(3 ވަނަ އަދަދާއި ގުޅޭ)
“އަހަރެން ބޭނުމެއް ނޫން މިއުފާވެރިކަން ގެއްލިދާކަށެއް. އެކަމަކު އަހަރެން އެބައޮތް ވާހަކައެއް ބުނަން. ފަހަރެއްގައި ނަވީން ރުޅިއައުން ވެސް އެކަށީގެންވޭ މިވާހަކަ އަހާފައި. މިބުނަން އުޅެނީ، މިމާހައުލާ އެހާ ގުޅޭ ވާހަކައެއް ވެސް ނޫން.” ޝިޔާނާ އިސްދަށަށް ޖަހައިގެން އިނދެ ލަސްލަހުން ބުނެލިއެވެ.
“އަހަރެންނަށް އެންމެ ރަނގަޅޭ. އަހަރެން ރުޅިއެއް ނާންނާނެ. މިއުފާވެރިކަމެއް ވެސް ނުގެއްލޭނެ. މިއަދު ދުނިޔޭގައި ވެސް ހުރި އަހަރެން އެންމެ ލޯބިވާ މީހަކީ ތިއީ. އަހަރެންގެ ހުރިހާ އުފާތައް ވަނީ ޝިޔާނާއާ ގުޅިފައި. ލޯބި އުފަލުން ބެހެއްޓުމަށް އަހަރެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނަން. އަހަރެން ވަރަށް، ވަރަށް ލޯބިވޭ ޝިޔާނާ ދެކެ.” ނަވީން ޝިޔާނާގެ ދަތް ދޮޅީގައި މަޑުމަޑުން ހިފާލައި، ކައިރިވެލާފައި ބުންޏެވެ.
“ޔަޤީންތަ އަހަރެން މިވާހަކަ ބުނީމާ ރުޅިއެއް ނާންނާނެކަން؟” ޝިޔާނާ ކުރީ ސުވާލެކެވެ.
“ހަމަ ޔަޤީން. އަޅެ ބުނެބަލަ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަންހެނުން ތިހެން ފިކުރު ބޮޑުވެފައި، ނުތަނަސްވެފައި އިންނާކަށް. ބުނީމަތާދޯ އަހަރެންނަށް އެނގޭނީ ކަމެއް ކޮށްދޭން ވެސް؟” ނަވީން ވެސް ނިންމާލީ ސުވާލަކުންނެވެ.
“އާނ. އެންމެ ރަނގަޅު.” ޝިޔާނާ ވާހަކަ ފެށިއެވެ.
ނަވީން އިނީ ޝިޔާނާ ބުނާ އެއްޗެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.
“އެއީ… އެއީ އަހަރެންގެ ދަރިފުޅު… ދަރިފުޅު މަތިން ހަމަ ހަނދާންވާތީ. އަހަރެން… އޭނާގެ މުޅި ޢުމުރުގައި ވެސް އޭނާއާ ވަކިން ހޭދަކުރި ހަމައެކަނި ދުވަހަކީ… މިއަދު. އޭނާ އަހަރެން ވަރަށް ހޯދާނެ… އަހަރެން މިއިންނަނީ އެކަމާ ކަންތައް ބޮޑުވެފަ…” ޝިޔާނާ ހުއްޓަ ހުއްޓާފައި، ނަވީންގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
ޝިޔާނާ ހެދީ މުޅިއަކުން ދޮގެއް ނޫނެވެ. އެކަމަކު އެއީ މުޅިއަކުން ތެދެއް ވެސް ނޫނެވެ. އެހިނދު، އޭރު އޭނާގެ ހިތުގައި ހިނގަމުން ދިޔަ ޝުޢޫރަކީ، މިއީ ފިރިމީހާއަށް އޮޅުވާލުން ކަމުގައެވެ. އަދި އެއީ، އޭނާ ކުރަން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން ކަމެވެ. އެމީހުންގެ ކައިވެންޏަށް އަދި މިއުޅެނީ ދެ ދުވަސް ވެސް ނުވެގެންނެވެ.
