(4 ވަނަ އަދަދާއި ގުޅޭ)
“ކިހިނެތް އެނގެނީ؟ ދެމީހުން ރަނގަޅަށް ދަސްކޮށްގެންނެއް ނޫން އަހަރެމެން އާންމުކޮށް ކައިވެނިކޮށް އުޅެނީ. ދެން ކައިވެނި ކުރީމާ މައްސަލަތައް ޖެހެން ފަށަނީ. އެއާއެކު އަހަރުމެންގެ ގައިގައި ހުންނަން ޖެހޭނެ ހިތްވަރު އެމައްސަލަތައް ރީތިގޮތުގައި ހައްލުކުރުމުގެ. ޝިޔާނާއަށް އެނގޭތަ؟ މައްސަލައެއް ނުޖެހޭ އެއްވެސް ގުޅުމެއް ނޯންނާނެ ދުނިޔޭގައެއް. އަނެއްކާ ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ނުޖެހެންޏާ އެއީ ވެސް މައްސަލައެއް. އެކަމަކު، އެކަންކަން ހައްލުކުރަން އެނގުން މުހިންމީ. ޝިޔާނާއަށް ވާގޮތަކީ، ކަމަކާ ކެރިގެން ކުރިމަތިލާކަށް ނުކެރޭ. މައްސަލައެއް ޖެހުނީމާ، އެވާހަކަ ބުނަން ނުކެރި ޝިޔާނާ ބޭނުން ގޮތަށް ނިންމާލަނީ. އަނެއް މީހާ އެހީމަ ވެސް ނުބުނޭ. ތިހެން ހިތުގައި ހުރިހާ ކަމެއް ފޮރުވައިގެން އިނުމަކީ ވަރަށް ގޯސްކަމެކޭ ޝިޔާނާ. އަހަރެންނަށް އެނގޭ ރޭގައި އަހަރެން ޝިޔާނާއަށް ބިރު ނުދެއްކިނަމަ، މިވަރަށް ވެސް ޝިޔާނާ ކިޔައިނުދޭނެކަން. އެއީ މައްސަލައެއް ޝިޔާނާ. އެހެން ހަދައިގެން ނުވާނެ. ކައިވެންޏެއް ދެމިއެއް ނޯންނާނެ އެގޮތަށް. ޝިޔާނާއަށް ދިރިއުޅުމެއް ނުފެނިގެން ވެސް އުޅެނީ އެހެންވެހެން އަހަރެންނަށް ހީވޭ. ތިކުރީ މިހާރު 7 ވަނަ ކައިވެނި.” ހުޝާމް ބޮޑު ބަޔާނެއްހެން ބުންޏެވެ.
“އަހަރެން މިއައީ ހުޝާމްގެ ލެކްޗަރެއް އަޑުއަހާކަށް ނޫނޭ! ހުޝާމްގެ ސުވާލުތަކަށް ޖަވާބުދޭން. މިހާރު ޖަވާބު ލިބިއްޖެއެއްނު! ދެން އަހަރެން ދަނީމި!” ހުޝާމް ޝިޔާނާގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ޝިޔާނާ ވަރަށް ހިތްހަމަ ނުޖެހި އިނދެ ބުންޏެވެ. އަދި ގޮނޑިން ތެދުވިއެވެ.
“ޝިޔާނާ މަޑުކޮށްބަލަ. އަދި އެބައޮތް އެއް ސުވާލު. އޭރުން އެނިމުނީ. ދެން އަހަރެން ޝިޔާނާއަކަށް އުނދަގުލެއް ނުކުރާނަން.” ހުޝާމް ބުންޏެވެ.
ޝިޔާނާ އަނެއްކާ ވެސް އިށީނެވެ.
