Share

ބަހަނާ ދެއްކުން މަދުކޮށް އަނެއް ދިވެހިރާއްޖެއަށް އަވަހަށް ގެންގޮސް ދެއްވާށެވެ.

ބަހަނާ ދެއްކުން މަދުކޮށް އަނެއް ދިވެހިރާއްޖެއަށް އަވަހަށް ގެންގޮސް ދެއްވާށެވެ.
އަބްދުﷲ އަލީ

ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ އަނެއް ދިވެހި ރާއްޖެ އަށް ދިވެހިން ގެންގޮސްދޭނެ ކަމަށް ބުނެ އޭރުގެ ރައީސް މައުމޫނާ ވާދަކޮށް 9 ޕަސެންޓްގެ ތަފާތަކުން ކުރި ހޯއްދެވީ މިހާރުގެ ރައީސް މުހައްމަދު ނަޝީދެވެ. މުހައްމަދު ނަޝީދުގެ ސަރުކާރަށް ނުވަ މަސް ފުރެމުންދާއިރު، އަޅުގަނޑުމެން ބޭނުންވި ބަދަލު އަންނަމުންދާ މަންޒަރު ފެންނަން ފަށައިފިބާވައެވެ؟ މިއީ، މިއަދު ދިވެހިންގެ ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ވައުދު ފުއްދޭހާ ދުވަސް އަދި ނުވިކަމުގައި ވިޔަސް ތިރީސް އަހަރު ދުވަހަށް ވުރެ އަވަހަށް ކުރެވިދާނެ ކިތައްމެ ކަމެއް އެބަހުއްޓެވެ. އެހެނަސް މިހާރު ސަރުކާރުގެ އަމަލު ތައް ހުރި ގޮތުން މިސަރުކާރުންވެސް ކޮންމެ ކަމެއް ކުރަން ތިރީސް އަހަރު ނުނަގާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. މިދަންނަވާލަނީ އޭގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކައެވެ.

ޖަލުގެ ހާލަތު މިއަދު ދިވެހީންނަކަށް އޮޅިފައެއް ނޯންނާނެއެވެ. މައުމޫނުގެ ތިރީސް އަހަރު ޖަލު ތަރައްގީ ނުކުރާކަމަށް ބުނެ، ސަރުކާރާ ހަވާލުވާތާ މާގިނަ ދުވަހެއް ނުވެ ޖަލުގެ މައްސަލަ ހައްލު ކޮށްދޭނެކަމަށް މިހާރުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ޖަލު ކަންތައްތައް ހަމަ މަގަށް އަޅުވަން ވިހި ތިރީސް އަހަރު ނުނަގާނެ ކަމަށް ބުނި ފަރާތްތައް ވެރިކަމާ ހަވާލުވުމުން މިދައްކަނީ ހަމަ ކުރީގެ ސަރުކާރުން ދެއްކި ބަހަނާ ތަކެވެ. ފައިސާ ނެތް ވާހަކަ އާއި ޖާގަ ނެތް ވާހަކައެވެ. ޖަލަށްލާ މީހުން މަދު ކުރުމަށް ޕުރޮގްރާމް ތަކެއް ހިންގާވާހަކައެވެ. ކުރީގެ ސަރުކާރުން ދެއްކި ވާހަކަ އަށް ވުރެ އިތުރު ވާހަކައަކަށް މިހާރު އަޑު އިވެނީ ޖަލު މައްސަލަ ހައްލު ނުކުރެވެނީ މައުމޫނުގެ ތިރީސް އަހަރުގެ ސަބަބުން ކަމަށްބުނެ ދައްކާ ވާހަކައެވެ. ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ މީހުން މާލެއަށް ތަފާތު އެކި ބޭނުން ތަކުގައި ގެންނައިރަށް ފިލައިގެން ދިއުމުގެ މައްސަލަ ހައްލު ކުރަން 8 މަސް ނުވަތަ ނުވަ މަސްދުވަސް ބޭނުން ވޭހެއްޔެވެ؟ އެކަމަށް ގިނަވެގެން 1 މަސް ދުވަހަށްވުރެ އިތުރު މުއްދަތު ނަގައިފިނަމަ މިސަރުކާރުގެ ގާބިލް ކަމާއި މެދު ސުވާލު އުފެދެއެވެ.

