Share

ރަށު ރާގާއި ކުއްޅަވައްފަލު ރަނިން (2)

ރަށު ރާގާއި ކުއްޅަވައްފަލު ރަނިން (2)
އާދަމް ފަޔާޒު މުޙައްމަދު

(ފުރަތަމަ ބަޔާގުޅޭ)

އަހަރެން މާލެ ދިޔަ ތާ ކުރީ ކޮޅު މަދަރުސާގައި އުޅުނު އެއްބައި ރައްޓެހިން ހީކުރީ މަށަކީ މާ މާތް ބަހުން ވާހަކަ ދައްކަން އާދަވެފައި ހުރި ސޮރެއް ކަމަށެވެ. އިރު އިރުކޮޅާ މަށަށް މިކިޔޭ “ދޮއްތޮ” އެކެވެ. އެމިހުން ހީކުރަނީ އަހަރެން އެ ބުނަނީ މާލޭ މީހުން މާތް ކޮށްލަން ވެގެން އިރު އިރުކޮޅާ ” ދެއްތޯ” އޭ؟ އެ އަހާލާ ގޮތަށް އަހަރެން ވަސް އަހާލަނީ ކަމަށެވެ. އެކަމަކު ހަގީގަތަކީ މީ ނޫންކަން ރަށު އެންމެނަށް ވަސް އެނގޭނެއެވެ. އަހަރެން އުޅުނު ގޯތި ބޮޑު މީހަ އަކީ މާލޭ ވަންތަ މެދުފަންތީ މާލޭ މީހެކެވެ. އޭނަ ބައެއްފަހަރު “އުތަ” އޭ އަހާލައެވެ. މަހިތުން “އުތަ” އަކީ އަހަރެމެން މިކިޔާ “ދޮއްތޮ” އެވެ.

އަހަރެމެން “ގޯއްޗަށް” ދާއިރު މާލޭ މީހުން ދާނީ “ގެ” އަށެވެ. ރަށު މީހުން ވާހަކަ ދައްކާ އިރު “ގޯތި” އެއީ “އޮންނަ” އެއްޗެކެވެ. މާލޭ މީހުން ބުނާ އިރު “ގެ” އެއީ ހުންނަ” އެއްޗެކެވެ. އަހަރެން ހިތައް އެރިއެވެ. ދިވެހި ބަހުގެ “އިނުން-ހުރުން-އޮތުން” ގަވައިދަށް ބަލާއިރު ރަށު މީހުން އެ ކިޔަނީ ނުބައި ކޮންނެވެ.
އެކަމަކު އެއީ ކުށްހީއެކެވެ. އެގަވައިދުން ބެލި ކަމުގައި ވިޔަސް ގޯތި އޮންނާނީ އެވެ. ގޯއްޗަކީ ފަހަރެއްގައި ވަސް ގޯތި ތެރޭގައި ރާނާ ކޮޅަށް ނަގައިފާ ހުންނަ ގެއެއް ނޫނެވެ. ގެ ވަށައިގެން ގެ ވަސް ހިމެނޭ ގޮތައް ގޭގެ މިލްކިއްޔާތުގައި ހިމެނޭ ބިމަކީ ގޯއްޗެވެ. މިފަދަ ބިމެއް “އޮންނާނީ’ތާއެވެ. އެހެން ވީއިރު، ރަށު މީހުން ވަސް އެކިޔަނީ ރަނގަޅަށެވެ. އަދި މާލޭ މީހުން ވަސް އެ ކިޔަނީ ހަމަ ރަނގަޅަށެވެ.

އަހަރެމެން ކުޑައިރު ތިމާ އަށް ވުރެ ދޮށި، ގާތްތިމާގެ އަންހެނުންނަށް ކިޔަނީ “ދައިތަ” އެވެ. އެކަމަކު މާލެ ދިޔުމުން “ދައްތަ” އަކަށް ބަދަލު ވެއްޖެއެވެ. ހަމަ އެހެންމެ ރަށުގައި އުޅޭ ޒުވާން ޖީލުގެ އަންހެން ކުދިން ވަސް “ދައްތަ”އިންނަށް ބަދަލުވެއްޖެއެވެ.

