ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށާއި، އިސްލާމީ އަދަބުތައް ދިނުމަށް ގޮވާލައި، މާލޭ ހެދިގޮނޑުދޮށު ސަރަޙައްދުގައިވަނީ ދާދި ފަހުން މުޒާހަރާއެއް ބާއްވާފައެވެ. އެމުޒާހަރާގެ ބައިވެރިން، ދިވެހިރާއްޖޭގައި ޒިނޭގެ ކުށް ސާބިތުވާ މީހުންގެ ގައިގައި ޙައްދު ޖެހުމާމެދު ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމުޢިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށް، އެކަން އެމަގުން ކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ކުރެއްވި އިލްތިމާސަކާ ދެކޮޅަށް އަޑުއުފުލިއެވެ. އަދި، އެޚަބަރު ރިޕޯޓުކުރި މިނިވަން ނިއުސް އާއި އެތަނުގައި މަސައްކަތް ކުރައްވާ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ މަރިޔަމް އޮމީދީ ދިވެހިރާއްޖެއިން ބޭރުކޮށް ފައްސާލުމަށް ވެސް ގޮވާލިއެވެ.
މިދެންނެވި މުޒާހަރާ ރާވާ ހިންގި މީހުންގެ މަޤުޞަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، މިމީހުން ކަންތައް ކުރީ އެއްވެސް ޙާލެއްގައި ހަމައަކުންނެއް ނޫނެވެ. އަދި އެމީހުން ގޮވާލި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ، އޭގެ ޙަޤީޤަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި، އަވަސް އަރުވާލައިގެން، ބައެއްގެ މިނިވަންކަމަށާއި އަބުރަށް އަރައިގަތުމަށް ކޮށްފައިވާ ކަންކަން ކަމުގައި ވެސް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އަޅުގަނޑު މިހެން މިދެންނެވީ ސަބަބުތަކެއް ހުރެގެންނެވެ. އެސަބަބުތައް ވެސް އަޅުގަނޑު މިތަނުގައި ހާމަކޮށްލަން ބޭނުމެވެ. އެއީ، މިމުޒާހަރާގެ މޭސްތިރިންނާއި ބައިވެރިންގެ ނަޒަރުގައި ތިމާމެންނަށް މިކުރެވުނީ ނިކަން މޮޅުކަމެކޭ ހިތައި ހިތްގައިމުކޮށްގެން މިއަދު ތިބިކަމުގައި ވިޔަސް، އަދި އެގޮތަށް ބަޔަކަށް ވިސްނައިދޭން އުޅުނު ކަމުގައި ވިޔަސް، އޭގެ ޙަޤީޤަތަށް ފަސްލާ ފޮރުވުމަކީ، ދިވެހިންގެ ތެރޭގައި ދުނިޔޭގެ އާޖުފާޖު ދަންނަ މީހުން ތިއްބައި ހަމަ ލާހިކު ކުޅަދާނަކަމަކަށް ނުވާނެތީއެވެ.
އާދޭހެވެ. މިމުޒާހަރާގެ މޭސްތިރިން، ޙަޤީޤަތަށް ބެލުމެއްނެތި މިކަން ކުރިކަމުގައި އަޅުގަނޑު މިދަންނަވާ އެންމެ ބޮޑު އެއް ސަބަބަކީ، މިމުޒާހަރާގެ ވަގުތާއި ހަކަތައިން ބޮޑު ބައެއް މިނިވަން ނިއުސް އާ ދެކޮޅަށް އަމާޒުކުރީތީއެވެ. އަދި އެނޫހުގެ ރިޕޯޓަރު މަރިޔަމް އޮމީދީއާ ޒާތީގޮތުން ދިމާކޮށްފައިވާތީއެވެ. ހަމައެހެންމެ، މިނިވަން ނިއުސް އިން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރިޔަ ނުދޭން އުޅެނީ ކަމަށް ދައްކަން އެމުޒާހަރާގައި މަސައްކަތް ކޮށްފައިވާތީ ވެސް މެއެވެ. މިއީ އިންތިހާއީ ބޮޑު އޮޅުވާލުމެކެވެ. ރައްޔިތުންގެ ލޮލުގައި މިބައިމީހުން އެޅުވި ވަރަށް ވަރުގަދަ އަނދުނެއް ވެސް މެއެވެ. މީގެ ޙަޤީޤަތަކީ، އެނޫހުން އެފަދަ އެއްވެސް މަސައްކަތެއް ނުކުރައްވާކަމެވެ. އޭގެ ބަދަލުގައި އެނޫހުން ކުރެއްވިހާވެސް ކަމަކީ، އެމްނެސްޓީއިން ނެރުއްވި ނޫސް ބަޔާނެއް ދިވެހި ރައްޔިތުންނަށް ޚަބަރެއްގެ ސިފައިގައި ރިޕޯޓްކޮށް ދެއްވުމެވެ. އެނޫހުގެ އެއްވެސް ރައުޔެއް، އަދި އެނޫހުގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅެއްގެ އަމިއްލަފުޅު ރައުޔެއް ވެސް ނެތިއެވެ. މިކަން އަޅުގަނޑަށް އެނގެނީ، މަރިޔަމް އޮމީދީ އާއި އެނޫހުގައި މަސައްކަތްކުރައްވާ އެނޫން ވެސް އެންމެ ބޭފުޅުންނަކީ، އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންނަށް ވާތީއެވެ.
