(2 ވަނަ އަދަދާއި ގުޅޭ)
ހުޝާމްގެ ސުވާލުން ޝިޔާނާ ދިޔައީ ސިއްސައިގެންނެވެ. އޭނާއިނީ އެސުވާލަށް ތައްޔާރުވެގެންނެއް ނޫނެވެ. އަދި އެއީ އޭނާ ޖަވާބުދޭން ބޭނުންވާ ސުވާލެއް ވެސް ނޫނެވެ.
“ބުނެބަލަ ޝިޔާނާ! ކީއްވެގެންތަ އަހަރެން ގާތުން ގަދަކަމުން، އޮޅުވާލައިގެން ވަރިވީ؟” ހުޝާމް އެ ސުވާލު ތަކުރާރުކޮށްލިއެވެ.
“ހުޝާމް! ތީ ދެން ކޮންކަމެއް. އަހަރެން މިގޮތަށް ބަންދުކޮށްގެން ކޮން ތަޙްޤީޤެއް ހިންގަން ތިއުޅެނީ؟ އަހަރެން ހުޝާމަށް ފިލައިގެން އުޅެނީތަ؟” ޝިޔާނާގެ އަޑުން ފޫހިވެފައި އިންކަން އެނގެއެވެ.
“ތަޙުޤީޤެއް ހިންގަނީކީ ނޫން. މިރިސޯޓަށް މިއަދު ޝިޔާނާ އައި ތަން އަހަރެންނަށް ފެނުނީ. އެހެންވެ ހިތަށް އެރީ، އަހަރެންނަށް ޝިޔާނާ ލަނޑުދިން ސަބަބު ހޯދަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނޭ.” ހުޝާމްގެ އަޑު މައިތިރިވެއްޖެއެވެ. އޭނާގެ މާޒީ އޭނާއަށް އުނދަގޫ ކުރަމުންދާ ކަހަލައެވެ.
“މިހާރު ދެން ތިވާހަކައެއް ނުދެއްކޭނެ. ނަވީން ހޭލަފާނެ. އެހެންނޫނަސް އަހަރެން ހުޝާމަކަށް ލަނޑެއް ނުދެން. އަނެއްކާ ހުޝާމް ތިއުޅެނީ ކިހާ ހުތުރުކޮށް؟” ޝިޔާނާ އަވަސް އަވަހަށް ބުންޏެވެ.
“ހުތުރުކޮށް އުޅޭކަށް ނުޖެހުނީސްތާ ޝިޔާނާ ގަދަކަމުން ވަރިނުވިނަމަ! ޝިޔާނާ ބުނަން، އަހަރެން މިހާރު ގޮސްފާނަން، އެކަމަކު އެއީ މިރޭ 11 ޖަހާއިރު، ޝިޔާނާ އަހަރެންނާ ބައްދަލުކުރާ މަތިން! އަހަރެން ބޭނުން ހުރިހާ ވާހަކައެއް އަޑުއަހަން!.” ހުޝާމް ޝަރުޠެއް ކަނޑައެޅިއެވެ.
“ކިހިނެއް އަހަރެން އެކަނި ހުޝާމް ކައިރިއަށް ދާނީ؟ އަހަރެން ބޭނުމެއް ނޫން މިކަންތައްތައް ނަވީނަށް އެނގޭކަށް.” ޝިޔާނާ އިނީ ހާސްވެފައެވެ.
“އާދެވޭނެ. ނަވީނާ ނުލައި އަހަރެން ކައިރިއަށް އަންނާނެ ޖާގަ ހޯދޭނެ. އަހަރެން މިތަނުން މިދަނީ ޝިޔާނާ އެކަން ކުރާ ގޮތުގެ މަތިން. މިއީ އަހަރެން މިހާރު މިތަނުން ދިޔުމުގެ ޝަރުޠަކީ!” ހުޝާމްގެ ޝަރުޠު ތަކުރާރުކޮށްލިއެވެ.
“އަހަރެންނަކަށް ތިކަމަކަށް ޔަގީންކަމެއް ނުދެވޭނެ. އެކަމަކު ދެވޭތޯ ބަލާނަން.” ޝިޔާނާ ބުންޏެވެ.