ހަމަ އެހެންމެ “ދޮންބޭބޭ” “ދޮންބެ” އަކަށް ބަދަލުވެއްޖެއެވެ. މާލޭ މީހުން “ދޮންބެ” ކިޔަސް ރަށު މީހުން ކުރީގައި އެގޮތަށް ކިޔާނީ މީހަކަށް ވަނަމެއް ގޮތަށް ކިޔަންވީމައެވެ. އަސްލު ބޭބެއަށް ކިޔާ އުޅުނީ “ދޮންބޭބެ”އެވެ.

އަދި މިހާރު މިއޮތީ “ފަހަރިދައިތަ” މެން “ބޭބެދައްތަ” އިންނަށް އަދި “ޅިޔަންބޭބެ” މެން ” ދައްތަބޭބެ” އިންނަށް ވެފައެވެ.

ޗުކި…

ހަގީގަތުގައި މިފަދަ ޢާއިލީ ގުޅުންތަކާ ގުޅޭ ނަންނަމަށް ފާޑުކިޔާ ހިތެއް އަހަރެން ނުވެއެވެ. ސަބަބަކީ އެއީ ޖަޒްބާތީ ކަމަކަށް ވާތީއެވެ. ދިވެހި ބަހުގައި މަންމަ އަށް އަމާ، ނުވަތަ ރަށުގައި ނަމަ އަމޯ ކިޔުން ވަށް ޞައްޙަ ކަމުގައި ވިޔަސް، އަހަންނަށް މަންމަ ދަސްވެފައި އޮތީ ” މަންމަ” އެއް ގޮތަށެވެ. ވީމާ އިނގިރޭސިން ވާހަކަ ދެއްކިޔަސް، މަންމަ ޔަށް ވިއްޔާ އަހަންނަށް ބުނަން ފަސޭހައީ މަންމައެވެ.

އަދި އަހަރެން ދިވެހި ބަސް ދެކެ ކިތެމެ ލޯބި ވިޔަސް، ކުޑައިރުން ސުރެ މަންމަ އަށް “މަމީ” ކިޔަން އާދަވެފައިހުރި ކުއްޖެއްގާތު، އެހެން ނުކިޔާށެކޭ އަހެރެން ނުބުނާނަމެވެ. އެހެނީ، ކޮންމެ މީހަކު ކޮންމެ އެއްޗެކެ ބުންޏަސް އެއްކުއްޖަ އަށް އެއި އަބަދު ވަސް އެކުއްޖަގެ “މަމީ”އެވެ. ޢާއިލީ ގުޅުން ތަކުގައި ކިޔަން ޖެހޭ ދިވެހި ނަންތަކަށް ކުދިން އާދަކުރުވުމަކީ އެއީ މައިންބަފައިން ކަމެކެވެ. ކުއްޖާ ބޮޑުވެ މުސްކުޅި ވިޔަސް، އޭނަ އަކަށް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ.

އަނެއްކާ ވަސް މަޢުޟޫއައިގެން…

ކުރިން އަހަރެމެން ކިޔާ އުޅުނީ “ޑަބަހެ”ވެ. އެކަމަކު ދުވަސްކޮޅަކުން އެއީ ވަސް މީހުން ހިނިއަންނަ ކަމަކަށް ވެއްޖެއެވެ.

އަހަރެމެން ކުޑަ އިރު ގޯތި ފާރުގައި އަށް ފައިގަނޑު ލީ “މެކުންޏެއް’ އޮތްތަން ފެނިއްޖެންޏާ މާނައަކީ އުފާވެރި ޚަބަރެއް ލިބެނީއެވެ. ނޫނީ ބޭރުގައި އުޅޭ ތިމާގެ މީހަކު ލަފަނީއެވެ. އެވީ އެމީހަކު ލައްޕަންދާން ތައްޔާރުވާށެވެ. އެކަމަކު މިބުނާ “މެކުނި” ވަސް “ފައިދިގު މަކުނަ”ކަށް ބަދަލު ވެއްޖެއެވެ. ކިޔާލަން ފަސޭހަ ރީތި ކުރު ނަން ވަސް މާލޭ ގޮތް މޮޅުވީމަ އެގޮތަށް ބަދަލުވީއެވެ.