“އެހެންތަ؟ ތިކަމާތަ ތިއިންނަނީ ހާސްވެފައި؟ ޝިޔާނާ ރަނގަޅު. ތިވަރުން ފޮރުވައިގެން އުޅެން ޖެހޭ ވަރުގެ ކަމެއްތަ ތިއީ؟ ޝިޔާނާއަކީ ކާކުކަން އެނގިހުރެއެއްނު އަހަރެން ޝިޔާނާއާ ކައިވެނިކުރީ ވެސް… އަވަހަށް ހިނގާ ދަރިފުޅަށް ގުޅަން. އަދި ނުމެއް ނިދާނެއެއްނުދޯ؟ އަހަރެން ބޭނުމެއް ނޫނޭ ޝިޔާނާގެ ދަރިފުޅާ ޝިޔާނާއާ ދެމެދު ހުރަހަކަށްވާކަށް. ހިނގާ އަވަހަށް ގުޅަން. ތިއީ އެވަރުގެ ކަމެއް ވެސް ނޫނެއްނު. އަހަރެން އަދި ހީކުރީ، ޝިޔާނާ ތަނެއްގައި ރިއްސާތީ އުޅެނީކަމަށޭ. ސާބަސް އެކަމަކު ލޯބީ. ތިހެން އަޅެ ބުނިނަމަ ކުރިން. އޭރުން ތިހެން ހާސްވެފައި ނިތްކުރިން އޮށްދާ ހިއްލަ ހިއްލާ އިންނާކަށް ނުޖެހުނީހެއްނު. ހިނގާ އަވަހަށް ހަނާއަށް ގުޅަން.” ނަވީން ބޮޑު ފައްޗަކަށް ހުރިހާ ވާހަކަތަކެއް އަމުނާލިއެވެ. އަދި އެނދުމަތީގައި އޮތް އޭނާގެ ފޯނާދިމާއަށް ލެފިލިއެވެ.
ނަވީނަށް އޮޅުވާލުމުގައި ޝިޔާނާއަށް ކާމިޔާބުވީތީ، އޭނާއިނީ އެކަމާ އާޝޯޚްވެފައެވެ. ވާހަކައެއް ހަދާލަން އޭނާ ވެސް ހާދަ މޮޅޭ ހިތަށް އެރިއެވެ. އެހެންނަމަވެސް، ނަވީންގެ ހުޝިޔާރުކަމާ ދޭތެރޭ ޝިޔާނާ ފަރުވާކުޑަކޮށްގެން ނުވާނެކަން ވެސް އޭނާއަށް އެނގެއެވެ.
“އަން. މިއޮތީ ހަނާގެ ނަމްބަރަށް ގުޅާފައި.” ޝިޔާނާގެ އަތަށް ފޯނު ދިއްކޮށްލަމުން ނަވީން ބުންޏެވެ.
****************
ކޮޓަރީގައި ހުރި ގަޑިން 10.45 ވީކަން އިޢުލާން ކުރިއެވެ. ހުޝާމް، އޭނާގެ އެނދުން ތެދުވެ، ފާޚާނާއަށް ވަދެ، ބޮލުގައި އަތްފުނާއަޅާލައި، ޓީޝާޓް ރަނގަޅުކޮށްލިއެވެ. މިއަދު ހަތަރުދަމު، އޭނާއަށް ކުރެވެނީ އެންމެ ޚިޔާލެކެވެ. އެއީ މިރޭ 11 ޖަހާއިރު ޝިޔާނާއަށް ބައްދަލުކުރުމުގެ ޚިޔާލެވެ.