މިދެންނެވި ސަބަބުގެ އިތުރުން، މިމުޒާހަރާގެ ބައިވެރިން ޙަޤީޤަތް އޮޅުވާލިކަމުގައި އަޅުގަނޑު މިދަންނަވާ ދެވަނަ ސަބަބަކީ، އެމީހުންނަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ ޙައިސިއްޔަތާއި، އެޖަމުޢިއްޔާގެ ނޫސް ބަޔާނާއި، އެނޫސް ބަޔާން ނެރެން ޖެހުނު ސަބަބު ވެސް ރަނގަޅަށް އޮޅުން ފިލުވަން މަސައްކަތްކޮށްފައި ނުވުމާއެކު، އެވާހަކަ ވެސް ނުދެއްކީތީއެވެ. އޭގެ ބަދަލުގައި، އެވާހަކަ ކަނޑައެޅިގެން އޮއްބާލައި، އެމީހުން ބޭނުންވާ ގޮތަށް މިޑްރާމާ ރާވާލީތީއެވެ. މިބައިމީހުން މިކަން އޮޅުވާލިޔަސް، އަދި އެވާހަކަ ނުދެއްކިޔަސް، އެމްނެސްޓީއަކީ، ދުނިޔޭގައި އިންސާނީ ޙައްޤުތައް ޤާއިމުކުރުމަށް މަސައްކަތްކުރައްވާ، އަދި އެކަމާ ގުޅޭ ގޮތުން އދ އިން އެކުލަވާލައްވާފައިވާ މުޢާހަދާތައް ގައުމުތަކުން ތަންފީޒުކުރޭތޯ ނުކުރޭތޯ ބައްލަވާ ފަރާތެކެވެ. އެޖަމުޢިއްޔާއިން ނެރުއްވި ނޫސް ބަޔާނުގައިވަނީ، ދިވެހިރާއްޖޭގައި ޒިނޭގެ ކުށް ސާބިތުވާ މީހުންގެ ގައިގައި ޙައްދު ޖެހުމަކީ، ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާއަކާ ޚިލާފު ކަމެއް ކަމުގައެވެ. އެހެންވެ އެކަމާ އެޖަމުޢިއްޔާއިން ކަންބޮޑުވާ ވާހަކައެވެ. އެމުޢާހަދާއަކީ “އދ ގެ އަނިޔާކުރުމާއި އެހެނިހެން ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާ ދެކޮޅު މުޢާހަދާ” ނުވަތަ ޔޫއެން ކޮންވެންޝަން އަގެއިންސްޓް ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމޭން އޯ ޑީގްރޭޑިންގ ޕަނިޝްމަންޓް” އެވެ. ޙައްދު ޖެހުން ފަދަ އަނިޔާވެރި އަދަބުތައް ދީގެން ނުވާނެކަމަށް މިމުޢާހަދާގައި ބަޔާންކުރައްވާފައިވާއިރު، އަދި އެގޮތަށް އެއްބަސްވެ ދިވެހިރާއްޖޭގެ ނަމުގައި، ދިވެހި މުސްލިމް ރައްޔިތުންގެ ނަމުގައި، މައުމޫން ސަރުކާރުން 20 އޭޕްރީލް 2004 ގައި މިމުޢާހަދާގައި ސޮއިކޮށްފައިވާއިރު، އެމުޢާހަދާއާ ޚިލާފަށް އެކަން ދިވެހިރާއްޖެއިން ކުރަންޏާ އެފަދަ ޖަމުޢިއްޔާތަކުން އެވާހަކަ ދައްކާނެ ނޫންތޯއެވެ؟ ނޫސްބަޔާންތައް ނެރުއްވައި، ކަންބޮޑުވުން ވެސް ފާޅުކުރައްވާނެ ނޫންތޯއެވެ؟ އެހެންވީމާ، ޙައްދު ޖެހުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބަކަށް ވެފައި، އަދި އެކަން ކުރުން މަނާކުރާ ކަހަލަ ގޮތަކަށް އޮތް މުޢާހަދާއެއްގައި ސޮއިކުރި ސަރުކާރުގެ ވެރިޔާ ކުށްވެރިނުކޮށް، މިނިވަން ނޫހަށާއި އެމްނެސްޓީއަށް އޭގެ ފޫޅުކަނޑަންވީ ކޮން ގޮތަކުން، ދުނިޔޭގެ ކޮން ހަމައަކުން ކަމެއް އަޅުގަނޑަކަށް ކުޑަކޮށް ވެސް ނުވިސްނެއެވެ.
އާދޭހެވެ. އަޅުގަނޑުގެ ބޭނުމަކީ ކޮންމެހެން މިތަނުގައި ޙައްދު ޖަހަން ޖެހޭތޯ ނުޖެހޭތޯ ބަޙުސް ކުރުމެއް ނޫނެވެ. ނުވަތަ، އެކަމާ ވާހަކަ ދެއްކުމެއް ވެސް ނޫނެވެ. އަޅުގަނޑު މިތަނުގައި ހާމަކުރެވޭތޯ މިމަސައްކަތްކުރީ، ޙައްދު ޖެހުމާ ދެކޮޅަށް އޮތް މުޢާހަދާއެއްގައި ސޮއިކޮށްފައި، އެއާ ޚިލާފަށް ޢަމަލު ކުރަންޏާ، އެކަމާ ބެހޭ ފަރާތްތަކުން އެޝަކުވާކުރާނެ ވާހަކަ ދެންނެވުމެވެ. އެމުޢާހަދާ އެއޮތީ ރަނގަޅަށޭ ނުވަތަ ރަނގަޅަކަށް ނޫނޭ ދަންނަވާކަށް ވެސް އަޅުގަނޑެއް ނެތީމެވެ. އެހެންނަމަވެސް، އެއްޗެއްގައި ސޮއިކޮށްފައި އޮތިއްޔާ، އަދި އެސޮއި އަނބުރާ ނުގެނެސް، އެ އެއްބަސްވުން ވެސް އުވާނުލާހާ ހިނދަކު ކަންތައް ކުރަންވާނި އެއާ އެއްގޮތަށެވެ. އެނޫން ގޮތެއް ނޯންނާނެއެވެ. އެހެންނޫނީވިއްޔާ، އެފަދަ އެއްބަސްވުންތަކުގައި ސޮއި ނުކުރީމާ ނިމުނީނޫންތޯއެވެ. އެކަމަކު، މިމުޒާހަރާގެ މޭސްތިރިން މަސައްކަތްކުރީ ކުރިން ވެސް ދެންނެވިހެން، އެކަން އެމަގުން ކުރި މީހާގެ ވާހަކަ ނުދައްކައި، އަދި އިސްލާމްދީނުގެ އެޙުކުމް މުގުރާލުމަށް ސޮއިކުރި މީހާއަށް އެއްޗެއް ނުބުނެ، ކަމާ ނުވެސް ބެހޭ ފަރާތަކާ ދިމާކޮށް އެފަރާތުގެ އަބުރަށް އަރައިގަނެ، އަނދަގޮނޑި ޖައްސުވާށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ، އެއްވެސް ތަނެއް ދޮރެއް ނުދަންނަ، ޖާހިލު މަރުމޯލުންތަކެކެވެ. މިފަދަ މީހުން ކޮންމެހެން އިސްލާމްދީނުގެ ބަޠަލުންނަށް ހެދޭނެ ކަމެއް ނެތެވެ.

އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:28/07/2009
ރަގަޅުވާހަކައެއް، އަހުރެން މފުރުސަތުގައި އެމުވާހަދާގައިވާ ސޮއިކުރިފަރާތެއް ބަލާލަންބޭނުންވޭ އަދި އެސޮއި އަބުރާގެނެއުން ނުވަތަ އިސްލާހްކުރުމަށް ސަރުކާރައްގޮވާލަން.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:28/07/2009
ތިޔަ ބުނާ މުޒާހަރާއަކށް ދިޔުމަށް ގޮވާލާ ތައްޔާރުކުރި، ލިޔުންތައް ފުރަތަމަ ބަހައްޓާފައި ހުރީ އިބްރާހީމީ މިސްކިތުގެ ދާލަ މަތީގައި. މަ ވެސް އެކިޔާލިން. އޭގައި ހުރީ މައްސަލަޔަށްވުރެ ބޮޑަށް ބައެއް މީހުންގެ ވާހަކަތައް އަގުވައްޓާލުމުގެ ގޮތުން ލިޔެފައި. ދެން، އަސްލުވެސް މުޅި މުޒާހަރާ ބިނާ ކޮށްފައި އޮތީ އިނގިރޭސިބަހުން މިޔާ ‘ނޮން-އިޝޫ’ އަކަށް. އެއްވެސް އޮއްޓަރެއްނެތް ކަމެއްގެ މައްޗަށް. އެތަނަށް ދިޔައީ 200 ވަރަކަށް މީހުން.
ހާޝިމް ބުނިގޮތަށް، މުޒާހަރާ އަމާޒުކުރީ ނޫހުގެ އެޑިޓަރަށް. އިނގިރޭސި ބަހުން ނުކުންނަ އޮންލައިން ނޫސް ކިޔަން އޭތިންނަށް ނޭނގެނީ ތޯއްޗެ! ޢަރަބި ނޫނީ އުރުދޫބަހުން އެ ޚަބަރު ޖެހިނަމަ އޯކޭ ވީސް ކަންނޭނގެ. ހެހެހެެ
މާޔާ ވިދާޅުވީ
ތާރީޚް:28/07/2009
މި ހާޝިމް ގެ ބަލާޔާ ހެދި މިހާރު މަ ރައްޓެހިވެގެން އުޅޭ ސޮރާ އެކީ ވަސް ނޯވޭ މިހާރު ވާހަކަ އެއް ދައްކާލެވޭކަށް ….. އަހަރުކޮއްފަ ބައްދަލުވީމަވެސް އިނދެގެން ދައްކަނީ ހާޝިމްގެ ވާހަކަ.. ދެން ކިހާ ބޮޑު ކަމެއްތަ….. ކޮންތާ ކު އުޅޭ ކާކު ކަމެއްވަސް އެނގެނީ އެއް ނޫނޭ…. ހާޝިމް މިތާ ޖަހާ ފަސްގަނޑުގެ ވާހަކަ ރޭގަ ވަސް މަކައިރީ އިން ހާއިރު ދެއްކީ.. އަހަންނަކަށް ނޭނގެ ދެން،.. އަނެއްކާ މި މި ހާޝިމގެ ވަބާ މިތަނަށް ޖެހިގެން ވިއްޔަ މި އުޅެނީ..ހުއް
ވިދާޅުވީ ވިދާޅުވީ
ތާރީޚް:28/07/2009
ކޮންމެ ގޮތެއްވިޔަސް މިލިޔުން އަމާޒުކޮށްފަ މިއޮތީ މައުމޫނަށް. އެކަމަކު އިސްލާމީ ސަރީއަތް ގާއިމުކުރުމަށް މުޒާހަރާކުރި މީހުންނަށް ޖާހިލު މަރުމޯލުންނަށް ގޮވާ ހެދުމަކީ ވަރަށް ހަޑިކަމެއް. ރާއްޖޭގައި އިސްލާމީ ސަރީއަތް ގއަމު ކުރެވެން ޖެހޭނެ. މައުމޫނު ހައްދުނުޖެހޭނެ ކަމަށް ސޮއިކޮށްފަ އޮތސް މިހާރު މިއީ އަނެއްރާއްޖެ. ހާސިމަކީ އަނެއް ދިވެހި ރާއްޖޭގެ ބޮޑެއް. ހާސިމް ވީނުން އިސްލާމީ ސަރީއަތް ގައިމުކުރުމަށް ގޮވާލަން. އިސްލާމީ ސަރީއަތް ގައިމުނުކުރާތިވީމަ ރާއްޖޭގަ ޒިނޭގިނަވެގެން މި އުޅެނީ.
ހާޝިމް ވިދާޅުވީ
ތާރީޚް:28/07/2009
މާޔާއަށް.
