Share

އެކުވެރިޔާގެ ގަމީހުގައި ރިހާކުރު ހޭކިފައިހުއްޓާ ފެނުމުން

އެކުވެރިޔާގެ ގަމީހުގައި ރިހާކުރު ހޭކިފައިހުއްޓާ ފެނުމުން
ނަބީލް

އެކުވެރިޔާ ހުރީ ފެންވަރާ ނަލަހެދިގެންނެވެ. އަޅާފައި ހުރި ޓައީ ރީއްޗެވެ. ކޮށްފައި ހުރި ބެގީ އެންމެ ފުރިހަމައެވެ. އެކުވެރިޔާގެ ބޫޓުން އޮފު އަރައަރާ ހުއްޓެވެ. ލައިފައި ހުރި ގަމީސް ހުދުވެފައި ސާފެވެ. ހީވާ ގޮތުން އެދަނީ އޮފީހަށެވެ. އަހަރެންނާ ދިމާވީ މަގުމަތީންނެވެ.

މިހާ ދުވަސްކޮށްފައި ބައްދަލުވީމާ ވަރަށް ވާހަކަ ހުއްޓެވެ. ނަމަވެސް ލަސްވެފައި ހުރިވަރުން ގިނައިން އަޅާލީ ސުރުހީއެވެ. ކޮށްލީ ޚުލާސާއެވެ.

އެއަށް ފަހު ދެ މީހުން ވަކިވެގެން ދެ ފަރާތަށް ހިނގައްޖައީމެވެ. ކުއްލިއަކަށް އެއްލުނު ކަޅި ގޮސް ހުއްޓުނީ އޭނާގެ ގަމީހުގައި ބުރަކައްޓާއި ވީ ފަރާތުގައި ހޭކިފައި ހުރި ރިހާކުރު ތަކަށެވެ.

އަހަރެންގެ ހިތަށް އެއްފަހަރާ ވަރަށް ގިނަ އެއްޗެހި އަރާފައި ފައިބައިގެން ދިޔަ ވަގުތެކެވެ.

އޭނާއަށް ގޮވާލާފައި ބުނަންވީހެއްޔެވެ؟ ބުނީމާ ވާނީ ކިހިނެއްހެއްޔެވެ؟ އެކުވެރިޔާ ރުޅިއައިސްދާނެހެއްޔެވެ؟ މިހާ މީހުން ގިނަ މަގުމަތީގައި މީހުންނަށް ފެންނާނެ ހެން އޭނާ ގާތުގައި އެވާހަކަ ބުނެފި ނަމަ އޭނާ ހާދަ ލަދުގަންނާނެއެވެ. އެކަމަކު އަހަރެން ނުބުންޏަސް މީހުންނަށް އޭނާގެ ގަމީސް ހުރި ގޮތް އެހުރީ ހާމައަށް ފެންނާށެވެ. މިހާ ގިނަ ދުވަސްކޮށްފައި ދިމާވީ މާ ވެސް އޭނާގެ އައިބެއް ފެނުނީތީ ދައްކަންވީހެއްޔެވެ؟ އޭރުން އަނެއްކާ ހިތާނީ ކީކޭ ބާވައެވެ؟ ގޮތެއް އެބަ އޮތެވެ. ގޮވާލާފައި މަޑުމަޑުން ބުނެލާނީއެވެ. ދިމާ ނުކޮށް މަލާމާތް ނުކޮށް ރީތިކޮށް ބުނެލާނީއެވެ.

މިވަރުން އަދި ވީކީ ނޫނެވެ. ނުބުނީމާ ވާނީ ކިހިނެއްހެޔެވެ؟ އޭނާ އެދަނީ އޮފީހަށެވެ. އެތައް ބައެއްގެ ތެރެއަށެވެ. އެތައް ބަޔަކު ހިނގާބިނގާވެ އުޅޭ މަގުތަކެއް ހުރަސްކޮށްފައެވެ. އޭނާއަށް ފަހުން އަހަރެން އޭނާގެ ގަމީސް ހުރި ގޮތް އެނގިހުރެމެ، އެކަމާއި މެދު އޭނާ ސަމާލުނުކުރުވީކަން އެނގިއްޖެއްޔާ އޭނާ ހިތާނީ ކީކޭހެއްޔެވެ؟

މާފުކުރާށެވެ. މިހާސަރުތައް ކިޔާލަދިނީތީ ޝުކުރިއްޔާއެވެ.

އެއްބަހެވެ. އެކުވެރިޔާގެ ގަމީހުގައި ރިހާކުރު ނޫން އެހެން އެއްޗެއް ހޭކިފައި ހުއްޓާ ފެނުނަސް އެކަން އޭނާއަށް އަންގާލުމަކީ އެއްވެސް މީހަކު ޖެހިލުމެއް ނެތި އޭނާގެ އެކުވެރިޔާއަށްޓަކައި ކޮށްދޭނޭ އަގުބޮޑު ޚިދުމަތެކެވެ.

ނަމަވެސް ހިތާމައަކީ ރިހާކުރަށް ވުރެ މާ ނުރައްކާތެރި އެއްޗެހި އެކުވެރިޔާގެ ގައިގައި ހޭކިފައި ހުއްޓާ ފެނުމުން އަޅާނުލެވޭތީއެވެ.

އަޚްލާޤީ ބަލިތަކޭ މި ކިޔާ ނަޖިހެވެ. ބޮޑާވެރިކަމާ ހަސަދަވެރިކަމުގެ ކުންޏެވެ. ދޮގުވެރިކަމާ ޚިޔާނާތްތެރިކަމުގެ ކުނިބުންޏެވެ. ނެތިމޮށުމާއި ދޭތެރެޖެއްސުމުގެ ފުޅައެވެ. އަވަގުރާނައިގެ ކިލަޔާއި މިލައެވެ.

މާތް ނަބިއްޔާ އަންގަވާފައިވަނީ މުއުމިނަކީ އޭނާގެ އެކުވެރިޔާއަށްޓަކައި ލޯގަނޑެއް ކަމުގައެވެ. އެހެންވީމާ ކަލޭގެ އެކުވެރިޔާއަށްޓަކައި ލޯގަނޑަކަށް ވާށެވެ. ފުސްބުރާފައި ހުރި ނަމަ ސާފުވާށެވެ. އެކުވެރިޔާގެ ނަފުސާއި ފުރާނައިގެ ޙަޤީޤީ ސޫރަ އޭނާއަށް ދައްކާށެވެ.

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މަވެސް‮ ‬ވިދާޅުވީ


    ތާރީޚް:01/08/2009

    މިސައިޓުން މިފަދަ ރަނގަޅު އިބްރަތްތެރި ލިޔުންތަށް ފެންނާތީ އުފާކުރަން. ވަރަށް ރަނގަޅު ނަސޭހަތެއް.

  2. ޤާދިރު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އަނެކާގެ ހުންނަ އެފަދަ އުނިސިފަތަ އެމީހަކަށް ދެއްކީމަ އެކަން އެމީހަކު ބަލައިނުގަންނަންޏާދެއްން ކީއްކުރާނީ؟ ކިތެއްމެހާވެސްރަނގަޅުއާޓިކަލްއެއް@