދުނިޔޭގައި އުޅޭ އިރު އެކުގައި އުޅޭ މީހުންނާއި އެހެން މީހުންނާއި މުހާތަބުކޮށް އެމީހުންގެ ސަމާލުކަން ހޯދުމަށް ވަރަށް މުހިއްމު އެހާމެ ބޭނުންތެރި އިލްމެކެވެ. ހާއްސަކޮށް ވެރިންގެ ގޮތުގައި ބަޔެއްގެ ތެރޭގައި ހުރި މީހެއްގެ އަދަބީ އިލްމް ނެތި އެބަޔެއް ގެންގުޅުން އެމީހަކަށް ފަސޭހަ ނުވާނެކަން ކަށަވަރެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ މީހުންނާއި މުހާތަބުކޮށް ދައްކަންޖެހޭ ވާހަކަތަކާއި ބުނަންޖެހޭ ބަސްމަގު ކޮށިވެ ދޫފަރިތަ ނުވެއްޖެނަމަ އެމީހާ ދައްކާވާހަކަ އަނެއްކާއަށް ފަހުމް ނުވުމާއި އެމީހާ ދައްކާ ވާހަކަޔާއި މެދު އަނެއްކާ ސަމާލުކަން ނުދިނުމެވެ.
އަދަބީ އިލްމަކީ އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންވާއިރު އެކުއްޖާ ގައިގާ އަށަގަނެފައިވާ ސިފައެއް ނޫނެވެ. މިހެން ބުނެވުނު ނަމަވެސް ބަޔެއް ކުދިންނަކީ ގުދުރަތީ ގޮތުން ދޫ ފަރިތަ، ކަންކަމުގައި ވިސްނުންތޫނު ބަޔެކެވެ. މިސިފަތައް ލިބިފައި ނެތް މީހުންނަކީވެސް ތިމާގެ މަސައްކަތުން އެފަދަ މީހަކަށް ނުވެވޭނެ މީހެއް ނޫނެވެ. މިކަމުގައި ބޭނުންވަނީ ގަދައަޅާ މަސައްކަތްކުރުމާއި އެކު އެކަންކުރެވޭނެ މާހައުލަކާއި ވަސީލަތެކެވެ. މިރަށުގައި އެފަދަ ވަސީލަތްތައް ވަރަށް މަދެވެ. އޭގެތެރިން އިންޓަނެޓަކީ މިކަންކުރުމުގައި އެހީތެރިވެދޭނެ އެއްވަސީލަތެވެ. މީގެ އިތުރަށް ބޭނުންވާ އިތުރު ވަސީލަތްތައް މިރަށުގައި ނެތްކަން ހިތާމަޔާއި އެކު ފާހަގަކުރެވެއެވެ. އެގޮތުން މިފަދަ ބަޔަކު އުފެއްދުމަށްޓަކައި މިރަށުގައި ލައިބްރަރީ ނެތުމަކީ މިކަމަށް އެޅިފައިވާ ވަރަށް ބޮޑުހުރަހެކެވެ. ސްކޫލް ތަކާއި އޮފީސް ތަކުގައި ލައިބްރަރީ އެއް ހުރިނަމަވެސް އެތަނުގެ ބޭނުން އެންމެންނަކަށް ނުހިފޭނެއެވެ. އެހެން ކަމުން ޕަބްލިކް ލައިބްރަރީއެއް ހުރުން ވަރަށް މުހިއްމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިޓީ ތަކުގައި ޕަބްލިކް ލައިބްރަރީ ހުރެއެވެ. އަދި މާލޭގައިވެސް އެފަދަ ލައިބްރަރީއެއް އެބަހުއްޓެވެ. އަދި މިރާއްޖޭގެ ޖަލުތަކުގައިވެސް އެފަދަ ވަސީލަތްތައް އެބަހުރިއެވެ.