މާރާމާރީ ގެ ހާދިސާއެއްގެ އަޑު ނުއިވޭ ދުވަހެއް މިހާރު މަދުވާނެއެވެ. ދުވާލެއް މެންދުރެއް ދަންވަރެއް ނޯވެއެވެ. މާރާމާރީ ހިންގަމުން ދަނީއެވެ. މާރާމާރީ ހުއްޓުވޭނީ އެކަން ކުރާ މީހުން އަމިއްލައަށް އެކަން ކުރުން ހުއްޓީމާކަމަށް މައުމޫނުގެ މިނިސްޓަރަކު ވިދާޅުވުމުން ކެކި އަރައިގަތް މީހުން މިއަދު އެތިބީ ސަރުކާރު ހިންގާށެވެ. އެ މިނިސްޓަރަށް މަލާމަތް ކޮށް، މާރާމާރީ ހުއްޓުވަން ނޭގޭނަމަ އިސްތިއުފާ ދީފަ އެކަން ކުރަން އެނގޭ ބަޔަކަށް ވެރިކަން ހަވާލުކުރާށޭ ބުނެ އަޑުގަދަ ކުރި މީހުން މިހާރު އެތިބީ ސަރުކާރުގައެވެ. ސަރުކާރު ބަދަލުވުމުން މާރާމާރީ އަކަށް ބަދަލެއް ނައެވެ. ކުރިން، މާރާމާރީ އެއް ހިންގިޔަސް މައްސަލައެއް ކަމަށް ބުނަނީ މައުމޫނު މާގިނަ ދުވަހު ވެރިކަމުގައި ހުރީމަ ދިމާވާ ގޮތެއް ކަމަށާއި މައުމޫނު ވައްޓާލުމުން މިކަމަށް ހައްލު އަންނާނެ ކަމަށެވެ. އެހެނަސް، މައުމޫނު ވެއްޓުނީމާ، މިހާރު ބުނަނީ އެއީ މައުމޫނުގެ ހުދުމުހުތާރު ތިރީސް އަހަރުގެ ސަބަބުން ވާކަމެއްކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، މައުމޫނު ހިފަހައްޓާފައިވާ، ވަރަށް އަސާސީ ހައްގެއް ކަމަށާއި، ދީނާ ހިލާފުނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެން ޖެހޭނެ ކަމަށް ބުނެ މުޒާހަރާ ކުރި މީހުން މިއަދު އެތިބީ ކެބިނެޓް ގަޔާއި މުލިއާގޭގެ ވަޒީފާގައެވެ. ނޫނީ، ކޮންމެ ވެސް ރަށެއްގެ ކައުންސިލަރު ކަމުގެ މަގާމުގައެވެ. އެކަމަކު، ހިތާމަ ކުރަން ޖެހޭ ކަމަކީ، މިސަރުކާރާ ދެކޮޅަށް ބަހެއް ބުނެފިނަމަ އެމީހަކުގެ ގަޔަށް ކަޅު ތެޔޮ ޖަހާ މާރާމާރީ ހިންގާ ތީއެވެ. ޓީވީ މޯލްޑިވްސް އަށް ލައިވް ޕުރޮގްރާމަކަށް ދާކަށް މިހާރަކު ނުވާނެއެވެ. މި ސަރުކާރަށް ރައްދުވާ ގޮތަށް ބަހެއް ބުނެފި މީހަކު ޓީވީ މޯލްޑިވްސް އިން ނުކުމެ ގެޔަށް ދާން ޖެހެނީ ފުލުހުންގެ ހިމާޔަތުގައެވެ. ޓީވީ މޯލްޑިވްސް އާއި އިންވެގެން އޮންނަ އެމްޑީޕީގެ ޖަގަހައިން ނުކުމެގެން އަންނަ ބަޔަކު މިކުރާ ކަންތައްތަކުގެ ސަބަބުން މިނިވަން ކަމާއި އެކު ހިޔާލު ފާޅު ކުރުމަށް ދަނީ ހުރަސް އެޅެމުންނެވެ. ޓީވީ މޯލްޑިވްސް ގެ ނަން މިތަނުގައި ފާހަގަ ކުރި ކަމުގައި ވިޔަސް ދިޓީވީ އެއް ވީޓީވީއެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. މައުމޫނުވެސް ވެރިކަމުން ބޭލީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ނުދޭތީއެވެ. ރަސްމީ ޖަލްސާ ތަކުގައި އަޑަށް ބާރު ލައްވާފަ އަޅުގަނޑުމެން ކުރަމުން މިދަނީ ހެޔޮ ވެރިކަމޭ، ވެރިކަމަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫނޭ ވިދާޅުވިޔަކަސް އަދި ފަރަކު ނުޖެހޭނެއެވެ. ފުރަތަމަ، ތިމާގެ ޕާޓީގެ މީހުން އިސްލާހު ކުރާށެވެ.

ބިދޭސީންގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. މައުމޫނުގެ ދަނބި ދަރިއަކަށް ބަނގްލަދޭޝްގެ ރައްޔިތެއް ހުންނާތީ އެކަމަށް ހަޖޫ ޖަހާ، ބިދޭސީން ގިނަވަނީ އެހެން ވެގެން ކަމަށް ބުނެ މަލާމަތް ކުރި މީހުން މިއަދު އެތިބީ ގައުމުގެ އިސް ސަފުގައެވެ. ދިވެހިން ވަޒީފާއަށް އަހުލުވެރި ނުކުރެވޭ ކަމަށް ބުނެ، ފަންނުވެރި މަސައްކަތްތައް ދިވެހިންނަށް ދަސް ކޮށްދިނުމުގައި ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ އަޑު އުފުލި މީހުން އެތިބީ މިހާރު އެވުޒާރާތައް ހިންގާށެވެ. ބިދޭސީން މަދު ކުރަނީ ކަމަށް ބުނެ އެއް ބަޔަކު ފޮނުވާލާ ދެން ވަގަށް އުޅުނު މީހުން ފޮނުވާލުމުގެ ބަދަލު ރަޖިސްޓްރީ ކުރަނީ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫންކަމެއް މިކަމުގައި ނެތެވެ. މިހާރުގެ މިނިސްޓަރު ފަންސަވީހަށް އަރާ ކޮންމެ ދުވަހަކު މިއޮންނަނީ ބިދޭސީން މަދު ކުރުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ވެފައެވެ. އެއް ދުވަހަކު ބިދޭސީން ފޮނުވާލަނީ އޭ ބުނާއިރު އަނެއް ދުވަހަކު ވަގުންގެ ވަގުކަން ފިލުވުމަށް ރަޖިސްޓްރީ ކުރާން ފެށީ ކަމުގައި ބުނާނެއެވެ. ދެން ޓީވީ މޯލްޑިވްސް މެދުވެރި ކޮށް ބިދޭސީން ކިޔޫ ހަދައިގެން ތިބޭ މަންޒަރު ތިރީސް ފަހަރު ދައްކާނެއެވެ.