ޝިޔާނާއަކީ، ހުޝާމްގެ ފުރާނައަށްވުރެ ވެސް އޭނާ ލޯބިވީ އިންސާނެކެވެ. އޭނާ ޝިޔާނާއާ ކައިވެނިކުރީ ވެސް ލައްކަ ދުވަހު މަޑުކޮށްފައެވެ. މުޅި ޢާއިލާއާއި ރައްޓެހިންނާ ވެސް ދެކޮޅަށެވެ. އެހެންކަމުން، ޝިޔާނާ އޭނާއާ ވަކިވެގެން ދިޔުން ހުޝާމަށް ތަހައްމަލުކުރަން ޖެހުނީ އެކަނިވެރިކަމުގެ އިންތިހާގެ ގޮތުގައެވެ. އަމުދުން، ސަބަބެއް، ވީކަމެއް ޚުދު އޭނާއަށް ވެސް ނޭނގި އޭނާ ގާތުން ޝިޔާނާ ގަދަކަމުން ވަރިވެގެން ދިޔުމުން އޭނާ ދުނިޔެއިން މޮޔަ ނުވީ ވެސް ހަމަ ކިރިޔާއެވެ.
އޭނާ ޝިޔާނާއާ އަލުން ގުޅެން ކުރި ހުރިހާ މަސައްކަތެއް ވެސް ވީ ބޭކާރެވެ. ހުޝާމްގެ ގާތުން ޝިޔާނާ ގަދަކަމުން ވަރިވި ދުވަހު ކޯޓުގައި ބައްދަލުވި ގޮތަށް، އޭނާއާ ޝިޔާނާ ހުރިހާ ގުޅުމެއް ކަނޑާލިއެވެ. އޭނާ ގުޅާ ގުޅާ ޝިޔާނާ ފޯނު ވެސް ނުނަގައެވެ. ގެއިން ވެސް ބައްދަލެއް ނުކުރިއެވެ. އެންމެ ފަހުން، ހުޝާމްގެ މަންމަ ޝިޔާނާ ގާތަށް ފޮނުވައިގެން ވެސް ޝިޔާނާ އެވާހަކައެއް ނުދެއްކިއެވެ.
މިހުރިހާ ކަމަކަށް ފަހު، ހުޝާމް މާލެދެކެ ވެސް ފޫހިވިއެވެ. އަދި ވަތަނިއްޔާގައި އޭނާ ހުރި އެކައުންޓެންޓްގެ ވަޒީފާ ދޫކޮށް، ރިސޯޓަކުން ވަޒީފާ ހޯދިއެވެ. އެގޮތުގައި މިހާރު ދެ އަހަރު ވެއަތުވެގެން ދިޔައިރު، ހުޝާމް މާލެއައީ އެންމެ ފަހަރަކުއެވެ. އެއީ ވެސް މަންމަ ވަރަށް ބޮޑަށް ބަލިވެގެންނެވެ.
****************
ރެއަކީ ފިނި ރެއެކެވެ. ހުޝާމް އިނީ ބަރ ގައި އިށީނދެލައިގެންނެވެ. މުޅި އެތަނަށް ވެސް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކައުންޓަރުގެ ކައިރީގައި އިށީނދެ ތިބި ދެތިން ގެސްޓުން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނުގައެއް ނެތެވެ. ރެއަކީ، ރަށުގެ އަނެއްކޮޅުގައި، މިއުޒިކް ކުޅޭ ރެއެއްކަމުން، ހުރިހާ ގެސްޓުންވީ އެކޮޅަށް ގޮހެވެ.
ކުއްލިއަކަށް ހުޝާމްގެ ލޮލުގައި އަޅައިގަތީ، ރަތްލޭ ކުލައިގެ ހެދުމެއްގައި، ހިނގަމުން އޭނާގެ ކައިރިއަށް އަންނަމުންދާ ޝިޔާނާއެވެ. ހުޝާމަށް އެކަން ޤަބޫލެއް ވެސް ނުކުރެވުނެވެ. ޝިޔާނާ އޭނާގެ ގާތަށް ދުވަހަކު ވެސް އަތުވެދާނެކަމާ މެދު އޭނާވަނީ އުންމީދު ވެސް ކަނޑާލާފައެވެ.
