Share

ވަޒީފާގެ ފުރަތަމަ ދުވަސް…

ވަޒީފާގެ ފުރަތަމަ ދުވަސް…
ނޫރު

ކޮންމެ މީހަކުވެސް އެމީހެއްގެ ވަޒީފާގެ ފުރަތަމަ ދުވަހު ހިތްއަވަސްވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ވަރަށް ގިނަފަހަރަށް ލަދު ގަންނަން ޖެހޭފަދަ ކަންކަމާވެސް ކުރިމަތިލާންޖެހެއެވެ. ގިނަފަހަރަށް މިހެންވަނީ ވަޒީފާއަށް ރަނގަޅަށް ތައްޔާރު ނުވެވޭތީއެވެ. ނޫންނަމަ މުޅިންއައު ތަޖުރިބާއެއްކުރަންޖެހޭ ދުވަހަކަށް ވާތީއެވެ. ދެންކޮންމެއަކަސް މިކަހަލަ ގޮތްތައްވެސް މީހުންނަށް ވަނީތާއެވެ. އަޅުގަނޑު މިއުޅެނީ މިކަމާބެހޭގޮތުން ބޮޑު ތަގުރީރެއް ލިޔާކަށްނޫނެވެ. މިފަހަރު އަޅުގަނޑުގެ ރައްޓެއްސެއްގެ ގެއަށްގޮސް އުޅުމުގެތެރޭގައި، އޭނާގެ ޑައިރީން ފެނުނުތަންކޮޅެއް ހަމަ ހިއްސާކޮށްލާ ހިތްވީއެވެ. މުޅިއަކުން އޭނާ ބޭޒާރުކޮށްލާކަށްވެސް ނޫނެވެ. އެކަމަކު އެ ލިޔުމުގައި އަޅުގަނޑުގެ ނަންވެސް ހިމެނިފައި ވާތީއާއި، ޚުދު އަޅުގަނޑުވެސް އެ ‘ހާޖައިނުގަނޑު’ ހިނގި ދުވަސް ހަނދާންހުރުމާވެސް އެކީގައެވެ. އެއީ މީގެ ފަސްވަރަކަށް އަހަރުކުރިއެވެ. ދެން އެ ލިޔުން ނަކަލު ކޮއްލާނަމެވެ.

“…. ވަރަށް ލޯބިވެތި ގޮތަކަށް ނިޒްހާ އަހަރެންގެ ގާތަށް އަންނަންފެށިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލީގައި ނިޒްހާ ފެންނައިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ފާޑަކަށް އާ ގަނެވިފައި އަހަރެންނަށް އޮއެވުނީއެވެ. ނިޒް އައިސް އަހަރެންގެ ގާތުގައި ހުއްޓުނެވެ. އަދި އަހަރެންގެ މޫނުގައި ނިޒްގެ މޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އިށީނދެ ލާފައި ވައި އަޑަކުން ‘އައި ލަވް ޔޫ’ އޭ ބުނެލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާންފެށިއެވެ. ލޯލިތައް ކޮޅަށްޖެހުނެވެ. ނިޒްގެ ނޭވާގެ ހޫނުކަން އިހުސާސްކުރެވެން ފެށުމުން ވީގޮތެއްކަންނޭނގެ އެވެ. ނިޒްގެ ކަނާއަތުން އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ. ނިޒް، އެއްކޮށް ކަހަލައިން އަހަރެންގެ ގައިމަތީގައި އޮތްއިރު، އޭނާގެ ހިތުގެ ވިންދު އަހަރެންނަށް އިހުސާސް ކުރެވެއެވެ. މިއީ އެބުނާ ރޮމޭނިއޯއެއްތޯ ރޮމޭންޓިކެއްތޯ ކިޔާ ވަގުތުކޮޅު ކަންނޭނގެއެވެ. އަހަރެންނަށް ކުރެވެމުންދިޔައީ ބުނެދޭންވެސް ނޭނގޭކަހަލަ އިހުސާސްތަކެކެވެ. ނިޒް އަހަރެންނާއި ހަތަރު ކަޅި ހަމަކޮއްލުމަށްފަހު ހީލިއެވެ. އަދި އޭނާގެ ތުންފަތް އަހަރެންގެ ތުންފަތާއި ކައިރިކޮއްލި އެވެ. އެއަށްފަހު ދެލޯމަރާލިއެވެ. އަދި ވަރަށް ބާރަށް……… ހަޅޭއްލަވައިގަތެވެ!!!”