ޕަބްލިކް ލައިބްރަރީ އެއްގެ މުހިންމުކަން މިރަށުގެ ރައްޔިތުންނަށާއި މިކަންކޮށްދެއްވަން ތިބި ސަރުކާރުގެ މުއައްސަސާތަކަށް ނުވިސްނެނީކަމެއް ނުވަތަ ވިސްނުނަސް އެކަން ކުރަން ބޭނުން ނުވަނީ ނޫންކަމެއް ނޭނގެއެވެ. ބަޔަކު ނުވިސްނި ނަމަވެސް ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާއަށް ވިސްނާފަދައިން އެމީހެއްގެ ރަށަށާއި ގައުމާއި ދޭތެރޭ ވިސްނާ، މިފަދަ ހުސްތަންތަން ފުރުމަށް ތެދުވުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން މިރަށަށާއި ގައުމަށް ފައިދާކުރާނެ ކޮންމެ ކަމެއް ކުރުން އެއީ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭނެކަމެކެވެ. އެގޮތަށް ވިސްނައިގެން ފިޔަވަޅު އެޅިއްޖެނަމަ ކުރިމަގުގައި މިރަށުގެ ދަރިން ތަފާތު ލީޑަރުންގެ ގޮތުގައި ތިބޭތަން ފެންނާނެއެވެ. އެދުވަހަކީ އެކަންކޮށްދިން ފަރާތްތަކަށް ނުހަނު އުފަލެއް އިހްސާސްކުރެވޭނެ ދުވަހެކެވެ. އަދި އެފަދަ ދުވަހެއް މާތްﷲ ގެ އިރާދަފުޅުން ދެއްކެވުމަކީ މިރަށުގެ ގިނަ ބަޔަކު ބޭނުންވާނެކަމެކެވެ. އެކަންކުރެވޭނީ މިހާރު މިތިބަ މިރަށުގެ ދަރިން މިކަމާއި ވިސްނާ ދުރާލާ އަޅަމުންގެންދާ ފިޔަވަޅުތެކެއްގެ މައްޗަށް ބުރަވެ، އެކަންކުރުމުގެ ޒިންމާ ސުކޫލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އާއިލާތަކުން އުފުލައިގެންނެވެ. މިފަދަތަނެއް މިރަށުގައި ހުޅުވިގެން ހިގައްޖެނަމަ އެތަނުގެ ފައިދާކޮށް ކުދިންތަކެއް މިމުޖުތަމުގައި ހޭލުންތެރިވެ އެކުދިންގެ ފައިދާ މިރަށަށާއި ގައުމަށް ލިބިގެންދާނެއެވެ. މިފަދަ ތަނެއް ހުޅުވައި ހިންގޭނެފަދަ މާލީތަނަވަސްކަން ހުރި މީހުންނާއި ކުލަބް ޖަމިއްޔާތައް މިރަށުގައި ތިބި އިރު އެފަރާތްތަކުން މިފަދަކަންކަމާއި ވިސްނާ، ހަމަ އެކަނި ތިމާގެ ކަންތައްތައް އިސްކުރުމުގެ ބަދަލުގައި، އެކަމުން ތިމާއަށާއި އެހެން މީހުންނަށް ފައިދާ ކުރާނެ ކަންތައްތައް ކުރުމަށްވެސް ވިސްނުންބައްޓަން ކުރުމަކީ ކަމުގެ މާހިރުން ދެކޭ ގޮތުގައި ބުއްދިވެރިންގެ އުޞޫލާއި ގޮތެވެ.