ޑްރަގް މައްސަލާގައި ވެސް މިސަރުކާރު ހަސީލަތް ރަނގަޅު ކަމަށް ގަބޫލު ކުރަނީ މަދު ބަޔެކެވެ. މާލެ ތެރޭ މާރާމާރީ ހިންގާ، މަސްތުވާ ތަކެތީގެ އަވާގައި ޖެހި ގެއްލި ހަލާކުވެފައި ތިބި، އަދި އެތައް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާ ހިންގި ކުށްވެރިން އަނބުރާ މުޖުތަމައު އަށް ނެރުމުގެ ނަމުގައި ތަފާތު ސެންޓަރު ތައް ހަދަމުންދަނީ އެވެ. ކުށްވެރިން އިސްލާހު ވެގެން މުޖުތަމައު އަށް ނުކުންނަން ޖެހެއެވެ. އެކަމަކު، މައްސަލައަކީ، މިކަމުގައި ވެސް ސަރުކާރުގެ ބަސް ދެފަހަރު އެއް ގޮތް ނުވާތީ އެވެ. ދޮރު ބަންދު ކުރުމުގެ ބަދަލުގައި ދޮރު ހުޅުވީ މައުމޫނު ކަމަށް ބުނެ އަދި ހައްލު ނުވަނީވެސް މައުމޫނާ ހެދިކަމަށް ބުނެ މަޑުމަޑުން ތިބެނީ އެވެ.

މައުމޫނު ވެރިކަމަށް އަލުން ނުގެނައީވެސް ވެރިކަމުގައި ބަހައްޓަން ރައްޔިތުންނަށް ނުފެންނާތީއެވެ. ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް މައުމޫނަށް ހައްލު ނުކުރެވޭ ކަމަށް ބުނެފައެވެ. އެރައްޔިތުން މައުމޫނުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރި ކަމުގައި ވިޔަސް މިސަރުކާރު ގެ ބޮޑު ބަހަނާ އަކީ މައުމޫނެވެ. ފަސް އަހަރު ވެގެން ދާއިރުވެސް މައުމޫނޭ ކިޔާ ކިޔާ ތިބެދާނެއެވެ. މިފަދަ ވާހަކަ ތައް މީޑިޔާގައި ހަމަ ދެކެވެން ފަށާއިރަށް ރައީސް އޮފީހުން މޮޅު ކަމެއް ކުރަން ފަށާނެއެވެ. ބޭނުމަކީ، މިސަރުކާރަށް ނުވެދާ ކަންކަމުގެ ވާހަކަ ފުހެލުމެވެ. ރައްޔިތުންގެ ލޯ އެހެން ދިމާއަކަށް އެނބުރުވުމެވެ. ސަރުކާރަށް ފަސް ވައުދު ނުފުއްދުނު ކަމުގައި ވިޔަސް އިދާރީ ގޮތުން ގެންނަން ޖެހޭ ތަފާތު އިސްލާހުތަކެއް ހުރި ހިނދު، އެކަންކަން އަވަހަށް އިސްލާހު ކުރައްވާށެވެ. ކޮންމެ ކަމެއްގައި އެހައި ބުރަހެލި ނުވާށެވެ. ބަހަނާ ދެއްކުން މަދުކޮށް، ތަރުތީބުން ހެޔޮވެރިކަން ގެނެސްދެއްވާށެވެ. ނަޖިސްތައް ތާހިރު ކުރަމުން އަނެއް ދިވެހިރާއްޖެ އަށް ދަތުރު ފަށާށެވެ. ކުޑަކުޑަ ކަމެއް އިސްލާހު ކޮށްލަން ބޮޑެތި ކޮމިޝަނާއި ބޯޑުތަކާއި ކޮމިޓީ ތައް ނުހައްދަވާށެވެ. މަނިކުފާނު އަމުރު ކުރެއްވުމުން އަޅުގަނޑުމެން އެކަމެއް ކުރާނަމެވެ.

‮ ‬19‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    އަބްދުﷲ އަލީ ތިޔާ ފަހެ މަޖިލީހަށް ދެކުނު ދާއިރާއިން ކުރިމަތިލީ އަބްދުﷲ ތަ؟ ނޫނީ އެއްކަލަ ސޯޅަ މެންގޭ މާނިޔާ އަބްދުﷲ އަލީތަ؟ ދެން މާބޮޑު ކަމެއް އޮވެގެނެއް ނޫން. ހަމަ އަހާލީ. ލިޔުންތެރިޔާއެއް ނޫންތާ މުހިއްމީ ދޯ. ލިޔެފަ އޮތްއެތި މުހިއްމީ.
    ލިޔެފަ މިއޮތީ ހަމަ އެއްވަނައިގެ ލިޔުމެކޭ ބުނެވޭނީ. އެކަމަކު އެއްކަލަ ހާޝިމްއަކަށް މިޔެއް ކަމަކު ނުދާނެ.

    ކައުންސެލަރުންގެ ނައިބުންނާ ބެހޭގޮތުން އޮތްލިޔުމު އެންމެ ފަހަތުގަ އެބައޮތް އެނައުންސްމަންޓެއް. ކިޔާލާތި ކުދިންނޭ. އެވެސް ތެދެކޭ.