ތިކަމާ އަޅުގަނޑު ވަރަށް ދެރަވެއްޖައީން. އަދި ވަރަށް ބޮޑަށް މާފަށް ވެސް އެދެން. ދެން އެސޮރަށް ނަންގަނެދެއްވާ އެހެން ނުހައްދަވާށޭ. ސިޔާސީ ކަންތައްތަކުގައި އެކަކު އަނެކަކަށް ރުޅިމޫނު ހަދާ ވަރިފަށަށް އަރާކަށް އެއްގޮތަކަށް ވެސް ނުޖެހޭ. އެވަރުގެ ޤާބިލްކަމާ ކެތްތެރިކަން ނެތީވިއްޔާ، ސިޔާސީ ކަންކަމާ ނުއުޅުއްވާށޭ ވެސް ނަންގަނެދެއްވާ އިނގޭތޯ.
ގަމަރުއްނިސާ ވިދާޅުވީ
ތާރީޚް:28/07/2009
ެގާނޫނު އަސާސީގައި ބުނަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީނެ. އަދި އަދުލު އިންސާފު ގާއިމު ކުރުމުގައި ބަލަން ޖެހޭނީ ހަމައެކަނި އިސްލާމީ ޝަރީއަތަށާއި ދިވެހިރާއްޖޭގެ ގާނޫނު ތަކަށޭ. އަޅުގަނޑުމެން ހައްދަވާ ގެންގުޅުއްވާ އިލާހު އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އިސްލާމީ ޝަރީއަތް ގާއިމުކުރުމަށް. ފަނޑިޔާރު ނިޔާކަނޑައަޅަން ޖެހެނީ، އިސްލާމީ ޝަރީއަތަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ރިއާޔަތް ކޮށް. މިހުރިހާ ކަމަކުން އެނގެނީ މައުމޫނު އަދި ގަރާރެއްގައި ސޮއިކޮށްފަ އޮތުމަކީ ހައްދު ގާއިމު ނުކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫންކަމަށް.
ދިވެހިރާއްޖެއިން ސޮއި ކޮށްފަ އޮންނަ ގާރާރެއްގެ ދަށުން އަންހެނުންނަށާއި ފިރިހެނުން ނަށް ބިން ލިބުމުގައި ތަފާތެއް ގެންގުޅުން އޮންނަނީ މަނާކޮށްފަ. އެކަމަކު ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި އޮންނަނީ “އަމިއްލަ” ގޯތިތައް ބަހަން ޖެހޭނީ ތަރިކަ އުސޫލުންކަމަށް. އެހެންވެ ޤާޟީ އެބިން ބަހާދޭނީ ތަރިކަ އުސޫލުން. މީގަ ބަލާކަށް ނުޖެހޭ އދ ގެ ގަރާރުތަކަކަށް. ޝަރީއަތް ކުރެވޭނީ ގާނޫނުތަކަށާޢި އިސްލާމީ ޝަރީއަތުގެ މައްޗަށް.
މިނިވަން ނޫހުން އެހަބަރު ގެނެސްދިނުމަކީ މައްސަލައެއް ނޫން. އެކަމަކު އައިމިނަތު ނަޖީބު ގެ ލިޔުމެއް ދެކުނިން ތަންކޮޅެއް ކުރިންވެސް. އެލިޔުމުގައިވެސް އެހުރީ މާކަމުދާ ވާހަކަ ތަކެއް ނޫން. ދެން މީގަ އެންމެ ބޮޑަށް ކުށްވެރި ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެބުނާ އިއްޒަތުން ފުރިފާ ތިބި މެމްބަރުން.
ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:28/07/2009
އިސްލާމްދީން ދެކެ ނުވަތަ ސަރުކާރު ދެކެ ވާ ލޯބި ބައެއް ފަހަރު ބުއްދިއަށް ވުރެ ކުރިއަށް ގޮސްގެން ގޯސް ވާ ފަހަރު އެބަ އާދޭ.
އިސްލާމީ ގައުމެއްގައި ކުޑަކުދިންގެ އިނގިރޭސިވިލާތު ޓީޗަރަކު، ކްލާހުގެ ކުދިންނަށް، ޓެޑީ ބެއާ އެއްދީފައި އެއަށް ނަމެއް ކިޔުމަށް އެންގީ. އެހިސާބުން ކުއްޖަކު ބޭނުންވީ ބެއާގެ ނަމަކަށް “މުހައްމަދު” ކިޔަން.
ފަހުން މިމައްސަލައިގައި މުޒާހަރާކޮށް ޓީޗަރު ބޭރުކުރަން އުޅުން އެގައުމުގެ ރައްޔިތުންތަކެއް. ނަމަވެސް އަޅުގަނޑަށް ވިސްނޭ ގޮތުގައި، ބެއާ އަކީ ކުޑަކުދިން ވަރަށް ލޯބިން ގެންގުޅޭ އެއްޗެއް. އެހެންވީމަ ކުޑަ ކުއްޖަކު އެއަށް “މުހަންމަދު” އެ މިނަން ވެސް ދީފާނެ، އަދި އިނގިރޭސި ޓީޗަރަކަށް އެކަން ބޮޑުވެސް ނުވެ ހުރެދާނެ.
އަޅުގަނޑު ދެން ވަރަށް އަޖައިބުވޭ ހައްދުގެ ވާހަކަ ގެންނަ އިރު އަންހެނުންގެ ވާހަކަ ކުރިއަށް ނެރޭތީވެ. ހީވަނީ އަންހެނުންނަށް އެކަނި ކުރާ ކަމަކީހެން. މިއީ ލިޔުމާ ބެހޭ ގޮތުން ދެންނެވި އެއްޗެއް ނޫން.