ވީފޫއްސެއް ނޭނގުނެވެ. ސޯނާގަޑީގެ އަޑުފައްގަނޑެވެ. ސްކޫލަށްދާން ގަދަކަމުން ހޭލައްވަންޖެހޭ މީހަކު، ސްކޫލަށް ނުދާއިރު އަވަހަށް ހޭލާނެހެއްޔެވެ؟ ސޯނާގަޑި ނިއްވާލުމަށްފަހު، ބާލީސް މޫނުމަތީގައި އަޅައިގެން އަނެއްކާވެސް އޮށޯތީއެވެ. އެކަމަކު އަރާމުގައި އޮއެވުނީ ހަމަ ކުޑަ ހިނދުކޮޅަކަށެވެ. ދެބަނިދީގައި އޮއްވާ، ކުއްލިއަކަށް ހަނދާންވީ އަހަރެންގެ އައު ވަޒީފާގެ މަތިންނެވެ. މިއީ ފުރަތަމަ ދުވަސްކަމެވެ. ކަމަކުދާކަށްނެތެވެ. ވަގުތު މިއޮތްގެން ކުޑަތަންވަނީއެވެ. ނަގޫޖެހިތާ ބޯޖަހާފައި އެނދުންފުންމާލައިގެން އަވަހަށް ދުއްވައިގަތީ ފާހާނައާއި ދިމާލަށެވެ. ބުރުހުގައި ރަނގަޅަށް ބޭސްޖެހުން ކަމެއްވެސް ނޭނގުނެވެ. އަނގައަށް ލެވުމާއިއެކު ދެފަރާތަށް އުނގުޅައިގަތީމެވެ. މާތްކަލާކޯއެވެ! ފަނިކައިފައިވާ ކޮލުދަތުގައި ރިއްސާލީ، މާބަނޑު އަންހެނަކަށް ވިހެއުމުގެ ގަދަ ވޭންވަރެއް އަންނަހެންނެވެ. ވީތަދާއިއެކު ކޯދޮވެލުމަށްފަހު، ކޯތާފަތުގައި ދެފަހަރު ރޭޒަރު ހާކާލީމެވެ. މޫނުފުހެލުމަށްފަހު އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަތީ ފެންވަރާނެހާ ވަގުތު ނެތްކަން އެނގޭތީއެވެ.

އަދި ކަންތައްފެށުނީއެވެ. އަލަމާރިތެރޭގައި ހުރި ގަމީސްތައް ހީވަނީ މީދާކޭ އުނބެއްގެތެރެއިން ނެރެފައިހުރި އެއްޗެހިތަކެއްހެންނެވެ. އަވަސްގޮތަކުން އިސްތިރިހާކާލުމަށްފަހު، ދުވި ބާފޮތި އަނދާވަހަކަށްނުބަލާ ގަމީސްލިމެވެ. އަހަރެންނަކީ ދުވަހަކުވެސް ޓައީއެއް އެޅި މީހަކަށްނުވާތީ، ޓައީގައި ގޮއްޖަހަން އަތްލާނެ ގޮތެއްވެސް ނޭނގުނެވެ. އެހެންކަމުން ޓައީ އަޅާނީ އޮފީހަށްގޮސްފައިކަމަށް ނިންމާފައި ބެގީކޮށްލައިގެން ޓައީ އަތުންހިފައިގެން، އަށްވަނަ ބުރިން އެންމެ ތިރިއަށް ފޭބުނުއިރު މީހާހުރީ އެކަށް ގުނބުހިލިފައެވެ. ވީމޮޅާއިގެން އަވަހަށް ސައިކަލަށްއެރީމެވެ. އެކަމަކު އިންޖީނު ރޯކޮށްލަން ދިހަވަރަކަށްފަހަރު ކިކްޖެހިއިރުވެސް ތަށަށްކިޔަނީ މަރިޔަނބުހޭ ވެސް އަހައެއްނުލިއެވެ. ސުބުޙާނަ ﷲ އެވެ. ޕެޓްރޯލު ހުސްވެގެން ރޭގައި ސައިކަލު އަތުންހިފައިގެންގެނައި ހަނދާންއެވީ އަދިކިރިޔާއެވެ. ކަންތަކާޖެހުނީއެވެ. ގަޑިޖެހެން ފަސް މިނެޓްހާއިރުވެސް ދެން ނެތެވެ. ގަޑިއަށް ދެވޭނެކަމަށް ޓެކްސީއަކަށް ގުޅުމުގެ ބޭނުމެއްވެސްނެތެވެ. ހާސްވީވަރުން މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ.