“މިހިރީ އައިސް. ހުޝާމް ބޭނުންވާ ސުވާލެއް ކުރޭ އަވަހަށް. އަހަރެންނަކަށް މާގިނަ އިރަކު ނުހުރެވޭނެ.” ޝިޔާނާ ހުޝާމާ އަރާ ހަމަވުމާއެކު އެންމެ ފުރަތަމަ ވެސް ބުނި ޖުމްލަތަކަކީ އެއީއެވެ.
“އެއްޗެއް ބޭނުންތަ؟” ހުޝާމް ކުރީ ސުވާލެކެވެ.
“ނޫން. ބޭނުމެއް ނޫން. މިއައީ ހުޝާމް ބޭނުންވާ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދޭން. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު އަހަރެންގެ ދިރިއުޅުމަށް އުނދަގޫ ކުރާކަށް. އެހެންވީމާ، ހުޝާމް ބޭނުންވާ އެއްޗެއް އަހަރެން ގާތުން މިހާރު އަހާ. އޭގެ ފަހުން އަހަރެން ބޭނުމެއް ނޫން ހުޝާމް އަހަރެންނަށް އެއްވެސް ބިރެއް ދައްކާކަށް، އިންޒާރެއް ދޭކަށް.” ޝިޔާނާ ނުރުހުމާއެކު ބުންޏެވެ.
“އެންމެ ރަނގަޅު. ހިނގާ އަހަރެންގެ ކޮޓަރިއަށް. އެހާ ދުރެއް ނުވާނެ މިތަނަކާ. އޭރުންނެއްނު ވާހަކަ ދެއްކޭނީދޯ؟” ހުޝާމްގެ އެދުން އޭނާ ފާޅުކުރިއެވެ.
“މިތަން ރަނގަޅޭ ވާހަކަ ދައްކަން. އަހަރެންނަށް ރޭ އެވީ ކަންތައްތަކުން ހުޝާމަކަށް ދެން ނެތް އެއްވެސް އިތުބާރެއް ކުރެވޭކަށް.” ޝިޔާނާ ހުރީ ވަރަށް ރުންކުރުވެފައެވެ.
“ޝިޔާނާ. އަހަރެންގެ ވެސް ހުރެއޭ ގޮތާ ފޮތާ. އަހަރެންނަކީ އެހާ އަދަބެއް ނެތް މީހެއްކަމަށް ޝިޔާނާ ހީކުރަން ފެށީ ކޮންއިރަކުތަ؟ ހިނގާ އަހަރެންނާ އެކީ ކޮޓަރިއަށް. އަހަރެން، ކަލާނގެ ގަންދީ މިބުނަނީ… އަހަރެން ޝިޔާނާގެ ގައިގައި އިނގިލިކުރި ވެސް ޖައްސާނުލާނަން.” ހުޝާމް ތަންކޮޅެއް ބާރަށް ބުންޏެވެ.
ހުޝާމްގެ ހުވައާއެކު ޝިޔާނާގެ ސިކުނޑީގައި ވެސް ހިނގައިގަތީ، މިތަނުގައި ދެމީހުން ވާހަކަ ދައްކަން ތިބިތަން މީހަކަށް ފެނުމަށްވުރެ، ހުޝާމްގެ ކޮޓަރީގައި ތިބިއްޔާ ރަނގަޅުވާނެ ކަމަށެވެ. އަދި ދެން، ހުޝާމްގެ ގޮތް ވެސް ޝިޔާނާއަށް އެނގޭތީ، އެކަމާ އޭނާ ޖެހިލުމެއް ވެސް ޙަޤީޤަތުގައެއް ނުވެއެވެ. ހުޝާމަކީ ހަރުކަށިކޮށް ވާހަކަ ދައްކަން އެނގުނަސް، އަތުންފައިން ގޯހެއް ހަދާނެ މީހެއް ނޫންކަން މާކުރިން ވެސް ޝިޔާނާއަށް އެނގެއެވެ.