މާތްﷲ އިންސާނާ އަށް ސިކުނޑި ދެއްވާފައިވަނީ ކަންކަންބަލާ ހޯދުމާއިއެކު އޭގެ ތެރެއިން ހެވާއި ނުބައި ދެނެގަތުމާއިއެކު ހެޔޮގޮތުގައި ހިފުމަށެވެ. ކަންކަން ހޯދާބެލުމަށާއި ތަފާތު މައުލޫމާތު ހޯދައިގެން ނޫނީ ކަންތައްތަކުގެ ހެވާއި ނުބައި ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. ތީމާގެ އިލްމާއި ހިލްމު މުއްސަނދިކުރުމަކީ ތިމާގެ ކަމެކެވެ. އެއާއި އެކު އަނެއްކާ އަށް އެތަކެތި ބުނެދީ ވިސްނައިދިނުމަކީ އިލްމް ލިބިގެން ތިބި މީހުންނާއި އެފަދަ ކަމެއް ކުރުމަށް މާތްﷲ ގެ އިރާދަފުޅުން ތަނަވަސްކަން ލިބިފައިވާ މީހުންގެ މަސްއޫލިއްޔަތެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާ އާއި އެމީހެއްގެ ރަށާއި އެމީހެއްގެ ގައުމު ދެކެ ލޯބިވާނެއެވެ. އެފަދައި މިއިން ކޮންމެ ފަރާތަކަށްވެސް ރަގަޅު ގޮތް ވުމަށް އެދެވޭނެއެވެ. ކުރިމަގަށްޓަކައި މިރަށުގެ ދަރިން ލީޑަރުން ގޮތުގައި ތިބޭތަން ފެނުމަކީ މިރަށުގެ ކޮންމެ މީހަކުވެސް އެދޭނެ އެދުމުކެވެ. ކަންމިހެން ހުރުމާއިއެކު ކުރީގައި މިރަށު އޭ.އީ.ސީ ގައި އަދަބީ ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރުމާއިއެކު އެކަން ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގައި ސުކޫލްތަކާއި ކުލަބް ޖަމިއްޔާ ތަކާއި ދޭދޭ ފަރުދުން އިސްނަގައިގެން ކުރުމުން މެނުވީ އެފަދަ ކުރިމަގެއް ނުލިބޭނެއެވެ. މިރަށުގެ ދަރިންނަށް އިތުރު މައުލޫމާތު ހޯދޭނެ މަގުތައް ފަހިކުރުމާއިއެކު އިޖްތިމާއީ އަދަބީ ހަރަކާތްތައް އިތުރުކޮށް ރަށާއި އަތޮޅު އަދި ގައުމީ ފެންވަރުގައި ހިންގާ ރޭވުމަށް އިސްނަގައިގެން ކެރޭ ބަޔަކު ނިކުތުމަކީ މިލިޔުން ލިޔެލުމުގެ ބޭނުމެވެ.

ޕޮލިޓީޝަން ވިދާޅުވީ
ތާރީޚް:05/07/2009
މިއީ ވަރަށް ބޮޑު ތެދެއް. މިރަށު މީހަކު ނެތް ސަރުކާރުގެ މަތީ މަގާމަކާއި ވައިއެޅޭ ހިސާބުގަވެސް. ލީޑަރުން ބިނާކުރުމަށް ކުރަން ޖެހޭވަރަށް މަސައްކަތް ނުކުރެވެނީ ހެން ހީވަނީ. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ މިރަށުގެ ސުކޫލުތަކުން. މިބުނީ ސުކޫލުތަކުން އަދަބީ ކަންތައްތައް ނުބާއްވައެކޭ ނޫން. އެކަމަކު އަދި ރަނގަޅު ކުރަންވީ. ދެން މިރަށު މީހުންނަކީ އެކަހަލަ ކަމަކަށް އިންޓަރެސްޓް ވެސް ނެތް ބަޔަކީ ތޯޗެދޯ.
އައިމީ ވިދާޅުވީ
ތާރީޚް:05/07/2009
މިލިޔުމަކީ އަދަބީގޮތުން ކިހާ ފޭރާން ހެޔޮ ލިޔުމެއް ކަން ދަންނަވާކަށް އަޅުގަނޑަކަށް ނޭގޭ. އެކަމަކު މިލިޔުމުގައި އަލިއަޅުވާލައްވާފައިވާ ޕޮއިންޓް ތަކަކީ ވަރަށް ރަގަޅު ޕޮއިންޓްތަކެއް. ސްކޫލްތަކާއި ކްލަބް ޖަމުއިއްޔާ ތަކުން އިސްނަގައިގެން ލީޑަރޝިޕް ސްކިލްސް ފަދަ ކަންކަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމަށް އަޅުގަނޑު ގޮވާލަން.
މިސައިޓުގައި ލިޔުމެއް ޝާއިއުކުރުމަށް އަޅުގަނޑުވެސް ބޭނުންވޭ. ކިހިނެއްބާ އެކަންކުރެވޭނީ.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:05/07/2009
އަތޫފްގެ ފުރަތަމަ ލިޔުމަށްވުރެ މިލިޔުން ރަނގަޅު. އެކަމަކު، ލިޔުމުގެ ސުރުޚީއާއި ލިޔުމާގުޅުވާފައެއް ނެތް. ދެން ލިޔުމުގެ ސުރުޚީ ބަދަލުކޮށްލަނިކޮށް ރަނގަޅުވާނެ.