ދެންއޮތީ އެންމެ ހަތިޔާރެކެވެ. ގޭގައި ގެންގުޅޭ ބަންގާޅު މީހާ ދުއްވާ ބައިސްކަލުގައި ވީހާ ބާރަކަށް ދުއްވާލީމެވެ. މާފަންނު އެޔޮށް ކޮޅުކޮޅުން ހެންވޭރު އަނެއްކޮޅުކޮޅުގައި ހުރި އޮފީހަށް ދެވުނުއިރު މީހާހުރީ ވަރުބަލިވެގެން އެކަށް ބޮކިއަރާފައެވެ. ވަރަށް ހަމަޖެހިލާފަކަމަށް ހަދާފައި އޮފީހަށް ވަދެގެން ދާންފެށީމެވެ. އަހަރެންނާއި ދިމާލަށް ބަލާލައިފައި ކޮންމެ މީހަކަށްވެސް އަންނަންފެށީ ރަކި ހިންޏެކެވެ. އެތާތިބި އަންހެންބައިގަނޑެއްގެ ފަސްދީ އަހަރެން ދިޔުމުން، އެމީހުންވެސް ފެށީ ޕަކާސްލައިފައި ހޭށެވެ. އެހާހިސާބުން އަހަރެން ލަދުގަންނަން ފެށީ އަމަށަކު ވަރަކަށްނޫނެވެ. ކޮރެމުން ދުވަމުން ކަހަލަގޮތަކަށް އަހަރެންގެ ކެބިންއަށް ދަނިކޮށް، ނަސީބަކުން އަހަރެންގެ ރައްޓެހި ނޫރު ފެނުނެވެ. އޭނާއަށް އަހަރެން ފެނުމާއިއެކު، އަތުގައި ހިފައިގެންގެންގޮސް ފާހާނަ ބަރި ކައިރީގައި ހުރި ލޯގަނޑެއްގެ ކުރިމާތީގައި ބަހައްޓާލިއެވެ.

އަސްތަޣްފިރު ﷲ އެވެ. ކަމަކު ދާކަށްނެތެވެ. މީހާ ހީވަނީ ކުކުޅު ނޮޅަން ނޭނގޭމީހަކު ނޮޅާފައި ހުރި ކުކުޅެއްހެންނެވެ. ބޯ ހީވަނީ ފުނާ އެޅިފައި ހުރިގޮތުން ހާމުންޑިއެއް ހެންނެވެ. ހަފުތާއެއްވަންދެން ނުބާލާހުރި ތުނބުޅި ބޭލިފައިހުރީ އެތަންމިތަނުންނެވެ. ލައިގެން ހުރި ގަމީސްތޯއެވެ! ފުރަގަހުން ދެތިންތަނުން ވަނީ އަނދާފައެވެ. މީހުން ނުހީހުންނާނެ ހެއްޔެވެ؟ އަދި މިވަރުން ނިމުނީކީނޫނެވެ. ދަށުންލެވިފައިހުރީ ނިދަންލާ ހަރުވާޅެވެ. އަވަސްކުރަން ހަދައިގެން ބަދަލުކުރަން ހަނދާންނެތުނީއެވެ. ގައިމުން މިޔޮށް ބޮޑު މާލޭގައި، އަދިއެވެސް ބޮޑު ރެލީއެއްގައި މިދުއްވީ މިހެންހުރެގެންނެވެ. ނޫރުގެ އެހީތެރިކަން ނުލިބުނުނަމަ، އެދުވަހު އަހަރެން ލަދުން މަރުވީހެވެ. ވާނީވެސް އެހެންތާއެވެ. ނިޒްހާގެ އެޔޮށް ރީތި ހުވަފެން ޚަރާބުވީ ވިއްޔާއެވެ…”