ޝިޔާނާގެ ހަނދާނަށް ކުއްލިއަކަށް އަންނަން ފެށީ މާޒީއެވެ. ހުޝާމާއި ޝިޔާނާއެވެ. އެމީހުންގެ ލޯތްބެވެ. ކައިވެންޏާއި މާމުއިހަނދެވެ. މިކަހަލަ ރިސޯޓެއްގައެވެ. ހަމަ މިކަހަލަ މެހެފިލެއްގައެވެ. އޭރު ހުޝާމްގެ ލޯބީގައި އޭނާ ވެފައިވާ މަސްތެވެ. އޭނާއަށް ކުރެވުނު އިންތިޒާރެވެ. އެއުފާވެރިކަމެވެ.
ޝިޔާނާގެ ޚިޔާލުގެ ދުނިޔެ ފޫއަޅުވާލީ ހުޝާމްގެ އިންޒާރުންނެވެ.
“ހަނދާން ބަހައްޓާތި! މިރޭ 11 ޖަހާއިރު އަހަރެން ހުންނާނީ ބާރ ގެ ކަނާތްފަރާތުގައި ހުންނަ ޗައިނީޒް ރެސްޓްރޯންޓް ކައިރީގައި. ޝިޔާނާ އަންނަން ޖެހޭނެ!”
ހުޝާމް ކޮޅަށް ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ފާޚާނާއިން ނުކުމެ، ނަވީން ނިދާފައި އޮތް އެނދު ހުރަސްކޮށް، ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ޝިޔާނާ ވެސް މަޑުމަޑުން ފާޚާނާއިން ނުކުމެއްޖެއެވެ. އަދި ހުޝާމް ހަދާނަހަދާއެއް ބަލަން ފާޚާނާ ދޮރުމަތީގައި ހުއްޓިއްޖެއެވެ.
ހުޝާމް ތަޅުގައި ހިފާ ދޮރު ހުޅުވާލިއެވެ. އަދި ބޭރަށް ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
އެއާއެކު ޝިޔާނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ތަޅުލިއެވެ. އަދި އަވަސް އަވަހަށް ގޮސް އަނެއްކާ ވެސް ފާޚާނާ ވަދެއްޖެއެވެ. އަދި ބިލިގާ ފުރެންދެން ތާފަނާ ފެންއަޅާފައި، އެއަށް އެރިއްޖެއެވެ.
ފެނުގެ މަޑުހޫނުން ޝިޔާނާ ވެފައިވާ ވަރުބައްޔާއި، ދެންމެ ދިމާވި ކަންތައްތަކުގެ އަސަރުތައް ދާދި އަވަހަށް ފިލައި ގޮސް، ވީއަރާމަކުން އޭނާގެ ދެލޯ މެރިއްޖެއެވެ.
*************************************
“ޝިޔާނާ! ޝިޔާނާ! ލޯބީ!”
ޝިޔާނާ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އޭރު ނަވީން އިނީ ބިލިގާގެ ބޭރުން ދެކަކޫ މައްޗަށް އިށީނދެއެވެ.
“ހާދަ ބޮޑު ފިކުރެއްގައި ތީނީ. އަހަރެން މިހާރު ދެތިން ފަހަރަކު ގޮވާލައިފިން. ރަނގަޅަށް ނިދުނުތަ ރޭގައި؟” ނަވީން ކުރީ ސުވާލެކެވެ.
“ނަވީން. ލޯބީ” ޝިޔާނާ ޖަވާބުދިނީ ނަވީންގެ ސުވާލަކަށް ނޫނެވެ.
އެއާއެކު، ޝިޔާނާގެ ހަށިގަނޑަށް ނަވީން ރަނގަޅަށް ބަލާލިއެވެ. އެއީ، ސާފު އަލީގައި، އޭނާއަށް ޝިޔާނާގެ ކަޝްފުވެފައިވާ ހަށިގަނޑު އެހާ ރީތިކޮށް ފެނުނު ފުރަތަމަ ފަހަރެވެ.
“ލޯބީ. ލޯބި ހާދަ ރީއްޗޭ” ނަވީން ބުންޏެވެ.
ނަވީންގެ ވިސްނުމުގައި އެހިނގައިގަތީ ކޮންކަމެއްކަން ޝިޔާނާއަށް ވިސްނުނީ ދެނެވެ. އެއާއެކު، ޝިޔާނާ ލަދުގަތެވެ. އަދި ދެއަތުން މޫނު ފޮރުވިއެވެ.