“ޝިޔާނާ ތިބުނި ގޮތުން ވިއްޔާ، ޝިޔާނާ ކުރިން އިން އަނެއް 5 މީހުންގެ ގާތުން ވެސް ވަރިވީ ހަމަ އެމީހުންގެ ވެސް ބަލިކަށިކަމުންތަ؟ އެހެންވެއްޖެނަމަ އެއީ ވަރަށް ބޮޑު އިއްތިފާޤެއް. އެހެންނޫންނަމަ، ޝިޔާނާއަށް ހީވޭތަ ޝިޔާނާގެ އެދުން އާންމު އިންސާނުންނަށް ވުރެ ގަދައީއޭ؟” ހުޝާމްގެ ސުވާލަކީ ވަރަށް ބާރު ހުރި ސުވާލެކެވެ.
“އަހަރެންނަކަށް ނުޖެހޭ ހުޝާމާ ނުގުޅޭ ސުވާލުތަކަށް ޖަވާބުދޭކަށެއް. އަހަރެން މިއައީ ވެސް ހުޝާމާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން. އެއީވެސް، އަހަރެންނަށް އިންޒާރުދީ ބިރުދެއްކީމަ. އަހަރެން އުންމީދުކުރަން ދެން އަހަރެންނަށް އުނދަގުލެއް ނުކުރާނެކަމަށް.”
އެހެން ބުނެފައި ޝިޔާނާ ގޮނޑިން ތެދުވެ ގޮސް ތަޅުގައި ހިފާލިއެވެ. އަދި އަނެއްކާ ވެސް ފަހަތަށް އެނބުރިފައި ބުންޏެވެ.
“އަހަރެން ވެސް އެބައޮތް ސުވާލެއް ކޮށްލަން ހުޝާމާ. ރޭގައި ބުނީމެއްނު، އަހަރެން ހަޅޭއްލެވިޔަސް ނަވީނެއް ނުހޭލާނޭ. ކިހިނެތް އެކަން ހުޝާމަށް އެނގެނީ. އޭނާއަށް ހުޝާމް އެއްވެސް ކަމެއް ކުރިންތަ؟” ޝިޔާނާ ހުޝާމާ ހަތަރުކަޅި ހަމަކޮށްފައި އެސުވާލު ކުރިއެވެ.
ސުވާލުގެ ލަފްޒުތައް ޝިޔާނާގެ ދުލުން ނުކުމެ ވައިގެ ތެރޭ އުދުހިފައި ގޮސް ހުޝާމްގެ ކަންފަތަށް ވަނުމާއެކު، ހުޝާމް ތެޅިގަތެވެ.
“ކިހިނެތްވީ؟” ހުޝާމް ވެސް ކުރީ ސުވާލެކެވެ.
“އަހަރެން މިއެހީ ހުޝާމް ނަވީނަށް އެއްވެސް ކަމެއް ކުރިންހޭ؟” ޝިޔާނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“ނޫން. ނުކުރަން. އަހަރެންގެ ހިތް ބުނީ ނަވީނެއް ނުހޭލާނޭ. އަޑެއް ވެސް ނީވޭނޭ. އެހެންނު ވީވެސް.” ހުޝާމް ބުންޏެވެ.
“އެންމެ ރަނގަޅު. އަހަރެން ދަނީ.”
އެހެން ބުނެފައި ޝިޔާނާ އަވަސް އަވަހަށް އެކޮޓަރިން ނުކުތެވެ. އަދި، އޭނާ އައި މަގުން ލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ނަވީންވީ މިއުޒިކް ބަލާލަން ގޮހެވެ. ޝިޔާނާ ވެސް އޭނާއާއެކު ދިޔައެވެ. އެހެންނަމަވެސް، ގަޑިން 11 ޖަހަން ވަރަށް ކައިރިވެފައިވަނިކޮށް، ނަވީންގެ ގާތުގައި، ބޮލުގައި ކުޑަކޮށް ރިއްސާތީ ޖައްސާލަން ދަނީއޭ ކިޔާފައި އައީއެވެ. އޭނާ ހުޝާމް ގާތަށް ދިޔައީ އެތަނުން ކޮޓަރިއަށް އައި މަގުމަތީގައެވެ.