“ލުނބޯ” “ލިނބޯ” އަށް ބަދަލުވިކަމެއް ނޭނގެއެވެ. އެހެން ނަމަ ވަސް މާލޭގައި އެކި މީހުން ކިޔަނީ އެކި ގޮތަށެވެ. އެއްބަޔަކު “ލިނބޯ”އެވެ. އަނެއް ބަޔަކު “ލުނބޯ”އެވެ. މާލޭ މީހުން ކޮންމެ އެއްޗެކޭ ކިޔަސް މަށަށް ޔަގީންވާ އެއްޗަކީ ރަށު ގޮތަކީ “ލުނބޯ” ކަމެވެ.

އެއް މާބަނޑުގައި އެއްކުއްޖަކަށް ވުރެ ގިނަ ކުދިން އުފަންވެއްޖެ ނަމަ ރަށު މީހުން އެފަދަ ކުދިންނަށް ނިބޫ ކިޔައެވެ. ދެކުދިން ވިއްޔާ ދެނިބޫ އެވެ. ތިން ކުދިން ވިއްޔާ ތިން ނިބޫއެވެ. ނަމަ ވަސް މާލެ ދިޔުމުން އަހަރެން ވަސް އެކަހަލަ ކުދިންނަށް އެއްމާބަނޑުކުދިން ކިޔަން ފެށީމެވެ. ދެނިބޫ ކިޔައިފިއްޔާ މާލޭ މީހުން ހީފާނެތީއެވެ.

އޭގެ ފަހުން މަޝްހޫރު ޔޫސޭ “ނިބޫ” ކީޔާ ފިލުމެއް އުފެއްދިއެވެ. އަދި މީހުންނަށް އެއީ މާ މޮޅު ބަހެއް ކަމަށް ވެ ދިވެހި ބަހުގެ މުއްސަނދިކަން ފެނި އަޖައިބުވެގެން އުޅުނެވެ. އަދި ބައެއް މީހުން ހީކުރި ގޮތުން ނިބޫ އަކީ ދެކުދިންގެ ޖޯޑަށް އެކީގަ ކިޔާގޮތެވެ. ނަމަވަސް އަހެރެމެން ރަށުގައި އެބަސް ބޭނުންކުރާ އިރު ނިބޫ އަކީ އެތަނުން އެއްކުއްޖެކެވެ. އިނގިރޭސި ބަހުގައި ވަސް އެއްކުއްޖަކަށް ނަމަ ޓްވިންސް ނުކޮށް ކިޔާ ފަދައިންނެވެ.

މާލެ ދިޔުމުން އަޑު އިވުނު އަނެއް އެއްޗަކީ “ބަތްތަވާ” އެވެ. އެއީ އަހަރެމެން ރަށުގައި ކިޔާ އެއްޗެއް ނޫނެވެ. މާލޭ މީހުންވަސް ބަތްކައްކަނީ ހަމަ ރަށުމީހުން ކައްކާ ކަހަލަ ތެލިތެލީގައެވެ. އެކަމަކު ވަސް ބަތް ވިއްޔާ އޮންނަނީ ތަވަޔަކަށް ވަސް ވެފައެވެ. ފަހަރެއްގައި ކުރީ ޒަމާނުގައި މާލޭ މީހުން ތަވައެއްގައި ބަތްކެއްކި ކަމަށް ވަސް ވެދާނެއެވެ. އަދި ތަވައެއްގައި ކޮންމެހެން ނުކެއްކިޔަސް، ބަސްބަހުގައި ހުންނަ މިކަހަލަ ދެކޮޅު ނުޖެހޭ ކަން ކަމަކީ އެއީ ބަލާޣަތެވެ. ކުށެއް ނޫނެވެ. ވީމާ މާލޭގައި އެއީ “ބަތްތަވާ” އެވެ. އެހެނޭ ކިޔާފާއި އަހަރެމެން ރަށުގައި އެ ތަވަޔަކަސް ވާކަށް ނުޖެހެއެވެ.