ރަކި ހިނިތުންވުމަކާއެކު ޝިޔާނާގެ މޫނުގައި އަޅާފައިވާ ދެއަތް ނަވީން ދުރުކޮށްލިއެވެ. އަދި އޭނާ ވެސް ބިލިގާގެ ތެރެއަށް އެރިއްޖެއެވެ. އެއާއެކު، ލޯބީގެ އާ މަންޒިލަކަށް އެދެމަފިރިންގެ އިޝްޤީ އޮޑީގައި ދަތުރު ފެށިއެވެ.
*************************************
ޝިޔާނާއާ ނަވީން، އެމީހުންގެ ކައިވެނީގެ ފުރަތަމަ ދުވަސް އެއްކޮށް ހޭދަކުރީ، އެކޮޓަރީގައެވެ. ކައިވެނީގެ ހުއްދައާ ލައިގެން މެނުވީ، ދެމީހުން އެދުންވެރިކަމާއެކު ގާތް ނުވުމަށް ނަވީން ބާރުއެޅި އެޅުމުގެ ސަބަބުން، މިއަދު ދެމީހުންނަށް ވެސް އެތައް ކަމެއް ދަސްވާން ފެށުމުން، އޭގެ ފޯރީގައި ކޮޓަރިން ނުކުންނާނެ އެއްވެސް ވަގުތެއް ނުލިބުނީއެވެ. އެހެންވެ، އެމީހުންގެ ހެނދުނުގެ ނާސްތާއާއި، މެންދުރުގެ ކެއުން ވެސް ގެނައީ ކޮޓަރިއަށެވެ.
ނަވީންގެ އެބާރުއެޅުން ޝިޔާނާއަށް ފުރަތަމަ ތަރުޖަމާ ކުރެވުނު ގޮތަކީ ގޯސްގޮތެއް ކަމުގައި މިއަދު ޝިޔާނާއަށް ވިސްނުނެވެ. އޭގެ ކުރިން، އޭނާ ނަވީން ދެކެ ޝިޔާނާ ކިތަންމެ ލޯތްބެއް ވިޔަސް، އެކަމާ ހިތުގެ ކަނެއްގައި ޝަކުވާ ކުރެއެވެ.
“ކީއްވެގެންތަ ނަވީން ތިދެކޮޅު ހަދަނީ؟ ގަލަމެއް ގަތުމުގެ ކުރިން އެއިން ދެލި ހިނގާތޯ ބަލާލަން ގަނޑެއްގައި ކުރަހާލުން އެއީ ގޯހެއްތަ؟” ޝިޔާނާ އޭރު ޝަކުވާ ކުރަނީ އެހެން ކިޔާފައެވެ.
“އަހަރެން ގަލަން ގަންނަން މިއައީ އުނގުވިޔަފާރިވެރިއެއްގެ ގާތަކަށް ނޫނޭ. ސީދާ ގަލަމަށް ޚާއްޞަ ފިހާރައަކަށް. އަގުބޮޑު މޮޅު ގަލަން ވިއްކާ ފިހާރައަކަށް. އެހެންވީމާ އަހަރެންނަށް އެނގޭ ތިގަލަމުން ދެލި ހިނގާނެކަން ގަނޑެއްގައި ނުކުރެހިޔަސް. އަދި އެނގޭ ތިއީ އަގުބޮޑު މޮޅު ގަލަމެއްކަން ވެސް.” ނަވީން ދޭ ޖަވާބަކީ އެއީއެވެ.
ދުވަހަކީ، ކިތަންމެ އުފާވެރި ދުވަހެއް ކަމުގައިވި ނަމަވެސް، ޝިޔާނާގެ ސިކުނޑިން ހުޝާމްގެ ޚިޔާލު މުޅިއަކުން ކައްސާލައިގެންނެއް ނުދެއެވެ. ހަވީރުގެ ވަގުތުނިމި، އިރު އޮއްސި، އަދި އެއަށްފަހު ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ޝިޔާނާއަށް އެޚިޔާލުތަކުން ވަރަށް ބޮޑަށް އުނދަގޫވާން ފަށައިފިއެވެ. އަދި އެކަން ނަވީނަކަށް ނުވެސް ފޮރުވުނެވެ.