  2. ކިޔާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    މިސައިޓްގައި ކުރިން ކޮމެންޓް ކުރައްވަމުންގެންދެވި ބޭފުޅުން ކޮމެންޓް ކުރައްވަމުންގެންދެވި ސްޓައިލާ، ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް މިއުޅުއްވާ ހާޝިމްގެ ޞަބަބުން ވަނީ އައިސްފައި. މިދެންނެވީ ވަރަށް ހެޔޮބަދަލެއް އައިވާހަކަ.ކުރީގައި އޮންނަނީ މިސައިޓްގައި ލިޔާމީހުންގެ އަބުރަށް އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަހުރުވަ ބެނުންކުރުމާއި މިފަދަ ކަންކަން ކުރުން. ނަމަވެސް ޙާޝިމް ހުއްޓުމެއްނެތި ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން މިއަދުމިވަނީ އެހުރިހާކަމެއް މުޅިން ބަދަލުކޮށްލައްވާފައި. އެކަމަށްޓަކައި ހާޝިމަށް ފަށްފަށުން ޝުކުރާއި ތަޢުރީފް ދަންނަވަން. އާނ…. އަދި އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ޙާޝިމާއި ބައްދަލުކުރަން އަޅުގަނޑު މިހާރު މިހުރީ މާލޭގައި . އަޅުގަނޑު ވަރަށް ބައްދަލުކުރާހިތްވާ ބޭފުޅެއް ހާޝިމަކީ. ހާޝިމް އަޅުގަނޑަށް އެކަމުގެ ފުރުޞަތު ދެއްވާނެ ކަމަށް އުންމީދު ކުރަން.އަޅުގަނޑަށް ހާޝިމާއި ގުޅޭނެ ގޮތެއް ވިދާޅުވެދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން.

  3. ޔާމީން‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    30އަހަރު ވެސްތިބީނުން، އަދި ނެއްތާ ބަދަލުނުފެނިފަކާ ދޯ

  4. ސިޔާސީ‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ފަސް އަހަރު ފަހުންވެސް ބުނަންވީހަމަ ޔާމީންގެ ނަމުގަ ކޮމެންޓް ކުރިފަރާތުން ބުނެފަ އޮތް ހިޔާލުބާ، އެއީ ތާކުން ތާކު ޖެހޭ ގޮތެއްނޫން

    މި ލިޔުމަކީ ވަރަށް މޮޅު ލިޔުމެއް، ލިޔުން ކިޔާފަ ސަރުކާރުން ކަންތައްތައް ރަގަޅު ކުރާނެ ކަމަށް ހީކުރަން

    ހާޝިމް މި އާޓިކަލާ ދެކޮޅަށް ބުނެލަން އޮތީ ކީކޭބާ؟ 30 އަހަރޭ މައުމޫނޭ ދޯ

  5. ދޯނި ފަހަރު މަތީގަ އުޅޭ މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    އެއުޅޭ ހާސިމެއް ކިޔާ ސޮރު، ކަނޑަށް ލެއްވިނަމަ އޮޑި ދޯނިފަހަރަށް އޭގެ އުނދަގޫ ފޯރީސް، މައްޗަށް ލެއްވި ނަމަ އުދުހުމަށް ދަތިވީސް..

  6. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    އެންމެންވެސް މިދައްކަވަނީ މިސަރުކާރުން ވަޢުދު ނުފުއްދަވާ ވާހަކަ. މިހެން ކިޔާ އުޅުއްވާ ބޭބޭފުޅުންނަށް އެނގޭބާ ވައުދުވީ ކޮން ކަންތައް ތަކަކަށް ކަން؟؟ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ވަޢުދަކީ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމް ކުރުން. މިހާރު މިއޮތީ ހެޔޮވެރިކަން ފެށިފައި.
    މީހަކު މެރިއަސް ހެޔޮ، ކުޑަ ކުއްޖަކާއި ބެހުނަސް ހެޔޮ، މަސްތުވާތަކެތި ބުޔަސް ހެޔޮ، އަދި އެނުލިބޭ މީހުން ވައްކަން ކޮށްގެން، ކޯލާވަޓަރު ބުޔަސް ހެޔޮ. ޖަލުން ފިލައިގެން ދިޔަސް ހެޔޮ.ދެން ހަމަ ދަންނަވާހިތް އޮތީ އެމަނިކުފާނު ވަޢުދުވެވަޑައިގަތް، “އޯގާތެރި” ހެޔޮވެރިކަން މިހާރު އެބަ ކުރެޔޭ. ފަހުން ވާނެ ގޮތް ނޭގެނީ. އަޅުގަނޑު އެދުމަކީ އޯގާތެރި ހެޔޮވެރިކަމެއްގެ ބަދަލުގައި، ހަރުކަށި ރަނގަޅު ވެރިކަމެއް ކުރެއްވުން.

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    މިލިޔުމަކީ ވަރަށް ރަނގަޅު ލިޔުމެއް ކަމަށް އަޅުގަނޑު ދެކެން. ޕޮއިންޓްތައް ބަހާލުމާއި، ޕެރެގްރާފްތަކާއި ޢިބާރާތްކުރުން ވެސް ހަމަ ވަރަށް ރަނގަޅު. މައިގަނޑު މައުޟޫއަށް އިންސާފުކުރެވިފައިވާ ގޮތަށް ބަލާއިރު ވެސް ބަރާބަރު. ވަރަށް މޮޅު ކަމުދާ ލިޔުމެއް. އަދި މިލިޔުމުގައި ދައްކަވާފައިވާ ވާހަކަތައް ވެސް ރަނގަޅު. އަޅުގަނޑަށް އެނގޭ ބައެއް ބޭފުޅުން އިންތިޒާރުކުރައްވާނެކަން ވެސް މިލިޔުމަށް އަޅުގަނޑު ބުނަނީ ކީކޭތޯ ބަލަން. އަޅުގަނޑު ދަންނަވަން އޮތީ މިއީއޭ ސަރުކާރަށް ފާޑުކިޔުމުގެ ނަމޫނާއަކީ. މިލިޔުމުގައެއް ނެތް އެއްވެސް ވަރަކަށް ޒާތީވެފައެއް، އަބުރާ ބެހިފައެއް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން އެއްކިބާވެފައެއް ނުވަތަ ކަމެއް ޖެނެރަލައިޒް ކުރައްވާފައެއް ވެސް. އަޅުގަނޑެއް އެއްބަހެއް ނޫން މީގައި ހުރި ބައެއް ވާހަކަތަކާ. އެކަމަކު ވެސް، މިލިޔުމުގައިވާ އެއްވެސް ޕޮއިންޓަކަށް އަޅުގަނޑެއް ރައްދެއް ނުދޭނަން. އެއީ، މިއީ ސަރުކާރަށް ފާޑުކިޔުމުގައި، އެންމެ ރީތިކޮށް، އެންމެ ހަރުދަނާކޮށް މިހާތަނަށް މިސައިޓުން ކީއްކުރަންތޯ، އެހެން އެއްވެސް ތަނަކުން ވެސް އަޅުގަނޑަށް ފެނުނު އެންމެ މޮޅު ލިޔުން. އެހެންވީމާ، މިސްޓައިލާއި ވައްޓަފާޅިއާއި ބައްޓަން އެންމެ ބޭފުޅުން ދަސްފުޅުކުރައްވަން ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނާތީ، މިއާ މެދު އެހެން ގޮތަކަށް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނޫން.