މާލޭ މީހުން ވަރަށް ގިނައިން ކުރާ ސުވާލެކެވެ. “ކީއްތަ ވީތަ؟” މީއީ ރަށުގެ ހަމަޔާ ކަނޑައެޅިގެން ޚިލާފު ގޮތެކެވެ. ރަށުގައި ނަމަ ބުނާނީ “ކިޔެއްތަ ވީ؟” ނުވަތަ “ކިޔެއް ވީތަ؟” އެވެ. މާލޭ މީހުން އެ އޮތީ އެއް ސުވާލެއްގެ ތެރޭގައި ދެފަހަރަށް “ތަ” ބޭނުންކޮށްފައެވެ. ރަށު މީހުން ކުރަނީ އެއް ފަހަރުއެވެ. އަދި އެ ސުވާލުގައި ބޭނުން ކޮށްފައި އެވާ “ކީއް” ވަސް ރަށުގައި ނަމަ ކުރަނީ “ކިޔެއް” މިގޮތަށެވެ.

(ނުނިމޭ)

(މިއީ 2007 ވަނަ އަހަރު މެއި މަހު މިސައިޓުގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.)
, ,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އެޑަމް‮ ‬ވިދާޅުވީ


    ތާރީޚް:06/08/2009

    ކިޔާލާ ހިތުން ކިޔުން ތަފާލެއް މިއީ. މީގެ 3ވަނަ ބައި އަވަހަށް ޝާއިއުކޮށްދީ. މިފަހަރުވެސް މިޔޮތީ މާ ލަސްކޮށްފަ. މީހަކު މުސްކުޅިވާހާ ނިނަދުވަސް ފަހުންވިއްޔަ 2ވަނަ ބައި ތިގެނެސްދިނީ. މިފަހަރު އިސްޕީޑު ހަލުވިކޮށްލާ.
    ވަރަށް ފުރިހަމަ ވާހަކަތަކެއް.

  2. ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:06/08/2009

    ފަހު ޕެރެގްރާފަށް އެއްޗެއް ބުނެލަން ބޭނުން. އާންމު ގޮތެއްގައި ރަށު މީހުން ފޯން ނަގާފައި ބުނާނެ “ކިއެއް”، ނޫނީ “ކިޔެއް”. މިގޮތް ވަރަށްވެސް ދުލަށް ފަސޭހަ. އެހެނަސް މާލެ ކޮށް ނެތް މިކަހަލަ ފަސޭހަ އެއްޗެއް. މިސާލަކަށް ފޯން ނަގާފައި “ކީއް” މިހެން ބުންޏަސް މަށަކަށް ހިއެއް ނުވޭ މިގޮތް ފަހި ހެންނެއް. ދެން “ސަލާހުއްދީނީ” ދިވެހީގައި ބޭނުން ކޮށްފައި ހުރޭ “ކިޔެއް” މި ގޮތަށް.

    މާލެ މީހުން ވާހަކަ ދައްކާ އިރު މަށަށް އިވެނީ (ސައުންޑްސް ލައިކް) ވަރަށް އުނދަގުލުން ޖެނެރޭޓްވެގެން އަނގައިން ނުކުންނަ ބަސް ތަކެއް ގޮތަށް. އަދި ވެސް އެއްފަހަރު ބުނެލާނަން، ވަރަށް އުނދަގުލުން “ޕްރޮސެސް” ވެގެން ނުކުން ބަސް ތަކެއް ގޮތަށް އިވެނީ. އަޑު އަހަންވެސް އުނދަގޫ

    ކުރިން ދުވަހަކު “ހަރު ކުލައިގެ މީހެއް” ނަމުގައި މީހަކު ކޮށްފައި އޮތް ކޮމެންޓެއް، އެއީ ބްރިޓިޝް އަދި އެމެރިކަން އެކްސެންޓާއި އަޅާ ކިޔާފައި. އެއީ އެއްގޮތަކުން ގަބޫލު ކުރެވޭ ވާހަކައެއް.
    މިސާލަކަށް ޔޫއެސް މީހަކު “ގެޑައުޓޮފް ހީރް” ބުންޏަސް ޔޫކޭ މީހުން ވަރަށް ދުލަށް ލުއި ކޮށް “ލޯޑް” ކުޑަކޮށް ބުނާނީ، އަކުރު ތަކުގެ އަޑު ވަރަށް ކުޑަކޮށް އަންނާނީ، ހަމަ އެހެންމެ، މާލެ މީހަކު ކުޅުދުއްފުއްޓޭ ބުނުމާއި ރަށު މީހުން ކިޔާ ގޮތް ނުވަތަ ޕްރަނައިއުންސް ކުރާގޮތް ތަފާތު. މިދެންނެވީ ލުއި ގޮތެއް ހުރެޔޭ ރަށު މީހުންގެ ބަހުރުވައިގައި.