ޝިޔާނާ ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްގެން އޮށޯތެވެ. އޭގެ ދިހަވަރަކަށް މިނެޓްފަހުން ނަވީން ވެސް އައެވެ. އަދި އޭނާ ވެސް ހެދުން ބަދަލުކޮށްލައިގެން ނިދާލަން ޖައްސާލިއެވެ.
************
ހަތަރު ދުވަހަށް ފަހު، ޝިޔާނާއާއި ނަވީންގެ މާމުއިހަނދު ނިންމާލައި މާލެ އަންނަން ތައްޔާރުވަމުން ދިޔައެވެ. ޝިޔާނާ ދަބަހަށް އެއްޗެހި އަޅަމުން ގެންދިޔައެވެ. ނަވީން ވެސް، ފާޚާނާގައި ހުރި ފުޅިތަކާ އެއްޗެހި ގެނެސް ޝިޔާނާ އަތަށް ދިނެވެ.
“ލޯބީ. އަންނާނަން އިނގޭ ބިލް ނިންމާލާފައި.” ނަވީން ޝިޔާނާގެ ގާތުގައި ބުންޏެވެ.
“އާނ. އެންމެ ރަނގަޅު” ޝިޔާނާ ޖަވާބު ދިނެވެ.
ނަވީން ކޮޓަރިން ނުކުމެގެން ދިޔަތާ މިނިޓްކޮޅެއް ވެސް ނުވަނީސް ފޯނުވާން ފެށިއެވެ. ޝިޔާނާ އަވަސް އަވަހަށް ގޮސް ފޯނު ނެގިއެވެ.
“ހެލޯވ؟” ޝިޔާނާ ބުންޏެވެ.
“ފުރަނީދޯ މިއަދު؟” އެއީ ހުޝާމްގެ އަޑެވެ.
“ހުޝާމަށް ކޮންކަމެއް؟” ޝިޔާނާ އުންމީދު ކުރީ ނަވީން ގުޅީ ކަމަށެވެ. އެހެންނަމަވެސް ހުޝާމްކަން އެނގުމުން ރުންކުރުވެލާފައި ބުންޏެވެ.
“މިގުޅީ ވާހަކައެއް ބުނަން. ނަވީން އެބަހުރި…”
“އަހަރެން ހުޝާމްގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.” ހުޝާމްގެ ވާހަކަ ނުނިމެނީސް ޝިޔާނާ ބުންޏެވެ.
“އަހަރެން ޝިޔާނާއަށް ކައިވެނީގެ ހަދިޔާއެއް ދޭ ވާހަކަ ބުނަން އަސްލު މިގުޅީ.” ހުޝާމް އޭނާގެ ޖުމްލަ ފުރިހަމަކުރިއެވެ.
“ހުޝާމް އަހަރެންނަށް ރަނގަޅީ، ހުޝާމް އަހަރެންގެ މަތިން އެއްކޮށް ހަނދާން ނައްތާލިއްޔާ. އަހަރެންނަށް ނުގުޅިއްޔާ.” ޝިޔާނާ ބޭނުންވާ ގޮތް ހުޝާމަށް ހާމަކޮށްދިނެވެ.
“ޝިޔާނާމެންގެ ބިލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭން އަހަރެން ބޭނުން. އެހަދިޔާ ކަމުދޭތަ؟” ޝިޔާނާ ފޯނު ބާއްވާނެހެން ހީވާން ފެށުމުން ހުޝާމް އަވަސް އަވަހަށް ބުންޏެވެ.
ޝިޔާނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މިހަދިޔާ ރަނގަޅުތަ؟” ހުޝާމް އަނެއްކާ ވެސް އެހިއެވެ.
ދެން ވެސް ޝިޔާނާ އެއްޗެއް ނުބުނެއެވެ.