ތާލިބާނުންގެ ވާހަކަ ގެންނަ އިރުވެސް، އަންހެނުން ރަޖަމްކުރާ ވާހަކަ ގެންނަ ފަހަރު އާދޭ. ބޭނުމަކީ އިސްލާމްދީނުގައި، ކައިވެނި ކޮށްގެން ޒިނޭ ކުރާ މީހުނަށް ދޭން އޮތް އަދަބާއި ދޭތެރޭ މީހުންގެ ހިތުގައި ނަފުރަތު އުފެއްދުން. ނަފުރަތަކީ ކޮންމެފަދަ ކަމަކާއި ގުޅޭ ގޮތުންވެސް އުފެއްދި ދާނެ އެއްޗެއް. މިސާލަކަށް ވަރަށް އުނދަގުލުން އަންހެނަކު ވިހާ މަންޒަރުގެ ވީޑިއޯ ލީކް ކޮށްލާފައި، އެކަމުގެ ވޭނާއި، އެކަމުގެ އުނދަގުލޭ ކިޔައިންވެސް މީހުންގެ ހިތުގައި ނަފްރަތު އުފެއްދި ދާނެ. ނަމަވެސް އޭގެ މާނައެއް ނޫން، ވިހެއުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ، އަދި އަނބިމީހާ އާއި ގުޅުން ހިންގުމަކީ އެމީހުނަށް ދެވޭ އަނިޔާ އެކޭ.
ރަޖަމް ކުރުމަކީ އިސްލާމީ ވެރިކަމެއްގައިވެސް އެހާ ގިނައިން ތަކުރާރު ވާނޭ ކަމެއް ނޫން. ސަބަބަކީ ހުކުމް ގާއިމް ވާނީ އެކަމަށް ސާބިތު ހެކި ލިބިގެން. ދެވަނަ ސަބަބަކީ މީހުން އެފަދަ ޢަމަލްތަކާއި ދުރަށް ދިޔުން.
އުމަރު ނަސީރުވެސް ވިދާޅުވެފައިވޭ، ޑްރަގް އަށް އޮތް ހައްލާއި ދޭތެރޭ ވިސްނާ ވިސްނާވެސް އެނގުނީ އެންމެ ކަމެކޭ. އެއީ ….(އަޅުގަނޑު ދަންނަވާކަށް ނެތީން)
ގަމަރުއްނިސާ ވިދާޅުވީ
ތާރީޚް:28/07/2009
ޒިނޭ ސާބިތު ވާނީ ޒިނޭކުރާ މީހާގެ އިއުތިރާފުން ނުވަތަ ހަތަރު ހެކިންގެ ހެކިބަހުގެ މައްޗަށް. ގަރީނާއެއްގެ ގޮތުން ބެލެވިދާނެ އަންހެނަކު ކައިވެނި ނުކޮށް ހުއްޓާ މާބަނޑުވެ ދަރިއަކު ވިހައިފިނަމަ އެއީ ޒިނޭކުރީ ކަމަށް. މިދެންނެވި ގޮތަށް ޒިނޭ އެއް ސާބިތުވާނީ މަދުފަހަރަކު. ގިނައިން މިސާބިތު ވަނީ ވިހެއުމާއި ގުޅިގެން. ދެން ފިރިހެނުންނަށް ދުނިޔެ މަތީ އަދަބު ނުލިބުން އެއީ އާހިރަތުގައި އެމީހަކަށް އަޒާބު ލިބުމަށް އެޅޭ ހުރަހެއް ނޫން. އެދުވަހުން އެބައިމީހުންނަށްވެސް (އެބަހީ ޒިނޭކުރާ ފިރިހެނުން) އަދަބު ލިބޭނެ.
މީގަ ހާޝިމު ވިދާޅުވި ފަދައިބން ހައްދުގެ މައްސަލައެއް ނޫން މިއުޅެނީ. އަސްލު މައްސަލައަކީ ގާނޫނު ހަދާ ފަރާތް (ރައްޔިތުންގެ މަޖިލިސް) އަދި ސަރުކާރުގެ ބަންޑާރަ ނައިބު ނުވަތަ އެކަމާ ގުޅޭ މިނިސްޓްރީން ފަރުވާ ކުޑަކުރެވެނީ. ޤާނޫނު ތަކާއި ގަވާއިދު ތައް ހަދާ އަދި އެތަކެއްޗަށް އަމަލު ކުރުމަށް އަންގާ ބަޔަކު މިކަމުގެ ޒިންމާ ނަގަންޖެހޭނެ. މައުމޫނެއް އަންނިއެއް ޝީރީނެއް ފަރުހާދެއް ލައިލާ މަޖުނޫނެއް މީގަ ތަފާތު ކުރުމެއް ނެތް. ގާނޫނުތައް ގުރުއާނާއި ސުންނަތުގެ މައްޗަށް ބިނާކޮށް ހަދައިފިނަމަ މިފަދަ މައްސަލައެއް ނުޖެހޭނެ. ކޮންމެ ގައުމެއްގައިވެސް އެންމެ ބާރުގަދަ އެއްޗަކަށް ވާނީ އެގައުމެއްގެ ގާނޫނުތައް. އދ ގަރާރުތަކެއް ނޫން. އދ ގެ ގަރާރުތަކާއި އެއްގޮތަށް ގާނޫނުތައް ބައްޓަން ކުރާނީ މަޖިލީހުން. އިސްލާމް ދީނާ ހިލާފު ގަރާރެއް ނަމަ އެކަންތައްތަކަށް ރިޔާއަތް ކުރަންޖެހޭނީ ސަރުކާރުން. މައުމޫނު ސޮއި ކުރީ އެގަރާރުގެ އޮޕްޝަނަލް ޕުރޮޓޮކޯލްގައި. އެއީ އދ ގެ ގަރާރުތައް ވެސް އެގައުމެއްގެ ގާނޫނަށް ވުރެ މަތީގަ ނޯންނާނެތީ ކޮންމެ ގަރާރެއްގައިވެސް ހުންނާނެ ދޫދީފަ.