  3. ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/08/2009

    އަދި މާލެ މީހުންގެ ބަހުރުވައިގައި ހުރޭ، މަގޭ ނަޒަރުގައި އެހާ ސައްހަ ނޫން ގޮތްތަކެއް. މިސާލަކަށް އެމީހުން “މަށަކަށް” ކިޔާ އިރު ވަރަށް ވަރުގަދަޔަށް އަންނާނެ “ށ” ގެ އަޑު. އޭރަށް އަސްލު “ށ” އަކަށްވެސް ނޫން ވާނީ އެއް. އޭރަށް ހަމަ ރީތި “ޝ” އަކަށް އެބަދަލުވަނީ. ދިވެހި ބަހުގައި ނުލިޔާނެ “މަޝަކަށް” މިހެންނެއް.

    ދެން އަނެއް ކަމަކީ “މަޖަލަކަށް”، މާލެ މީހުން ކިޔާނީ “މަޖައަކަށް” ނޫނީ “މަޖޭކަށް”، ޔޫ.ކޭ މީހުން އިނގިރޭސި އަކުރު ވައްޓާހެން. “ކަލޭ” އަށް “ކައޭ”، ނޫނީ “ކޭ”. އެކަމަކު މިހެންނެއް ނޫން ގިނަ ބަސްތައް ދިވެހި ބަހުގައި ހުރީއެއް. “ހޮސްޕިޓާ، “ހޮސްޕިޓަލޭ”. މިބުނީ އަކުރު ވެއްޓުން އެއީ ގޯސް ގޮތެކޭ ނޫން. މިސާލަކަށް ދިވެހިން މިކިޔާ “ރަލެއް” އެއީ ނުބައި. “ޖާދުލެއް” ވެސް ނުބައި. ރަނގަޅީ “ޖާދޫއެއް”، “ރައެއް”.

    މާލެ ބަހުރުވަ އަސް އޭގެ ކުރީގެ ގޮތް ހަމަ ރަނގަޅު. މިހާރު އެކި ތަންތަނުން މަސްހުނިވެގެން، ފެޝަން ވެގެން، އޭގެ އަސްލު ގޮތް ކެނޑިފައި އެހެރީ.

  4. އަހުމަދު ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:07/08/2009

    މާލޭމީހުން ކުރިން ވާހަކަ ދެއްކީވަސް ހަމަ ހެޔޮކޮށް. މިހާރު ވާހަކަ އެ ދައްކަނީ ވަސް ހަމަ ހެޔޮކޮށް. ކުރީގެ މީހުން ވަސް ކުށްބަސް ބޭނުންކުރި. މިހާރު ވަސް ކުށްބަސް ބޭނުންކުރޭ. ދެން އެކި އުމުރުފުރާތަކާއި ޖިންސްގެ ތަފާތު ވަސް ވާހަކަދައްކާ ބަސްމަގުން ފެންނާނެ. ހަމައެގޮތަށް، އެކި ދުވަސްވަރު އެކި ކަހަލަ ބަސްތައް ތައާރަފުވެ، ކިޔާގޮތް ބަދަލުވަސްވޭ. ދޮވަސްކޮޅަކުން އެގޮތް އެއީ ކަމުނުދާގޮތަކަށްވެދޭ.
    ލިޔުނު ފަރާތުގެ މަގުސޮދަކީ މަހިތުން، ރާގުތައް އަޅާކިޔާފައި މޮޅުދެރަ ކަނޑައެޅުމެއްނޫން. އެކަމަކު ރަށުވަންތަކަމުގެ އަގުވަޒަންކުރުމާމެދު ހޭލުންތެރިކަމެއް އުފެއްދުން.