“ޝިޔާނާ ލަސްކުރާ ވަރަކަށް، ނަވީންގެ ބިލް ނިންމުން ލަސްވާނެ. އެހެންވީމާ އަވަހަށް ޖަވާބުދީ.” ހުޝާމް ޝިޔާނާގެ ޖަވާބަކަށް އެދެމުން ދިޔައެވެ.
“ހުޝާމް…” ޝިޔާނާ ފެށިއެވެ.
“އާނ؟” ހުޝާމް އިނީ ޝިޔާނާގެ ޖަވާބުގެ އިންތިޒާރުގައެވެ.
“އަހަރެން ހުޝާމްގެ ތިހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނަން އޮތީ. އެހެންނަމަވެސް، އަހަރެންނަށް ތިހަދިޔާގައި ހިފޭކަށް ނެތް.” ޝިޔާނާ ވިސްނުންތެރިކަމާއެކު ބުންޏެވެ.
“އެއީ ކީއްވެ؟” ހުޝާމް އުންމީދުކުރި ޖަވާބަށް ނުވުމުން، އަނެއްކާ ވެސް ސުވާލުކުރިއެވެ.
“ހަމަ ހިފެންނެތީ މިހާރު. އަހަރެން ހުޝާމްގެ އެއްވެސް ވާހަކައެއް ވެސް، ހުޝާމް ހުރީ މިރިސޯޓުގައި ކަމެއް ވެސް، އަދި ތިޑިސްކައުންޓް ދިނީ ހުޝާމް ކަމެއް ވެސް، ހުޝާމާ އަހަރެންނާ އޮތީ ކޮން ގުޅުމެއް ކަމެއް ވެސް ނަވީނަށް އެނގެން ބޭނުން ނުވަނީ. އެހެންވެ.” ޝިޔާނާ ހުޝާމަށް ކިޔައިދިނެވެ.
“އެންމެ ރަނގަޅު. ދެން ބާއްވަނީ. އަހަރެންނަށް ވަރަށް އުނދަގޫވާނެ ޝިޔާނާގެ މަތިން ހަނދާން ނައްތާލަން. އަހަރެން އަބަދު ވެސް ޝިޔާނާ ދެކެ ލޯބިވާނަން. ޝިޔާނާއަށް އެއްވެސް ދަތިކަމެއް ޖެހިއްޖެއްޔާ އަހަރެންނަށް ގުޅާ. އަހަރެން ހުންނާނަން ޝިޔާނާގެ އިންތިޒާރުގައި މުޅި އުމުރަށް. އަހަރެން އަދި ވެސް ބޭނުން ޝިޔާނާ.” ހުޝާމް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ދެން ބާއްވަނީ. ނަވީން އަތުވެދާނެ.” ހުޝާމްގެ އެއްވެސް ވާހަކައަކަށް ޝިޔާނާ ޖަވާބެއް ނުދިނެވެ.
ޝިޔާނާ ފޯނު ބާއްވާފައި، ކުޑަކޮށް ހަމަޖެހިލިއެވެ. އޭނާގެ މޫނުމަތިން ވެސް އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް އަސަރެއް ނަވީނަށް ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން، ބާކީ ހުރި އެތިކޮޅު ދަބަހަށް އަޅާފައި، އެންމެ ފަހު ފަހަރަށް ލޯގަނޑުން އޭނާގެ ސޫރަ ދެކިލާފައި، ޝިޔާނާ ދަބަސްތައް ކޮޓަރިން ނެރުނެވެ. އަދި އޭނާ ވެސް ކޮޓަރިން ނުކުމެ ބޭރުގައި ހުރި ގޮނޑީގައި އިށީނެވެ.
(ނުނިމޭ)


އެސްފީނާ ޖެހިފައިވާ މީހާ ވިދާޅުވީ
ތާރީޚް:09/08/2009
މިއީ ޙާޝިމުގެ ކިތައްވަނަ ވާހަކާ ތަ؟