“އެންމެ ރަނގަޅު.” ޝިޔާނާ އެއްބަސްވިއެވެ. އަދި ހުޝާމާއެކު، އޭނާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.
ބަރ އިން ނުކުމެ، ކުޑަކުޑަ ތަންކޮޅަކަށް ދެވުނު ތަނާ އެތަނުގައި ހުރި ކޮޓަރި ބަރިއެއް ޝިޔާނާއަށް ފެނުނެވެ. އޭގެ ތެރެއިން، “އެކައުންޓްސް ޑައިރެކްޓަރ” ޖަހާފައިވާ ކޮޓަރިއާ އަރާހަމަކޮށް، ހުޝާމް ދޮރުހުޅުވާލިއެވެ.
ހުޝާމް ކޮޓަރިއަށް ވަދެ، ޝިޔާނާ އިށީނުމަށްޓަކައި ގޮނޑިއެއް ކައިރިކޮށްދިނެވެ. އަދި އޭނާ އެނދުމަތީގައި އިށީނދެ،ވާހަކަ ފެށިއެވެ.
“އަހަރެން އަހަން ބޭނުންވަނީ، އަހަރެންނަށް މިވީހާ ތަނަށް ވެސް ޖަވާބު ނުލިބި އޮތް ސުވާލެއް. އަހަރެން ވަރަށް މަސައްކަތްކުރިން އޭގެ ޖަވާބު ހޯދަން. އެކަމަކު ޝިޔާނާއަށް އެނގޭނެ ޝިޔާނާ ކަންތައް ކުރިގޮތް. އެވާހަކަ އިތުރަށް ދެއްކުން މުހިންމެއް ނޫން. ޝިޔާނާ ބުނެބަލަ. ކީއްވެ އަހަރެން ގާތުން ވަރިވީ؟” މާގިނަ ވާހަކަތައް ނުދައްކައި ހުޝާމް ސީދާ ޕޮއިންޓަށް ދިޔައެވެ.
“އަހަރެން ބޭނުން ނުވީ އުޅެން. އަހަރެންނަށް އެނގޭ އޭރު ހުޝާމަށް ލިބޭ މުސާރަ. އެއިން އަހަރެންނަށް އެނގުނު ހުޝާމަކަށް އަހަރެންނާއި އަހަރެންގެ ދަރިފުޅަށް ޚަރަދުކޮށްފައި، ހުޝާމްގެ މަންމައަށް ޚަރަދުކޮށްފައި، އަދި ހުޝާމްގެ ކަންތައްތައްކޮށްފައި، ގޭކުލި ދައްކައިގެން އުފަލަކުން ނޫޅެވޭނެކަން. އަނެއްކާ އަހަރެން ބޭނުން ނުވީ އަހަރެންގެ ދަރިފުޅުގެ ފަރާތުން ހުޝާމަށް އިތުރު އުނދަގުލެއް ޖައްސަން ވެސް.” ޝިޔާނާ ސަބަބުތައް ކިޔައިދޭން ފެށިއެވެ.
“އެއީ…؟ އެހެންވެ ވަރިވީ…؟” ހައިރާންވެ އިނދެ ހުޝާމް ވެސް ސުވާލުކުރިއެވެ.
“ނޫނޭ. އަދި ނިމުނީކީ ނޫން. އަހަރެން ބޭނުންވާ ކަންކަން ހުޝާމަކަށް ފުރިހަމައެއް ވެސް ނުކޮށްދެވޭ. އެއަށްވުރެ… އަހަރެން ދެރަ ވެސް ވޭ މިހެން ބުނަން.. އެކަމަކު ހުޝާމް މާ ބަލިކަށި އަހަރެންނަށް އުފާ ހޯދައިދެވޭ ވަރަށް ވުރެ. އެކަން އެނގޭނެ ހުޝާމަށް.” ޝިޔާނާ އިސްދަށަށް ޖަހައިގެން އިނދެ ބުންޏެވެ.