ކުރީގެ ދަރިވަރެއް ވިދާޅުވީ
ތާރީޚް:05/07/2009
މިތާ ޚިޔާލުފާޅުކޮށްފައިވާ ފަދައިން އެންމެ ބޮޑު މައްސަލަޔަކީ ސްކޫލްގައި އަދަބީ ޙަރަކާތްތައް މާބޮޑަށްވެސް މަދުވުން. އަޅުގަނޑު ޖަލާލުއްދީނުގައި އުޅުން އިރު ވެސް އަދަބީ ހަރަކާތްތައް އެއީ އެންމެ ފީކަޅާކޮށް ކުރާ ކަންތައް! ދިވެހި ޓީޗަރުން ބުނަނީ، އެސް.އެސް.ސީ އިން ފާސްކުރަން ކިޔަވައިދީފައި އަދަބީ ކަމެއް ކުރާކަށް ވަގުތެއް ނޯވެޔޯ.
އަޅުގަނޑު ޖަލާލުއްދީން ސްކޫލްގައި އުޅުންއިރު، ޓީޗަރުންގެ މި ދެއުޅިއެއް ނުވާ ޖަވާބަށް ދޭނެ ރައްދެއް ނޭގުނަސް، މިހާރު ދޭނެ ރައްދުތައް ބައިވަރު.
މިންކް ވިދާޅުވީ
ތާރީޚް:05/07/2009
އައިމީ އަށް:
މިސައިޓަށް ލިޔުމެއް ފޮނުވަން ބޭނުންނަމަ އެލިޔުމެއް މިޕޭޖްގެ އެންމެ ތިރީގައި އެވާ މެއިލް އެޑްރެސް އަށް މެއިލް ކޮށްލައްވާ.
ލިޔުމާބެހޭ ގޮތުން އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ، ލިޔުމުގެ މަފްހޫމް ކިތައްމެހާވެސް ރަނގަޅޭ. މީހުން ބިނާކުރުމަށާއި، ތަހްޒީބީ މުޖުތަމައު އެއް ބިނާކުރުމަށްޓަކައި “އެންމެން” އެކަތިގަނޑަކަށް ވެގެން މަސައްކަތް ފަށަން ވެއްޖެ. ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް ސްކޫލުތަކާއި ގުޅިގެން މިފަދަ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ނުވަތަ އަދަބީ ހަރަކާތްތަކެއް ނުވަތަ ލީޑަރޝިޕް ސްކިލްތައް ދަސްކޮށްދޭން މަސައްކަތަު ބައްދަލުވުންތަކެއް ބޭއްވިދާނެ.
DOg ވިދާޅުވީ
ތާރީޚް:06/07/2009
ވަރަށް ރަގަޅު ޕޮއިންޓެއް ފާހަގަކޮށްފައި ތިވަނީ، އަޅުގަނޑުވެސް މިއީ ވަރަށް ފޮތްކިޔާ ހިތްވާ މީހެއް، އެކަމަކު ރަށުގައި އުޅޭ އިރު މިކަންކުރެވެންނެތީމަ ވަރަށް އުނދަގޫވޭ އަދި ދެރަވޭ، ކޮންމެވެސް މީހަކު މިރަށުގައި ލައިބުރަރީއެއް އަޅައިދޭނެ ދުވަހެއް އަދި އަންނާނެކަންނޭނގެ، ދެން މިރަށުގައި އަދަބީ ހަރަކާތް މިވަނީ ވަޅުލެވިފަ، އެކަން އެއްގޮތަކަށްވެސް ނެތް ރަށެއްފަދަ، ދެން ކިހިނެއް ތިބުނާ ލީޑަރުން ފެންނާނީ. ސްކޫލްތައް އެކޮށް އޯވަރހޯލް ކުރަންވީ.