4 ވަނަ ޕެރެގްރާފްގެ 9 ވަނަ ފޮޅުވަތް އިސްލާހު ކުރުމަށް ހާޝިމަށް ނަސޭހަތް ތެރިވަން. ހައްދު ޖެހުމަކީ އަނިޔާވެރި އަމަލެކޭ ތިބުނަނީ ކޮން ހައިސިއްޔަތަކުން. މާތް ﷲ ވަކި ކަމެއް ކުރުމަށް އަންގަވާފައިވާ ކަމެއް އެގޮތަށް ކުރުމުން އެއީ އަނިޔާވެރި ރަހުމްކުޑަ އަމަލެއް ގޮތަށް ސިފަ ކުރުމަކީ ވަރަށް ދެރަކަމެއް. އަހަރެމެން އިންސާނުން އުފެއްދެވި ފަރާތުން މި އަންގަވަނީ ވަކި ކަމެއް ކުރަން. ދެން އެކަމެއް ނުކޮށް ދޫކޮށްލެވޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ.
އެދުވަހުގެ މުޒާހަރާ ކުރި މީހުންނަކަށް ނޭގޭ މިވެގެން އުޅޭ ގޮތެއްވެސް. ދެން ކޮންމެ މީހަކު ސްޓޭޖަށް އަރާ ކަރުން ހަންދާ ވަރަށް ހަޅޭލެވިއަކަސް މިފަަދަ ކަމެއް ހައްލެއް ނުވާނެ. އެއްފަހަރުވެސް މަޖިލިސް ދޮށަށް ގޮސް ހަޅޭލަވާބަ. ކޮންމެހެން މިނިވަން ނޫހަށް ވަރުގަނޑު ނުބާލާ.
އިސްބެ ވިދާޅުވީ
ތާރީޚް:28/07/2009
މާތް ﷲ ގެ ހައްދުތައް ޤާއިމް ކުރުމަކީ އިސްލާމީ ވެރިއެއްގެ ވާޖިބެކެވެ.މި ބިންމަތީގައި މާތް ﷲ ގެ ޤާނޫނު ތަންފީޒް ނުކުރުން އެއީ ބިންމަތި ފަސާދަ ވުމުގެ ސަބަބެވެ.ވީމާ ދިވެހި ރާއްޖޭގައި އިސްލާމީ ސަރީއަތް ތަންފީޒް ކުރުމަށް ދިވެހި ސަރުކާރައް ގޮވާލަމެވެ.
އިސްބެ ވިދާޅުވީ
ތާރީޚް:28/07/2009
ޒިނޭކުރީމާ އެއީކީ މައްސަލައެއް ނޫން، މައްސަލައަކީ ހައްދުޖެހީމާއެވެ.މީކިހާ ބޮޑު އަރަތެއްތޯ!!މާތްﷲ އެއްވެސް އަޅަކަށް ތަކުލީފެއް ނުޖައްސަވައެވެ. އަދި ކިއެއްތަ އެކަލާނގެއަކީ ރަޙްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެއެވެ. ޒިނޭ ފަދަ ނުބައިޢަމަލުން އިންސާނާ ދުރުކުރުމަށް ނުވަތަ ސަލާމަތްކުރުމަށްޓަކާއި އިސްލާން ދީނުގައި އެހާ ބޮޑެތި އަދަބުތައް އެކަލާނގެ ލައްވަވާފައިވަނީ އަދި 4 އަދުލުވެރި ހެކީންގެ ހެކިބަސް ބޭނުންވެއެވެ. މިހާބޮޑުކަމެއްމީ ޒީނޭ ކުރިކަންސާބިކުރަންވެސް، ވީމާ މިކަމުން ދުރުވުން އެއީ ހުރިހާ ގޮތަކުންވެސް އެންމެ އައުލާކަން ބޮޑުކަމަކީއެވެ. އަދި އެންމެ ބޮޑު ހިތާމައަކީ ޒިނޭކުރުމުން ލިބޭ ދަރިފުޅުގެ ހަރަދާއި އެހެންވެސް ކަންތައްފުރިހަމަ ނުވުމާއި ވަރަށް ވެސް ނިކަމެތި ޙާލުގައި ދިރިއުޅެން ޖެހުމެވެ. ނުވަތަ އެމަންމަ ބަނޑު ބޮޑު ނޫންކަން އެހެން މީހުންނަށް ސިއްރުކޮއްގެން ދުވަސްފުރާއި ވިހޭމާއި އެތުއްތު ތުއްތު މައުސޫމް ދަރިފުޅަށް ވަރަށް ލާއިންސާނީ އަނިޔާދީފާ މަރާލުމެވެ. މީ އަދި ކިހާ ބޮޑު އަނިޔާއެއްތޯ އެމައުސޫމް ދަރިފުޅަށް ދެވޭ، އަދި އެދަރިފުޅުގެ ކުށަކީ ކޮބައިތޯ!! ހަމަ ގައިމުވެސް އެއަންހެނާގެ ކުށެއް އޮވެގެން އެނާ އަށް އެއަދަބުލިބެން ޖެހެނީ، އަންހެނެއް ފިރިހެނެއް ނޯންނާނެ… އިސްލާން ދީނުގައި އެންމެން ވެސް ހަމަހަމަ ވާނެއެވެ.