“ތިއީ ދޮގެއް ނޫން. އަހަރެން ވެސް އެއްބަސް. އެކަމަކު، އަހަރެންނަކަށް ހިއެއް ނުވޭ ތިއީ ކައިވެންޏެއް ރޫޅާލުމަށް ރަނގަޅު ސަބަބެއްހެން. އެންމެ ކުޑަމިނުން ޝިޔާނާ ކޯޓުގައި ވެސް ތިވާހަކައެއް ނުބުނޭ. ބުނީ ފޫހިވަނީއޭ.” ހުޝާމް ޝަކުވާގެ ރާގަކަށް ބުންޏެވެ.
“އަހަރެން ބޭނުން ނުވީ ކޯޓުގައި ހުޝާމު ފަޟީހަތްކުރަން. އެހެންނޫނަސް، ކައިވެންޏެއް ރޫޅާލުން ހުއްދަ ސަބަބެއްނު އެއީ.” ޝިޔާނާ ޔަޤީންކަމާއެކު ބުންޏެވެ.
“އެންމެ ރަނގަޅޭ. އެކަމަކު ޝިޔާނާއަށް އެނގޭތަ؟ ކައިވެންޏަކީ، ވަރަށް މާތް ގުޅުމެއް. ކުޅިވަރަކަށް ކުރާ ކަމެއް ނޫން. ދެމަފިރިންގެ ހިތްހަމަނުޖެހުންތައް ވެސް ހުންނާނެ. ހިތް ނުރުހޭ ކަންތައްތައް ވެސް ހުންނާނެ. އެކަމަކު، އޭގައި އެންމެ ރަނގަޅުވާނީ ދެމަފިރިން އެވާހަކަ ދެއްކިއްޔާ. އަދި ވާހަކަ ދައްކައިގެން ޙައްލު ކުރެވޭތޯ ބެލިއްޔާ. ޝިޔާނާ ހަމަ ފޫހިވާއިރަށް ކޯޓަށް ގޮސް ގަދަކަމުން ވަރިވީމަ، އެއީ އަހަރެންނަށް ކުރެވޭ ބޭއިންސާފެއް. އެހެން ހަދައިގެން ނުވާނެ.” ހުޝާމް ނަސޭހަތެއްހެން ޝިޔާނާއަށް ކިޔައިދިނެވެ.
“އަހަރެން ކޯޓަށް ދިޔައީ އެވާހަކަ ހުޝާމާ ދައްކާނެ ގޮތެއް ނޭނގިގެން ބޯހަލާކުވެގެން. އަނެއްކާ، އަހަރެންގެ ދަރިފުޅާ ހެދި ހުޝާމަށް ވަރަށް އުނދަގޫވާކަން ވެސް އެނގޭ. އެހެންވެ އަހަރެން ބޭނުން ނުވީ ހުޝާމަށް އިތުރަށް އުނދަގޫ ޖައްސަން.” ޝިޔާނާ އޭނާގެ ނަފްސު ދިފާޢުކުރިއެވެ.