އަޅުގަނޑު ވިދާޅުވީ
ތާރީޚް:06/07/2009
އަޅުގަނޑުވެސް މިލިޔުމުގެ މަފްހޫމަށް ވަރަށް ތާއީދުކުރަން. އަދި މިކަމުގައި ސްކޫލްތަކުގެ ޒިންމާ ވަރަށްބޮޑުކަމަށް ދަންނަވަންޖެހޭ. ސަބަބަކީ ސްކޫލް ދައުރަކީ މިފަދަ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބޭ ދުވަސްވަރަކަށް ވާންޖެހޭނެ. އޭރުން ސްކޫލް ނިމިގެން ނުކުންނައިރު ތިބޭނީ އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރު ކުރެވޭ ބައެއްގެ ގޮތުގައި. ސްކޫލްތަކުން ކޮންމެވެސް ވަރަކަށް އަދަބީ ހަރަކާތްތައް ހިންގާކަން ފާހަގަކުރަންޖެހޭ. ނަމަވެސް އެކަށީގެންވާރަށް އެކަން ނުކުރެވޭކަން ފާހަގަކުރަން. ސްކޫލްތަކުގެ މެދުގައި ވާދަވެރި ރޫހެއްގައި މިފަދަ ކަންކަންކުރުމުގައި ކުލަބު ޖަމިއްޔާތަކަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ރަށުގެ ކޮމިޓީތަކެވެ. އަންހެނުންގެ ކޮމިޓީއާއި ރކ ކޮމިޓީ ނުވަތަ އަތޮޅު ކޮމިޓީއެވެ. ސްކޫލްތައް ވާދަކުރާނެ މުބާރާތްތަކެއް އިންތިޒާމް ކޮއްދެއްވަން ވީއެވެ. މިދިޔައަހަރު ގައުމީ މަރުކަޒުގެ ފަރާތުން ބޭއްވި ވާހަކަ ދެއްކުމުގެ ޒޯން މުބާރާތުގައި ވާދަކުރި ދަރިވަރުންނަށް ދެން އެފަދަ ފުރުޞަތެއް ލިބޭނެ ދުވަހެއް ނޭނގެއެވެ. އެހެންކަމުން ސްކޫލްތަކަށް އެކަނި ވާވާރަށްވުރެ ކަމުގެ މުހިއްމުކަމާއި ބުރަ ބޮޑެވެ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:06/07/2009
ލިޔުމުގެ މަފުހޫމު އެކަންޏެއް ނޫން ރަނގަޅިއްޔެއް. ލިޔުން ވަސް ރަނގަޅު. މި ލިޔުން ބޭބެ މި ކިޔާލީ އެއްކޮޅުން އަނެއް ކޮޅަށް އެންމެ އަކުރެއް ވަސް ވައްޓައި ނުލައި އެއް ނޭވައިން. ލައްކަ ދުވަސް ވެއްޖެ މިކަހަލަ ލިޔުމެއް ކިޔައި ނުލެވޭތާ.
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:06/07/2009
ވަރަށް ރަނގަޅު ވާހަކަތަކެއް. ލިޔުންވެސް އެހާ ސަޅި. އަތޫފަށް ހަމަ ސާބަސް! މަށަށް ހީވަނީ ސްކޫލްތަކުގައި ކޮންމެވެސް ވަރަކަށް އަދަބީ ހަރަކާތްތައް ހިންގާހެން. ޖަލާލުއްދީން ސްކޫލްގައިވެސް ތަފާތު އަދަބީ މުބާރާތްތައް ބާއްވާނެ. އެކަމަކު މަ ހިތަށް އަރަނީ އެއަށް ވުރެ މާ ރަނގަޅުވީހޭ ކުދިންނަށް މިފަދަ ކަންކަމުގެ މައުލޫމާތު ދީ ކުދިން ލައްވާ އެކުދިންގެ ހުނަރުތައް ކުރިއަރުވާނެ ހަރަކާތްތައް ހިންގީމަ. ހުސްއެކަނި މުބާރާތެއް ބޭއްވިޔަކަސް އޭގައި ބައިވެރިވެ ވާދަކުރަން ކެރޭނީ ވަރަށް މަދު ކުއްޖަކަށް.
ވޮޗަރެއް ވިދާޅުވީ
ތާރީޚް:06/07/2009
މިރަށުގަ ވަޒީފާ އަންބަލަން އޮންނަ ގޮތަށް ބަލާ އިރު އެންމެ އަޑީބައިގަ ތިބެނީ ރަށު މީހުން. އެޔާ ޖެހިގެން އަތޮޅު މީހުން. އެންމެ މަތީގަ މި ތިބެނީ ނައިފަރާ ތިމަރަދުއްޓާ ހުވަރަފުއްޓާ އެހެނިހެން ވެސް ފުށި ފުށީ މީހުން. ލީޑަރުން އުފައްދަންޏާ އުފައްދަންވީ. ކަން އޮތްގޮތް މަމި ބުނީ.