  8. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ކިޔާމީހާއަށް.
    އަޅުގަނޑާ ބެހޭ ގޮތުން ވިދާޅުވި ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑާ ބައްދަލު ކުރައްވަން ބޭނުންފުޅުވަންޏާ އަޅުގަނޑުގެ އީމެއިލް އެޑްރެސް އަށް މެއިލްއެއް ފޮނުއްވާލަ ދެއްވާ އިނގޭތޯ. އޭރުން އަޅުގަނޑު ދަންނަވާނަން ހައްދަވާނެ ގޮތެއް. އަޅުގަނޑުގެ އީމެއިލްއަކީ، hashim.kulhudhuffushi@gmail.com

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ދޯނި ފަހަރު މަތީގައި އުޅޭ މީހާއަށް.
    ތިޔަ ވިދާޅުވެވެނީ ކީކޭކަން އެބަ އެނގިވަޑައިގަންނަވާތޯ؟ ތިޔަ ދައުވާ ކުރެއްވެވެނީ ޣައިބު ދަންނަކަމަށް. ޣައިބު ދެނެވޮޑިގެންވަނީ މާތް ކަލާނގެ އެކަނި. އެހެންވީމާ، ތިޔަ ދައުވާ ކުރެއްވެނީ މާތް ކަލާނގެ ކަމަށް. ތިޔައީ ކަލާނގެތޯ؟ އެއްޗެއް ވިދާޅުވާއިރު، ކުޑައިކޮށް ވިސްނާވަޑައިގެން ވިދާޅުވުން ރަނގަޅުވާނެ. އެހެންނޫނީ ފިރުޢައުނަށް ޖެހުނު ދަތުރު ޖެހިދާނެ އިނގޭތޯ

  10. އޮޑިފަހަރެއްގައި އިންމީހެއް‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ނާ އަދި ޣައިބުވާ ނޭގުނެއް ކަމަކު މިހިރަފެންނަނީ ވިއްޔާ ކަލޭ ބިމަށް ލެއްވީތީ އެކަމުގެ ނޮފޮރޮއްޕާން. އަހަރެމެނަށް މިހެން މިކަންތަށް ފެންނާތީވެ މިބުނަނީ މައްޗަށާ ކަނޑަށް ލެއްވީމަ ވާނެ ގޮތް.

  11. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ވެރިކަމުގެ އާރާއި ބާރުގައި ހުރެ ކުރީގެ ރައީސްގެ ހިޔަނިން ނުނެއްޓެވިގެން އުޅެންޖެހޭ ސަބަބެއް ނެތެވެ. ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހަކީ ކުރީގެ ރައީސްގެ ގޮނޑިކޮއްކޮއިންކަމަށް ބުނާބުނުމަކީ ރައްޔިތުންގެ މަޤްބޫލުކަން ސަރުކާރަށް ގެއްލިފައިވާކަމަށް އިޢުތިރާފުވުންނޫންކަމެއްނޫނެވެ. ހަމަގައިމުވެސް މައުމޫނުގެ ވެރިކަން ވެއްޓުނީ ރައްޔިތުން އެކަން ކުރަން ބޭނުންވީމައެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުޕާޓީން ހޯދާ ސިވިލްސާރވިސްގެ ކޮންޓްރޯލު ސަރުކާރަށް ގެއްލި މިނިވަން މުއައްސަސާތަކާމެދު ސަރުކާރުގެ އިތުބާރުގެއްލި ސަރުކާރުން ނުބައިނުލަފާކަން ދައްކާ ހިސާބަށް އަށެއްކަ މަސްދުވަހުގެ ތެރޭގައި ޤައުމުގެ ކަންތައް ދިޔުމަކީ ނުރައްކާތެރި ކަމެކެވެ. ޤައުމުގެ ޙާލަތު ގޯހުން ގޯހަށްގޮސް ތަދުމަޑުކަމާއި ކުރިމަތިވެ، ޤަތުލު ޢާއްމަކާއި ހަމަޔަށް ނުދަނީސް ނުލާއި ރީނދުލުގެ ހަނގުރާމަ ހުއްޓާލާ ސަރުކާރާމެދު ރައްޔިތުން އިތުބާރު އޮތްތޯ ޤަނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެދަށުން ތިރީސް އަހަރަށްފަހު އައި ހެޔޮވެރިކަން ފުރަތަމަ ހަމަސް ދުވަހު ހިނގާ ދިޔަގޮތާއިމެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ވޯޓެއް ނެގުން މިހާރު ލާޒިމުވެއްޖެއެވެ.