“އަހަރެން ޝިޔާނާއާ އިނީ، އެދަރިފުޅު ހުންނަކަން އެނގިގެން. އަދި ޚަރަދުކުރަން ޖެހޭނެކަން ވެސް އެނގިގެން. އެހެންވީމާ، އަހަރެންނަކަށް ނުވޭ އޭނާއަކީ ބުރައެއް ކަމުގައެއް. އަހަރެން ވަރަށް ލޯބިވޭ ހަނާ ދެކެ ވެސް. އެކަން އެނގޭނެ ޝިޔާނާއަށް ވެސް. އަހަރެންގެ ހަމައެކަނި ޕޮއިންޓަކީ، ކަމެއްވީމާ، އެކަން ހައްލުކުރަން ވާހަކަ ނުދައްކައި، ޝިޔާނާ ކޯޓާ ހިސާބަށް ދިޔާމަ. އަދި ކޮބާ؟ ވީކިހިނެތްތޯ ބަލަން އަހަރެން ކުރި މަސައްކަތަށް ޝިޔާނާ އެއްވެސް ވަރަކަށް އިޖާބައެއް ނުދިން. އެއީ ވެސް މައްސަލައެއް. މިހާރު ޝިޔާނާ އަނެއްކާ ވެސް ތި ކައިވެނި ކުރީ. ދެން ވެސް ޝިޔާނާ ހިތްހަމަ ނުޖެހޭ ކަމެއް ވާއިރަށް، ކޯޓަށް ގޮސް ހަމަ އެކުޅިގަނޑު ކުޅޭނީތަ؟ އޭނާ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކާ، ޝިޔާނާ ބޭނުންވާ ގޮތަށް ކަންކަން ނިންމާލާނީތަ؟” ހުޝާމް ޝިޔާނާގެ އަނގަ ބައްދާލިއެވެ.
“އަހަރެން އުންމީދެއް ނުކުރަން އެކަހަލަ ކަމެއް ވެދާނެކަމަކަށް ނަވީނާއެކު. އަހަރެން ނަވީނާ މިއިނީ އޭނާއަކީ ކާކުކަން ރަނގަޅަށް އެނގިގެން. ކުރިން ކުރި ކައިވެނިތަކާ މިކައިވެންޏާ ތަފާތުވާނެ.” ޝިޔާނާ ބުންޏެވެ.
(ނުނިމޭ)


ބިލް އޯ ރޭލީ ވިދާޅުވީ
ތާރީޚް:01/08/2009
އެޑްމިން އަށް:
ފާޑެއްގެ ކޯޑެއް ކޮމެންޓް ލިޔާ އިރު ޖަހަން ޖެހޭ ކުރިން. އޭގެ ބޭނުމަކީ ކޮމެންޓް ކުރަނީ އިންސާނުންތޯ ޗެކް ކުރުން. މިހާރު މިއަންނަ ކޮމެންޓް ތަކަކީ އިންސާނެއްގެ އަތުން ކުރާ ކަމެއް ހެނެއް ހިއެއް ނުވޭ. ކޮންމެވެސް ނުބައި ޕްރޮގްރާމެއްގެ އުނދަގޫ އެއީ.
އިސްބެ ވިދާޅުވީ
ތާރީޚް:01/08/2009
ވާހަކަ ވަރަށް ރީތި..
ކުނބުރުދޫ އަލީ ވިދާޅުވީ
ތާރީޚް:02/08/2009
ދެން ޝިޔާނާ އެ ގެންގުޅޭ ދަރީގެ ބަފާ އެނގޭނީ ކޮން އިރަކުންބާވައޭ މި ހިތަނީ، ހާޝިމު ވާނެ މި ފަހަރު ރޯދަ މަހާ ދިމާކޮށް ހައެއްކަ ކުރު ވާޙަކަ ވެސް ލިޔެލަން، ތިޔަ ކަހަލަ މޮޅެތި އަދީބުން ގެއްލިފައި ތިބޭތީއޭ މި ގޯސްވަނީ
ސިތުރީން ވިދާޅުވީ
ތާރީޚް:03/08/2009
ވަރަށް ރީތި، މިހާރު އިންތިޒާރު ކުރެވެނީ ދެންވާނެ ގޮތަކާމެދު….. އަދި ބައިވަރު ސުވާލުތަކެއްވެސް ހިތުގައި އޮބެން… މިސާލަކަށް ހަނާގެ ބައްޕަ އަކީ ކޮބައި ކަމާ އަދި ޝިޔާނާ، ހުޝާމް ކައިރިއަށް އައީ ކިހިނެއްކަމާ، ކޮންބަހަނާ އެއް ދައްކާފައި ކަން……