“ޝިޔާނާ ހާދަ ވަރަކަށް ތި ދާހިއްލާ، ހާސްވަނީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟ ތަނެއްގައި ރިއްސަނީތަ؟” ނަވީން އެހިއެވެ.
ނަވީންގެ ހުޝިޔާރުކަމާމެދު ޝިޔާނާ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެން ނުވާނެކަން ޝިޔާނާއަށް އޮތީ މާކުރިއްސުރެ ވިސްނިފައެވެ.
“ވެގެން އުޅޭ ގޮތެއް އަސްލު ބުނަންތަ؟” ޝިޔާނާ ބުންޏެވެ.
ނަވީންގެ އަތުގައި އޮތް ސަމްސާ ތަށީގެ ތެރޭގައި ބާއްވާ، ޝިޔާނާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށް ނަވީން ސަމާލުކަން ދިނުމުގެ ގޮތުން، ޝިޔާނާއާ ކައިރިވެލިއެވެ.
(ނުނިމޭ)


ކަނބާ އައިސަ ވިދާޅުވީ
ތާރީޚް:24/07/2009
ހާޝިމު ރަނގަޅުވާނީ މިކަހަލަ ވަހްސީ ވާހަކަ ލިޔަން.
ގަމާރު ވިދާޅުވީ
ތާރީޚް:24/07/2009
ހާދަ އެވާހަކަ ދައްކަ ވާހަކައެކޭދޯ.
އިސްބެ ވިދާޅުވީ
ތާރީޚް:24/07/2009
ވާހަކަ ވަރަށް ރީތި..
މޫސަ ވިދާޅުވީ
ތާރީޚް:25/07/2009
ހާދަ އަނެއް ބައި ބޮޑޭ ދޯ.w
ޝިރާ ވިދާޅުވީ
ތާރީޚް:25/07/2009
ވަރަށް ސަޅި. އަވަހަށް ގެނެސްދެއްޗޭ ދެން އޮތް ބައި..
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:25/07/2009
ރައީސް ނަޝީދު “އަނެއް ދިވެހި ރާއްޖެ” އާއި “ގުލްޒާރުގައި ނަޔާމަގޭ ނޫރާނީ މާ” އަކާއި ގުލްސަމްޕާ މަލެއްގެ ވާހަކަ ކެމްޕެއިންގައި ގެންގުޅުނީމާ، ޒުވާނުންގެ ފޯނު ތަކުގެ ވޯލް ޕޭޕަރާއި ރިންގް ޓޯން އާއި އަދި މެސެންޖާ ޑީޕީ އިންވެސް މި އެއްޗެހި ފެންނަންފެށީ. ލައްކަ ރީތިވެސް އެއްޗެއްސެއް ނޫނޭ. އެކަމަކު ޕްރޮމޯޓް ވީމާ ވާގޮތް އެއީ.
އެމެރިކާގެ ފިލްމު ތަކުގައި ސްކޫލެއްގެ ކްލާސްތެރެ ދެއްކިއަސް ދައްކަފާނެ ކުދިން އެންމެ ގަޔާނުވާ، މެތެމެޓިކްސް އާއި ކަލްކުލަސް ފިލާވަޅުތަށް ނަގައިދޭ ތަންތަނާއި، އޭގެ ކޮންސެޕްޓްތަކަށް ބިނާކޮށް ފިލްމުގެ ދެން އޮތްބައި ގެންގޮސް ދޭތަންވެސް. ބޭނުމަކީ ކުދިން ހިތް ޖެއްސުން، އެމެރިކާ ފިލްމްތަކުގައި ނިކަން މޮޅެތި މެސެޖްތައްވެސް ދީފައި ހުރޭ.