  12. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ކޮންމެ ދުވަހަކު ހެދުނު ހޭލާފަ ކޮންމެ މީހަކުވެސް މީގެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ލާތި. އޭރުން އިގޭނި އެދުވަހަކަށް ވެރިމީހާ ވެރިކަމުގަ ބަހައްޓަން..

  13. މޫސަބެ ގޯތި އަހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    މިހާރު އެބަ ހިވޭ ގޭ އެންމެން ލައްވާ އަންނި އަށް ވޯޓުލެވުން މޮޔަ>>،

    މިހާރު ދެން އަނެއްކާ ބުނެވޭނީ އަންނި އިސްތިއުފާއޭ. 9 މަންތްސް އިސް މޯ ދެން އިނަފް،،،

  14. DOG‮ ‬ވިދާޅުވީ


    ތާރީޚް:30/07/2009

    ވަރަށް ފުރިހަމ ލިޔުމެއް، ބުނެލަން އޮތީ އަނެއް ރާއްޖެ އޮތީ ބައެއްގެ ބާރުގެ ދަށުގައޭ މިހާރު TVM އިން ދައްކާނެ އެރާއްޖެ އަށް ދިއުމަށް ދިވެހި ސިފައިން ތަމްރީންވުމަށް ހިންގާ އެކްސަސައިޒްތައް ސިފައިންނަށް އެރާއްޖެ ހިފޭވަރުވާނީ އަދި 30 އަހަރު މިގޮތަށް ތަމްރީން ޕްރޮގްރާމް ހިންގައިގެން، އަސްލުގަ އަންނި ހީފުޅުކުރެއްވީ ދިވެހި ސިފައިންގެ ކިބާގައި އެރާއްޖެ ހިފުމުގެ ގާބިލްކަން ހުރިކަމަށް އެކަމަކު މައުމޫނިޒަމްގައި ސިފައިންނަށް އެއްވެސް ތަމްރީނެއް ދީފައިނެތުމުން އެރާއްޖެއަށް އަދި މުއުޅެނީ ނުދެވިގެން ރީދޫ ކުލައިގެ 30 އަހަރު ކެތްކޮށްލާ، ނޫކުލަޖައްސައިގެންވެސް ކެތްކުރީނުންދޯ، ދެން ބުނެލަން އޮތީ އަންނި އަކީ ގޭންގް ސްޓާރ އެއް ހިންގާ މީހެއްކަމަށް ވަންޏާ އެބޭފުޅާއަށް ރައްދުގައި ބަދުބަހެއް އެހެން މީހަކު ބުނެއްޖެނަމަ ގޭންގް ކުދިން ބަދަލު ހިފާނެކަން އެންމެންވެސް ދަންނަންވާނެއެވެ. އަންނިގެ ކައިރީގައި އުޅޭ މީހުންގެ ދަރިން މަސްތުވާތަކެތި ބޭނުންކޮށްގެން އެހެން ގައުމުތަކުގެ ޖަލުގައި ހައްޔަރުކުރެވި އަދަބު ލިބޭކަމަށް ވަންޏާ އެމީހުންގެ ފަރާތުން މިރާއްޖެއަށް މަސްތުވާތަކެތި އެތެރެވާނެކަންވެސް ގަބޫލުކުރުން ރަގަޅުވާނެއެވެ. އަންނި ބޭނުން މީހަކަށް ފެންވަރު ނެތަސް ބޮޑު މުސާރަ އާއިއެކު ވަޒީފާ ދޭނަމަ އެމީހުންނަށް މުސާރަ ނުދީ ޖަލުތައް ހެދުމަށް އެފައިސާ ހަރަދުކުރުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ، މިއީ ބިލް އޯ ރެލީ ބުނާ ފަދައިން ވަރަށް ވެސް ހެޔޮވެރިކަމެކެވެ، ރައީސްކަމަށް އައުމަށް އަންނި ބުނަމުންދިޔަ ވާހަކަ ނޭނގުނީ ރައްޔިތުންނަށެވެ، މިހާރުވެސް އެމަނިކުފާނު ރައްޔިތުންނާއި މުހާތަބުކޮށް ވިދާޅުވާ ބަސްފުޅުތައް ތިލަކަމާއި ސީދާކަމުން ސުވާލު އުފެދެނީ ރައްޔިތުންނެވެ. އެވާހަކަތައް އިތުރަށް ސާފުކުރުމަށް އުޅުމުން ބައެއް ފަހަރު ފަލްސަފާއަކަށްވެސް ވެގެންދެއެވެ، މިލިޔުމަށް ހާޝިމް އަށް އެއްޗެއް ބުނަން ނޭނގޭނެކަންވެސް އެނގެއެވެ. ވަރަށްވެސް ފުރިހަމަ ލިޔުމަކުން ދިވެހިސަރުކާރުގެ މިއަދުގެ ހާލަތުން މިވަނީ ބަޔާންކޮށްދީފައެވެ.