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ވަރަށް ފައްކާ

  2. އަހުމަދު ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ލިޔުމުގެ ފެންވަރު އެބަ ރަނގަޅުވޭ! ލިޔަމުން ގެންދޭ. ލިޔެފައި ސައިޓަށް ނު ފޮނުވަ އެއްދުވަހު ބާއްވާފައި އަނެއްކާވެސް ކިޔާލާފައި، ރަނގަޅު ކޮށްލަން ޖެހޭ ތަނެއް އޮތްތޯ ބަލާފައި، ސައިޓަށް ފޮނުވާ. އެހެން ލިޔުންތެރިންނަށް ވާގޮތަށް ދެތިން ލިޔުމެއް ލިޔެފައި ހުއްޓައި ނުލައި ކުރިއަށްދޭ. ގިނައިން ލިޔުނުވަރަކަށް ލިޔުން ރަނގަޅުކުރުމުގެ ފުރުސަތު ބޮޑުވާނެ. ނޫރުގެ ސިފަކުރުންތައް ރަނގަޅު!

  3. DOG‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    މައުލޫއާ ނުގުޅޭކަންވެސް އެނގޭ އެކަމަކު ހާޝިމަށް އެއްޗެއް ދަންނަވާލަން ބޭނުވެގެން ލިޔެލަނީ، ހާޝިމް އަށް ނޭނގޭ އިރު އިންޖީނުގެ ވާހަކަޔާއި ޔޫޓިލިޓީ ވާހަކަ ލިޔެފައިވޭ، އެއީ އެންމެނަށް އެކަމުގެ އަސްލު ނޭނގޭކަން އެގޭތީ ބަޔަކަށް އޮޅުވާލުމަށް، އެކަމަކު މިނިވަންދުވަހުގެ ވާހަކަ އަކީ ކުޅުދުއްފުށީ އެންމެނަށް އެނގޭކަމަކަށްވާތީ އެއްޗެއް ބުނަން ނުކެރުނީ އަދި ނޭނގޭކަމށް ބުނެ ބދަމައިގަތީމާ އެވާހަކަ އަޅުގަނޑު ބުނެލީ، ދެން އެހެންވީމާ ކުޅުދުއްފުށީ ކަންތައްތަކާ ހާޝިމް ނުބެހުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް އެކަމަކު އެއީ ކުޅުދުއްފުށީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުގައި މިސަރުކާރު ދިފާއުކުރުމުގެ ބޭނުމުގައި ނަމަ، ހާޝިމް އާއި ހަގުރާމަކުރާކަށް ނުކުންނަވާހަކައެއް ނޫންބުނެފައިއެވަނީ މިރަށުގެ ރައްޔިތުންގެ ތެރެއިން އެކަކުވެސް މިސަރުކާރުން މިރަށަށް އިހާނަތިގޮތް ހަދަނީކަމަށް ނުވަތަ މިގައުމު ހަލާކުކޮށްލުމަށް އުޅެނީކަމަށް ދެކި ނުކުމެއްޖެނަމަ އެކަމުގައި އެމީހަކާއި އެކު އަޅުގަނޑު ހުންނާނަމޭ، އެކަމަކު މިޒަމާނަކީ އެކަކު ދެމީހަކު ނިކުމެ އެފަދަކަމެއް ކުރެވޭނެ ޒަމާނެއްކަމަށް ނުވާތީ އަޅުގަނޑު އެކަމުގައި ވިސްނަމުންގެންދާތީ އެވާހަކަ ބުނެލަންބޭނުންވީ، ހާޝިމް ތިއުޅުވަނީކީ މިރަށާއި މެދު ކުލުނެއް އޮވެގެންނެތްނޫން ރައީސް އަންނިގެ ޕްރޮޕެގަންޑާ ފެތުރުމާއި މިރަށު މީހުންގެ ތާއީދު ރައީސް އަންނި އަށް ނެތްކަން އެނގޭތީ އެކަމުގައި ކުރިއެއް ލިބޭތޯ މަސައްކަތްކުރަނީ، ބުނެލަންބޭނުމީ ރައީސް އަންނި ދެން މިރަށަށް ނާރުއްވާށޭ އެއީ މިރަށުގެ ގިނަބަޔަކު އެދޭކަމެއް ނޫނޭ، ރައީސް އަންނި އަކީ ޑިމޮކްރެޓިކް ވެރިއެއް ނޫނޭ ޚުދުމުހާތު އަމިއްލަ އެދުން ބޮޑު ހާއިނުންގެ އާއިލާއަކަށް އުފަން އެފަދަ މީހެކަމުގައި އަޅުގަނޑު ސިފަކުރާ މީހެކޭ.