ސްޕެނިޝް ފިލްމް ތަކުގައި ޓްރިޕް ތަކަށް ދާނީ ކޮންމެވެސް ސެއިންޓް ލޫސިއާ އެއްތޯ ތާކަށް. އެއީ އެމީހުންގެ ތަންތަން ދުނިޔެއަށް ޕްރޮމޯޓް ކުރަން. ނަމަވެސް ދިވެހި ތަންތަން ދިވެހިންނަށް ޕްރޮމޯޓް ކޮށް، ދިވެހި އާދަ ކާދަ ދައްކައިދޭ ވާހަކަތަށްވެސް ހަމަ ރަނގަޅުވާނެ. އެކަމަށްޓަކައި، އާދަމް ނަސީރު ހެދޭކަށްވެސް ނުޖެހޭނެ ކޮންމެހެންނެއް އަޅުގަނޑު ދެކޭ ގޮތުގައެއް. ހަމަ ކުދި ކުދި ތަންކޮޅު ކޮޅު ގެނެސްގެން ވާނެ.
މިސާލަކަށް “ކައިވެނީގެ ހުއްދައާ ލައިގެން މެނުވީ، ދެމީހުން އެދުންވެރިކަމާއެކު ގާތް ނުވުމަށް ނަވީން ބާރުއެޅި އެޅުމުގެ ސަބަބުން،” މިފަދަ ޖުމްލަތަށް ހަމަ ވަރަށް ރަނގަޅޭ.. މިކަހަލަ އިންސާނީ ވަންތަ ގޮތްތައް ޕްރޮމޯޓްވާނެ އޭރަށް. ހަމަ އެހެންމެ ރިސޯޓެއްގެ ވާހަކަ ގެންނައިރު، ދިވެހި ނަމެއް ގެނައުމާއި، ބަރ، އަކާއި ޗައިނީޒް ރެސްޓޯރެންޓެކޭ ނުކިޔަ، ދިވެހި ތަނެއްގެ ވާހަކަ ގެނައުންވެސް ހިމެނޭ. މީ އަދި ވާހަކަ އަށް ފާޑު ކީއެއް ނޫން. ސަބަބަކީ ވާހަކައިގެ ކަންތައް އޮންނަ ގޮތް އެނގޭނީ ލިޔުންތެރިއަށްތާ ދޯ.
ހުސްނާ ރާޒީ ވިދާޅުވީ
ތާރީޚް:25/07/2009
ހާޝިމުގެ މިވާހަކަ ވަރަށް ސަޅި. މިސައިޓުގެ ފަރާތުން ސުޕޮންސަރ ކޮށްގެން އެވާހަކަ ފޮތެއްގެ ސިފައިގައި ނެރޭނެ ކަމަށް އުއްމީދު ކުރަން. އަދި ހާޝިމު ވެސް މިކަމަށް ޝައުގުވެރިވާނެ ކަމަށް ހީކުރަން. އަދި މިސައިޓުންވެސް އެފަދަ ކަމެއް ކޮށްދީފިނަމަ އެއީ އަޅުގަނޑުމެން ފަދަ ވާހަކަ ކިޔާއުޅޭ އަންހެން ކުދިންނަށް ކޮށްދެވުނު ހެޔޮ ކަމެއްގެ ގޮތިގައި ވެގެންދާނެ.
އިސްމާއީލް ގެ ދަރިއެއް ވިދާޅުވީ
ތާރީޚް:25/07/2009
ވަރަށްސަޅި…… މީގެ އަނެއްބަޔަށް އިންތިޒާރުކުރަން…….
މިސްޓޭކް ވިދާޅުވީ
ތާރީޚް:25/07/2009
އެބައުޅޭ ކުޑަ ޓައިޕިން މިސްޓޭކެއް. އެއީ 8ވަނަ ޕެރެގްރާފްގައިވާ ތަންކޮޅެއް. އެންމެ ފަހު ޖުމްލައިގައި އިނީ ނަވީންގެ ޝަރުތު ތަކުރާރު ކޮށްލިއެވެ. އެ ތަނުގައި އިންނާނީ ހުޝާމް އޭ ދޯ؟!
ހާޝިމް ވިދާޅުވީ
ތާރީޚް:25/07/2009
މިސްޓޭކަށް!
ތިޔަ ފާހަގަކޮށްލެއްވި ތަންކޮޅަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަން އެޑްމިން އިން އެތަންކޮޅު ރަނގަޅު ކޮށްލަ ދެއްވާނެ ކަމަށް. އެއީ އަޅުގަނޑުގެ މިސްޓޭކެއް. އެޑްމިންގެ މައްސަލައެއް ނޫން. އެކަމަށްޓަކައި މާފަށް އެދެން،