އިސްބެ ވިދާޅުވީ
ތާރީޚް:28/07/2009
ޒިނޭ ކޮށްގެން ލިބޭ ނަޙަލާލް ކުއްޖަކަށް ނަފްސާނީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން ދިމާވާނެ މައްސަލަތަކާއި މެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ. ބައްޕައެއްނެތި، ބައްޕައެއްގެ ލޯބި ނުލިބި، ގިނަ ފަހަރަށް މަންމަގެ ފަރާތުންވެސް މާބޮޑު އަޅާލުމެއް ނެތި މިފަދަ ކުދިންނަށް ވަރަށް ބޮޑެތި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އެފަދަ ކުދިން ވެގެން ދަނީ މުޅި ޢާއިލާއަށްވެސް ހުރި ލަދަކަށެވެ. އެހެންކަމުން އާއިލާ ތެރޭގައިވެސް އެފަދަ ކުދިންނަށް މާބޮޑު އަޅާލުމެއް ނުލިބެއެވެ. ޙަޤީޤަތުގައި އެ ކުއްޖާގެ ކުށަކީ ކޮބައިތޯއެވެ؟ މިއީ ކުށެއްނެތް ކުއްޖަކަށް އޭނާގެ މުޅި ޢުމުރުގައިވެސް ދެވޭ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟ ބައެއްގެ ލާއިންސާނީ ޢަމަލެއްގެ ނާތީޖާ ދެއްތޯއެވެ! މިފަދަ ލާއިންސާނީ ޢަމަލެއް ހިންގި ބަޔެއްގެ ގައިގައި 100 އެތިފަހަރު ޖެހުން އެއީ ލާ އިންސާނީ ޢަމަލެއް ކަމަށް ބުނެވިދާނެހެއްޔެވެ؟
އިސްބެ ވިދާޅުވީ
ތާރީޚް:28/07/2009
އެމްނެސްޓީން އެބުނާ މުޢާހަދާއެއްގައި އެބުނަނީ އަނިޔާ ކުރުމާއި ލާއިންސާނީ ހުރިހާ ޢަމަލެއް މަނާކުރާ ވާހަކައެވެ. ކަނޑައެޅިގެން ޒިނޭ ކުރުމުން ހައްދު ޖެހުން އެ މުޢާހަދާގެ ދަށުގައި ހިމެނޭކަން އެފަރާތަށް ސާބިތުކޮށެއް ނުދެވެއެވެ. އެހެންނޫނަސް ”ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އިން އަހަރެމެންނަށް ދީނުގެ މިނިވަންކަން ލިބިދެއެވެ.
އޮރިބެ ވިދާޅުވީ
ތާރީޚް:28/07/2009
އަޅުގަނޑަކީ ޙާޝިމްގެ ލިޔުން ތަކަށް ހެސްކިޔާފަ ތާއީދުކުރާ މީހެކެވެ. އެކަމަކު މިފަހަރު ވަރަށް ދެރަވެއްޖެއެވެ. ހަމަ ކެއްނުކުރެވިގެން ކޮމެންޓް ކޮއްލީމެވެ.
އޮރިބެ ވިދާޅުވީ
ތާރީޚް:28/07/2009
މިހުރިހާވެސް ކަމަކީ މައުމޫނުގެ ބަލާވެރިކަން ކަމުގައި ައަޅުގަނޑު ގަބޫލުކުރަމެވެ. އެހެނީ މިބާވަތުގެ މުއާހަދާތަކުގައި ސޮއެ މިހާތަނަށް ކޮއްފައި ވަނީހަމަ މައުމޫނެވެ. ބަޔަކު މިވަރުގެ ނުބައި މީހަކާއިހެދި ހޭބަލި ވާކަމީ އަދި މާހިތާމަ ހުރި ކަމެކެވެ.
ހަގީގަތް ވިދާޅުވީ
ތާރީޚް:29/07/2009
ބަލަންވާ ވަރަށް ހަގީގަތް ނުބަލާ، ނުވަތަ ހަގީގަތް ނޭނގި ތިބެ ކުރެވުނު މުޒާހަރާއެއް މިއީ.
ހަގީގަތަކީ، ސަރުކާރުގެ ވަކި ފިޔައެއްގެ ބަޔަކު ވަރަށް ބޮޑަށް އިސްލާމީ ޝަރީޢަތާ އިދިކޮޅު ކެންޕޭނުތަކެއް މަޑުމަޑުން ސްޓެޕް ބައި ސްޓެޕް ވަރަށް ރޭވުންތެރިކަމާ އެކު އެބަ ކުރިޔަށް ގެންދާކަން. މި ރޭވުމުގެ ދަށުން، މިނިވަން ނޫހުން ވެސް އިސްލާމީ ޝަރީޢަތަށް ނުސީދާ ގޮތުން ފުރައްސާރަ ލިބޭ ގޮތްގޮތަށް ޕްރޕަގެންޑާގެ އެކި އެކި ލިޔުންތައް މަދު މަދުން ޖަހާ. ފުރަތަމަ ބޭނުމަކީ މިބާވަތުގެ ވާހަކަތަކަށް ދިވެހިން އަހުލުވެރިކުރުވައި، މިވާހަކަތައް ދައްކާހިތުން ތިބެ ދައްކަން ނުކެރިފައި ތިބެދާނެ ނުވަތަ ތިބި ބަޔަކަށް ހިތްވަރު ދިނުން. މިނިވަން ނޫހުގެ އިތުރުން މި ޕްރޮޕަގެންޑާ ކުރިޔަށް ގެންދާ އަނެއް ފަރާތަކީ ދިވެހި އޮބްސާވަރ. މިއީ މައުމޫނު ވަރިކަމުން ބޭލުމުމުގެ މަސައްކަތް ފެށައިގަތް ދުވަސްވަރު ވަރަށް ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަކުރި ވެބްސައިޓެއް. އެހެންނަމަވެސް، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި މި މީހުންނަށް ކާމިޔާބު ނުލިބިދާނެކަން ޔަގީންވި ހިސާބުން، ކުއްލިއަކަށް ފޭރާން ބަދަލުކޮށްލިތަން ފެނުނު. އަނެއްކާ ވެރިކަން ބަދަލުވި ހިސާބުން އެމީހުންގެ އަސްލު ކުލަ ހާމަވާން ފަށައިފި. މިހާރު ދޭތެރެ ދޭތެރެއިން އިސްލާމީ ޝަރީޢަތަކީ މީގެ ސާދަ ގަރުނު ކުރީގެ ބަޔަކަށް ފިޓުވާ އެއްޗެއްކަމްށް ސިފަކޮށް ފާޑުފާޑުގެ ލިޔުންޖަހައި، މިޔާ ގުޅޭ އެކި އެކި މީހުން އެޔަށް ކޮމެންޓުކޮށް، ވަރަށް އެހެން ކަހަލަ އިމޭޖެއް ދުނިޔެއަށް ފަތުރަން މަސަކަތްކުރާތަން އަންނަނީ ފެންނަމުން.