  15. DOG‮ ‬ވިދާޅުވީ


    ތާރީޚް:31/07/2009

    ކުދިންނޭ ނިކަން އަޑުހާބަލަ، ކޯޓުން އެވަނީ އަންނިގެ ޕްރެސެކެޓްރީ ޒުހޭރުގެ ސާބިތުދަރަނީގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާ އަމިއްލަ ފަރާތަކަށް 10 ދުވަސް ތެރޭގައި ދޭންޖެހޭކަމަށް ބުނެފައި، އަނެއްކާ އަނެއް ސްޓޭޓް މިނިސްޓަރގެ މައްޗަށް ދޮގުމައުލޫމާތު ފަތުރާ މީހެއްގެ އަބުރަށް ހުތުރު ވާފަދަ ވާހަކަދެއްކިކަމަށް ބުނެ 52 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅާފައި. މިފަދަ މީހުން ވެރިކަމުގެ އިސްފަރާތްތައްކަމުގައި ތިބެގެން މިގައުމަށް ލިބޭނީ ކޮންކުރިއެރުމެއްބާއޭ، މިއީ ހަމައުފެދޭ ސުވާލެކެވެ. ކުދިން ނުދެއްކުނު ފައިސާއެއް މިހާރު ދެއްކޭނެ ބާވައޭވެސް ހިތަށް އަރައެވެ. އަނެއްކޮޅުން އެފައިސާ ދައްކާނީ ދައުލަތުގެ މާލިއްޔަތުން ނޫންބާވައެވެ. އެހެން ވެއްޖެނަމަ އިގްތިސާދު ދުވަހަކުވެސް އަނަދަވަޅުން ނެގޭނެ ބާވައެވެ. މިއީ އަނެއްކާ ދިވެހިންނަށް ތާރީޙްގައިވެސް ހެދުނު އެއްމެބޮޑު ކޮސް ކަންތައް ކަމުގައި ނުވެދާނެ ބާވައެވެ.

  16. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/07/2009

    އިލިޔާސް އިބްރާހިމް އެފްޕީއައިޑީ އިން 250 މިލިޔަން ޑޮލަރު (3.2 ބިލިޔަން ރުފިޔާ) އަށް ވަނީ ޚިޔާނާތްތެރިވެވަޑައިގެން ބޭނުން ކުރެއްވިކަމަށް ސާބިތުވެފައި ރައްޔިތުންގެ މަޖިލީހުގެ ތަޙުޤީޤަކުން. އެތަޙުޤީޤު ކޮމެޓީގެ އެއް މެމްބަރަކީ ކުރީގެ އައްޑޫ މެމްބަރު، މިހާރުގެ ޑީއާރުޕީގެ ޚާއްޞަ މަންދޫބު އިބްރާހިމް ޝަރީފް މަވޯޓާ. އެޕާޓީގެ ނައިބު ޒަޢީމް އަހުމަދު ތަސްމީން ޢަލީ އެބައޮތް 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ނަންގަވާފައި ބޭންކް އޮފް މޯލްޑިވްސް އިން. ތެދެއް ޕްރެސް ސެކްރެޓަރީ 2 ލައްކަ ރުފިޔާ ދައްކަން ޙުކުމް ކޮށްފި. އެކަމަކު އަޅުގަނޑު ކުރިން މިދެންނެވި ބޭބޭފުޅުން ދައްކަވަން ޖެހިވަޑައިގަންނަވަނީ ލައްކައަކުން، މިލިޔަނަކުން ނޫން. ބިލިޔަނުން. ބިލިޔަން ރުފިޔާއިން. އަދި މައުމޫނާއި ޔާމީން ނެންގެވި ޢަދަދުގެ ޙިސާބެއް ވެސް ނޭނގޭ. އެހެންވީމާ، ޑޯގު އަދި ތިޔަހެން ވިދާޅުވެ އުފާފުޅު ކުރައްވާކަށް ނުވޭ. އަދި މިދެންނެވި ފައިސާތައް ލިބޭ ދައުލަތަށް ލިބޭ ދުވަހުން އަޅުގަނޑާއެކު އުފާފާޅުކުރައްވަން ޑޯގު ވެސް ނުކުންނަވާނެ ކަމަށް ވަރަށް އުންމީދުކުރަން. ޕްރެސް ސެކްރެޓަރީ ދައްކަވަން އޮތީ ދައުލަތަށް ދައްކަވަން ޖެހޭ ފައިސާއެއް ނޫން. އަމިއްލަ ކުންފުންޏަކަށް. އެކަމުން އަޅުގަނޑުމެންނަށް ލިބޭނެ ތަސައްލީއެއް ނެތް. އަސްލު ތަސައްލީ ލިބޭނީ ތަސްމީނާއި، އިލިޔާސާއި މިބޭބޭފުޅުންގެ އަތްޕުޅުން ފައިސާ ދައުލަތަށް، އެބަހީ ދިވެހި ރައްޔިތުންނަށް ލިބޭ ދުވަހަކުން. ދ

    ދެން އަސްލަމް ޝާކިރުގެ ވާހަކަ. އެއީ ތެދެއް އަސްލަމް ޝާކިރު ފަނޑިޔާރަކާ ނިސްބަތްކޮށް އެއްޗެއް ވިދާޅުވީމާ، ފަނޑިޔާރު ލައްވައިފި އަބުރުގެ ދައުވާގެ ބަދަލުގެ ގޮތުގައި 52 މިލިޔަން ރުފިޔާ ހޯއްދަވަން ކޯޓަށް މައްސަލައެއް. ހަމަ އެއަދަދުގެ މައްސަލައެއް ޑރ ޝަހީދު ވަނީ ނަންކުރާ އުމަރު ނަސީރު އިތުރުފުޅު ހެއްދެވީމާ މީގެ މަހެއްހާ ދުވަސްކުރިން ކޯޓަށް ލައްވާފަ. އެނގިދާނެތާ ދެއްތޯ ވާގޮތެއް.