  4. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    މައުލޫއާ ގުޅެޔޭ ނުގުޅެ ޔޭ ކިޔާކަށް، ހާޝިމްއަށް ވާހަކަ ދަންނަވާކަށް ކޮންމެހެން މިތަނަށް ވަންނާނެކަމެއް ނެތް. ހާޝިމްއަށް ވާހަކަ ދަންނަވަން އޭނަޔަށް ގުޅާ. ނޫނީ އޭނަޔަށް އީމެއިލް ކުރޭ. ނުޏި އެމްއެސްއެންއަށް އެޑްކުރޭ. ކޮންމެހެން ޑޯގެއް ކަމަކު މިތާކަށް ނޫން ތި ވަށްވަށް ޖަހަން ވަންނާނީ. ކިހާދެރަކަމެއް މީ.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ނޫރަށް.
    ވަރަށް ރަނގަޅު، ވަރަށް ކްރިއޭޓިވް ލިޔުމެއް. އަޅުގަނޑު ދަންނަވާނީ މިފަދަ ލިޔުންތަކުންނޭ އަޅުގަނޑުގެ ސިކުނޑިއަށް ކާނާ ލިބެނީ. ވަރަށް ފުރިހަމަ. އެކަމަކު، އެންމެ ތަންކޮޅެއް އެބައޮތް ފާހަގަކޮށްލަން ޖެހޭ. އަނެއްކާ، އެއެކުވެރިޔާ ބޭޒާރު ނުވާނެބާވައޭ އަދި އޭނާގެ ހުއްދަ ނެތި އޭނާގެ ޑައިރީގައިވާ އެއްޗެއް ނަކަލު ކުރެވިދާނެބާވައޭ. ނޫނީ މިލިޔުމުގެ ކްރެޑިޓް ދޭންވީ ނޫރަށްތޯ ނޫނީ އެއެކުވެރިޔާއަށްތޯ؟ އަނެއްކާ ވެސް ދަންނަވާނީ ލިޔުން ހަމަ އޮބިނޯވޭ!

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    އަދި ދެން އެޑްމިންއަށް
    މިސައިޓަށް ލައްވަން އެޑްމިން ތިޔަ ހޯއްދަވާ ފޮޓޯތައް ހާދަހާ ފުރިހަމައޭ އިނގޭ. އެޑްމިންއަށް ތަޢުރީފް ކުރަން އެކަމާ