ދިވެހި އޮބްސާވަރުގައި ހަމަ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތަށް ފުރައްސާރަކުރަމުންދާ އިރު، ދިވެހި އޮބްސާވަރ ހިންގަނީ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި މީހެއް. ހަމަ މިޔާ އެކު، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވެސް ވަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް އިޖްތިހާދުކުރުމަށް ދަންނަބޭކަލުންނަށް ގޮވާލައްވާފައި. ޕްރެސް ސެކްރެޓެރީ އަކީ ރައީސް އޮފީހުން ކެއްކި އެއްޗެއް ސަފުރާ މައްޗަށް ނެރެން ހުންނަ މީހެއްކަން އެންމެންނަށް ވެސް އެނގޭނެ.
އެހެންވީމާ ހަގީގަތަކީ މިއީ. މި ހަގީގަތް މުޒާހަރާ ކުރި ބައެއް މީހުންނަށް އެބަ އެނގޭ. އެހެންނަމަވެސް އެނގޭކަމަށް ނަހަދަނީ، އެމްނެސްޓީއެއް ވެސް ނޫން މައްސަލައަކީ އަދި ކުރެވުނު މުޢާހަދާއެއް ވެސް ނޫން މައްސަލައަކީ. މައްސަލައަކީ އިސްލާމީ ޝަރީޢަތާ އިދިކޮޅު ބަޔަކު، އެއްކަލަ މުޢާހަދާ އެއީ އެމީހުން ބޭނުންވާ ކަންތައް ކުރުމުގެ ޒަރީޢާ އަކަށް ހަދައި، އަދި މީގެ ކުރިން އެމްނެސްޓީ ކަހަލަ ތަންތަނުން އަޅައި ނުލައި ހުރި މައްސަލަތައް ބޮޑުކޮށް އެމީހުންގެ ސަމާލުކަމަށް އެކަހަލަ ކަންކަން ގެނެސްދޭނެ ބަޔަކު ތިބިކަން. އެބަޔަކީ ހަމަ ފާޅުވެ އެނގެން އޮތް ބައެއް. ދަންނަވާލަން އޮތީ، އިސްލީމީ ޚިޔާލުގެ މީހުން މުޒާހަރާއެއް ކުރުމުން، އެމީހުންނަކީ މަރުމޯލުން، ނުވަތަ އަނދިރީގެ އަހުލުވެރިން ކަމުގައި ނުވަތަ ޓެރަރިސްޓުން ކަމުގައި މިބައިމީހުން ސިފަކުރާ ވާހަކަ. އެޔާ ޚިލާފަށް ޖަލުގައި މުޒާހަރާކުރާ މީހުން، ނުވަތަ އެނޫން ވެސް ސިޔާސީ ކަމެއްގައި މުޒާހަރާކުރާ މީހުން، އެމީހުންގެ ފުށުން ނާތަހުޒީބު އަމަލެއް ފެނުނަސް އެމީހުންގެ ވާހަކަ ސިފަކުރާނީ، އެންގްރީ ކްރައުޑެއް ކަމުގައި، ނުވަތަ ކެތްތެރިކަން ކޮޅުންލައިފައި ތިބި ނިކަމެތި ރައްޔިތުންތަކެއްގެ ގޮތުގައި، އެވަގުތު އެމީހުންގެ ފުށުން ފެންނަ ޣައިރު މަންޠިޤީ ޢަމަލުތަކަކީ ވެސް އެމީހުން ނާތަހުޒީބުކަމުން، ނުވަތަ މަރުމޯލުކަމުން ވާ ކަންތައްތަކެއް ނޫން. މިއީ ގިނަ މީހުންނަށް ނޭނގި އޮތް ހަގީގަތަކީ. އަދި މިބާވަތުގެ ކަންކަން އެންމެންނަށް އޮޅިދާނެކަމަށް ހީވެގެން ޒާތްޒާތުގެ ލިޔުންތައް ލިޔާ މީހުންނަށް ވެސް އެ ތިބެވެނީ ޚިޔާލީ ފޮލާއެއްގައި. އެމީހުންނަށް ވެސް އެއޮތީ ހަގީގަތް އޮޅިފައިކަމުގައި މި ފުރުސަތުގައި ދަންނަވާލަން. އަޅުގަނޑު މި ދެންނެވި ފިޔައިގެ މީހުން ޑީއާރުޕީގައި ވެސް އެބަ ތިބި. ހަމައެކަނި އެމްޑީޕީއަކު ނޫން. ޝުކުރިއްޔާ.
އޮރިބެ ވިދާޅުވީ
ތާރީޚް:29/07/2009
ހަޤީގަތް ހަމަ ތިހާމަ ކުރެއްވީ ހަމަ ހަޤީޤަތެވެ. އަޅުގަނޑު ހަމަ މުޅިން އެއްބަސް…
އެޑަމް ވިދާޅުވީ
ތާރީޚް:29/07/2009
ހަގީގަތް ހޮޕް ހޮޕް!!! ތިބުނީ ހަމަ ހައްގުތެދު. ﷲ މިފަދަ މުސީބާތްތަކުން އަޅަމެން ސަލާމަތްކުރައްވާ، މިފަދަ ނުބައި އަމަލު ހިންގާމީހުންނަށް ހެޔޮވިސްނުންދެއްވާނދޭވެ! އާމީން!