  17. DOG‮ ‬ވިދާޅުވީ


    ތާރީޚް:31/07/2009

    މިޑޯގު މިދައްކަނީ ވާނޭ ކަންތައްތަކުގެ ވާހަކައެއް ނޫން، ވައްކަންކުރިކަމަށް ބުނެ ކުރެވެމުންދާ ތަހްޤީޤްގެ ވާހަކައެއްވެސް ނޫން، އާދައިގެ ނިކަމެއްޗެއްގެ ވާހަކައެއްވެސް ނޫން، މިވީހާތަނަށް ފެންފޮދެއްހެން ފައިސާ ދޭންކެރުނު މީހެއްގެ ވާހަކައެއްވެސް ނޫން، މައުމޫނޭ އިލްޔާސް އޭ ނުކިޔާށެކޭ ނޫން އަދި އެކަމަކު މިއިން މީހެއްގެ މައްޗަށް ހިޔާނާތެއް އަނެއް އެއްޗެއްގެ ސާބިތެއް ނުކުރެވޭދޯ އޭގެ މާނައަކީ ކުށެއް ނެތް މީހެކޭ ދވެހިރާއްޖޭގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުން ކުށެއްގެ ތުހްމަތުގައި މައްސަލައެއް ތަހްޤީޤް ކުރުމަކުން އެމީހަކީ ކުއްވެރިއެއް ނޫން، އެމީހަކީ ކުށްވެރިއަކަށް ވަނީ ކުށެއްކުރިކަން ސާބިތުވެ ކޯޓުން އެމީހަކަށް ހުކުމްކުރުމުން، ހާޝިމް އަށް ތިހީވަނީ އިލިޔާސް އެއީ ކުއްވެރިއެކޭ އެކަމަކު ދިވެހިރާއްޖޭގެ ގާނޫނު އަދި އެގޮތަށް ބުނުމަކަށް ތަނެއް ނުދޭ،

  18. އެޑަމް‮ ‬ވިދާޅުވީ


    ތާރީޚް:31/07/2009

    ސަރުކާރު ހިމާޔަތްކުރުމުގައި ހާޝިމް އިނދަޖެހުނީތީ އަހަރެން ވަރަށް ކޮސްވެ އަންތަރީސް ވެއްޖެ. ތިއީ ވާނެގޮތް ދޮގުހަދައިގެން ހުރިހާ ކަމެއް ފޫބައްދަން އުޅެންޏާ. ކުރީގެ ލިޔުންތަކުގަ އޮއްޓަރެއްނެތޭ، ޖެނެރަލައިޒްއޭ ކީ އިރުވެސް އަހަރެމެންނަށް އެނގޭ އެލިޔުންތަކުގައިވެސް ހުރީ ހަމަ ތެދުކަން. ރައްޔިތުންގެ ލޮލުގައި، ދެން މިސައިޓްގައިނަމަ، ކިޔާމީހުންގެ ލޮލުގައި އަނދުންއަޅުވަން މަސައްކަތްކުރުމީ އަންނި ސަރުކާރުގެ މޮޓޯ. އެކަމަކު އެކަހަލަ ފީކަޅާ މޮޓޯ އަބަދަކު ކުރިއެއްނޭރު ވޭނޭނުންދޯ. އެހެންތިޔަވީ ހާޝިމަށްވެސް. އެއް ދޮގު ފޫބައްދަން 100 ދޮގު ހަދަންޖެހި އެންމެފަހުން ބޭޒާރު ވެދާނެކަން ދެންވެސް ހަނދާންކުރާތި. އަދި މިވާހަކަ އަންނި ރައީސަށާއި އޭނާގެ އައުވާނުންނަށްވެސް ނަންގަނެލަދޭތި. ތިއީ އެމީހުންގެ މުސާރަބަލަހައްޓާ މީހާއޭނުންދޯ. އުނހޫ. ޗުކި. އަންނިއަށް ރޮށި ފިހައި ދޭމީހާއޭނުންދޯ. (އޭ.. މިބުނެވުނީވެސް ރަނގަޅަކަށް ނޫންކަންނޭނގެ. ނޭނގޭނުން. ތިއީ ދަނޑި ދިގު އުދުޅިއެއްވިއްޔާ)
    * މިއީ އެއްވެސް ހާލެއްގައި ޒާތީވިއްޔަކީނޫން އިނގޭ. ހަމަ ކުޑަކުޑަ ލަފައެއްދިނީ. މިސަރުކާރުގައި ލަފާދީ ފާޑުކިޔޭނުންދޯ. އެހެންވެ އޭ އަންނި މިހޮވީ. ކުރިން މިކަހަލަ ވާހަކަ ނުދެއްކޭތި. (lol)

  19. ޑީއާރުޕީ‮ ‬ވިދާޅުވީ


    ތާރީޚް:31/07/2009

    އަންނި އަށް އެނގޭ ދޯ .ކަމެއްކުރަން.މައުމޫނު ކުރިގޮތަށް ވެރިކަން ކުރެވޭނެ މީހެއް ދެން މިރާއްޖެ ކީއްކުރަން ދުނިޔެއަށް ވެސް ނާންނާނެ.އަދި ނުވެސް އާދޭ.އެޑަމް ތިޔަބުނީ ރަނގަޅަށް މިފަހަރު ވާނެ އެމްޑީޕީ އިދަގަޅުވާލަން .މައުމޫނު ވެރިކަމަށް އަރުވަންވާނެ.އެބޭފުޅާވަރެއްނެތް.މިސަރުކާރުން އެއްވެސް ކަމެއްކުރިޔަ ދީގެންނުވާނެ.އެހެންނޫނީ އަހަރެމެންނަކަށް ކާމިޔާބެއްނުވާނެ. އަންނި އެއުޅެނީ ހިތުން ރަނގަޅު ވެރިެއްގެ ރިކޯދޫ ހަދާށޯ.އޭރުން މައުމޫނަކަށް އެއްވެސް މީހަކު ބަލައެއްނުލާނެ.އެހެންވެ މިބުނަނީ ޑީއާރުޕީގެ މިހާރުގެ މޮޓޯ ކަމުގައިވާ މިސަރުކާރު ކުރާކަންތައް ހުއްޓުވުން އަހަރެމެންގެ މައްޗައް ލާޒިމު.